ރާދާ އިސްޖަހާލި ގޮތަށް، އޭނައަށް އިސްއުފުލައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އޭނަ ހަގީގަތް ފޮރުވައިގެން ހުރި ހުރުން މިއީ ކުރެވުނު ރަނގަޅު ކަމެއް ބާވައޭ އަމިއްލަ ހިތާއި ސުވާލު ކުރެވުނެވެ. އެހެންނޫނަސް އައުޒަމް ގާތުގައި ހަގީގަތް ހާމަކޮށްދީގެން އެފަދަ ހިތްހަމަޖެހުމެއް އައުޒަމްއަށް ހައްގުވާންވީ ސަބަބެއް ރާދާ އަކަށް ނޭގުނެވެ. ހުރިހާ ހާދިސާ އަކާއި، މައްސަލަތަކެއް އުފެދުނީ އައުޒަމްގެ ނުލަފާކަމުންނެވެ. ބަސްއަހާ ސާލިޙު ކުއްޖެއްގެ ގޮތުގައި މައިންބަފައިންގެ ލޮލުގައި އަދުން އަޅުވާފައިހުރެ އޭނަ އުޅުނީ ހުޅަގުގެ ވިޔާނުދާ އުސޫލުތަކުގައި އަވައިގައި ޖެހިގެން، ރާބޮއި، އަންހެންކުދިންގެ ފަރާތުން އުފާ ހޯދަމުންނެވެ. ޔޮޓްތަކާއި ރިޒޯޓް ތަކުގައި އެންމެހާ ސުންޕާކަންތައް ކުރަމުން، މަޖާކުރަމުން އައިއިރު ގޭގައި އޭނަ ދައްކާފައި ވަނީ އެހެން ފަރާތެކެވެ. އައުޒަމް އޭނައަށް އޮޅުވާލައިފައި ރާބޯންދީގެން އޭނަ އާއި އެކުގައި އެއްރޭ ހަތަރުދަމު ރިޒޯޓުގައި ހޭދަ ކުރިއިރު ރާދާ އަކީ އޭނަގެ ބޭބެ ގެ އަންހެނުން ކަމާއި މެދު ވިސްނައެއް ނުލިއެވެ. މިހާރު އައުޒަމް އަށް ހުންނާނީ އިބުރަތެއް ލިބިފައިކަން ނޭގެއެވެ. އަދިވެސް ރާދާ އަކަށް ޔަގީނެއް ނޫނެވެ.

އީޝަލްވެސް ބޭނުންވި ގޮތަކަށް މިރޭ އެއްވެސް ކަމެއް ނުދިޔައެވެ. ރަފޭލް އެރީ ހަވާޔަށް ކަމެއްވެސް ނޭގުނެވެ. އެއްގޮތަކަށްވެސް ފަހުން އީޝަލް ހޯދަހޯދާ އޭނައެއް ނުފެނުނެވެ. އީޝަލް ކެތްނުކުރެވިގެން ގުޅާލިއިރު ފޯނުވެސް އޮތީ ނިވާލާފައެވެ. އީޝަލްގެ ތަބީއަތު ގޯސްވިއެވެ. އޭނަ ހުރީ ފޫހިވެ، ނިދި އަންނަ ގޮތްވެފައެވެ. ކައިގެން ވަގުތުން ގެއަށް ދިޔަގޮތަށް އެނދަށް އަރާ ރަޖާގަނޑު ދަށަށް ވަން އިރު އީޝަލް ވަނީ ނޭގޭ ސަބަބަކާއި ހުރެ ފޫހިވެފައެވެ.

މެހުމާނުންތައް ކައި ނިމުމުން ކާރަށް އަރުވަން އައިމަން ދޮރާށި ކައިރިއަށް ދުރުވިއެވެ. ރާދާވެސް އައިމަން ގާތުގައި އެގޭގެ ހުޅުވާލެވިފައިވާ ވަރުގަދަ ގޭޓުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. އައުޒަމްވެސް ގޮނޑި ދަމަމުން އެހިސާބަށް އައެވެ. އޭރު މެހުމާނުންތައް މަދުވަމުންގޮސް މުޅިންހެން ބަގީޗާ އާއި، ގޯތިތެރެ ވަނީ ހުސްވެފައެވެ. މިހާރު ގޭތެރޭގައި ތިބީ މަދުބަޔެކެވެ.

