ރެޔާންގެ ފަރާތުން މައިރާއަށް ކިތަންމެ ވަރަކަށްވެސް ލޯބި ލިބުނެވެ. ނަމަވެސް ވަކި ހައްދެއްގެ ތެރޭގައެވެ. މައިރާ، ރެޔާންއަށް ހުއްދަ ދީފައިވާ ވަރަށެވެ. ކާވެނީގެ ކުރިން ރެޔާން އެ ރޮގު ފަހަނަޅާ ނުދާނެކަމުގެ ޔަގީންކަން މައިރާއަށް ލިބިފައިވަނީ ވަރަށް ބޮޑަށެވެ. މައިރާގެ ހިތުން އައިޒާންގެ ހަނދާންތައް އެކީގައިހެން ފޮހެވިގެން ހިގައްޖެއެވެ. މިހާރު އެހިތަކީ ހަމައެކަނި ރެޔާންގެ ހައްގެއްކަން މައިރާއަށް ޔަގީންވެއްޖެއެވެ. އެހެން ފަރާތަކަށް ޝުއޫރެއް އުފެދުނުނަމަ އެއީ ހަމައެކަނި ހަމްދަރުދީކަމަށްވެސް އޭނަ ނިންމިއެވެ. އެއަށްވުރެ ބޮޑަށް އޭނައާއި ރެޔާންގެ ހިތް ގުޅިއްޖެ އެވެ.

ރެޔާން ފިނިފެނުން ފެންވަރާލުމަށްފަހު އައިސްބްލޫ ޖިންސަކާއި ޓީޝާޓެއްލާފައި ސެންޓްޖެހުމުން ދުވަންފެށި މީރުވަސް މުޅި ކޮޓަރީގައި ހިފާލައިފިއެވެ. އޭނަގެ ކުރުކޮށްކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތްހިންގާލުމަށްފަހު ކޮޓަރިލައްޕާލާފައި ބޭރަށް ނުކުތީ މައިރާއަށް ގުޅުމަށްފަހުގަ އެވެ. އިރުކޮޅަކަށް ނަމަވެސް މައިރާ ތަންކޮޅެއް ކާރިން ދެކެލަން ހިތްއެދެނީއެވެ. އެފުށްކޮޅެއްފަދަ އަތުގައި ހިފާލާފައި އެންމެ ބައްދާލުމެއް ލިބުނަސް އެއީ ރެޔާންގެ ހިތަށް ލިބޭނެ ވަރަށް ބޮޑު ފިނިކަމެކެވެ.

ވާރޭ ހުއްޓާލިނަމަވެސް ފަޒާގައިވަނީ ފިނިކަމެވެ. ރެޔާން މައިރާގެގެއަށް ވަންއިރު ޝަމާއިލް ހުރީ ފެންޑާގައި ފޯނެއްގަ އެވެ. ރެޔާން ފެނުމުން ފޯނުކަޑާލުމަށްފަހު ހީހީ ހުރި ޝަމާއިލްގެ ބުމަގޮށްޖެހި ލޯ ހަނިވެގެން ދިޔައެވެ. ރެޔާން ނުތަނަވަސްވިއެވެ. އެއްގޮތަކަށްވެސް އޭނަ ފެނުމުން ޝަމާއިލް ހިތްހަމަނުޖެހެންވީ ސަބަބެއް ނުވިސްނުނެވެ.
"ބުނަން ރެޔާން... މިގެއަށް ތިއައީ މައިރާއާއި ބައްދަލު ކުރަން ކަމަށްވަންޏާ ސޮރީ އޭ ބުނެވޭނީ..."ޝަމާއިލްގެ މޫނުމަތީގައި ސަމާސާގެ އެއްވެސް ކުލަވަރެއް ނެތެވެ.
"ޝަމާ...ކޮބާ މައްސަލައަކީ؟"ރެޔާންވެސް ހިތްހަމަނުޖެހޭގޮތްވެފައި އަނަގަޔަށް ގޮތެއް ހަދާލައިފި އެވެ.
