ޝަމާ ރަނގަޅަށް މަންމަގެ މަތިން ހަނދާން ހުންނާނެ... މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ތި ކޯޓުގައި މަންމައަށް ފެނުނީމަ... ފިރިހެންކުއްޖަކު ލިބުނީމަ ދަރިފުޅު ވެސް ބައްޕަ ފަދަ މޮޅު ޑޮކްޓަރަކަށް ވާނެކަމުގެ ހުވަފެން ދެކުނިން...." ރާދާ ޝަމާއިލްގެ އަތުގައި ހިފުމުން ޝަމާއިލް އަތް ދުރަށް ޖެއްސިއެވެ. ޝަމާއިލް ގެ މޫނުމަތިން އޭނަ ހިތްހަމަނުޖެހުނު ވަރު ރީތިކޮށް ފެނިގެން ދިޔައެވެ. އޭނަގެ މަންމަ ހާދަ ލަދުކުޑައޭ ވެސް ހިތަށް އެރިއެވެ. އެހެންމީހެއް ނަމަ ބޭނުން ދުނިޔެއެއްގައި މަޖާ ނަގަން އުޅެފައި އެތައް ޒަމާން ފަހުން ދަރިން ހަނދާންވެގެން އައިގޮތަށް "ދަރިފުޅާ" އޭ ކިޔަން ޖެހިލުންވާނެއެވެ.

"ނޫން... އަހަރެންގެ މަންމައެއް ނުހުންނާނެ... އޮޅުމަކުން ކަން ނޭނގޭ މިއަދު..." ޝަމާއިލްގެ ޖުމްލަ ފުރިހަމަނުވީ އޭނަގެ ބައްޕަ މާ ބާރަކަށް ގޮވާލެއްވުމުންނެވެ.

"ޝަމާ ހަމަ މިހާރު މާފަށް އެދޭ.. އަހަރެންގެ ދަރިން ޖެހޭނެ މަންމައަށް އިހުތިރާމް ކުރަން.. ދީނުގައި ވެސް އޮންނަނީ މަންމައަކީ ކާފަރެއް ކަމުގައި ވިޔަސް އިހުތިރާމްކުރަން.. ވީމަ އަހަރެން ބޭނުމެއް ނޫން ޝަމާ ތިގޮތަށް ޝަމާގެ މަންމަ އާއި މުޚާތަބު ކުރާކަށް..." އައިމަން އެހާބޮޑަށް ރާދާ ދިފާޢު ކުރުމުން އެންމެނަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް އެވަގުތު ވެސް ޝަމާއިލް އޭނަގެ ބައްޕައަށް އިޙުތިރާމްކުރާވަރު ދައްކުވައިދިނެވެ. ބުމަ ގޮށްޖަހާލައިގެން ހުރެފައިވެސް "ސޮރީ" ބުނެލިއެވެ. އެކަމަކު މާނައެއްނެތް ގޮތަކަށެވެ. މަޖުބޫރީ ގޮތަކަށެވެ. ހިތުންވެސް އޭނަ އެކަމާއި ދެކޮޅެވެ. އޭނަ އެއްގޮތަކަށް ވެސް އޭނަގެ މަންމައަށް މާފެއް ނުކުރާނެއެވެ. މަރުވެގެން ކަށްވަޅަށް ދާއިރުވެސް މަންމައަށް ހިތް ހެވެއް ނުކުރާނެއެވެ. ނަމަވެސް ބައްޕަ އެ ބުނުއްވި ވާހަކަތަކާއި ދެކޮޅު ހަދާކަށް ވެސް ބޭނުމެއް ނޫނެވެ. ދީނުގެ ހުރިހާކަމަކަށް ޝަމާއިލް އިޙުތިރާމް ކުރެއެވެ.

