އަވަހަށް ބުނެބަލަ ދަރިފުޅާ..." ފައިސަލް އައިޒާންގެ ކޮނޑުގައި އަތް ބާއްވާލައްވަމުން އެއްސެވީ ވަރަށް އޯގާތެރިކޮށެވެ. ފައިސަލް އެހެންކުދިންނަށްވުރެ އައިޒާން ޚާއްސަކޮށްފައި، ގާތްކުރައްވަމުން ގެންދަވާކަން ޢާއިލާގެ އެންމެން ދަނެއެވެ. އެއީ އެކަން ވާނެ ގޮތް ކަމަށްވެސް ގަބޫލު ކުރެވުނެވެ. ފައިސަލްއަށް އައިޒާން ނެތި އެންމެ ގަޑިއެއްގައިވެސް ކޭން ބެއްލެވޭކަމަކަށްވެސް ނުވެއެވެ. އައިޒާންއަށް ޓަކައި ފައިސަލް ހުންނެވީ ހުރިހާ މުދަލެއްވެސް ހޭދަކުރައްވަން ތައްޔާރަށެވެ. ތުއްތުއިރުއްސުރެ އައިޒާންއަށް ނުދެވުނު ލޯތްބާއި އަޅާލުން ދެވޭނެ އެންމެ މަތީ ދަރަޖައަކަށް ދެއްވަން ވެގެން ކޮންމެ ފަދަ ގުރުބާނީ އެއްވެސް ފައިސަލް ވެލައްވާނެއެވެ. 

އައިޒާން އޭނަގެ މަންމަ އެކްސިޑެންޓްވީ ދުވަހު އޭނައަށް ގުޅައިގެން ހުރެ ދެއްކި ވާހަކަތަކައް އޭނަގެ ބައްޕަ އަށް އިއްވާލަދިނުމަށްފަހު ހަދަންވީގޮތާއި މެދު އޭނަ ފައިސަލްގެ ޚިޔާލު ހޯދިއެވެ. ރެޔާންވެސް ބުނެފައި ވަނީ ބައްޕަގެ އަރިހުން ލަފާ ހޯދާލުން ރަނގަޅު ވާނެ ކަމަށެވެ.

"މިވީ ގޮތުން މިއަދު ދަރިފުޅު އޮފީހަށް ނުގޮސް ކެންސަލް ކޮށްލާ. ޒާންވެސް ސުޕަސްޓިޝަސް ވަނީތަ؟ ކޮންމެހެން ޒާން އެހެންބުނީމަ މަންމަ އަބަދުގެ އަބަދަށްޓަކައި ދިޔުމުގެ ބަދަލުގައި އަލުން ލޯ ހުޅުވާލާނީ ނޫންކަމެއްވެސް ނޭގޭ. މަންމަ އަށް ދަރިފުޅު މާފުކޮށްފީމޭ ބުނާއަޑުއިވުނީމަ ކޯމާއިން ހޭލުމަކީ އެކަށީގެންވާކަމެއް. ގިނަދުވަސް ވާންވެއްޖެއްޔާ ރަނގަޅުވުމުގެ ޗާންސް ވެސް ކުޑަވާނީ. ހިނގާ ހޮސްޕިޓަލަށް...." ފައިސަލް އާއި އައިޒާން ކާރަށް އަރައިގެން ދުއްވާލިއިރު އަންވަރު މަގުމަތީގައި ސިނގެރެޓެއް ބޯން ހުއްޓެވެ. އޭނަ އައިޒާންއަށް ބަލައިލީ ވިހަ ނަޒަރަކުންނެވެ. އައިޒާންއަށް މަޖާވިއެވެ. ހަސަދަވެރިންނަށް ދުވަހަކު ހިތްހަމަޖެހުމެއް ލިބޭނެ ބާވައެވެ. 

އައިޒާން އޭނަގެ މަންމަ ޒިޔާމާގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ އެކިވާހަކަތައް ދެއްކިއެވެ. މާމަ ދަރިފުޅު ޢަދަން ލޯބިކަމުގެ ވާހަކައެވެ. ގަހުގައި ބްލޫ އޯކިޑެއް ފޮޅުނު އުފާވެރި ޚަބަރެވެ. ގޭތެރޭގައި ހިނގާ ކުދިކުދި ކަންތައްތަކުގެ ވާހަކަވެސް އައިޒާން ދެއްކިއެވެ. އެންމެ ފަހުން އައިޒާންއަށް އެންމެ އުދަގޫވި ހިސާބަށް އައެވެ.

