ތިކަމާ މި ވިސްނަނީ. ރަފޭލް ބުނި ވިއްސާރަ ރަގަޅުވީމަޔޭ ދާނީ...." އައިޒާންގެ ރީތި ދެލޮލުގެ ވިދުންގަދަކަމުން އީޝަލް އަދިވެސް ކައިރިން ދެކެލަން ބޭނުންވިއެވެ. އައިޒާން އާއި ޖެހި ފިތިގެން އިނދެ އެ ބޯއެސްފިޔަތަކަށް ބަލަން ފެށުމުން އައިޒާންއަށް ހޫނުވާން ފެށިއެވެ. އޭނައަށް އީޝަލްގެ ގައިގޯޅިކަމުން އުނދަގޫވެ، ލޭގެ ހިނގުން ކުޑަކޮށް ނަމަވެސް އަވަސްވާގޮތްވިއެވެ. މޫސުމްގެ ގޮތުންކަމަށްވެސް ވެދާނެއެވެ. އެއްވަމުންދާ ބުރަހެލި އަޅިވިލާތަކާއި ފަޒާގައިވާ ތެތްފިނިކަން މޫސުމްވެސް އިތުރަށް ގޯސްވާން އުޅޭކަން އިއުލާން ކުރަނީ އެވެ. 

"ޝެލް. ތިހާ ވަރަށް ބަލަންޏާ އަހަންނެއް ކަމަކު ލަދުގަނެއޭ......" އައިޒާން ޓެބްލެޓަށް ގެއްލިފައި އިނދެވެސް ސަމާސާ ހިނިތުންވުމަކާއި އެކުގައި ބުނެލިއެވެ.

"ފޮނިގަނޑު. ޒާންވެސް ރަފޭލް އަކަށް ވުރެ ދެރައެއް ނޫނެއްނު. ސީރިޔަސްލީ ޒާންގެ ދެލޯ ވަރަށް ރީތި. ހިތުން ފިލުވައެއް ނުލެވޭ..." އީޝަލްއަށް ނޭގިނަމަވެސް ހިތުގެ ޝުޢޫރުތައް ޖެހިލުމެއްނެތި ފާޅުކުރަން ފެށުމުން އައިޒާންގެ އަތްފިނިވެލިއެވެ. އީޝަލްގެ އެ ގާތްކަމާއި، ރީތިކަމުގެ ސަބަބުން އޭނަގެ ހިތުން މަގާމެއް އަތުލަފާނެތީ ބިރުގަތެވެ. ނަމަވެސް ބިރުގަންނަންވީ ސަބަބަކީ ކޮބާބާވައެވެ. އޭނައަށް ރަގަޅީވެސް އޭނަގެ ހިތް އީޝަލް ކާމިޔާބުކޮށްފިއްޔާއެވެ. ތަންކޮޅެއް ހަރުވެ، އެ ޅަގޮތް ދޫކޮށްލަނިކޮށް އެކަން ވުމަކީ އެކަށީގެންވާ ކަމެކެވެ. އައިޒާން ކަތި ނަޒަރަކުން އީޝަލް އާއި ދިމާލަށް ބަލައިލައިފިއެވެ. އެ މެސްމެރިޒަމްގެ އަސަރުއެކުލެވޭ ރީތި ދެލޮލުން ބަލައިލި ގޮތަކުން ހީވީ އީޝަލްގެ ހިތަށް ގަނޑުފެނުގެ ތޫފާނެއް އައިހެންނެވެ. އައިޒާން އެއްޗެކޭ ބުނަން އުޅެނިކޮށް ޒިޔާމާ ނިކުތުމުން އެ ސިހުރުވެރި ވަގުތުކޮޅު ވިއްސިވިހާލިވެގެން ހިގައްޖެއެވެ. އީޝަލް ކުޑަކޮށް ބުމަގުޅުވާލިއެވެ.

"ދަރިފުޅާ. ހިގާބަލަ މަންމަ އާއި އެކީގައި ކާފަގެއަށް....." ޒިޔާމާ ހުރީ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިފައެވެ. ޒިޔާމާ އައިޒާން ވެރިކޮށްލައިގެން އުޅޭތީވެސް އެވަގުތު އީޝަލް ރުޅިއައެވެ.