"އިޓްސް އޯކޭ އައިމަން... އެކުދިންނަކަށް އަދި ނުވިސްނޭނެ.. ދެން ގޮސްލާނަން.. ލަވް ޔޫ ދަރިފުޅާ... ޝަމާ ޓޭކް ކެއަރ އޮފް ޔޯރ ބޭބީ ސިސް....." ރާދާ މައިރާގެ ނިތްކުރީގައި ބޮސްދިނެވެ. ޝަމާއިލްގެ އަތުގައި ހިފައިލިއެވެ. މިފަހަރު ޝަމާއިލް އަތްފޮޅުވާލާކަށް ނޫޅުނެވެ. ސިކުންތު ކޮޅެއް ފަހުން ރާދާ އެއަތުން ލަސްލަހުން ދޫކޮށްލުމަށް ފަހު ދާން ހިނގައިގަތެވެ. ސުލްތާނާގެ މޫނު ބަނަވެފައިވާ ގޮތުން ހީވަނީ ހަނދަށް ވިލާކޮޅެއް އެޅިފައިވާހެންނެވެ. އައިމަން ރާދާ ފެނުމުން އެހާ ރީތިކޮށް ކަންތައް ކުރުމުން ސުލްތާނާ ދެކުނީ އޭނަގެ މޫނަށް ވީއްލާލި އެތިފަހަރެއް ކަމަށެވެ. އޭނަގެ އުފާވެރި ދުނިޔެ އަނދިރިކޮށްލާފައިވާ އެ ނުބައި ރާދާއަށް ކުށުގެ ސަޒާ ދޭން ބޭނުންވެފައިވާއިރު އޭނަ މިއަދު މާލެ އައުމުން ވެސް އައިމަން އެއްޗެކޭ ނުބުނެ ޝަމާއިލްއަށް ވެސް އެންގީ މަންމައަށް ވީމަ އިހުތިރާމް ކުރުމަށެވެ. އެކުދިންކޮޅުގެ ހައްގުތައް ކޮބާހެއްޔެވެ؟ އެކުދިންނަށް މަންމަ ބޭނުންވި ދުވަހު ރާދާ ހުރި ތަނެއްވެސް ނޭނގުނެވެ. މިއަދު ހަގީގަތުގައި މައިރާއަށް ވެސް މަންމަ އެހާ މުހިއްމެއް ނުވާނެއެވެ. އޭނަ ވަނީ އެހެން ދިރިއުޅުމެއް ފަށައިފައެވެ. މިހާރު މައިރާއަށް މުހިއްމު ވާނީ ލިބޭ ދަރިންނާއި ފިރިމީހާއެވެ.

އެކޮޓަރިއަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފު ފުން ހިމޭންކަމެކެވެ. ވަޅިއަކުން ކަނޑައި ކޮށައިލެވޭނެހާ ފުނެވެ. އެކަކުވެސް ނޭވާލާން ވެސް ބޭނުން ނުވީކަން ނޭނގެއެވެ.

"އައިމަން.. މަންމަ ހަމަ ހައިރާންވެއްޖެ.. އެނުބައި އަންހެނާ އެނބުރި އައުމުން ހާދަ ޢިއްޒަތެއް ތިދިނީ.." ސުލްތާނާ އިރުކޮޅަކު އަނގައިން ނުބުނެ ހުރެލާފައި އެތަނަށް ވެރިވެފައިވާ ހިމޭންކަން ފުނޑުފުނޑު ކޮށްލައިފިއެވެ.
"މަންމާ.. އަޅުގަނޑަށް ކަންތައް ކުރެވުނީ ގޯސްގޮތަކަށް ކަމަށް ވާނަމަ އަދި އަޅުގަނޑަށް ބުނެވުނީ ގޯސް ބަހަކަށް ވާނަމަ މަންމަގެ ފަރާތުން މާފަށް އެދެން.. ޝަމާއަށް ވެސް މަންމަގެ މާތްކަން އަންގައިދޭން ވެގެން އެހެން ބުނެވުނީ.. ފިރިމީހާ ނުވަތަ މައިދައިތައަށް ފަހަރެއްގައި ރާދާގެ މައްސަލަތަކެއް ހުރެފައި މާފު ނުދެވި، ނަފްރަތު ކުރެވުނަސް ދަރިން ދެކެންވާނީ އެހެން ނަޒަރަކުން... މަންމައަކީ ކޮންމެ ފަދަ މީހަކަށް ވިޔަސް އެމީހަކަށް އިހުތިރާމްކުރެވެން ވާނެ... ޝަމާ ގާތުގައި ނުބުނަން ޝަމާގެ މަންމައަށް ހިތް ހެޔޮ ކުރާށޭ.. އެއީ ޝަމާގެ އަމިއްލަ ކަމެއް.. އެކަމަކު މަންމައަށް ގަދަރުކުރުމަކީ އަޅުގަނޑު ކުދިންނަށް ދަސްކޮށްދޭން ބޭނުންވި ކަމެއް މަންމާ.. އެއީ އަޅުގަނޑުގެ ބައްޕަ ނިޔާވިއިރު އެންމެ ފަހަށް ވެސް ކުރެއްވި އެއް ވަސިއްޔަތް.. މަންމައަށް ކަމޭހިތުމަށް ބާރު އެޅުއްވި......" އައިމަން ގެ ވާހަކަތަކުން ސުލްތާނާ ފެންކަޅިވިއެވެ. ފިރިކަލުންގެ ހަނދާންތައް އާވިއެވެ.