"އަޅުގަނޑަށް އެނގޭ މަމްއަށް މިވާހަކަތައް އަޑުއިވޭނެކަން. ދެރަވަނީ މަމް ގެ ޖަވާބެއް ނުލިބޭތީ. މަމްއަށް އެނގޭތަ؟ މަމް އެކްސިޑެންޓްވިދުވަހު އަޅުގަނޑުގެ ފޯނަށް ގުޅީމަ އެ ފޯނަށް އާންސާކުރީ ސަބީން. އެހެންވެ އޭނަ އަނގައިން ނުބުނެ ހުރީ. މަމް ގާތުގައި މިއަދު މިވާހަކަ ބުނެލަން ބޭނުންވީ. ސަބީން ރެކޯޑް ނުކުރިނަމަ މަމް ދެއްކި ވާހަކަތައް ނީވުނީސް. މަމް ނުޖެހޭނެ މާފަށް އެދޭކަށް. މަމް ކުރިކަމެއްވިއްޔާ ކުރެވުނީ މަމް ބަލިވީމަ. އެކަމާއި އަޅުގަނޑުގެ ހިތުގައި އެކައްޗެއްވެސް ނެތް. މަންމަދެކެ ލޯބިވެސް ވޭ. މަންމާ. ދެން ދުވަހަކުވެސް ހޭނުލާނީތަ؟ މަންމައަށް ކުރެވުނީ ކުށެއްކަމަށް ގަބޫލުކުރެވޭނަމަ އަޅުގަނޑު އެކަމަށް މާފުކޮށްފިން......" އައިޒާން ވާހަކަދައްކަމުން ދިޔައިރު ކުޑަކޮށް ފެންކަޅިވިއެވެ. އެއާއި އެކު އޭނައަށް ފެނުނީ ޒިޔާމާގެ އެސްފިޔަ ތަޅުވާލިތަނެވެ. އަތުގެ އިނގިލިތައް ޙަރަކާތްކުރިހެން ހީވިއެވެ. އަދި ޒިޔާމާގެ ލޮލުން ފޭދުނު ކަރުނަތިކިތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. އައިޒާން ކަރުނަތައް ފޮހެދިނީ އޯގާތެރި ކަމާއި އެކުގައެވެ.

މަންމަ ހޭލަން އުޅެނީއެވެ. އައިޒާން ފުރަތަމަވެސް ޙަމްދުކުރީ މާތް ﷲއަށެވެ.

އައިޒާން ވަގުތުން އޭނަގެ ބައްޕަމެންނަށް އެކަން އެންގިއެވެ. ނިއުރޯ ސާޖަނުން އެތަނަށް އައުމުން އައިޒާން ނިކުތީ ބޭރަށެވެ. އޭނަ ހިނިތުންވެލިއެވެ. ބައެއް ފަހަރު ރެޔާން ބުނިފަދައިން ދިރިއުޅުމުގައި ކަރާމާތްތައް ފެނެއެވެ. މިއީވެސް އެމީހުން ގަބޫލުކުރި ގޮތުގައި ކަރާމާތެކެވެ. ބޮޑު ރަޙުމަތެކެވެ.

މައިރާ ކާކޮޓަރިއަށް ވަދެ ފިނިޖޫސްފުޅިއެއް ހިފައިގެން އެނބުރި އައިއިރު އައިޒާންވެސް ސިޑިން ފައިބައިގެން އައީއެވެ. އައިޒާން ހީވެސް ނުލައެވެ. ނަމަވެސް ސިކުންތު ކޮޅަކަށް ނަމަވެސް ދެމީހުންގެ ނަޒަރު ދިމާވިއެވެ. އައިޒާންގެ ލޮލުން ހިތްހަލާކުވާފަދަ އަސަރުތަކަކާއި އެކީގައި ބީރައްޓެހި ގޮތެއްވެސް ފެނުނެވެ. މައިރާގެ ހިތަށް ނޭނގޭފަދަ އުދަގުލެއްވިއެވެ. މައިރާއަށް އައިޒާންއަށް ގޮވާލެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އައިޒާން ބަލައިވެސް ނުލައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލޯމަތިން އޮބާލުމުން މައިރާއަށް ހިންދިރުވާލެވުނެވެ. އޭނަ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެ އެނދަށް ބަންޑުން ވެއްޓިގަތެވެ. އޭރު ރާދާ އޮތީ ސޯފާގައި އޮށޯވެލައިގެން ވާހަކަފޮތެއް ކިޔާށެވެ.

