އަމިއްލަ ފިރިހެން ދަރިފުޅު އެ ކޮޓަރިއަށް ގެންނެވިއިރު ބައްޕަ ވަނީ އެ އަންހެނާގެ ކަންތައް މާ ރަގަޅަށްވެސް އިޝްތިހާރުވާނެ ގޮތަށް ހަދާފައެވެ. ބައްޕަގެ އެނދުކޮޅުގައި އެލުވާފައިއޮތް ލޭސްފޮތިން ޑިޒައިންކޮށްފައިވާ އަންހެނެއްގެ ނިދާހެދުން ކޮންމެވެސް ވަރަކަށް ފެންނަން އޮތެވެ. އެނދުގެ ކުރިމަތީގައި ދަމާލެވިފައިވާ ތުނި މަދިރިގޭގެ ތެރެއިންވެސް ޝަމާއިލްގެ ލޮލުގައި އެ ހެދުން އަޅައިގަތެވެ. ބޮޑަށް ހީވާން އުޅެނީވެސް މަދިރިގޭގެ ބަޔެއްހެނެވެ. ނަމަވެސް ޝަމާއިލްގެ ތޫނު ލޮލަކަށް އޮޅުވައެއް ނުލެވޭނެއެވެ. ބައްޕަވެސް އެހާ ދަށް ފެންވަރަކަށް ވެއްޓިގަތީތީ ޝަމާއިލް ގެ ހިތަށް އަޖާބެއްފަދަ އަސަރެއްކުރިއެވެ. ކުޑަކޮށް ފެންކަޅިވިއެވެ.
"ދަރިފުޅާ.. ފައިސަލް ބޭބެމެން ބޭނުންވެލައްވާ މިއަންނަ ހަފްތާގައި ރެޔާން އާއި މައިރާގެ ކާވެނި ކުރުވަން... ރެޔާން އާއި އޮފީސް ކުއްޖަކާ އަޅުވާކިޔާތީ މައިރާ އެކަމާ ނުރުހުންވެގެން އުޅޭކަމަށް ވަނީ... އެކަމަކު ރެޔާންއަކީ އަންހެންކުދިން ބޭނުންވާ ހާ ސިފަތައް ހުރި ފިރިހެންކުއްޖަކަށްވީމަ އެފަދަ އަޑުތައް އެރިޔަސް އެއީ މައްސަލައެއް ކަމަކަށް ބައްޕަ ނުދެކެން.. ރެޔާންގެ އަމަލު ހުންނަ ގޮތުން އޭނަ މައިރާދެކެ ލޯބިވާކަން އެނގޭ... ކައިވެންޏަށްފަހު ރެޔާންގެ ގޯސްކަމެއް އޮތިއްޔާ ރަގަޅުކޮށްފާނެ... ޝަމާ ބުނަނީ ކީކޭތަ؟ " ޑޮކްޓަ އައިމަން ދެއްކި ވާހަކަތަކުން ޝަމާއިލްގެ ބޮލުގައިވާ ރިހުންވީ އިތުރެވެ.
"މޭއި ބައެއް ކަންތަކުގައި ވަރަށް ބޮޑާހާކާނެ... ނޭގޭ އަދި ތިކަމާ ބެހޭގޮތުން މޭއި ވިސްނާ ގޮތެއް.."ޝަމާއިލް އިސްޖަހާލައިގެން އިންގޮތުން އޭނަ ބޮޑު ފިކުރެއްގައި އިންކަން އެނގެއެވެ.