"އަހަރެން ނުޖެހޭނެ އެކައްޗެއްވެސް ބުނެދޭކަށް... ދެނެއް ނުވާނެ އެކަމެއް... އޮފީސް ހުރިހާ އަންހެންކުދިންނާއި އެކު އުޅެވުނީމަވެސް ހިތް ނުފުރެނީތަ؟" ޝަމާއިލް ހަރުކަށި ގޮތަކަށް އެހެން ބުނަމުން ތަނބަށް ވީއްލާލި އެތިފަހަރަކީ ރެޔާންގެ މޫނަށް ވީއްލާލި އެތިފަހަރެއްކަން ރެޔާން ދެކުނެވެ. އެވަގުތު ރެޔާންއަށް ސަބަބު ވިސްނުނެވެ. އެރޭ އޭނައާއި ޒާލީ އެގޭގެ ސޯފާގައި ތިއްބާ ދޮރުމައްޗަށް އެރި މީހަކީ ޝަމާއިލްއެވެ. މައްސަލަ ހީކުރިވަރަށް ވުރެ ގޯސްވީއެވެ. ނަމަވެސް ޝަމާއިލް ކަމުގެ ހަގީގަތް ބަލާލުމެއްނެތި ދޮގު އިލްޒާމު އަޅުވާ،ހިތަށް އައިހާ އެއްޗެއްކިޔައިގެންނުވާނެ ނޫންހެއްޔެވެ؟ އެއަށްވުރެ ލޯބީގެ ބާރުގަދަވާނެއެވެ. މައިރާއަކީ ޝަމާއިލްގެ ކޮއްކޮ ކަމަށްވަންޏާ އެއީ އޭނަގެ ލޯބިވެރިޔާއެވެ. ވާންއުޅޭ އަންހެނުންނެވެ. ބާރު އޮންނާނީ އޭނައަށެވެ. އެހެން އެއްވެސް މީހަކަށް މައިރާއަށް ބާރު ފޯރުވޭނެ ކަމަކަށް މިހާރު ރެޔާން ގަބޫލެއް ނުކުރެއެވެ. މައިރާގެ ހިތާއި ފުރާނައަދި ހަށިގަނޑަކީވެސް އޭނަގެ މިލްކެކެވެ.
"އެއީ އަހަރެންގެ ވާންއުޅޭ ވައިފް..."ރެޔާން ހަމަޖެހިލާފައި ބުނެލި ގޮތުން ހީވީ ޝަމާއިލްއަށް ކަމެއް ހަނދާންކޮށްދޭން ބޭނުންވިހެނެވެ.
"ނޫން ރެޔާން... ތިކަމެއްނުވާނެ... އަހަރެން ވަނީ މައިރާގެ ކާވެނި އެހެން މީހަކާއި ހަމަޖައްސާފަ... މައިރާއާއި އަނގައިން ބުނިޔަސް ނިމުނީ."ޝަމާއިލް ގެ އަޑުމަޑުވެފައި ނުރައްކާތެރިގޮތެއް ހުއްޓެވެ. ރެޔާންގެ އަޒުމް ވަރުގަދަވިއެވެ. އޭނަ މުޅި ދުނިޔެއާއި ދެކޮޅަށްވެސް މައިރާ މިލްކު ކުރާނެއެވެ. ޝަމާއިލްއަށް އެކަން ހުއްޓުވޭނެކަމަށް ހީވަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ރީތިކޮށް އޭނަ ގާތުން ހަގީގަތް އަހާލިނަމަ ފަހަރެއްގައި މިހިސާބަށް ނައީހެވެ. ނަމަވެސް ދެން ރެޔާންވެސް ހުންނާނީ ގޮތުގައެވެ.
