މައިރާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ރެޔާން ފަހަތުން އައިގޮތަށް ކުޑަދޮރުގައި އަތްއަޅުވައިލުމުން އޭނަ ސިހުނެވެ. ނަސީބަކުން އެދޭތެރޭގައި ދުރުމިނެއް ވިއެވެ. ރެޔާން މައިރާގެ ގައިގައި އަތްނުލީ މައިރާ އެ ޝަރުތުކުރިމަތި ކުރީތީއެވެ. ކިތަންމެ ބޮޑު އަނިޔާއެއްކަމަށް ހިތް ގަބޫލުކުރިޔަސް އޭނަ މިހިރީ ރުހުމާއި އެކު އެ އަނިޔާ ހޯދަން ތައްޔާރުވެގެންނެވެ. އޭނަ ކިތަންމެ ވަރަކަށް ވެސް މައިރާއަށް ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ޙައްގެއްގެ ގޮތުގައި ވެހުރެ އަތްލުމުގެ ހުއްދައެއްނެތެވެ. ރީތި ޖަވާހިރެއް ލިބިފައިވެސް އަތްލުމުގެ ހުއްދަނެތިއްޔާ އެއިން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އަމިއްލައަށް ކެތްތެރިވާން އޭނަ ދަސްކުރަންޖެހެއެވެ. 

"ހާދަ ރީއްޗޭ މަގޭ ލޯބި. އެކަމަކު ހަމަ ބަލައިލައިގެން ހިތްހަމަޖައްސާލަން ޖެހެނީ ދޯ. އެހެން ކަމަކަށް ހުއްދައެއް ނެތްވިއްޔަ. މިހާ މަޖުބޫރީ ފިރިޔެއް މި ދުނިޔޭގައި ވާނެ ކަމެއް ނޭނގޭ. ހާދަ ބޮޑު ޓޯޗާއެކޭ މޭއި. ބަދަލުހިފަންވެސް ތިވަރެއްނެތޭ ބުނެވޭނީ. އެކަމަކު އަހަންނަކީވެސް ފިރިހެނެއް. ތާކުންތާކު ނުޖެހޭ ވަޢުދެއްކުރުވީމަ ކޮންމެހެން ފުއްދާކަށްވެސް ނުޖެހޭ އެކަމަކުވެސް އަހަރެން ބޭނުން މިފަހަރު އަހަރެން ލޯބިވާވަރު އަންގަދޭން. މިހިރީ އުމުރުދުވަހަށްވެސް އިންތިޒާރު ކުރަން. މޭއި ހިތުން ރުހުމުން އަހަރެންގެ ކައިރިއަށް އަންނަންދެން ދުރުން އުޅޭނަން...." މައިރާގެ ޖާދުވީ ދެލޯ އިރުކޮޅަކަށް ރެޔާންގެ މޫނަށް ހުއްޓުނެވެ. ފަނޑުއަލީގެ ތެރެއިންވެސް އެލޮލުގައި ވި ބާރަކުން މައިރާގެ ގައިގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ރެޔާން ބަލައިލައިގެންވެސް އޭނައަށް ހާދަ ގޮތްގޮތް ހަދާލައެވެ. ހީވަނީ "ވެމްޕަޔަރ" ބާރެއް ރެޔާންއަށްވެސް ލިބިފައިވާހެންނެވެ. އެކަމަކު ދުލުން އެއްބަސްވާކަށް މައިރާ ބޭނުމެއް ނުވިއެވެ. 

"އަހަރެން އާދޭސްކުރާނެކަމަށް ހީކުރީތަ؟ އިމްޕޮޒިބަލް..." މައިރާއަށް ރެޔާން އެވިސްނިގޮތް އެނގުނެވެ. ރެޔާން ހިތުން މައިރާ އަކަށް އޭނަގެ ރީތިކަމުގެ ޖާދޫގައި ނުޖެހި ދުވަސްކޮޅަކަށްވެސް ނޫޅެވޭނެއެވެ. ނަމަވެސް މައިރާ ގޮތުގައި ހިފަހައްޓާވަރު ރެޔާންއަށް ހަމަ ނޭނގުނީ ބާވައެވެ. އެވަގުތު ޖެހިލި ވައިރޯޅި އަކާ އެކީ ގައި އުށްބައްތި ތަކުގެ ހުޅުކޮޅު ނަށާލައިފައި ނިވިއްޖެއެވެ. ހަނދުވަރުގެ ޗާލު އައްޔަށް ކޮޓަރި ގެނބުނެވެ. އެ ފަނޑުއަލިކަމުގެ ތެރެއިން ދެ ޒުވާނުން ފެންނަމުން ދިޔައީ ދެ ހިޔަނިހެންނެވެ.

