ޔަގީނެވެ ރެޔާންއެހެރީ މައިރާގެ ޚިޔާލުގައެވެ. އެކަމަކު އެހެން އަންހެންކުދިންވެސް ހާދަ މޮޔައެވެ. ފިލްމު ކުޅޭ ހިތުން އުޅެނީ ކަމަށްވެދާނެއެވެ. ކިތަންމެ ޖޫލިއަޓް ހެދިގެން އުޅުނަސް އެއިންކުއްޖަކަށް ރެޔާން ކާމިޔާބުނުވާނެކަން ޔަގީނެވެ.
"މިވަރުން ރެއިންއާއި ހެދި އުޅެނީ ކޮން މޮޔަ ޒާލީއެއްތަ؟ ގާލްފްރެންޑުން ހާދަ ގިނައޭ ދޯ..."އީޝަލް އެއްބުމަ އަރުވާލާފައި، ލާނެތްގޮތަކަށް ހީގަތުމުން ރެޔާން އައި ބާރު މިނުގައި ފޯނު ޖަހައިގަތެވެ.
"އުދަގޫ ބޮޑު ކުއްޖެކޭ ދޯ.. ޖެހޭތަ މީހުންނަށް އަންނަ މެސެޖް ކިޔަވަން.. ހަމަމިހާރު ނުކުމޭ..." ރެޔާން ސީރިޔަސްވި ކަމަށް ބޭރު ފުށުން ދެއްކިއެވެ. ބުމަގޮށްޖެހިއެވެ. އެކަމަކު ހިތުން އޭނަ ރުޅިއެއްނާދެއެވެ. އެއީ ރުޅި އާދެވޭ ވަރަށްވުރެ ލޯބިކޮށް އުޅޭ ކުއްޖެކެވެ. އެކަމަކު އީޝަލް ކޮޓަރިއަށް އައިއްޔާ ރެޔާން ބޯ ގޮއްވާލާފައި ނޫނީ ނުދާނެއެވެ. ކުރީ ދުވަހު ފެނުނީ އަލަމާރީގެ އެންމެ ސިއްރު ވަތްގަޑެއް ހާވަނިކޮށެވެ. ސެންޓްފުޅިތަކެއް ތަޅާލިއެވެ. ފޯނުގެ އެޕްލިކޭޝަންތަކެއް ވެސް ޑިލީޓްކޮށްލިއެވެ. ކޮޓަރި ގޮއްވާނުލީވެސް ކިރިޔާއެވެ. ނަސީބަކުން ދޮރުފޮތީގައި ހުޅުރޯވިތަން ފެނުނީމަ އޭނަ ގޮސް ނިވާލީއެވެ. އެހެންގޮސް ލިސްޓު އޮންނާނީ ދިގުވެފައެވެ.ފަރުޒާންގެ ޝަކުވާތައް ވެސް އެހާގިނައެވެ. އީޝަލް ބުނާނީ ފޫހިވެގެން ކަމުގައެވެ. އެކަމަކު ރަނގަޅު ކަމަކީ މިވީހާ ތަނަށް އީޝަލް ދޮގު ނަހަދާކުއްޖަކަށްވީ ކަމެވެ. އިތުބާރުކުރެވޭތީއެވެ. ކިތަންމެ ނުލަފާ ކަމެއްކޮށްފައި ވެސް، އެވާހަކަ ފަހުން ބުނެފައި މާފަށް ވެސް އެދޭނެއެވެ.