"ދަރިފުޅާ. ކިހިނެއްތަ ވީ..." ރާދާ ފޮތް އެއްލާލައިފައި ގޮސް އެނދުގެ މަގަތުގައި އިށީދެ މައިރާގެ ގައިގާ ފިރުމަންފެށިއެވެ.

"މަންމާ. ދެންމެ ޒާން އާއި ދިމާވީ އެކަމަކު އޭނަ އަޅުގަނޑު ގޮވާލީމަވެސް އަގައިން ނުބުނެ ދިޔައީ. ހާދަ ދެރަވިއޭ...." މައިރާ މަގަތަށް އެނބުރުނުއިރު އެ ދެލޯވަނީ ކަރުނުން ފުރިފައެވެ.

"މޭއި ބޭނުންވަނީވެސް އެމީހުންނާއި ދުރުން އުޅޭކަށްނު. މަންމައަކަށްވެސް ވެގެން އުޅޭގޮތެއް މުޅިއަކުން ނޭގޭ. މޭއި ބޭނުން ވަނީ ޒާން އާއި ވަކިވާށޭ ބުނީވެސް މޭއި އަމިއްލައަށް. ދަރިފުޅު ދެމީހުން ދެކެ ލޯބިވަނީތަ؟ މަންމަ ގާތުގައި ރަގަޅަށް ކިޔާދީބަލަ..." ރާދާ އިނީ ބުނަންވީ އެއްޗެއް ނޭގިފައެވެ. ހާސްވެފައެވެ. އެވަގުތު މައިރާއަށް އޭނަގެ މަންމައަކީ އެންމެ ގާތް އެކުވެރިޔާކަމުގެ އިޙުސާސް ކުރެވުނެވެ. މި ވާހަކަތައް ސިކުނޑީގައި ރައްކާކުރަން ވެއްޖެއްޔާ އޭނަގެ ސިކުނޑި ފަޅައިގެން ހިނގައިދާނެއެވެ. މައިރާ އޭނަގެ މަންމަ އާއި ހުރިހާ ވާހަކަތަކެއް ޙިއްސާކުރިއެވެ. މައިރާގެ ވާހަކަތައް އަޑުއަހަން ރާދާ އިނީ އަސަރުކޮށްފައެވެ.

"މަންމާ. ކަންތައް ހިނގާފައިވާ ގޮތުން ދުރަށް ދާންބޭނުމީ. އެކަމަކު އަޅުގަނޑު ލޯބިވަނީ ރެޔާން ދެކެ. އެވަރަށް ޒާން ދެކެ ރުހެވޭ. ޒާން ދޫކޮށްލާފައި ރެޔާން އާއި ގުޅުމަކީ އިންސާފެއްނޫން. އެހެންވެ ބޯހަލާކުވަނީ. ޒާންހާ މާތް އިންސާނެއް މިދުނިޔޭގައި ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހާ މާތް ފިރިހެންކުއްޖެއްގެ ހިތުގައި ޖައްސާލައިފައި ދުވަހަކު އުފަލެއް ލިބޭނީ ކިހިނެއްތަ؟ ކުށްކުރީ އަޅުގަނޑު. ރެޔާން އާއި ރައްޓެހިވެގެން އުޅެމުން އައިޒާން އާއި އެކުވެރިވެވުނީ. ނޭގުނަސް އޭރުވެސް ސިމްޕަތީވީ. ޒާން ފަދަ ސިމްޕަލްކޮށްއުޅޭ ތަފާތު ފިރިހެންކުއްޖެއް ފެމިލީއިން ފެނިފައި ނުވީމަ ގުޅުން ބަދަހިކުރެވުނީ. ނަމަވެސް އެގޮތަށްވެސް ފިރިހެންކުއްޖަކާއި ވާހަކަދެއްކުމަކީ ފަހުން ނަތީޖާ ހިތިވެދާނެކަމެއްކަން މިހާރު މިއެނގުނީ. އަޅުގަނޑު ދެން ހަދަންވީ ގޮތެއް މަންމަ ބުނެދީބަލަ..." މައިރާ ނޭފަތް ދަމާލަމުން ބުންޏެވެ.