"އާނ ދަރިފުޅާ... ނަމަވެސް މައިރާ ގާތު ބައްޕަ ބުނިން އެ މަސާޖްޕާލާގެ ވެރިމީހާގެ ދަރިފުޅާއި ބައްދަލު ނުކުރާށޭ... އިއްޔެވެސް އެމީހުން ދިޔައީ ހުޅުމާލެއަށް... ފާފަތަކަށް އަރައިގަނެވޭނެފަދަ ގޮތަކަށް ބައްޕަގެ އަންހެންދަރިފުޅުގެ އުޅުން އެހެރީ... ދަރިފުޅާ... މިހެން ވާންވެއްޖެއްޔާ އަހަރެމެން ބަދުނާމުވެދާނެ... މި އާއިލާގެ ރީތިނަން ވެއްޔާއި މޮޑެވިގެން ހިގައިދާނެ... އެހެންވީމަ ބައްޕަ މިހިރީ މިފަހަރު މައިރާއަށް މަޖުބޫރުކޮށްގެންވެސް މިކަން ކުރުވަން..." ޑޮކްޓަ އައިމަން ގެ ވާހަކަތައް އިވުމުން ޝަމާއިލް އިނީ ބުނަންވީ އެއްޗެއްނޭގިފައެވެ. މައިރާ ހުޅުމާލެއަށް ދިޔައީ އޭނަ ދެނެހުރި ގޮތުން އިއުފާގެ އާއިލާއާއެކީގައެވެ. ވީއިރު މައިރާ ދޮގު ހަދަން ފެށީއެވެ. އެކަމަކު ބައްޕަ އާއިލީ ނަން ބަދުނާމުވެދާނެތީ އާއި ފާފަދެކެ ބިރުގަންނައިރު ހިލޭ އަންހެނުން ކޮޓަރިއަށް ވައްދާއިރު އެފަދަ ވާހަކަތައް ދައްކަން ޖެހިލުމެއްނުވެއެވެ. އަމިއްލަ ބައްޕައާއިމެދު ޝަމާއިލްގެ ހިތުގައި ޝަކުވާ އާއި ރުޅިވެރިކަން އުފެދުނެވެ. ބައްޕަ އަމިއްލައަށް ވިޔާނުދާ ގޮތްގޮތަށް އުޅެންޏާ ދަރިންނަށްވެސް ފެންނާނީ އެމަންޒަރެވެ. ދަރިން ވަކި ބައްޕަގެ ގަދަރާއި އިއްޒަތަށް ބަލަންވީ ސަބަބެއްނެތެވެ. މައިރާ ވެސް ހިގާނީ ބައްޕައާއި މަންމަ ދެއްކި މަގުންނެވެ. މަންމަވެސް ބައްޕައަށް ކެހި ދިނީއެވެ. މިހާރު ބައްޕަވެސް އެފަދަ ފާފައަކަށް އަރައިގަތީއެވެ. ޝަމާއިލްގެ ހިތުގައި ބައްޕަގެ ގަދަރާއި އިއްޒަތް މުޅިން ވެއްޓިގެން ހިގައްޖެއެވެ.
"ރެޔާން އަށް ވުރެ އެ ފިރިހެންކުއްޖާވެސް ރަގަޅުވެދާނެ... މީހެއްގެ އާއިލާއަކުން އަދި މީހާގެ ދީންވެރިކަމާއި ރަގަޅުކަމެއް ނުނިންމޭނެ ނޫންތޯ ބައްޕާ..."ޝަމާއިލް ތުންފަތުގައި ދަތްއަޅާލަމުން އެހެން ބުނިއިރު އޭނަގެ އަތް މުށްކެވުނެވެ. ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. މިހުރިހާ ދުވަހު އޭނަ ހީކުރީ އޭނަގެ އާއިލާއަކީ ހަގީގަތުގައިވެސް ޝާހީ ރަގަޅު ބަޔެއް ކަމަށެވެ. އިންސާނުންގެތެރޭގައި މަލާއިކަތުން ވަންޏާ އޭނަގެ މާމަ އާއި ބައްޕައަކީ އެފަދަ ބަޔެކެވެ. އެހާވެސް އޭނަ ގެ ގާތުގައި އެމީހުން މާތްވެފައި ފުރިހަމައެވެ. ނަމަވެސް ހަގީގަތުގައިވެސް މީހުން ކިޔާފަދައިން މިއާއިލާތެރޭގައި ކަޅު ސިއްރުތައް ފޮރުވިފައި ވެއެވެ. "ނާސި" އަންހެނުން އުފެދެނީ ހަމަ ފިރިހެނުންގެ ސަބަބުންނެވެ. ވީމަ ބައްޕައަށްވެސް އެހެންމީހުންގެ އެފަދަ ބަލިފައިގާ ހިފާދެމުމުގެ އެއްވެސް ހައްގެއް މިއަދު ލިބިފައިވާކަމަކަށް އޭނަ ނުދެކެއެވެ.
