ކުރީފަހަރު ކާޑިއެކް އެކްޓިވިޓީ ހުރިކަމަށް ރިޕޯޓްގައި މިއޮތީ. އެކަމަކު.. މިފަހަރު..." ޑޮކްޓަރު ވާހަކަ މެދުކަނޑައިލައިފި އެވެ. އެފަދަ ހިތްދަތި ޚަބަރެއް، މި ރީތި ޅަ ދެމަފިރިންނަށް ދޭން ބޭނުން ނުވީ އެވެ. ޑޮކްޓަރު ހީކުރީ ވެސް ރެޔާން އަކީ މައިރާގެ ފިރިމީހާ ކަމަށެވެ. 

ޑޮކްޓަރު ގޮނޑީގައި އިށީންނަވާފައި، ރެޔާންމެންގެ ގާތުގައި އައުމަށް އިޝާރާތް ކުރެއްވިއެވެ. ރެޔާން ޓިޝޫއަކުން މައިރާގެ ތުނި ބަނޑުގައިވާ ޖެލް ފޮހެލަދިންއިރު، އެކަން ހުއްޓުވާނެ ހިތްވަރެއް މައިރާގެ ނެތެވެ. އޭނަގެ ސިކުނޑިވަނީ ގަބު ވެފައެވެ. ވާނުވާ ވެސް ރަނގަޅަށް ނޭނގެ އެވެ. ރެޔާން މައިރާ ގެނެސް ގޮނޑީގައި ބޭންދުމަށް ފަހު ޖެހިގެން ހުރި ގޮނޑީގައި އިށީނުމުގެ ބަދަލުގައި ހުރީ ކޮޅަށެވެ. ގަނޑުފެންކޮޅަކަށް ވަމުން ދިޔަ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލަމުން، އަނެއް އަތް މައިރާގެ ކޮނޑުގައި ޖައްސާލިއިރު އެ ލޮލުން ވެސް ފެންނަނީ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމުގެ އަސަރުތަކެވެ.

"އައިމް ސޮރީ. ސްކޭން އިން ކާޑިއެކް އެކްޓިވިޓީއެއް ނުފެނޭ.... އަނެއްކާ ކިރިޔާ ފަސް ހަފްތާވީ ކަމަށް މިދައްކަނީ.. ސެކްސް ވެސް އިރެގިއުލާ..." ޑޮކްޓަރު ވެސް އަސަރުކޮށްފައިވާ ވަރުން މައިރާ އާއި ދިމާއަށް ބަލައިނުލައި ވާހަކަދެއްކީ ރެޔާންއާއެވެ. މައިރާ އިނީ ގަނޑުވެފައިވާ ބުދެއްފަދައިންނެވެ. ހިމޭނުންނެވެ. ހީވަނީ ޝޮކެއްގައި އިންހެނެވެ.

"ކުރީކޮޅުގައި ބޭބީގެ ހިތް ވޯކު ނުކުރާނެ ކަމަށް އަޅުގަނޑު ހީކުރީ....." ރެޔާންގެ ހިތްވެސް ވަނީ ފިނިވެފައެވެ. ޑޮކްޓަރު ބުނުއްވީ ދެން ބޭބީ އިތުރަށް ބޮޑުވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އޭނަ ވާހަކަދައްކަމުން ގޮސް މައިރާ ގާތުގައި ހިތްވަރުކުރުމަށާއި، މިފަދަ ގޮތެއް ދިމާވިޔަސް އަދި މައިރާގެ އުމުރުގެ ޅަކަމާއި އެކީގައި ބޭނުން ވަރަކަށް ކުދިން ހޯދުމުގެ ފުރުސަތު އެބަ އޮތްކަމަށް ބުނެ ހިތްވަރުދިނެވެ. މައިރާގެ ސިކުނޑީގައިވި ގަނޑުކަން ފިލައި ވެގެން އުޅޭގޮތް ސިކުނޑިއަށް ނަގައިގަނެވުނެވެ. މައިރާގެ ހިތަށް ލިބުނު ދަތިކަމާއި، ވޭނުގެ ސަބަބުން އޭނައަކަށް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ލޮލުން ބަންޑުންވެގަތް ކަރުނަތައް އެ ކޯތާފަތް މަތިން އޮހިގަތެވެ. އެ މަންޒަރު ރެޔާން އަށް ނުފެނުނުކަމުގައި ވިޔަސް ޑޮކްޓަރަށް ފެނުނެވެ. އަސަރުކުރިއެވެ.