"ބައްޕަ ބުނުއްވި ދަރިފުޅު ޑޮކްޓަރ މީޝަލް އާއި ވާހަކަ ދައްކާލަން. އޭރުން ސިކުނޑިއަށް ލުއިވާނެ. މޭއި މާބޮޑަށް ތިވިސްނަނީ. މަންމައަށް ވިސްނޭ މޭއިގެ ސިޗުއޭޝަން ވަރަށް ޑިފިކަލްޓްކަން. އެހެންވީމަ އެންމެ ރަނގަޅު ވާނީ ކައުންސެލިން ހޯދީމަ. އެކަމަކު މަންމައަށް ފެންނަނީ ދަރިފުޅު ރެޔާން އާއި ގުޅެން. ތިދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވޭ. އެހެންނޫނަސް ޢަދަން އާއި މެދުވެސް ވިސްނާލަން ޖެހޭނެ. ބައްޕަ އޮޅުވާލުމަކީ ބޮޑު ފާފައެއް. ރެޔާން ކުރި ފާފައަށް އޭނަ ތައުބާވެ ދަރިފުޅާއި އެކީގައި އުޅެން ހުރިއްޔާ މާފުކޮށްދޭން މަންމައަށް ފެނޭ....." ރާދާ ދެއްކި ވާހަކަތަކުންވެސް މައިރާއަށް މުޅިން ހިތްހަމަޖެހުމެއް ނުލިބުނެވެ. ނަމަވެސް އެކަމާއި ދެކޮޅަށްވެސް އެއްޗެކޭ ނުބުނެއެވެ. މައިރާ ވުޟޫކޮށްލައިގެން އައިގޮތަށް ޢިޝާ ނަމާދުކޮށްލައިގެން ދުޢާކުރިއެވެ. ނަފްސާނީ މާހިރަކަށް އޭނަގެ ބަލި ރަނގަޅެއް ނުކުރެވޭނެއެވެ. ހެއްދެވި ފަރާތަށް އީމާންތެރިކަން ވަރުގަދަ ކޮށްގެން ނޫނީ ސިކުނޑިއަށް ޖެހޭ މިފަދަ ބަލިތަކުން ސަލާމަތް ވެވޭނެކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ.

ޒިޔާމާވެސް މަޑުމަޑުންގޮސް ރަނގަޅު ވާން ފެށިއެވެ. ޒިޔާމާއަށް އުދަގޫކޮށް ވާހަކަ ދެއްކުނު ނަމަވެސް އޭނަ އައިޒާން އާއި ވާހަކަ ދައްކައެވެ. ޒިޔާމާ ކޯމާއިން ހޭލެވުނަސް ވާހަކަ ދައްކަން ދަތިވުމާއި ހިގަން އުނދަގޫވުމުގެ ސަބަބުން ފިޒިއޮތެރަޕީ މުހިއްމުވަރު އެނގުނެވެ. ޒިޔާމާ މުޅިން ފިޓްވާން ދުވަސް ކޮޅެއް ނަގާނެއެވެ. ނަމަވެސް ޒިޔާމާއަށް މިހާރު އެފަދަ އެއްވެސް ނިޢުމަތެއް މުހިއްމެއް ނޫނެވެ. އެކްސިޑެންޓްގައި ޕެރެލައިސްވި ނަމަވެސް ހެވެވެ. އޭނަ ބޭނުމީ އެކަނި އައިޒާން އެވެ. އައިޒާންގެ މަޢާފެވެ. އައިޒާން ލިބުމަށްފަހު ދުނިޔޭގެ ކޮންމެ މުސީބާތެއްވެސް ކުޑަވާނެކަން ޔަގީނެވެ. ޒިޔާމާ ހިތްއެދެނީ އަބަދު އައިޒާން ލޮލުގެ ކުރިމަތީގައި ހުރުމަށެވެ.