"ދަރިފުޅާ..އަހަރެން މިހިރީ މައިރާގާތުގައި ނުބުނެ އެ އައިޒާން ގެނެސް ވާހަކަދައްކާލަންކަމަށް... އޭނަ އެއްގޮތަކަށްވެސް މައިރާއާއި ކުފޫ ހަމަނުވާކަން އެންމެ ފުރަތަމަ ދެނެގަންނަންޖެހޭނީ ވެސް ބައްޕައަށް... ބައްޕަ އައިޒާންއާއި ބައްދަލުކުރީމަ އެނގޭނީ ދެން ހަދާނެގޮތެއް..." ޑޮކްޓަ އައިމަންގެ ނިތްކުރިއަށް ފުރަތަމަ ފަހަރަށް ކުދިރޫތައް އަރައިގެންދިޔައެވެ. ޝަމާއިލް އައިޒާންއާއި އެއްކޮޅަށް އެއްޗެކޭ ބުނަން އުޅެފައިވެސް ބައްޕަގެ މޫނުގެ ކުލަވަރު ފެނުމުން ހިމޭންވާން މަޖުބޫރުވިއެވެ. ޝަމާއިލް މިވީހާތަނަށް އޭނަގެ ބައްޕައަށް ކުރަމުން އައި އިހުތިރާމާއި ގަދަރުގެ ސަބަބުން މައިރާގެ މައްސަލައިގަ ދެކޮޅަށް ޖަދަލުކުރާކަށް ނުކެރުނެވެ. މައިރާވެސް ކުށްވެރިވެފައިވާތީއެވެ. ނަމަވެސް މައިރާ އައިޒާން އާއި ގުޅުން ބާއްވާނީ ރެޔާންއަށްވުރެ ހުރިހާ ގޮތަކުން އައިޒާން ރަގަޅުވީމަކަމަށްވެސް ވެދާނެއެވެ. އެ އައިޒާން އާއި ބައްދަލުކޮށްލަން ޝަމާއިލްވެސް ބޭނުންވިއެވެ.
"ބައްޕަމެން ނިންމަވާނީ ރަގަޅަށް..."ޝަމާއިލް ނިތްކުރީގައި ފިރުމާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ. އެ ދެއްކުންތެރި ހިނިތުންވުމުގެ ސަބަބުން އައިމަންއަށް އޮޅުވާލެވޭނެކަމަށް ހީކުރިޔަސް އައިމަން، ޝަމާއިލް ކޮންމެވެސް ކަމަކާއި އިންތިހާއަށް ހިތްހަމަނުޖެހިފައިވާކަން ދެނެގަތެވެ.

މައިރާ ޚިޔާލެއްނެތި ފަތާފެންގަނޑަށް ދެފައިލައިގެން އިނދެ ފައި ހަލުވަމުން ދިޔައިރު އަތުގައި ރަތްކުންނާރު ކޮތަޅެއް އޮތެވެ. މިއީ އިއުފާ ގެނެސްދިން ހަދިޔާއެކެވެ.ފަތާފެންގަނޑުގައިވާ ކުދި ބާނިތަކުގެ ސަބަބުން އޭނަގެ ސޫރަ ނަށަމުންދާ މަންޒަރު ބަލަންއިދެ މައިރާ ކުޑަކޮށް ހިނިތުންވެލިއެވެ.
"ހެލޯ ފަހަރި... ކޯޗެއްތިކަނީ... ޗެރީތަ؟"އީޝަލް އައިގޮތަށް މައިރާގެ ގައިގާ ހިފައިގަތުމުން މައިރާ ނުވެއްޓުނީ ކިރިޔާއެވެ.
"ހޫމް.... މިއީ ދިވެހި ޗެރީ ކުންނާރު... ބޭނުންތަ؟" މައިރާގެ ތުންފަތަށް އަރާފައިވަނީ ކުންނާރުގެ ރަތްކުލަ އެވެ.
"ބަލާލަބަލަ..އަހަންނަށް ނާންގާ ވެޑިން ޑޭޓް ފިކްސްކޮށް ހުރިހާ ކަމެއް ނިންމާލީނު.. އެކަމަކު ސިއްރެއްނުވާނެ އިނގޭ.. ކޮންގްރާ.." އީޝަލް ކުންނާރެއް އަނަގަޔަށްލާފައި ހުތްވިވަރުން ވަގުތުން ތެޅިގަނެގެން ކުންނާރު އެއްލާލައިފި އެވެ.