"މިފަދަ ގޮތެއް ވާން މެދުވެރިވަނީ ކީއްވެބާ....." ރެޔާން ފުންނޭވަޔެއް ދޫކޮށްލިއެވެ. އޭނަ ބޭނުންވަނީ ކަޅުކޮފީއެކެވެ.
"ކްރޮމޮޒަލް ނޫނީ ރަހިމު ގެ އެބްނޯމަލް ކަމެއް ހުރުން.. އަދި ލޫޕަސް އެންޓިކޮގުލެންޓް ފަދަ މައްސަލައެއް ދިމާވުން، އަދި ރާއްޖޭ ކުދިންގެ ތެރޭގައި އާއްމުވަމުންދާ ހޯމޯން މައްސަލަތައް، ނޫނީ ޓޮކްސޯ، ރުބެއްލާ ފަދަ އިންފެކްޝަންގެ ސަބަބުން ވެސް މިހާރަކަށް އައިސް ދަރިފުޅު ބައިގެން ދިއުމަށް މަގުފަހިކުރޭ.. ލޭޓެސްޓަކުން އެނގިދާނެ އެފަދަ އިންފެކްޝަނެއް ހަށިގަނޑުގައި ހުރިއްޔާ.. އަދި ނޭނގުނަސް ގިނައިން ކޮފީ ބުއިމަކީ ވަރަށް ގެއްލުން ހުރި ކަމެއް... ދުވާލަކު ރެގިއުލާ ދެތަށި ކޮފީއަށްވުރެ ގިނައިން ބޯކަށް ނުވާނެ.." ޑޮކްޓަރު ކޮންމެވެސް ވަރަކަށް އެބޯޝަން އާއި ބެހޭގޮތުން ވާހަކަދެއްކުމަށްފަހު ބުނީ މައިރާ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ބޭނުންވާ ކަމަށެވެ. އޭނަ ލަފާ ދިނީ ޑީ އެން ސީ އެއް ހެދުމަށެވެ. އަދި އޭގެ ކުރިން ޚާއްސަ މީހެއް ލައްވާ ސްކޭން ހައްދާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ. ޓެސްޓެއް ވެސް ހަދަން ނިންމިއެވެ.

"މޭއި ކިހިނެއް ހަދާނީ.. އެޑްމިޓްވާނީތަ؟" ރެޔާން ކުޑަކޮށް ގުދުވެލާފައި މައިރާގެ މޫނަށް ބަލައިލުމާއި އެކު ރެޔާންގެ ހިތް ހުއްޓުނުހެން ހީވިއެވެ. މައިރާގެ ކަރުނުން ބަރާވެފައިވާ ދެލޮލުން އެހިތަށް ކޮށްފައިވާ އަސަރު ރީއްޗަށް ހާމަވެއެވެ. ރެޔާން އަށް އެވަގުތު އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އޭނަގެ ސަބަބުން މައިރާގެ ލޮލުން އެންމެ ފަހަރަކު ވެސް ކަރުނަ ނުހިކޭނެ ބާވައޭ ހިތަށް އެރިއެވެ. މިއީ ވެސް އޭނަ ކުރި ފާފައަކުން މައިރާގެ ހިތަށް ލިބުނު އިތުރު އަނިޔާ އެވެ.

މައިރާ ރުއިން ހުއްޓުވުމަކީ ރެޔާން އަށް ވެސް ފަސޭހަ ކަމަކަށް ނުވިއެވެ. ރެޔާން އެތެރެ އެތެރެއިން ރޮމުން ދިޔަނަމަވެސް އޭނަ ހިތްވަރު ކުރިއެވެ. މައިރާ އެޑްމިޓްކުރުވީ އެންމެ ހިތްފަސޭހަ ރޫމްގަ އެވެ. އެ ކޮޓަރި ތަނަވަސް ވެފައި ހީވަނީ އާ ތަނެއްހެންނެވެ. ކޮންމެ އެއްޗެއް އޮފު އަރައެވެ. ބަލައިލާ ކޮންމެ ދިމާއަކުން ފެންނަނީ ހުދުކުލައެވެ. ރެޔާން އެވަގުތު ހުދު ލިލީ މާބޮނޑިއަކަށް އޯޑަރު ކުރުވައިގެން މާބޮނޑިއެއްވެސް، ގެނުވިއެވެ.