"ޒާން ހީވަނީ މަންމަގެ ޕްރައިވެޓް ޕްރޮޕަޓީއެއްހެން. ހާދަ ރުޅިއާދެއޭ. އަބަދު މަންމަ ހުންނާނީ ޒާންގެ ފަހަތު ޖައްސާލާފައި..." އީޝަލް ހިތާހިތުން ކުދިކިޔަކިޔާ އިންދާ އައިޒާން ތެދުވެ މޯޅިއަކަށް ދެމިލާފައި ހިގައިގަންނަމުން އީޝަލް އާއި ދިމާލަށް ބަލައިލިއެވެ. ޔަގީނުންވެސް ތަފާތު ނަޒަރެކެވެ. އީޝަލްގެ ހިތުގައި ފޮނި ފޮނިރާގެއް ކުޅެލިފަދަ އިހުސާސް ތަކެއްވިއެވެ. ފިރިހެނަކު ބަލައިލައިގެން މިވީހާތަނަށް އޭނަގެ މޫނަށް އެފަދަ ރަތްކުލައެއް ވެރިވިކަމެއް ނޭގެއެވެ. އީޝަލް އަމިއްލައަށްވެސް އޭނަގެ މޫނަށް ހުރިހާ ލޭތައް ޖަމާވެ، ހޫނުވިކަން އެގުނެވެ. އައިޒާން ދިޔުމުންވެސް ހުވަފެނެއްގައިވާ ކުއްޖެއްހެން، އޯކިޑުގަހާއި ކުޅެމުންގޮސް އެ ގަހުގައި އިން މާވެސް ބިދެލައިފިއެވެ. އީޝަލްއަށް ހޭވެރިކަންވުމާއިއެކު އެ މާ ބިދެލެވުނީތީ ކަންބޮޑުވިއެވެ. މަންމަ ހާދަ ރުޅި އަންނާނެއެވެ. އެކަމަކު އޭނަ އެއްގޮތަކަށްވެސް އޭނަ އެ މާ ބިންކަމަކަށް އެއްބަހެއް ނުވާނެއެވެ. މަންމަ ޔަގީންކުރާނީ ހަލަނި ކުޑަ ޢަދަން ގަނޑުގެ ކަންތައް ކަމަށެވެ.

އައިޒާން ފެން ވަރަން މާގަނޑު ދޮށުގައި ހުއްޓިލުމާއި އެކުގައި އެތައްހާސް ފެންތިކިތަކެއް އެއްފަހަރާ ހަށިގަނޑުގައި ބޮސްދީފައި ތިރިއަށް ދެމިގަތީ އެ ރީތި ހަށިގަނޑުގައި އެންމެ ފަހަރަކުވެސް ބީހިލެވުނުކަމުގެ ފަޚުރު ލިބިގަންނަމުންނެވެ. އައިޒާން ލަވައެއްގެ ރާގުވެސް އަޅުވާލިއެވެ. ޝަވާޖެލްއަތަށް އަޅާލާފައި، ގައި އުގުޅަން ފެށުމުން ފޮނުއަރުވާލާފައި، ދުވަންފެށި މީރުވަހުގެ ސަބަބުން އައިޒާންއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އެ ހިތްގައިމު މަންޒަރު ފެނުނު އަންހެންކުއްޖެއްގެ ހިތަށް ގޮތެއް ނުވެނުދާނެކަން ޔަގީނެވެ. އެވަގުތު އޭނަގެ ހަދާނަށް އައީ އަދި އޭނަގެ މަންމަ ސަމީނާ މިސްކޯލެއް ދީފައިވާކަމެވެ. ފެންވަރަން ވަނުމުގެ ކުރިން ގުޅަން ހުއްޓައި ހަދާން ނެތުނީއެވެ. އައިޒާން އަވަހަށް ޝަވާޖެލް ފިލުވައިލުމަށްފަހު ފެންވެސް ނުހިއްކައި ނޫކުލައިގެ ތުވާލި އަނދެލައިގެން ބޭރަށް ނިކުތެވެ. އީޝަލް ޑްރެސިން ޓޭބަލް ކައިރީގައި ހަމަޖެހިލައިގެން އިށީނދެލައިގެން އިދެ ވައިލެޓްކުލައިން އެފައިތިލައިގެ އިނގިލިތައް ޕެއިންޓު ކުރަން އިނެވެ. އީޝަލް އިސްއުފުލައިލުމާއިއެކު ދުރުބަލައެއް ނުލެވުނެވެ. ފާޚާނާއިން ނިކުމެ ނިކުމެހުރި ހޫނުފެނުގެ އާވީގެ ތެރެއިން އައިޒާންގެ ސޫރަ ފެނުމުން އެތައް ގުނަ ހިތްދަމައިގަންނަ ގޮތެއް އިތުރުވެފައިވިއެވެ.

