އެހެންނޫނަސް ޒައިން އަށް ޓަކައި ފައިސަލްގެ ހިތުގައިވާ ލޯތްބާއި މަޤާމު އެހެން އިންސާނަކަށް ނުދެވޭނެ އެވެ. އަދިވެސް އެ ދަރިފުޅުގެ ހަނދާންތައް ފައިސަލްގެ ހިތުން ފިލައިގެނެއް ނުދެއެވެ. އެތުއްތު މައުސޫމް ހަށިގަނޑު ކަށްވަޅުގައި ބޭއްވީ އޭނަގެ ދެއަތުންނެވެ.

"އީޝަލް މޮޔަކަން. ތިކިޔޭއެއްޗެއް އެނގޭތަ؟ އެމީހުން ކައިވެނިކުރިތާ އަދި ތިންމަސް ނުވާއިރު މައިރާގެ ބަނޑަށް ތިންމަސް ވުމަކީ އެކަށީގެންވާ ކަމެއްނޫން. އެހެންކިޔާފައި އީޝަލް ބޭކާރު ވާހަކަތަކެއް ދައްކަން ފެށީމައޭ މައިރާއަށް ރޮވުނީ. އެހާ ބޮޑު ބަދުނާމެއް އެޅުވީމަ ކިހާ އަސަރެއް ކުރާނެ. އެކަމަކު މައިރާއަކީ އެހާ ހިތްބަލިކުއްޖެކޭ ހިތަކަށް ނާރާ. ރާދާ ގެއިން ދިޔަ ފަހުން މައިރާއަށް ނަފްސާނީ މައްސަލަ ކުރިމަތިވެ އެއްގޮތަކަށް ވެސް ރޯން ނުދަންނަ، ތަފާތު ކުއްޖެއް ކަމުގައި ސުލްތާނާ ދައްތަ ބުނުއްވި. ދެން ކިހާވަރަކަށް ދެރަވީމަ އެންމެން ކުރިމަތީގައި އެގޮތަށް ރޮވޭނީ. އީޝަލް ކުޑަކުއްޖެއްހެން އުޅޭތީ ހަމަ ބޯ ހަލާކު...." ޒިޔާމާ ކެއުން ހުއްޓާލާފައި އައިޒާންގެ ފޯނަށް ގުޅަން ފެށިއެވެ. އައިޒާން އަންނަންދެން ނުކައި އިންނަން ޒިޔާމާ ބޭނުމެވެ. އައިޒާން ބުނީ އިރުކޮޅަކުން އަންނާނެ ކަމުގަ އެވެ. ޒިޔާމާ ތަށި އެއް ފަރާތަކަށް ޖައްސާލާފައި ހަށަން ބަނދެލައިގެން އިންތަން ފެނުމުން ފައިސަލް އަށް ވިސްނިލެއްވި އެވެ. ޒިޔާމާ ވަނީ ހީކުރިވަރަށް ވުރެ މާބޮޑަށް އައިޒާން އާއި ދޯހަޅިވެފައެވެ. އެކުއްޖާ އާއި ނުލައި ޒިޔާމާ ދެން ނޭވާލާން ބޭނުން ނުވާ ދަރަޖައަށް ހިނގައިދާނެތީ ފައިސަލް ކަންބޮޑުވެލެއްވިއެވެ. ނަފްސާނީ މައްސަލައިގައި މިއީ އެންމެ ރަނގަޅު ފަރުވާކަމާއިމެދު ފައިސަލް އަށް ޝައްކެވެ. ނަމަވެސް ހިތުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އޭނައަށް ފަހަރެއްގައި ނަފްސާނީ ކަންތައް ރަހީލާހާ ރަނގަޅަށް ނޭނގި ހިނގައިދާނެ އެވެ.

