އެކަމަކު މިފަހަރުވެސް މައިރާއަކަށް ކާމިޔާބެއް ނުވިއެވެ .މޯނާ އާދައިގެމަތިން ޖޭސްމިން އުއްބައްތިތައް ރޯކޮށްލުމަށްފަހު މަޑުމައިތިރިކަމާއިއެކު ސިޑިން ފައިބައިގެން ހިގައިގެންފިއެވެ. މައިރާ އިރުކޮޅެއްވަންދެން ޚިޔާލެއްގައި ހުރުމަށްފަހު ތިރިއަށް ފޭބިއިރު ސުލްތާނާ އިނީ އަލްބަމްތަކެއް ހުޅުވާލައިގެން މާޒީ ހަނދާން ކުރުމުގައި، ގެއްލިފައެވެ. މާމަމެންގެ ޒުވާންއިރުގެ ފޮޓޯތަކާއި ދަރިން ކުޑައިރު ނަގާފައިވާ ފޮޓޯތައް ފެނުމުން މައިރާވެސް ޝައުގުވެރިވިއެވެ. އެންމެ ފަހުން މައިރާ ގެ ލޮލުގައި އަޅައިގަތީ މާމަގެ ދަރިއެއް ކަމަށްވާ އައުޒަމްގެ ފޮޓޯތަކެވެ. އައުޒަމްވަނީ ޒުވާން އުމުރު މިދުނިޔެއާއި ވަކިވެގެންގޮސްފައެވެ .ސުލްތާނާ މިއަދު މައިރާ ގާތުގައި ދުވަހަކު އޭނަ ނުބުނަން ހުރި ސިއްރެއްވެސް ބުނެލައިފިއެވެ. އައުޒަމް މަރުވީ މައިރާގެ މަންމަ ރާދާގެ ސަބަބުންނެވެ. އައުޒަމް އާއި އައިމަންގެ ދިރިއުޅުމާއި ކުޅެލި މީހަކީ ރާދާއެވެ. ސުލްތާނާ ބުނިގޮތުން އޭނަ ދުވަހަކުވެސް މައިރާގެ މަންމައަށް މާފެއް ނުދޭނެއެވެ. އޭނަގެ ދަރިފުޅުގެ ގާތިލަކީ އެއީއެވެ.
"ރާދާ ބުނިގޮތުން އޭނައާއި ހިތާވެގަތީ އައުޒަމް... އެކަމަކު މާމަމެން އެވާހަކަ ގަބޫލުކުރާނީ ކިހިނެއްތަ؟ އައިމަން މެޑިސިން ހަދަން ބޭރުގައުމެއްގައި ހުރިއިރު ރާދާ ބޭނުންވީ ރަށުގައި މަޑުކުރަން... ވެދާނެ އައުޒަމް ގާތުގައި އުޅެން ބޭނުންވެގެންކަމަށް... އޭނަ އަބަދު އައުޒަމްއަށް ގޮވަގޮވާފައި ކޮންމެވެސް ކަމެއްކުރުވާނެ... ތިމަންނަ ފޫހިވަނީއޭ ކިޔާފައި ރާޒުވާ ކުޅެން ގެންނާނެ... އަބަދު އައުޒަމްއަށް ގޮވާތީ މާމައަށްވެސް އުނދަގޫވާވަރުވޭ... އަދި ގޭތެރޭގައި ލައިގެން އުޅުނީ ކުރު ޓައިޓްކޮޅާއި ބަނޑު ފެންނަކަހަލަ ހެދުން... އެވަރުން ދަންޏާ ޅިޔަނުންގެ ލޮލުގައިވެސް އަޅައިގަންނާނެ... ރާދާއަކީ ރަގަޅު އަންހެނެއްނޫން... ނަސީބެއް މާމަ ދަރިންނަށް އޭނަގެ ސުންޕާ ހިޔަނި ނޭޅުނުކަން... އެންމެ ފަހުން... ރާދާ މާމަގެ ދަރިފުޅުގެ ބޮލުގައި އެޅުވީ ކޮންފަދަ ނުބައި ބަދުނާމެއް.... އައުޒަމް ލަދުން ކަން ނޭގޭ....އޭނަ...." ސުލްތާނާ ލޮލުގައިވާ އައިނު ނަގާފައި ލޯ ފޮހެލައިފިއެވެ. މައިރާއިނީ ބަސްހުއްޓިފައެވެ. އެއްބަނޑު އެއްބަފާ ދެބެއިން އެކަކާހެދި އުޅުމަކީ މާރީތި ކަމެއް ނޫނެވެ. އަދި އައުޒަމްއަށް އޭނަގެ ބޭބެގެ އަންހެނުންކަން އެނގިހުރެ އެކަހަލަ ކަމެއް ކުރީ ކީއްވެހެއްޔެވެ؟ ހާދަ ދެރައެވެ. މާމަ ލައްވާ އިތުރަށް އެވާހަކަކިޔުއްވާކަށް މައިރާއަކަށް ނުކެރުނެވެ. ނަމަވެސް އެއީ ކޮންކަމެއްކަން މައިރާ އަށް މުޅިން ޔަގީން ނުވިޔަސް ޝައްކެއްވި އެވެ.