"ބޭބެ. އަޅުގަނޑު މިރޭ ބޭނުން ވާހަކައެއް ނަންގަނެލަން ..." ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރޭގައި އައުޒަމް ބުނެލައިފިއެވެ. ރާދާގެ ހިތްތެޅިގަތްލެއް ބާރުކަމުން މޭފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. އޭނަ އައުޒަމްއަށް ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ. އެ ސިއްރު ފާޅުކޮށްފިއްޔާ އެންމެންގެ ދިރިއުޅުން ބޮޑު އަނދަވަޅަކަށް ވެއްޓި ދުވަހަކުވެސް އަރައި ނުގަނެވޭނެކަން ރާދާއަށް ވިސްނުނެވެ. އެންމެ ރަނގަޅުގޮތަކީ މާޒީ ގެ އެ ސަފުޙާތައް ނުހުޅުވުމެވެ. 

"ބުނެބަލަ. ކޮންމެ ވާހަކައެއްވެސް އަޑުއަހަން މިހިރީ...." އައިމަން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އޭނައަށް ފެނުނީ ގޯޅިން އަޅާފައި އައި ކާރެއް ސީދާ އެގެ އާއި ދިމާލަށް ބާރު ސްޕީޑެއްގައި އައިތަނެވެ. ހީވީ ކާރުގެ ކޮންޓްރޯލް ނެއްޓިގެން ނޫނީ ބްރޭކް ނުޖެއްސިގެން އައިހެނެވެ. އައިމަން އަމިއްލަ ނަފުސްވެސް ހަދާން ނައްތަވާލައްވާފައި ވިސްނެވީ އައުޒަމް އާއި ރާދާ އާއި ދޭތެރޭގައެވެ. ދެލޯ ބޮޑުކޮށްލައިގެން ޝޮކެއްގައި ހުރި ރާދާ ގޭޓާއި ދިމާލުން އެއްފަރާތަކަށް ވިނަގަނޑު މައްޗަށް ކޮށްޕަވާލައްވައިފިއެވެ. އަދި އައުޒަމް އާއި އެކު ފުރޮޅިލީ ގޮނޑިވެސް ގޭޓާއި ދިމާލަށް އެއްފަރާތަކަށް ޖައްސަވާލެއްވި ވަގުތު ކާރު އައިގޮތަށް އައިމަން ދަށުލައިފިއެވެ. އެކަންތައް ހިގީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ފިލްމެއްގެ ބިރުވެރި މަންޒަރެއް ފަދައިންނެވެ. ފުރޮޅިލީ ގޮނޑި އާއި އެކީގައި އެއްފަރާތަކަށް ވެއްޓިފައި އޮތް އައުޒަމްއަށް ލޮލުގެ ކުރިމަތިން ފެނިގެން ދިޔަ ބިރުވެރި މަންޒަރުން ހީވީ ދުނިޔެ ކުނޑިކުނޑިވެ ފައިބައިގެން ދިޔަހެންނެވެ. އޭނައަށް ބޭބެ އާއި ދިމާލަށް އަތްދިއްކޮށްލެވުނެވެ. ރާދާއަށްވެސް ގޮސް އައިމަންގެ ގައިގައި ހިފައި ގަތުމާއިއެކު ރޮއިގަނެވުނީއެވެ.

އައިމަންގެ ގައިގެ އެތަންމިތަނުން އޮހެމުންދިޔަ ލެއިން ބިންގަނޑު ކަޅިވަމުން ދިޔައެވެ. އޭނައަށް އިހުސާސްވަމުން ދިޔައީ މުޅި ހަށިގަނޑު ފިނިވެ ގަނޑުވަމުން ދާހެންނެވެ. އައިމަން ބިންމަތީގައި ދެމެމުންގޮސް އައުޒަމްގެ ދިއްކޮށްލެވިފައިވާ އަތުގައި ހިފާލެވުނުއިރު ދެބެންގެ ލޮލުގައިވެސް ކަރުނަ ވިދަމުން ދިޔައެވެ.

"ކޮއްކޯ. ބޭބެއަށް ޓަކައި ރާދާ އާއި ކައިވެނި ކުރޭ. ބޭބެގެ ހުރިހާ ހެޔޮ ދުޢާއެއް ދެކުދިންނާއި އެކީގައިވާނެ. އެއީ އައުޒަމް ގެ ދޫކޮށް ދާންޖެހުނު ސަބަބު. ބޭބެގެ ސަބަބުން އައުޒަމްގެ ދިރިއުޅުން ބަރުބާދުވެގެން ދިޔައީ. ދެން މަންމަގެ ހިތްހަމަޖައްސާދޭން ކޮއްކޮ ހިތްވަރުދޭންވާނެ. މިގޮތަށް މަރުވެގެން ދިޔައިމަ މާ ރަނގަޅުކަން ނޭގޭ. ކެންސަރު ޖެހިފައިވި ނަމަވެސް އެ ބަލީގެ އެއްވެސް ވޭނެއް ނުލިބި، މަންމައަށް ވިސްނާދޭތި. އަދި ބޭބެއަށް މާފު......." އައިމަންގެ އަޑުމަޑުވަމުން ދިޔައެވެ. އޭނަ ވާހަކަ ދެއްކީ ހުއްޓަ ހުއްޓާފައެވެ. އެންމެ ފަހު ވަގުތުވެސް ލޯބިވާ ކޮއްކޮއަށް ވަސިއްޔަތް ކުރީއެވެ. އައިމަން އައުޒަމް އާއި ރާދާ ގެ އަތްތިލަ ގުޅުވާލުމާއި އެކު އެކަރުނުން ފުރިފައިވާ އެސްފިޔަތައް ލެއްޕުނެވެ. އައިމަން މަޑުމަޑުން ޝަހާދަތް ކިޔައިލައިފިއެވެ. އެއާއި އެކު އައިމަން ހީވީ ރީތި ނިންޖަކުން ނިދާލި ހެންނެވެ. ރާދާ ރޮއިގަތެވެ. އައުޒަމްގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށިއެވެ.

