އެންމެ ފަހުން ބޮޑު ސުވާލުކުރީ ދޯ.. އަވަހަށް ދަރިން ގާތު ފަތިފުށް ހާމަކުރޭ.. އޭނައަށްވެސް ރަގަޅުވާނެ ބައްޕަ މުއްސަދިމީހަކަށްވެއްޖެއްޔާ.. ވަގުތުން ފިޔަފަޅާފައި އުދުއްސައިގަންނާނެ.. ބަންގާޅީ ބައްޕައަކަށްވެއްޖެއްޔާ ހިތްފޮތިފޮތިވާނެ... އާނ ދެން..އަވަހަށް އެ އިއްޒަތްތެރި ބައްޕާފުޅުގެ ނަން ބުނެދީ ސަމީނާ... އަހަރެމެންވެސް ބޭނުމޭ އެމީހަކު އެނގެން... ބަންގާޅިއެއްތަ... ނޫނީ މިނިސްޓަރެއްތަ؟" ހަމީދު ގެ ރާގުގައިވަނީ މަލާމާތެވެ. އެވަގުތު އައިޒާންގެ ކަނޑެއްފަދަ ދެ ލޯ ހަމީދުއާއި އަމާޒުވުމުން ހަމީދުގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ހަމީދު ދުރަށް ބަލަންފެށިއެވެ. ސަބީންވެސް ޓީވީގެ އަޑު މަޑުކޮށްލާފައި ޝައުގުވެރިކަމާއިއެކު އެނބުރުނެވެ.
"ޒާން ތިވާހަކަ އަހާކަށް ނުޖެހޭނެ... އަހަރެން މިހިރީ އެކުރެވުނު ފާފައަށް ތައުބާވެގެން... ޒާންގެ ބައްޕައެއް ނެތަސް އަހަރެން ޒާން ބަލާބޮޑުކޮށްފައި ތިހިރީ އަހަންނަށް ވީ އެންމެ ރަގަޅަކަށް..."ސަމީނާ ގަދަޔަށް ކެއްސަން ފެށުމުން ފެންތަށި ތުނބުގައި ޖެހިއެވެ.
"މަންމާ... ދޮންބެގެ ބައްޕަ އެނގުމަކީ އޭނައަށް ލިބިގެންވާ ހައްގެއް... މީހަކާއި އިންނަން އެއުޅެނީ... ދޮންބެވެސް ހާސްވާނެ އެއްބަފާ ކުއްޖަކާއި އިނދެވިދާނެތީ..." ސަބީންވެސް އައިޒާން އާއި އެއްބައިވިއެވެ.
"ސަމީނާ މޮޔަކަމުން ކެހިވެރި ފިރިހެނުންގެ އަވައިގާ ޖެހުނީ...ދެން ސަމީނާގެ ގަޔަށް ބޮލަށް ނާރަނީސް ބައްޕައަކީ ކާކުކަން ބުނެދޭންވެއްޖެއްނު... މަށަށްވެސް ހީވަނީ ޑޮކްޓަ އައިމަންގެ ދަރިއަކަށް މި އައިޒާންވެދާނެހެން... އޭނަގެ ކޮލަށްވެސް ފެން ބޮވޭވަރުގެ ވަޅެއް އެޅޭވިއްޔާ... ސަމީނާގެ އާއިލާގެ މީހެއްގެ މޫނުމައްޗަކުން އެފަދަ ނުބަޔެއް ނުފެނޭ... އައިޒާންމެންގެ މޫނުމަތި އެންމެ ހުތުރުކޮށްލާ ސިފައަކީ އެއީ... ބޮޑު އައިބެއްވިއްޔަ..." ހަމީދުގެ އެންމެ ނުބައި ސިފައަކީ ދެބަސްދޭތެރޭގައި އެ ޖަހާލާ ބާރު ހިނިގަޑެވެ. ހަމީދު ހީކުރީ އޭނައަށް މާ މަޖާ ބަހެއް ބުނެވިއްޖެކަމަށެވެ. އަމިއްލައަށް މާ ލާނެތް މީހަކަށް ވާންވެގެން އެފަދަ ބަސްތައް ބުނެފައި އަމިއްލައަށް ހީހެދިޔަސް އެހެން މީހަކު ހެއްވާލެވޭކަމަކަށް ނުވެއެވެ. އަނެއްކާ ހަމީދުއަށް ނޭގުނީ ކޯތާފަތަށް އެޅޭ އަޑިކޮޅަކީ ފިރިހެންކުއްޖަކުގެ ހިނިތުންވުންވެސް އެންމެ ރީތިކޮށްލާ އެއްސިފަކަމެވެ. އައިޒާން ލޯ ހަނިކޮށްލާފައި ބަލާލިގޮތުން ހަމީދު ބިރުން ފިތްކަޑައިގެން ދިޔަނަމަވެސް މިފަހަރު އެކަން ފޮރުވަން އަނގަޔަށް ނުބައި ގޮތެއްހެދި އެވެ.
