މައިރާ ވަގުތުން އައިޒާންގެ މޭގައި އަތްއަޅާ ދުރަށް ޖައްސާލުމުން އައިޒާން ގެ ފިނިވެފައިވާ އަތްތިލަ ޖިންސް ގެ ޖީބަށް ޖަހާލައިފިއެވެ. މައިރާގެ އެ ހަރަކާތުން އޭނަ ދުރުގައި ހުންނަން ބޭނުންވާކަން އިހުސާސްކުރެވިއްޖެ އެވެ.
"ސޮރީ..." އައިޒާން މާފަށް އެދުނެވެ. ފިނިވަރު ނޭގި އައިޒާން ކުޑަދޮރުތައް ހުޅުވާލައިފިއެވެ. މަންޒަރުތައް ވަރަށް ހިތްގައިމެވެ. ހަނދުގެ ފަނޑުއަލިކަން ފެތުރިފައިވާއިރު ކަށްވަޅަށްވުރެ ފުން ހިމޭންކަމެއް ދުނިޔެއަށް ވެރިކުރުވާފައިވެއެވެ. މިއީ މާލެއިން ދުވަހަކު ތަޖުރިބާނުކުރެވޭފަދަ ހިމޭން ކަމެކެވެ. މިރަށް އޮތްގޮތަށް ނިދާލާފައިވަނީކަން ނޭނގެއެވެ. ގަނޑުފެން ފަދަ ފިނި ވައިރޯޅިތައް ހުރަހަކާއި ނުލައި ހަމަލާދޭން ފެށުމުން ހީކަރުވާގޮތްވި ނަމަވެސް އައިޒާންއަށް ހުރެވުނީ ގެއްލިފަ އެވެ.
"އިޓްސް އޯކޭ އޭ ދެން.. އެކްސިޑެންޓެއްދިމާވެދާނެ.. މާފަށް ނޭދިބަލަ ޒާން.. އަހަރެން ހިތަށް އަރަނީ މިރަށް ހާދަ ހިމޭނޭ... މިވަރަށް ހިމޭންވީމަ ކުޑަކޮށް ބިރުވެސް ގަނޭ.. ދޫންޏެއް ލަވަ ޖަހާލާ އަޑެއްވެސް ނޫވޭ.. ސްޕޫކީއެއްނޫންތަ؟" މައިރާވެސް ކުއްލިއަކަށް އަހާލައިފިއެވެ. އެވަގުތު އައިޒާން އެނބުރުނެވެ. އެ ކަޅު ދެ ލޮލުގައިވަނީ އަޑި ނޭނގޭފަދަ ފުން ކަމެކެވެ. އަނދިރިކަމުގެ ތެރެއިންވެސް އެ ރީތ ދެލޯ ވިދަމުން ދިޔައެވެ. މައިރާ ހަދާންވީ ރެޔާންގެ ލޮލެވެ. އެ ލޮލުގެތެރެއަށް އޭނަ ދަމައިގަންނަގޮތެވެ. ގައިން ހީބިހި ހިލުވާލާގޮތެވެ. މިރޭ އައިޒާންގެ ބަދަލުގައި ރެޔާންވާނަމަ މިހެން ހިމޭނުން ހުންނާނެހެއްޔެވެ؟ ހާދަ އުނދަގުލެއް ކުރާނެ އެވެ. ހާދަ ގޯނާއެއް ކުރާނެ އެވެ. އަމިއްލަ ހައްގަކަށް ނުވިއިރުވެސް ކެތް ނުކުރެވުނު ފިރިހެނެކެވެ. އަމިއްލަ މީހަކަށް ވެއްޖެއްޔާ އަދި ކޮށްލާނެވަރެއް ވެސް އެނގެނީކީ ނޫނެވެ.
"ފަރުބަދަމަތީގެ ކުޑަ ޓައުންއެއް ވީމަ ތަންކޮޅެއް އަވަހަށް މީހުން ނިދަނީ ކަމަށް ވާނީ.. ވަރަށް ރޮމެންޓިކް ތަނެއް.. އެކަމަކު އަހަރެން މިޖެހުނީ އިންތިޒާރެއްކުރަން.."އައިޒާންދޮރު ލައްޕާލާފައި ތަންޑުތައް އަޅުވާލައިފި އެވެ.