"އިޓްސް އޯކޭ މާމާ.. އިޓްސް އޯކޭ..."މައިރާ މާމަގެ ގައިގާ ބައްދާލަމުން ހިތްވަރުދިނެވެ. އަމިއްލަ ދަރިއަކު ޒުވާން ޢުމުރު ނިޔާވެގެން ދިއުމަކީ މަންމައަކު ދެކޭނެ އެންމެ ބިރުވެރި ހުވަފެނެވެ. އައިމަންވެސް ހާދަ ދެރަވާނެއެވެ. އަދިވެސް އަމިއްލަ ނަފުސަށް މާފުނުދީ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު ވަޅުޖެހިފައިއޮތް ސިއްރެއް މައިރާއަށް އެނގިއްޖެއެވެ. އޭނަގެ މަންމަގެ ލޯބިވެރިޔަކަށް މިވީ ދުރުމީހެއް ނޫނެވެ. ޅިޔަނެވެ. ހާދަ އެހެންކަހަލަ ލޯބީގެ ވާހަކައެކެވެ.

މައިރާ ފެންވަރާލައިގެން ނުކުތީ ގައިގާ ތުވާލި އޮޅާލައިގެންނެވެ. ކުޑަދޮރުގެ ފަރުދާތައް ދަމާފައި ހުއްޓަސް އެ ފަރުދާތައް ފުރާނާލާފައި އިރުގެ އަލި ދޯދިތައް ފަތުރާލާފަވެއެވެ. މައިރާގެ އެކުވެރި ޒޭނާ ކޮޓަރީގެ ތަންތަން ހާވާ އަލަމާރީގެ ވަތްގަނޑުތަކަށް ދާންދެން ދަމާ ބުރުއްސަމުންދިޔައިރު މައިރާ އަޅާނުލާ އިނީ،އޭނައަށް މުހިއްމު އެއްޗެހި ތަޅުލީތަންތަނަށް ލާފައި ފޮރުވާފައިވުމުގެ ސަބަބުންނެވެ. ޒޭނާ އާއި މައިރާގެ އުމުރު އެއްވަރެވެ. ނަމަވެސް ޒޭނާ ގެ އުޅުން ކުޑަކުއްޖެއްފަދައެވެ. ޒޭނާ އަމިއްލައަށް އެއްވެސް ކަމެއް ނުކުރެއެވެ. އޭނަގެ ބޯ އޮމާންކޮށްދީ ނިޔަފަތިކަޑާދެނީ ވެސް މަންމައެވެ. އަނގައިގާ ލަވާދިނީމަ ނޫނީ ޒޭނާއަކަށް ނުކެވޭނެއެވެ. ނަމަވެސް އެކަންތައް އެނގެނީ މައިރާފަދަ ޚާއްސަ ކުދިންނަށެވެ. ޒޭނާގެ އާއިލާ ރާއްޖެއިން ބޭރުގައި އުޅެފައި މާލެއައިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މި ދުވަސްކޮޅު މައިރާ އާއި ޒޭނާގެ ވަނީ ގާތްގުޅުމެއް އުފެދިފައެވެ. އަދި މައިރާ ދާދި ފަސޭހައިން ޒޭނާގެ މިޒާޖު ދަސްކުރިއެވެ. ދެކުދިން އުޑާއި މިބާހާ ތަފާތު ނަމަވެސް ގުޅުން ރަގަޅުވެފައިވަނީ މައިރާގެ ހިތްހެޔޮކަމާއި އެކީގައި އުޅެން ފަސޭހަކަމުންނެވެ. ދީލަތިކަމުންނެވެ. ޒޭނާ ކޮންމެފަދަ ކަމެއްކުރިޔަސް މައިރާ އަޅާނުލާވަރުންނެވެ.