"އޯވް. ގޯޖަސް. މޮޔަވާވަރުވޭ. ހިތަށް އަރަނީ ...." އީޝަލް ހިތަށް އެރި އެއްޗަކުން އަތުން ޕެއިންޓު ފުޅިވެސް ދޫނުވީކިރިޔާއެވެ. މިފަދަ ފާފަވެރި އެއްޗެހި ހިތަށް އަރުވާހައި އޭނަ ބޮޑުވީ ބާވައެވެ. އިންސާނާގެ ހިތަކީ ހާދަ ފަސޭހައިން ބަދަލުވާ އެއްޗެކެވެ. ވަސްވާސްތައް ހިތަށް ވައްދައި ސިކުނޑި އާއި ކުޅެލަން އެންމެ ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. ފެންނަ ރީތި އެންމެ ތަސްވީރަކުން ނޫނީ މަންޒަރަކުން ވެސް ހިތް އަތުން ދޫވާނެއެވެ. އައިޒާންގެ ތެމިފައިވާ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތައް މުތްތަކެއްފަދައިން އެ އޮމާން މޫނާއި، ރީތި ކަސްރަތީ ހަށިގަނޑުން ލާފައި ތުވާއްޔަށް ވަންނަމުން ދިޔައިރު ހިތްގައިމުކަމުން ހީވަނީ އެހެން ފަދަކަމެއްހެންނެވެ. އެރީތި ތުންފަތާއި ހަމަޔަށް އައި ވާރޭ ފެންތިއްކާއި މެދު އީޝަލް ހަސަދަވެރިވިއެވެ. ކޮންފަދަ ފުރިހަމަހެއްޔެވެ؟ ނުބައި އެއްޗެހި ހިތަށް އަރަނީވެސް ބައެއްފަހަރު އެހެންވީމައެވެ. އިންސާނާ ފާފަވެރިކުރުވަނީވެސް ބައެއްފަހަރު އެފަދަ ރީތިކަމެވެ.

"އެއްޗެކޭ ބުނިންތަ؟" އައިޒާން އެހެން ބުނުމުން އީޝަލްގެ މޫނު ޗެރީއެއްހާ ރަތްވެ، ތުންފަތުގައި ބާރަށް ދަތްއަޅައި ގަނެވުނެވެ. ހަށިގަނޑުގައި ހީބިހި ހަލުވާލައި މުޅިގައިގައި ކަރަންޓު ރާޅުބާނިތަކެއް ދަތުރު ކުރުވިއެވެ. އޭނަ ހިތަށް އެރި އެއްޗެއް އައިޒާންއަށް އަޑު އިވުނީ ނޭގިނަމަވެސް ބާރަށް ބުނެވުނީބާވައެވެ. ސާފުކޮށް އަޑުއިވުނުބާވައެވެ. އީޝަލް ނޫނެކޭ ބުނުމުގެ ގޮތުން ބާރުބާރަށް ބޯ ތަޅުވައިގަތެވެ.

"އޯކޭ އޯކޭ .ޝެލް. ނުބަލާތި...." އައިޒާން ސަމާސާގޮތަކަށް އެހެން ބުނެލާފައިގޮސް ފޯނު ނެގިއެވެ. 

"ނޭކެޑްކޮށް ހުރެ ފާޚާނާއިން ނިކުންނަނީ ބަލުވަންވެގެންނޭ ޒާން. ވަރަށް ހެންޑްސަމް..." އީޝަލް ވެސް މަޖާކުރަން ހުނުމަކާއިއެކު ބުނެލިނަމަވެސް އޭނަގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަވަރަށެވެ. އަޑުގައި ތުރުތުރެއް ނެތްކަމެއްވެސް ނޭގެއެވެ. ހަތަރެސްފައި ފިނިވިއެވެ. ކުރިން ނުކުރެވޭފަދަ އިހުސާސްތައް ކުރެވި ތަންކޮޅެއް އެހެންކަހަލަ ޚިޔާލުތަކުން ސިކުނޑިއަށް އުދަގޫކުރަން ފެށީ ކީއްވެބާވައެވެ. އެންމެ ފަހުން އޭނަވެސް ބޮޑުމީހަކަށްވީ ބާވައެވެ. އެހެންކަންތައްތަކަށް ހިތް ބޭނުންވާންފެށީ އެހެންވީމަހެއްޔެވެ؟ އޭނަގެ އެކުވެރިކުދިން ގެތެރޭގައިވެސް ތަފާތު މިޒާޖުގެ ކުދިން އުޅެއެވެ. އެއްވެސް ޖެހިލުމެއްނެތި ބޮޑެތި މީހުންގެ މައުޟޫތަކަށް ޚިޔާލު ފާޅުކުރާކުދިންވެސް ތިބެއެވެ. އޭރު އީޝަލް އެއިން ވާހަކައެއް ފެށިޔަސް ފޫހިވެއެވެ. ނަމަވެސް މިހާރު އެކުދިންލައްވާ އެކި ވާހަކަތައް އަޑުއަހަން ބޭނުންވެއެވެ. ސިއްރުސިއްރުން މިލްސް އެންޑު ބޫންސްގެ ވާހަކަތައް ކިޔަންފެށިއްޖެއެވެ. ކައިވެނީގެ ގުޅުން ތަފުސީލުކޮށް ހުރެއްޖެއްޔާ ޚާއްސަކޮށް އެބައި ކިޔާލެވެއެވެ. ވާހަކައިގައި ބުނެފައިވާފަދައިން އެއީ އެހާ ހިތްހަމަޖެހުމާއި އުފާތައް ލިއްބައިދޭ ކަމެއްތޯ ހިތާހިތުން ސުވާލު ކުރެވެންފެށިއެވެ. ކައިވެނީގެ ހަގީގީ އުފާތަކަކީ ކޮބައިކަން ދެނެގަންނަން އީޝަލްގެ ޅަ ސިކުނޑީގެ ކަނަކުން ބޭނުންވާން ފެށިއެވެ. އައިޒާންގެ ލޮލުގައިވެސް އީޝަލްގެ ދޮން ފައިތިލަ އަޅައިގަތެވެ. އޮމާން ކަމާއި ވިދުންގަދަކަމާއި އެކީގައި ފައިގައި އަޅާފައިވާ ވައިލެޓްކުލައިގެ ޗޭނުގެ ސަބަބުން އެތައްގުނަ ރީތިކޮށްލަދެއެވެ.