"އައި ހޭޓް ރޮމެންސް.."މައިރާއަށް ބުނެވުނެވެ.
"އަދި ތަންކޮޅެއް ޅަވީމަ ދޯ.. ހޫމް... ތިއީ ވަރަށް ތަފާތު ކުއްޖެއް... އުޅުމުގައި ތިހިރީ ކުޑަކުއްޖެއްގެ ގޮތް.. އެހެން އަންހެންކުއްޖެއްނަމަ ކާވެނީގެ ފުރަތަމަ ރޭ ބޭކާރުގޮތުގައި ދުއްވައެއްނުލާނެ.. އެނީވޭސް އަހަރެން ނެތިން މަޖުބޫރުކުރާކަށް... އަހަރެންގެ ލޯބި ކޮންމެވެސް ދުވަހަކުން ގަބޫލުކުރާނެ ކަމަށް އުއްމީދު ކުރަން... އެދުވަހަކަށް އިންތިޒާރުކުރާނަން... އަދި މޭއި ހަމަ ޅައީ.. ޔަގީނުންވެސް ތި ފެމިލީ އިން މޭއި ގެ ކައިވެނި ކުރުވަން އުޅޭނީ އެކަށީގެންވާފަދަ ރީތި ފިރިހެން ކުއްޖަކާ.. މުސްކުޅިއަކާ ގަދަކަމުން މެރީކުރުވާކަށް ނޫޅޭނެ ދޯ... އެކަމަކު ފިލައިގެން އަހަންނާއިއެކު އަންނާނީ މީހަކާއި އިންނަން ބޭނުންނުވާތީ.. އެވަރު އަހަރެން ދަންނަންޖެހޭނެ... ވަގުތުވެސް ދޭންޖެހޭނެ..." އައިޒާން ވިސްނީ މައިރާއަކީ ލޯބީގެ ރޮގުން އަދި އެއްވެސް ތަޖުރިބާއެއްނެތް ޅަކުއްޖެއްކަމުގައެވެ. މައުސޫމްކަމުގެ އިންތިހާއެވެ. އެ އަޅި ދެ ލޮލުންވެސް އެކަން ދައްކުވާދެއެވެ.
"ޒާން ހާދަ ރަގަޅޭ.. ވަރަށް އަންޑަސްޓޭންޑިން.. އަހަރެންގެ އާއިލާގެ އެއްވެސް މީހަކު އެކަމެއް ނުދަނޭ.." އެވަގުތު މައިރާގެ އަޅި ދެލޯ ކަރުނުން ފުރުނެވެ. ކުދިކުދި ކަރުނަ ތިކިތައް އެ ފަނޑު އަލީގައި ވިދަންފެށިއެވެ. މައިރާގެ ހަނދާނަށް އައީ "ކަޅު" ރެއެކެވެ. ރީތި ވެމްޕަޔަރެއް ލޭ ބޯލާފަދައިން ރެޔާން އޭނައަށް ބާރު ފޯރުވިގޮތެވެ. އެކަތައިގެ ބާރު އެކުލެވޭ އަތް އޭނަ ވަށާލެވިގެން ދިޔަގޮތެވެ. ރެޔާންގެ އެކި ޖުމްލަތަކެވެ. އެ އަމަލުތަކެވެ. އެ ފިރުމުންތަކެވެ. ސެންޓްގެ މީރުވަހެވެ. އެ ރީތިކަމާއި މީރުވަހާއި ގުޅި ލާމެހިގެން ދިޔުމަށް އެރޭގެ ކުރިން މައިރާ ބޭނުންވިއެވެ. ނަމަވެސް ރެޔާން އެރޭ ހުރިހާ ޖަޒުބާތުތަކެއް ފުޑުފުޑުކޮށްލައިފިއެވެ. މިރޭ ވީކަމެއްހެން އެއިންކޮންމެ ކަމެއް އޭނަގެ ހަދާނުގައި ތާޒާކޮށް އެބަހުއްޓެވެ. ނަފްރަތުގެ ކަނިތަކަށްވުރެ ލޯބީގެ ހުޅުގަނޑު މާ ވަރުގަދައެވެ. ކިތަންމެ ވަރަށް ނަފްރަތުކުރަން އުޅުނަސް އެ ހިތުގައި ރެޔާންގެ ލޯބީގެ މޫ ހެރިފައިވަނީ ނަގާފައި އެއްލާލެވޭވަރަށް ވުރެ މާ ވަރުގަދަކޮށެވެ. މައިރާ ހިންދިރުވާލިއެވެ.
