އައިޒާން ކަންފަތުން ހެޑްސެޓް ނެއްޓިއެވެ. އޭނަ އަޑުއަހަން އޮތީ ކޯނޗެއް ކަމެއް މައިރާއަކަށް ޔަގީން ނުވިއެވެ.
"މޭއި ނިދާލާފައި އޮތީމަ ފޫހިވެފައި އިނީ... ބޮކި ދިއްލީމަ އުދަގޫވާނެތީ ހިތަށް އެރީ ހޭލެވެންދެން އިންނާނީއޭ.. ވަރަކަށް ނިދާލެވިއްޖެއެއްނު.. ނޫޑުލްސްކޮޅެއް ކައްކާފައި ހުންނާނެ.. ދެން ކުރުނބާ އަދި މޭވާވެސް އެބަހުރި.. ކުޑަކޮށް ކާލަންވާނެ އިނގޭ.. މާދަން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއްވެސް ހައްދައިފިން.." އައިޒާން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނެއެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ތުނބުޅި ނުބާލާތާ ދެތިން ދުވަސް ވުމުން ފިރިހެންވަންތަކަން އިތުރުވެފައިވެ އެވެ.
"ދެން..."ޑޮކްޓަރުގެ ނަން އިވުމުންވެސް މައިރާއަށް އުދަގޫވީއެވެ. ނަމަވެސް މައިރާ އިތުރު އެއްޗެކޭ ނުބުނެ ސޯފާއިން ތެދުވެ،އޭނަގެ ފަން އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ހުޅިއެއް ޖަހާލައިފިއެވެ. އައިޒާން އިނީ މައިރާއާއި ދިމާލަށް ބަލަން އުނދަގޫވެފައެވެ. މި ރަތްއަލީގައި މައިރާ ފެންނަނީ ރީތި ހުޅުކޮޅެއް ފަދައިންނެވެ. އެހުޅުކޮޅު އޭނަ ފިއްސާލަފާނެ އެވެ.
"ޒާން..ހާދަ ރަނގަޅޭ.. އަންނާނަން މޫނު ދޮވެލައި ހަދައިގެން.."މައިރާ ތެދުވުމުން އަނބުރައިގަންނަގޮތްވި އެވެ. ވަރުބަލިކަމުން ހިނގާލާނެ ހަކަތައެއްވެސް ނެތެވެ. ކަންނެތް ގޮތަކަށް ދެފައި ދަމަމުންގޮސް ފާޚާނާއަށް ވަންއިރު އޭނަ ފެންވަރަން ބޭނުންކުރާ ސާމާނުވެސް އައިޒާން ހުރީ ތަރުތީބުން އަތުރާލާފައެވެ. ނަމަވެސް ފެންވަރާނެ ހިތްވަރެއް ނުލިބުނުތާނގައި، ދަތްއުގުޅާލާނެ ވަރެއްވެސް ނެތެވެ. މައިރާ ބިރުގަނެއްޖެއެވެ. ރޮވެން ފެށިއެވެ. ބައްޕައާއި މާމަ އަދި ދޮންބެމަތިން ހަނދާންވާން ފެށިއެވެ. ނުވީތާކަށް މޯނާ އާންޓީގެ ހަނދާންތައް ވެސް އާވިއެވެ. އޭނަ ހާދަ ބައްޔެވެ. ބައްޕަމެނަށް އެނގިލައްވާނެ ނަމައެވެ. އަނެއްކާ އޭނަ މަރުވަނީބާވައެވެ. މައިރާ ވަރަށް މަސައްކަތުން ކުޑަކޮށް ތާޒާވެލައިގެން ނުކުމެ އަނެއްކާ އެނދުގައި އޮށޯތެވެ. ވަރުބަލިވެފައިވާވަރުން މަޑުމަޑުން ކުކުރަމުން ދިޔައެވެ.
"މޭއި..ނުކައި އަނެއްކާ ނިދީތަ؟" އައިޒާން ދޮރުމައްޗަށް އަރާފައި ދޮރުކަނީގައި ދެއަތް ވިއްދާލަމުން ބުންޏެވެ.
"އެހާ ކާހިތެއްނެތް.." މައިރާ މަޑުމަޑުން ބުންޏެވެ. އަދި ލޯމަރާލެވުނެވެ.