"އާން ދަރިފުޅާ.. ތިބުނީ ހަމަ ރަނގަޅަށް... މަންމަ ފަޚުރުވެރިވާ ފަދަ ދަރިއެއް އައިމަންއަކީ...." ސުލްތާނާގެ ރުޅި ވަގުތުން ފިނިވިއެވެ. އައިމަންގެ ކެތްތެރިކަމާއި މެދު ހިތާހިތުން ތަޢުރީފުކުރިއެވެ. އެންމެ ޒުވާންއިރު އަންހެނުން ވަކިވެ ދިޔުމުން ވެސް އިތުރު އަންހެނަކު ނުހޯދައި އައިމަން ހުރުމަކީ، ރާދާ ދެކެ ލޯބިވާކަމުގެ ހެއްކެކެވެ. ސުލްތާނާ ކުއްލިއަކަށް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އޭނަ އައިމަން އިތުރު ކައިވެންޏެއް ކުރަން ބާރު ނޭޅުނީތީ ހިތާމަކުރިއެވެ. އެފަދަ ދެވަނަ، ނުބައި ޅީދަރިއެއް ގެއަށް ނުވައްދަން ވެގެން އޭނަ ވެސް އަމިއްލަ އެދުން ބޮޑުވެ، ދަރިފުޅުގެ ޒުވާން ހިތުގެ އެދުންތަކެއް ވާނެ ކަމާއިމެދު ނުވިސްނުނީއެވެ. މިހާރު މާ ލަސްވެއްޖެއެވެ.
މައިރާ ގެ އެކުވެރިންވެސް އޭނަގެ ޙާލު ދެކެން އައެވެ. ޢާއިލާގެ އެހެން މެމްބަރުން ވެސް ޒިޔާރަތްކުރިއެވެ. މައިރާގެ ދަރިފުޅު ދުނިޔެއަށް ނާންނާނެކަން އެނގުމުން އެންމެ ބޮޑު އަސަރެއްކޮށް ރޮވުނީ އަޔާނާ އަށެވެ. ހީވީ އަމިއްލަ ދަރިއެއް ގެއްލުމުން ހިތާމަކުރިހެންނެވެ.

މައިރާ އޮތީ ނިދި އަންނަ ގޮތްވެ އެސްފިޔަތައް ބަރުވެފައެވެ. އެވަގުތު ވެސް މައިރާއަށް ދުވީ ލިލީމަލުގެ މީރުވަހެވެ. ނިދެމުން ދިޔައިރުވެސް ރީތި ޒުވާން މޫނެއް ފެނުނެވެ. އެ ރީތި ހިނިތުންވުމުގެ ތެރެއަށް މަޑުމަޑުން ގެނބެމުން ގޮސް މައިރާއަށް ރަނގަޅަށް ނިދިއްޖެއެވެ. އެންމެ ފަހުން މައިރާ ތިއޭޓަރަށް ވައްދަން އުޅެނިކޮށް ފަރުޒާން އެކަމާއި ދެކޮޅު ހެދިއެވެ. އަދި އެހެން ސްކޭނެއް ހައްދައި ޔަގީންކުރަން އެދުމުން އެންމެން ހައިރާންވިއެވެ. އޮޅުނެވެ. ނަމަވެސް ފަރުޒާންގެ އެ އަމުރަށް އަންހެނުންގެ ޑޮކްޓަރުވެސް ވަގުތުން ކިޔަމަންވިއެވެ. ޓެސްޓް ހައްދައި އިތުރު ސްކޭން އެއް ހައްދަން އެއްބަސްވިއެވެ.