ޒިޔާމާ ކޮޓަރިއަށް ވަންއިރު ރާދާ ޢަދަން ފެންވަރުވާލައިގެން އައިސް އެނދުމަތީގައި ބާއްވަނީ އެވެ. ޢަދަން އޮތީ މަޖާވެލައިފައި އަތްފައި ތަޅުވާލަ ތަޅުވާލައެވެ. ދުވާމީރުވަހުން ބަނޑުފުރޭހާވެއެވެ. މައިރާ ދަރިފުޅުގެ ގައިގައި ލޯޝަން އުނގުޅަމުން ދިޔައިރު އެ ލޮލުގައި ވަނީ ލޯބިން ފުރޭފަދަ އަސަރުތަކެވެ. މައިރާގެ މުޅި ދުނިޔެއަކީ ޢަދަން ފަދައެވެ. ޒިޔާމާ އާއި ރާދާ ދައްކަމުންދިޔަ ވާހަކައެއްގެ ތެރޭގައި ޢަދަން ބަންޑުން އޮވެ ނިދާތީ މައިރާ ކަންބޮޑުވެގެން އުޅޭކަމަށް ރާދާ ބުނެލިއެވެ.

"މޭއި އެންމެ ކަންބޮޑުވަނީ ޢަދަން އަބަދު ބަންޑުން އޮންނަން އުޅޭތީ. އެކަމަކު އެނޫންގޮތަކަށް ބާއްވަންޏާވެސް ރޮއި ހަލާކުވާނެ. ހީވޭ ތަނަކަށް ތަދެއްވެގެން އުޅޭހެން. ބަންޑުން ބޭއްވީމަ ނިކަން އަރާމުކޮށް ނިދާލައޭ ދޯ ދޫނި....." ރާދާ ޢަދަންގެ ކޯތާފަތުގައި ފިރުމާލިއެވެ.

"އަސްލުތަ؟ ރެޔާންވެސް ކުޑައިރު އެނޫންގޮތަކަށް ނިދަން ނޯންނާނެ. މިހާރުވެސް ނިދަން އޮންނަނީ ބަންޑުން. އަނެއްކާ ޢަދަން ހީވަނީ ރެޔާން ތުއްތުއިރުގެ ކޮޕީއެއްހެން. ހަމަ ހަދާން ވަނީ. ރެޔާންގެ ވެސް ދެލޯ މިހާ ކުލަގަދަވެފައި ތޫނުވާނެ...." ޒިޔާމާގެ ވާހަކަތަކުން މައިރާގެ މޫނު ރަތްވިއެވެ. ޢަދަން ރެޔާން އާއި ވައްތަރު ނުވާންވީ ކީއްވެހެއްޔެވެ؟ މިއީ ރެޔާންގެ ލެޔެވެ. މައިރާ އެކައްޗެކޭވެސް ނުބުނެ ހިމޭނުން އިދެ ދަރިފުޅު ރީތިކޮށްލާފައި ޒިޔާމާގެ އަތަށް ދިނެވެ. އެއަށްފަހު އޭނަ ނިކުތީ ބޭރަށެވެ. މައިރާ ހުރީ ހާސްވެފައެވެ. އެންމެނަށްވެސް ޢަދަންއަކީ ރެޔާންގެ ކުއްޖެއްކަން ޝައްކު ވަނީ އެވެ. އެފަދަ ޙަގީގަތެއް ފޮރުވާފައި ނުބޭއްވެނީކަން ނޭގެއެވެ. ކޮންމެވެސް ގޮތަކުން ބޭޒާރުވާނެއޭ އެބުނަނީ ހަމަ ތެދެކެވެ.

އައިޒާން އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އާދައިގެ މަތިން ޓީވީ ހުޅުވާލައިފަ ހުރިއިރު ފެންނަމުން ދިޔައީ ސިލްސިލާއެކެވެ. ސްޓާރޕްލަސްއެވެ. އެނޫން ޗެނެލްއެއް މަންމަ ގޭގައި ހުރެގެނެއް އެހެން މީހަކަށް ބެލުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ސަމީނާ ކޮޓަރިން ނިކުމެގެން އައީ ރޮށިތަށްޓެއް މޮޑެލައިގެން ސަމުސަލެއް ލައިގެންނެވެ. ސަމީނާ އެތަށި ސަބީންއަށް ދިއްކޮށްލައިފިއެވެ. ކުޑައިރުއްސުރެ ސަބީން މަންމަ މޮޑެފައި ދީގެންނޫނީ ނުކާނެއެވެ.