"ނޫން ނޫން ނޫން.." އައުޒަމް މޫނުގައި ދެއަތް އެޅިއެވެ. އޭނަގެ ބޭބެ ގެ ފަރާތުން އޭނަ ކުރި ކުށަށް މާފަށް އެދެން އުޅެނިކޮށް މާފަށް ވުރެ މާދުރަށް ދިޔައީއެވެ. ޚުދު ބޭބެ އޭނަގެ ފަރާތުން މާފަށް އެދުނު އިރު ހަގީގީ ކުށްވެރިޔާއަށް އެކަމެއް ނުކުރެވުނެވެ. ކުށްވެރިޔަކީ އޭނައެވެ. އައުޒަމް ގެ ހިތް ފަޅިފަޅިވެ ކުދިކުދިވެގެން ދިޔަހެން ހީވިއެވެ. 

ރާދާ އައިމަން ގެ ގައިމައްޗަށް ވެއްޓިގަނެގެން އޮވެ ރޮމުން ދިޔައިރު ރާދާ ލައިގެން ހުރި މަޑު ފެހިކުލައިގެ ހެދުންވަނީ ލެއިން ފޯވެފައެވެ. އިރުކޮޅެއްގެ ތެރޭގައި މީހުން އެތަނަށް އެއްވާން ފެށިއެވެ. ޝަމާއިލްއަށް ވެސް ނިކުމެވުނު ގޮތަށް ހުރެވުނީ ޝޮކެއްގަ އެވެ. ނަސީބަކުން ފައިސަލްމެން ވެސް އޭރު އަދި ގެއަށް ނުދުރުވެ ބޮޑުކޮޓަރީ ގައި ތިއްބެވިއެވެ. ސުލްތާނާ ވީ ކޮޓަރީގައެވެ. ވަރުބަލިވެގެން ތަންކޮޅެއް އަވަހަށް ނިދާލަން ވަނީ ކަންނޭގެ އެވެ. ފައިސަލް އެންމެ ފުރަތަމަވެސް ގަސްތު ކުރީ ސުލްތާނާއަށް ބޭހެއް ދީގެން ސިކުނޑި ހަމަޖައްސާލުމަށެވެ. އެހެން ނޫނީ ސުލްތާނާއަށް މި ހިތާމަ އުފުލައި ގަތުމަކީ އުދަގޫވާނެ ކަމެއްކަން އެގުނީއެވެ. ފައިސަލް ދެން ގުޅީ ރެޔާންއަށެވެ. ރެޔާން ގާތުގައި އެ ޚަބަރު ކިޔާދިނުމުން ރެޔާންގެ އަތުންވެސް ފޯނުދޫނުވީ ކިރިޔާއެވެ. އޭރު މައިރާ އުޅުނީ ޢަދަންއަށް ގާތުން ދިނުމަށެވެ. ރެޔާން އަށް އޭނަގެ ލޯބިވާ އަންހެނުން ގާތުގައި މި ވާހަކަ ބުނެދެވޭނީ ކިހިނެއްބާވައެވެ. މައިރާގެ ހިތް ހަލާކުވާނެއެވެ.

މައިރާ ޢަދަން ނިދަން ބޭއްވުމަށްފަހު ތެދުވެ އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި ހުޅިއެއް ޖަހާލައިފިއެވެ. ރެޔާން ބެލްކަނި ހުޅުވާލައިފައި ނިކުމެގެންގޮސް ރެއިލިން ގައި އަތްއަޅުވާލައިގެން އުޑާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު އޭނަވެސް ކަރުނަތައް ހިފަހައްޓަން ކެޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އައިމަން އަކީ އޭނަގެ ބައްޕައެއް ފަދަ އޯގާތެރި ރަގަޅު ބޭކަލެކެވެ. ޚާއްސަކޮށް މައިރާ އާއި ކައިވެނި ކުރުމަށްފަހު ދަނބިދަރިއަކަށް ވުމުން ވަކިން ޚާއްސަ ގޮތެއް ރެޔާން އާއި މެދު ބަހައްޓަވައެވެ. ޝަމާއިލް އާއި އެއްވަރަށް ރެޔާން ދެކެވެސް ލޯބިވާ ފަދައެވެ. ވީއިރު އެހާ ރަގަޅު ޝަޚުސިއްޔަތެއް ގެއްލުމުން ރެޔާންގެ ހިތަށްވެސް ވަނީ ބުނަން ނޭގޭފަދަ ހުސްކަމެއް ލިބިފައެވެ. 