"މަށާއި ދިމާލަށް ކަޅި އެޅިޔަސް ހަގީގަތް ވާނީ ހަގީގަތަށް... އަސްލު ކަލޭގެ މަންމައަށް ވެސް ބުނާކަށް ނޭގޭނެ ބައްޕައަކީ ކާކުކަމެއް... އޭރު އެތައް ފިރިހެނުން ސަމީނާއާއިއެކީގައި އުޅުނު... އޭގެތެރޭގައި ތިބުނާ އައިމަންވެސް..."ހަމީދުގެ ޖުމްލަ ނުނިމެނީސް އައިޒާން މޭޒުމަތީގައި އަތުން ޖެހީނުން ހުރިހާ އެއްޗެއް ބަންޑުންކޮށްލައިފިއެވެ. ހޫނުފެން ތަރުމޯޒުވެސް ބިންމައްޗަށް ވެއްޓި ބާރު އަޑަކާއިއެކު ތެޅިގަތުމުން ސަބީން ސަލާމަތްވާން އެއްފަރާތަކަށް ޖެހިލިއެވެ. އެވަރުންވެސް އައިޒާންގެ ރުޅި ފިނި ނުވެގެން ހަމީދުގެ މޫނުމަތީގައިވެސް އެތިފަހަރެއްޖެހިއެވެ. ހަމީދު ބަލާކަށް ނުހުރެ ގޮނޑި އަތުކޮޅަށް ނަގާފައި އައިޒާންގެ ގައިގާ ޖަހަން މަސައްކަތްކުރިއެވެ. ސަމީނާ އަޑުކޮޅަށް ރޮއިގަތެވެ. އެނުރައްކާތެރި ސިކުންތުކޮޅު ސަބީން ހުޝިޔާރުކަމާއިއެކު ފަހަތުން ގޮސް ހަމީދު ނުހިފެހެއްޓިނަމަ ވާނެގޮތެއް ވެސް ނޭގެއެވެ.