"މަންމާ. އަޅުގަނޑަށް އެނގިއްޖެ. މައިރާ ދޮންބެ އާއި މެރީކުރުވަން އުޅުނީމާ ނުގަބޫލުވެ އަވަހަށް ޒާންއާއި މެރީކުރި ސަބަބަކީ އެއީ. އެކަމަކު މައްސަލައެއް ނެތެއްނު. އެމީހުން މެރީޑު. އެހެންވީމަ ބޭބީ ގެ ބައްޕައެއް އެހެރީނު. ކޫލް.. ބެކަމްމެން މެރީކުރީ ވެސް ދަރިފުޅު ބްރޫކްލިން އަށް ހަތަރުމަސްވީމަ. ބޭރު ކިތަންމެ ބަޔަކު މެރީނުކޮށް ވެސް އެކީގައި އުޅޭ. ބޭބީސް އިންވެސް ހޯދައެއްނު. ވީއިރު އޯކޭވާނެ...." އީޝަލް ބޯ ހަލުވާލީ ފަރުވާކުޑަ ގޮތަކަށެވެ. އީޝަލް އެއީ މާބޮޑުކަމެއްކަމަކަށް ނުދެކި ވާހަކަދެއްކިއެވެ. ފައިސަލް އިންނެވީ ހައިރާންވެލައްވާފަ އެވެ.
"އެކަމަކު އިތުރުމީހަކަށް ތިކަން އެނގިގެން ނުވާނެ. ރޫމާސް ފެތުރެނީ ތިހެން އަދި، އީޝަލްއަށް ޔަގީންނުވެ ހީއެއްގެ މައްޗަށް ބިނާކޮށްގެން ވާހަކަދައްކައިގެން ވެސް ނުވާނެ. ގޮސް މައިރާގެ ގާތުން މާފަށް އެދެންވާނެ...." ޒިޔާމާ އިނީ ފޯނާއި ކުޅެލަކުޅެލައެވެ. ހީވާގޮތުން ޒިޔާމާގެ ސިކުނޑީގައި ވަނީ އެކަނި "ޒައިން" އެވެ. 

"ޒިޔާމާ ދަރިފުޅު ގާތު ދީނީގޮތުން އެކަންތައް އޮންނަގޮތް ކިޔާދޭންވާނެއެއް ނޫންތަ؟ އުމުރުން މިހިސާބަށް ދާއިރު ފާފަވެރިވާ ކަންތައްތައްތަކާއި ދީނުގައި އޮންނަ ޙުކުމް އެނގެންވާނެ. ހީވާގޮތުން އަހަރެމެންގެ ދަރިފުޅަށް ދަސްވެފައިވަނީ އެމެރިކާ މީހުން އުޅޭ ގޮތްތައް. އެއްގޮތަކަށް ވެސް ދީނުގައި އެކަން އޮންނަ ގޮތް އެނގިފައެއް ނެތެއްނު. އިޝޫ މަންމަގާތުން އަހައިގެން އޮޅުންފިލުވާ. އަހަރެމެންނަށް އަދި މިއުޅެވެނީ ދީނީގޮތުން ތަންކޮޅެއް ފަހަތުގައިވީމަ ކުދިންނަށް ވެސް މަގުއޮޅިފައި ވަނީ. ހަމައެކަނި ދުނިޔޭގެ ނަސީބު ލިބިގެނެއް ކަމަކުނުދާނެ. މައިރާ އެކުރީ ވިޔާނުދާ ކަމެއް. އެވާހަކަ ރަށުތެރޭގައި ފެތުރިއްޖެއްޔާ މުޅި އާއިލާވެސް ބަދުނާމުވާނެ.. އެހެންވީމަ އިޝޫމެން ވެސް އިތުރަށް އެވާހަކަ ނުދައްކާ ތިބެންވާނެ އިނގޭ...." ފައިސަލްގެ ވާހަކަ ކަނުލާ އަޑުއަހައިގެން، އެންމެން ތިބީ އަދަބުވެރިކަމާއި އެކުގައެވެ. އީޝަލް އިނީ ކަންބޮޑުވެފައެވެ. މައިރާ ރުއި ސަބަބަކީ އޭނަގެ ބޮޑު އަނގައިގެ ސަބަބުންކަން އެނގުނެވެ. އޭނަ ހީކުރީ މައިރާ ބަލިވެއިންކަން އެނގުމުން އެންމެން އުފާކުރާނެ ކަމަށެވެ. ޕާޓީއެއް ބާއްވާނެކަމުގައެވެ. ކަންތައް ހިނގީ އޭގެ ދިމާއިދިކޮޅަށެވެ. ދީނީ ތަގުރީރެއް ވެސް އަޑުއަހަން ޖެހުނީއެވެ. އީޝަލް އިނީ ތުންފިތާލައިގެންނެވެ. އުފާވެރި ތަބީޢަތު މުޅިން ޚަރާބު ވެފައެވެ.