"ރިއަލީ؟ ތިގޮތް ބަލައިނަމޭ..." ރެޔާން އެއް ބުމަ އަރުވައިލި އެވެ. މައިރާ ތުންފަތުގައި ބާރަށް ދަތްއަޅާލަމުން ރެޔާން އާއި ދިމާލަށް ލޯ އަޅައިލިއެވެ. އެވަގުތު ރެޔާންއަށް މައިރާ އާއި ދިމާލަށް ބަލައިލެވުނީ ވަރަށް ބޭނުންވެފައިވާ ގޮތަކަށެވެ. ޒުވާން ދެހިތެއްގައި ޖަހަމުން ދިޔަ ވިންދު ކުރިއަށްވުރެ އަވަސްކުރުވިއެވެ. މައިރާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ހުރިހާ ޚިޔާލު ތަފާތުވުމެއް ނައްތާލައިފައި އެކަކު އަނެކަކުގެ އަތުގެ ތެރެއަށް ވަންނަން ބޭނުންވި ދަޑިވަޅެކެވެ. މިހެން ބީރައްޓެހިކޮށް ގޮތްދައްކާލައިފައި އޭނައަށް އުޅެވޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟ މިވީ ކުޑައިރުކޮޅުގެ ތެރޭގައި ވެސް ރެޔާން އޭނަގެ ހިތަށް ކުރުވި ގޯނާގެ ސަބަބުން މަގު އޮޅުވާލައިފިއެވެ. ނަމަވެސް ރެޔާން އަކީ ގޮތެއް ހުރި ފިރިހެނަކަށްވާނަމަ އެ ވަޢުދުމަތީ ގައި ދެމިހުންނާނެއެވެ. މައިރާވެސް ގޮތުގައި ހިފަހައްޓާނެއެވެ. ނޭނގޭނީ ކުރިން ހަތިޔާރު ބަހައްޓާނީ ކާކު ކަމެވެ. މައިރާ ރެޔާންގެ މޭގައި އަތްއަޅާ ކޮށްޕާލައިފައި ދުރަށް ޖެހުނެވެ.

"ރެޔާން. އަހަރެން ސެޑިއުސްކުރަން މަސައްކަތް ނުކުރާތި. ތިކަމެއް ނުވާނެ. ބޭކާރުކަމެއް އިނގޭ. އަހަރެން ވަރަށް ވަރުބަލިވެއްޖެ. ދެން މިހާރު ހިތަށް އަރަނީ ރެޔާން ހުރެގެން އަހަރެން ކިހިނެއްހޭ އެޑަން އަށް ފީޑު ކުރާނީ. ގޭގައި ވެއްޖެއްޔާ އެހެން ކޮޓަރިއަކަށް ދެވިދާނެ. އެކަމަކު........" މައިރާ ޝާހީ ރަނިކަނބަލެއް ފަދައިން ހެދުމުގެ ފަސްބައި ދެއަތުން އުފުލައިލައިގެން ފަރިގޮތަކަށް ހިގާލައިފައިގޮސް ނިދާ ބޮކި ދިއްލައިލިއެވެ. މަޑުފެހިކުލައިގެ އައްޔެއް ކޮޓަރިތެރެއަށް ވެރިވެގެން ދިޔައެވެ.

"ހާދަ ފޮނިކުއްޖެކޭ ދޯ. އަހަރެން ގޮސްދާނަން ބީޗަށް އެކަމަކު އޭރުން މީހަކަށް ފެނިއްޖެއްޔާ ހިތަށް އަރާނެ ވެޑިން ނައިޓުގައި އަހަރެން އެކަނި ބޭރުގައި ކީއްކުރަނީހޭ. އެންމެ ރަނގަޅު. އަހަރެން ސޯފާގައި އޮވެދާނަން. އޭރުން މޭއި އަށް ބޭނުން ކަމެއް ކުރަން ޕްރައިވެސީ އޮންނާނެ. ދެން ބުނެބަލަ. އަހަންނާއި އިންނަން ކުއްލިއަކަށް އެއްބަސްވީ ކީއްވެތަ؟" ރެޔާން ކުޑަކޮށް ކުޑަދޮރަށް ލެގިލައިގެން ހަށަން ބަދެލައިގެން ހުއްޓެވެ.

