ޒާންއަށް ދިން ގިފްޓެއް... މި ސެޓް ޒާންގެ ގާލްއަށް ދިނަސް ހެޔޮ..."ރެޔާން ކާރަށް އަރާ ލަވައެއް ޖައްސާލުމަށްފަހު ނީލަމް ސެޓް ޕާރުސަލާއި މޮބައިލް ދިއްކޮށްލުމުން އޭގައި ހިފަން އައިޒާން އިންކާރުކުރިއެވެ. އެއްގޮތަކަށްވެސް އެހާ އަގުބޮޑު އެއްޗަކާއި އޭނައާއި އެކަށީގެނެއް ނުވެއެވެ. އޭނަ މައިރާއަށް ހަދިޔާ ދޭން ބޭނުމީ އަމިއްލަ މަސައްކަތުން ލާރި ހޯދައިގެންނެވެ.
"ރެޔާން... އަހަރެންގެ ގާލްފްރެންޑެއްނެތޭ... އަދިފޯނުވެސް ބަރާބަރު... ބޭނުންވީދުވަހަކުން ބުނާނަން،"އައިޒާން ގޮތުގައި ހިފެހެއްޓިއެވެ. މިވީހާތަނަށް އޭނަ އެއްވެސް މީހެއްގެ ގާތުކަމަކު ކިޔާފައެއްނުވެއެވެ. އިންސާނެއްވެއްޖެއްޔާ ގޮތެއް ހުންނަން ޖެހޭނެކަމަށް އައިޒާން ގަބޫލުކުރެއެވެ. 
"ޒާން...ތީ ބައްތި ގެންގުޅެން ބަންގާޅީ ކުއްޖެއްތަ؟ ލާރި ހޯދަނީ ރީތި އެއްޗެހި ގަނެލައިގެން އަރާމުކޮށް އުޅެލަން. މަރުވީމަ ކަށްވަޅުގައި އެއިން ކުރެވޭނެ ބޭނުމެއ ްނޯންނާނެ ދޯ ޒާން... މީގައި ނުހިފިއްޔާ މަގަށް އެއްލާލާފައި ދާނީ..." ރެޔާން ސަމާސާ ހިނިތުންވުމަކާއިއެކު އެހެން ބުނުމުން އެންމެ ފަހުން އައިޒާން އެ ސެޓާއި ފޯނުގައި ހިފިއެވެ. ޝުކުރުވެރިވިއެވެ. ނަމަވެސް އައިޒާން އިނީ ލަދުގެންފައެވެ. އައިޒާން އިނީ އެކަމާ އުނދަގޫވެފައިކަން ރެޔާން ދެނެގަތެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ރެޔާން ބޭނުންވަނީ އައިޒާން އޭނަގެ އިހުސާންތެރިކަމުގެތެރޭގައި ގެނބި ދުވަހަކު ބޯ އުފުލައި ނުލެވޭވަރުކޮށްލުމަށެވެ. އަތުގައި ލާރި ހުރިއްޔާ ލޯބި ފިޔަވާ ދުނިޔެއިން ބޭނުންވާ ކޮންމެ އެއްޗެއް ގަނެލެވިދާނެކަން ރެޔާންވަނީ ތަޖުރިބާކޮށްފައެވެ.