"ރެއިން.. ހަދާނުން ފިލުވާނުލެވޭނެ ރެއެއްދޯ. އަންކަލް އައުޒަމް އެހާ ރީތިކޮށް ލަވަ ކިޔާކަމެއް ކުރިއަކުން ނުދަންނަން، އަދިވެސް ހީވަނީ ލަވަ ކަންފަތުގައި ގުގުމާލާފައިވާހެން. އަސްލުވެސް އަންކަލް އަހަންނަށް ބަލައިލެއްވީމަ ވަރަށް އެހެން ގޮތެއްވި، ހީވީ ހަމަ އަހަންނަށް ކިޔައިދިން ލަވައެއްހެން. ބައްޕައަށް އެނގިލައްވައިފިއްޔާ ހިތް ހަލާކުވާނެދޯ. މިރޭ ޢަދަން އަށް ފީޑު ކުރަން އަންނަން ނުޖެހުނުނަމަ އަންނާނީ މަންމަ ގާތު އެވާހަކަ ބުނެފައި، މަންމަ އެހާ ވަރުން އޮޅުވާލި ސަބަބެއް އަހާލާފައި. އޭރުވެސް މަންމަ ބައްޕަ ގާތުގައި ހަގީގަތް ހާމަކުރިނަމަ އަހަރެންވެސް ބޮޑު ވާނީ ބައްޕަ އަކީ ކާކުކަން އެނގި ހުރެ. އަދި މިރޭ ބައްޕަ އަހަރެން ގާތުގައި ބުނުއްވި ވާހަކައެއް ރެއިން އަށް އެގޭތަ؟ ބައްޕަ އެމެރިކާގައި އެހާ ދުވަސްވީ ބައްޕަ ވަރަށް ބޮޑަށް ބަލިވެއުޅުއްވާތީކަމަށް. އަނެއްކާ ފުރުއްވަން އުޅޭ ކަމަށް. ބައްޕަ ނެތަސް ހިތާމަނުކުރަންވެސް އެދިލެއްވި. ރެއިންއަށް އެގޭތަ؟ ހީވަނީ ބައްޕައަށް ސީރިޔަސް ބައްޔެއް ޖެހިފައިވާހެން. ދޮންބެވެސް ކަމަކާއި ދެރަވެފައި ހުންނަހެން ހީވޭ........" މައިރާ ވާހަކަ ދައްކަމުން އައިގޮތަށް ރެޔާންގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ. ބެލްކަނި އަނދިރިކަމުން ދެމަފިރިން ފެންނަމުން ދިޔައީ ދެހިޔަނި ފަދައިންނެވެ. 

"މޭއި...." ރެޔާން މައިރާ ގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ގޮވާލީ މަޑުންނެވެ.

"ރެއިން. ކީއްވެ ތިހާ ހިމޭނުން ތިހިރީ ކީއްވެތަ؟ އަހަރެން ބިރުނުގަންނަވަބަލަ. ކަމެއްވީތަ؟ އަވަހަށް ބުނެބަލަ ..." އަނދިރިކަމުގެ ތެރެއިންވެސް ރެޔާންގެ ރީތި ދެލޮލުގައިވާ ވޭން މައިރާ އަކަށް ނުފޮރުވުނެވެ. ރެޔާންގެ ގަނޑުފެންކޮޅެއްފަދަ ފިނިފިނި ދެއަތާއި އެ ހިމޭންކަން މައިރާގެ ދުނިޔެ ހިނދުކޮޅަކަށް އަނދިރިކޮށްލާ ބިރުވެރިކަމުގެ އިންތިހާއަށް ގެނުވިއެވެ. މައިރާގެ އަތުތެރޭގައި ރެޔާންގެ ޓީޝާޓް ބޮނޑިކޮށްލެވުނެވެ.