"އެއީ ތިހާ ފަސޭހަކަމެއްކަމަށް ހީކުރެވެންޏާ ޝަމާއަށް އަހަރެން އަދި ދަސްނުވަނީ... އަހަރެން ބަލާނަން ކާމިޔާބުވާނެމީހެއް..." ރެޔާން މަލާމާތުގެ ރާގަކަށް އެހެން ބުނެފައި ވަގުތުން ދާން ހިނގައިގަތެވެ. އޭނަ ޝަމާއިލްގެ އިންޒާރު ނެގީ ވަރަށް ސީރިޔަސްކޮށެވެ. އެދުވަހު އޭނަ ޝަމާއިލް ކައިރީ ބަލިވެގެން މައިރާ އާއި ބައްދަލު ނުކޮށް އެނބުރި އައިކަމުގައިވިޔަސް ރެޔާން ފަހަރެއްގައިވެސް އޭނަގެ ލޯތްބާއި އުމުރު ދުވަހުދެކެމުން އައި ހަމައެކަނި ހުވަފެން ފަހަރެއްގައިވެސް ފެނަށްވެގެން ދިޔަކަނުދޭނެއެވެ. މިދުނިޔެއިން އޭނަ ބޭނުންވި ހުރިހާ ކަމެއް މިވީހާތަނަށް ފުރިހަމަވެފައިވެއެވެ. އޭގެތެރޭންވެސް އޭނަ އެންމެ ބޭނުމީ މައިރާއެވެ. މައިރާ ނުލިބިދާނެހެން ހީވަންޏާ އޭނަ މިހިރީ ކޮންމެފަދަކަމެއްވެސް ކުރަން ތައްޔާރަށެވެ. ހުރިހާ ހުރަސްތަކެއް ނައްތާލާފައިވެސް އޭނަގެ ލޯބި ހާސިލުނުކުރަންޏާ އޭނަ ފިރިހެނަކަށްވެސް ނުވާނެ އެވެ.

ރެޔާން ބެލްކަންޏަށް ނިކުތެވެ. މައިރާގެ ރީތި ސޫރަ ނުފެނި މިރޭ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. މައިރާ ގެ ކުޑަދޮރުގެ ފޮތިތައް ވަޔާއި ހެލިގެން ދިޔައިރު މައިރާ ނިދާފައި އޮތްތަން ރެޔާންއަށް ފެނުނެވެ. މައިރާ އެއްވެސް ބިރެއްނެތި ކޮޓަރީގެ ދޮރުތައް ހުޅުވާލައިގެން އެކަނި އެހެން އޮތުމަކީ ރެޔާންގެ ހިތަށް ކެތްކުރެވުނު ކަމަކަށްނުވިއެވެ. އޭނަ މައިރާގެ ފޯނަށް ގުޅަން ފެށިއެވެ. ދެތިންފަހަރު ރިންގުކެޑުމުން މައިރާ ފޯނު ނެގިއެވެ.
"ރެއިން ބޯ... ދެން ނިދިޔަދީބަލަ.."މައިރާ ކަންނެތްއަޑަކުން ބުނެލި އެވެ.
"މާބްލް..އެކަމަކު ދޮރު ތަންމިނަށް ހުޅުވާލައިގެން ނިދަންއޮތީމަ ކެތްކުރެވޭނެތަ؟ ދައުވަތު ދޭގޮތަކަށް ހުރީމަ ޖިންނިއަކުވެސް ތިތަނަށް ވަދެފާނެއްނު... އެހާ ތޫފާނީ ރެއެއް... ކޮންމެފަދަކަމެއްވެސް ހިގާފާނެ... އަހަންނަކީ ދެން މާ އިތުބާރުކުރެވޭ އަވަށްޓެރިއަކަށްވީމަ އެވަރަށް އިތުބާރުކުރާކަށްވެސް ނުވާނެ އިގޭ... ގޮތެއ ނޭގޭނެ.."ރެޔާން ސަމާސާގޮތަކަށް ބުނެލިއެވެ. އެވަގުތު ރެޔާންގެ ގައިގާ ތެތްފިނި ވައިރޯޅިއެއް ބީހިލިއެވެ. ގައިން ހީބިހި ނަގާގޮތްވިއެވެ. އެވަގުތު މައިރާ ފޯނުހިފައިގެން ވާހަކަ ދައްކަމުން ދޮރުކާރިއަށް އައެވެ.
