މައިރާ ޖެހިލުންވެފައި ހުރެ އޭނަގެ ޝަރުތު އިއްވިއެވެ. ރެޔާން ބުނީ ޝަރުތުތަކަކާއި އެކީގައި ކުރާ ކައިވެނި ސައްހަ ނުވާނެ ކަމަށާއި ވީމަ އެކަމަށް އެއްބަސް ނުވާނެ ކަމުގައެވެ. ނަމަވެސް މައިރާ އޭނަގެ އަންބަކަށްވުމަށް ފަހުގައި މައިރާގެ ކޮންމެ ބޭނުމެއް އޭނަ ފުރިހަމަ ކޮށްދޭނެ ކަމަށް ވަޢުދުވިއެވެ. އެވަރުން މައިރާ ރެޔާންއަށް އިތުބާރު ކުރިއެވެ.

ހަސަދަ އަކީ ކެންސަރު ފަދައިން މީހާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށް ފަތުރާލާ، މޫހަރުލުމުން ފަސޭހައިން ހަށިގަނޑުން ނައްތާނުލެވޭނެ އަލިފާނެކެވެ. އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއްލިބި، އަބަދު ހިތްހަމަނުޖެހިފައި ހުންނާނީ ޙަސަދަވެރިޔާއެވެ. އެހެންމީހަކަށް މާތް ﷲ ދެއްވަން ހުރި ނިޢުމަތެއް އެހެން އިންސާނަކަށް ނިގުޅައެއް ނުގަނެވޭނެއެވެ. އަންވަރު ފުރަތަމަ ކޮޅު އައިޒާން އާއި ޖައްސާލައިގެން އުޅެމުންގޮސް ފަހުން އެ ރުޅިވެރިކަން އިންތިހާދަރަޖައިގެ ހަސަދަވެރިކަމަށް ބަދަލުވިއެވެ. އޭނަގެ ދުޝްމަނުންގެ ލިސްޓަށް އައިޒާންގެ ނަން އެރިއެވެ. އައިޒާން އެހާ އުފަލުގައި އުޅޭތަން ދެކެން ހިތް ކެތްނުކުރެވުނެވެ. އެކަނި ހުންނައިރުވެސް އޭނައަށް ވިސްނެމުން ދިޔައީ އައިޒާންއަށް ލަނޑެއް ދޭނެގޮތަކާއި މެދުގައެވެ. އަންވަރު މީހަކަށް ފައިސާ ދީފައި އައިޒާންއަށް ޙަމަލާދޭން އެދުނެވެ. އައިޒާން މަރާލައިފިއްޔާ ދިހަހާސް ރުފިޔާ ދޭނެ ކަމަށް ވަޢުދުވިއެވެ. އެކްސިޑެންޓެއް ކޮށްލާފައި ނޫނީ ތޫނުއެއްޗަކުން ހަމަލާދީގެން ނަމަވެސް އޭނަ ބޭނުމީ އައިޒާން ނައްތާލުމެވެ.

ހަނދު އެހެން ރޭރެއަށްވުރެ ބޮޑު ކޮށް ގަސްތަކުގެ ތެރެއިން ހިނިތުންވެލައިގެން އިނެވެ. ލުއިވައިރޯޅިތައް މީރުވަސްދުވާ މަލުގެ ވަސް ބަގީޗާގައި ފަތުރަމުން ދިޔައެވެ. މިރެއަކީ ލެވެންޑާ ކޮޓެޖްގެ ހުރިހާ މެމްބަރުން ބާބެކިއު ހަދަންވެގެން ފަތާފެންގަނޑު ކައިރީ ގައި ތިބި ރެއެކެވެ. އިޝާ ނަމާދު ކޮށްލައިގެން އައިގޮތަށް އެންމެން އުޅެގަތީ އެކަމާއެވެ. އައިޒާން އާއި އީޝަލް އަދި އަޔާނާ ވެގެން ކުކުޅާއި، ފަރުމަހުގައި ލޮނު މިރުސްލަމުން ދިޔައިރު ރެޔާން އާއި ފަރުޒާން އުޅުނީ ނާށި އެންދުމާއި ގެންނެވެ. ނާށިތަކުގައި ރަނގަޅަށް ހުޅުހިފައި ގަނެ އޮރެންޖު ކުލައިގެ އަލިން މުޅި ހިސާބު އުޖާލާކޮށްލައިފިއެވެ. އެއަލީގައި އެންމެން ފެންނަލެއް ވަކިން ރީއްޗެވެ. ޒިޔާމާ އާއި ފައިސަލް ކުދިންގެ ޙަރަކާތްތައް ދެކެން ބެންޗުގައި އިށީނދެލައިގެން ތިބިއިރު އެދެމަފިރިން ތިބީ ދުވަހަކު ނުވާހާ ބޮޑަށް އުފާވެފައެވެ. އާއިލާއެއް ބިނާކޮށް އެކީގައި އުޅުމަކީ ދެމަފިރިއެއްގެ ޙަޔާތުގައި ލިބޭނެ އެންމެ ބޮޑު އުފަލެވެ. ޚާއްސަކޮށް އެމީހުންގެ ދަރިފުޅު އައިޒާން ޙަޔާތަށް އައުމަށްފަހު ހީވަނީ ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ފުރިހަމަވެފައި ވާހެންނެވެ.