"އަހަންނަށް މިވާހަކަ ބުނަން ފަސޭހައެއްނޫން. ދެންމެ ވަރަށް ބޮޑުކަމެއް ދިމާވީ. ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިގީ.. މޭއި. ބައްޕައަށް ވަރަށް ސީރިޔަސް އިންޖަރީތަކެއް ލިބުނީ....." ރެޔާން އެހެން ބުނުމުން މައިރާ ކުޑަކުއްޖެއްހެން ބާރުބާރަށް ރޮއިގަތެވެ. އޭނަ އުޅުނީ ރެޔާންގެ އަތުތެރެއިން ނިކުމެގެން ދުއްވައި ގަތުމަށެވެ. ނަމަވެސް އެއީ އެހާފަސޭހަކަމަކަށް ނުވިއެވެ. އެންމެ ފަހުން ރެޔާންގެ ޓީޝާޓްގައި މޫނު ފޮރުވައިގެން ހުރެ ހިތް ކުދިކުދިވާފަދަ ގޮތަކަށް ރޯންފެށުމުން ރެޔާންއަށް ވެސް ކަރުނަ ތަކެއް ނުހިފެހެއްޓުނެވެ. އޭނަގެ ލޯބިވާ އަންހެން ކުއްޖާގެ ހިތަށް ލިބޭ އެއްވެސް އަނިޔާއެއް ދެކެން ރެޔާންއަށް ކުޅަދާނައެއްނޫނެވެ. ރެޔާން މައިރާ އަތުލަފިކޮށްލައިގެން ހުރެ ގޮސް ގޮނޑި އަކާއި ހަމަވާ އިރަށް މައިރާގެ ވެސް ހަށިގަނޑުގައި ވަރުދޫވެގެން އެ އަތުގެތެރެއަށް ދެމުނެވެ. 

މައިރާ ކުރުގެޅިލައިގެން، ރެޔާންގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ ގިސްލަމުން ގޮސް އެންމެ ފަހުން ނިދުނީ ކަންނޭގެ އެވެ. މައިރާ ހިމޭންވިއެވެ. އެތައްއިރެއްވާންދެން ރެޔާން އާއި މައިރާ އެބެލްކަނީގައި އެގޮތަށް އެއްހިޔަނިފަދައިން އަނދިރީގެ ތެރޭގައި ދެމިތިއްބެވެ.

އައިމަންގެ މަރުގެ ޚަބަރު މައިރާ ނެގީ ވަރަށް ތަފާތުކޮށެވެ. ރެޔާން އެތައްވަރަކަށް އާދޭސްކޮށްގެންވެސް ކޮޓަރިން ބޭރަށް ނިކުންނަން މައިރާ އިންކާރު ކުރިއެވެ. މައިރާ ބޭނުންވީ އެއީ ނުވާކަމަށް ހެދުމަށެވެ. ބިރުވެރި ހުވަފެނަކަށް ވުމަށެވެ. ހަގީގަތެއްކަމަށް ގަބޫލުކުރަން މައިރާގެ ސިކުނޑި ދެކޮޅުހެދިއެވެ. ފައިސަލް އާއި އާއިލާގެ އެހެން މީހުންވެސް މައިރާއަށް ވިސްނައިދިނެވެ. ކެތްކުރަން ނަސޭހަތްތެރި ވެލެއްވިއެވެ. އެންމެ ފަހުން މައިރާއަށް އޭނަގެ ބައްޕަގެ ފުރާނަނެތް ހަށިގަނޑު ފެނުމުން ރުއިވަރާއި އޭނައަށް ވީވަރު ފެނުމުން އެތާ ތިބި އެންމެންގެ ލޯތަކުންވެސް ކަރުނަ އޮހޮރުވާލިއެވެ. މައިރާ މަސަލަސް ކުރުން ރެޔާންއަށް އުދަގޫވިއެވެ. ރެޔާންގެ އާދޭސްތަކާއި އެކު ޢަދަންވެސް ދެރަވެ ހިތުގައި ޖެހިފައި އިންނަތަން ފެނުމުން މައިރާއަށް މަޖުބޫރުވީ ހިނިތުންވެލުމަށެވެ. ދަރިފުޅަށް ޓަކައެވެ. ރެޔާންއަށް ޓަކައެވެ. ބައްޕަވެސް އެކަމަށް އެދިލައްވާފައި ވާތީއެވެ. ބައްޕައަށް ޓަކައި މިހާރު ހެޔޮ ދުޢާ ކުރުން ނޫންކަމެއް ނެތްކަން މައިރާއަށް ވިސްނުނެވެ. ކޮންމެ އިންސާނަކީވެސް މިފަނާވެދަނިވި ދުނިޔެދޫކޮށްފައި ދާންޖެހޭނެ ބަޔެއްކަމަށް ގަބޫލުކުރެވުނެވެ. 