"ތޭންކްސް... އަސްލު ހަނދާންނެތުނީ ތަންޑު އަޅުވަން... އަދިވެސް ވާރޭވެހެނީތަ؟ ހާދަ ފިންޏޭ... ނިދިގަދަކަމުން ލޯ ހުޅުވާލާނެވަރެއްވެސްނެތް... ނިދަން ދަނީ އިނގޭ... ރެއިން.. އައި ލަވް ޔޫ.. ސޯ . .މަޗް" މައިރާ ހުރީ ވަރަށް ބޮޑަށް ނިދިއައިސްފައިކަން ޔަގީނެވެ. އޭނަ ދޮރުތަންޑު އަޅުވަން ފެށުމުން ރެޔާންވެސް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ބެލްކަނީގެ ދޮރުތައް ކަހާލައިފިއެވެ. ދޭތެރެއަކުން ދޮރުގައި ވައި އަޅުވާ އަޑާއި ފުރާޅުތައް ހެލިލާއަޑު އަދި ވާރޭގެ މިއުޒިކް އަޑުއަހަން ރެޔާންއޮތްއިރު އެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެ ލޮލުގެ ކުރިމަތީގައިވަނީ މައިރާއެވެ. މިރޭ މައިރާ ނިދާ ހެދުމުގައި ހުރިތަން ފެނުމުންވެސް ރެޔާންގެހިތަށް ހާދަ ގޯނާކޮށްލި އެވެ. ރީދޫކުލައިގެ އެ ތުނިހެދުމުގައި ހާދަ ޗާލެވެ. ރެޔާން މޭގައި ފިރުމާލަމުން އެނދުމަތީގައި ދެފަރާތަކަށް ފުރޮޅިފުރޮޅިއޮތީ ނިދީގެ އަރާމު ނުލިބިގެންނެވެ. އެހެން އޮވެ ނިދުނީ ކޮންއިރަކުކަމެއް ނޭގުނެވެ.

މިރެއަކީވެސް ބޯވިލާތަކުން އުޑުމަތި ބައްދާލާ ތަރިތަކާއި ހަނދު ނިވާކޮށްލުމުގައި ކާމިޔާބު ހޯދާފައިވާރެއެކެވެ. ދޭތެރެއަކުން އަންނަ ކެރިގަޑުގައި ހީވަނީ ގޭގޭގެ ފުރާޅުތައްވެސް ނަގާ އެއްލާލަފާނެހެންނެވެ. މި ވިއްސާރަރޭގައި މައިރާ ގެއިން ނުކުތީ ވަރަށް ސިއްރުންނެވެ. ބައްޕައާއި ދޮންބެ ގޭގައި ނޫޅޭތީ އޭނައަށް ލިބުނު ހަނި ފުރުސަތެކެވެ. އެހެންނޫނަސް އޭނަ މިދަނީ އޭނަގެ ލޯބިވެރިޔާއާ އެކީގައެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އިތުބާރުކުރާ ފަރާތަކާއިއެކުގައެވެ. ރެޔާންގެ ފަރާތުން އޭނައަށް އުމުރު ދުވަހުވެސް ސަލާމަތާއި ރައްކާތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މައިރާއަށް ވަނީ ލިބިފައެވެ. މައިރާ އަވަސްއަވަހަށް ދޮރުހުޅުވާލާފައި ރެޔާންގެ ކާރަށް އެރުމާއިއެކު ރެޔާން ކާރު ދުއްވާލައިފިއެވެ. ކާރުތެރޭގައި ޖައްސާލާފައިވަނީ މައިރާއަށް ވަރަށް ރީތި ލަވައެކެވެ.
"މިއޮތް ވިއްސާރަރޭ ކޮން ސަޕްރައިޒެއް ދޭންތަ ރެއިން މިވަރުން ގެންދަނީ..."މައިރާ ރެޔާންގެ އަތްތިލަމަތީގައި އެ ކުޑައަތްތިލަ ބާއްވާލުމުން ރެޔާން ބަލާލީ އެއްބުމައަރުވާލަމުންނެވެ. މައިރާ ރެޔާންގެ ކޮނޑުގައި ބޯއަޅާލައިފިއެވެ. އެ ޓީޝާޓުގައިވާ ސެންޓްވަސް މައިރާގެ ހިއްސުތަކާއި ކުޅެލުމުގައި ކާމިޔާބުކުރިއެވެ. ދެލޯމަރާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ރެޔާން މައިރާ ގެންދިޔައީ އޭނަގެ އަމިއްލަގެއަށެވެ. ކައިވެންޏަށްފަހު ދެމަފިރިން އުޅެން ޚިޔާލުކޮށްފައިވާ އެ ރީތި ހިތްފަސޭހަ ގެއަށެވެ. ރެޔާންގެ ފަހަތުން މައިރާ ވަނުމާއިއެކު އޭސީގެ ފިނިކަމުން މައިރާ ތުރުތުރުލާގޮތްވިއެވެ. އެގޭގައިވާ ޗާންދަލިޔާތަކުގެ އަލިތައް ހުވަފެނީވެފައި ފަރްނޯޗަރުތައް ފުރިހަމަކަމުން މައިރާ ހުރީ ހިގައިގަންނަން ނޭގިފައެވެ. ކުލަތައް ގުޅުވާލާފައިވާލެއް ހާދަ ނަލައެވެ.