"އަހަރެން ވަނީ މަންމަ ގާތުގައި އަހަންނާއި ރެޔާން އަދި އައިޒާންގެ އޮތްހާ ރިލޭޝަނެއް ރަނގަޅަށް ކިޔައިދީފައި. މަންމަ ބައްޕަގާތުގައި ހުރިހާ ވާހަކައެއް ދެއްކެވީ. އެހެންވެ ދެން ކާފަމެން އެންމެން ގާތުގައި ބައްޕަ ބުނުއްވާނެ ކަންނޭގޭ އެޑެން އަކީ ރެޔާންގެ ދަރިއެކޭ އަދި އަހަންނާއި ޒާންގެ ކައިވެނި އެއީ ސައްޙަނޫން ކައިވެންޏެއްކަމަށް. އެހެންނޫނަސް އެގޮތަށް އިންޑިޔާގެ މިސްކިތަކަށްގޮސް ވަލީ ހޯދުމެއް ނެތި ކުރި ކައިވެންޏެއް ތާކުންތާކު ނުޖެހޭކަމަށް ބައްޕަމެން ނިންމެވި. އަހަރެން ބޭނުމެއްނުވި އެޑެންގެ ބައްޕަ އޮޅުވާލާކަށް. އެހެންވެ އެންމެނަށް އެންގީ އެޑެންގެ ބައްޕަ އަކީ ތިއީކަން. ނަހަލާލު ކުއްޖެއްކަން އެނގުނަސް ދަރިފުޅަށް އެކަން އެނގުމުގެ ހައްގު އޮންނާނެ ދޯ. އެކަމަކު އެހެން ވިސްނަން ޖެހުނު ހަގީގީ ސަބަބު ރެޔާން ގާތުގައި ބުނާކަށް ބޭނުމެއްނޫން. ތެދަށް ބުނަންޏާ އަހަންނަށް އެނގުނީ މިވީހާތަނަށް ފޮރުވާފައި އޮތް ބޮޑު ސިއްރެއް. އަހަރެން ރޮއި ރޮއި ހަލާކުވި. ރެޔާން އެހިޔަސް އަދި ނުބުނެވޭނެ.....ސޮރީ..." މައިރާ ތަންމަތީގައި އަރާމުކޮށް ނިދާލައިފައި އޮތް ޢަދަންގެ ކޯތާފަތުގައި ފިރުމާލީ ނިކަން ލޯބިންނެވެ.

"އައުޗް...." ރެޔާން ކުޑަކޮށް ހިތްހަމަނުޖެހޭގޮތްވިއެވެ. މައިރާއަށް ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް އެ ބޯހަރުކުއްޖާ ގަބޫލު ކުރާނީ ކީނޫނެވެ. ބޮޑުސިއްރެކޭ ކިޔައިފައި ދަހިކުރުވާފައި އެ ސިއްރުވެރިކުއްޖާ އަނެއްކާ އޭނައަށް އެ ފޮރުވަން ބޭނުންވީ ކޮންފަދަ ކަންތައް ގަނޑެއް ކަމެއްވެސް ނޭގުނެވެ. އެންމެ ރަނގަޅެވެ. އޭނަވެސް އާދޭހެއް ނުކުރާނެ އެވެ. 

މައިރާ ކުޑަ ހިނިތުންވުމަކާއިއެކު ފާޚާނާ އާއި ދިމާލަށް ހިނގައި ގަތުމުން ރެޔާންވެސް ހެނދުން ބަދަލުކޮށްލިއެވެ. ރެޔާން ހިއްސުތައް ހަމަޔަކަށް އެޅުވުމުގައި މިރޭ ކާމިޔާބުކުރިއެވެ. ދެވަނަ ފަހަރަށްވެސް އޭނަގެ ކެތްތެރިކަން ކުޑަވުމުގެ ސަބަބުން މައިރާ ގެއްލިގެންދާކަށް ބޭނުމެއްނޫނެވެ. މައިރާ އޭނަ ގެ އަންހެނުންގެ ނަމުގައި ގާތުގައި ހުރުމުންވެސް މިވަގުތަށް ފުދެއެވެ.