މައިރާ އައިގޮތަށް ފެންޑާގައިވާ ދިގު ގޮނޑިއެއްގައި އިށީދެ ލޮލުގައިވާ ކަރުނަތައް ދިރުވާލަން މަސައްކަތްކުރަމުން ދިޔައެވެ. އެކަމަކު ގެއިން ނުކުމެގެންދާކަށް ނުކެރުނެވެ. އިތުބާރުކުރެވޭ މީހެއްވެސް ނޭނގުމުންނެވެ. ދާންވީ ތަނެއް ނެތުމުންނެވެ. އިރުކޮޅަކުން އައިޒާން ނުކުމެގެން އައިގޮތަށް މައިރާއާއި ގާތުގައި އިށީދެ، މައިރާގެ އަތުގައި ހިފާލުމުން މައިރާ ބަލާލީ ހައިރާންކަމާއި އެކީގަ އެވެ.

"ވަރަށް ދެރަވޭ އެވާހަކަ އެގޮތަށް ދެކެވުނީމަ. ސޮރީ. އެކަމަކު..." އައިޒާން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް މީހެއްގެ ފިޔަވަޅުގެ އަޑު އިވިގެން ބަލާލިއިރު ދޮރުމަތީގައި ހުރީ ރެޔާންއެވެ. ރެޔާންގެ ނަޒަރު ހުއްޓިފައި ވަނީ އައިޒާން އާއި މައިރާގެ ގުޅިލާމެހިފައިވާ އަތްތިލަ އަށެވެ. 

ރެޔާން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ދެރަވެފަ އެވެ. ހީވަނީ އޭނަގެ ލޯކުރިމަތީގައި ގަސްތުގައި ޑްރާމާއެއް ކުޅެމުން ދާތީ ފޫހިވެފައި ހުރިހެންނެވެ. މައިރާގެ ކަރުނުން ފުރިފައިވާ ދެލޮލާއި، އައިޒާންގެ އަސަރުކޮށްފައިވާ މޫނު ކިޔައިދިނީ އެހެން ވާހަކައެކެވެ. ޑްރާމާއަކަށްވުރެ ވައްތަރީ، ހަގީގީ ލޯބީގެ މަންޒަރަކާއި އެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ފަދަ އެވެ. އެކަކު އަނެކަކަށް އެދޭފަދައެވެ. އައިޒާން މައިރާ އާއި އަޅައިލާ ވަރާއި، ލޯބި، އެލޮލުން ރެޔާންއަށް ފެނުނެވެ. އޯގާތެރި ލޯތްބެކެވެ. ރެޔާން ފަދައިން މަޖުބޫރު ކުރުވާފަދަ ގޮތެއް ނެތެވެ. ރެޔާންގެ ހިތަށް ހީވީ ކުދިކުދި ތީރުތަކެއް ހަރާލެވުނު ހެންނެވެ. މިފަދަ ކިތަންމެ މަންޒަރެއް މިގެއިން ދެން ފެންނާނެކަން އެނގޭއިރު އެކަން ހުއްޓުވަން ކުރާނެކަމެއް އޮތްހެނެއް ހިޔެއް ނުވެއެވެ.