ސަބީން ޓައިލްސްޖެހި ތަޅުންމަތީގައި އޮތްއިރު އޭނަގެ ދެފައިއޮތީ ސޯފާގައެވެ. ފަންކާ ހިންގާލާފައި ހުރިއިރުވެސް އުދާސްކަން ކުޑައެއްނުވެއެވެ. އައިޒާން ފުރަތަމަ ހީކުރީވެސް މަންމަމެން އޭސީ ނިވާލައިގެން އުޅެނީ ކަމަށެވެ. އޭނަ ބޭރުން އައުމުން ހޫނުވެފައި ހުރިވަރުން ރިމޯޓް ނަގާފައި އޭސީ ޖައްސަން އުޅުމުން އޭތި މަސައްކަތެއް ނުކުރިއެވެ. ސަބީން ބުނީ އޭސީ ހަލާކުވެފައިވާކަމަށާއި އޭނަ ބިންމަތީގައި މިއޮތީވެސް ފިނިކޮށްލަން ކަމަށެވެ. މަންމަ އާއި ކޮއްކޮވެސް އެކަމާއި ޝަކުވާއެއް ނުކުރުމުން އައިޒާންގެ ހިތަށް ގޮތެއްވިއެވެ. އޭނަ މިހާ މުއްސަދިކަން އެނގޭއިރުވެސް އެމީހުން ކަންކަމު ނުކިޔާކަމުން އެނގުނީ ލާރިއަށް ދަހިވެތި ނުވާކަމެވެ. ސަބީންވެސް ވަރަށް އެއްޗެއް ހޯދަން ނުބުނެއެވެ. ސަމީނާ އަދި ހުންނަނީ އައިޒާންގެ ޢާއިލާ އާއި ހިޔަނިވެސް ނޭޅެން ނިންމައިގެންހެން ހީވެއެވެ. އައިޒާން އާދޭސް ކޮށްކޮށް ވަރުބަލިވީއިރުވެސް މައިރާ ވިހޭދުވަހު އަދި ދަރިފުޅަށް ނަން ދިންދުވަހުވެސް މައިރާ ދެކެލަން ދާކަށް ސަމީނާ އެއްބަހެއް ނުވިއެވެ. އޭނަ އެއްގޮތަކަށްވެސް އެ ޢާއިލާ އާއި ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ސަމީނާ ވަނީ ސާފުސީދާބަހުން ބުނެފައެވެ. އައިޒާން އެގެއަށް ބޭނުންވާހާ އެއްޗެއް ހަމަޔަށް ގެނެސްދެއެވެ. ކޮންމެ ވަގުތަކު ހޮޓަލަކުން ކާއެއްޗެހި ގެނެސް ގެއަށް ލާދެއެވެ. އައިޒާން އެއްގޮތަކަށްވެސް އޭނަ ބަލާބޮޑުކުރި ފަގީރު މަންމަ ޙަޔާތުން ބޭރުކޮށްލާކަށް ބޭނުމެއް ނޫނެވެ.

"ސަބީ. ދޮންބެ ގާތުގައި ބުނެލިނަމަ. އެއްވެސް ކަމެއް އޮތިއްޔާ ބުނަންވާނެ އިނގޭ..." އައިޒާން ބުނެލައިފިއެވެ. ސަމީނާ ގެ ފަލަހަށިގަނޑު ސޯފާއަށް ތިރިކޮށްލުމުން ހީވީ ސޯފާވެސް އަޑިޔަށް ގޮސްދާނެ ހެންނެވެ. މިހާރު ރަނގަޅަށް ކެވޭތީ ކުރިއަށްވުރެ ފަލަވެ ދޮންވާން ފަށައިފިއެވެ. އިންތަނުން ތެދުވުންވެސް ސަމީނާއަށް ވަނީ ބުރަ ކަމަކަށްވެފައެވެ.