"މޭއި މާބޮޑަށް ބަލިވީތަ؟ މިރޭވެސް ކެޝުއަލްޓީ އަށް ދެއްކިދާނެ.. އަހަންނަށް ފެންނަނީ މިރޭވެސް ޑޮކްޓަރަކަށް ދައްކާލަން..ހިނގާދާން.."މައިރާގެ މޫނުގެ ފިނިފެންމާކުލަ ފަނޑުވެފައިވާތަން ފެނުމުން އައިޒާންގެ ހިތަށް ތަދުވިއެވެ. ދެރަވިއެވެ. ހީކުރިވަރަށްވުރެވެސް އޭނަގެ މައިރާ ބައްޔެވެ. މާދަމާވާއިރަށް ލަސްވެދާނެތީ އޭނަ ބިރުގަނެއެވެ. ހިތަށް ކިތަންމެ ގިނަ އެއްޗެއް އެރިކަމުގައިވިޔަސް އައިޒާން އެވާހަކަތަކެއް ނުބުނެ އެވެ.
މައިރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފި އެވެ. އައިޒާން ހަދާނެގޮތް ހުސްވެފައި ހުރެފައި، ކުރުނބާ ފަނި ތައްޓެއް ގެނެސް އާދޭސްކުރަން ފެށުމުން މައިރާ އެތިފޮދެއް ބޯލައިފިއެވެ. އެންމެ ފަހުން އައިޒާން މައިރާގެ ބޯ މޮޑެދޭންފެށިއެވެ. އައިޒާންގެ އިނގިލިތަކުގެ ފިރުމުންތަކުން މައިރާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ލޯމަރާލައިގެން އޮތްއިރު ބައެއް ފަހަރު ވަރުބަލިވެގެން ދެ އަތަކަށް ފުރޮޅިލައެވެ. ލޮލުން ކަރުނަ އައެވެ. އެންމެ ފަހުން މައިރާ އުދަގޫ ނިންޖަކަށް ގެނބުނެވެ. ނިދީގައިވެސް އޭނަ ކުޑަކޮށް ކުކުރާލައެވެ. ވަރުބަލި ގޮތަކަށް ނޭވާލައެވެ. އައިޒާން އިނީ ނިދަންވެސް ނުކެރިފައެވެ. މައިރާ ބަލިވެއުޅޭއިރު ނިދުމަކީ އިންސާފަކަށް ނުވާނެއެވެ. އެކަމަކު މައިރާއަށް ބަލަހައްޓައިގެން އިނުމަކީވެސް މައިރާ ބޭނުންވާނެ ގޮތެއް ނޫނެވެ. އައިޒާން ސޯފާގައި އޮށޯވެލައިގެން އޮތްއިރު ނިދިވަނީ އެތައް އާލަމުގެ ދުރުގައެވެ. އައިޒާންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ މައިރާ ޑޮކްޓަރަށް ދައްކާފައި ޑޮކްޓަރުގެ ރިޕޯޓް ލިބުމުންނެވެ. ނުރައްކާތެރި ބައްޔަކަށް ނުވާނެކަމަށް އައިޒާން ދުޢާކުރި އެވެ.

ޒިޔާމާ އިރުކޮޅެއްވާންދެން އީޝަލް ގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އީޝަލް އުނދޯލީގެ ވަލުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ހެއްލަމުން ދިޔައިރު ފިކުރެއް ޚިޔާލެއް ނެތްފަދައެވެ. ނަމަވެސް އީޝަލް މިނިވަން ނުވެގެން މަސައްކަތްކުރާކަމާއި، ހިތުގައި ޒިޔާމާއާއި ދެކޮޅުވެރިކަން އުފެދިފައިވާކަން އެނގިފައިވެއެވެ. އީޝަލްއަކީ އޭނަގެ ކޮއްކޮގެ ދަރިއެކެވެ. ތުއްތު އިރުއްސުރެ ލޯބިން ބަލައި ބޮޑު ކުރުމުންވެސް ފުރާވަރަށް އެޅުނީމަ އޭނައަކަށް ގަދަރެއް ނުކުރިއެވެ. އަމިއްލަ ދަރިއެއް ނޫނީ ގެންގުޅެން ހެޔޮނުވާނެއެވެ. ކޮންމެވެސް ދުވަހަކުން އެންމެ ހިތުގައި ޖެހޭފަދަ ގޮތަކަށް ދޫކޮށްލާފައި ދާނެއެވެ. ނޫނީ އެއީ އީޝަލްގެ ޅަކަމެވެ. އަމިއްލަ ދަރިއަކަށްވިޔަސް އެގޮތަށް ވިސްނަފާނެއެވެ. އީޝަލްގެ ޚިޔާލު ކޮންމެފަދަ ގޮތަކަށް ހުރިކަމުގައިވިޔަސް ޒިޔާމާ އެދެނީ އީޝަލްއަށް އުފާވެރި ދިރިއުޅުމެކެވެ. އީޝަލްގެ ޙަޔާތުގެ ބައިވެރިޔަކަށް ރަނގަޅު ޒުވާނަކުވުމެވެ.