"އަހަރެންގެ ލޯބިއަށް ލިލީ މާ... އަވަހަށް ގަދަވާތި އިނގޭ. އަހަރެންގެ ލޯތްބަކީ ލޯތްބަށް ވުރެ މަތިވެރިވެގެންވާ އެއްޗެއް، ލޯބިވެޔޭ ބުނުމަކުން އެބައި ނުވެއް ދެއްކޭނެ، އެކަމަކު ދުނިޔޭގައި ހުރެއްޖެއްޔާ ކޮންމެވެސް ދުވަހަކުން މޭއިއަށް އެކަން ޔަގީންކޮށްދޭނަން......" ރެޔާން މައިރާގެ އޮމާން އަތުގައި ފިރުމާލަމުން ބުންޏެވެ. މައިރާ ކަރުނުން ފުރިގެންވާ ލޮލުން ރެޔާންއަށް ބަލައިލަމުން ހިނިތުންވެލާން މަސައްކަތްކުރިއެވެ. އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކުރި ނަމަވެސް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ދެމީހުން އެކަނިވާން ލިބުނީ މަދު މިނިޓްކޮޅެކެވެ. ނަރުސްކުދިންތައް މައިރާގެ އަތަށް ކެނިއުލާ ގުޅަން އައެވެ. މައިރާ އޭރުވެސް އޮތީ އެއްއަތުން ލިލީބޮނޑީގައި ހިފަހައްޓާލައިގެންނެވެ. ރެޔާން ބޭނުންކޮށްފައި ހުރި ލުއި ސެންޓު ވަހާއި އެކުވެގެން ލިލީގެ މީރުވަސް މައިރާގެ ސިކުނޑިއަށް ކުޑަ ދިރުމެއް ގެނެސްދިނެވެ.

މައިރާ އެޑްމިޓްކުރުމުގެ ކަންތައް ނިމުމުން ރެޔާން، އައިޒާންއަށް މެސެޖް ކުރި އެވެ. އޭނަގެ މަންމަމެންނަށް ވެސް ގުޅިއެވެ. ކުޑަކޮށް ވިސްނައިލާފައި އޭނަ ޝަމާއިލްއަށް ވެސް ގުޅައިލާފައި ކޮއްކޮ ބަލިވެގެން އެޑްމިޓްކޮށްފައިވާ ވާހަކަ ބުނެދިނެވެ. އައުމާއި ނައުން އެއީ އެމީހެއްގެ ޒިންމާއެކެވެ. އޭނަގެ ވާޖިބު އޭނަ އަދާކުރާނެ އެވެ.
ރެޔާން މިވީހާތަނަށް އެއްގޮތަކަށް ވެސް އޭނައާއި މައިރާގެ އޮތް ގުޅުމާއި މެދު ވިސްނައެއް ނުލައެވެ. އުޅެވުނީ މައިރާގެ ފިރިމީހާ ފަދައިންނެވެ. ޑޮކްޓަރަށް ވެސް ހުރީ އޮޅިފައެވެ. ނަމަވެސް ރެޔާން ފަސްޖެހުނީ ކޮންސެންޓް ފޯމު ގެނައުމުންނެވެ. ސޮއި ކުރެވޭނީ ފިރިމީހާ އަށެވެ. ދުނިޔޭގެ ކުރިމަތީގައި ޔަގީނުން ވެސް އެ ހައްގު އޮތީ އައިޒާން އަށެވެ. ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ ކަމެއް އޭނަ ބޭޒާރުކުރާކަށް ބޭނުމެއް ނޫނެވެ. މައިރާ އާއި އައިޒާން އަކީ ވެސް އޭނައަށް ޚާއްސަވެފައިވާ ދެފަރާތެވެ. އައިޒާން ދެކެ ނަފްރަތުކުރަން ކުރި މަސައްކަތްވަނީ ފެނަށް ވެގެން ގޮސްފަ އެވެ. ވީއިރު އެފަދަ ދެމީހަކު ބަދުނާމު ކުރުމަކީ އޭނައަށް އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ޒިޔާމާ އާއި ސުލްތާނާ އައީ އެކީގައެވެ. ސުލްތާނާ މައިރާގެ ގައިގައި ފިރުމަމުން ދިޔައިރު އެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ޒިޔާމާވެސް މާފަށް އެދުނެވެ.