ރެޔާން ސޯޓަކާއި ޓީޝާޓެއް ލައިގެން ނިދަން ތައްޔާރުވިއެވެ. އެވަގުތު ޢަދަން ކުޑަކޮށް ރޯލިހެން ހީވެގެން ރެޔާން ޢަދަން ތަންމަތިން ނަގާފައި އެ ތުއްތު މޫނުގައި ބޮސްދިނެވެ. ރެޔާން އެހާ ލޯބިން ދަރިފުޅާއި ވާހަކަދައްކަމުން ގޮސް އެނދުގައި އޮށޯވެލަމުން ދަރިފުޅު މޭމަތީގައި ބޭއްވިއެވެ. އޭނަ މަޑުމަޑުން ޢަދަންގެ ބުރަކަށީގަޔާއި އިސްތަށިގަނޑުގައި ފިރުމަން ފެށުމުން ދެލޯމަރައިލިއެވެ. އެ ތުއްތު ދަރިފުޅަށްވެސް ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވުނީ ކަންނޭގެ އެވެ.

މައިރާ ނިދާ ހެނދުން ލައިގެން އައިއިރު ރެޔާން އާއި ޢަދަން އެހާ އަރާމުކޮށް ތިބިތަން ފެނުމުން ހިތަށް ބުނަން ނޭގޭފަދަ ގޮތެއްވިއެވެ. ހާދަ ލޯބިކޮށް ޢަދަން އޮތީ ތުންކޮޅު ދަމާލަ ދަމާލައެވެ. ހީވަނީ ތަންމައްޗަށް ވުރެވެސް އޭނަގެ ބައްޕަގެ މޭމަތީގައި އޮތުމުން މާ އަރާމުކޮށް އޮވެވޭހެންނެވެ. މައިރާ ދެކެން ބޭނުންވި މަންޒަރަކީ އެއީއެވެ. ޢަދަންއަށް ބައްޕަގެ ފަރާތުންވެސް ލޯތްބާއި ރައްކާތެރިކަން ލިބުމެވެ. މައިރާ އައުމުން ރެޔާން ދަރިފުޅު މައިރާއަތަށް ދީފައި ގޮސް އޮށޯވެލީ ސޯފާގައެވެ. މައިރާ ގައިމަތިން ކުއިލްޓް އަޅައިލަމުން ޢަދަން ގާތުގައި ބޭއްވިއެވެ.

އެރޭ ރެޔާން ކަންތައްކުރިލެއް ރަނގަޅުކަމުން މައިރާގެ ހިތަށް އުދަގޫވިއެވެ. އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވުނެވެ. ރެޔާންގެ އެހުންނަ ގޮތްދޫނުކުރާ ގޮތާއި ބޮޑާކަން މައިރާއަށް ޓަކައި އެގޮތަށް ދޫކޮށްލަފާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ރެޔާން އެހާ ފަސޭހައިން ހަތިޔާރު ބެހެއްޓުމުން މިހާރު މައިރާއަށް އިހުސާސް ކުރެވެންފެށީ ގޯހީ އޭނަކަމެވެ. އެއީ ވާނެވެސް ގޮތެވެ.

އީޝަލް އެބަރު ކައިވެނީގެ ހެނދުން ބާލައިފައި ޓައިޓަކާއި ކުރު ޓޮޕްކޮޅެއްލައިގެން އައިޒާން ގާތުގައި އެދުނީ ހިނގާލަން ދިޔުމަށެވެ. ދެމީހުންގެ ފިޔަވަޅުތަކުގެ ނިޝާންތައް ވެލިގަނޑުމަތީގައި ދޫކުރަމުން ހިނގަމުން ދިޔައިރު އީޝަލް ހުއްޓުމެއްނެތި އަނގަ ތަޅުވަމުން ދިޔައެވެ. އެތައް ޚަބަރުތަކެއް ކިޔައިދިނެވެ. އީޝަލްގެ މާޒީގައި ސިއްރު އެންމެ ސަފުހާއެއް ވާހެނެއްވެސް ހިޔެއްނުވެއެވެ. ހުޅުވާލެވިފައިވާ ފޮތެކެވެ. މައިރާ ފަދައިން އެއްވެސް ސިއްރެއް އޮތްހެނެއް ހިޔެއްނުވެއެވެ. އެހާ އުފާވެރި އެވެ. ސަކައެވެ. ކޮކާލެއްފަދައިން މިނިވަންކަމާއި އެކީގައި އުދުހެމުން ދަނީ އެވެ. ކުއްލިއަކަށް އައިޒާން މައިރާގެ މަތިން ހަނދާންވިއެވެ. ކިތަންމެ ވަރަކަށް އެ ހަދާން ތަކާއި ދުރުވާން އުޅުނަސް މިފަދަ ރެއެއް އޭނަގެ އުފާވެރިކަން ފޭރިގަންނަން އުޅުނެވެ. މިހާރު މައިރާ ވާނީ އޭނަގެ ބޭބެ ގެ އަތުތެރޭގައެވެ. މައިރާ އެހެން މީހަކާއި އެކީގައި އުފާކުރަމުންދާއިރު އޭނަ މިޖެހުނީ ދުރުގައި ކުޅިބަލަން ހުންނާށެވެ. އެކަމަކު ހަމަ އެ ސިކުނޑި އޭނައަށް މާކުރިން ވިސްނައިދީފައި ވަނީ ބޭބެ އާއި ގުޅުމެއް ބާއްވާފައިވާ އަންހެންކުއްޖަކާއި ގުޅުމަށް ވުރެ ހުތުރުކަމެއް ނެތްކަމެވެ. ހީވަނީ ދެ ސިކުނޑި އޮވެފައި ދެފަހަރު ދެގޮތަށް ވިސްނުން ގެންދާހެންނެވެ. 