ރެޔާން ގެ ދިރިއުޅުމަށް އައި ބޮޑު ތޫފާންގެ ސަބަބުން އޭނަ ގެ ދިރިއުޅުން ވިއްސިވިހާލިވެގެން ނުދިޔައީ ހަމަކިރިޔާއެވެ. އޭނާ ކެތްތެރިވީ އާއިލާގެ ޙައްޤުގައެވެ. ނަމަވެސް އޭނަގެ އުޅުމާއި މިޒާޖަށް ކިތަންމެހާވެސް ބޮޑު ބަދަލުތަކެއް އައެވެ. މައިރާ މީހަކާއި ކާވެނިކުރިކަން އެނގުނު ވަގުތު ރުޅި އާއި ހިތާމަ ދައްކާލެވުނަސް އެފަހުން އެބައި އޭނަ އެއްވެސް އިންސާނަކަށް ދައްކާ ނުލައެވެ. އެ ދެލޮލުން އެއްވެސް އަސަރެއް، ޖަޒުބާތުތަކެއް ނުދައްކައެވެ. ހުރިހާވެސް ޖަޒުބާތުތަކާއި ހިތާމަތައް އޭނަ ވަޅުލައިފިއެވެ. އެ ހިމޭންކަމަކީ ވެސް ނުރައްކަލެއްގެ ނިޝާނެއް ނޫން ކަމެއްވެސް ނޭގެއެވެ. ހަވީރުވި ފަހުން ކޮޓަރިން ނިކުތްގޮތަށް އޭނަ ދިޔައީ މޫދަށެވެ. ރެޔާން މޫދުން އެނބުރި ގެއަށް އައިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ރެޔާން ގަސްތަކުގެ ތެރޭގައި ހިގަން އޮތް ހަނިމަގުން ވަދެގެން ދިޔައިރު މާމެލާމެލީގެ މީރު ވަހުން މުޅި ހިސާބުވަނީ އެއްވަސްވެފަ އެވެ. ހިތްގައިމު ރޯޅިތައް ނާނާ ކިޔަމުން ދިޔައެވެ. އުދަރެހުން ކުދި ތަރިތައް ފާޅުވާންފަށައިފި އެވެ. ޖާދުވީ ރީތި ރެއެކެވެ. މިފަދަ ރެއެއްގައި އޭނަ ގާތު މައިރާ ވާނެނަމައެވެ. އެހިތުގައި ރޯވެފައިވާ އަލިފާންގަނޑު ނިވާލާނެ އެއްވެސް ގޮތެއް އެނޫނީ ނެތެވެ. ނަމަވެސް މައިރާ އެހެން މީހެއްގެ ތަންމަތި ފަޅުފިލުވާދިނީއެވެ. އެހުރިހާ ވަޢުދުތަކާއި އަހުދުތައް އުވާލާފައި އެހެން މީހެއްގެ އަތުތެރޭގައި އުފާކުރިއިރު އޭނައަށްޓަކައި އެންމެ ރެއެއްވެސް ނުދިނެވެ. ބޭވަފާތެރި ކުއްޖެކެވެ. ރެޔާން ތުންފަތުގައި ދަތްއަޅާލިއެވެ.
ރެޔާން ފަތާފެންގަނޑަށް ފުންމާލިގޮތަށް އެތައް އިރެއްވަންދެން ފެތިއެވެ. ވަރުބަލިވަންދެން ވެސް ފަތަން ބޭނުންވީކަން ނޭގެއެވެ. ގަޑިއެއްހާއިރު ފަހުން އީޝަލް ހޫނު ކޮފީ ތަބަކެއް ހިފައިގެން އައެވެ.