"އިޝޫ ނުވެސް ކިޔަމޭ ތީގައިވާ ސްޓުޕިޑް މެސެޖްތަކެއް.. ދެން އިޝޫއާ ވާހަކަ ނުދައްކާތި.. ވަރަށް ފޫހިވޭ.. ރުޅި.." އީޝަލް މާޗްކޮށްލާފައި ކަހަލަ ގޮތަކަށް ދޮރުން ބޭރަށް ނުކުމެ ދޮރުގައި ފައިން ދެތިންފަހަރުޖެހިއެވެ. ރެޔާން ފޯނުގައިވާ މެސެޖްތައް ކިޔާލައިފިއެވެ. ޒާލީވެސް އުޅެނީ މޮޔަބޮޑުވެގެންނެވެ. ވިސްނާދީ ވަރުބަލިވާއިރުވެސް އޭނަ ރެޔާންގެ ފަހަތުން ފިލާ ގޮތެއްނުވިއެވެ. އަމިއްލައަށް މަރުވެގަންނާނަމޭ ބުނެ ރެޔާންއަށް އާދޭސްކުރަނީ އެވެ. ރޮނީއެވެ. މޮޔަކުއްޖެކެވެ.
ރެޔާން ފޯނު އެއްލާލާފައި ކޮޓަރިން ބޭރަށް ނުކުތެވެ. އެވަގުތު އެތަނަށް ނުނިކުމެވުނުނަމައޭ ހިތަށް އެރިއެވެ. ފެނުނީ ދެކެން ބޭނުންނުވި މަންޒަރެކެވެ. ފަރުޒާން އަޔާނާގެ އަތުގައި ހިފާ ހޫރުވާލިތަނެވެ. އާރެއްބާރެއްނެތް އަންހެންކުއްޖަކަށް ދޮންބެވެސް ކުރި އަނިޔާއެވެ.
"އަޔާނާ... އަހަރެން ބުނެފީމެއްނު ފަހަތުން ނާންނާށޭ... ބުނާގޮތަށް ނެހެދެންޏާ ރަށަށް ދާން ތައްޔާރުވޭ..."ފަރުޒާންގެ ޖުމްލައިން ރެޔާން ގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ. ފާޑަކަށް ރަކިވިއެވެ. އެ މަންޒަރު ނުފެންނަކަމަށް ހަދާފައި ދާން އުޅުނެއްކަމަކު ފަރުޒާންއަށް ވެސް ބަލާލެވުނެވެ. ދެބެންގެ ކަޅި ސިކުންތުކޮޅަކަށް ނަމަވެސް ބައްދަލުވިއެވެ. ފަރުޒާންއަށްވެސް އުނދަގޫވިކަން އެނގުނެވެ. ދެމަފިރިންގެ ދޭތެރޭގައި ހިގާ ދެބަސްވުންތައް ކޮއްކޮއަށްވިޔަސް އަންގަން ބޭނުމެއްނުވާނެއެވެ. އެކަމަކު ފެންނަން ވީމަ އެފެނުނީއެވެ.
ރެޔާން ތަންކޮޅެއް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭނަ ހީކުރީ އޭނަގެ ދޮންބެގެ ދެމަފިރިންނަކީ ލޯބީގެ ނަމޫނާ މިސާލެއްކަމުގައެވެ. ދުވަހަކު އެދޭތެރޭގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމުގައެވެ. މިވީހާތަނަށް އުޅުނީ އެހާ ލޯބިންނެވެ. ނަމަވެސް ކިތަންމެ ލޯބިން އުޅުނަސް ވަކިވާ ހިސާބަށް ގޮސްދާނެކަމުގެ ހެއްކެވެ.ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ދެމަފިރިއެއްގެ ދޭތެރޭގައި ހިގާކަންތައް އޮންނާނީ ސިއްރުކުރެވިފައެވެ. އެދޭތެރޭގައި ޖެހޭނެ ކިތަންމެ މައްސަލަތަކެއް ފޮރުވިފައިވާނެއެވެ. އެވާހަކަތައް ހިއްސާކުރާނީ ސަލާމަތްނުވާ ހިސާބަށް ދިޔުމުންނެވެ. ކޮންމެވެސް އެކަކު ރޮނގު ފަހަނަޅާ ދިޔުމުން ދެން މަޑުމަޑުން ގޮސް އެންމެނަށް ބޭޒާރުވާން ފަށަނީއެވެ.