"އިޝޫ ތިކިޔަނީ ކީކޭތަ؟ އަހަރެން ނޫޅެން އެހާ އަވަހަށް މީހަކާއި އިންނާކަށް.. އުމުރުން އަށާރަ އަހަރުވީމަ އަދި އެހާބޮޑު ޒިންމާއެއް ނުއުފުލޭނެ.. ތީ އިޝޫގާތުގައި ކާކު ދެއްކި ވާހަކައެއްތަ؟ "މައިރާ ހީކުރީ އީޝަލް ސަމާސާއެއް ކޮށްލަނީ ކަމަށެވެ.
"މިވަރަށް ޑޭޓް ހަމަޖައްސާ ކާޑު ޑިޒައިންކުރެވޭއިރުވެސް މޭއިއަކަށް ނޭނގޭތަ؟ އެރޭ ބްރައިޑްއަކަށްވެގެން އިންނައިރުވެސް ގަބޫލެއް ނުކުރާނެ މީހެއްގެ ވައިފްކަމަކަށް ދޯ... ހެވޭދެން.. އަދިވެސް ސިއްރުކުރަން އުޅެނީ.. ފޮނި ފޮނި ފަހަރިއެއް.. ރަންކިޔަންވާނީ އެންމެން ސިއްސުވާލާފަދަ އަގުބޮޑު އެއްޗަކުން އިނގޭ... މިލިއަނަށްވުރެ ދަށްވެގެން ކަމަކު ނުދާނެ.." އީޝަލް ސަމާސާކުރަމުން، ދިމާކުރަމުން ދިޔައިރު މައިރާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހަގީގަތުގައި މިއީ ރެޔާންގެ ރޭވުމެކެވެ. އޭނައަށް އަންގާވެސް ނުލައި ކާވެނީގެ ކަންތައް ދެ އާއިލާވެގެން ހަމަޖައްސަމުން ދިއުމުގެ އަޑީގައި ހުންނާނީ ރެޔާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ވަރެއްގެ ފިރިހެނެކެވެ. އޭނަ ނުގަބޫލު ވެދާނެކަން އެނގޭތީ އޭނަ ކުރެން އަހާލުމަކީ ބޭނުން ކަމަކަށް ނުވިއެވެ. އޭނަގެ އަމިއްލަ ހަޔާތުގެ މިހާ މުހިއްމުކަމެއް، އޭނައާއި މަޝްވަރާކުރުމެއްނެތި ރޭވެމުންދަނީ އެވެ. އެންމެ ރަގަޅެވެ. އޭނައަށްވެސް ކުރެވިދާނެކަންތަކެއް ހުންނާނެއެވެ. މައިރާ އިނީ ހިމޭނުންނެވެ. އީޝަލްގެ ލާނެތް ސަމާސާތަކާއި ގަޔާވެގެން ކަމަށް ހެދިގެން ހުނެވެ. ނަމަވެސް ހިތާހިތުން އޭނައަށް ރޮވެމުން ދިޔައެވެ. ރުޅިގަދަވަމުން ދިޔައެވެ. ނަމަވެސް މައިރާ ބޭރު ފުށުން އެކަމެއް ނުދައްކައެވެ.

ކާކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލާފައި ހުރުމުން ކުޑަދޮރުތަކުގެ ތުނި ބިއްލޫރިތައް ފުރާނާލާފައި ދޯދިތައް ކޮޓަރިތެރެއަށް ފަތުރަމުން ދިޔައީ އަލިގަދަ ވޮށެއް ފަދައިންނެވެ. ކުޑަދޮރުން ބޭރުގެ މަންޒަރުތައް ފެންނަލެއް ވަރަށް ހިތްގައިމެވެ. ކުލަކުލައިގެ މާފޮޅޭގަސްތަކުގެ އިތުރުން ސުލްތާނާ އިންދާފައިވާ ހުސްނުހީނާ އޯކިޑް އަދި ހުވަނދުމާ ގަސްތަކުގެ މަލުން، ކޮޓަރިއަށް މީރުވަސް ފަތުރަމުން ދިޔައެވެ. ޝަމާއިލް ކޮފީތަށްޓެއް ބޯންއިންއިރު އަތުގައިވާ ނޫހުގެ ގަނޑުތައް އުކަމުން ދިޔައެވެ. މައިރާ ކާ ކޮޓަރިއަށްވަދެފައި ޝަމާއިލްއާއި އަނގައިން ބުނުމެއްނެތި ފްރިޖް ހުޅުވާލައިފިއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ތަބީއަތު ގޯސްވެފައި ހުރިހެނެވެ. މިފަހަކަށް އައިސް މައިރާ އެހެން އުޅުމަކީ އާކަމެއް ނޫންކަން ޝަމާއިލްއަށް އެނެއެވެ. ސަބަބުވެސް އެނގެއެވެ. އެވަގުތު ސުލްތާނާ ވެސް އެތަނަށްވަދެ މައިރާއަށް ގޮވާލިއިރު ސުލްތާނާގެ މޫނު އެހެން ދުވަހަށް ވުރެ ނޫރުގަދަހެން ހީވެއެވެ.