މައިރާ އެނދުމަތީގައި އިށީނދެ އެ އޮމާން ފައިގާ ކްރީމްލާން ފެށިއިރުވެސް އޭނައިނީ ޚިޔާލެއްގައެވެ. ކުއްލިއަކަށް ޒޭނާ ކުޑަދޮރުތައް ހުޅުވާލާފައި ފަރުދާތައް ކަހާލިކަމެއް މައިރާއަކަށް ނޭގުނެވެ.
"ކީކޭ..."ޒޭނާ އެއްޗެކޭ ބުނިހެން ހީވެގެން މައިރާ އިސްއުފުލާފައި ބަލާލިއިރު ރެޔާންވެސް ތުވާލި އަނދެލައިގެން ހުރެ ބެލްކަންޏަށް ނުކުތީއެވެ. މައިރާ އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ދުވެގޮސް ފަރުދާތައް ދަމާލައިފި އެވެ.
"ޒޭނާގެ ކަންތަކޭ...އަހަރެން ނޭކެޑްކޮށް ހުއްޓާ ހަމަޖެހިލައިގެން މި ބޭބީ ކުއްޖާ ދޮރުހުޅުވާލައިފިއެއްނު..."މައިރާ އަވަހަށް ޓީޝާޓް ބޮލުން ވައްޓާލިނަމަވެސް ރެޔާންގެ އެ ރީތި ފުންދެލޮލުގެ ޖާދޫގެ ސަބަބުން ކުރި އަސަރުތައް މުޅި ހަށިގަނޑުގައި ފެތުރެމުންދިޔަ އެވެ. މޫނު އެކީގައި ރަތްކޮށްލާ ހިތް އެތައްގުނަ އަވަސްކުރުވިއެވެ. އިނގިލިތައްވެސް ތުރުތުރުއަޅައެވެ. އެ ތޫނު ދެލޮލުން އޭނަގެ ގައި އެކްސްރޭކޮށްލިހެން އެ ސިކުންތުކޮޅުހީވިއެވެ. ލާނެތް ، މާނަވީ ހިނިތުންވުމެއް ރެޔާންގެ ތުންފަތްމަތީގައިވި އެވެ.