"މޮޔަވެގެންއުޅޭ ފިރިހެނެއް... ކަލޭ ހިތްފުރޭވަރުވާނީ މަގޭ ހުރިހާ ދަރިން މަރާ ހުސްކޮށްފައިތަ؟ ފުލުހުންނަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދީފާނަން..."ސަމީނާ ހަމީދުއާއި ދިމާލަށް އެތިވަރު ގޮވައިގަތުމުން ހަމީދު ގޮނޑި އެއްފަރާތަކަށް އެއްލާލާފައި ކޮޓަރިއާއި ދިމާލަށް ހިގައިގަތީ ކޯޗެއް ވިސްނާފައިކަމެއް ނޭގުނެވެ. އައިޒާން އިރުކޮޅެއްވާންދެން ހިމޭނުން ހުއްޓެވެ. އައިޒާން ނީލާގެ ޑައިރީ ކީފަހުން، ހަމީދު ފެނުނަސް އޭނަގެ ރުޅި މައިތިރިކުރުން އުނދަގޫކަމަކަށްވެފައިވެއެވެ. ނުވީތާކަށް ހަމީދު ވަނީ އެ ޑައިރީ ވަގަށް ނަގާފައެވެ. އައިޒާން މުޅި އެގެ އެފުށް މިފުށަށް ޖެހިއިރުވެސް އެ ޑައިރީ ނުފެނުމުން އެނގުނީ ހަމީދު އެ ހެކިވެސް ނައްތާލައިފިކަމެވެ. އައިޒާން ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން ،އިތުރަށް މައްސަލަ ހޫނުނުކުރަންވެގެން މަގަށް ނިކުތެވެ. މިރޭ މިވީ ހަޔާތުގައި ފުރަތަމަ ފަހަރަށް އައިޒާން އޭނައަކީ ކާކުކަން ރަގަޅަށް އެނގެން ބޭނުންވި ދުވަސްކަމުގައެވެ. މަންމަ ރައްޓެހިވެގެން އުޅުނުމީހަކު އޭނައަށް އެނގެން ކޮންމެހެންވެސް ބޭނުމެވެ. އެ ހަގީގަތް އެނގޭނެނަމައެވެ. މަންމައަށް އެނގޭފަދައިން ދަރިފުޅަށް އެ ޙައްގު ނެތީބާވައެވެ. ހަމީދު އެބުނީ ތެދުވާހަކައެއް ނޫންކަމެއްވެސް ނޭގެއެވެ. އައިމަން އާއި މަންމަ މާޒީގައި ގުޅުމެއް އޮތީކަންނޭގެއެވެ. މުއްސަދިންނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. އެމީހުން ރީތި އަންހެނަކު ފެނިއްޖެއްޔާ ފަހަތުން ދުވެ އެމީހެއްގެ ފަރާތުން އުފާ ހޯދުމަށްފަހު ކުނިކޮޅެއްހެން ނަގާފައި އެއްލާލާނެއެވެ. އައިމަންގެ ކޯތާފަތަށް އަޑިކޮޅެއް އެޅުމަކީ ނުބައި ފާލެކެވެ. އޭނައަކީ އައިމަންގެ ދަރިއަކަށް ވެއްޖެއްޔާ އޭނަ މޮޔަވާނެކަން ޔަގީނެވެ.
ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެހާ ހިތްދަތި ހަގީގަތަކާއި އޭނައަށް ކުރިމަތިއެއްނުލެވޭނެއެވެ. މަންމަ ޖެހޭނީ އެމީހަކު ބުނެދޭށެވެ. އޭނަގެ ބައްޕައަކީ ކާކުކަން އެނގުމުން ނޫނީ އޭނައަށް މިރޭ ހަމަ ނޭވައެއްނުލެވޭނެއެވެ. އައިޒާން އަނެއްކާ ގެއަށް ވަދެ މަންމަގާތުގައި އެ ސުވާލު ތަކުރާރުކުރިއެވެ. ބައްޕަ ނެތް ދަރިއަކަށްވިޔަސް އެއީ އެކުއްޖަކަށް އެގެންޖެހޭ ވަރަށް މުހިއްމުކަމެއްކަމަށް ބުނެ މަންމަގެ ގާތުގައި އޭނަ އާދޭސްކުރަމުންދިޔައިރު ހިތަށް ކުރި އަސަރުތަކުން ކެތްނުކުރެވިގެން ރޮވުނެވެ. ސަބީންވެސް މަންމަގާތު އައިޒާންއަށް އެކަން އޮޅުން ފިލުވަދޭން އެދުނެވެ. ނަމަވެސް ސަމީނާ ކެތްގަދައެވެ. އެއްގޮތަކަށްވެސް އެ ސުވާލަކަށް ޖަވާބެއްނުދިނެވެ. އެންމެ ފަހުން ސަމީނާ ރޯން ފެށުމުން މާޔޫސްވެގެންހުރެ އައިޒާން އެގެއިން ނިކުމެގެން ދިޔައީއެވެ.