"އޭރު މޭއި އެހާ ބޮޑަށް ބަނޑުގައި ރިއްސައިގެން އުޅުނީމަ ވެސް މަންމަ ނޯމަލް ކަމެކޭ ކިޔާފައި އަޅައިނުލީ ދޯ. ކިހިނެއް އެނގޭނީވެސް، ދަރިފުޅާ ހިތްވަރުކޮށްލާ..... " ޒިޔާމާ އެހެން ބުނުމުން އަނެއްކާ މައިރާގެ ލޮލުގައި ތާޒާކަރުނަ ގިނަވެގަތެވެ. އައިޒާން މަޑުކޮށްލީ ބޭރުގަ އެވެ. ތަންކޮޅެއް ދުރުގައިވާ ގޮނޑިއެއްގައި އިށީނދެ ކަކުލުގައި އުޅަބޮށި ވިއްދާލިގޮތަށް މޫނު ދެއަތުގެތެރޭގައި ފޮރުވުނީއެވެ. ރެޔާންއަށް އައިޒާން ރޮނީކަން އެނގުމުން ބުނަން ނޭނގޭފަދަ އަސަރުތަކެއް ކުރިއެވެ. އޭނަ ހުރީ ފެންކަޅި ވެފައެވެ. ނަމަވެސް އައިޒާން އަށް ވުރެ ހިތްވަރު ގަދައެވެ.
"ޒާން.. ހިތްވަރުކުރޭ، ކޮންމެ ކަމެއްގެ ފަހަތުގައި ސަބަބެއް ވާނެ، ވެދާނެ އަހަރެމެންނަށް ނޭނގުނަސް އެވީ އެންމެ ރަނގަޅު ގޮތަށް ކަމަށް. މިބުނި އެއްޗެއް އެނގިއްޖެ ދޯ...." ރެޔާން އައިޒާންގެ ކޮނޑުގައި އަތް ބާއްވާލަމުން ހިތްވަރުދިނެވެ. ނަމަވެސް ރެޔާންއަށް ވެސް އައިޒާން މައިރާ ދެކެ ލޯބިވާވަރު މިއަދުވެސް އެނގުނެވެ. ދެމީހުން ވެސް މައިރާ ދެކެ އެއްވަރަކަށް ލޯބިވާއިރު ކާމިޔާބު ވާނީ ކޮން ފަރާތަކަށް ބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެވެސް އެއް ފަރާތަކުން ގުރުބާން ވާން ޖެހޭނެ ކަމަށް އެވަގުތު އޭނަގެ ސިކުނޑީގެ ކަނަކުން އިންޒާރުދިނެވެ. ރެޔާން ވިސްނައިލި އެވެ. އޭނަގެ މަޖުބޫރީ ނުދައްކާ މައިރާއަށް ބޭނުން މީހަކު ހޮވުމަށް އެދޭނީއެވެ. މައިރާ ލޯބިވާ މީހަކު ހޮވުމުގެ އިޚުތިޔާރު އޭނައަށް ދޭން ޖެހޭނެ އެވެ. އަމިއްލަ އުފަލަށް ވުރެ ލޯބިވެރިޔާގެ ހިތްހަމަޖެހުމާއި އުފާތަކަށް އިސްކަން ދިނުމުގެ މުހިއްމުކަން ރެޔާންއަށް އެނގުނީ މިހާރުއެވެ. މައިރާގެ ހަޔާތަށް ދެ ފިރިހެނުން އައުމުންނެވެ. އެހެން ނޫންނަމަ އޭނައަށް ދުވަހަކު ވެސް އެކަން ގަބޫލު ނުކުރެވުނީހެވެ. ނަމަވެސް ހިތް ބުނަނީ ކާމިޔާބު ވާނީ އޭނައަށް ކަމަށެވެ.