"ރެއިން..ހަވީރުވެސް ސައިނުބޮއި ބޭރަށް ދިޔައީ.. ބަނޑުހައިވެ،ފިނިވެސް ވާނެ.. ކޮފީއެއް ބޯލަންވީނު.. މިހިރީ ހޫނު ޕިއްޒާވެސް.." އީޝަލް ފެންގަނޑަށް ދެފައި ލައިގެން އިށީނެވެ. ބަގީޗާގެ ބޮތްކެއްގެ ފަނޑުއަލި އެ ބުޅި ބުޅި އިސްތަށިގަނޑަށް ވެރިވެފައިވާއިރު މުށިކުލައާއި ރަންކުލަވެރިވެފައިވެއެވެ. ކުރު ޖިންސު ސޯޓަކާއި، އަތްކެނޑި ފަށުވި ޓޮޕެއްގައި އިނުމުން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. ގޭތެރޭގައި ކޮންމެ ހެދުމެއްގައި އުޅުނަސް ޒިޔާމާ އެކަން މަނަލެއް ނުކުރެއެވެ. ނޭނގިނަމަވެސް ތަރުބިއްޔަތުވެފައިވަނީ އެމެރިކަން ގޮތަށެވެ. 
"ތެންކިއު.." ރެޔާން ފެންގަނޑުން އަރާ ،ކޮފީ މަގާއި ޕިއްޒާ ފޮއްޗެއް ތަބަކުން ނަގައިގެން ދާން ހިގައިގަތެވެ. އީޝަލް ދެރަވިއެވެ. ރުޅިއައެވެ. އެވަރުން އޭނަ ރެޔާން އާއި އަޅާލާކަން ދެއްކީމަވެސް އެހާ ފިނިގޮތަކަށް ކަންތައްކޮށްގެން ނުވާނެއެވެ. ރެޔާން އާއި މައިރާ ވަކިވެގެން ދިޔައިމަވެސް ހަމަ ގުރުބާން އެބަވެއެވެ.
"ރެއިން.." އީޝަލް ގޮވާލުމުން ރެޔާން ގެ ފިޔަވަޅުތައް ހުއްޓުނެވެ.
"މައިރާއަކީ ވަރަށް ގޯސްކުއްޖެއް..އެދުވަހު ރެއިން ދިން ޕާރުސަލް ގެންގޮސްދިނީމަ ސިޓީ ކިޔާލާފައި ވަރަށް ރުޅިގަދަވެފައި އެތައް އެއްޗެއް ކި.. ބުނީ ފޭކް ސިޓީއެކޭ.. ގެންގޮސް މޫނުގައި ޖަހާލާފައި ބުނާށޭ މިއީ އޭ ޖަވާބަކީ.. އެކަމަކު އަހަރެން ބޭނުމެއްނުވި ރެއިން ދެރަވެދާނެތީ އެވާހަކަ ބުނާކަށް... ނަމަވެސް މިހާރު އެހެން މީހެއްގެ ވައިފުއަކާއިހެދި ރެއިން ތިވަރުވާތީ މިވާހަކަ ނުބުނެ ނުހުރެވުނީ.. ޝީ ޑަޒަންޓް ޑިޒާވް ޔޯ ލަވް ރެޔާން.." އީޝަލް މައުސޫމް ގޮތަކަށް ލޯ ބޮޑުކޮށްލައިގެން އިނދެ ވާހަކަދެއްކި އެވެ.