ރެޔާން ދުނިޔެދެކެ ފޫހިވިއެވެ. ވަކިން ބޮޑަށް "ލޯބި" އެ ލަފުޒުދެކެ ފޫހިވިއެވެ. ދުނިޔޭގައި ލޯބި މިކިޔާ އިޙުސާސް ލައްވާފައި ނުވާނަމައެވެ. އެއަށްވުރެ ހިތަށް އަނިޔާދޭ ޖަޒުބާތެއް ނުވާކަން ޔަގީނެވެ. ބައެއް ފަހަރު އޭނަގެ ނުލަފާކަން އައިޒާން އާއި މައިރާއަށް ދައްކާލަން ވެސް ސިކުނޑީގެ ކަނަކުން އިންޒާރުކުރެއެވެ. ޝައިތާނީ ބައި ހިލުވާލަން ނަސޭހަތްތެރިވަނީ ސިކުނޑީގެ ކޮން ދިމާލަކުން ކަމެއް ރެޔާންއަކަށް ނޭގެއެވެ. އިންސާނުން ފާފަކުރަނީ މިދެންނެވި ބަޔަށް ހެއްލިގެންނެވެ. ޝައިތާނާގެ ވަސްވާހުގައި ޖައްސަން ޝައިތާނާ ކެޑިނޭޅި މަސައްކަތްކުރަމުން ދަނީއެވެ. ގިނަފަހަރަށް ކުށްކުރަނީ ރެޔާން ފަދައިން ދީނާއި ދުރުން އުޅެވުނީމައެވެ. ހެއްދެވިފަރާތް ހަނދާންކުރުން މަދުވީމައެވެ. ރެޔާން ކާރަށް އަރާފައި، ހުންގާނުމަތީގައި އަތް ބޭއްވި ގޮތަށް ދުއްވާލަން ނޭގި ވިސްނުމެއްގެތެރޭގައި އިނެވެ.

މައިރާ ގެއަށް ވަންގޮތަށް އެންމެ ފުރަތަމަ ވަދެވެން ހުރި ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަތެވެ. އޭނަ ވަނީ މޮޔަވާން ކާރިވެފައެވެ. ސިކުނޑި ހީވަނީ ގޮވާފާނެހެނެވެ. ދެ ލޯމަރާ ތަގުޅިކޮށްލުމަށްފަހު ހުރިހާ ޚިޔާލުތަކެއް ސިނކުޑިން ނެރެއެއްލާލަން ފުން ނޭވާތަކެއްލިއެވެ. އޭރު އައިޒާން ގޭތެރޭގައި އުޅޭ އަޑުއިވެއެވެ. މުޅިގެ މޮޕް ކުރަނީކަން ނޭގެއެވެ. ބާލިދީ ތެޅުވޭ އަޑާއި ފަރުނިޗަރު ދަމާއަޑުވެސް އިވެއެވެ. އެގޭގައި ހިރަފުސްކޮޅެއް ހުރެގެން ވެސް އައިޒާންއަށް ކަމު ނުދަނީކަން ނޭނގެއެވެ. ގަޑިއެއްހާއިރުފަހުން އައިޒާންގެ ފިޔަވަޅުތަކުގެ އަޑުއިވުނެވެ. އައިޒާން އައިސް،ގިނަގިނައިން އެއްޗެހި ބުއީމައޭ ރަގަޅުވާނީއޭ ނުކައި ނޯންނާށޭ ބުނެފައި ނުކުމެގެން ދިޔައީއެވެ. އެފަހުންވެސް ދޭތެރެއަކުން އައިޒާން، މައިރާއަށް ކެވޭނެހެން ހީވާ ކޮންމެވެސް އެއްޗެއް ގެނެސް ބަހައްޓައެވެ. އައިޒާން ކިތަންމެ ގަދަޔަށް ރުޅިއައިސްފައި ހުރިކަމުގައި ވިޔަސް މައިރާ ބަލިކަމުންނާއި، މަޖުބޫރީ ޙާލަތު ވިސްނާފައި ހަމްދަރުދީވެ ގެއިން ބޭރުކޮށްލަން ނުކެރުނީ ކަމަށް ވެދާނެއެވެ. އޭނަ ގަދަވީމަ ވަގުތުން ނެރެއެއްލާލާނެއެވެ. މިވަގުތަށް މިވަރުވެސް ރަނގަޅެވެ. މައިރާ މާތް ﷲ އަށް ޙަމްދުކުރިއެވެ. އައިޒާންފަދަ ޒުވާނަކު އޭނަގެ ހަޔާތަށް ފޮނުއްވި ކަމަށްޓަކައި ޝުކުރުވެރިވިއެވެ.