އައިމަންގެ މަރަށް ފަހު އެގޭގައި ހިތާމައިގެ ސާލެއް އޮޅާލެވުނުއިރު އޭގެ އެންމެ ނުބައި އަސަރުކޮށް އެންމެ ބޮޑަށް ބަދުނާމުވި މީހަކީ ރާދާއެވެ. ސުލްތާނާ ވަގުތުން ރާދާއަށް އެންގީ އެގެއިން ނިކުމެގެން ދިއުމަށެވެ. ރާދާ އައުޒަމް ހާސިލުކުރަން މީހަކު ލައްވާ ހިންގި އަމަލެއް ކަމަށް އެތައްބަޔެއްގެ ކުރިމަތީގައި ސުލްތާނާ ބުނެ އެއްޗެހި ކިޔެވެ. ރޮއިރޮއި ހުރެ ރާދާ އެތަނުން ދިޔައީއެވެ. އޭނަގެ އެއްވެސް ކުށެއްނެތްކަން އެގޭއިރު ވެސް އައުޒަމް އެކަން މިފަދަ ހާލަތެއްގައިވެސް ބަޔާން ކުރަން ފަސްޖެހުނީތީ އައުޒަމް އާއި މެދުގައި ޝަކުވާއިން ހިތްފުރިފައި ހުރެއެވެ. އައުޒަމްގެ ސަބަބުން އޭނަގެ ޙަޔާތް ބަރުބާދުވެ ހަލާކުވެގެން ދިޔައިރުވެސް ޗުއްޕުވެސް ބުނެނުލާހުރެއެވެ. ދެވަނަފަހަރަށް އަދި ތިންވަނަ ފަހަރަށް ގެއިން ނެރެލިޔަސް އޭނަ އެހެން މީހަކު ބޭޒާރު ކުރުމުގެ ބަދަލުގައި ހިމޭންކަން ޚިޔާރު ކުރާނީ ކަންނޭގެ އެވެ. 

އައިމަންގެ ގައިގައި ގަސްތުގައި ކާރު ޖެއްސުމުގެ ތުހުމަތުގައި އަންވަރު ހައްޔަރު ކުރެވުނުކަން އެގުމުން ސުލްތާނާއަށް އެކަމުންވެސް ރާދާ އާއި މެދު ކުރެވުނު ޔަގީންކަން ވީ އިތުރެވެ. އަންވަރުއަށް ލާރި ދިނުން ރާދާއަށް ފަސޭހަވާނެއެވެ. އަންވަރު ގެ އެ ނުބައިކަމުންވެސް ބަދުނާމުވީ ރާދާއެވެ.

އައިމަން ނިޔާވިފަހުން ތިންމަސްވީއިރު އަނެއްކާވެސް އެ އާއިލާއަށް ކުރީގެ އުފާވެރިކަމާއި ހަމަޖެހޭ ދިރިއުޅުން އަނބުރާ ލިބިއްޖެއެވެ. ރާދާ އޭނަގެ މައިންބަފައިން ގާތަށް ދިޔަގޮތަށް މާލެ އަންނަން ޚިޔާލެއް ނުކުރިއެވެ. އެއީ ޔަގީނުންވެސް ސުލްތާނާއަށް ލިބިފައިވާ ހިތްހަމަޖެހުމެކެވެ. ނަމަވެސް އައުޒަމް ގެ ހިތާމަ އާއި ހިމޭން ކަރުނަ އާއި އެކަނިވެރިކަމުގެ ސަބަބުން އޭނަގެ ދިރިއުޅުމުގެ ހުޅުކޮޅު މަޑުމަޑުން ނިވެމުން ދަނީ އެވެ. އަމިއްލަ ވަޒަނަށް އެބުރި އައުމުންވެސް މާޒީގެ ފާފަވެރި ހިޔަނިތައް އޭނަގެ އުފާތައް ނިގުޅައިގެންފިއެވެ. އެއްވެސް އުޖާލާކަމެއް އެ މޫނުމައްޗަކު ނުހުރެއެވެ. މައިރާއަށް އެކަން ފާހަގަ ކުރެވެއެވެ. އެކަމަކު މައިރާވެސް އެގެއަށް ވަދެލަނީ މަދު ފަހަރެއްގައެވެ. މައިރާވެސް ބޮޑުބޭބެ އައުޒަމްގެ ހިތަށް އުފަލެއްދޭކަށް ބޭނުމެއް ނުވިއެވެ. އެމީހަކު ކުރިކުށެއްގެ އަދަބު ލިބެން ޖެހޭނެ ކަމަށް މައިރާ ނިންމިއެވެ. މައިރާއަށް ނޭގުނީ އޭނަ ހިތުން އެ ނިންމި ނިންމުމަކީ ހަގީގަތުގައި އޭނަގެ މުސްތަގުބަލުގެ އުފާތައް އަދި ޖަހައިގަންނާނެ ނިންމުމެއްކަމެވެ. އަދަބު ދިނުމަށްވުރެ މާފުކުރުމުގެ މުހިއްމު ވަރު އަދި މައިރާއަށް ވެސް ނުވިސްނުނީއެވެ.