"ދެން ރެޔާން އާއި ދެމީހުން މެރީކުރަން އުޅޭއިރު އެއީ މައްސަލައެއްނޫނެއްނު..ނޭކެޑްތަ؟ މުޅިގައިގާ ތިއޮތީ ބޮޑު ތުވާއްޔެއްނު މައިރާ ގަނޑާ... އަހަރެމެންވެސް ފެމިލީ ފިރިހެންކުދިން ކުރިމަތީގައި މިއުޅެނީ ސޯޓްކޮޅާއި ޓޮޕްގައި... އަތާފައި ފެނުމީމަ މައްސަލައަކީތަ؟" ޒޭނާ ހީލާފައި ފަރުވާކުޑަގޮތަކަށް ބުނެލިތަނުން މާމަ ގޮވަން ފެށުމުން އެވާހަކަ ހުއްޓުނެވެ. މައިރާ ވިސްނަމުން ދިޔައީ ރެޔާންގެ ރީތިދެލޮލާއިމެދުގައެވެ. އެ ފުރިހަމަ ހަށިގަނޑާއިމެދުގައެވެ. ރެޔާންދެކެ ލޯބިވުން ހުއްޓާލާނެ ގޮތަކާއިމެދުގައެވެ. އެ ހަނދާންތައް ހިތުން ފިލުވާލާނެ ގޮތެކެވެ.

އައިޒާން ސިއްސައިގެންގޮސްފާ ބިރުވެރި ހުވަފެނަކުން ހޭލެވުނުއިރު ހަށިގަނޑުވަނީ ފިނި ދަލަކުން ތެމިފައެވެ. ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ކަރަންޓު ނެތުމުގެ ސަބަބުން ފުދޭވަރަކަށް ހޫނުވެ ދާހިއްލީކަން ނޭގެއެވެ. ނަމަވެސް މިއީ ދުވަހަކުވެސް އޭނައަށް ދިމާވި ގޮތެއްނޫނެވެ. ކިތަންމެ ހޫނުވިޔަސް މިގޮތަށް ދަލެއް ނުހިއްލާނެ އެވެ. އެ ފެނުނު ހުވަފެނުގައި ހީނުކުރާފަދަ ބިރުވެރިކަމެއްވީކަން އައިޒާންއަށް އެގުނެވެ. ހުވަފެނުގައި މައިރާ އަނިޔާ ލިބިފައިވާ ކުއްޖެއްގެ ސިފައިގާ އެ ފެނުނީ ކީއްވެހެއްޔެވެ؟ މައިރާއަށް ކޮންމެވެސް ހާދިސާއެއް ދިމާވީއެވެ. ނަމަވެސް ސީދާ ކޮންކަމެއްކަން ޔަގީނެއް ނުވިއެވެ. ހަނދާނެއްވެސް ނުވިއެވެ. އައިޒާން ފޯނުން އަލިކޮށްލައިގެން ގަޑިބަލާލިއިރު ދަންވަރު ދޭއްޖެހީ އެވެ. އައިޒާން އުއްބައްތި ދިއްލާލިއިރުވެސް އިނގިލިތައް ތުރުތުރުލަމުން ދިޔައެވެ. އެއާއިއެކު ވަށައިގެންވާ އަނދިރީގެ ގަދަ ފަރުދާ ކެހިގެން ހިގައްޖެއެވެ. އުއްބައްތީގެ ރަތްއަލީގައި އައިޒާން ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަންހުރީ ހިތާމަވެރި ގޮތަކަށެވެ. ހޭވިފައިވާ އިސްތަށިގަޑާއި ބަރު އެސްފިޔަތަކާއިއެކު އެ ރީތިމޫނުގައި ހީވަނީ ހުރިހާ ހިތާމަތަކެއް ޖަމާވެފައިވާހެނެވެ. އުއްބައްތީގެ ސަބަބުން އެ ކަނޑެއްފަދަ ފުންދެލޯ ދައްކަމުން ދިޔަލެއް ކުރިއަށްވުރެ ކަޅުވެފައި ފުނެވެ.