ރެޔާން ހައިރާންވި އެވެ. ކޮންމެވެސް ގޯހެއް އުޅޭ ކަމާއި މެދު ޝައްކު ކުރެވުނެވެ. ހޮސްޕިޓަލަށް އައިގޮތަށް އަންހެނުންގެ ޑޮކްޓަރަށް ދެއްކޭނެގޮތް ހަމަޖައްސައިދޭން، އޭނަ ގުޅީ ފަރުޒާން އަށެވެ. ޑޮކްޓަރެއް ހަމަޖައްސައިދިނީ ވެސް ފަރުޒާން އެވެ. އެއީ މިތަނުގައި ހުރި އެންމެ މޮޅު ޑޮކްޓަރު ކަމަށް ވެސް ބުނީ ފަރުޒާންއެވެ. ހަމަ ކުއްލިއަކަށް އެންމެ ފަހު ސިކުންތުކޮޅު ފަރުޒާން އެކަމާއި ދެކޮޅުހަދައި އަލުން ސްކޭން އެއްޗެހި ހަދަން ބުނަންވީ ކީއްވެހެއްޔެވެ؟ ރެޔާން އިތުރު އެއްޗެކޭ ނުބުނެ ކެތްކުރިއެވެ. ސިކުނޑި ފަޅައިގެންދާވަރު ވެފައި ހުރެވެސް އޭނަ ހިމޭންވިއެވެ. އެންމެ ފަހުން މައިރާގެ ސްކޭން ހަދަން ރޭޑިއޮލޮޖިސްޓެއް އައެވެ. ރެޔާންއަށް މިފަހަރު އެތެރެއަށް ވަންނާކަށް ނުކެރުނެވެ. އޭނަ ހުރީ ތަންކޮޅެއް ދުރުގައި، ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

އިރުކޮޅަކުން ފަރުޒާން ދޮރުމަތީގައި ހުރެ ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު ރެޔާންގެ ގާތަށް އައެވެ. އޭނަ ރެޔާންގެ ކޮނޑުގައި އަތް ބާއްވާލީ ހިނިތުންވެލަމުންނެވެ.

"ހޭއި ލިޓްލް ބްރަދަރ...ތިހާ ހާސްވާނެކަމެއްނެތް... މައިރާގެ ބޭބީ ރަނގަޅު.." ފަރުޒާންގެ އެ ޖުމްލައިން ރެޔާން ބަލައިލީ ގަބޫލުކުރަން ދަތި ގޮތަކަށެވެ. ކިޔަންވީ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނަގެ ބޭބެއާއި ދިމާއަށް ބަލަން ހުރިއިރު ތެމިފައިވާ ލޮލުން އެތައް އަސަރުތަކެއް ފެނުނެވެ.

"އެކަމަކު އެހާ މޮޅު ޑޮކްޓަރަކު ދަރިފުޅު މަރުވެފައިވާ ކަމަށް ބުނެފައި، އެންމެ ފަހު ވަގުތު ދޮންބެ ޚިޔާލު ބަދަލުވެގެން ދެވަނަ ސްކޭންއެއް ހެދިއިރު ބޭބީ ރަނގަޅަށް އޮތުމަކީ ހަމަ މުޢުޖިޒާތެއް ނޫންތަ؟ ގަބޫލެއް ނުކުރެވޭ... ކޮންމެވެސް މައްސަލައެއް އެބައުޅޭ... ދޮންބެ.... ހަމަ މިހާރު އެ ކަޑަ ޑޮކްޓަރު މިތަނުން ވަކިކުރޭ ނޫނީ އަޅުގަނޑުގެ އަތުން އޭނަ މަރުވާނެ...." ރެޔާން ގެ އަތް މުށްކެވުނެވެ.