ޢަދަން ގެ އުމުރުން އެންމެ ދިހަމަސްވީއިރު ހިނގައި، ދުވެ އުޅޭން ފަށައިފިއެވެ. އެހާ ލޯބިކޮށް ބަސްތައް ކިޔާލައެވެ. އިސްތަށިގަނޑުވެސް އޮންނަނީ ނުކޮށާ ދިގުކޮށްލާފައެވެ. އިސްކޮޅުލާފައި ހުރުމުން ދިހަ މަހަށް ވުރެ ބޮޑަށް ހީވަނީ ދެއަހަރުގެ ކުއްޖެއް ހެނެވެ. އެހެންވުމުގެ ސަބަބުން ޢަދަންއަށް އެސްފީނާޖެހޭ ވަރަށް ވެސް މީހުން އަޅައިގަނެގެން އުޅެއެވެ. ރެޔާންމެން ދުއްވާލަން ދިޔަސް މީހުން ޢަދަންއަށް ބަލާވަރުން މައިރާ ބިރުގަނެއެވެ. ކޮންމެ ދުވަހަކު މައިރާ ފަލަގުނާސި ސޫރަތްކިޔަވާ، ޢަދަން ގަޔަށް ފުމެފައި އެސްފީނާއިން ސަލާމަތްވުމަށް ދުޢާވެސް ކުރެއެވެ. ކޮންމެ ރެއަކުވެސް ކުރުސި ކިޔަވާފައި ޢަދަން މާތް ﷲ އާއި ވަކީލުކުރުމަށްފަހު ނޫނީ މައިރާ އަކަށް ނުނިދެއެވެ. ރެޔާން އާއި މައިރާ ދަރިފުޅަށް ޓަކައި ފިދާވަމުން ދިޔައެވެ. ޢަދަން ބޭނުންވި ކޮންމެ ކަމެއް ދެމަފިރިން ކޮށްދެނީ ފަސްޖެހިލުމަކާއި ނުލައެވެ. ރޭގަނޑު ދަންވަރު ބަގީޗާ ތެރެއަށް ނޫނީ ކާރުދުއްވާލަން ދާން އެދުނަސް ރެޔާން އެކަމެއްވެސް ފުރިހަމަކޮށްދެއެވެ.

މައިރާ ދަރިފުޅު ނިންދަވާލުމަށްފަހު އަޔާނާ އާއި ޙަވާލުކޮށްލާފައި ރެޔާން އާއިއެކު ޓެރެސްއަށް އެރީ ހަނދުވަރުގެ ރީތިކަން ދެކިލުމަށެވެ. ހަނދު އޮރެންޖް ބޯޅައެއްހެން އުޑުގައި ރަނިކަން ކުރަމުން ދާއިރު ޗާލުކަމުން ދެކޭ މީހުން މޮޔަކުރުވާނެއެވެ. ރެޔާން އާއި މައިރާ އަތުގުޅުވާލައިގެން ގޮސް އިށީނީ ޓެރެސްގައި އެލުވާފައިވާ އުދޯއްޔެއްގައެވެ. ރެޔާންގެ ލޯބިން ފުރިގެންވާ ވާހަކަތަކާއި ގޯނާތަކުން ދޭތެރެ އަކުން މައިރާއަށް ހީގަނެވެއެވެ. 

"ރެޔާން ގަނޑާ. ދެން ނޫނެކޭ...." މައިރާ ހެދުން ރީތިކޮށްލަމުން އިސްތަށިގަނޑު ރަންކުލައިގެ ވޫލްކޮޅަކުން އައްސާލައިފިއެވެ. ރެޔާން ކުރާ އެއްވެސް ކަމަކަށް ނޫނެކޭ ބުނަން ބޭނުންނުވާއިރުވެސް ވަގުތާއި ހާލަތުގެ ސަބަބުން މައިރާއަށް އެއްބަސްވާކަށް ނުކެރުނެވެ. ރެޔާން އަނެއްކާ އެ އިސްތަށިގަނޑުވެސް މޮހާލައިފިއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅި ތަކާއި އެކީ ގައި އެ ފަންގަނޑެއްފަދަ އިސްތަށިގަނޑު އުދުހެން ފެށިއެވެ. ހަނދުވަރުގެ ރިހިއަލީ ގައި މައިރާގެ ދޮންކަމާއި، އަޅި ލޯފެންނަލެއް ފުރިހަމަ ކަމުން ހީވަނީ ޓެރެސްއަށް ތިރިކޮށްލާފައިވާ ކުޑަ ޕަރީއެއް ހެންނެވެ. ރެޔާން ހަދާންވީ މައިރާ ކުޑައިރު ހުންނަގޮތެވެ. އޭނަ ލޯބިން ތަމްބްލީނާ ފަދަ ނަންތައް ގޮވާ އުޅުނު ދުވަސްވަރެވެ. ކާޓޫނު ތަކުން ފެންނަ ބޮޑެތި ދެލޯލާފައި، ރަތް ތުންކޮޅު ލާފައިވާ ޕަރީންނެކޭ ނާޒުކް ނާޒުކް މައިރާ ތަފާތެއް ނެތެވެ.