މައިރާ އައިޒާންއަށް ގުޅާފައި އައިޒާން އޭނައާއި ކާވެނިކޮށްފާނަންހޭ އެހުމުން ލިބުނު ހައިރާންކަމާއިއެކު މައިރާ ސަމާސާކޮށްލަނީކަމަށް ވެސް ހީވިއެވެ. މައިރާ ހަގީގަތް ކިޔާދިނެވެ. އޭނަގެ އާއިލާއަކީ ކޮބާކަން ބުނެދިނެވެ. އަދި މައިރާ ބުނިގޮތުން ގޭ މީހުން އޭނައަށް މަޖުބޫރުކޮށްގެން މީހަކާއި ކާވެނިކުރުވަން އުޅޭތީ އެކަމުން ސަލާމަތްވާނެ އެހެންގޮތެއް ވިސްނުމަކަށް ނައީއެވެ. އައިޒާން އޭނަދެކެ ލޯބިވަންޏާ ސާބިތުކޮށްދިނުމުގެ ވަގުތު ޖެހުނީކަމަށް މައިރާ ބުންޏެވެ.

މައިރާ އޭނަގެ މާމަ ސުލްތާނާ ލެވެންޑަ ކޮޓެޖަށް ދަނިކޮށް، އެގެއަށް ދިއުމުގެ ބަހަނާގައި ގެއިންނުކުތީ ދަބަސް ކޮނޑުގައި އަޅުވާލައިގެންނެވެ. މިދުވަސްކޮޅު އޭނަ ގެއިން ނިކުތުން ވަނީ މަނާކޮށްފައެވެ. އޭރު ދޮރުފާރަވެރިޔާ އިނީ ކުޑަކޮށް އެތެރެއަށް ޖެހިލައިގެން ފޯނެއްގައެވެ. މައިރާ ހިތްހަމަޖެހުނެވެ. ލެވެންޑަ ކޮޓެޖްގައި ހުންނަ މީހާއަށް އޭނަ ހުންނަނީ ގޭބަންދުގައިކަމެއް ހިތަކަށްވެސް ނާރާނެއެވެ. މައިރާ އެގެއާއި އަރާހަމަވެފައި ފިޔަވަޅުތައް ބާރުކޮށްލިއެވެ. އިރުއިރުކޮޅާ މީހަކު ފަހަތުން އާދޭތޯ ބެލެއެވެ. މިހާ ޝައްކުވާގޮތަށް އުޅެންޏާ ފުލުހަކަށް ޝައްކުވެގެން ސުވާލުވެސް ކޮށްފާނެކަން ނޭގެއެވެ. އެހެނެއްނުވާނެއެވެ. މިއީ ބޭރު ގައުމެއްނޫނެވެ. އޭނަގެ އަމިއްލަ ވަޒަނެވެ. މައިރާ ހިނިތުންވެލާފައި ގޯޅިން އަބުރާލިއިރު އައިޒާންގެ ކާރުއޮތެވެ.
ކާރު ފެނުމާއިއެކު މައިރާ އަވަހަށް ކާރުގެތެރެއަށް ދެމިގަތެވެ. ކާރުތެރޭގައި އާފްޓާޝޭވްގެ މިންޓްވަހާއި މަސްކުގެ ވަސް ދުވަންފެށުމުން މައިރާ ހަނދާންވީ ރެޔާންގެ މަތިންނެވެ. ފަނޑުއަލީގެތެރެއިން އައިޒާންގެ ކަޅުދެލޮލުގައިވާ ބާރު މައިރާ ހައިރާންކުރުވިއެވެ. ރެޔާންގެ ބެލުމާއި ހާދަ ވައްތަރުގޮތެއް އެބަހުއްޓެވެ. ޚާއްސަކޮށްމިހާ ކާރިން ފެނުމުން އެކަންތައްވަކިން ފާހަގަވިއެވެ.
"ބައްޕަމެނަށް އަހަރެމެން ބައްދަލުކުރިކަން އެނގިއްޖެއްޔާ އަހަރެން ގެ ފުރާނަ ދުއްވާލަން ފަހެއްނުޖެހޭނެ. ޕްރިންސެސްއެއް އަހަންނަށް ހަގީގަތް ފޮރުވައިގެން އުޅުނީމަ މިވީގޮތް ބަލާލަބަލަ..." އައިޒާން ހިނިތުންވުމަކާއިއެކު ބުންޏެވެ.