އައިޒާންއަށް ދެކޮޓަރީގެ އެޕާޓްމެންޓެއް ލިބުނީ ހެންވޭރު ހިތްފަސޭހަ ހިސާބަކުންނެވެ. ކޮޓަރިތައް ތަނަވަސްވެފައި ހިތްގައިމެވެ. އައިޒާން އުއްމީދު ކުރިވަރަށްވުރެ އެތައް ގުނަ ފުރިހަމައެވެ. އައިޒާން ހައިރާންވީ އާ ފަރުނީޗަރުތައްވެސް ހުރެފައި ފުދޭވަރަކަށް ރީތިކޮށް ޑިޒައިންކޮށްފައިހުރީމައެވެ. ކަޅާއި ހުދުގެ ލެދާ ފަރުނިޗަރުތަކަށްވުރެ އައިޒާން ބޭނުންވަނީ ރަތާއި ހުދުން މިތަން ޒީނަތްތެރި ކުރުމަށެވެ. އޭނަ މިފަދަ އަރާމު ހާސިލުކުރަނީ އެކަނި އޭނަގެ ލޯބިވާ އަންހެންކުއްޖާއަށްޓަކައި ކަމަށްވާތީއެވެ. އައިޒާން އޭނަގެ އާއިލާގެ އެއްވެސް މީހަކަށް ނާންގާ ،ދެތިން ދުވަހުގެތެރޭގައި އެޕާޓްމެންޓަށް އޭނަގެ އެއްޗެހި ގެންދަމުންގޮސް އެތަނަށް ބަދަލުވި އެވެ. މިދެތިން ދުވަހުގެ ތެރޭގައި އޭނަ ގެއާއި ބަދިގެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ތައްޔާރުކޮށް ގޭގައި އަމިއްލައަށް ކެއްކޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އޭނަ މަންމަމެންގެ ގެއަށް ވަދެލަނީ މަދު ވަގުތެއްގަ އެވެ. ވަޒީފާގައި އަވަދިނެތި އުޅޭވަރުން ގޭގައިއުޅޭނެ ވަގުތެއް ނުވަނީކަމަށް އައިޒާންވަނީ މަންމަގާތު ބުނެފަ އެވެ. ހަމީދުއަށް މި އެޕާޓްމެންޓްގެ ޚަބަރު އެނގިއްޖެއްޔާ ވަގުތުން އޭނަގެ ހުރިހާ ރޭވުންތަކެއް ހަލާކުކޮށްލާނެކަން އައިޒާން އަށް އެގޭތީ އޭނަ ބޭނުންވަނީ ސިއްރުސިއްރުން މައިރާ އާއި ކާވެނި ކޮށްލައިގެން އެގެއަށް ގެނައުމަށެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ ދިރިއުޅުމުން ދޮންބައްޕައަށް ޖާގަދޭކަށް ބޭނުމެއް ނޫނެވެ. މަންމަވެސް ދޮންބައްޕަ ދޫކޮށްލައިފިއްޔާ އޭނައާއިއެކީގައި އުޅެވިދާނެއެވެ.
އައިޒާންއަށް މި އުފާވެރި ދިރިއުޅުން ލިބުމުން އެންމެ ބޮޑަށް ހަނދާންވީ ހިތާމަވެރިގޮތަކަށް އޭނަގެ އަތުތެރޭގައި މަރުވެގެން ދިޔަ ލޯބިވާކޮއްކޮ ނީލާގެ މަތިންނެވެ. އޭނަ ނަމާދު ކޮށްލައިގެން ކޮންމެފަހަރަކުވެސް ކޮއްކޮއަށް ހެޔޮ ރަހުމަތްލެއްވުމަށް އެދި ދުއާކުރެއެވެ. އެކޮއްކޮގެ ގާތިލަށް އެކަމުގެ ސަޒާ ލިބުމަކީ އައިޒާން ދެކެން އެންމެ ބޭނުންވާ ދުވަހެވެ. އައިޒާން ގެ ހިތާމައަކީ އޭނަގެ އަތުގައި އޮތް ނީލާގެ ޑައިރީ ކޮންމެވެސް މީހަކު ވަގަށް ގެންދިޔަކަމެވެ. އެއީ ހަމީދުކަން އައިޒާންއަށް ޔަގީނެވެ. ހަމީދުއާއި އެ ސުވާލުކުރުމަކީ ބޭކާރު ކަމެއްކަން އެނގޭތީ އޭނަ މިހިރީ ހިމޭނުންނެވެ. ނަމަވެސް އޭނަގެ ބޮލުގައި އަޅުވާފައިވާ ދޮގު އިލްޒާމުގެ ސަބަބުން އަވަށްޓެރިން އޭނައާއިމެދު ދެކެނީ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އައިޒާން ހުންނަނީ ކެތްތެރިވެލައިގެންނެވެ. އޭނަގެ ހަތިޔާރަކީ އެކަނި ދުއާއެވެ. އިންސާފު ލިބޭނީ އެންމެ ފަރާތަކުންކަމަށް އައިޒާން ގަބޫލު ކުރެއެވެ. ކޯޓަކަށް ދެއްކޭނެ ހެއްކެއްނެތަސް ހެއްދެވިފަރާތުން ހުރިހާކަމެއް ބައްލަވާވޮޑިގެންވެއެވެ. އަނިޔާވެރިންނަށް މާތް ﷲ އެކަމުގެ ސަޒާދެއްވާނެއެވެ.