"ޒިޔާމާ ދައްތަ އުޅުނު ދަރިފުޅު ފޯނު ނިވާލައިގެން އުޅޭތީ ނުގުޅިގެން...އެގެއަށް ނާންނާތީވެސް އުޅުނު...ތިމާގެކަން ފިޔަވާ އަވަށްޓެރިކަމުގެ ގުޅުންވެސް ބާއްވަންވާނެއްނު ދަރިފުޅާ...ދައްތަ އުޅެނީ ދަރިފުޅުގެ ވެޑިން ހެދުން ފައްސަން މިން ޖަހަން ވެގެންކަމަށް މާމަ ގާތުގައި ބުނި... ހެދުން ފަހާދެނީ ފަރަންސޭސިވިލާތުގެ މޮޅު ޑިޒައިނަރެއް... މާމަ އަށް އެނގޭ ފައިސަލް ވަރުގަދަ ޕާޓީއެއް ދޭނެކަން.. އެކަމަކު މާމަ ހިތަށް ނާރާ ފެންވަރުގައި ރިޒޯޓުގައި ޕާޓީ ބާއްވަނީވެސް.. ރެޔާން ގެ ބައްޕަގެ މުއްސަދިކަން އެކަންޏެއްނޫނެއްނު އޭނައަށް ލިބިފައިވަނީ... އޭނައަކީ ބޮޑު ކުންފުންޏެއްގެ ވެރިއެއް.." މާމަ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި ބުނެލައިފިއެވެ. މައިރާ ތުންފިތާލާފައި ބޯ ހޫރާލިއެވެ. ދެން އާދައިގެ މަތިން ހިނިތުންވެލައިފިއެވެ. އޭނަ މަސައްކަތްކުރަމުން ދިޔައީ މާމަގެ މޫނުމަތީގައި ބަހެއްނުބުނެ ހުރުމަށެވެ. މިވީހާތަނަށް ދުވަހަކު އެ މާމަގެ ގަދަރުކުޑަވެ ހިތުގައިޖެހޭފަދަ ކަމެއް މައިރާކޮށްފައެއްނުވެއެވެ.
"މާމާ އޮރެންޖު ޖޫސް ހުސްވީތަ؟ އޯކޭ އޯކޭ މިވެސް ރަގަޅޭ މާމާ..."މައިރާ މޭވާ ވަށިގަޑުން މޭބިސްކަދުރު ކޯންޏެއް ނެގިއެވެ. ޝަމާއިލް މޫނުން ނޫސް އެއްފަރާތްކޮށްލަމުން މައިރާގެ މޫނަށް ސިއްރު ނަޒަރެއްދިނެވެ. ލޮލަކީ މީހާގެ ޖަޒުބާތުތައް އެންމެ ރީތިކޮށް ދައްކުވާދޭ ގުނަވަނެވެ. ނަމަވެސް އޭނަގެ ކޮއްކޮގެ އަޅި ދެލޮލުން އެއްވެސް ކަހަލަ އިހުސާސްތަކެއް ފާޅުވިޔަކަނުދެއެވެ. ވިދުންގަދަ އެ ދެ ލޯވެސް ހިނިތުންވަމުންދާފަދަ އެވެ.
"މައިރާ..ކައިގެން ދޭބަލަ އެގެއަށް..އެހާ ބޮޑުކަމެއް ހަމަޖެއްސިއިރުވެސް މާމަ ގާތުގައި މައިރާ ނުވެސްބުނި.."ސުލްތާނާ ދެއްކި ވާހަކައާއި މައިރާ ގަޔާނުވީތީ ސުލްތާނާ ކުޑަކޮށް ނުރުހުންވިކަން މޫނުމަތިން އެނގުނެވެ.