މައިރާ ތިއޭޓަރަށް ވައްދަން ތައްޔާރީތައް ކުރަމުން ދިޔައެވެ. މައިރާއަށް ހޭނައްތާ ޑޮކްޓަރު ދިން ބޭހުގެ ސަބަބުން ސިކުނޑިއަށް ލުއިވީކަން ނޭނގެއެވެ. މައިރާ ރުއިން ހުއްޓާލާފައި އޭނަގެ މާމައާއި ޒިޔާމާއާއި ހިނިތުންވުމާއި އެކު ވާހަކަދެއްކި އެވެ. ތިއޭޓަރަށް ވެއްދުމުގެ ކުރިން ލޯބިވާ ބައްޕައާއި ދޮންބެ ފެންނާނެ ނަމައޭ ހިތަށް އެރިއެވެ. ފަހުން މާޔޫސް ވާން ފެށިއެވެ. ދުވަހަކުވެސް ބައްޕަމެން މާފު ނުކުރާނެއޭ ހިތަށް އެރިއެވެ. އެންމެ އަޖާއިބު ވަނީ އައިޒާން ވެސް އޭނަގެ ގާތަށް ނައީތީ އެވެ.

މައިރާ އަށް ކުއްލިއަކަށް ފެނުނު މަންޒަރަކުން އޭނަ ހީކުރީ ހޭލާ އޮވެ، ހުވަފެނެއް ފެންނަނީ ކަމަށެވެ. ދޮރު ހުޅުވައިލާފައި ވަދެގެން އައީ އޭނަގެ މަންމަ ރާދާ އެވެ. މީގެ އެތައް އަހަރު ކުރީގެ ތަސްވީރާއި މާބޮޑު ތަފާތެއް ނެތެވެ. އެ ދިގު އިސްކޮޅާއި ލޫޅާފަތި ކަމެވެ. މެރޫން ކުލައިގެ ކުރުތާ ހެދުމަކާއި ޖިންސެއް ލައިގެން ހުރިއިރު ޔާގޫތުތަކުން ކަނދުރާ އާއި ކަންފަތް ވިދަމުން ދިޔައެވެ. އޭނަގެ މަންމަ މިފަދަ ގަހަނާ ތަކަށް ލޯބިކުރާކަން މައިރާ ދަނެއެވެ. އެފަދަ ގަހަނާތައް އަޅާފައި ހުރުމުން ޝާހީގޮތެއް ހުއްޓެވެ. މައިރާގެ ހިތަށް ލިބުނީ ބުނަން ނޭނގޭފަދަ އުފަލެކެވެ. އަބަދު މަންމަ ދެކެން ހިތް ބޭނުންވެ އެވެ. މަންމަ ފެނުމަށް އެދި ދުޢާ ކުރެވެ އެވެ. މަންމަ އޭނަ ދޫކޮށްލާފައި ދާން ޖެހުނު ސަބަބު މަންމަ ލައްވާ ބުނުވަން މައިރާ ބޭނުންވެފައި ވެއެވެ. މަންމަ ދިޔުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއްނެތި، މަންމައަކު އެހާ ހިތް ހަރުކޮށްލާފައި ދާނެކަމަށް މައިރާ ގަބޫލު ނުކުރަނީއެވެ. ރާދާއަށް ބަލައިލެވުނީ މާމަ ސުލްތާނާގެ މޫނަށެވެ. ރާދާ ފެނުމުން ސުލްތާނާގެ މޫނު ބަނަވެގެން ދިޔަގޮތުން މައިރާ ބިރުވެސް ގަތެވެ. މާމަގެ ހިތް ހުއްޓިދާނެބާވައޭ ވެސް ހިތަށް އެރިއެވެ. ޒިޔާމާ ހުރީ ތައުރީފުގެ ނަޒަރަކުން ރާދާއަށް ބަލަހައްޓައިގެންނެވެ.

"ދަރިފުޅާ..." ރާދާ އެއައިގޮތަށް މައިރާގެ ނިތްކުރީގައި ބޮސްދިނެވެ.