"މައިރާއަކީ ފަހަރިއެއް. ބޭބެ އަންހެނުން. ލަދެއްނުގަނޭތަ ތިގޮތަށް ވިސްނަން...." އައިޒާންގެ ސިކުނޑީގެ ކަނަކުން އިންޒާރު ކުރިއެވެ. ނަމަވެސް އޭނަގެ ހިތްވަނީ އޭނަގެ އިޚުތިޔާރުން ބޭރުވެފައެވެ. ސިކުނޑިން މައިރާ އެއްފަރާތް ކޮށްލަން މަސައްކަތް ކުރިވަރަކަށް ވަކިހިއްޕަނީ އެވެ. އައިޒާން ފުންނޭވަޔެއްލައިފައި ގޮނޑުދޮށުގައި އިށީނދެ ނިތްކުރީގައި ފިރުމާލިއެވެ. މި ޚިޔާލުތަކުން އޭނަ ނިކުންނަން ބޭނުމެވެ. އީޝަލް ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން އިރުކޮޅަކު ހުރެލައިފައި އައިގޮތަށް އައިޒާން ކައިރިއަށް ތިރިވީ ދެކަކޫ ދޮންވެލިގަނޑު މަތީގައި ޖައްސާލައިގެންނެވެ. އައިޒާން ކުޑަކޮށް އިސްއުފުލައިފައި ބަލައިލިއެވެ.

"އެކަމަކު ލޯބިވެވެނީ ވެސް ބޭބެގެ އަންހެނުން ދެކެ...." އައިޒާންއަށް ދަތްތަކަށް ބާރުލެވުނެވެ. ހިތަށް އަރާފައިބަމުންދާ ލަފުޒުތައް އޭނަ މޮޔަކުރުވަނީއެވެ.

އައިޒާން އެވަގުތު ބޭނުންވީ އޭނަގެ ނިދާފައިވާ އިހުސާސްތައް އެހެން ކުއްޖަކަށް ޓަކައި ހޭލައްވަން މަސައްކަތް ކުރުމަށެވެ. ނޫނީ މުޅިއުމުރަށް އޭނަ ހުންނަން ޖެހޭނީ ބޭބެގެ އަންހެނުން ދެކެ ލޯބިވެގެން މޮޔަވެފައެވެ. ނަމަވެސް ޔަގީނުންވެސް އެ މަގާމު އީޝަލްއަށް ދޭކަށް ހިތް އެއްބަހެއްނުވިއެވެ. އަޖައިބު ވަނީ އޭނައަށް އީޝަލް އަކީ ނީލާގެ ގޮތުގައި ދެކެވޭކަމެވެ. މައިންބަފައިން ހިތް ރުއްސަން މި ކައިވެނި ކުރިޔަސް ދުވަހަކު އީޝަލް އާއި މެދު އިޝްގީ ނަޒަރަކުން ބަލައެއް ނުލެވޭނެކަން ޔަގީނެވެ.