މާލެއަށް މެދުނުކެޑި ބޯކޮށް ވާރޭވެހުމާއި ، އުދަ އެރުމާއި ގުޅިގެން "ޑިއު" ގައި ފެންބޮޑުވެ އެއްޗިއްސަށް ގެއްލުންވެގެން އުޅޭކަން އެގުމުން އައިޒާންވެސް މަންމަގެ ގާތަށް ދިޔައެވެ. އައިޒާން ހައިރާންވީ ރެޔާންވެސް އޭނައާއިއެކީގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތުގައި ބައިވެރިވުމުންނެވެ. ރެޔާން ފަދަ އެކުވެރިއަކު ލިބުނުކަމީ އޭނަގެ ނަސީބެވެ. ރެޔާން އާއި ފުރަތަމަ ދުވަހު ބައްދަލުވިގޮތް އަދިވެސް އައިޒާން ހަނދާނެއް ނުނެތެއެވެ. އަދި ރެޔާންވަނީ އެއްމާބަނޑުކުއްޖަކު ހުރިކަން އެގޭފަދަ ގޮތަކަށް އިންޓަވިއުކުރި ދުވަހު އައިޒާން ގާތުގައި އެއްޗެކޭ ބުނެފައި ނަމަވެސް އެފަހުން އެ މައުޟޫއަކަށް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އެއްމާބަނޑު ކުއްޖާއާއިއެކީގައި ދުވަހަކު ނުފެންނާތީ ޝައްކެއް ކުރެވެއެވެ. ރެޔާން އޭނަ އޮޅުވާލަން ބުނި އެއްޗަކީހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެކަމުންވެސް އެނގެނީ ރެޔާންގެ މާތްކަމެވެ. އޭނަ އައިޒާން ލަދުނުގަންނަވަން އެދުވަސް ހަނދާން ކުރިކަމަށް ހަދަން ބޭނުން ނުވީއެވެ.
އައިޒާންމެން ގެ ގޭގައި ފެންބޮޑުވުމުން ،މަންމަމެން ހާލުގައި ޖައްސާފައި އޭނަ އަރާމުގައި މި ފިނިރޭގައި އޮންނާކަށް ބޭނުމެއްނުވިއެވެ. ވަގުތީ ގޮތުން އޭނަ ހޮޓަލެއްގެ ކޮޓަރިއެއް މަންމަމެންނަށްޓަކައި ހިފާދީފައި ކާއެއްޗެއްސަށް އޯޑަރު ދިނެވެ. ނަމަވެސް ހަމީދުގެ ޝަކުވާ ބޮޑުކަމުން އެވަރެވެ. އޭނަ އެއްވެސް މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ހުރިއިރު އެރޭ އޭނައަށް ކާންދޭން ޖެހުނީވެސް އައިޒާންއެވެ. އައިޒާން ދޮންބައްޕަދެކެ ނަފްރަތު ކުރިނަމަވެސް މިފަދަ ވަގުތެއްގައި އެ ނަފްރަތު އެއްފަރާތްކޮށްލާފައި އިންސާނިއްޔަތަށްޓަކައިވެސް އޭނަ ޖެހުނީ ހަމީދުއަށް ވެސް އެހީވުމަށެވެ.