"ކަލެއަކަށް ދަރިފުޅާ އޭ ކިޔުމުގެ ހައްގެއް ނެތް.. ހަމަ މިހާރު މިތަނުން ނިކުމޭ.." ސުލްތާނާ ދެބުމަ ކައިރިކޮށްލާފައި ލޯ ކުޑަކޮށްލައިފިއެވެ. އޭނަގެ މުސްކުޅި ހަށިގަނޑުގައި ބާރެއް ހުރިނަމަ ރާދާ މިތަނުން ނެރެލީހެވެ. އޭރު އެތާގައި ފިރިހެނަކު ނެތެވެ. ޒިޔާމާވެސް ސިހުނެވެ. އަތުގެ އިނގިލިތަކާއި ކުޅެލަމުން ޒިޔާމާ އިސްޖަހާލައިފިއެވެ. ދެވަނަ ސިކުންތުކޮޅުގައި ކޮންމެވެސް އެއްޗެއް ވިސްނައިލާފައި ޒިޔާމާ އަވަހަށް ބޭރަށް ދާން ހިނގައިގަތެވެ. އޭނަ އިންޒާރު ކުރަންވީ ބަޔަކު އެބަތިއްބެވެ. އެމީހުންނަށް މި އަރައިރުން މައިތިރިކުރެވިދާނެ އެވެ.
"އަޅުގަނޑު މަންމައަށް އިހުތިރާމް ކުރަން، ގަދަރު ކުރަން، އެކަމަކު އަޅުގަނޑުގެ ދަރިފުޅު މިފަދަ ހާލެއްގައި އޮތްކަން އެނގުނީމަ އަޅުގަނޑުވެސް ދެކެލަން ބޭނުންވާނެ ނޫންތޯ..." ރާދާ ވާހަކަދެއްކީ ރީތިކޮށެވެ. އެ މޫނުގައިވާ އޮމާންކަމާއި ރީތިކަމުން މައިރާ ވެސް އޮތީ ހައިރާންކަމާއިއެކު ބަލަހައްޓައިގެންނެވެ. އޭނަގެ މަންމަ ފޮޓޯއިން ރީއްޗަސް ލޮލަށް ފެނުމުން ވަކިން ރީތިވާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އެމަންމަގެ ލޮލުގައި މައިރާއަށް ޓަކައި ވަނީ ހަމްދަރުދީ އާއި ކުލުނެވެ.

"އޭނަ ތުއްތުއިރު ކިރު ނުބޮއި، ރޮއި ހަލާކުވެގެން ދަޅުން ކިރު ދިންއިރު ތިބުނާ ހަމްދަރުދީ ވީ ކޮންތާކު؟ ތިއީ މަޢުސޫމް ކުޑަކުއްޖެއްގެ މަންމައެކޭ އެއްފަހަރު ވެސް ހިތަށް އެރިތަ؟ މައިރާ ކޮންފަދަ ޙާލެއްގައި އުޅުނީ. އެކުއްޖާ ނަފްސާނީ މައްސަލަ ޖެހި އެހެން މިހެން އުޅެ، އުމުރުން އަށާރަ އަހަރު މިވީ މަންމައަކު ދުނިޔޭގައި އިންކަން ނޭނގި، މިއަދުތަ ކުއްލިއަކަށް ދަރިއެއް ހުރިކަން އެނގުނީ، ތިއީވާ އަންހެނެއް، އަހަރެންގެ ފިރިހެން ދަރިފުޅު ކާލާފައި އެވަރުން ނުފުދިގެން އައިމަންގެ ހަޔާތަށް ފުންމާލީ އޭނައަށް ކީއްކުރާނަމޭ ހިތާތަ؟ ނިކުމޭ، މަގޭ ކުރިމަތިން ދުރަށްދޭ......" ސުލްތާނާ ތަންކޮޅެއް އަޑަށް ބާރުލާފައި ވާހަކަދެއްކިއެވެ.