"ޒާން ކީއްވެތަ އަހަރެން ޑިފެންޑް ނުކުރީ؟" މައިރާ ރެޔާންއަށް ފަރުވާލެއް ނެތި އައިޒާންއާއި ދިމާއަށް މޫނު އަނބުރާލަމުން ބުންޏެވެ. ރެޔާން މަޑުކޮށްނުލާ އެތެރެއަށް ވަންތަން އައިޒާންއަށް ފެނުނެވެ. އޭނަ ފުން ނޭވަޔެއްލިއެވެ.
"ސޮރީ. އަހަރެން އެވަގުތު ބޭނުންނުވީ ބޮޑު ހަނގުރާމައެއް ފެށެން. އެހެން ނޫނަސް ދޮގުހެދުމަކީ ރަނގަޅު ކަމަކަށް ނުވެ ހިނގައިދާނެ. ކޮންމެވެސް ދުވަހަކުން މިސިއްރު ބޭޒާރުވެސް ވާނެކަން އެނގޭތީ. ދަރިފުޅު އަވަހަށް ވިހެއީމަ އެކަން ނުވިސްނޭހާ ފައިސަލްމެން ގަމާރެއް ނުވާނެ...." އައިޒާން ވިސްނައިދޭ ރާގަކަށް ވާހަކަދެއްކި އެވެ.
"އަހަންނަށް އެނގޭ. އިންސާނުންނަށް ހަގީގަތް ފޮރުވުނަސް ހުރިހާކަމެއް ދެނެވޮޑިގެންވާނެ ފަރާތެއްވޭ. ދެން ކިހާބޮޑު ބަދުނާމެއްތަ މިލިބެން އުޅެނީ؟ މުޅި މާލޭގައި އެވާހަކަ ދެކެވޭނެ. ޒާން ކީއްކުރަން މިވަރުގެ ތަނަކަށް އައީ؟ އެނގޭ އަމިއްލަ އާއިލާ އާއި ބެހޭގޮތުން މިގޮތަށް ވާހަކަދައްކައިގެން ނުވާނެކަން. އެކަމަކު އެންމެން ކަންތައް ކުރާގޮތުން ހަމަ ހާޓްވަނީ.." މައިރާ ޝަކުވާގެ ރާގެއްގައި ބުންޏެވެ. އޭރުވެސް އައިޒާން މައިރާގެ އަތުން ދޫކޮށެއް ނުލައެވެ. މައިރާ ލަސްލަހުން ގޮނޑިން ތެދުވެއްޖެއެވެ. އައިޒާން މައިރާގެ ކޯތާފަތް މަތިން ދެމެމުންދިޔަ ކަރުނަތައް ފޮހެލަދިނީ އޯގާތެރިކަމާ އެކީގައެވެ. މައިރާގެ ބޯ އެސްފިޔަތައް ހިއްލާލެވުނު ގޮތަށް އައިޒާންގެ ރީތި ދެލޮލަށް ބަލައިލެވުނެވެ.ހިތް ބަންޑުންވާ ފަދަ އޯގާތެރި ނަޒަރުގެ ސަބަބުން މައިރާއަށް އޭނަގެ ހަޔާތުގެ މަގުތައް އެކީ އެކައްޗަށް އަލިވެގެން ދިޔަހެން ހީވިއެވެ. މިހުރިހާ ދުވަހު ހުރީ ދާންވީ ކޮޅެއް ނޭނގިފަ އެވެ. ނަމަވެސް މައިރާއަށް އޭނަގެ މަންޒިލަކީ އައިޒާންކަން އެސިކުންތުކޮޅުގައި ސާފުވިއެވެ.

"ލޯބީގެ ނަމުގައި މީހަކު އަހަރެން ލޫޓުވާލުމަށްފަހު އަހަންނަށް އެހީތެރިވި މީހަކީ އެކަނި ޒާން. ތިނޫން އެހެން އެއްވެސް މީހެއް އަހަރެންގެ ނެތް ޒާން. އަހަރެން މިވަނީ އެކަނިވެރި ވެފައި...." މައިރާ ރޮމުން އައިޒާން ގެ މޭގައި ބޯ އަޅައިލައިފި އެވެ. ދުވަހަކުވެސް އެ އަތުގެތެރެއިން ނިކުންނަން މައިރާ ބޭނުމެއް ނޫނެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކީ ހަމައެކަނި އައިޒާންއެވެ. އޭނަގެ ލޯބިވާ ހުރިހާ އެންމެން އޭނަ ބާކީކޮށްލި އިރު ވެސް، ވެއްޓުނަ ނުދީ ހިފަހައްޓާލައިގެން ހުރީ ހަމައެކަނި އައިޒާންއެވެ. ވީއިރު އެފަދަ އޯގާތެރި ލޯބިވެރިޔަކަށް ޓަކައި، އޭނަ ޖެހޭނީ ގުރުބާން ވެސް ވާށެވެ.