"މެރީކުރާ ރޭ ފުރަތަމަފަހަރު އަހަރެންގެ ވައިފް މިގެއަށް ގެންނަން ހުރީ... އެކަމަކު ކަންތައްވާ ގޮތުން ޚިޔާލުބަދަލުވީ... އަހަންނަށް އަމިއްލަ ނަފުސާއިމެދުވެސް ޔަގީންކަމެއްނެތް.. އެއްވެސްކަމަކަށް އިންތިޒާރުކުރާކަށް ބޭނުމެއްނޫން... މާދަން އަތުވެދާނެކަމަށް ބަލާކަށްނުވާނެ ދޯ މަގޭ ފުރާނަޔާ.. އިންތިޒާރުކުރަން ހަދައިގެން ބައެއްފަހަރު އެންމެ ބޭނުންވާ އެތިވެސް ނުލިބި ހިގައިދާނެ... އަހަރެން ބޭނުމެއްނޫން އެހެންވިޔަދޭކަށް... ދުނިޔެއާއި ހަނގުރާމަކޮށްގެންވެސް އަހަރެން ހޯދަން ބޭނުމީ އެކަނި މިކުއްޖާ...ވީއިރު ދުނިޔޭގެ ބާރަކަށް މިކަން ހުއްޓުވައެއްނުލެވޭނެ..ތީ ހަމައެކަނި މަގޭ މިލްކެއް ނޫންތަ؟" ރެޔާން ދޮރު ތަޅުލުމަށްފަހު ސޯފާ މައްޗަށް ތަޅުދަނޑި އެއްލާލިއިރު ފްރެންޗް ސްޓައިލަށް ހަދާފައިވާ ފުޅާ ބިއްލޫރި ދޮރުތަކުން ރީތިކޮށް ވާރޭ ވެހޭ މަންޒަރު ފެނެއެވެ. ރެޔާން މައިރާ ދެ އަތްތިލައިގާ ބޮސްދިނެވެ. މައިރާ ރަކިގޮތަކަށް ހީލުމަށްފަހު ރެޔާންގެ ތަނަވަސްމޭގައި ބޯއަޅާލައިފި އެވެ.
ރޭގަނޑު ކެއުމަށް ކާކޮޓަރި ތައްޔާރުކޮށްފައިވަނީ އިޝްގީ ހުރިހާ ރަހަތައް ހެޔޮވަރުކޮށްލައިގެންނެވެ. ދެލޯބިވެރިން އެކަކު އަނެކަކުގެ ލޮލަށް ބަލަންތިބެ ހިތްހަމަޖެހުމާއިއެކު ކެއުމަށްފަހު ރެޔާން މައިރާގެ އަތުގައި ހިފައިގެން މާސްޓަ ބެޑްރޫމަށް ދިޔައެވެ. އެ ތަން ތަނަވަސްކަމާއި ބޮޑުކަމުން އަދި ފުރިހަމަކަމުން މައިރާ ހައިރާންވެ އަންތަރީސްވި އެވެ.