އިރުއޮއްސި އަނދިރިވެއްޖެއެވެ. މައިރާ ބޭސް ކައިގެން ކުރުނބާ ފޮދެއް ބޯލައިގެން ތެދުވެގެންގޮސް ދޮރުން ބޯ ދިއްކޮށްލައިފިއެވެ. އައިޒާން ކައްކާބައިގަ އަނެއްފަރާތަށް އެނބުރިގެން ހުއްޓެވެ. ރޭގަނޑަށް އެއްޗެއް ތައްޔާރުކޮށްލަނީކަން ނޭނގެއެވެ. މައިރާ ކުދި ފިޔަވަޅުތައް އަޅަމުންގޮސް އައިޒާންގެ ކޮޓަރިއަށްވަނީ އެންމެ ބޭނުމެއްގައެވެ. ލައިފްބޯއި ޝަވަޖެލްފުޅި ނެގުމަށެވެ. އޭގައި ދުވާ މީރު ވަހުން މައިރާއަށް ހިތްހަމަޖެހުމެއް ލިބޭތީއެވެ. އޭރުވެސް ތެލިތަށިތައް ތެޅޭ އަޑުއިވެއެވެ. ނަސީބަކުން ރިހަފަދަ އެއްޗެއް ކައްކާވަހެއް ނުދުވައެވެ. މައިރާ ބޭރަށް ނުކުތުމުންވެސް އައިޒާން ބަލައެއް ނުލިއެވެ. މައިރާ ކޮޓަރިއަށްވަދެ ފެންވަރާ ތާޒާ ވެލުމުން ހަށިގަނޑުގައި ކުޑަކޮށް ވަރުޖެހުނެވެ. އޭނަ ގެ ސިކުނޑިއަށް އަދިވެސް ވެގެން އުޅޭގޮތެއް ރަނގަޅަކަށް ނަގައެއްނުގެނެވެއެވެ. ނޫނީ ސިކުނޑި އެހުރިހާ ހަގީގަތެއް ގަބޫލުކުރަން ދެކޮޅު ހަދަނީއެވެ. މައިރާ އެތައް އިރެއްވާންދެން އެނދުގައި އޮށޯވެލައިގެން ނިތްމަތީގައި އަތްބާއްވާލައިގެން އޮތެވެ. ކަށީގެ ގަޑި މަޑުމަޑުން ހިގަމުން ގޮސް އަށެކަށް އަރައިފިއެވެ. މައިރާ ނުކުތްއިރު ބޮޑު ކޮޓަރީގެ ހުރިހާ ބޮކިތައްވަނީ ނިވާލާފައެވެ. އައިޒާން އިނީ ސޯފާއެއްގައެވެ. އަނދިރީގައި އެކަނިމާއެކަނި އިށީނދެލައިގެން އިނދެ ކުރަނީ ކޮން ފިކުރެއްބާވައެވެ.
"ޒާން... އައިމް ސޮރީ..."މައިރާ އިންތިހާ ދަރަޖައިގެ މޮޅިވެރިއަޑަކުން މާފަށް އެދުނެވެ.