"ހޫމް. އަހަރެންގެ ފުރާނަޔާ. އެކަނި ތިހެން ބުނަންވީ. އަހަރެން އަބަދު އިންތިޒާރު ކުރަނީ މޭއި އަހަރެންގެ މީހަކަށް ވާން ބޭނުން ދުވަހަކަށް. އެކަމަކު ދެން މެރީކުރެވޭނީ ވެސް މޭއި ވިހާ ގަދަވި ދުވަހަކުން. އެކަމަކު އެހެން މީހަކަށް މިކަން ނޭންގީމަ އޯކޭވާނެ. ބުނާނީ އިންޑިއާއިން ގެނައި ކައިވެނީގެ ސެޓްފިކެޓްތައް ގެއްލުނީއޭ އެހެންވީމަ އަލުން މެރީކުރަން ވެގެންނޭ.. ސޯ...." އައިޒާން މައިރާގެ އިސްތަށިގަނޑުގައި ފިރުމާލައިފިއެވެ.

"އޯކޭ..." މައިރާ ކަރުނައިގެ ތެރެއިން ހިނިތުންވެލި އެވެ.

"ޑޯން ވޮރީ ގާލް. އަހަރެން އަބަދުވެސް މޭއި އާއި އެކުގައި ވާނަން. އެއަށްވުރެ ބޮޑަށް ލޯބިވޭ.." އައިޒާން ދެވަނަ ފަހަރަށް މައިރާ މޭގައި ބޮނޑިކޮށްލަމުން ޔަގީންކަން ދިނެވެ.

މައިރާގެ މާމައަށް މައިރާ ބަލިވެ އުޅޭކަން އެނގުމާއި އެކު އެގެއަށް އައެވެ. މައިރާގެ ގައިގައި ހިފައިގަނެގެން ރުޔެވެ. ސުލްތާނާ އަކަށް އެއްގޮތަކަށް ވެސް އެހާ ލޯބިން ގެންގުޅުނު މާމަ ދަރިފުޅާއި ވަކިން އުޅެން ކެތްނުކުރެވުނީއެވެ. ނަމަވެސް އައިމަން އާއި ޝަމާއިލް ތިބީ ގޮތުގައި ހިފަހައްޓައިގެންނެވެ. ޖެހިގެން ހުރި ގޭގައި މައިރާ އުޅެމުންދާއިރު ވެސް އެގެއަށް އަންނާކަށް ބޭނުމެއް ނުވިއެވެ. މައިރާގެ ހިތަށް ވެސް ކެތްކުރެވެނީއެއް ނޫނެވެ. ނަމަވެސް އޭނަ އަކަށް ބައްޕަމެން ދެކެން ދާކަށް ނުކެރުނެވެ.