"އަޅުގަނޑު އެއްވެސް ކަމެއް ހަމަޖެއްސިނަމަ މާމާގާތުގައި ބުނެވިފައިކަންނޭގޭ އޮންނާނީ.. މީހަކާއި އިންނަންވީތަ؟ އެކަމަކު އަޅުގަޑު އިންނާނީ ފަގީރުކުއްޖަކާ..." މައިރާ މޭބިސްކަދުރުގެ ކޮޅު ކަނޑާލާފައި އެތެރޭގައިވާ މުއިކޮޅު ބޯލަމުން ޔަމީއޭ ބުނެލައިފިއެވެ. މިއީ މައިރާއަށް މޭބިސްކަދުރުކާން އީޝަލް ދަސްކޮށްދިންގޮތެކެވެ. މައިރާ ކާ ކޮޓަރީގެ ކުޑަދޮރުކާރީގައި ހުއްޓިބޭރަށް ބަލަންފެށިއިރު އެ މޫނުމަތިން ފެންނަނީ ހަމަޖެހިފައިވާކަމުގެ ކުލަވަރެވެ. މައިރާ ގުދުވެލާފައި އޯކިޑް މަލެއް ބިނދެލިއެވެ. އޭގެ ވަސްގަނެފައި ކުޑަކޮށް ނޭފަތަށް ގޮތެއް ހަދާލުމަށްފަހު ވަގުތުން އެ މާ އެއްލާލާފައި ގޮސް އަތްދޮވެލިގޮތުން ހީވީ ހަޑިއެއްޗެއް ހޭކިފައި ހުރީމަ މައިރާ އުޅުނު ގޮތްހެނެވެ. ޝަމާއިލް ހިނިއައެވެ. އޭނަ އަބަދުވެސް ހުދު އޯކިޑުގައި ނުބައި ވަހެއް ދުވާކަމަށް ކިޔާއިރު މައިރާ ބުނާނީ އެމަލުގައި މީރުވަހެއް ހުންނަކަމުގައެވެ. އެއީ ޝަމާއިލްއަށް އޮޅުވާލަން ބުނެ އުޅޭއެއްޗެއްކަން ޔަގީންވީއެވެ.
"ހަމަ ހިކަނދި ވަސް ދުވަނީ ދޯ..."ޝަމާއިލް ހޭންފެށި އެވެ. މައިރާ އޯކަށް ދަމަން ފެށުމުން ސުޕާރީ އުރައެއް ކަނޑާލައިގެން ކެއެވެ.
"ދޮންބެ ހިކަނދީގެ ނަންކީމަވެސް ހޮޑުލަވާ ގޮތްވެއްޖެ.. ދެން ބުނެބަލަ.. ދޮންބެވެސް މި ކަމުގައި ބައިވެރިވިންތަ؟ ބްރައިޑްއަށް ނޭގިތަ ހުރިހާ ކަމެއް ނިމިގެންދަނީ.. ދޮންބެ ބައްޕަގާތު ބުނެދީބަލަ މައިރާ ރެޔާންއަކާއި ނީންނާނެއޭ... އަޅުގަނޑު އިންނާނީ ހަމައެކަނި އައިޒާން އާ..."މައިރާ ގެ އެ ޖުމްލައިން ޝަމާއިލް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ސުލްތާނާ ހުރީ މޭޒުގައި އަތްޖައްސާލިގޮތަށް ކަޅިވެސް ޖަހާނުލައި އެ ދެބެންނަށް ބަލަހައްޓައިގެންނެވެ. ހީވަނީ މާމަ ކޮންމެވަގުތަކުވެސް އަބުރައިގެންފާނެހެނެވެ. މާމަ އެއްގޮތަކަށްވެސް މައިރާ އައިޒާންފަދަ ނާސި އަންހެނެއްގެ ދަރިއަކާއި ކާވެނިކުރަން ގަބޫލު ނުވާނެކަން ދުވާލުގެ އިރުފެންނަފަދައިން ޝަމާއިލްއަށް އެނގެއެވެ. ސުލްތާނާ ކޮޓަރިން ނުކުމެގެން ދާން ހިގައިގަތުމުން ޝަމާއިލް ދެރަވިއެވެ.