"ބުނެފީމެއްނު ތި ވާހަކަ މަށާ ނުދައްކާށޭ..."އައިޒާން ހަޅޭއްލަވައިގަތެވެ. އަދި ކުއްލިއަކަށް ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އަތުން ބާރަށް ޖަހާލާފައި ފުރިހަމަ އިސްކޮޅަށް ތެދުވިގޮތުން މައިރާ ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. ކުޑަވެލައިފިއެވެ. އައިޒާން މިހާ ބާރަށް ވާހަކަދެއްކި އަޑު އަދި މައިރާ އަހާފައި ނުވުމުން އޭނަ ގެ ހިތަށް ބިރުވެރިކަންވަނެވެ. އައިޒާން ރުޅީގެ ޖަޒުބާތުގައި އަތުން ފައިން ގޯހެއްވެސް ހަދާފާނެއެވެ. މައިރާ ފަހަތަށް ޖެހެމުންގޮސް ފާރަށް ލެއްގުނެވެ. އަނގަމަތީގައި އަތްއެޅިއެވެ. އެވަރުންވެސް އެހިމޭން އަނދިރިތަނުގެ ތެރޭގައި މައިރާގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އައިޒާންގެ ރުޅި މައިތިރިވިއެވެ. އޭނަ ސޯފާއަށް ތިރިވެ މޭޒުމަތީގައި އުޅަނބޮށިޖައްސާލިގޮތަށް ދެ އަތްތިލައިގެތެރޭގައި މޫނު ފޮރުވި އެވެ.
"ރޯންޖެހޭމީހަކީ މަށެއްނު.. ކޮންފަދަ ބޮޑު ލަނޑެއް.. ކޮންފަދަ ބޮޑު އޮޅުވާލުމެއް.. އިންސާނަކަށް އަނެއް އިންސާނަކަށް މިއަށް ވުރެ ބޮޑު ކެއްސެއްނުދެވޭނެ... މައިރާއަށް އެނގޭތަ؟ އަހަރެންގެ ގާތުން މާފަށް އެދޭއިރު އެންމެ ފަހަރަކުވެސް ވިސްނާލިނަމަ... އަހަރެންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ނަހަމަގޮތުގައި ބޭނުންކުރީ... މަގޭ ބޮލުގައި ނަހަލާލު ދަރިއެއް އެޅުވީ... އަހަންނަށް މިހާބޮޑު ލަނޑެއްދޭން އަހަރެން ކުރީ ކޮންކަމެއްތަ؟ ހަމައެކަނި ލޯބިވެޔޭ ބުނިކަމުގެ ސަޒާދޭން ފެނުނީ މިގޮތަށް.. އޯކޭ... މިހާރު އަހަރެން މިހިރީ ބެދިފައި... ސަލާމަތްވާނެ ގޮތެއްނެތިފައި... ދެންވެސް މަށަށް އުނދަގޫ ނުކޮށް ހުރެދީފާނަންތަ؟" އައިޒާންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަ ބާރުބާރަށް ހިގާލާފައި ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖަހައިފި އެވެ.
އައިޒާން އެވަރުގެ ބަސްކޮޅަކުން ފުއްދާލާފައި ދިޔުމުންވެސް މައިރާއަށް އެނގުނީ އައިޒާންގެ މާތްކަމެވެ. އޭނަދެކެ ލޯބިވާ މިންވަރެވެ. އެހެންމީހެއްނަމަ ހާދަ އެއްޗިއްސެއް ގޮވާލާނެއެވެ. އަނިޔާވެސްކޮށްފާނެ އެވެ. ވަގުތުން ވަރިކޮށްލާފައި މުޅި ދުނިޔެއަށް ބޭޒާރުކޮށްލާކަށް ވެސް ފަހެއްނުޖެހޭނެ އެވެ.