"އެކްސްރޭ ދެލޯ ލައިފައި ހުރި ކުއްޖެއްތަ؟ މިވަރުން ފިރިހެނަކު ނޭކެޑްއޭ ނުބުނެވޭނެ. ޝެލް. ވައިލެޓުން ޕެއިންޓުކުރީމަ ފައިތިލަ ވަރަށް ކިއުޓް އިނގޭ. ލެވެންޑާ ޕްރިންސެސް......" އައިޒާން އީޝަލްއަށް އެ ދިންނަމެއްގެ ރީތިކަމުން އީޝަލް ތުއިވެ އެނދުމައްޗަށް ވެއްޓިގެން ހުރިހާ މަޑު ބާލީސްތަކާއި އޮޅުލައިގެން ފޮރުވިގަތެވެ. އައިޒާން އަށް މަޖާވިއެވެ. މިފަދަ ވަގުތެއްގައިވެސް މީހަކު މާބާރަކަށް ދޮރުގައި ތަޅައިގަތުމުން އައިޒާން ދޮރު ހުޅުވާލިއިރު އެއީ މަންމަ ސަމީނާ އެވެ. 

އީޝަލްގެ ދެލޯ ބޮޑުވިއެވެ. މި މަންމަވެސް މިހާރު އޭނަގެ ދިރިއުޅުމަށް ދަތިކުރަން މިކޮޓަރި އާއި ހަމަޔަށްވެސް ވަދެގަތީބާވައެވެ. އީޝަލްގެ ހިތުން ކިތަންމެ ގަދަޔަށް ރުޅި އައިނަމަވެސް އޭނަ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ސަމީނާ އާއި ވާހަކަދެއްކިއެވެ. އައިޒާން ލޯބިވާ ކޮންމެ މީހަކު އަދި އެއްޗެއް ދެކެ އީޝަލްވެސް ލޯބިވާނެއެވެ. އައިޒާން އަވަހަށް ޖިންސާއި ޓީޝާޓް ވައްޓާލަމުން ކޮޓަރިން ނިކުތެވެ. ސަމީނާ ބޭނުންވީ އީޝަލްއަށް ނީއްވާ ސިއްރު ވާހަކައެއް ދައްކަން ކަން އީޝަލް ދެނެގަތެވެ. މީހުންދައްކާ ވާހަކަ އަޑުއަހައި، ކޮންނަން އުޅޭކުއްޖަކަށްވީމަ ސަމީނާގެ މިއަމަލުގެ ސަބަބުން އީޝަލް ހިތްހަމައެއް ނުޖެހުނެވެ. އެއީ ކޮންވާހަކައެއްކަން ދެނެގަންނަ ހިތުން ކެތްކުރެވުނީއެއް ނޫނެވެ. އައިޒާން ކޮޓަރިއަށް ވަނުމާއެކު ސުވާލު ފުނިވަރެއް އޮއްސާލިނަމަވެސް އައިޒާން ބުނީ މަންމަގެ ޒާތީ މައްސަލައެއްވީމަ އެއްވެސް މީހަކާއި ހިއްސާ ނުކުރެވޭނެކަމަށެވެ.