"ޒާން. އަހަރެން ބޭނުން ޒާން ގެ ގާތުގައި ވަރަށް ބޮޑު ސިއްރެއް ބުނަން. އަހަރެން މިވަރަށް މި ވެޑިންއަށް އިންތިޒާރު ކުރަން ޖެހުނު ސަބަބާއި، މިވަރަށް ޒާން ދެކެ ލޯބިވާކަމަށް ހެދިގެން އެންމެންގެ ތެރޭގައި އެކްޓްކުރި ސަބަބު ޒާން ގާތުގައި ބުނަން ބޭނުން. ޒާންއަށް އެނގޭނެ ރަނގަޅަށް އަހަރެމެން ދެމީހުންގެ ދެމެދުގައި މިއޮންނަނީ ހަމަ ރެޔާން އާއި ޝެލް އާއި އޮންނަފަދަ ގުޅުމެއްކަން. އަހަރެން ޒާންދެކެ ވަރަށް ލޯބިވޭ އެކަމަކު ބޭބެއެއްގެ ގޮތުގައި. އަހަންނަށް އެނގޭ ޒާންގެ ރަނގަޅު ކަމުގެ އެޑްވާންޓޭޖެއްކަން މިނެގުނީ. މާދަން އަހަރެމެން ފުރަން މިޖެހެނީ ހަނީމޫން ހޭދަކުރަން ޔޫރަޕަށް. އަހަރެމެންނާއި އެކީގައި ދާނެ ފްރެންޑެއްވެސް......." އީޝަލް ދެއްކި ވާހަކަތަކުން އައިޒާން ސިހުނެވެ. އީޝަލްގެ ބޮޑު ސިއްރުވެސް ހާމަވެގެން ދިޔައީއެވެ. އައިޒާން ކިޔަންވީ އެއްޗެއްވެސް ނޭގިފައި ހައިރާން ކަމާއިއެކު ބަލަހައްޓައިގެން ހުއްޓެވެ. ކިތަންމެ މައުސޫމްކޮށް ޅަކޮށްހުއްޓަސް ކޮންމެ ކުއްޖެއްގެވެސް ސިއްރުތަކެއް ވާނެ ކަން އެވަގުތު އައިޒާންއަށް ޔަގީންވިއެވެ. އައިޒާން ގެ އަންހެނުންނަށް ވުމުން އީޝަލް އަދި ރަނގަޅަށް މިނިވަންވީއެވެ. ބޭނުން ތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ރަނގަޅަށް ހުޅުވާލެވުނީއެވެ. އައިޒާން އަކީ އީޝަލް ރާއްޖެއިން ބޭރަށް ދާން ނެގި ޓިކެޓެވެ.

އައިޒާން ކަންބޮޑުވީ މި ސިއްރު އޭނަގެ މައިންބަފައިންނަށް ބޭޒާރުވާ ދުވަހަކުން އޭނަ އާއި މެދު ދެކޭނެ ގޮތެއްވެސް ނޭގޭތީއެވެ. ހޮޔޮ އެވެ. މިއީ އޭނައަށް ލެއްވި ނަސީބެކެވެ. އޭނަވެސް މިނިވަންވީއެވެ. އެއްވެސް ޒިންމާއެއް ނެތި ރީތި ގޮތުގައި އީޝަލް އާއި އެކު އޮތް ގުޅުން އެ ހިސާބުން ކަނޑައިލުމުގެ ފުރުސަތު ލިބުނީ އެވެ. ދެންވެސް އޮންނާނީ އެކަނި ބޭބެ ކޮއްކޮގެ ގުޅުމެވެ. އެކަމަކު ދުނިޔޭގެ ނަޒަރުގައި ދެމަފިރިންނެވެ. އަޖާއިބަކީ އޭނަގެ ދިރިއުޅުމަށް އައި ދެ އަންހެންކުދިންވެސް ދެސަބަބަކާއި ހުރެ އޭނަ ފިރިޔެއްގެ ގޮތުގައި ގަބޫލުކުރަން ފަސްޖެހުމެވެ. އައިޒާން މުޅިން އެކަނިވެރިވީއެވެ. ބާކީވީއެވެ. ތަގުދީރުގެ ސަމާސާއެކެވެ. ނަމަވެސް މިފަހަރު އައިޒާން ހިސާބަކަށް ކަންބޮޑުވި ނަމަވެސް ވީ އުފަލެވެ. ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އޭނައަށް އެންމެ އުފާވެރި ހިތްހަމަޖެހޭ ގޮތަކީ މުޅި އުމުރު އެކަނިވެރިއެއްގެ ގޮތުގައި ހުރުމެވެ. މައިރާގެ ހަދާނުގައި ވޭތުކޮށްލުމެވެ. 