"ހަމަޖެހިބަލަ.. ރެޔާން ހަގީގަތް ކިޔައިދީފާނަން... އަސްލު ވީގޮތަކީ ދޮންބެއަށް އެނގޭ މައިރާގެ ބޭބީއަކީ ނަހަލާލު ކުއްޖެއްކަން... އެހެންނޫނަސް އެނގޭ ރެއިން މައިރާ ނުލިބިގެން ހިތާމަ ކުރާވަރު... އެހެންވެ ހިތަށް އެރީ ލިބުނު ޗާންސްގައި ޑޮކްޓަރު ލައްވާ އެކުއްޖާ އެބޯޓް ކުރުވާނީއޭ.. އެނގޭ ރެޔާންމެންގެ މެޑިކަލް ނޮލެޖް އެވަރަށް ނުހުންނާނެ ކަމާއި ޑޮކްޓަރު ކޮންމެ ފަދަ އެއްޗެއް ބުންޏަސް ގަބޫލު ކުރާނެކަން.. ދެން އެކަމަކު މައިރާ ރުއިވަރާއި، ބަލިވީ ވަރުން އަދި ކޮއްކޮ މާޔޫސްވެފައި ހުރިވަރުން އެކަހަލަ ގޮތެއް ހަދާކަށް ނުކެރުނު... ހިތްހަމަނުޖެހުނު ވަރުން ބައްޕަގެ އޮޕީނިއަން އެއް ހޯދަން އެވާހަކަތައް ދެއްކީމަ ވަރަށް ރުޅިދުރުވި... ބައްޕަ ބުނުއްވީ އަމިއްލަ ދަރިއަކު ނުލިބިގެން އުޅޭއިރު ހާދަ ވިޔާނުދާ ކަމެކޭ ކުރުވަން އުޅުނީ.. އަނެއްކާ ދީނުގައި ބޮޑު ފާފައެކޭ.. އައިމް ސޮރީ.. މިއީ އަސްލު ދޮންބެ ކޮއްކޮއަށް ޓަކައި ކޮށްދޭން އުޅުނުކަމެއް....." ފަރުޒާން ހަގީގަތް ކިޔައިދިނުމުން ރެޔާން އެހުރިހާއިރު ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތަކުން ލޯ ފުރުނެވެ. ރެޔާން ވަގުތުން ދުރަށް ދާން ހިނގައިގަތެވެ. އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ރެޔާންއަށް ފަރުޒާން އޭނަދެކެ ލޯބިވާވަރު އެނގުނެވެ. އަދި މައިރާގެ ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން އޭނަ އާއި މައިރާ އަބަދުގެ އަބަދަށް ޓަކައި ވަކިވެގެން ދަނީކަމުގެ ނުބައި އިޙުސާސް ވެސް ކުރެވުނެވެ. ދުނިޔޭގެ ނަޒަރުގައި އައިޒާން އަކީ މައިރާގެ ފިރިމީހާއެވެ. ދަރިފުޅުގެ ބައްޕައަށް ވާނީ ވެސް އައިޒާންއެވެ.

ރެޔާން ކާރަށް އަރައި ދުއްވާލައިފިއެވެ. ރެޔާންއަށް ރޮވުނީ އެކަނިވުމުންނެވެ. ގެއާއި ހަމަޔަށް ދެވުނުއިރު ވާރޭ ވެހިގަތެވެ. ހީވީ އޭނައަށްޓަކައި ދުނިޔެވެސް ކަރުނަ އޮއްސަންފެށިހެނެވެ. ވާރޭތެރޭގައި އެގޭގެ ފަހަތުގައިވާ ފެހިކަން ގަދަ ބުރުގަނޑު މަތީގައި ރެޔާން އޮށޯތް އިރު އެކަރުނަތައް ވާރެއާއި އެކު ދޮވެވެމުން ދިޔައެވެ. ރެޔާން، އޭނަގެ ހަޔާތް ބަރުބާދު ވެގެން ދިޔަކަމުގެ ޒިންމާ ފުރަތަމަ ފަހަރަށް އަމިއްލަ ބޮލުގައި އެޅުވިއެވެ. އޭނަ އެ ފާފަ ނުކުރި ނަމައެވެ. ކެތްކުރި ނަމައެވެ. އޭނަ ދުވަހަކު ވެސް އަމިއްލަ ނަފުސަށް މާފެއް ނުދޭނެއެވެ. އޭނަ އަމިއްލައަށް މިވަނީ މާފުދެވޭ ވަރަށް ވުރެ މާ ދުރުގައެވެ. 