"މައިރާ... ކޮންތާކު ތިއުޅެނީ... އަހަންނަށް ހާދަ ލޯބިވެވިއްޖެ... ބުނެދޭންވެސް ނޭގޭވަރަށް ލޯބިވަން... އަހަންނަށް ނޭގޭ ކޮންދުވަހަކު ކޮންއިރަކުކަން މައިރާ އަހަންނަށް ލިބޭނީ. އެކަމަކު އަހަރެން މަސައްކަތްކުރާނަން. މިދުނިޔެއިން ތިނޫނީ ބޭނުންވާ އެއްވެސް ކަމެއްނެތް.." އައިޒާން މަޑުމަޑުން ކިޔާލިއެވެ. ޖެހެމުންދާ ވައިރޯޅިތައް އޭނަގެ މި މެސެޖް ހިފައިގެން ދާނެނަމައެވެ. އައިޒާން އިސް ޖަހާލައިގެން ހުރެ މައިރާގެ ފޯނަށް ގުޅަން މަސައްކަތްކުރިއެވެ. މައިރާ ގެ ފޯނުވަނީ ނިވާލާފައެވެ. މައިރާއަށް މި ދަންވަރު އުނދަގޫކުރަން އޭނަ މޮޔަވީހެއްޔެވެ؟ އައިޒާން ކަންނެތްގޮތަކަށް ހިގާލާފައި ގޮސް ފާޚާނާއަށް ވަދެ މޫނުދޮވެލުމަށްފަހު ކޮފީތައްޓެއް ހިފައިގެން އައިގޮތަށް އެ އުއްބައްތީގެ އަލީގައި ކުރަން ފެށި މަސައްކަތަކީ އޭނަ ޕެއިންޓް ކުރަމުން އައި މައިރާގެ ތަސްވީރު ފުރިހަމަ ކުރުމެވެ. އުއްބައްތީގެ އަލީގައި މައިރާގެ ތަސްވީރު ފެންނަލެއް ވަކިން ރީތިކަމުގައި އައިޒާންއަށް ހީކުރެވުނެވެ. އައިޒާން ތަސްވީރުގައި ބޮސްދިނެވެ. އެ ތަސްވީރު ފުރިހަމަ ކުރުމަށްފަހު ނިދާ ކޮޓަރީގެ ފާރުގައި ތަތްކޮށްލުމަށްފަހު އައިޒާންއަށް އެ ތަސްވީރަށް ބަލަހައްޓައިގެން ގެއްލިފައި އޮވެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭގެއެވެ.

އައިޒާން އޮފީހަށް ދާންވެގެން ތައްޔާރުވެ ސައިހެދިއެވެ. ގޭގައި އުޅުނުއިރުވެސް އައިޒާން އަމިއްލައަށް ތެދުވެ ކާއެއްޗެއް ތައްޔާރު ނުކުރަންޏާ ނާސްތާއެއް ލިބޭނީ ދިހައެއް އެގާރަޖަހާއިރުއެވެ. އައިޒާން ގަމީހާއި ކަޅު ފަޓްލޫނެއްގައިހުރިއިރު އޭނަ ފެންނަލެއް ސްމާޓްވެފައި ކުރިއަށްވުރެ ރީއްޗެވެ. ޓައީ އަޅާލުމުން ފިރިހެންވެރިންގެ ރީތިކަން ފުރިހަމަވެއޭ އެބުނާ ބުނުން އައިޒާންއަށްވެސް ތެދެއްކަމަށް ގަބޫލުކުރެވުނީ އޮފީސް އަންހެންކުދިންގެ ސަމާލުކަން ލިބޭ ވަރުންނެވެ. އައިޒާން އޮފީހަށް ވަދެގެން ދަނިކޮށް މައިރާ ގުޅުމުން ހައިރާންކަމެއް ލިބި އަވަހަށް ބޭރަށް ޖެހިލިއެވެ.
"ހޭއި... ކިހިނެއް؟ ކޮންތާކު؟ ކީއްވެ ޚަބަރެއް ނުވަނީ" އައިޒާން އެއްފަހަރާ އެތައް ސުވާލެއް ކޮށްލައިފިއެވެ. މައިރާގެ ރީތި އަޑު ކަންފަތުގައި ޖެހުމުން ހިތަށް ފިނިވެ ސިކުނޑިއަށް ބުނަން ނޭގޭފަދަ ލުއި ކަމެއް ލިބިއްޖެއެވެ. އެ ކޯލަށް އޭނަ ކެތްތެރިކަމެއްނެތި އިންތިޒާރުކުރާތާ ކޮން ދުވަހެއްހެއްޔެވެ؟މައިރާއަށް މެސެޖްކުރެވުނު އަދަދެއްވެސް ނޭގެއެވެ.