"ކޮންމެވެސް ސަބަބަކާއިހުރެ އެމީހުންވެސް އެކަން ކުރުވަން އުޅުނީ.. ނޫނީ ތި ޝާހީ އާއިލާގެ އުސޫލުކަން ނޭގޭ ދޯ.. އަހަންނަކަށްވެސް މާ ބޮޑު އެއްޗެއް ނޭގޭ އެކަމަކު މޭއި ގެ އާއިލާއިން މަޖުބޫރު ކުރިޔަސް އެމީހުން މޭއިއަށް ހެޔޮ އެދޭނެކަން ޔަގީން.. އަހަރެންނަކަށް އަދި މޭއިގެ އާއިލާ ދަސްވެފައެއްނެތް.. އިތުރަށް އެއްޗެކޭ އަދި ބުނެވޭކަށް ނެތް.." އައިޒާންމެން ގެ ވާހަކަ މެދުކެޑުނީ ކާއެއްޗެހި ހިފައިގެން ރޫމްބޯއިއަކު އައުމުންނެވެ. އައިޒާން ކުޑަކޮށް ކެއެވެ. މައިރާ ރަހަވެސް ބަލައި ނުލިއެވެ. ހޯމްމޭޑް ޗޮކްލެޓްކޮޅެއް ކާހިތުން އަނގަޔަށް ލީމަވެސް ހޮޑުލެވޭގޮތްވިއެވެ. މައިރާ މިރޭވެސް ކެއީ ދެތިން އޮރެންޖް އަރިއެވެ.
"މާދަން ތަންތަން ބަލާލަން ދާންވާނެދޯ... ދެން މޭއި ވަރުބަލިވެފައި ތިހިރީ.. ނިދާލާ އިނގޭ.." އައިޒާން ބުންޏެވެ. އައިޒާން ކައިފާ ބާކީވީ އެއްޗެހި ޑަސްބިނަށްލާފައި ކޮޓަރިތެރެ ތަރުތީބު ކުރިއެވެ. އައިޒާންގެ އަމަލު ހުރި ގޮތުން އެއީ ސާފުތާހިރު ކަމަށް ލޯބިކުރާ ޒުވާނެއްކަން މައިރާއަށް އެނގުނެވެ. މައިރާ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އެނދަށް އަރާ ރަޖާ ދަށުގައި ބޮނޑިވެލައިފިއެވެ. ފަންކާއެއްނެތްއިރު ވެސް ފިނިގަދަކަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ. ރެޔާން ހުރިނަމަ މިރޭ ޔަގީނުންވެސް ނިދާލާން ޖެހޭނީ އެ އަތުގެތެރޭގައެވެ. ފިނިކަން އިހުސާސެއް ނުކުރެވޭނެއެވެ. މައިރާ އެ ޚިޔާލުކުރަން ބޭނުން ނުވިޔަސް ރެޔާންގެ އަތް އޭނަގެ ވަށާލެވިގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. އެ ބައްދާލުން ހިތަށް ގެނައިމަވެސް ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. މައިރާ ރުޅިއަތުވެއްޖެއެވެ.ހަމަ އެ އަނިޔާވެރިޔާ ހިތުން ފިލުވައެއް ނުލެވޭނެއެވެ.