"ޒާން އަހަންނަކަށް ޓްރަސްޓެއް ނުކުރޭ. އަހަރެން ނުވޭ އެއްވެސް މީހަކަށް ދޯ. އަދިވެސް މައިރާގެ ފަހަތުން........" އީޝަލްގެ ކަރުނުން ފުރެމުން ދިޔަ ލޮލުން އައިޒާންއަށް ބަލަމުން މޮޅިވެރި ގޮތަކަށް އެހެން ބުނެލާފައި ބާރުބާރަށް ކޮޓަރީގެ ދޮރުލައްޕާލާފައި ދުވަމުން ދުވަމުން ގޮސް ބަގީޗާއަށްވަނެވެ. ގަހެއްގެ މޫގަނޑުމަތީގައި އިށީންގޮތަށް ކަކުލުގައި މޫނުޖައްސާލައިގެން އެތައް އިރެއްވަންދެން ހިމޭނުން އީޝަލް އިނެވެ. އައިޒާން އީޝަލް ހުއްޓުވަން ފަހަތުން ދާން އުޅެފައިވެސް އެނދުގައި އިށީދެވިއްޖެއެވެ. އީޝަލްގެ ޅަހިތުގައި އޭނަގެ ލޯބި އުފެދިފައިވާކަން އޭނައަށް ރީތި ކޮށްއެގެއެވެ. ނުދެނެ ހުރިކަމަށް ހަދާލައިގެން ހުއްޓަސް ހަގީގަތަކަށް ނުފިލޭނެއެވެ. ނަމަވެސް މައިރާ އޭނަގެ ހިތް އަނބުރާ ދިނީމަ ނޫނީ އޭނައަށް އީޝަލްގެ ހިތް ހަމަޖައްސާލަ ދެވޭނެބާވައެވެ.

ރެޔާން އާއި މައިރާ ދުވާލު ހަތަރުދަމު ޢަދަންގެ ކަންތަކުގައި އަވަދިނެތި އުޅުނަސް ޒިޔާމާ ބުނެގެން ރޭގަނޑު އަވަހަށް ޢަދަން ނިންދަވަން އާދަކުރިފަހުން އެކަނިވެލާނެ ގިނަ ފުރުސަތުތައް ލިބެން ފަށައިފިއެވެ. ޢަދަން އަށެއްޖަހާއިރު ނިދާލުމުން އާދައިގެމަތިން ދެން އޮތީ ރެޔާން އާއި މައިރާގެ އަމިއްލަ ވަގުތެވެ. އުފަލާއި ހިތްހަމަޖެހުމުގެ ވަގުތެވެ. މިރޭވެސް މެންދަންވަމުން ދިޔައިރު މައިރާގެ އެސްފިޔަތައްވެސް ބަރުވެ ވަރުބަލިކަމުގެ އިންތިހާއަށް ދިޔައެވެ. ރެޔާންގެ މޭގައި ބޯ އަޅާލައިގެން އޮވެ ދެލޯމަރާލިއިރު ރެޔާންއަށްވެސް އޮތީ ނިދިފައެވެ. ގަދަ ނިދީގައި އޮވެފައި ރެޔާންއަށް ހޭލެވުނީ ކޮންމެވެސް ކަހަލަ އުދަގުލެއް ވެގެންނެވެ. ވީގޮތެއް އޭނައަކަށްވެސް ނޭގުނެވެ. ހުވަފެނެއް ފެނުނީބާވައެވެ. ނަމަވެސް އޭނައަށް ޔަގީނުންވެސް ބުނެދޭންނޭގޭފަދަ އުދަގޫ އިހުސާސް ތަކެއް ކުރެވިއްޖެއެވެ. ހިތްވަނީ އިންތިހާއަށް އަވަސްވެފައެވެ. ނޭވާވެސް ހާސްވެފައިވާހެން ހީވިއެވެ. އަނެއްކާ އޭނަގެ އެކުވެރި ޑޮކްޓަރ ރިވާއު ފަދައިން ސިކުނޑީގައި ޓިއުމަރެއް އުފެދުނީބާވައެވެ. 

ރެޔާން އިރުކޮޅެއްވާންދެން އެ ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިނުމަށްފަހު މޮބައިލް އިން ގަޑި ބަލައިލިއިރު ހަތަރެއްޖެހީއެވެ. އޭނަ ތެދުވެ ފިނިފެންތަށްޓެއް ބޯލުމަށްފަހު އެނދުގައި އޮށޯތް އިރު ނިދި މުޅިން ފިލައިފިއެވެ. 