މައިރާވެސް އަނެއް ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަތެވެ. އޭނަ ގެ އާއިލާގައި އުޅުނީ މުޅިންވެސް މަޖުބޫރު ދެއްކި މީހުންނެވެ. އޭނަގެ މިނިވަން ކަމެއް ނެތެވެ. އޭނައަކީ އަންހެންކުއްޖަކަށްވީމަ ޖެހެނީ ފިރިހެނުން ބުނާހާ ގޮތަށް ހަދައިގެން އަޅުވެތިވެގެން ހުރުމަށެވެ. ރެޔާންވެސް އެފަދައެވެ. އޭނަގެ އަމުރުތަކަށް ބޯލަނބާ ބޭނުންހާ ގޮތަކަށް އުޅެން މަޖުބޫރުކުރުވައެވެ. ނަމަވެސް އައިޒާން ތަފާތެވެ. އެއްވެސް މަޖުބޫރު ކަމެއް ނުދައްކައެވެ. އޭނަގެ އެދުންތަކަށް އިހުތިރާމްވެސް ކުރެއެވެ. ކާވެނީގެ ރޭގައިވެސް އޭނަގެ އަމަލުން ދައްކުވާދިނީ މާތް މީހެއް ކަމެވެ. މައިރާ ގެ ހަޔާތުގެ ބައިވެރިޔަކަށް ބޭނުންވާހާ ސިފައެއް އައިޒާންގެ އެބަހުއްޓެވެ. ނަމަވެސް ހަގީގަތް އެގުމުން ދެން އައިޒާންގެ ހިތުގައި އޭނައާއިމެދު އޮތް ލޯބި ކިލަބުވެގެން ގޮސްދާނެބާވައެވެ. އެކަމެއް މައިރާއަކަށް ޔަގީނެއް ނުވިއެވެ.

ރެޔާންއަށް މައިރާ ލިޔުނު ދިގު މެސެޖް ފޯނުގައި ރައްކާކުރެވުނީއެވެ. އެންމެ ފަހު ވަގުތު ޚިޔާލު ބަދަލުކޮށްލާފައި އެމެސްޖް ނުފޮނުވަން އޭނަ ނިންމީއެވެ. އެ މެސެޖް ލިބިއްޖެއްޔާ ރެޔާން ހިމޭނުން ނުހުންނާނެކަން މައިރާއަށް ވިސްނުނީއެވެ. ރެޔާން ވަގުތުން މައިރާ ބަލާ އަންނާނެއެވެ. ގޮތްގަނޑު ދައްކާލާނެއެވެ.
އައިޒާން ކަންބޮޑުވީ ހީކުރި ވަރަށްވުރެ އަވަހަށް ފައިސާކޮޅު ހުސްވާން ފެށުމުންނެވެ. އެޕާޓްމެންޓްގެ ބިލްތަކާއި ޚަރަދުތަކުގެ އިތުރުން މައިރާ ހޮސްޕިޓަލުގެ ބިލާއި، މައިރާއަށް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ގަނެދޭން ޖެހޭކަމުން، ނޭނގިހުއްޓާ ފައިސާ މަދުވެ އަތްމަތި ހުސްވާންކާރިވެއްޖެއެވެ. މައިރާ އެކަނިކޮށްލާފައި ވަޒީފާއަށް ދާން ހިތް ނުރުހޭތީ އެކަމާއިވެސް ފިކުރުބޮޑުވެއެވެ. ދުނިޔެއަކަށް އޭނަގެ އިތުބާރެއް ނެތެވެ. ކެހިވެރިކަމުންނެވެ. ލިބިފައިވާ ތަޖުރިބާތަކުގެ ސަބަބުން އެންމެނާއިމެދު އޭނަގެ ހިތް ގޯސްވެފައިވެއެވެ. އެންމެ ފަހުން ގަސްތުކުރީ އަމިއްލައަށް ގޮސް ރެޔާން އާއި ބައްދަލުކޮށް ދުވަސްކޮޅެއްގެ ޗުއްޓީއެއް ދިނުމަށް އެދުމަށެވެ. އެހެންނޫންނަމަ ދެން އަތަށް އަރާނީ ވަކިކުރިކަމުގެ ޗިޓެވެ.