މިރޭ ލެވެންޑަކޮޓެޖްގެ ފުޅާ ފެންޑާގައި ޑޮކްޓަ ފައިސަލްގެ ދެމަފިރިންނާއި ފަރުޒާން އަދި އަޔާނާ ކަޕުޗިނޯ ބޯން ތިބިއިރު މެދުގޯތީގައި ފެންބޮޑުވަމުންދާ މަންޒަރު ރީތިކަމުން ފައިސަލް ގެ މޮބައިލްއިން ފޮޓޯތަކެއް ނެންގެވިއެވެ. އެންމެން ގެ އަތުގައި ހުރީ ނަމަވެސް ގެ ވަނީ އުސްކޮށް ހަދާފައިކަމުން މާލޭގައި ފެންބޮޑުވިޔަސް އެގެއަށް ފެން ވަނުމަކީ ނާދިރުކަމެކެވެ. ފައިސަލް އެވަރަށް ވާރެއަށް ތައުރީފު ކުރެއްވިއެވެ. ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައިރު ޒިޔާމާ ކަންބޮޑުވަނީ ރެޔާން ގެއަށް އައުން ލަސްކަމުންނެވެ. ދޭތެރެއަކުން ގުޅަން މަސައްކަތްކުރާއިރު ފޯނު އޮންނަނީ ނިވާލާފައެވެ. ރެޔާން މިހާރަކަށް އައިސް މާވަރަކުން ރާޅާއި އަޅަން ދިއުމުގެ ފޯރިއެއްވެސް ހިފައިފިއެވެ. އަންވަރު ބުނާގޮތުން ވިއްޔާ ރެޔާން އުޅެނީ އެބުނާ ޒާން އަކާއިއެކުގައެވެ. ޒާންއަކީ ޒިޔާމާ ދެކޭގޮތުގައި އޭނަގެ ދަރިފުޅުގެ ދިރުއުޅުމަށް ހެރިފައިވާ ކަށްޓެކެވެ. އެކަށި އުފުރާލާނެ ގޮތަކާއިމެދު ޒިޔާމާ ހާދަ ވަރަކަށް ވިސްނައެވެ. އެންމެ ފަހުން ރެޔާން ވާރެޔާއި ތެމިލައިގެންހުރެ ގޭޓުން ވަދެގެން އައިތަން ފެނުނެވެ. ޒިޔާމާ ރެޔާންގާތު އެދުނީ ކޮފީ ބޮއިގެން ގޮސް އަވަހަށް ހެދުން ބަދަލު ކުރުމަށެވެ.
"ދަރިފުޅާ... މިހާ ވިއްސާރައިރު ދެން ނުދާތި މޫދަށް." ފައިސަލް ކުޑަކޮށް އަމުރުވެރިކޮށް އެހެން ބުނުމުން ރެޔާން ކުޑަކޮށް ނުތަނަވަސްވިއެވެ. އަނެއްކާ ބައްޕަމެންނަށް އޭނަ އައިޒާން އާއިއެކީގައި މޫދަށްދާކަން އެނގުނީހެއްޔެވެ؟އޭނަގެ ކޮންމެ ހަރަކާތަކަށް ފާރަލާން ޖާސޫސުކުރަނީ ކާކުހެއްޔެވެ؟ ރެޔާންގެ ސިނކުޑިއަށް އަންވަރުގެ ސޫރަ އިރުކޮޅަކަށް ވެރިވިއެވެ. އެލޮލުގައި މަކަރުވެރިކަމުގެ ވިދުވަރެއްހުންނަކަން ރެޔާން ދަނެއެވެ.
"ބައްޕާ... މޫދަކަށް ނުދަމޭ... މާލޭގައި ފެންބޮޑުވެ ބައެއް ގެތަކާއި ފިހާރައިގެ ތެރެއަށް ފެންގަނޑު ވަދެގެން އުޅޭތީ އަޅުގަޑުވެސް މީހުންނާއި ބައިވެރިވީ ބަސްތާތައް ޖަހަން...ބައްޕަމެން ގެ ޑިޒައިން ކުރައްވާފައިވަނީ ވަރަށް ރަގަޅަށް... އެހެންނޫންނަމަ މިގެއަށް ފެންގަނޑު ވަދެގަތީސް..."ރެޔާން ފެންޑާގައިވާ ގޮނޑިއެއްގައި އިށީދެ ކަޕްޗިނޯ ތަށިން ކޯވަރެއް ދަމާލައިފިއެވެ. އޭނަ ވާހަކަ ދެއްކިއިރުވެސް އެހެނ ދުވަހު އެހުންނަ އުފާވެރިކަމެއްނެތެވެ. އޭނަ އިނީ ސީރިޔަސްވެފައެވެ. އެ ކަނޑެއްފަދަ ދެލޮލުގައިވާ ޝުއޫރުތައް ދެނެގަތުމަކީ އެހެން ބަޔަކަށް ފަސޭހަވާނެކަމެއް ނޫނެވެ. ރެޔާންއަށް ނޭގުމުގެ ތެރޭގައިވެސް ނިތްކުރީގައި އަތުގެ އިނގިލިތަކުން ފިރުމަމުން ދިޔައެވެ.