"ޒާން ތިހާ ފިނޑިއެއްނުވާނެކަން އަހަންނަށް އެނގޭ... އަހަރެން ބޭނުން މާދަންވެސް އިންޑިއާއަށް ގޮސް މެރީކުރަން...ދެން މިކޮޅަށް އައީމަ އޭރުން ބައްޕަމެން ރުޅިދުރުވިޔަސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ.. ޒާން... އަހަރެންމިއައީ ޕާސްޕޯޓްވެސް ހިފައިގެން... ލާރިވެސް ހުންނާނެ..."މައިރާ އޭނަގެނައި ދަބަސް އައިޒާންއަށް ދިއްކޮށްލުމުން އައިޒާން ދަބަސްހުޅުވާލައިފިއެވެ. ފައްސަތޭކަ ރުފިޔާގެ އެތައް ނޫޓްތައް ފެނުމުން އައިޒާންގެ ހިތަށް ނޭގޭ ބިރުވެރިކަމަކާއި ނުތަނަވަސްކަމެއް ވެރިވިއެވެ. އެއްގޮތަކަށްވެސް މައިރާގެ ލާރީގައި ހިފާކަށް އޭނައަށް ނުކެރޭނެއެވެ. މިއީ އެއްގޮތަކަށްވެސް އޭނައަށް ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް މިހެން ނަހަދައިފިއްޔާ އޭނައަށް މައިރާ ގެއްލިދާނެކަން ނޭގެއެވެ. މައިރާ އޭނަގެ މީހަކަށް ވުމަށްފަހު ދެން ދުނިޔޭގެ ބާރަކަށް އެދޭތެރެއަށް ވަންނާކަށް ލާހިކެއްނޫނެވެ. ކިތަންމެ ބޮޑު ތޫފާނެއް ބޯމަތިވިޔަސް އޭރުން ހެވެވެ.
"މޭއި... އަހަރެން ޕާސްޕޯޓް އަދި ނެހެދޭ... މާދަން އުޅޭނަން ޕާސްޕޯޓް ނިންމާލަން... ހުރިހާކަމެއް ހަމަޖައްސާލާފައި ދެދުވަހުގެތެރޭގައި ފުރާނީ... ދެ ދުވަސްއެކަނި ދޯ... އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއްނުވާނެ... ބައްޕަމެން މޭއިގެ ކާވެނި އެހެން މީހަކާއި ހަމަޖެއްސެވިޔަސް ރާއްޖޭގައި އޮންނަގޮތުން މިހާރު އެއްދުވަހަކުން އެކަންތައް ނިންމައެއްނުލެވޭނެ... ކޯޓަށް ފޯމުލައި ކިތަންމެ ކަންތަކެއް ހަމަޖައްސާނެ... މޭއިގެ ސޮއިވެސް ބޭނުންވާނެ ދޯ..." އައިޒާން ގެ ހިތުގެ ދުއާއަކީ ދެ ދުވަސްވަންދެން އޭނައަށްޓަކައި މައިރާ ރައްކާތެރިކޮށްދެއްވުމެވެ.

މައިރާ ފިނިވަމުން ދިޔަ އަތްތިލަ އުގުޅާލަމުން ކާރުގެ ބިއްލޫރިގަނޑުގައި އެ ދޮންކޯތާފަތް ޖައްސާލައިގެން އިނދެ މަގުމަތީގެ އަލިތަކަށް ބަލަންފެށިއެވެ. މިކުރެވެނީ ރަގަޅުކަމެއްބާވައެވެ. ރެޔާންއަށް މިވަރުގެ ނުބައި ލަނޑެއްދޭން އުޅޭއިރު މިކަމުން ނަތީޖާ ހިތިވެދާނެކަމަށް ހިތުގެ ކަނަކުން ކުޑަ ސިގްނަލެއްދިނެވެ. މައިރާގެ ޚިޔާލަށް "އެރޭ" ގެ މަންޒަރުތައް ފްލޭޝްތަކެއްގެ ސިފައިގާ ފެނިގެން ދިއުމުން މައިރާ މޫނުގެ ދެފަރާތުގައި އަތްތިލް ޖައްސާލަމުން ފުން ނޭވަޔެއްލިއެވެ. ރޮވެން އުޅުމުން ކަރުނަތައް ދިރުވާލަމުން މައިރާ ޚިޔާލުތައް އެއްފަރާތްކޮށްލަމުން މަގަށް ސަމާލުވިތަނުން ބީއެމްޑަބްލިއު ކާރު ލޮލުގައި އަޅައިގަތެވެ.