"ބޭބީ ގާލް...." ރެޔާން މައިރާ އާއި ދިމާލަށް ގުދުވެލަމުން މަޑުމަޑުން ގޮވާލިއެވެ. ފަނޑު އަލީގައިވެސް މައިރާ ފެންނަލެއް ރީތިކަމުން މިފަދަ ގަޑިއެއްގައިވެސް ރެޔާންގެ ލޭގެ ހިގުން އަވަސްވިއެވެ. ނިދަން އޮތްވާ ގޯނާ ކުރަން ބޭނުންނުވިޔަސް ބައެއްފަހަރު ހިތުގެ މައްޗަށް ބާރުފޯރުވޭ ވަރަށްވުރެ އޭނަގެ ލޯބިވެރިޔާ ފުރިހަމައެވެ. ބައެއްރޭ ދަންވަރުވެސް އޭނަގެ ނުކިޔަމަންތެރި ހިތް އޮބަހައްޓަން ދަތިވަނީ އެހެންވީމައެވެ. މައިރާއަށް ނިދީގައިވެސް ރެޔާންގެ ކަނދުރާގައި އަތްއަޅުވާލެވުނެވެ. މައިރާ ބުނެފައިވާފަދައިން ކޮންމެ ވަގުތެއްގައިވެސް އޭނަ އަބަދުވެސް ރެޔާންއަށް މަރުހަބާ ކިޔާނެއެވެ. ތެދުވެރި ފުރިހަމަ ލޯތްބަކީ އެއީއެވެ.

އެކަމަކު އޭނަގެ ހިތް މިހާ ނުތަނަވަސް ވަނީ ކީއްވެބާވައެވެ. ކޮންމެވެސް ނުބައިކަމެއް ވާން އުޅެނީބާވައެވެ. ހުރިހާކަމެއް ފުރިހަމަވިއިރުވެސް ކޮންމެވެސް ކަމެއް މަދުވާން އުޅޭހެން ހީވެއެވެ. ރެޔާން ގަދަކަމުން އެ ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލައިފިއެވެ. އެއްގޮތަކަށްވެސް ޝައިތާނާއަށް އޭނަގެ ސިކުނޑި ހިސާރުކުރިޔަ ދޭކަށް ބޭނުމެއްނުވިއެވެ. ހުރިހާކަމެއް ހެއްދެވިފަރާތާއި ވަކީލުކުރުމަށްފަހު ރެޔާން މައިރާގެ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވާލިއެވެ.

އައިޒާންއަށް އޭނަ އާއި އީޝަލްގެ ގުޅުންވެސް އެހެން ދިމާލަކަށް މިސްރާބު ޖަހާފައިވާކަން ޔަގީންކުރެވޭތާ ދުވަސްކޮޅެއްވެފައިވާއިރު އައިޒާން ހުންނަނީ ވާނެގޮތެއް ނޭގި ކަންބޮޑުވެފައެވެ. ކުރީގައި އެދޭތެރޭގައި ކިތަންމެ ގާތް ވާހަކަތަކެއް ދެކެވުނަސް އިޝްގީ އަދި ލޯބީގެ ގުޅުމަކަށް މަގުފަހިވެދާނެފަދަ ގޮތަކަށް ނޫނީ ގޯސްދިމާލަކަށް ހިގައިދާނެ ވާހަކައެއް އިޝާރާތުން ވިޔަސް ނުދެކެވެއެވެ. ނަމަވެސް އެކީގައި ގިނަދުވަހު އުޅެން ފަށައިފިއްޔާ މަޑުމަޑުން ކައިރިވަމުންގޮސް އެންމެފަހުން އެކައްޗަކަށް ވެދާނެއެވެ. އިންސާނީ ތަބީއަތުގައި ލައްވާފައިވާ ގޮތަކީ އެއީއެވެ. އެންމެ ފަހުން ބެލުނު "ބުލޫ ލެގޫން" ކިޔާ ފިލްމުއިންވެސް ވަނީ އައިޒާންއަށް ފިލާވަޅެއް ލިބިފައެވެ. މިހާރު އޭނަ އާއި އީޝަލްވެސް މިވަނީ ބޭނުންނުވިޔަސް ދެމަފިރިކަމުގެ ވަރުގަދަ ގުޅުމުން ބަދެވި އެކީގައި މުޅި ހަޔާތް ވޭތުކުރަން ޖެހިފައެވެ. ބޭނުމިއްޔާ ކައިވެނި ރޫޅުމުގެ ބާރު އައިޒާންގެ އަތުގައި އެބައޮތެވެ. އެކަމަކު ކާކު ހޯދަންބާވައެވެ. ނުލިބޭނެ އަންހެން ކުއްޖަކަށް ޓަކައެވެ. އޭރުން އަނެއްކާ ރެޔާން އާއި އޭނަގެ ދެމެދުގައިވާ ނުތަނަވަސް ކަމާއި ޝައްކުތައް އިތުރުވުންނޫން ކަމެއްނުވާނެއެވެ.