"މޭއި.. ދޮންބެއަށް އެނގޭ ކަންތައް ހިގާފައިވާގޮތް.. އެހެންވެ ބައްޕަމެންވެސް މަޖުބޫރުން ވެސް ރެޔާން އާއި ކޮއްކޮ ކާވެނިކުރުވަން އުޅެނީ.. ކީއްވެ ރެޔާންއަށް އިތުބާރުކޮށްގެން އެގެއަށް ދިޔައީ.."ޝަމާއިލްގެ އެ ޖުމްލައާއިއެކު މައިރާ ބަދިގޭގެ ދޮރުހުޅުވާލާފައި ނުކުތެވެ. އޭނަ ގަސްތަކުގެތެރެއަށް ވަދެގެން ދިޔަގޮތަށް ގަހެއްގެ ބުޑުމައްޗަށް ވެއްޓިގަތްއިރު އެލޮލުގައި ކަރުނަ ގިނަވެ ކޯތާފަތްމަތިން ދެމެން ފަށައިފިއެވެ. އޭނަ ކަންބޮޑުވެ ހާސްވީ ވަކިވަރަކަށް ބަލާފައެއްނޫނެވެ. ރެޔާން ދޮންބެ ގާތުގައި ބުނީކަން ޔަގީނެވެ. ރެޔާން ވީޑިއޯވެސް ކޮށްފާނެއެވެ. އޭނަ ކާވެނިކުރަން ދެކޮޅުހަދައިފިނަމަ ވީޑިއޯ ލީކްކުރަން ވިސްނަފާނެކަން ނޭގެއެވެ. އޭނައާއި ރެޔާން އެކީގައި ނަގާފައިވާ ފޮޓޯތައް ވެސް ބޭޒާރުކޮށްލަފާނެކަން ނޭގެއެވެ. އޭނަ އެވަރަށް ލޯބިވި ރެޔާން ގެ މިޒާޖު މިވަރަށް ބަދަލުވީތީ ހައިރާންވިއެވެ. ރެޔާންއާއިމެދު އެންމެ ނުބައިކޮށް ވިސްނުމަށްފަހު މައިރާ ވަކިން ބޮޑަށް ރެޔާންދެކެ ރުޅިއައެވެ. އަމިއްލައަށް އޭނަ ލޫޓުވާލުމަށްފަހު މީހެއްގެ ގާތުގައި ނުބުނާށޭ ކިޔާފައި އެތައްވަރެއްވިމީހާ އެހެރީ މުޅި އާއިލާއަށް އޭނަ ބޭޒާރުކޮށްލައިގެންނެވެ. މައިރާ ބިރުން ކަކޫމޭގައި ޖައްސާލައިގެން އިންއިރު ހަދަންވީގޮތަކާއިމެދު ވިސްނަމުންދިޔައެވެ.

އައިޒާން ތައްޔާރުވެ ނިމުނުއިރު އޭނަ ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ކަޅުކުލައިގެ ޖިންސަކާއި އަތްދިގު ގަމީހެއްލައިގެން އިސްތަށިގަޑު މައްޗަށް އޮމާންކޮށްލާފައިހުރިއިރު ވިސްނުންތެރިކަމާއި ހަރުދަނާ ގޮތެއް މޫނުމަތިން ފެނެއެވެ. އައިޒާން ހުރީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. މައިރާގެ ބައްޕަ އޭނައާއި ބައްދަލުކުރަން ބޭނުންވާ ސަބަބެއް އައިޒާންއަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ބަރާބަރު ގަޑިއަށް އޭނަބަލާ ކާރެއްއައެވެ. އެއީ ޕްރައިވެޓް ކާރެކެވެ.

ކާރުތެރޭގައި އައިޒާންއިނީ ހިމޭނުންނެވެ. ސިކުނޑީގައި އެތައް ބައިވަރު ކަންތަކެއް އެއްފަހަރާ ފުނިޖެހެމުން ދިޔައެވެ. ކިތަންމެ ވަރަށް ހަމަޖެހެން މަސައްކަތްކުރިނަމަވެސް އޭނަ ހާސްވެފައިއިންވަރު އެ ތަނަވަސް ނިތްމަތީގައި މުތީތަކެއްފަދައިން ވިދަމުން ދިޔަ ދާތިކިތަކުން ދައްކުވާދެއެވެ. ކާރު ސެވެންސްޓާ ހޮޓަލެއްގެ ޕާކުކުރަން ހަދާފައިވާތަނުގައި މަޑުކޮށްލުމުން އައިޒާންއަށް ކުޑަ ހައިރާންކަމެއް ލިބުނަސް ޑްރައިވަރާއި އިތުރު ސުވާލުކުރުމެއްނެތި ފަހަތުން ދިޔައެވެ

ކޮމެންޓް 0