"ރެޔާން އަކީ ކިހާހިތްތިރިކުއްޖެއް... ބޮޑު ކުންފުންޏެއްގެ ވެރިއަކަށްވެހުރެ މި ބޯ ވާރޭގައި މީހުންނަށް އެހީވާން... ސީރިޔަސްލީ... އައިމް ޕްރައުޑް އޮފް ޔޫ މައި ސަން..."ފައިސަލް ރެޔާންގެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަ ދެއްކި ގޮތުން ރެޔާން ކުޑަކޮށް ހިނިތުންވެލިއެވެ. އެކިވާހަކަތަކުގައި ތިބިއިރު ރެޔާންގެ ސަމާލުކަން ހުއްޓެމުން ދިޔައީ މަންމަ ފެންޑާގައި ރޯކޮށްފައިވާ ލެވެންޑަ އުއްބައްތިތަކަށެވެ. ހުޅުކޮޅު ވަޔާއި ހެލިލަހެލިލާ ތިބިއިރު ފާރަށް އެޅެމުން ދިޔަ ހިޔަނިތައް ދިގުވެ ނަށަމުން ދިޔައެވެ. އޭނަ ހަނދާންވަނީ މައިރާއެވެ. މައިރާ އާއިއެކު ހޭދަކުރެވުނު ވަގުތުތަކެވެ. އެ މިސާލެއް ނެތްފަދަ ރީތިކަމެވެ. ކުޑަކުޑަ ލަފެއްވެސް ނެތް އޮމާންކަމެވެ. އޭނަ ކުރަމުން އައި ދިގު އިންތިޒާރު ނިމެންއުޅެނިކޮށް ތޫފާނެއް ބޯމަތިވެއްޖެއެވެ.ފިޔަވަޅު އަޅަންވީ ދިމާލެއްވެސް މިވަގުތު ނޭގެއެވެ.
"ދަރިފުޅު ބޮލުގައި ރިއްސަނީތަ؟" ރެޔާން ޚިޔާލެއްގެތެރޭގައި އިންކަން ފާހަގަކުރެވުމުން ފައިސަލް އައްސަވާލެއްވި އެވެ.
"ކުޑަކޮށް..."ރެޔާން ކުރު ޖަވާބެއް ދިނެވެ. ތުންފަތުގައި ދަތްއަޅާލިއެވެ. އާއިލާގެ ކުރިމަތީގައި އޭނަ ކިތަންމެ ވަރަކަށް ކަރުނަތައް ހިފަހައްޓައިގެން ހުރެ ހިތްވަރުކުރަން މަސައްކަތްކުރިނަމަވެސް ހިތް ގެބެމުން ދަނީއެވެ. އޭނަ ބޭނުންވަނީ މި ވާރޭގެތެރޭގައި ނިމިގެންދިއުމަށެވެ. އޭނަގެ ލޯބިވެރިޔާ މާފު ނުދީފިއްޔާ އެންމެ ދުވަހަކަށްވެސް ދިރިހުންނާކަށް އޭނަގެ ހިތެއް ނޭދެއެވެ.