ރާދާ ޙަގީގަތް ކިޔައިދިނަސް ސުލްތާނާ ގަބޫލު ނުކުރާނެކަން ރާދާއަށް ރަނގަޅަށް އެނގެއެވެ. ހެއްކެއް ނެތެވެ. އެހެން ނޫނަސް އައުޒަމް ވަނީ އޭނަގެ ހަޔާތުން ދުރަށް ގޮސްފައެވެ. އެންމެން ސިއްސުވާލާފަދަ ގޮތަކަށެވެ. އެއީ އައުޒަން ހެދި ވަރަށް ބޮޑު ގޯހެކެވެ. އޭނަ ހިތުން ދުރަށް ދިޔައީ ރާދާއާއި އާއިލާއަށް ރަނގަޅަކަށެވެ. އައުޒަމްގެ ވަކިވުމުގެ ސަބަބުން ކުށްވެރިވީ ރާދާއެވެ. ސުލްތާނާ އެއްގޮތަކަށް ވެސް އެކަމަށް މާފެއް ނުދޭނެއެވެ. ރާދާ އައުޒަމް އާއި ރައްޓެހިވެގެން ނޫޅޭ ކަމަށް ބުނިއިރު ވެސް އައުޒަމްގެ ހަޔާތުގެ އުފާތަކުގައި ހުޅުޖެހީ ރާދާ ކަމަށް ސުލްތާނާ އަށް ވެސް ގަބޫލު ކުރެވުނެވެ. މިއަދު ރާދާ ސަލާމަތް ކުރަން އައުޒަމް އެއް ނެތެވެ. އައުޒަމްގެ މަތިވެރި ލޯބި ވެގެން ދިޔައީ ރާދާއަށް ކިހާ ސުންޕާ އެއްޗަކަށްކަން އޭނައަށް އެނގޭނެ ނަމައެވެ. އައުޒަމް މަރުވި ކަމެއް ވެސް އޭނަ ދުނިޔޭގައި ހުރިކަމެއް ވެސް ރާދާއަކަށް ނޭނގެއެވެ. މަރުވެފައިވާ ނަމަ އޭނަގެ ފުރާނައަށް ވެސް ހަމަޖެހުމެއް ނުލިބޭނެކަން ޔަގީނެވެ.

"މައިރާ... ތީވަރަށް ހިތްވަރުގަދަ ކުއްޖެއް، ދަރިފުޅު އައިޒާން އާއި ކައިވެނިކުރުމަކީ މަންމައަށް މައްސަލައެއް ނޫން.. އެކަމަކު ބައްޕަ ކަންތައް ކުރެއްވީ ރަނގަޅަކަށް ނޫން، އަދި ބައްޕައަށް ވިސްނިލައްވާނެ. އެކަމަކު ދަރިފުޅު ބައްޕަ އާއި މެދު ހިތް ބުރަނުކުރާތި އިނގޭ.. މާމަ ރުޅިދުރުވެފައި ހުންނެވީމަ މަޑުކުރެވޭކަށް ނެތް...." ރާދާ މައިރާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ރާދާގެ އަޑުގައި ވަނީ މައިރާ ދެނެ ފަރިތަ ގޮތެކެވެ. އެ އަޑު އިވިފައިވާ ތަނަކާއި މެދު މައިރާ ވިސްނައިލިއެވެ.

"ރާދާ..." ސުލްތާނާ ގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ.

އެވަގުތު އައިމަން އާއި ޝަމާއިލް ވަނުމުން ރާދާ އަނެއް ފަރާތަށް އެނބުރުނެވެ. ޝަމާއިލް ހުރީ ޑޮކްޓަރުންގެ ކޯޓުގައެވެ. ކޯޓުގައި ވެސް އޭނަ ފެންނަލެއް ވަރަށް ސްމާޓްވެފައި ރީއްޗެވެ. އެހާ ޅަ އުމުރުގައި ވެސް ބައްޕަގެ ފަރާތުން އެ ވަރުގަދަ ޝަޚުސިއްޔަތު ވާރުތަކޮށްލައިފައި ވެއެވެ. ޝަމާއިލް އައިގޮތަށް މައިރާގެ އަތުގައި ހިފާލަމުން ކޮއްކޮއަށް ގޮވާލައިފި އެވެ.