"ތިއީ މިހާރު އެހާ މުހިއްމު ވާހަކައެއް ނޫން.. ދެން އޭނަގެ ވާހަކަ އަހަރެންގެ ގާތުގައި ނުދައްކާތި.." ރެޔާން އަމުރުވެރި ގޮތަކަށް އެހެން ބުނެލާފައި ބާރުބާރަށް ދާން ފެށުމުން އީޝަލް ތުނު އޫ ކޮށްލައިފި އެވެ.މި މީހުން ދެން މިއުޅެނީ މާ ބޭބެ ހެދިގެންނެވެ. އެކަމަކު ހިތް ހެވެއްނޫނެވެ. އޭނަދެކެ ލޯބިވާނަމަ އެހާ ފަރުވާކުޑަކޮށްލާފައި އަޅައި ނުލައެއް ނުދާނެއެވެ. ރެޔާން އާއި ފަރުޒާންވެސް އުޅެނީ އެމީހުންގެ އަންހެނުންނަށް މޮޔަވެގެންނެވެ. އެވަރު ތަންކޮޅެއްބޮޑެވެ. އޭނަ ހުންނަނީ ބާކީވެފައެވެ. މިހާ މުއްސަދި ގެއެއްގައިވެސް އޭނަ އުޅެންޖެހެނީ ބަންދުވެގެންނެވެ. އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަޔާނާ އަކީ މިގޭގެ ރަނިކަމަނާއެވެ. އޭނައަށްވުރެ އަޔާނާ ގެ ނުފޫޒު މިގޭގައި ގަދައެވެ. އަޔާނާގެ އަތުގައި ލެޕެއްހުރެއެވެ. އައި ފޯނެއް އޮވެއެވެ. އެވަރުގެ ހިތްހަމަޖެހުމެއްވެސް އޭނައަކަށް ނުލިބެއެވެ. މަންމަ ރުޅިގަދަވަގެން ބައެއް ފަހަރު އަޑުލިޔަސް ފަރުޒާން މާ ލޯބިން ގެންގުޅޭތީ އަޔާނާ ހުންނަނީ ހެދިފައެވެ.ފޮނިވެފަ އެވެ.
"ވަރަށް ނުބައި ބަޔެއް.. އަހަރެން ގެންގުޅެނީ ކުށްވެރިއެއް ފަދައިން ބަންދުކޮށްލައިގެން.. އެއްވެސް ފްރީޑަމްއެއްނެތް.. ހަމަ ފިލައިގެން ދާނީ.. ބޭބެމެންވެސް އަހަރެން ދެކެ ލޯތްބެއްނުވޭ.."އީޝަލް ރުޅިގަދަވެގެން ގޮސް އެތާހުރި ގަހެއްގައި ހިފާފައި ހަލުވައިގަތެވެ. ކަރުތެރޭން އަޑެއްލެއްވިއެވެ. ހީވަނީ ގަސްވެސް އުފުރާލަފާނެހެނެވެ. އީޝަލް ބޭނުމީ އޭނަގެ އެހެން އެކުވެރިން ފަދައިން މި އުމުރުގައި ބޯއިފްރެންޑެއް ހުރުމެވެ. ބޭނުންވަރަކަށް ނެޓަށް ވަނުމެވެ. ރީތި ހެދުންލައިގެން ޕާޓީތަކަށާއި ރިޒޯޓަށް އަދި ދަތުރު ދިއުމަށެވެ.
"އޭ އިޝޫ...ކިހިނެއްތިވަނީ؟ " ފެންޑާއަށް ނިކުތް ފަރުޒާންއަށް އެމަންޒަރު ފެނުމުން ހައިރާންވެ އަންތަރީސްވިއެވެ. އީޝަލް ރަކިވިއެވެ. އަނގަ ސަކަރާތްވިއެވެ. ވަގުތުން ފުޅާ ހިނިތުންވުމަކާއިއެކު އެ ބޮޑު ބޮޑު ދެލޮލުން ބަލާލީ ޅަގޮތަކަށެވެ.
"ފޫހިވެގެން ރުޅިގަދަވަނީއޭ.. ނެޓަށް ނުވަދެވޭ.. މިޝްވެސް މަންމަދެކެ ބިރުން މިގެއަކަށް ނާދޭ.. ހަމަމޮޔަވާނެ.."އީޝަލް ގަހުން ފަތްތައް އުފުރަން ފެށިއެވެ.ފަރުޒާން އެއްޗެކޭ ބުނަން އުޅެނިކޮށް އަޔާނާ ކޮފީ ތަބައް ހިފައިގެން އަންނަތަން ފެނުމުން އީޝަލް ވަކިން ފޫހިވިއެވެ. އެދިޔަގޮތަށް ގޮސް ފަތާފެންގަޑަށް ޑައިވެއް ޖަހާލައިފިއެވެ. ފަރުޒާންއަށް ވިސްނުނެވެ. މަންމަމެން އީޝަލްއަށް ކާޓޫނު އަދި އެނިމޭޓެޑް ފިލްމުތައް ދައްކައިގެން ރަގަޅުވާނެކަމަށް ހީކުރުމަކީ ގޯހެކެވެ. ކާޓޫނުތަކުން ކުދިންގެ މިޒާޖަށް ކުރާނެ ނޭދެވޭ އަސަރުތައް އީޝަލްގެ ފަރާތުން މިދަނީ ފެންނަމުންނެވެ.ތަރުބިއްޔަތުކުރުމުގައި ކޮންމެވެސް މުހިއްމު ބަޔެއް މަދެވެ. އެވަގުތު އެއީ ކޮންބަޔެއްކަން ފަރުޒާންގެ ވިސްނުމަކަށްވެސް ނައެވެ.