"ހިތްފަސޭހަކަން..."މައިރާ ހުރީ ކުޑަކޮށް ފަސްޖެހިފައެވެ. މިހާ އެކަނިވެރި ތަނެއްގައި ދެލޯބިވެރިޔަކަށް މަގު އޮޅުވާލަން ޝައިތާނާ ހުންނާނެކަން ވިސްނުނެވެ. މާމައާއި މޯނާގެ ނަސޭހަތްތައް ހަނދާންވިއެވެ. މައިރާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވި ނަމަވެސް އޭނަގެ ހިތް އަނެއްކޮޅަށްވެސް އެނބުރުނެވެ. އޭނަ ރެޔާންއަށް އިތުބާރު ކުރަނީ އިންސާނަކު އަނެއް އިންސާނަކަށް އިތުބާރުކުރާނެ އެންމެ ބޮޑަށެވެ. އެހާ ބޮޑަށް ލޯބިވެއެވެ. ރެޔާން ފަހަރެއްގައިވެސް އޭނަގެ ހިތަށް ކުޑަ އަނިޔާއެއް ލިބުމަށްވެސް ނޭދޭނެކަން ޔަގީނެވެ. ރެޔާން ކޮޓަރީގައިވާ ޗާނދަލިޔާތައް ނިވާލާފަ، ރަތް އުއްބައްތިތައް ރޯކޮށްލުމުން ވަކިން ފުރިހަމަކަމަށް ދެއްކިއެވެ. މައިރާ އެކޮޓަރީގެ ރީތިކަމަށް ތައުރީފުކޮށްލާފައިވެސް ބޮޑު ކޮޓަރިއަށް ދާން ހިނގާށޭ ކިޔާފައި ރެޔާންގެ އަތުގައި ހިފާލައިފި އެވެ.
"ނޫން.. އަހަރެން ބޭނުން މިރޭ ވަރަށް ރީތި ފޮޓޯއެއް ނަގަން..އަހަރެން ބުނާ ހެދުމެއްލައިގެން ބޭނުންވާ ޕޯސްއެއްގައި..."ރެޔާން ގެ އެ އެދުމަށް މައިރާ ފަސްޖެހޭ ގޮތްވި އެވެ. ނަމަވެސް އޭނަގެ ލޯބިވެރިޔާގެ އެހާ ކުޑަ އެދުމަކަށް ނޫނެކޭ ބުނާކަށް މައިރާއަކަށް ނުކެރޭނެއެވެ. މައިރާ ކަންބޮޑުވީ އަތެއްނެތް ނިދާހެދުން ފެނުނީމައެވެ. ފިނިފެންމާކުލައިގެ އެ ފަށުވި ހެދުން ކިތަންމެހާވެސް ނަލަވެފައި އަގު ބޮޑުވާނެކަން މައިރާއަށް އެގެއެވެ. ބްރޭންޑެޑް ނިދާ ހެދުމެކެވެ. މައިރާ ނުކެރޭނެޔޭ ކިޔާފައި މައްސަލަ ޖެއްސުމުން ރެޔާން ޕްލީޒްއޭ ބުނީ އާދޭހުގެ ގޮތަކަށެވެ. އެންމެ ފަހުން މައިރާ ފާޚާނާއަށްގޮސް އެ ހެދުން ލައިގެން ނުކުތެވެ.
މައިރާ އެ ހެދުމުގައި ފެންނަލެއް ސިހުރުވެރިކަމުން ރެޔާންއަށް އިރުކޮޅަކަށް ވާނުވާ ނޭގުނެވެ. އެ އަޅިކުލައިގެ ރީތި ކަޅިރަވަ ރެޔާންގެ ހިތަށް ސިހުރުހަދާ މުޅި ހަށިގަޑުގައި ކަރަންޓް ރާޅުބާނިތަކެއް ދަތުރުކުރުވިއެވެ. އެ ނުކިޔަމަންތެރި ހިތް އޮބެހެއްޓުމަކީ ކުރެވޭނެކަމެއްހެނެއް ހިޔެއްނުވެއެވެ. ރެޔާންގެ ހިތާއި ފުރާނަ އަދި ހަށިގަނޑުގެ ކޮންމެ ސެލްއެއް މައިރާ ބޭނުންވާންފެށީ ނުރައްކާތެރި ދަރަޖައަކަށެވެ. އިންތިހާއަށް ކެތްކުރަމުން ގޮސް ރެޔާން މައިރާގެ އަތުގައި ހިފާގެންގޮސް އެނދުގައި ބޭއްވިއެވެ. ރެޔާން އެ ރަން އިސްތަށިގަނޑު ބާލީސްމަތީގައި ފަތުރާލާފައި މުޅި އެނދަށާއި މައިރާގެ ގައިމައްޗަށް ފިނިފެންމާ ފިޔަތައް އޮއްސާލަމުން ދިޔައިރު މައިރާ އޮތީ ލަދުވެތިގޮތަކަށް ހީހީއެވެ. ރެޔާން ބޭނުންވާ ގޮތަށް މި ފޮޓޯ ނަގާ ނިމޭއިރު އޭނަގެ މޫނެކޭ މި ފިނިފެންމަލެކޭ އެއްގޮތްވާނެކަން މައިރާއަށް އެގެއެވެ.