"ދޮންބެ ވަރަށް ބިރުގަނޭ.." މައިރާ ޝަމާއިލްގެ އަތަށް ބާރުކޮށްލަމުން ބުންޏެވެ. ޝަމާއިލްގެ ގާތުގައި ކޮންމެފަދަ ސިއްރެއް ވެސް ހިއްސާކުރި ޒަމާނެއް ދިޔަ އެވެ. އެކީގައި ދެބެން އުޅުނު އިރު ދެބެންގެ ދެމެދުގައި ގާތްކަމާއި، މަތިވެރި ލޯތްބެއް އުފެދިފައިވެ އެވެ. މައިރާގެ ވަކިވެދިޔުމުން އެ ގުޅުމަށް ހިޔަނި އެޅިފައިވި ނަމަވެސް އެކަކު އަނެކަކަށް ފެނުމާއި އެކު މައިރާއަށް ވެސް ޝަކުވާ ކުރެވުނީ އެވެ.

"ކަމެއް ނުވާނެ އިނގޭ ސްވީޓްހާޓް....އިންޖެކްޝަނެއް ޖަހާލީމަ ނިދިދާނެ، ރީތި ހުވަފެންތައް ބަލައިލެވޭނެ. ދެން ހުވަފެނުން ހޭލެވޭއިރު ހުރިހާކަމެއް ރަނގަޅު ވާނެ އިންޝާﷲ.." ޝަމާއިލް ހިނިތުންވެލިއެވެ. އައިމަން ވެސް މައިރާއާއި ވާހަކަ ދެއްކެވީ އެހާ ރީތިކޮށެވެ. މައިރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިނިތުންވެލެވުނެވެ. މިއަދު އޭނަ މަރުވެގެން ދިޔަސް ލޯމަރާލާނީ ޔަގީނުންވެސް ހިތްހަމަޖެހިފައި އޮވެއެވެ. ޙަޔާތުގެ އެންމެ މުހިއްމު ވަގުތު އޭނަގެ ޢާއިލާގެ ހުރިހާ މެމްބަރުން އެއްތަންވީ އެވެ. މަންމައާއި ބައްޕަ އަދި ދޮންބެ އާއި މާމަވެސް އޭނައާއި އެންމެ ކައިރީގައި މިވަނީ އެވެ. އޭނަ އެންމެ ލޯބިވާ މީހުންނެވެ. ނަމަވެސް އެންމެންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. އުފާވެރިކަމާއި އެކުގައި އުޅުނު އާއިލާއެއް ރޫޅުނުތާ އެތައް ޒަމާނެކެވެ.

"ޝަމާ....ކޮއްކޮ އާއި އަޅައިލާތި. މަންމަ މިތާ ހުރީމަ މާމަ ހިތްހަމައެއް ނުޖެހޭ އެހެންވީމަ މަންމަ ދެން ގޮސްލާނަން.." ރާދާ ޝަމާއިލްގެ ކޮނޑުގައި އަތް ބޭއްވުމުން ޝަމާއިލް ސިހިފައި އެއްފަރާތަކަށް ޖެހުނެވެ. އޭނަ ރާދާގެ މޫނަށް ބަލައިލީ ނުރުހުމާއި ބީރައްޓެހިކަމުގެ ނަޒަރަކުންނެވެ. މައިރާ ފަދައިން، އެހާ ފަސޭހައިން މަންމަގެ ކުށަށް މާފުދީ މަންމަ އާއި ގުޅުން ބާއްވަން ބޭނުންވި ކަމުގެ އެއްވެސް ނިޝާނެއް ޝަމާއިލްގެ މޫނުމަތިން ނުފެނުނެވެ.
"ތިއީ ކާކުތަ؟" ޝަމާއިލް އެނގުނު ކަމަކަށް ވެސް ހަދަން ބޭނުމެއް ނުވިއެވެ. ނަމަވެސް އެންމެ ނަޒަރަކުން ވެސް ޝަމާއިލް އޭނަގެ މަންމަ ދެނެގެންފިއެވެ. އަށާރަ އަހަރު ފާއިތުވެގެން ދިޔަނަމަވެސް އޭނަގެ މަންމަ އަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނެތެވެ. އެ ރީތިކަމާއި ޒުވާންކަން ދަމަހައްޓަން މަންމަ މަސައްކަތްކޮށްފައި ވަނީކަން ނޭނގެއެވެ. 

ކޮމެންޓް 0