އައިޒާން އާއި ރެޔާން ތިބީ ރެޔާންގެ ގޭގެ ގޭޓު ކައިރީގައެވެ. އައިޒާން ނޫކުލައިގެ ކާރުގެ ބޮނެޓުމަތީގައި އިށީދެލައިގެން އިންއިރު ރެޔާން ހުރީ ކުޑަތަންކޮޅެއް ދުރުގައެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ގޭޓުގައި ކަންނެތް ގޮތަކަށް ލެނގިލައިގެން ހުރި އިރުވެސް އެ ރީތިކަން ފަނޑުކޮށެއް ނުލެވެއެވެ. އައިޒާންއަށް އެއީ މައިރާގެ ފޯނެއްކަން ޔަގީންވިއެވެ. ރެޔާން "މޭއި" އޭ ކިޔާފައި ތަންކޮޅެއް އާދައިގެ ގޮތަކަށް ވާހަކަ ދައްކާއިރުވެސް އެ އަޑުން އައިޒާންއަށް މަޑުމައިތިރި ކަމާއި ލޯބީގެ އެންމެ މަތީ ދަރަޖަ އިހުސާސް ކުރެވުނީ ކީއްވެކަމެއް ނޭގުނެވެ. ރެޔާން އުޅެނީ އައިޒާންއަށް އޭނަ ލޯބިވާވަރު ވަންހަނާ ކުރުމަށެވެ. އެއީ ވާނެ ވެސް ގޮތެވެ. ކޮއްކޮ ތިމާގެ އަންހެނުން ދެކެ ލޯބިވާކަން އެނގުނީމަ ލަދުވެސް ގަންނާނެއެވެ.

"ކިތަންމެ ފޮރުވަން އުޅުނަސް ރެއިން މޭއި ދެކެވާ ލޯބި މާރަގަޅަށްވެސް އެގޭ. އެކަމަކު ފޯނެއް އަޔަސް ދާންޖެހެނީ ދުރަށް. އަހަރެމެން ދެމީހުން ގެ ދޭތެރެއިން މައިރާ ދުރަށް ދާނީ ކޮންއިރަކުންތަ؟ މައިރާ އަހަރެންގެ ހިތުން ނަގާފައި އެއްލާލައިގެން ނޫނީ އަހަންނާއި ރެއިންގެ އޮންނަން ޖެހޭ ގުޅުން އެންމެ ފުރިހަމައެއް ނުވާނެ....." އައިޒާން ބޮނެޓުމަތީގައި އަތުން ތަޅާލަ ތަޅާލަ އިނީ ރީތި ބީޓަކަށެވެ. ލަވަކިޔަން ބޭނުން ނުވިޔަސް ލޭގައި އެބައިވެސް ވާރުތަވެފައި ވަނީ އެވެ. އެ އާއިލާގެ ބައެއް ޒުވާނުން ފަދައިން މިއުޒިކް އާއި ލަވަތަކުގެ ހުނަރު އެދެބެއިންނަށްވެސް ލިބިފައިވެއެވެ.

އެމަގުންލާފައި އައި ކާރެއް ހުއްޓާލުމާއިއެކު ކުއްލިއަކަށް އެ ކާރުގެ ދޮރު ހުޅުވާލާފައި އަންވަރު ފޭބިތަން ފެނުމުން އައިޒާން ގެ ބުމަގޮށްޖެހިގެން ދިޔައެވެ. އައިމަންގެ ގާތިލު ސަލާމަތުން ހުރިތަން ފެނުމުން ލޭ ހޫނު ވާގޮތްވިއެވެ. މިއީ އިންސާފެއްނޫނެވެ. ކުށްވެރިންނަށް އަދަބު ލިބެންވާނެއެވެ. އަންވަރު ފެނުމުން ރެޔާންވެސް ފޯނުކަނޑާލުމަށްފަހު ކައިރިއަށް ޖެހިލިއެވެ. 

"އަހަރެން ފެނުނީމަ ތުންކޮޅު މާރަނގައެއްހާ ދިގުވެއްޖެދޯ. އަހަރެން ކިތަންމެ ވަރަކަށް ބުންޏަސް ކަލޭމެން ގަބޫލެއް ނުކުރާނެ އެކަމަކު އަހަރެން އައިމަން މަރާލާކަށް ނޫނޭ އުޅުނީ. އެރޭ ކުޑަކޮށް ރާ ބޮއިގެން އިނީމަ ވާނުވާ ނޭގުނީ. ވަޒީފާއިން ކަނޑައިލީމަ މަގޭ ބޭނުމަކަށް ވީ އެގެއަށް ގެއްލުމެއްދޭން. އެކަމަކު އައިމަންއަށް ހުރެވުނީ ނުބައި ތަނެއްގައި ނުބައި ވަގުތަކު. އަހަރެން މިއުޅެނީ އިންޑިއާއަށް ފުރަންވެގެން ބޭހަކަށް. އެކަމަކު އަހަރެންގެ އަތުގައި އެވަރަށް ލާރިއެއްވެސް ނެތް. އެހެންވެ އައިޒާން ގާތުން އެހީއަކަށް އެދި މިއައީ. ޑޮކްޓަރު އަންގަނީ މަގޭ ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށް. އަހަރެން މުޅި އުމުރު ވޭތުކޮށްލީ ތިޝާހީ ޚާންދާނުގެ ޣުލާމަކަށް ވެގެން...." އަންވަރު ހުރީ ހިތާމަވެރި ވައްތަރެއް މޫނަށް ޖައްސާލައިގެންނެވެ. އޭނަގެ ސިކުނޑީގައިވާ ނުބައި ރޭވުންތައް މޫނުމަތިން ފެންނަން ނެތެވެ. ނަމަވެސް ރެޔާން އަށް އަންވަރުއަށް އިތުބާރެއް ނުކުރެވުނެވެ. އެ ކުޑަދެލޮލުން މަކަރުވެރި ހިޔަޅެއްގެ ނުބައިކަން ރެޔާންއަށް އެ ވަގުތުކޮޅު ފެނުނެވެ.