"އަހަރެންގެ ފުރާނަޔާ. ހާދަ ރީއްޗޭ.. މަގޭ ބިއުޓިފުލް އެންޖެލް.."ރެޔާން މައިރާގެ ރަތްތުންފަތުގައި އިނގިލި ބީއްސާލަމުން އެތައްފަހަރު އެރީތިކަމަށް ތައުރީފު ކުރި އެވެ. މައިރާގެ މޫނު ރަތްވަމުން، ލަދުން މޯޅިވަމުން ދިޔައެވެ. އެންމެފަހުން ދެއަތްތިލައިން މޫނު ފޮރުވާލަމުން ރެޔާން އެވަރަށް ބަލަންޏާ ހެދުން ބަދަލު ކުރާނެކަމަށް މައިރާ ބުނުމުން ރެޔާން މައިރާގެ ފޮޓޯތައް ނަގަން ފެށިއެވެ. އެކި ގޮތްގޮތަށް ބާއްވާފައެވެ. އެންމެ ފަހުން ދެމީހުން އެކީގައެވެ. ތަންކޮޅެއް އިޝްގީ ލޯބީގެ ފޮޓޯތައް ނަގަން ފެށުމުން މައިރާ ކުޑަކޮށް ކަންބޮޑުވިނަމަވެސް ހަނދާނަކަށް ރައްކާކުރަން އެ ފޮޓޯތައް ވެސް ފަހުން ދުވަހަކު މުހިއްމުވެދާނެކަން އެގުނެވެ.
ފޮޓޯ ނަގާ ނިމިގެން، މައިރާ ހެދުން ބަދަލުކުރަން ދާންވެގެން ހިނގައިގަތުމުން ރެޔާން މައިރާގެ އަތުގައި ހިފާ އޭނަގެ އަތުތެރެއަށް ގެނައެވެ. އެ ރަތް ކުލަ އަރާ އިސްތަށިގަނޑު ރެޔާންގެ ކޮނޑުމައްޗަށް ފެތުރިގެންދިޔައެވެ. އެ އަޅި ދެލޯ ފެނުނުލެއް ރީތިކަމުން ރެޔާން ގެ ހަމަހޭބުއްދި ފިލައިގެންދާގޮތްވިއެވެ. މަސްތުވިއެވެ.
"ވެއިޓް އެންޖެލް.. އަހަރެން ބޭނުން ވާހަކައެއް ބުނެލަން...."ރެޔާން މައިރާގެ ކަންފަތްދޮށުގައި ސިއްރުން ބުނެލި ޖުމްލައިން މައިރާ ކުއްލިއަކަށް ކަންބޮޑުވިއެވެ. އަދި މައިރާގެ މުޅިމޫނަށް ފިނިފެންމަލުގެ ކުލަ ފާއްދާލައިގެންދިޔަގޮތުން ހައްތަހާ ބޮޑަށް ރެޔާންގެ ލޭގެ ހިގުން އަވަސްވިއެވެ. ބޯވާރޭގެ ނާނާ އާއި އުއްބައްތިތަކާއި ޕަރީއެއްފަދަ ރީތިކުއްޖާގެ ސަބަބުން އީމާންތެރިއެއްގެ ހިތްވެސް ގުޑުވާލަފާނެއިރު ރެޔާންއަށް ނަފުސް މައިތިރި ކުރެވިދާނެހެއްޔެވެ؟

ކޮމެންޓް 0