"އަހަރެން ކުޑަކޮށް ބަލިވެ މިއުޅެނީ... އަހަރެން ބޭނުން ޒާން އާއި ވާހަކަ ދައްކާލަން...އާޓިފިޝަލް ބީޗަށް އާދެވިދާނެތަ؟އަސްލު ބޭރަށް ދިއުން ފުދޭވަރަކަށް މަނާ... އޭރުން ބައްޕަމެން ކުރައްވާނެކަމެއް ޚިޔާލުކޮށްލާކަށްވެސް ނޭގޭ... އެންމެން ތިބެނީ ފާރައަށް... ފެންޑާއަށް ނުކުތަސް ނޭނގި ނުދާނެ...އެވަރުން ދެން ފާރަ ލާންޖެހޭތަ؟ ފީލްވަނީ ކްރިމިނަލްއެއްހެން... އެކަމަކު ބީޗުން ދިމާކޮށްލަންވީ ދޯ... ޒާން ފުރަތަމަ އެތަނުން ފެނުނު ފަހުން ބީޗްއަށް ވަރަކަށް ދެވޭ... ނޭގޭ ކީއްވެކަމެއް..." މައިރާ ނޭފަތް ދަމާލިއެވެ. އައިޒާންއަށް މައިރާ ރޯހެންހީވިއެވެ. ފޯނަކުން އެކަމެއް ޔަގީން ނުކުރެވޭނެއެވެ. އެހެނޭ ކިޔާފައި އަހާލަންވެސް އައިޒާން ފަސްޖެހުނެވެ.
"މާދަން ކޮލެޖް ނިންމާލާފައި ބީޗަށް އަންނަންވީނު..."މައިރާ ފޯނު ބޭއްވުމުން އައިޒާން ފޯނުގައި ބޮސްދިންއިރު އެ ރީތި ލޯވަނީ ތެމިފައެވެ. އޭނަފަދަ ބަދުނަސީބު ޒުވާނަކަށް މިފަދަ އެންމެ އުފަލެއް ދެއްވިކަމަށްޓަކައި ހެއްދެވިފަރާތަށް އޭނަ ޝުކުރުވެރިވިއެވެ. މައިރާ ލިބިއްޖެއްޔާ ދުނިޔެއިން އެކައްޗެއްވެސް އޭނަ ބޭނުމެއްނޫނެވެ.ދުނިޔޭގައި އޭނައަށްޓަކައިވާހާ އުފަލަކީ މައިރާކަމަށް އައިޒާންއަށް ވަނީ ހީކުރެވިފައެވެ.

ރެޔާން މިއަދު އޮފީހުން ބްރޭކެއް ނަގައިގެން އައިޒާންއާއި ބައްދަލުކޮށްލަން ދިޔައިރު އައިޒާން އުޅުނީ ބަދިގޭގައި ކޮންމެވެސް އެއްޗެއް ކެއްކުމުގެ މަސައްކަތުގައެވެ. މުޅިތަނުގައި ހިފާފައިވާ ކުޅުދިޔާވާފަދަ މީރުވަހުގެ ސަބަބުން ރެޔާންގެ ބަނޑުފުރިގެންދިޔައެވެ. އައިޒާން ހުރީ ހަމައެކަނި ސޯޓެއްގައެވެ. އިސްތަށިގަނޑު އޮތީ ހޭވިގެން މޫނަށް ފައިބާފައެވެ.