އައިޒާން އެންމެނަށް ސިއްރުން ވެބްޑިޒައިންކުރަން ފެށިއެވެ. ސޮފްޓްވެއާތައް އުފައްދަން މަސައްކަތްކުރި އެވެ. ފުރަތަމަކޮޅު އޭނައަށް އުނދަގޫވި ނަމަވެސް، އެކަމާއި ގަޔާވެގެން ކުރަން ފެށުމުން މާބޮޑު މަސައްކަތަކަށް ނުވިއެވެ. އައިޒާން އުފެއްދި ފުރަތަމަ ސޮފްޓްވެއާ އޭނަ ވިއްކަން ގަސްތުކުރީ ވިހި ހާސް ރުފިޔާ އަށެވެ. ކޮޓަރީގައި އެކަނި އިނދެ އޭނަ ކުރާ މަސައްކަތް އެނގޭ ހަމައެކަނި މީހަކީ މައިރާ އެވެ. އެހެންމީހުން ދެކެނީ މައިރާ އާއި އައިޒާން ލޯބިވާވަރުން، ކޮޓަރީގައި ގިނަވަގުތު ހޭދަކުރަމުން ދަނީކަމަށެވެ. ނަމަވެސް އައިޒާން އާއި މައިރާގެ ލޯބީގެ ގުޅުމެއް ނޯވެއެވެ. މައިރާ އާއި އައިޒާން ވާހަކަދައްކާ ސަމާސާކޮށް އުޅެއެވެ. އެކަމަކު އައިޒާން އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާޅަނީ، އެކަނި ކޮޓަރީގައި އުޅޭއިރު ޝައިތާނާ އެދެމެދަށް ވަދެފާނެކަން އެނގޭތީއެވެ. އޭނައަކީ ވެސް ޒުވާނެކެވެ. ބޭނުންވާ ކަންތައްތައް ހުންނާނެ އެވެ. ވީއިރު އޭނަ އެވަރު ދަންނަން ޖެހޭނެއެވެ.

އައިޒާންމެން ލެވެންޑާކޮޓެޖަށް އައިތާ ހަފްތާއެއް ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. އައިޒާންމެން އެއް ގެއެއްގައި އުޅުނަސް ރެޔާން އަކާއި ދިމަލެއް ނުވެއެވެ. އޭނަ ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައިކަން ނޭނގެއެވެ. ނޫނީ އޭނަގެ އަމިއްލަ ގޭގައެވެ. ކާގަޑީގައި ވެސް ދިމަލެއް ނުވެއެވެ. އެންމެ ހައިރާން ވަނީ ފައިސަލްމެން ވެސް، އައިޒާން ފެނުނަސް އަނގައިން ނުބުނާތީއެވެ. އެމީހުންނަށް މަޖުބޫރުވެގެން އައިޒާން މިގޭގައި ބެހެއްޓިޔަސް، އައިޒާންއަށް ޝުކުރުކުރާހެނެއް ހިޔެއް ނުވެއެވެ. ހީވަނީ ދައުވަތެއް ނުލިބެނީސް އޭނަ ގެއަށް ގަދަކޮށްލައިގެން އުޅޭތީ އެމީހުން ފޫހިވެ، ބޮލަށް އުނދަގޫވެފައި ތިބޭހެންނެވެ. އޭނަ މިގެއިން ދާ ދުވަހަކުން ޔަގީނުން ވެސް މިގޭގައި ހުރިދުވަހަށް އަގުވެސް ދޭނެއެވެ. ނަމަވެސް އައިޒާން ކެތްކުރަނީ ޒިޔާމާއަށް ޓަކައެވެ. އެކަމަކު އައިޒާން ބޭރަށް ދިޔުން ގިނަވާން ފެށިއެވެ. އެދާ ތަނެއްގެ ވާހަކަ އޭނަ މައިރާ ގާތުގައި ވެސް ނުބުނެ އެވެ. ބުނަނީ އެކުވެރިންނާއި އެކުގައި ދަނީކަމަށެވެ.

ހަވީރު އައިޒާން ގެއިން ބޭރަށް ދިޔަގޮތަށް ލަސްވާން ފެށުމުން މައިރާ ކަންތައް ބޮޑުވާން ފެށިއެވެ. ތަޅުލައިގެން އެކަނި ކޮޓަރީގައި އިންނާކަށް ނުކެރުނެވެ. ކިރިޔާ އަޑެއް އިވުނަސް ސިހިގެން ދެއެވެ. ހީވަނީ ކޮންމެ ވަގުތަކުވެސް ދޮރު ހުޅުވާލާފައި ރެޔާން ވަދެފާނެ ހެންނެވެ. އޭނަގެ ގެ ވީމަ ޑަބަލް ތަޅުދަނޑި ވެސް އަތުގައި އޮވެދާނެ އެވެ. އެންމެފަހުން މައިރާގެ ހިތް ސަކަރާތްވާން ފެށުމުން އޭނަ ސިއްރު ފިޔަވަޅު ތަކެއްގައި ކޮޓަރިން ނުކުތެވެ. ކޮޓަރިން ބޭރުގައި ހުއްޓާ ރެޔާންއަށް ގޯނާކޮށްލަން ނުކެރޭނެ ކަމަށް މައިރާ ޔަގީންކުރި އެވެ.