ހަމީދު ގެ ޝަރީޢަތަށްފަހު އޭނަ ޖަލަށްލާން ޙުކުމް ކަޑައެޅުނެވެ. އެކަމުގެ އުފަލުގައި ސަބީން އޭނަގެ އެކުވެރިންނަށް ކެއުމެއްދިނެވެ. އޭރު ސަބީންވެސް އެމެރިކާއަށް ދާން ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެއެވެ. ސަބީން ގެ ނަސީބު އަތުގައި ހިފާފައިވާއިރު އޭނަ މަގުމަތީގައި އުޅޭ އުޅުން ބަދަލުވެ ހަރުދަނާވާންވެސް ފަށައިފިއެވެ. ސަމީނާވެސް ދޭތެރެއަކުން ލެވެންޑާ ކޮޓެޖަށް ދާންފަށައިފިއެވެ. އޭނަ އެގެއަށް ފުރަތަމަ އައީ ޒިޔާމާގެ ދަޢުވަތަކަށެވެ. ސަމީނާ އާއި ޒިޔާމާގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވެ ސަމީނާގެ ހިތުގައި މުއްސަދިންނާއިމެދު އޮތް ރުޅިވެރިކަން ފިލަންވެސް ފެށީއެވެ. އެ ޢާއިލާގެ މީހުންގެ ހެޔޮކަމުން ހުރިހާ މުއްސަދިންނަކީ ބޮޑާ ބަޔެއްނޫންކަން މިއަދު ސަމީނާއަށް ގަބޫލުކުރެވިއްޖެއެވެ. އައިޒާންމެންގެ ކައިވެންޏަށް ރިޒޯޓަށް ގޮސްފައިވެސް ސަމީނާ އުޅުނީ ފުދޭވަރަކަށް އެކަމާއި ގަޔާވެގެންނެވެ. އޭނަގެ ހުންނަ ވަރިހަމަ ގޮތްގަނޑު ކަނޑުވާލައިފައި ތަންކޮޅެއް ކަންކަމާއި ގެން އުޅޭފަދަ ގޮތެއް އެރޭ ސަމީނާގެ ގައިން ފެނިގެން ދިޔައެވެ.

އައިމަންގެ ކޮޓަރީގައި ރާދާ އާއި ޝަމާއިލް އިށީދެލައިގެން ތިއްބެވެ. އައިމަންގެ ވާހަކަތަކުން ރާދާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝަމާއިލް އިނީ އިސްޖަހާލައި ގެންނެވެ. ޝަމާއިލްވެސް ދޭތެރެއަކުން ލޯފޮހެލިއެވެ.

"ޝަމާ ވެސް ރޮނީތަ؟ ބައްޕަ ނެތުމަށްފަހު މަންމައަށް ހިތްވަރުދޭން ހުރިމީހަކީ ދަރިފުޅު. އެހެންވީމަ އަންހެންކުއްޖެއްހެން ފިނޑި ނުވޭ. ބައްޕަ ބޮޑުކުރީ ހަރުދަނާ ހިތްވަރުގަދަ ފިރިހެނެއް. ކޮންމެ މީހަކީވެސް ދުނިޔެއައުމަށްފަހު މަރުވެގެންދާންޖެހޭ މީހެއްކަން ގަބޫލު ކުރަންވާނެ. ބައްޕައަށް މި ބަލިޖެހިފައިވާކަން އެނގުނީމަ ތައުބާވެ ވީހާވެސް ރަނގަޅަށް އުޅުމުގެ މަގުފަހިވެފައި މިއޮތީ. އެހެންވީމަ އެއީ ބައްޕައަށް ލެއްވި ނިއުމަތެއް. ބައްޕަ މިއަދު ލޯމެރިޔަސް ލޯ މަރާލާނީ އުފަލުން. ދަރިފުޅުމެންނާއި ފަހުން ބައްދަލުވާނެކަމުގެ އުއްމީދުގައި. އެހެންވީމަ ބައްޕަ ނެތިދިޔުމުން ޝަމާމެން ކަރުނަ ނޯއްސާ ބައްޕައަށް ހެޔޮ ދުޢާކޮށްދީ. އެކަމަކު ބައްޕަ ކިރިޔާވެސް ހިތާމަކުރާ ކަމަކީ މަންމައަށް މާމަގެ މާފު ނުލިބުން އަދި އައުޒަމްއަށް ވީގޮތެއް ޔަގީން ނުކުރެވުން. އަދިވެސް ހިތް ނުބުނޭ އައުޒަމް މަރުވީއޭ. އައުޒަމްގެ މަރުވެފައިވާ ހަށިގަނޑު ފެނުމުން ނޫނީ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވޭ. މަރުވުމުގެ ކުރިން އައުޒަމްވެސް ފެންނާނެނަމަ. ބައްޕަ މައިރާ ގާތުގައި މިވާހަކަ ސިއްރުކުރީ މައިރާއަކީ އަންހެންކުއްޖަކަށް ވެފައި މިހާރުވެސް އެތައް ހިތާމަތަކެއް ކުރިމަތިވެ އަބަދު ކަރުނަ އޮއްސަންޖެހިފައިވާ ކުއްޖެއް ކަމަށް ވާތީ. އެހެންނޫނީ މައިރާ ގެ ހިތްހަލާކުވާނެ.........." އައިމަންގެ ވަސިއްޔަތްތަކުން ޝަމާއިލް އިތުރަށް ރޮވުނެވެ. ނަމަވެސް އޭނަ ހިތްވަރުކުރިއެވެ. ބައްޕައަށް އެ ބަލިޖެހިފައިވާކަން ކުރިން އެނގުނު ނަމައެވެ. ޝަމާއިލްގެ ދުޢާ އަކީ ބައްޕައަށް އެ ބަލީގެ ސަބަބުން އިތުރު ވޭނާއި ކެކުޅުން ނުލިބި ޝިފާ ދެއްވުމެވެ. އޭނައަށް މިއަދު ކޮށްދެވޭނެހާވެސް ކަމަކީ ދުޢާއެވެ. މިއީ ކީމޯތެރަޕީއިން ކުރީކޮޅު ފުދޭވަރަކަށް ރަނގަޅުވެފައި ބަލި ބޮޑުވާވަރަކަށް ކީމޯއަށްވެސް ނުގުޑާވައްތަރެކެވެ. ހީވާގޮތުން މި ކެންސަރުގެ އަސްލަކީ ސިނގެރެޓެވެ.