"ކުޑަކޮށްވެސް ބޮލުގައި ރިއްސުމަކީ ކޮންމެވެސް ޓެންޝަނެއް އުޅޭކަމުގެ ހެއްކެއް... ދަރިފުޅުކަމަކާ ވިސްނަނީތަ؟ އޮފީސް މައްސަލައެއްތަ؟ ޕާސަނަލް ކަމެއްތަ؟ އެއްވެސް ކަމަކާ އަމިއްލައަށް ބޯނުގޮއްވާ ބައްޕައާ ޑިސްކަސްކުރާތި އިނގޭ..."ފައިސަލް ތަންކޮޅެއް ސީރިޔަސްވުމުން ރެޔާން ކުޑަކޮށް ހީލިއެވެ. އަމިއްލައަށް ފަނާވެގެން ދަމުންވެސް އާއިލާމީހުން އޭނަގެ ސަބަބުން ކަންބޮޑުވިޔަދީގެންވެސް ނުވާނެއެވެ. ރެޔާން ވިސްނާލުމަށް ފަހު ބުނީ ހުރިހާ ކަމެއް އަނެއްހެން ރަގަޅުކަމުގައެވެ. ކަމެއް ގޯސްވަންޏާ ބައްޕަގެ ލަފާ ހޯދާނެ ކަމުގައެވެ.

ކޮފީބޮއިގެން ވާހަކަދައްކަން އިރުކޮޅަކު ތިބުމަށްފަހު އެންމެން ގެއަށް ވަނުމުން ރެޔާން ތެތް އެއްޗެހި ބަދަލުކޮށްނުލާ އަނެއްކާ ނިކުތީ މަގަށެވެ. އޭނަ މައިރާ އަށް ގުޅާފައި ކޮންމެހެންވެސް ބައްދަލުކުރަން ބޭނުންވާކަމަށް ބުންޏެވެ. ނަސީބަކުން އޭރު ވާރޭ ހުއްޓާލައިފިއެވެ .ނަމަވެސް ފިނި ފިނި ވައިރޯޅިތައް ހަމުގައި ބީހިލުމުން ކޮންމެވެސް ވަރަކަށް ރެޔާންއަށް ފިނިވިއެވެ. ރެޔާން އެގޭ ގޭޓުން ވަދެގެންއައިއިރު މައިރާ ހުރީ ފޯނެއްގައެވެ. މައިރާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ. ރެޔާން ފެނުމުން މައިރާ ކުއްލިއަކަށް ފެންޑާގެ ފަތްތަރުމަތިން ފައިބައިގެން އަންނަމުން ރެޔާންގެ މޭމަތީގައި އަތް ވިއްދާލާފައި ކޮށްޕާލަން އުޅުމުން ރެޔާން ގަސްތުގައި ފަހަތަށް ވެއްޓިގަތްއިރު އޭނަގެ އަތްމައިރާ ވަށާލެވިގެން ދިޔައެވެ.މައިރާ ޖެހުނީ ރެޔާންގެ ގައިމަތީގައެވެ.މެދުގޯތީގައިވާ ކާޕެޓްގްރުގަނޑު މަތީގައި ފެންބޮޑުވެފައި އޮތުމުން ރެޔާންއަށް އެހާ ބޮޑަށް ތަދު އިހުސާސެއް ނުކުރެވުނެވެ. އޭނަ ބޭނުންވީ އެހިނދުކޮޅު ގަރުނުތަކަކަށް ދެމިގެން ދިއުމަށެވެ. 
" ތޭންކް ގޯޑް... ހަނދާންތަކެއްވެސް އާކޮށްދީފި..."ރެޔާން ވެއްޓެން ދިޔަވަގުތު މައިރާގެ ހަށިގަނޑުގެ ބުރަދަނާއިއެކު އެއްއަތް ބިންމަތީގައި ޖައްސާލެވުނު ގޮތުން އަތަށް ތަދުވިނަމަވެސް އޭނަ ހީލަމުން މަޑުމަޑުން ބުނެލިއެވެ.