"ފިލައިގެން އުޅެވިއްޖެ އެތައް ދުވަހެއް ވަންދެން.. ސީރިޔަސްކޮށް އަހަރެން ކަމެއް ކޮށްފާނެތީ ބިރުންތަ ކޮޓަރިން ނުނިކުންނަން ތިއިންނަނީ؟" ކުއްލިއަކަށް ރެޔާން ގެ އަޑު އިވުމުން މައިރާ ސިހިފައި ބަލައިލައިފި އެވެ. އޭނަ ފިޔަވަޅުތައް އަވަސްކުރިއެވެ. ނަމަވެސް ރެޔާން ދިގު ފިޔަވަޅުތައް އަޅަމުން އައިސް އޭނަ އާއި އަރައި ހަމަކުރި އެވެ.
"ކުޑަކޮށް ވާހަކަދައްކާލަން ބެލްކަނީގައި މަޑުކޮށްލަދީފާނަންތަ؟ ކިހާ ރީތި ރެއެއް...." ރެޔާން މައިރާގެ ބުރަކަށީގައި އަތް ޖައްސާލުމުން މައިރާ ދުރަށް ޖެހެން އުޅުނެވެ.

"ރެޔާން...." މައިރާ ތަންކޮޅެއް ބާރަށް ގޮވާލީ އެހެންމީހަކަށް އަޑުއިއްވަންކަން ނޭނގެއެވެ.

"ރީތިކޮށް ބަސްއަހައިގެން އައިއްޔާ މާ ރަނގަޅު. ނޫނީ އަހަރެން ދާނީ ތިކޮޓަރިއަށް. ހާދަ ބޭނުންވެޔޭ..." ރެޔާން ތަންކޮޅެއް ސީރިޔަސް ނަޒަރަކުން ބަލައިލަމުން ބުނެލައިފި އެވެ. މައިރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އައިޒާން ވެސް ހާދަ ގޯހެވެ. އޭނަ އެކަނި ދޫކޮށްލާފައި ގޮސްގެން ނުވާނެތާ އެވެ. ރެޔާންއަށް އައިޒާން ގަސްތުގައި ފުރުސަތު ދެނީކަމުގެ ނުބައި ޝައްކު ދެވަނަފަހަރަށް ކުރެވުނެވެ. އެކަމަކު އޭނަގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވާ ކަމަށް އެ ފިރިހެނާ ވެސް ދަޢުވާ ކުރާނެ އެވެ.