"ޒާން... އަހަރެމެންގެ ޑްރައިވަރ އަންވަރު އަށް ހީވާގޮތުން ބައްޕަވަނީ މަސައްކަތެއް ހަވާލުކުރައްވާފައި... އޭނަ މަގޭ ހިޔަނިހެން ފަހަތުގައި އަޅުވާފައި ހުންނަތަން ނުފެންނައިރެއްނުދޭ... ކާރުމަޑުކޮށްލަދީފާނަންތަ ޒާން... އަހަރެން މިވަގުތު ކާރުން ފޭބުން ރަގަޅުވާނެ...ފަހުން ގުޅާނަން އިނގޭ..."މައިރާ ހައިރާންވަނީ އޭނައަށް ފާރަލާން އަންވަރުއަށްވެސް ބައްޕަ އަންގަވާފައިވުމުންނެވެ. މައިރާގެ ހިތުގައި ބައްޕައާއިމެދުގައި ކުޑަފޫހިކަމެއް އުފެދުނެވެ. އޭނަގެ ބައްޕަގެ އުޅުއްވުން ހުންނަގޮތް އަމިއްލަ ލޮލުން ދެކެފައިވާއިރު އޭނަ ފިރިހެނަކާއި ވާހަކަދައްކަފާނެތީ ބައްޕަ ކަންބޮޑުވެލައްވަންވީ ސަބަބެއްނެތެވެ. މައިރާ ޖިންސުގެ ޖީބަށް އަތްޖަހާލައިގެން ހުރެ އިސްއުފުލާލައިގެން ހުރެ ހިނގާލާފައި ދިޔައިރު އޭނަ ހީވަނީ ވަރަށް ހަމަޖެހިފައިވާހެނެވެ. ނަމަވެސް ޚިޔާލުތައް ގިނަވެ އޭނަގެ ސިކުނޑިހީވަނީ ފަޅައިގެންގޮސްދާނެހެނެވެ. މުޅި ދުނިޔެދެކެވެސް އެވަގުތު އޭނަ ފޫހިވިއެވެ.

އައިޒާން ގަރާޖަށް ކާރުލާފައި ނިކުމެ އޮފިއެލޭގަހުގެ ކާރީގައި ހުރެ ރެޑްބުލްދަޅެއް ބޯން ފެށިތަނާހެން އަންވަރު ކާރުމަޑުކޮށްލުމަށްފަހު ބިއްލޫރިގަނޑުތިރިކޮށްލިއިރު އޭނަގެ ދެލޯހީވަނީ އަނގުރު އަލިފާންގަނޑެއްހެނެވެ.
"ކަލޭ ތިކުޅެނީ އަލިފާނާއޭ ފިހިދާނެއޭ މަ ނުބުނަންތަ؟ ތިހެންއުޅެނިކޮށް ފާތިހާކިޔަވާނެ ދުވަހެއްވެސް މައިންބަފައިންނަށް ނޭގޭނެ... މާ ފޮނިވެލާފައި ކާރަކަށް އެރީމަ ހީވަނީ އަދި އައިމަންގެ ދަރިފުޅުވެސް ހައްލާލެވިދާނެހެން... ތިއީ ކަލޭގެ ކާރެއްތަ؟" އަންވަރު މަލާމާތުގެ ރާގެއްގައި އަހާލައިފިއެވެ.