"އައިހޭޓް ޔޫ ރެޔާން..ރެޔާންގެ ސަބަބުން އަހަރެން ފެމިލީ އާއިވެސް ވަކިވީ.."މައިރާ ހިތާހިތުން އެއްޗެހިކިޔެވެ. އެކަމަކު ހިތަށް ތަދުވިއެވެ. ކަރުނަތަކުން ކޯތާފަތް ތެމެން ފެށިއެވެ. އޭނަގެ ދިރިއުޅުމަށް ވާނެގޮތެއް ޚިޔާލު ކޮށްލަން އަދިވެސް ނޭގެއެވެ. އަބަދާއަބަދު ހިތާމަކުރަމުން ގޮސް މޮޔަވެގެން ނަފްސާނީ ހޮސްޕިޓަލެއްގައި މޮޔައަކަށް ވެގެން އިންނަން ޖެހިދާނެއެވެ. ނޫނީ ފަނާވެގެން ހިގައިދާނެއެވެ. އޭނަގެ ތަންމައްޗަކީ ކަށްވަޅުކަމުގައިވެދާނެއެވެ. ދިރިއުޅުމާއިމެދު އޭނަގެ އުއްމީދެއް ނެތެވެ. މާދާމާ ވާނެގޮ ތަކާއިމެދު ޚިޔާލުކޮށްލިޔަސް ހިތް ތުރުތުރުއަޅައިގަނެއެވެ. މި ކާވެނީގެ ސަބަބުން އައިޒާންގެ އުއްމީދުތައް އާލާކޮށްދެވުނު ނަމަވެސް އޭނަގެ ހިތް އައިޒާންއަށް އެނގޭނެނަމައެވެ. އެހިތުގައި ދުވަހަކު އެހެންމީހެއްގެ ނަން ނުލިޔެވޭނެކަން އެނގޭނެނަމަ އައިޒާން ފޫހިވެގެން ދުރަށް ދާނެކަން ޔަގީނެވެ. ނަމަވެސް މައިރާ އެކަން ސިއްރުކުރާނެ އެވެ.
އިރުކޮޅެއްފަހުން މައިރާއަށް ނިދުނެވެ. އައިޒާން އޮތީ ނުނިދިފައެވެ. ޚިޔާލުތަކުން ސިކުނޑި ފުނިޖެހިފައެވެ. ނިދުމަށްވުރެ އޭނަ ބޭނުންވަނީ މައިރާ އާއި ވާހަކަ ދައްކަން މުޅި ރޭ ހޭދަކޮށްލުމެވެ. އެ ފޮނި އަޑުންވެސް ހިތަށް ފިނިކަން ލިބެއެވެ. އަދި އެ އަޅި ދެލޮލަށް ކިތަންމެ ގިނައިރުވަންދެން ބެލިޔަސް ފޫއްސެއް ނުވާނެއެވެ. އަދި މިހާ ފިނި ގަދަ ރެއެއްގައި ރީތި އަންހެންކުއްޖަކު އެނދުގައި ބާއްވައިގެން ބަލަހައްޓައިގެން އޮތުމަކީ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. ދެއަތަށް ފުރޮޅި ފުރޮޅި ހަމަޖެހުމެއްނެތި ތެޅިފޮޅުނެވެ. ނިދި އަންނަގޮތެއް ވެސް ނުވިއެވެ. އައިޒާންގެ އެސްފިޔަތައް ބަރުވެ ފޮނި ނިންޖަކަށް ގެނބުނުއިރު ފަތިހު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ.