އައިޒާން ރެޔާންގެ އޮފީހަށް ވަނީ ކުޑަކޮށް ނުތަނަވަސްވެފައިހުރެއެވެ. އައިޒާން ފުރައިގެން ދިޔައިރު އެދެމެދުގައި އޮތީ ނޭގިނަމަވެސް ކޮންމެވެސް ކަހަލަ ހަމަނުޖެހުމެއް އުފެދިފައެވެ.އައިޒާން ފެނުމުން ރެޔާންގެ މޫނުން އިތުރު އަސަރުތަކެއް ނުފެނުނެވެ.ނަމަވެސް ކުރީގައި އެއޮންނަ ގާތްކަން އެ ލޮލަކުން ނުފެނުނެވެ.ރެޔާން ތެދުވެގެން އައެވެ.
"ކޮންގްރާ.. އަންގާވެސް ނުލައި މީހަކާއި އިނީ ދޯ.." ރެޔާން އައިޒާން ގެ އަތުގައި ހިފާލާފައި ބާރުކޮށްލި އެވެ. އިރުކޮޅެއްވާންދެން އައިޒާންއަށް އެއަތުން ދޫކޮށްނުލާ ހުރެވުނެވެ. އައިޒާން ހުރީ ނުތަނަވަސްވެފައެވެ. ރެޔާންއަށް އެވާހަކަ އެނގުނު ގޮތެއް ނުވިސްނުނެވެ. މިއީ އޭނަގެ އެކުވެރިއަކަށްވެސް އެނގިފައިވާ ކަމެއް ނޫނެވެ. އޭނައެއްވެސް މީހެއްގެ ގާތުގައި ކާވެނިކުރި ވާހަކަ ބުނެފައެއް ނެތެވެ. މައިރާވެސް އެކަންކުރީ ސިއްރުންނެވެ. އައިޒާން ފުރަތަމަ އެ ޚަބަރުދޭން ބޭނުންވީ ރެޔާންއަށެވެ. ނަމަވެސް އޭގެ ކުރިން މިއޮތީ އެނގިފައެވެ. ރެޔާން މުވައްޒަފުންގެ ކަންތައް ހީކުރާވަރަށް ވުރެ ގާތުން ބަލަނީކަން ނޭނގެއެވެ.
"އެވާހަކަ ނުބުނަން ކަމަށްހުރީ.. އެކަމަކު ރެޔާންއަށް ތިއެނގުނީ.. އެނގުނީ ކިހިނެއްކަމެއް ނުވެސް އަހާނަން... ނުބުނާނެވިއްޔަ.. އެހެންވެ މިއައީ ވަރަށް ބޮޑު ކަމަކު.." އައިޒާން ހިތި ހިނިތުންވުމަކާއިއެކު ބުންޏެވެ. އޭނަ ރެޔާން އާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރަމުން ދިޔައެވެ. ރެޔާން ބުނީ އެހާ ސީރިޔަސް ވާހަކައެއް ދެއްކޭނީ ކޮފީއަކަށް ގޮސްފައިކަމުގައެވެ. އޭނަގެ ސިކުނޑީގެ ނާރުތައްވެސް ވަނީ ވާންވެފައިކަމުގަޔާއި އައިޒާންއައީ ވެސް ކޮފީއަކަށް ދާން އުޅެނިކޮށްކަމުގައި ބުންޏެވެ. ދެމީހުން ވަނީ ތަންކޮޅެއް އާދައިގެ ރެސްޓޯރެންޓަކަށެވެ. ދޮރާއި އެންމެ ކާރިއަށް ހުރި މޭޒުގައި ޖައްސާލުމުން ބަންގާޅީ ފިރިހެންކުއްޖަކު އައިސް އޯޑަރު ނަގައިގެން ހިގައްޖެއެވެ.