"ހޫމް.. މަގޭ ބައްޕަގެ ކާރު..."އައިޒާން ގަހުގައި އަތްއަޅުވާލައިގެން ހުއްޓިލައިގެންހުރިއިރު އޭނަގެ ފިރިހެންވަންތަކަމާއި ހެދިހުރި އިސްކޮޅުގެ ފުރިހަމަކަމުން އަންވަރުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އަދި އައިޒާން އަނގަޔަށް ހަދާލިގޮތުން ކޯތާފަތަށް އެޅުނުއަޑިކޮޅުން ވަކިން ބޮޑަށް ސިހުނެވެ.
"ކަލޭގެ ބަފައެއްހުރޭތަ؟" އަންވަރު ނުބައިގޮތަކަށް ހިނިގަނޑެއްޖަހާލައިފިއެވެ. އައިމަންއާއި ފައިސަލް ދެއްކިވާހަކައެއް ސިއްރުން އަޑުއަހައިގެން އޭނައަށްވަނީ އައިޒާންގެ ހަގީގަތް އެނގިފައެވެ.
"ބަފައަކާއި ނުލައި ދުނިޔެއަށް ފޮނުއްވީ ދެ އިންސާނުން... ވީއިރު ހަޖާމުބެ މޮޔަ ސުވާލުނުކުރޭ..."އައިޒާންވެސް ކުރީ މަލާމާތެވެ.
"ހެވޭ... މައިރާއާއި ދުރުން އުޅޭތި... އޭނަ ކާރަށް އަރުވައިގެން މާލޭ މަގުމަތީގައި އުޅެން ކަލޭ ލަދުގަންނަންޖެހޭނެ އިނގޭ... ކަލޭތިއީ އޭނަގެ ކާކުތަ؟ "އަންވަރުގެ ލޮލުން ހީވަނީ އައިޒާން ފިއްސާލަފާނެހެނެވެ.
"މަވެސް މިއީ އެ ޝާހީ އާއިލާގެ މީހެކޭ... ވައްތަރެއް ނޫންތަ؟ ކަލޭ ތިއުޅެނީ އެންމެފަހުން ބޮނޑިއެއްބޯހިތުން... މަށަށް އިންޒާރު ނުދޭތި.. އަހަންނަކީ ފިރިހެނެއް..."އައިޒާން ދާން ހިގައިގަތީ ޖިންސުގެ ޖީބަށް އަތްޖަހާލަމުންނެވެ. އަންވަރުކިޔާނެ އެއްޗެއް ނޭގިފައި އައިޒާން ދާތަން ބަލަހައްޓައިގެންއިންއިރު ފަހަތުން އައިޒާން ފެންނަލެއް ރީތިކަމުން ކުޑަކޮށް ހައިރާންވެ އަންތަރީސްވިއެވެ. އަސްލުވެސް ސަމީނާގެ ލޯބިވެރިޔަކީ އެ ޝާހީ އާއިލާގެ މެމްބަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހާވެސް ސަމީނާގެ ފިރިހެންކުއްޖާ ރީއްޗެވެ. އެމީހުނާއި ވައްތަރެވެ. އަންވަރުގެ ހިތުގައި އެކަންބެލުމުގެ ޝައުގު ކުރިއަށްވުރެ ބޮޑުވިއެވެ. އަންވަރު އިރުކޮޅަކު ވިސްނަންއިނުމަށްފަހު ކާރު ދުއްވާލައިފި އެވެ.