އައިޒާންގެ ލޯބި ކާމިޔާބުވުމުގެ އުއްމީދު އާވަމުން ދިޔައިރު ރެޔާން ގެ ހާލަތު އިންތިހާއަށް ދަށަށް ދިޔައެވެ. މައިރާ ވަކިވުމުގެ ހިތާމަ އޭނަ މޮޔަ ކޮށްނުލީ ކިރިޔާއެވެ. ދެރައާއި އެއްވަރަށް ރުޅިވެރިކަންވެސް އޭނަ ހަފުސްކުރުވަމުންދިޔައެވެ. މިދުވަސްކޮޅު އޮފީހަށް ނުދެވޭނެކަން ޔަގީންވާތީ އޭނަ އޮފީހުން ޗުއްޓީ ނަގައިގެން އައީ ރިޒޯޓަކަށެވެ. އޭނަ ފަރުޒާންގެ ކުރިމަތީގައި ބަލިކަށިވެ ރުޔަސް ފަހުން އެހެންމީހުން ކަންބޮޑުވެދާނެތީ ހިތާމަތައް ސިއްރުކުރިއެވެ. އެހިސާބުން މައިރާ އަކީ މާޒީއަށް ވެގެން ހިގައްޖެކަމަށާއި ، ބޭވަފާތެރި ކުއްޖަކަށްޓަކައި އެ ހިތުގައި މަގާމެއް ނުވާނެކަން އޭނަގެ ދޮންބެއަށް ޔަގީންކޮށްދިނެވެ. ނަމަވެސް މިހާރު ސިކުނޑި ލުއިކޮށްލަން ޗުއްޓީ އެއް ނެގީ ކަމަށް ބުންޏެވެ. އެތެރެއެތެރެއިން ހިތާމަކޮށް ހަލާކުވަމުން ދިޔައިރުވެސް އޭނަ އުޅުނީ ބޭރުފުށުން ހިނިތުންވެލައިގެނެވެ. ނެތް ހިތްވަރުކޮށްލައިގެންނެވެ. ރިސޯޓްގައި ރެޔާން ގިނަ ވަގުތު މޫދުގައި ހޭދަކުރިއެވެ. އިރުއަރާ އިރުއޮއްސޭ މަންޒަރު ބަލަން ގޮނޑުދޮށުގައި އެކަނި ހުންނައިރު ބައެއް ފަހަރު ކަރުނަތައް އޮހިގަނެއެވެ. ބައެއްފަހަރު ރުޅިގަދަވެގެން ގޮސް ކަނޑުގެ ރާޅުތަކާއި ހަށިގަނޑު ހަވާލުކުރަން ބޭނުންވާފަހަރުވެސް އާދެއެވެ. އެ ހިތާމަތައް ދެކެން ތިބީ މުޅިންވެސް ބީރައްޓެހިންނެވެ. ގާތްމީހެއް ނެތެވެ. ރެޔާންގެ އެކަނިވެރިކަން ފިލުވާލަދޭން ކިތަންމެ ޒުވާން ހިތްތައް ބޭނުންވާއިރު ރެޔާންގެ ހިތްވަނީ އެންމެކުއްޖަކަށް ހިބައިން ދެވިފައެވެ. އެހިތުގައި އެހެން ކުއްޖަކަށް ދޭނެ ތަންކޮޅެއް ނެތެވެ.

ސަމީނާ ފޯއްވަޅިން މަސްކޮށަން އިންއިރުވެސް ލޯ ހުއްޓާލެވިފައިވަނީ ޓީވީގެ ސްކްރީނަށެވެ. މަސްކޮށަމުންދިޔައިރު އިރުއިރުކޮޅާ އަނގަޔަށް އެތިކޮޅެއްލެވެއެވެ. ސަމީނާ އިނީ ޓީވީއަށް ގެއްލި ހުސްވެފައެވެ. ބައެއްފަހަރު ހިނިގަނޑެއް ޖަހާލެވެއެވެ. ބުމަ ގޮށް ޖަހާލެވެއެވެ. މިވަގުތު މީހަކު އެގެއަށްވަދެ ވައްކަން ކޮށްލައިގެން ދިޔަސް ސަމީނާއަށް ރޭކާލާނެހެނެއް ހިޔެއްނުވެއެވެ. ހަމީދު ގެއަށް ވަންގޮތަށް ކާން ނަހަދައިގެން ހަޅޭއްލަވަންފެށީމަ ވެސް އިވުނުކަމަކަށްނުވިއެވެ. ސަމީނާއަށް ހަމީދު ކިޔާއެއްޗެއް އިވުނީ އެ ޕްރޮގްރާމް ނިމުމުންނެވެ.