"ދެންމެ މޯނިން ވީތަ؟ އަހަރެން ހީކުރީ ޒާން ބަލިވީކަމަށް... އަނެއްކާ ގެއަށް ގާލްއަކަށް އިންވައިޓްކޮށްގެންތަ ތިއުޅެނީ... އެކަނި އުޅޭ ކުދިންނަށް ވަރަށް ޗާންސް ބޮޑުވާނެ" ރެޔާން ދިމާކޮށްލުމުން އައިޒާންގެ މޫނު ރަތްވެގެން ދިޔައެވެ. ރެޔާން ބަދިގޭ ކައުންޓަމަތީގައި އަތްބާއްވާލަމުން އެއް ބުމައަރުވާލިއިރު އެ ފުން ލޮލުގައި ލާނެތް ކަމެއްވިއެވެ. ސީރިޔަސް ކަމާއިއެކު ލާނެތްކަން ހުރުމަކީ އަންހެންކުދިން ރެޔާންދެކެ މޮޔަވާ އެއް ސަބަބޭ އައިޒާންގެ ހިތަށް އެރިއެވެ.
"ހެނދުނު ހޭނުލެވުނީމަ ސަލާމް ފޮނުވީ... މައާފުކޮށްދޭތި... ދެން ނުވާނެއެހެނެއް... ރެޔާންވެސް މިއަދު ދާންވާނީ މިގެއިން އެއްޗެއް ކައިގެން... މިއުޅެނީ އޮމްލެޓެއް އަޅާލަން... އަދި ކުޅިމަހާއި ރޮށިވެސް މީރުވާނެ... ރަގަޅަށް ނުކައި ހުންނަތާ ދެތިން ދުވަސްވީމަ ހިތަށް އެރީ ވަރަށް ގަދަޔަށް ކާލާނީއޭ... ހޫމް...ދެން... ގާލްސްއިންގެ އައިޑިއާ ދިނީމަ އަންހެންކުދިންވެސް މިގެއަށް ގެންނަ ހިތްވެއްޖެ... އެކަމަކު އަދި މީހަކު ނުވެފައި މިހިރީ..." އައިޒާން ހުނުމަކާއިއެކުގައި ރެޔާންގެ މޫނަށް ބަލާލީ ކުޑަކޮށް ރަކިވެފައި ހުރެއެވެ. ރެޔާން އާއިމެދު ތަފާތު ނަޒަރަކުން ދެކެވޭއިރު އެވަރަށް އިހުތިރާމްވެސް ކުރެވެއެވެ. އަމިއްލަ ޒާތީ ކަންތައް ހިއްސާކުރަން އުނދަގޫވެސް ވެއެވެ. ވެރިއެއްގެ ހައިސިއްޔަތުން އަދިވެސް ދެކެވެނީއެވެ. އައިޒާން ގެ ސިކުނޑިއަށް އެވަގުތު މައިރާ ވެރިވި އެވެ. އެ ތޫނު ހިތްކަތިލާލާފަދަ ދެލޮލުގެ ސިހުރުގައި ޖެހުނުގޮތަށް އައިޒާންގެ ހަނދާނުން އެންމެ ފަހަރަކުވެސް އެކުއްޖާ ފިލައިގެނެއް ނުދެއެވެ. ރެޔާން ގާތުގައި މައިރާދެކެ ލޯބިވާ ވާހަކަ ބުނަން ވީހެއްޔެވެ؟ އައިޒާން ޚިޔާލެއްގައި ހުރެފައި ހަތަރު ބިސް ތަޅާލުމަށްފަހު އޭނަ ކޮށާފައި ހުރި ސާމާނުކޮޅު އަޅާލައިފިއެވެ.