އައިޒާން ޕާސްޕޯޓް ހަދަން ދިނުމަށްފަހު އޭނައާއި މައިރާގެ ނަމުގައި އިންޑިއަން އެއާލައިންސްއިން ޓިކެޓް ބުކްކުރުވަން އިންޑިއަން އެއަލައިންސް އޮފީހަށް ދިޔައެވެ. ނަސީބަކުން މިދުވަސްކޮޅު ބާރު ބޮޑެއް ނޫނެވެ. އައިޒާން ގެ ތުންފަތްމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. އޭނަ މަޑު ހިނގުމެއްގައި އެތަނުން ނިކުމެގެން އައިއިރު އައިޒާންގެ ޚިޔާލުން އެއްފަހަރުވެސް މައިރާ ފިލައިގެނެއްނުދެއެވެ. ދުވަސްކޮޅަކުން އެޕާޓްމެންޓްގައި އޭނައާއި މައިރާ އުޅޭނެ އުފާވެރި ދިރިއުޅުން ފިލްމެއް ފަދައިން އޭނައަށް ފެންނަމުން ދެއެވެ. އޭނައަކީ މިހާރު މިދުނިޔޭގައި ހުރި އެންމެ ނަސީބުރަގަޅު ޒުވާނާއެވެ.

ހަމީދު ބޭރުން އައިގޮތަށް ކޮޓަރިއަށް ވަންއިރު ސަމީނާ ހުރީ ކޮޓަރިން ބިޗުލެއް ފެނިގެން ކޮޓަރިއަށް ނުވަދެވިފައެވެ. ހަމީދު ކުދިކިޔާލަކިޔާލާ ހުރެ ބިޗޫ މަރާލަދިނެވެ. އެއަށްފަހު ފަންކާ ބާރުކޮށްލާފައި ތަޅުންމަތީގައިވާ ގޮދަޑިމަތީގައި ޖައްސާލައިފިއެވެ. ފުރަތަމަވެސް ފެށީ ސިޔާސީ ވާހަކައެވެ. މިހާރަކަށްއައިސް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކަށްވެގެން ހަމީދު އުޅެނީ ހަތަރުދަމުހެން ގޭން ބޭރުގައެވެ. މުޒާހަރާކުރަންޏާ އެންމެ ކުރީގައި ހަމީދު ހަޅޭއްލަން އުޅެއެވެ. އެހެންވެ ޕާޓީގެ ތަރުހީބު ލިބޭލެއް ވެސް ބޮޑެވެ. ހަމީދު އުޅޭ ޕާޓީގެ އިސް އަންހެނެއް ކަމަށްވާ ސުމަންއެއްގެ ލޮލުގައި އައިޒާންއަޅައިގަތް ފަހުން ހަމީދު ހުންނަނީ އުއްމީދެއްގައެވެ. އެއީވެސް މުއްސަންޖެކެވެ. އަމިއްލަ ރިޒޯޓްތައް ހުރެއެވެ. އެކަން ވެއްޖެއްޔާ އޭނަގެ ނަސީބު މެދުއުޑުގައި ވިދާ ބަބުޅައިގަންނާނެކަން އޭނައަށް އެގެއެވެ. އައިމަންފަދަ މިލިއަނަރެއްގެ ދަރިއެއްގެ ފަރާތުން އެއްވެސް ފައިދާއެއް ނުލިބޭނެކަން ހަމީދުއަށް އިރު ފެންނަފަދައިން އެގެއެވެ.
" ސަމީނާ... އަހަރެން ބުނިގޮތަކަށް ހަދާ... އައިޒާން ގާތު ބުނޭ އޭނަގެ ބައްޕައަކީ ޑޮކްޓަ އައިމަންއޭ... އޭނައަށް އެކަން ޔަގީންކޮށްދީ... މަށަށް ހެޔޮ ކޮންމެގޮތެއް ހަދާފައިވެސް އައިޒާން އައިމަންގެ އަންހެންދަރިއާއި ކަޑުވާލަން ޖެހޭ... މިއުޅެނީނު އަހަރެމެންގެ ސުމަން... އޭނަ އައިޒާންއަށް ހިތްކިޔައިގެން އުޅެނީ... މަގޭ ގާތުގައި ނުސީދަލަށް ކިތަންމެފަހަރު އެވާހަކަ ބުނެފި... މިގެއަށް އަންނަވާހަކަވެސް ބުނި... ސަމީނާއަހަރެން ބުނިގޮތަށް ނަހަދަންޏާ ފޮށިތަންމަތި ބަނދެގެން ރަށަށް ދާން ތައްޔާރުވޭ...

ކޮމެންޓް 0