"މިއުޅެނީ މަސްހުނި މޮޑެން.. ހަޅޭއް ނުލަވާ އިޝާ ނަމާދަށް ދިޔައްޔާ މާރަގަޅުވާނެ.. މަގުމަތީގައި އަޑު ގަދަ ކުރަން އޮވެފައި މާ ފޫހި ވައްތަރަކަށް ގެއަށް ވަދެ ކާން ރޮއިގަންނާނެ.. ތި ޕާޓީމީހުން ކާން ދިނިއްޔާ އެމީހުން އަތުން މަދުވަނީތަ؟ ވަރު ހުސްކުރަން ގައިގަ ނެތްބާރު ލާފައި ހަޅޭއްލަވަން އޮތީމަ ލިބެނީ ކޯނޗެއްތަ؟ ތިއަށް ވުރެ ރަގަޅު ނަމާދުކޮށްގެން، ގުރުއާން ކިޔަވަން މިސްކިތުގައި އިނަސް.. ކަލޭ ތިކުރަނީ ބޭކާރު ކަމެއް.. މަރުވެގެން ދާއިރު އެއިން އެކަކުވެސް ކަލެއާއިއެކު ކަށްވަޅުގައި އެކަނި ފިލުވަދޭކަށް ނޯންނާނެ.. ކުރި ހެޔޮކަމަކުން ކަލެއަށް ފައިދާކުރާނީ... މޮޔައެކޭ... ވަރަށް ފޫހިވޭ.." ސަމީނާ ރުޅިގަދަވި ވަރުން މިހުރިހާ ދުވަހު ފޮރުވައިގެން ހުރި ރުޅިބައި ދައްކާލައިފިއެވެ.
ހަމީދު އަނގަ ސަކަރާތްވިއެވެ. ކުޑަކޮށް ނުތަނަވަސްވިއެވެ. އެކަމަކު އޭނަ ކަންބޮޑުވީ ހަމައެންމެ ކަމަކާއި ހެދިއެވެ. އަނެއްކާ އައިޒާން ފިލައިގެން ގޮސްފައި ގެއެއް ގަނެލައިގެން އޭނަގެ މަންމަ އިންޑިއާއަށް ގެންދަން އުޅެނީ ބާވައެވެ. ހަމީދުއަށް ވަނީ އައިޒާން އިންޑިއާއަށް ފުރި ޚަބަރު ލިބިފައެވެ. ސަމީނާ އެހާ ގަދަކޮށްލާފައި ވާހަކަ ދައްކާނީ މިގެއިން ނިކުމެގެން ގޮސް ވަންނާނެ ހިޔާވައްސެއް ލިބުނީމައެވެ. އެހެން ނޫންނަމަ ސަމީނާއަށް އަނގަ ހުޅުވާލާކަށް ނުކެރުނީހެވެ. ހެދިގޮތަކަށް ކެތްކޮށްލައިގެން ޝުކުރުވެރިވެގެން އުޅުނީހެވެ. ހަމީދު ގަތްބިރުން ޒުވާބުގަނޑަކަށް ހަދާކަށް ބޭނުމެއްނުވިއެވެ. ސަމީނާ ހައްލާލައިގެން އައިޒާންގެ ޚަބަރު އޮޅުން ފިލުވަން ބޭނުންވިއެވެ.
"ރުޅިނާދެބަލަ ސަމީ.. އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.. ކޮން ފިލްމެއްތަ ތިބަލަނީ.. ތީގައި ތިދައްކާ އަންހެނުންނަށްވުރެ ސަމީ މިހާރުވެސް މާ ރީއްޗޭ..." ހަމީދު ސަމީނާގެ ގާތުގައި އިށީދެ ދެއްކުންތެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. އަދި މަސްކޮޅެއް ނަގަން ތައްޓައް އަތްބާނަން އުޅުމުން ސަމީނާ އަތް ދުރަށް ޖެއްސިއެވެ. ސަމީނާއަށް ހަމީދުގެ މަކަރު އެނގުނެވެ. އެތައް އަހަރެއް އެކީގައި އުޅުނުއިރު ސަމީނާ ހަމީދުގެ ރަގަޅު ސިފައެއް ދެކެފައެއްނުވެއެވެ.