"ހީވަނީތަ؟ ތިހެން ހެދީމަ ކާމިޔާބު ވާނެހެން. އިތުރަށް ފޫހިވުން ނޫން ކަމެއް ނުވާނެ. އެވަރު ހަމަ ނޭނގެނީތަ؟ ކޮޓަރިއަށް ވަންނަން ކެރެންޏާ އާދޭ. އަމިއްލަ ގެ ..އަމިއްލަ ކޮޓަރި...." މައިރާ ދަތްތަކަށް ބާރުލައިފައި އެހެން ބުނަމުން ދާންވެގެން އެނބުރުނެވެ. ނަމަވެސް ރެޔާން ފަހަތުން އައިގޮތަށް މައިރާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމައިގަތެވެ. އެއަތުގެ ތެރޭގައި ލައިފައި ގައިދުކޮށްލިގޮތުން މައިރާއަށް ގުޑިއެއް ނުލެވުނެވެ. ރެޔާންގެ ނޭވާތައް މައިރާގެ މޫނަށް އެޅެމުންދިޔަ އެވެ. އެމޫނުގައި ދުވަނީ ހިތްގައިމު އާފްޓަޝޭވްއެއްގެ މަސްތު ކުރުވާ ވަހެވެ.
"މި އަނިޔާވެރިކުއްޖާގެ ހިތެއްވެސް ނެތް ދޯ. އަހަރެން ތިކުއްޖާގަނޑަށް ބޭނުންވާވަރު އިހުސާސްއެއް ނުކުރެވޭތަ؟ މިވަރުވާއިރު ވެސް ކީއްތަވާނީ އެންމެ ފަހަރަކު ރުހުމުގައި މަގޭ ގާތަށް އައިއްޔާ. އެކަނި ޒާންއަށްތަ މި ރީތިކަން މިލްކުވާންވީ. ނޫން. އެހެން ވެގެން ނުވާނެ. އަހަރެން ދުރުން އުޅެން އެތައް ފަހަރަކު ނަފުސަށް ވިސްނައިދީފިން އެކަމަކު އަމިއްލަ އެދުން ބޮޑުކަމުން އެކަމެއްނުވި. ހޯދުނު ގޮތަކަށް ހޯދަން އަހަރެންގެ ދީވާނާ ހިތް ބުނާއިރު މަޑުން ހުންނަންވީތަ؟ ނިކަން ބުނެބަލަ..." މައިރާގެ ބަނޑުގައި އަޅުވައިލައިފައިވާ ރެޔާންގެ ދެއަތްތިލަ ނައްޓުވަން މައިރާ ބޭކާރު މަސައްކަތް ކުރަމުން ދިޔައެވެ.

"މީހަކަށް ފެނިދާނެ..." މައިރާ އަމިއްލަ ބަލިކަށިކަމާއި މެދު ހަމްދަރުދީ ވިއެވެ. ރެޔާންގެ ބާރާއިމެދު ހައިރާންވި އެވެ.
"ފެނިޔަދީ. އަހަންނަށް ހެވޭ. ބުނަންތަ؟ އަހަންނަށް އެނގޭ މޭއި އާއި ޒާންގެ ތި މެރިޖް ސައްހަ ނުވާނެކަން، އަދި މޭއި އަހަރެންގެ ބޭބީއަކަށް ކަން ބަލިވެއިންކަން. ވީއިރު ދެން އިތުރަށް އަހަރެން މޮޔަނުކުރުވާ އަހަރެންގެ ލައިފަށް އައިސްދީ. ރުހުމުގައި.. އެހެން ގޮތަކަށް ކަންތައް ކުރަން އަހަންނަށް މަޖުބޫރު ނުކުރޭ. ލޯބިވާތީ މިހެން މިބުނަނީ. ޕްލީސް..." ރެޔާން މައިރާގެ ކޯތާފަތުގައި ތުންފަތް ޖައްސާލުމުން މައިރާގެ މުޅިހަށިގަނޑުގައި ހީވީ ކުދިކުދި ބާނިތަކެއް ދަތުރުކުރިހެންނެވެ. އެ ކުދި ކަރަންޓްގެ ބާނިތަކުން މައިރާގެ ހިއްސުތަކުގައި ރޯކުރުވި އެވެ. މައިރާއަށް މިފަދަ އަސަރުތަކެއް ކުރުވަނީ ހަމައެކަނި ރެޔާންގެ އަތްލުމުންނެވެ. އަޖާއިބެކެވެ.

ކޮންމެވެސް މީހަކު އިރުކޮޅެއް ވަންދެން އަނދިރީގައި އެ މަންޒަރުދެކެ، އެވާހަކަތައް އަޑުއަހަން ހުރެފައި، ފަހަތަށް ޖެހެމުން ގޮސް ސިޑިން ފޭބިއިރު ވެސް ރެޔާން އަދި މައިރާއަކަށް އެނގުމެއް ނުވިއެވެ. އަނެއް ފަރާތަށް އެނބުރިގެން ތިބުމުންނެވެ.

ކޮމެންޓް 0