"ހޫމް. ދޮންބެއަށް އެނގޭތަ؟ ހަމީދުގެ ޝަރީޢަތް ވަރަށް އަވަހަށް ފެށޭނެ. ނީލްގެ ކަންތަކުގައި ހެކިދޭނެ އިތުރު ދެމީހުން ވެއްޖެ. އަނެއްކާ ކުރީ ދުވަހު އަހަރެން ދިޔައިރު އޭނަ ކޮޓަރީގެ ދޮރުތަޅުލައިގެން އުޅުނީމަ ޝައްކެއްވެގެން ވަގުތުން ފުލުހުންނަށް ގުޅައިގެން އެމީހުން އައިއިރު ދޮންދަރިފުޅާއި ބެހެން އޮތީ. އެހެންވެ ވަގުތުން ސިފައިން އޭނަ ގެންދިޔައީ. އޭނަގެ ސަބަބުން ނޫންނަމަ މަންމަވެސް އެކަނި ނުވާނެ. މަގޭހިތަށް އެރި މަގޭ ދެއަތުން އެކަލޭގެ މަރާލާނަމޭ. އަހަރެންގެ ބައްޕައަކަށްވީ ކޮންފަދަ ނުބައި މީހެއް. އޭނަ މަގޭ ބައްޕައަށް ނުވިނަމަ....." ސަބީން ބަނޑުމަތީގައި ތަށި ބަހައްޓައިގެން އޮވެ ރޮށިކޮޅުން އެތިކޮޅެއް އަނގަޔަށްލިއެވެ. އޭނަގެ ކޮއްކޮ ޒުވާންވިއިރުވެސް ތަންކޮޅެއް ޅަގޮތެއް ހުންނަކަމަށް އައިޒާން ދެކެއެވެ. އަދިވެސް ހަރުދަނާވާކަށް ނޫޅެއެވެ.

"އަހަރެންގެ ނެތް ހަމީދުގެ އެއްވެސް ދަރިއެއް. ސަބީންގެ ބައްޕައަކީ އޭނައެއް ނޫން...." ސަމީނާ ފަރުވާކުޑަގޮތަކަށް ބުނެލައިފިއެވެ. ސަބީން ދެލޯ ބޮޑުކޮށްލި ނަމަވެސް އޭނަ އިތުރު ސުވާލެއް ނުކޮށް އައިޒާންއަށް ބަލައިލާފައި އަނގަޔަށް ގޮތެއް ހަދާލިއެވެ.

"ސަބީ މޮޅު އިނގޭ. އެންމެ ފަހުން ހަމީދުއަށް ހައްގު ސަޒާ ލިބެން އުޅެނީ ދޯ. ސަބީއަށް އިނާމެއްދޭނަން. އެންމެ ބޭނުމީ ކޯޗެއްތަ؟ ޔަގީން ބުނާނީ ސައިކަލެކޭ...." އައިޒާން ހީލާފައި ސަބީންގެ ފައިގައި ހިފާ ދަމާލައިފިއެވެ. 

"ދޮންބެއަށް އެނގުނުކަން ނަސީބެއް..." ސަބީންގެ ދެލޯ އުފަލުން ވިދާލައިފިއެވެ. އޭނަ ކިތަންމެ ހަމަޖެހިލައިގެން އޮތަސް އޭނަގެ ބައްޕައަކީ ކާކުކަން އެނގެން ބޭނުންވިއެވެ. އޭނައަށް އައިޒާން ފަދަ ނަސީބެއް ލިބޭނެކަމެއް ނޭގެއެވެ. ނަމަވެސް އެއީ ކޮންމެފަދަ އިންސާނަކަށް ވިޔަސް ހަމީދު ބައްޕަ އަކަށްނުވި ކަމާއި މެދު އޭނަ މާތް ﷲއަށް ޝުކުރުވެރިވިއެވެ. އައިޒާން ސަބީންއަށް ދޭން ގަސްތުކުރީ ސަބީން އުއްމީދުވެސް ނުކުރާވަރުގެ އިނާމެކެވެ. ސަބީން ކިޔަވަން އެމެރިކާގައި ބެހެއްޓުމެވެ. އައިޒާންއަށް ވަނީ ބައްޕަމެންގެ ޝާންޝައުކަތާއި މުއްސަދިކަން ހުރިމިންވަރު އެނގިފައެވެ. އޭނަ އުއްމީދުކުރިވަރަށްވުރެ އެޢާއިލާ އެތައް ގުނަ މުއްސަންޖެވެ. މޮޅެވެ. އެމެރިކާގަޔާއި ދުނިޔޭގެ އެތަންމިތާގައި ކުންފުނިތަކާއި ގެތައް ހުރެއެވެ. އެތައްބައިވަރު ބިންތަކެއް އޮވެއެވެ. ބިލިއަނަރުންނެވެ. މިއަދު އައިޒާން އަކީ ވެސް އެ ވިޔަފާރީގެ ހިއްސާދާރެކެވެ. އޭނަގެ އެކައުންޓަށް ބޭނުން ވަރަކަށް ލާރި ލެވިދާނެއެވެ. ރެޔާން ފަދައިން އޭނަގެ ވޮލެޓްގައިވެސް އޭއީ ބްލެކްކާޑެއް ވެސް އޮންނާނެއެވެ. އެހުރިހާ އުފަލަކާއި މުއްސަނދިކަމެއް ލިބުމުންވެސް އައިޒާން ވެސް އެންމެ ބޭނުންވި އުފަލެއް ނުހޯދުނެވެ. ކުރާނެ ކަމެއްނެތެވެ. ނަމަވެސް އޭނަ މިހިރީ އޭނަގެ މަންމަ ސަމީނާ އާއި ކޮއްކޮއަށް ފެންފަދައިން ފައިސާ ޚަރަދުކުރަން ތައްޔާރަށެވެ. އަމިއްލަ އުފަލަށްވުރެ އެމީހުންގެ އުފާތައް އިސްކުރަން މިއަދު އައިޒާން ބޭނުމެވެ.