މައިރާއަށް ދަރިފުޅު ރަނގަޅުކަން އެނގުމުން އުފަލުން ހިތް ފުރުނެވެ. ޑޮކްޓަރު ދަރިފުޅުގެ ހިތް މަސައްކަތް ކުރާތަންވެސް ދެއްކިއެވެ. ސްކޭން އިން ދެއްކީ ބާރަ ހަފްތާކަމަށެވެ. މައިރާ އުފާވި ވަރުން ދުނިޔޭގެ އެއްވެސް ފިކުރެއް ޚިޔާލެއް ނެތެވެ. ޑޮކްޓަރު ދިން އިންޖެކްޝަނުން ބަނޑުގެ ރިހުން ކެނޑުނު ގޮތަށް އެކަންވެސް މުޅިން ރަނގަޅެވެ. ދެން އޭނަ ބޭނުމީ ގެއަށް ދިޔުމަށެވެ. އޭނަ ބަލިވިކަން ރަނގަޅެވެ. މަންމަ ފެނުމުގެ ނަސީބު ވެސް ލިބިއްޖެއެވެ. މައިރާ ގެއަށް ދިއުމުގެ ކުރިން ބައްޕަ ވާހަކަދެއްކެވިއެވެ.

"ދަރިފުޅާ.... ދުވަސްކޮޅެއް ވަންދެން ޒިޔާމާ ދައްތަ ކައިރީގައި އެގޭގައި ހުރުން އެންމެ ރަނގަޅީ.. ޒިޔާމާ ދައްތަ އަދިވެސް ބަލި ފަސޭހައެއް ނުވޭވިއްޔަ.. އޭގެ ފަހުން ހަމަ ދަރިފުޅު ފިރިމީހާ ގޮވައިގެން ބައްޕަމެން ގާތަށް އަންނަންވީ.. ދަރިފުޅަށް ޓަކައި ހުރިހާ ވަގުތަކު މިގޭގެ ދޮރު ހުޅުވިފައި ހުންނާނެ........" އައިމަން ބުނުއްވިއެވެ. ނަމަވެސް އައިމަން އެއްގޮތަކަށް ވެސް އައިޒާން އާއި އަނގައިން ބުނާކަށް ޝައުގެއް ނެތެވެ. އައިޒާން، މައިރާ ހޮސްޕިޓަލުގައި އޮތް ދުވަހު ދުރުން އުޅުނީ އެ އާއިލާމީހުން ތިބުމުން ލަދުން ކަމަށް އައިމަން ވެސް ހީކުރެއްވިއެވެ.

ލެވެންޑާ ކޮޓެޖްގެ ގޭގެ ފަތާ ފެންގަނޑުގެ އެއްފަރާތެއްގައިވާ ލިލީ، ސަންފްލާވަރ އަދި އޯކިޑް ފަދަ އެކި ކުލަތަކުގެ މާތައް ފަރިވެ ފޮޅެމުންދާއިރު، ފަޒާ ވަނީ މަލުގެ މީރުވަހުން ސެންޓް ލެވިފައެވެ. ފަރުޒާން، ރެޔާން އަދި ފައިސަލް މި ރީތި ހަވީރުގެ އުފާ ހާސިލުކުރަން ގޮނޑިތަކުގައި އިށީނދެލައިގެން ތިބިއިރު ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.
"މަންމަގެ ބަލި ރަނގަޅުވާ ކަމަކަށް ނުފެނޭ.. އައިޒާން އަކީ ޒައިންކަމަށް ހަދައިގެން މުޅި އުމުރަކަށް ނޫޅެވޭނެ ދޯ.. އެކަމަކު ބައެއްފަހަރު އެކުއްޖާ އުޅޭލެއް ރަނގަޅުކަމުން ރުހެވޭ ކަހަލަ ގޮތެއް ވެސް ވޭ... ފަތިހު ބަންގި ދިނުމުގެ ކުރިން ދާނެ މިސްކިތަށް... ޒާންގެ އެންމެ ރަނގަޅު ސިފައަކަށް ބައްޕައަށް ފާހަގަ ކުރެވުނީ ކޮންމެ ގަޑިއެއްގައި މިސްކިތަށް ދާކަން.. އަދި އެހުންނަ އަދަބުވެރި ގޮތާއި އަހުލާގު ރަނގަޅު ކަމުން ހިތްތައް އަތުލައިގަންނާނެ.. ދަރިފުޅުމެން ގާތުން ވެސް ބައްޕަ އެދެނީ އެންމެ ކަމެއް.. ފަރުޟު ފަސް ނަމާދު ކުރާތި އެހެންނޫނީ އާޚިރަތުގެ ނަސީބެއް ނުލިބޭނެ... ރާހަލް، ޒިޔާ، ޖީނާ އަދި އައުޒަމް ފަދަ ޒުވާނުން ޅަ އުމުރުގައި ވަކިވެގެން ދިޔައީ... އެމެރިކާގައި އުޅުނީމަ ބައްޕައަށް އެކަމާއި ފަރުވާ ކުޑަކުރެވި މަންމަގެ އަތް މައްޗަށް ހުރިހާކަމެއް ދޫކޮށްލެވުނީ.. އެހެންވެ އީޝަލްއަށް ވެސް އެހެރީ ދީނުގެ އެއްވެސް ކަމެއް ކިޔަވައިނުދެވި...." ފައިސަލް މިފަހަކަށް އައިސް ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ފަރުޒާންމެންނާއި ވާހަކަދައްކަވައެވެ. ޚާއްސަކޮށް އައިޒާންގެ އުޅުން ފެނިލެއްވުމުން އަމިއްލަ ދަރިންގެ ގައިގައި ދީނީބައި ކުޑަވަރު ފާހަގަ ކުރެއްވުނީއެވެ. އެއީ އެކަން އޮވެގެންވާނެ ގޮތެއް ނޫނެވެ.
ރެޔާން އެރޭ މަޣުރިބު ނަމާދަށް މިސްކިތަށް ދިޔައެވެ. ނަމާދު ކުރުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ރޫހާނީ ހިތްހަމަޖެހުމެއް ލިބުނެވެ. ހިތަށް ލިބިފައިވާ މާޔޫސީކަން ފިލައި ދިރިއުޅެން ހިތްވަރެއް ލިބުނެވެ.