"ގައިން ދޫކޮށްލާ..."މައިރާ ތެޅިގަނެފައި ރެޔާންގެ މޭމަތީގައި ދެއަތުން ތަޅައިގަތެވެ. އޭނަ އަމިއްލަ ނަފުސް ކުށްވެރިކުރީ ރެޔާންގެ ފުޅާ ކޮނޑުގައި ސަލާމަތަށް އެދި ހިފާލެވުނުގާތް ގޮތުންނެވެ. ރެޔާންގެ ރީތި ކަސްރަތީ ހަށިގަނޑުގެ ބާރުގަދަކަން އެވަގުތުކޮޅުވެސް އިހުސާސްވެ ހިތުގެ ވިންދު އެތައް ގުނަ އަވަސްވެ ފިނިވުމުންނެވެ. ބޭނުން ނުވިނަމަވެސް ހިތާއި ހަށިގަނޑަށް އެތައް އަސަރުތަކެއްކުރުވީތީއެވެ. އޭނަ ވަށާލެވިގެން ދިޔަ ބާރުގަދަ އަތުގެ ހިމާޔަތަށް ނޭދޭނެ އަންހެންކުއްޖެއް ނުވާނެކަން ޔަގީނެވެ. ރެޔާން ތެދުވެ އިސްތަށިގަނޑުގަ އަތް ހިންގާލަމުން ބަލާލި ގޮތުން މައިރާގެ ހިތް ހީވީ މޭފަޅާފައި ނިކުމެދާނެހެނެވެ. އަޖާއިބުވަނީ މިއަނިޔާވެރިޔާގެ ކޮންމެ އަދާއެއްގައި ހިތްކަތިލާފަދަ ގޮތެއްހުންނާތީއެވެ.
"އަހަރެން ހިފީ ދުވަހަކު ދޫކޮށްލާގޮތަކަށް ނޫން... އެކަމަކު މިރޭ ބޭނުން އަހަރެމެންގެ މި ބޭކާރު ފައިޓިން ނިމުމަކަށް ގެންނަން... އާދެބަލަ ގަސްތަކުގެތެރެއަށް... ހަމައެކަނި ވާހަކަދައްކާލަން އިނގޭ..."ރެޔާން ލޯން ގެ އެއްފަރާތުގައި ހައްދާފައިވާ ގަސްތަކުގެ ނިވަލަށް ޖެހިލީ މީހަކަށް ފެނިދާނެތީއެވެ. މައިރާވެސް ފިނިވެފައިވާ އަތްތިލަ ހޫނުކުރަން ކާއްތާލަމުން ރެޔާންގެ ފަހަތުން ދިޔައެވެ. އަމިއްލަގެ ވީމަ ރެޔާން ހިތުހުރި ގޮތަކަށް ނެހެދޭނެއެވެ. ސިކުއިރިޓީއިންގެ ކަންފަތް ތޫނުވާނެއެވެ.
"ދެންމެ މީހަކު އަހަންނަށް ގުޅާފައި ކިޔާދީފި ރެޔާން އޮފީހުގައި ހިންގާ ކުޅިގަނޑުގެ ވާހަކަ... އެތަނުގެ އެއްވެސް ސްޓާފެއް ނެތެއްނު ސަލާމަތްވެފަ... ޚާއްސަކޮށް ޕީއޭ... އޭނައާއިއެކު ނިދެނީވެސް... ވެރިޔާއާއިއެކު ނިދުން އެއީ ޖޮބްގެ އެއްބައިތަ... އެކަން މަޖުބޫރުކޮށްފަތަ އޮންނަނީ...ހޫމް...ދެން ރަގަޅު ގޮތެއް..."މައިރާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. ރެޔާން ކުއްލިއަކަށް މައިރާގެ އަތުގައި ހިފިލެއް ބާރުކަމުން މައިރާއަށް ތަދުވެ ލޮލުން ފެންއަންނަ ގޮތްވިއެވެ. އަމިއްލަ ބާރުވެސް އިހުސާސްނުކުރެވޭ ފިރިހެނެކެވެ. ވަރަށް ރީތިކޮށް ތިމާ ލޯބިވާ ކުއްޖާއަށް ކުޑަކުޑަ އަނިޔާއެއް ނުކުރާނަމޭ ބުނާއިރު ޖަޒުބާތުގައި ތިމާއަށް ކުރެވޭނުކުރެވޭކަމެއްވެސް ނޭގެއެވެ
"ކާކު މައިރާ ގާތު ތިވާހަކަދެއްކީ... އަހަރެން ބޭނުން އެމީހެއް އެނގެން... ހަމަ މިހާރު ބުނޭ...ޓެލް މީ ނައު..."

ކޮމެންޓް 0