"ޕުއަރ ބޯއި.. އެކަމަކު ޒާން މިހާ މޮޅަށް ކައްކަން އެގެންޏާ އަންހެންކުދިން ކިހާ ރުހޭނެ... ޒާންގެ ސަބަބުން އަންހެނުންނަށްވެސް ކިހާ ފަސޭހަވާނެ..."ރެޔާން ސަމާސާގޮތަކަށް ބުންޏެވެ. ހަގީގަތުގައި އައިޒާންފަދަ އާދައިގެ ޒުވާނަކުގެ އުޅުން ގާތުން ފެނުމުގެ ފުރުސަތު ލިބުނީމަ ރެޔާން ހުންނަނީ ހައިރާންވެފައެވެ. ރެޔާން ކޮލެޖްގައި އުޅުނުއިރު އޭނަގެ އެންމެގާތް އެކުވެރިންގެ ގޮތުގައި ހިމެނިފައިވަނީ ތަންކޮޅެއް މުއްސަދި މީހުންގެ ދަރިންނެވެ. އަދި ކުޑައިރުއްސުރެ އޭނައަށް ދަސްވެފައިވަނީ މުއްސަދި ދިރިއުޅުމާއި އެކު މަންމަމެން ގަބޫލުކުރާ އުސޫލުތަކެވެ. މަންމަދެކޭގޮތުގައި ފިރިހެންކުދިން ބަދިގެއަށް ވަނުމަކީ އަޚުލާގީގޮތުން ރީތިކަމެއްނޫނެވެ. ނަމަވެސް މޮޅު ޝެފްއިންގެ ތެރޭގައި ފިރިހެނުންވާކަން އޭނަދަނެއެވެ.ކޮންމެގޮތެއްވިޔަސް އޭނަގެ ދިރިއުޅުން ހުރިގޮތުން އެތައް ހޮބީތަކެއް ގެންގުޅެމުން އައުމުގެ ސަބަބުން ބަދިގެއަށް ވަންނާނެ ވަގުތެއްނޯވެއެވެ. ކާގަޑީގައި މޭޒުމަތިން އެތައްވައްތަރެއްގެ ކާއެއްޗެއް ކާލުމުގެ ފުރުސަތު ލިބެއެވެ.ފްރިޖް ހުންނަނީ އަބަދު ބާވަތްބާވަތުގެ އެއްޗެހިން ފުރިފައެވެ.ދުވަހަކު ބަނޑުހައިވެގެން އަދި ބޭނުން އެއްޗެއް ނުލިބިގެން އުޅުނު ހަނދާނެއް ރެޔާންނުވެއެވެ.
"ރެޔާން ތިބުނީ ރަގަޅަށް...އަންހެނުން ޖޮބަށް ފޮނުވާލާފައި އަހަރެން ހުރެދާނަން ގެ ބަލަހައްޓަން..."އައިޒާން ތަވާއަށް ބިސްތައް އޮއްސާލަމުން ކުޑަކޮށް ހީލިއެވެ. އެވަގުތު ކައުންޓަމަތީގައި އޮތް އައިޒާންގެ ފޯނު ރިންގުވާން ފެށުމުން ރެޔާންއަށް އެދިމާލަށް ބަލާލެވުނީ ބޭއިޚުތިޔާރުގައެވެ. ޕްރިންސެސް މައިރާ އަރަން ފެށުމުން ރެޔާންއަށް ހީވީ އޭނަގެ ހިތުގެ ހިގުން ހުއްޓުނުހެނެވެ. ވަގުތުން މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ގޮސް އަތްމުށްކެވިގެން ދިޔައެވެ. އެތައް ޝުޢޫރުތަކުން ސިކުނޑި ފުނިޖެހުނެވެ. އެފޯނަށް އަމިއްލައަށް ޖަވާބުދީފައި މައިރާއަށް އިންޒާރެއްދޭން އެވަގުތު އޭނަގެ ޒަމީރު ބުނަމުން ދިޔައެވެ. އަދި އައިޒާންއަށް ވެސް އޭނަގެ ނުފޫޒާއި ބާރުގަދަކަމުން ކޮންމެފަދަ ކަމެއްކުރެވިދާނެކަން އަންގާދޭން ބޭނުންވިއެވެ. 

ކޮމެންޓް 0