ޒިޔާމާ އާއި ރާދާ ތިބީ އެޕާޓްމެންޓެއްގެ ދިހަވަނަބައިގެ ކާކޮޓަރީގައެވެ. ވާރޭވެހެމުންދާ މަންޒަރު ކުޑަދޮރުން ފެނެއެވެ. ދެމީހުންގެ ކުރިމަތީގައިވާ ކުޑަމޭޒުމަތީގައި ކޮފީ އާއި ކާއެއްޗެހި ހުއްޓެވެ. ހީހީފައި ދެ އެކުވެރިން ވާހަކަދައްކަމުން ދިޔައިރު އައިޒާން އެގެއިން ނެރެލަން ރާދާ އެދުނެވެ. އަދި ކޮންމެ ގޮތެއް ހަދާފައި ވެސް ދެމީހުންގެ ދެދަރިން ގުޅުވަން މަސައްކަތްކުރަމާ ހިނގާށޭ ބުނެލިއެވެ.

"ހޫމް... އަދިވެސް މަގޭ ހިތަށް އަރަނީ މިހުރިހާ ދުވަހު އައިމަން އާއި ރާދާ ސިއްރު ސިއްރުން ގުޅުން ބާއްވަމުން އައިގޮތާއި މެދުގައި.. އަބަދު މި އެޕާޓްމެންޓްގައިތަ އުޅުނީ؟ މާލޭގައި އުޅޭއިރު މަށަށް ވެސް ފެނިނުލާ....." ޒިޔާމާ އިނީ މާދުރަށް ބަލަހައްޓައިގެންނެވެ. ޒިޔާމާ ވެސް އޭނަގެ ކަޅު ސިއްރު އެންމެ ގާތް އެކުވެރިޔާ ގާތުގައި ކިޔައިދޭންވީ ބާވައެވެ. ރާދާ ވެސް އޭނަގެ އެހާބޮޑު ސިއްރެއް ހާމަކޮށްލައިފިއެވެ. ނަމަވެސް ރާދާ އަދިވެސް ކޮންމެވެސް ކަމެއް ފޮރުވަމުންދާ ކަމަށް ޒިޔާމާއަށް ޝައްކު ކުރެވުނެވެ.