މައިރާ ހެނދުނު ހޭލިގޮތަށް ހޮޑުލެވެން ފެށިއެވެ. މައިރާ އެވަރުންވެސް ފާޚާނާއަށް ދާން ތެދުވުނެވެ. ހެދުން ބަދަލުކޮށްލަން ވެގެން އަލަމާރި ހުޅުވިގޮތަށް ފެނުނު ކަރުދާސްގަނޑަކުން މައިރާގެ ސަމާލުކަން އެ އަތުލިއެވެ. ކޮޅަށް ނުހުރެވޭ ހާލުގައިވެސް މައިރާ އެ ކަރުދާސް ނިއުޅާލާފައި ބަލާލުމާއެކު މައިރާ ސިހުނެވެ.އެއީ އޭނަގެ ތަސްވީރެކެވެ. އައިޒާންގެ ލޯބި މައިރާ ހައިރާން ކުރުވިއެވެ.
"ޒާން..ހާދަ ރަގަޅޭ..އަހަރެން ދެކެ ހާދަ ލޯބިވެޔޭ." މައިރާ އެތަސްވީރު ހުރިގޮތަށް ބެހެއްޓުމަށްފަހު ފާޚާނާއަށް ވަނުމާއިއެކު ހޮޑުލެވިއްޖެއެވެ. އޭނަ ހެދުން ބަދަލުކޮށް ދަތް އުނގުޅާ ހަދާލައިގެން ނުކުމެ އެނދުގައި އިށީދެއްޖެއެވެ. އިރުކޮޅަކުން އައިޒާން ސައި ތަބައް ހިފައިގެން އައެވެ. އައިޒާން ހުރީ އުފާވެރި މޫޑެއްގައެވެ.
"މޯނިން ޕްރިންސެސް...ވަރަށް އުފާވެއްޖެ ފްރެޝްވެލައިގެން އައީމަ..ތި މެރޫން ހެދުން ލީމަ ވަރަށް ޕްރިޓީ.." އައިޒާން ތަބައް މޭޒުމަތީގައި ބެހެއްޓިއެވެ. ސެންޑްވިޗާއި ހޫނު ބިސްގަނޑަކާއި ކުރުނބާ ފަންޏެވެ. އައިޒާން ރަނގަޅުކަމުން ހެނދުނު ނާސްތާވެސް ތައްޔާރުކޮށްލައިގެން ކޮޓަރިއަށް ގެނެސްދިނީއެވެ. މައިރާ ހިނިތުންވެލާފައި ތެދުވާން އުޅުމާއިއެކު އޭނައަށް ހީވީ ހުރިހާތަނެއް އަނދިރިވާން ފެށިއެވެ. ދެން ވީނުވީއެއްނޭގުނެވެ. މައިރާ ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގައެވެ. މައިރާގެ އަތަށް އައިވީއެއް ގުޅާފައި ހުއްޓެވެ.
"މޭއި މިހާރު ރަގަޅުތަ؟ " އައިޒާން ހުރީ މައިރާގެ އެނދުގެ މަގަތުގައި ހުއްޓިލައިގެންނެވެ. މައިރާ އާއެކޭ ބުނުމުގެ ގޮތުން ނިތްކުރި އަރުވާލުމަށްފަހު ދެލޯމަރާލައިފިއެވެ. އިރުކޮޅަކުން އޭނަގެ އަތުން ލޭނެގިކަން އެނގުނެވެ. ޓެސްޓް ހަދަންކަންނޭގެއެވެ. އައިޒާން ހުރީމަ ބޮޑާހާކާ ރޯކަށްވެސް މައިރާއަކަށް ނުކެރުނެވެ. ކޮންމެވެސް ސަބަބަކާއިހެދި އައިޒާންއަށް އިހުތިރާމްކުރެވުނެވެ. އައިޒާންއަށްޓަކައި އޭނަ އޮތީ ކެތްކޮށްލައިގެންނެވެ. އައިޒާން ގެ ލޯތްބާއި އަޅާލުން އޭނައަށް ކިތަންމެވަރަކަށްވެސް މިވީ ކުޑަ ދުވަސްކޮޅު އިހުސާސްކުރެވިއްޖެއެވެ. އޭނަގެ ނުރުހުމާއެކު އަތުގައިވެސް ހިފާލަން ބޭނުންނުވާނެ ފިރިހެންކުއްޖެކެވެ.