މެންދުރު ދޭއްޖަހަމުން ދިޔައިރު އުޑުމަތީގައި އުފެދިފައިވާ ވިލާތަކުގެ ސަބަބުން އިރުގެ އަލިކަން ވަނީ ފަނޑުވެފައެވެ. ތެތް ވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ. ގޮނޑުދޮށުގައިވާ ބޮޑު ކުޑައެއްގެ ދަށުގައި މެންދުރު ކެއުން ތައްޔާރު ކޮށްލައިފައި ވެއެވެ. މާމުއި ހަނދު ޖޯޑުތައް އެ ވާރޭދުނިތަކުގެ ކުލައެކުލެވޭ ކުއިލްޓް މަތީގައި އިށީދެލައިގެން ތިބިއިރު ތިންމަސްވީ ޢަދަން އަތާއި ފައި ތަޅުވާލަ ތަޅުވާލާ އޭނަގެ ޕްރޭމްގައި އޮތެވެ. އެންމެން ކެއުމަށްވުރެވެސް ޢަދަން އާއި ސަކަރާތްޖަހަން ފޯރިހުއްޓެވެ. އީޝަލް މޮޑޭވަރުންނާއި ދޮންނަގާ ވަރުން ބައެއްފަހަރު މައިރާއަށް އުދަގޫވި ފަހަރުވެސް އައެވެ. ނަމަވެސް އޭނަ އިނީ ހިމޭނުންނެވެ. އީޝަލް އާއި އައިޒާން އެހާ ހަމަޖެހިލައިގެން ތިބުމުންވެސް މައިރާގެ ހިތުގައި ސުވާލު އުފެދުނެވެ. ރޭވިގެން ކުރެވޭ ކައިވެނިތައް ހަމަ އެހާ ކާމިޔާބު ހެއްޔެވެ؟

"ވާހަކައެއް ބުނަންތަ؟" އީޝަލް ކުއްލިއަކަށް އެއްލޯ މަރާލަމުން އަހައިލިއެވެ. މައިރާ ނޭވާ ހިފަހައްޓާލިއެވެ. ގިނަފަހަރަށް އީޝަލް އަނގަ ހުޅުވާލައިފިއްޔާ ކޮންމެވެސް ބޮޑު ހާދިސާއެއް ހިނގާނެއެވެ. މައިރާ އެހާ ބިރުގަތް ސަބަބަކީ އެއީއެވެ. "ލިޓްލް ޖިންކުސް" މައިރާއަށް ހިތާހިތުން ކިޔައިލެވުނެވެ. އީޝަލްގެ ސަކަ ހުނުމުން މައިރާގެ ހިތް ވަކިން ބާރަށް ތެޅިގަތެވެ. އައިޒާންވެސް ލޯހަނިކޮށްލާފައި އީޝަލް އާއި ދިމާލަށް ބަލައިލިއެވެ. ހަމަޖެހިލައިގެން އިނީ ރެޔާން އެކަންޏެވެ. ދުނިޔޭގައި އިން އެންމެ ކޫލް ފިރިހެނާކަމަށް ވެގެންނެވެ.

ކޮމެންޓް 0