"ސަމީ...އައިޒާން ރަށަށް އެބުރި އަންނަނީ ކިހާތާކުތަ؟ އަހަރެން ބޭނުން އޭނަ ލައްވާ އެއްޗެއް ގަނުވަން.." ހަމީދު ބުންޏެވެ.
"އަހަންނަކަށް އެނގިފައެއްނެތް އައިޒާން ހުރިތަނެއް..އަހަންނަށް ހެޔޮ އޭނަ ކޮންމެތާކު އުޅުނަސް... ދުނިޔޭގައި ރަގަޅަށް އުޅުނިއްޔާ އެނިމުނީ.. މަ ނޫޅެން ކަލޭ ގޮތަށް ލާރިއާއި ހެދި ކަބިވެގެނެއް.. ކެއްސަ ކެއްސާ މީހާ ފީއިލޮށްޓެއްހެންވާއިރު ވެސް ތި ސިނގެރެޓް ބުއިން މަދުނުކުރާތި.." ސަމީނާ ދޮލަގު ހިފައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. ސަމީނާ ނުބައި ގޮތަކަށް ކަޅިއަޅައިގަތުމުން ހަމީދު ދެރަވެއްޖެއެވެ. ސަމީނާ ވެސް ހާދަ ނުބަޔެވެ. ދުލަށް އައިހާ އެއްޗެއް ގޮވަން ފަށައިފިއެވެ. ސަމީނާގެ ނުބައިނުލަފާކަން ދައްކާލުމުން ހަމީދު ކުދިކިޔަމުން ކޮޓަރިއަށް ވަދެއްޖެއެވެ. އޭނަ ވިސްނަމުން ދިޔައީ އައިޒާންއަށް ހިތުން ފިލައިގެން ނުދާނެފަދަ ލަނޑެއްދިނުމަށެވެ. ހަމީދު ދެރަވެފައި ހުރެ ކޮޓަރިއަށް ވަން މަންޒަރުން ސަމީނާގެ ރުޅި ފިނިވެއްޖެއެވެ. ފިރިމީހާގެ ނިކަމެތި ކަމާއިމެދު ސަހަރޯވެރިވިއެވެ. އަތްމަތި އަވަސްކޮށްފައި މަސްހުނި މޮޑެލާފައި ކާން ހަދައިފިއެވެ. މިފަހަރު ހަމީދުއަށް ގޮވިއިރު ސަމީނާގެ ރާގުވަނީ ބަދަލުވެފައެވެ.

އައިޒާންއަށް ނޭގި ދުޝްމިނުންތަކެއް ގިނަވަމުން ދިޔައިރު ނަސީބު ވެސް އޭނަޔާއި އެއްކޮޅަކަށް ނެތެވެ. އިންޑިއާއިން އެބުރި އަންނަންޖެހުނީ ހުސްއަތާއެވެ. ހަނީމޫން ހަދަން ގަތް އުއްބައްތިތަކާއި ފިނިފެންމާތައް ވެސް ބޭކާރުވީއެވެ. އެއްވެސް އުފަލެއް އެ ބަދުނަސީބު ހިތަކަށް ނުލިބުނެވެ. ޑޭމް، ވޯޓަފޯލް އަދި ސްޕައިސް ދަނޑުތަކާއި ކެލާ އަދި އިކުލިޕްޓަސް ގަސްތަކާއި ކޯރުތައް ބަލާލުމުގެ ޕްރޮގްރާމްވެސް ކެންސަލްވިއެވެ. އައިޒާން،މައިރާ ޑޮކްޓަރަށް ދައްކަން ގެންދަން އުޅުނީމަ އެކަމެއްވެސް ނުވިއެވެ. އޭނަ ޑޮކްޓަރަށް ދައްކާނީ މާލެއަށް ގޮސްފައިކަމަށް ބުނެ މައިރާ ދެކޮޅު ހެދިއެވެ. މައިރާ ގިނަވަގުތު ހޭދަކުރީ އެނދުގައެވެ. ނުކައި ، ނުބޮއި އޮވެ ނިދުން ނޫންކަމެއް ނުކުރެވުނެވެ. ރީތި މަލެއް، އިރުގެ ގަދަ އަތްވަށް ކެތް ނުކުރެވިގެން މިލާފައިވާފަދައިން މައިރާގެ މޫނުވެސް މިލައިފިއެވެ. ދެކޯތާފަތް ވަޅުވަދެއްޖެއެވެ. ނަމަވެސް އެ ރީތިކަން މާބޮޑަށް ފަނޑުވެގެނެއް ނުދިޔައެވެ. 