މައިރާ ގެ ލެޔަށް ކެޑިނޭޅި ފޮނުވަމުންދާ އައިވީގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހުނެވެ.
"ޒާން... ޑޮކްޓަރު ބުނީ ކީކޭތަ؟ ކޮންމައްސަލައެކޭތަ ބުނީ؟ " މައިރާ ކުޑަ ހިނިތުންވުމަކާއިއެކު އަހާލައިފިއެވެ. އައިޒާން އަށް އެ މަންޒަރު ފެނުމުން އުފާވިއެވެ. މިހާރު މައިރާގެ ލޮލުގެ ވިދުން ތަންކޮޅެއް ގަދައެވެ. ތުންފަތުގެ ރަތްކުލަވެސް ތަންކޮޅެއް ގަދަވެލައިފިއެވެ.
"މިރޭ ރައުންޑަށް އައީމަ ތިކަންތައް އެނގޭނެ.. ކަންބޮޑުނުވޭ.. އިރާދަކުރެއްވިއްޔާ މާބޮޑުކަމެއްނެތް.. ޑޮކްޓަރު ބުނުއްވީ ގެސްޓްރައިޓިސް ކަމަށްވެދާނެއޭ.. ނޫނީ ޓްރެވެލް ސިކްނަސް ކަމަށް...ދެން މިރޭ ޔަގީންވާނެ.."އައިޒާން އެއްފަހަރުވެސް މައިރާ އެކަނިދޫކޮށްލާފައި ދުރަކަށް ނުދެއެވެ. ހުރިހާ ވަގުތެއްގައިހެން މައިރާ ގާތުގައި ވާހަކަ ދައްކަންއިނެވެ. މައިރާ އެއްފަހަރު ނިދާފައިހޭލިއިރުވެސް އައިޒާން ސޯފާގައި ނޫހެއްކިޔަން އިނެވެ.
އިރުއޮއްސުނުފަހުން ޑޮކްޓަރ އެކޮޓަރިއަށް އައެވެ. އޭނަ ހުރީ ހެވި ދިއްލިފައެވެ. އައިޒާންއަށް ޑޮކްޓަރުގެ މޫނަށް ބަލާލުމާއިއެކު މައިރާގެ ނުރައްކާތެރި ބައްޔެއްނެތްކަން ޔަގީންވިއެވެ.އައިޒާންގެ ހިތް ގަނޑުފެނުން ތެންމާލިފަދަ ފިނި އުފާވެރި އިހުސާސެއްކުރެވުނެވެ.
"ކިހނެއްތަ މައި ޑިއަ ގާލް.. މުޅިން ރަގަޅުކަމަށް ފެންނަނީ. އެއްވެސް ބައްޔެއްނެތް.." ޑޮކްޓަރު މައިރާގެ އަތުގައި ފިރުމާލަމުން ހިތްހެޔޮކަމާއިއެކު ބުންޏެވެ. މައިރާ ބުނީ މިހާރު ރަގަޅުކަމަށާއި ގެއަށް ދާން ބޭނުންކަމުގައެވެ. އައިޒާން ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ. އޭނަ ހާދަ ވަރަކަށް ދުޢާކުރިއެވެ. ނުރައްކާތެރި ބަލިތަކުން މައިރާ ސަލާމްތްކުރެއްވުމަށާއި ޢުމުރު ދިގު ކުރެއްވުމަށެވެ. މައިރާއަށް ދެދުނިޔޭގެ ނަސީބާއި އުފާވެރިކަން ދެއްވުމަށެވެ.
"އުފާވެރި ޚަބަރެއްވެސް އެބައޮތޭ... ޓެސްޓް ހެދިއިރު ޕްރެގްނެންސީ ޓެސްޓް ޕޮޒިޓިވް..."ޑޮކްޓަރު ހީލަމުން ބުންޏެވެ

ކޮމެންޓް 0