"ރާދާ...އައިޒާންއަކީ އަހަރެންގެ ދަރިއެއް.. ރެޔާންގެ އެއްމާބަނޑު ކޮއްކޮ.. މި ސިއްރު އަދި އެނގޭނީ ހަމައެކަނި ރަހީލާއަށް... އައިޒާން މިގޭގައި ބެހެއްޓުމަކީ ރަހީލާ ގެ އައިޑިއާއެއް...." ޒިޔާމާ ރާދާގެ މޫނަށް ވެރިވި ކުލަވަރުތަކަށް ބަލައިލައިފިއެވެ. ރާދާގެ އަޅި ދެލޮލުން ފެންނަނީ ވިއްސާރަ މޫސުމްގެ ރީތިކަމެވެ. މައިރާއަށް އެ ފަރިކަމާއި ނަލަކަން ލިބިފައިވަނީ ރާދާގެ ފަރާތުންނެވެ.

"ކީކޭ ޒިޔާމާ؟ " ރާދާ ދެލޯ ބޮޑުކޮށްލައިފި އެވެ.

"އަހަރެން މޮޔަވީއެއްނޫނޭ ރާދާ... މިއީ ހަގީގަތް.....އަޑުއަހާބަލަ...." ޒިޔާމާ ހަޔާތުގެ ކަޅު ސަފުހާތައް ރާދާގެ ކުރިމަތީގައި އުކަމުން ދިޔައިރު، ރާދާ އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. މިއީ ވެސް ހާދަ ޢަޖާއިބު ކުރުވަނިވި ޙާދިސާއެކެވެ. އެތައް ޒަމާނެއްފަހުން ދަރިފުޅާއި މަންމަ ބައްދަލުވީ އެވެ. ދުނިޔޭގައި ތަފާތު ލޯބީގެ ވާހަކަތައް ލިޔަމުން ދާއިރު މިއީ ވެސް އެހާ ތަފާތު ޙާދިސާތަކެއްގެ މައްޗަށް އެކުލެވޭ ވާހަކައެކެވެ. ބައެއްމީހުން ގަބޫލެއް ވެސް ނުކުރާނެ އެވެ. ނަމަވެސް ހަގީގަތެކެވެ.

"ހަމައެކަނި ރެޔާން އާއި ވައްތަރުވެފައި، އައިޒާން ފެނުނީމަ އެހެންކަހަލަ އިހުސާސްތަކެއް ކުރެވުނަސް އަދި ޒިޔާ އަކަށް އެއީ ޒައިންކަމުގެ ގެރެންޓީއެއް ނެތެއްނު.... ރެޔާންއާއި ވައްތަރު ގޮތެއް ހުރެދާނެ ދުރުމީހެއްގެ ވެސް. ނޫންތަ ޒިޔާ؟ އަދި ތިބުނަނީ އައިޒާންގެ މަންމަ ލޮލުން ނުދެކެމޭ... އެމީހާ އަކީ މުޅިން އެހެން މީހަކަށް ވެސް ވެދާނެއްނު... ޒިޔާމާ މާދަން ގޮސް އެމީހާ އާއި ބައްދަލުކޮށްލަންވީނު...ފުރަތަމަ ޔަގީންކުރޭ... ތިހާ ބޮޑު މައްސަލައެއްގައި އެކަނި ހީއެއްގެ މައްޗަށް ބިނާކޮށްގެން އަމަލުކުރާކަށް ނުވާނެ.... ހިލޭމީހަކު ވެސް އަމިއްލަ ދަރިއަކަށް ހެދިދާނެ..." ރާދާ ވިސްނައި ދިނުމުން ޒިޔާމާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އެބުނާހެން އައިޒާންގެ މަންމައާއި ބައްދަލުވުމަށް ފަހު އެއީ އޭނަ ދަރިފުޅު ޙަވާލުކުރި މީހާއަށް ނުވެއްޖެއްޔާ ހަދާނީ ކިހިނެއްބާވަ އެވެ. އޭނަގެ ހުރިހާ އުއްމީދުތަކެއް ފެނަށް ވެގެން ހިނގައިދާނެ އެވެ. އެހެންނޫނަސް އައިޒާންދެކެ އާދަޔާ ޚިލާފު ލޯތްބެއް ވެވިއްޖެއެވެ. ފަރުޒާން އާއި ރެޔާންއަށް ވުރެ ވެސް އައިޒާން މާ ޚާއްސަވެއްޖެއެވެ.

ކޮމެންޓް 0