މިރޭ ލެވެންޑާކޮޓެޖްގެ އެތެރޭފެންޑާގައިވާ ޚާއްސަ ކޮޓަރިއެއްގައި އެ ޢާއިލާގެ ބައެއް އިސް މެމްބަރުން ގެ ބައްދަލުވުމެއް އޮތެވެ. ވިޔަފާރި ބައްދަލުވުމެއްކަމުގައި ހީކުރެވުނަސް ގިނަފަހަރަށް އެފަދަ ބައްދަލުވުންތަކުގައި ކާވެނިތައް ހަމަޖެއްސެއެވެ. އެތައް ގުޅުންތަކެއްގައި ސިއްކަޖެހެވިގެން ދަނީ މިފަދަ ބައްދަލުވުން ތަކުގައެވެ. މިރޭވެސް ބައެއް ބޭކަލުންތައް އެގެއިން ކޭން ބައްލަވައިގެން ކޮޓަރީގައި ވަގުތުތައް ހޭދަކުރެއްވުމަށްފަހު ދުރުވިއެވެ. އެންމެން ގެ ކާރުތައް ނައްޓާލުމުން ފައިސަލް އާއި އައިމަން ގެއަށް ވެންނެވިއިރު ދެބޭކަލުން ތިއްބެވީ ފުދޭވަރަކަށް ހިތްހަމަ ޖެހިލައްވާފައި ހެން ހީވެއެވެ. އޭރު ޝަމާއިލް އާއި ރެޔާން އަދި އައިޒާންވެސް ބޮޑުކޮޓަރީގައި ފުޓްބޯޅަމެޗެއް ބެލުމަށްފަހު މެޗުގެ ވާހަކަދައްކަން ތިއްބެވެ. 

"ތިކުދިންނާއި ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން އެބަޖެހޭ..." ފައިސަލް އާއި އައިމަން އިށީންނެވިއެވެ. ބޮޑު ކޮޓަރީގައި ވާ ލޮލަށް ފަސޭހަ ހިތްގައިމު އައްޔާއި ފިނިކަމާއި މީރުވަހުން ހިތްތަކަށް ދިރުން ލިއްބާދޭނެއެވެ. ފުޓްބޯޅަމެޗަށް ގެއްލިފައި ތިބި ތިން ޒުވާނުންވެސް ފައިސަލްމެނަށް ނަޒަރު ހުއްޓާލީ ތެޅިތެޅިވާ ހިތަކާއިއެކުގައެވެ. ބޮޑެތި މީހުން ކޮންމެފަދަ ކަމެއް ނިންމާފައިވެސް އިޢުލާން ކޮށްފާނެ އެވެ. ސިކުންތުކޮޅެއްގެ ހިމޭންކަމެއް ބޮޑުކޮޓަރިއަށް ވެރިވެގެން ދިޔައެވެ. އޭރު އިވެމުންދާ އެކަނި އަޑަކީ ވައިރޯޅިތަކުގެ ގޯނާގެ ސަބަބުން ފެންޑާގައިވާ ޗާންދަލިޔާގެ ބިއްލޫރިފަށްތައް އެކަތި އަނެކައްޗާއި ޖެހިލުމުން އިވޭ ހިތްގައިމު ރާގެވެ. 

ކޮމެންޓް 0