"ހަނދުވަރުގެ އަލީގައި ދެކިލާހިތްވަނީއޭ މަގޭ ސްވީޓްނެސް. ނޫނެކޭ ނުބުނެބަލަ....." ރެޔާން މައިރާގެ ކަނދުރާގައި އަތްބީއްސާލައިފިއެވެ. އެ އިނިގިލިތަކުގެ ފިރުމުންތަކުން މައިރާގެ ހަށިގަނޑުގެ ކުދިކުދިނާރުތައްވެސް ހަލަބޮލި ކުރުވަމުން ދިޔައެވެ.

"މީހަކަށް ފެނިދާނެއޭ ރެއިންބޯ..." މައިރާ ރެޔާންގެ ތަނަވަސް މޭމަތީގައި ދެއަތުން ތަޅާލަމުން އެއަތުގެ ތެރެއިން ނިކުންނަން އުޅުނެވެ.

ރެޔާންއަށް ވެސް މައިރާ އޭނަދެކެ ލޯބިވާ ވަރާއި އޭނަގެ ކޮންމެ އެދުމަކަށް ޓަކައި ފިދާވާވަރު އެގެއެވެ. ފިރިހެނަކަށް މިހާ ރަނގަޅު ބައިވެރިޔަކު ލިބޭނެ ކަމަށް ރެޔާން ގަބޫލެއް ނުކުރެއެވެ. އަދި މިފަދަ ހާމަތަނެއްގައި ވަކި ހައްދެއް އޮންނަން ޖެހޭނެ ކަމަށް ރެޔާންވެސް ގަބޫލުކުރެއެވެ. ނަމަވެސް ބައެއް ފަހަރު ރެޔާންގެ ނުކިޔަމަންތެރި ހިތްވެސް ބޭނުން ވަނީ އެފަދަ ސިޔާސަ ކަމެއް ކޮށްލުމަށެވެ. އެވަގުތު ޝަމާއިލް ގުޅުމުން މައިރާ ފޯނު ނެގިއެވެ. މައިރާ ދެލޯ ބޮޑުކޮށްލާފައި ބިރުން ހުރި ގޮތަކަށް އަނގަޔަށް ހަދާލައިފިއެވެ. އެ ރީތި މޫނުގައިވިހާ އުފާވެރިކަމެއް ވަގުތުން ފިލައިގެން ހިގައްޖެއެވެ.

"ކިހިނެއްވީތަ ބޭބީ..." މައިރާއަށް ވީގޮތް ފެނުމުން ރެޔާން މައިރާ އަތުތެރެއަށް ލިއެވެ.

"ދޮންބެގެ ފޯނެއް...." މައިރާ އެއްޗެކޭ ބުނަން އުޅުނީމަ ރެޔާން ފޯނު އަތުލާފައި ކަންފަތުގައި ޖެއްސިއިރު އޭނަ ހުރީ ހިތްހަމަނުޖެހިފައިކަން އެ މޫނުމަތިން ރީތިކޮށް ފެންނަން ހުއްޓެވެ. އަދުން ކުލައިގެ ގަދަ ބުމަ ގޮށްޖަހާލާފައި ލޯހަނިކޮށްލައިގެން ހުރިގޮތުން މައިރާއަށްވެސް ރެޔާން ރުޅި އައިވަރު އެގުނެވެ. ރެޔާން އޭނަގެ ދޮންބެ އާއި ދިމާލަށް ބުނެލި ޖުމްލަތަކުންވެސް މިރޭ މައިރާއަށް އިހުސާސް ކުރެވުނީ ރެޔާން އޭނަ އާއި އަޅާލާވަރެވެ. މައިރާގެ ލޮލަށް ކަރުނަ އައީ އުފަލުންނެވެ.

"ޝަމާ. ކިހިނެއްވެގެންތަ ތިއުޅެނީ. ކޮންމެ ކޮންމެ ވާހަކައެއް މޭއި ގާތު ތިހެން ދެއްކިގެން ނުވާނެއްނު. ކީކޭ ކިޔައިގެން ޝަމާ ތިވަރަށް މޭއި ބިރުގެންނެވީ. އަހަރެންނަށް ގުޅާފައި ނުބުނެވުނީ ކީއްވެތަ؟ ޝަމާ. ޕްލީޒް ދެން މިކަންތައް ތަކުރާރު ނުކުރައްޗޭ...." 

ކޮމެންޓް 0