އައިޒާން އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާއިއެކު މައިރާ އަވަހަށް އެތެރެއަށް ދެމިގަތެވެ. ދިގު ދަތުރަކަށްފަހު މައިރާގެ ބޮލަށްވަނީ ގޮތެއްވެފައެވެ.
"ޒާން.. އަހަރެން ރެސްޓްކޮށްލަން ބޭނުން.."މައިރާ ދަބަސް ސޯފާ މައްޗަށް އެއްލާލާފައި އަވަހަށް ސޯފާގެ މައްޗަށް ވެއްޓިގަނެގެން ދެ ލޯ މަރާލައިފި އެވެ.
"އޯކޭ ޕްރިންސެސް..."އައިޒާން ރިމޯޓުން އޭސީ ޖައްސާލުމަށްފަހު ކޮޓަރިއަށް ވަދެ ގެނައި ރަޖާ ގައިމަތީ އަޅާލަދިނެވެ. ބާލީސްތަކެއް ގެނެސް މައިރާގެ ދެފަރާތުގައި ޖެއްސިއެވެ. މައިރާއަށް ފަސޭހަވާނެ ގޮތާއިމެދު އައިޒާން ޚިޔާލު ބަހައްޓާވަރު ފެނުމުން މައިރާގެ ހިތަށް އަސަރުކުރިއެވެ. އައިޒާން ހާދަ ރަގަޅެވެ. މި މާތް ފިރިހެންކުއްޖާގެ ލޯބީގެ ފައިދާ މިގޮތަށް ނެގުމަކީ އިންސާފަކަށް ނުވާނެއެވެ. ނޭނގިނަމަވެސް އޭނަ އައިޒާންއަށް އޮޅުވާލީއެވެ. މަކަރުހެދީއެވެ. ހަގީގަތް ފޮރުވީއެވެ. އައިޒާންއަށް އޭނަ އާއި ރެޔާންގެ އޮތް ގުޅުން އެނގިއްޖެއްޔާ ވަގުތުން މިގެއިން ނެރެލާނެކަން ޔަގީނެވެ. މައިރާ ބާލީހުގައި ބައްދާލައިގެން ރަޖާގެ ދަށުގައި ފިލާއޮތްވާ ނިދިއްޖެއެވެ. ހޭލެވުނީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ. އޭރު އައިޒާން ގެ ހިލަމެއް ނުވެއެވެ. އައިޒާން އޭނަ އެކަނި ބާއްވާފައި ދިޔައީކަމަށް ހީކޮށް ބިރުން ފުންމައިގެން ތެދުވުމާއިއެކު އަނދިރީގައި ސޯފާގައި އިށީދެގެން އިން އައިޒާން ފެނުމުން ސިހުނެވެ.
"ޒާން އަނދިރީގައި ކީއްކުރަނީތަ؟ " މައިރާވެސް އިނީ ބޮކި ދިއްލަން ބޭނުން ނުވެފައެވެ.ފަނޑު ރަތްބޮކީގެ އަލީގައި އެކޮޓަރި އާއި އައިޒާންވެސް ފެންނަނީ ހުވަފެނީކޮށެވެ. ހީވީ ރީތި ފިލްމެއްގެ މަންޒަރެއް ފެންނަހެނެވެ.

ކޮމެންޓް 0