"ކިޔާބަލަ." ރެޔާންގެ ހިތް އެވަގުތު އައިޒާންގެ ނަސީބާއިމެދު ހަސަރަވެރިވިއެވެ. އޭނަ އިނީ ރުޅިގަދަވެފައެވެ. އައިޒާން އޭނަގެ ގާތަށް ސަލާމްޖަހަން އައިއިރު ލަދެއްވެސް ނުގަތެވެ. ކަމަކު ކިޔަންއައިއިރު އައިޒާން މިހިރީ ރެޔާންގެ ހުރިހާ އުފާވެރިކަމެއް ޖަހައިގެންފައެވެ. އިތުރުން އޭނަގެ ގާތުގައި އެދެންވީ ކޯނޗަކަށްހެއްޔެވެ؟ ރެޔާން ހުރީ އައިޒާން ފެނުމުން މޫނުމައްޗަށް ހޫނު އެތި ފަހަރެއް ވީއްލާލަން ކަމަށެވެ. ނަމަވެސް އެކަމެއް ނުކުރެވުނެވެ. ކޮންމެވެސް ސަބަބަކާއިހެދި ނޭގޭ ބާރަކުން އެފަދަ އަނިޔާއެއް ދިނުމަށް ހުރަސްއެޅިއެވެ. އައިޒާން ފެނުމުން ހިތުގައި ރުޅިވެރިކަމަށްވުރެ ބޮޑަށް އެހެން ޖަޒުބާތެއް ވެރިކަންކުރަން ފަށައެވެ. ރެޔާން ދެއަތްތިލަ ޖައްސާލައިގެން އިނދެ ދޭތެރެއަކުން ވިސްނުމަކަށް ގެއްލޭކަން އައިޒާންއަށް އެނގުނެވެ.
"ރެޔާން ދިން ލޯނަށް އަހަރެން އެޕާޓްމެންޓްގެ ޚަރަދުތައް ކުރަމުން މިފަހަރު އިންޑިއާ ދަތުރުވެސް ކުރީ... އަހަރެން ކާވެނިކުރީ މުއްސަދިކުއްޖަކާއި.. އެކަމަކު އޭނަގެ ފެމިލީ ނުގަބޫލުވީމަ ފިލައިގެން އަހަރެންގެ ގާތަށް އައިއިރު ދިން ލާރިން އަހަރެން ބޭނުމެއް ނުކުރަން.. އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ވައިފްގެ ލާރީގައި އަތްލާން.. އަދި އަހަރެންގެ އަތުގައި ލީވްއެއްވެސް ނެތް.. އެހެންވެ..."އައިޒާން ހުރީ މިހާވަރުގެ ކަމަކު ކިޔަން ލަދުގެންފައެވެ.
"ހޫމް....." ރެޔާން އެއްބުމަ އަރުވާލިއެވެ.
"އަހަރެންގެ ވައިފް ވަރަށް ބަލި..." އައިޒާން ބުންޏެވެ.
"ވައިފް ގެ ނަމެއްވެސް ނެތީތަ؟" ރެޔާން ލާނެތް ގޮތަކަށް ހީލިއެވެ.
"މައިރާ..."އައިޒާން ލަދުގަންނަ ގޮތްވިއެވެ. އައިޒާންވެސް އެހާ ގަމާރެއް ނޫނެވެ. ރެޔާން އަކީ މައިރާގެ އާއިލާގެ ޒުވާނެކެވެ. ލޭގެ ގުޅުން އޮތީ ކިހާވަރަކަށް ކަން ނޭގުނަސް އެވަރު އެނގިފައިވެއެވެ. ރެޔާން ގެ ހަރަކާތްހުރިގޮތުން އައިޒާން ވެސް ނުތަނަވަސްވިއެވެ. އުނދަގޫތަކެއްވި އެވެ

ކޮމެންޓް 0