"އެކަމަކު ކިހިނެއްތަ އަހަރެން ތިވާހަކަ ޔަގީން ކުރާނީ. އަހަރެން އައިމަން ބޭބެ މަރާލި މީހަކަށް އެހީވާކަށް ބޭނުމެއްނޫން. ސޮރީ. ކަލޭ އަހަރެން އެކްސިޑެންޓްކޮށްލަން ކުރިން އުޅުނީވެސް އޮޅުމަކުންތަ؟ ބޮއިގެން އިދެތަ؟ ނޫން ހަޖާމުބެ. ކަލެއަކީ ތިއީ ފޮނިކަމުންގޮސް އެމްބީ ޑަބްލިއުއަށް އެރުނީމަ އުޑުކަމަށް ހީކޮށްގެން އުޅުނު މީހާ. އަހަރެން މިއަދަކު ސިމްޕަތީއެއްނުވޭ. އަހަރެންނަށް ވެވޭނެނަމަ މިހާރު ކަލޭ ދަންޖައްސާ މަރާލާފައި ކަށްވަޅުގައި ވާނީ. ހީވޭތަ އަހަރެން ކަލެއަށް އިތުބާރު ކުރާނެހެނެއް. ތިމީހާގެ މަކަރުވެރިކަމުގެ ކިތައް ހެކި ފެނިފައިތަ ވަނީ؟ އަހަރެންނަކީ ކަލޭހާ ގަމާރު މީހެއްނޫން. ދޭ އިންޑިއާއަށް ނޫން އެހެންތަނަކަށް ދިޔަސް އަހަންނަށް ހެޔޮ. އެކަމަކު އަހަރެންގެ އަތުން ބައިލާރިވެސް ނުދޭނަން...." އައިޒާން ގެ ވާހަކަތަކުން އަންވަރު ހިތާހިތުން އަނދަމުން ދިޔައެވެ. 

"ކަލޭ އަދި ހިތާމަކުރާނެ ހަރާމް ދަރި.." އަންވަރު ލޯ އަޅައިލިއެވެ. 

"މިހާރުވެސް ކަލޭ މަރުނުވެ ބިންމަތީގައި ހުރިކަމަށް ޓަކައި ހިތާމަ ކުރަން....." އައިޒާންވެސް ހަނި ނަޒަރަކުން އަންވަރު އާއި ދިމާލަށް ބަލައިލުމަށްފަހު އެނބުރުނީ ކާރަށް އަރަން ދާށެވެ. އަންވަރު އެ ސިކުންތުކޮޅުތެރޭގައި ޖީބުން ނެގި ފިޔޮހީގެ މިޔައިގެ ތޫނުކަމާއި ދަޅައިން ލޯތަރަތަރަޖަހައިގެން ދާވަރުވިއެވެ. އަންވަރު އަތަށް ބާރުލާފައި ފުންމައިގެންގޮސް އައިޒާންގެ ބުރަކަށްޓަށް ވަޅިހަރާލަން އުޅުނެވެ. ނަމަވެސް ރެޔާން ހުރީ އަންވަރުގެ ކޮންމެ ހަރަކާތަކަށް ސަމާލު ވެގެންނެވެ. އައިޒާންގެ ހަށިފާރަވެރިއެއް ފަދައިންނެވެ. އަންވަރު އާއި އައިޒާން ދެއްކި ވާހަކަ ތަކާއިމެދު އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން ހުރި އިރުވެސް ރެޔާން ހުރީ އަންވަރު ދެކެ ރުޅިއައިސް ދަތްކުނޑި ވިކާލެވިފައެވެ. އެ ވަޅި އާއި އައިޒާންގެ ދޭތެރެއަށް ހުރަހަކަށްވީ ރެޔާން އެވެ.

ކޮމެންޓް 0