"ވަރަށް ފޫހިވޭ މޭއި ނައީމަ. ހީވަނީ ފެމިލީ މުޅިން ފުރިހަމަނުވާހެން. ރޭގަނޑު ވީމަ އެޑެން ގޮވައިގެން އަންނާކަށް ނުވާނެޔޯ. ދަރިފުޅު އެހެން މީހަކާއި ޙަވާލުކޮށްފައެއް ނާދެވޭނެޔޯ. މޭއި އޯވާރ ޕްރޮޓެކްޓް ކުރާ ވަރުން އެޑެން މޮޑެލެވޭކަށްވެސް ނެތް. އިޝޫއަށް ބޭބީ ނެގުނަކަ ނުދޭނެ. އެފުށްގުޅަ ލޯބިކަމުން ކޮންމެ މީހަކަށްވެސް ވާނީ އެވަރު. ހިތަށް އެރި މޭއި ބިރުގަންނަވަން ވަގަށް ނަގައިގެން މިގެއަށް ގެންނާނީއޭ އެކަމަކު މޭއި ހާޓްއެޓޭކެއް ޖެހިވެސްދާނެތީ ނުކެރުނު އެކަހަލަ ސަމާސާއެއް ކޮށްލަން. ޒާން ލަވައެއް ކިޔާދީ ބަލަ...." އީޝަލް ކުރުނުކޮށް ކިޔަންފެށުމުން އައިޒާން ލަވައެއް ކިޔަންފެށިއެވެ. އިނގިރޭސި ލަވައެއްގެ ބައިތެއް އައިޒާން ކިޔައިލިލެއް ރީތިކަމުން އެންމެން ތިބީ ހައިރާންވެފައެވެ. ފަރުޒާން ބުނީ ރެޔާންގެ އަޑާއި ތަފާތެއް ނެތް ކަމުގައެވެ. ސަކަރާތް ޖަހަޖަހާ ތިބެ އަލުވި އަދި ސޮސެޖް ފިހުނެވެ. ޗިޕްސް ތެލުލިއެވެ. ކުކުޅު ފިހޭ މީރު ވަހުން ފަޒާ އެއްވަސް ވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އީޝަލް އިނީ އޭނައަށް ވީ ކުކުޅުފައި ގައި މާގަދަޔަށް މިރުސްލައިގެން އިންތިހާއަށް ކުޅިކޮށްފައެވެ. އީޝަލް ބުނީ ބައްޕަ ވަނީ މިރުސްކާން އަންގަވާފައި ކަމަށެވެ. މިރުހަކީ މައިދާގައި ފާރު ހެދޭއެއްޗެއްކަމުގެ ކުށްހީ މީހުންނަށް ކުރެވިފައެވެ. އެކަމަކު ސައިންޓިސްޓުންގެ ދިރާސާތަކުން ދައްކާގޮތުން ފެހި މިރުހަކީ ހަގީގަތުގައި މައިދާ ގެ ފާރު އުފެދުން ދުރުކޮށް، ކެންސަރުފަދަ ބަލިތަކުން ދިފާޢުކޮށްދޭ އެއްޗެއްކަމަށް ބައްޕަ ބުނުއްވާފައިވާ ކަމަށް އީޝަލް ބުނެލިއެވެ. ފަރުޒާން ބުނީ އެކަމަކު ރަތް މިރުސް ގޯސް ކަމުގައެވެ. އީޝަލް ބޭނުން ވަނީ ރަތްމިރުސް މާގިނައިން ކައިގެން މައިދާ ހަލާކު ކޮށްލަން ވެގެންނޭ ކިޔާފައި ރެޔާން އީޝަލް އާއި ދިމާކޮށްލިއެވެ. އަދި ކިތަންމެ ފައިދާ ހުރިއެއްޗެއްވެސް ހިސާބަށްވުރެ ގިނައިން ކާންވެއްޖެއްޔާ ގެއްލުން ވާނެ ކަމަށް ބުންޏެވެ.

އެންމެން މަޖާކޮށް ލަވަކިޔާ ސަކަރާތްޖަހަން ތިބެ ކުކުޅު ފިހެ ނިންމާލާފައި އެތަނުގައި ތިބެ ކާންފެށިއެވެ. ފަރާޓާ އާއި ރޮށިތައް ލަސްލަހުން ހުސްވަމުން ދިޔައެވެ. އެކިވާހަކަތައް ދެކެވެމުންގޮސް އެންމެ ފަހުން ފައިސަލް ގަސްތުކުރެއްވީ އައިޒާންގެ ގާތުގައި ޚާއްސަ ވާހަކައެއް ބުނުއްވުމަށެވެ.

"ޒާން. ކާފައަށް ފެނިލައްވާ ކަމެއް ރެއިން އާއި އެއްދުވަހެއްގައި ޒާންގެ ޕާޓީވެސް ދިނުން..." ފައިސަލްގެ އެ ޖުމްލައިން އައިޒާން ސިހުނެވެ. އީޝަލް ދެއަތުން ކުކުޅުފަޔެއްގައި ހިފައިގެން އިނދެފައި ކުކުޅުފައިގައި ދަތްއެޅީ ބާރަށެވެ. އައިޒާންގެ ކައިވެނީގެ ވާހަކަ ދެއްކުމުން އީޝަލްގެ ހިތް ދުވަހަކު ނުތެޅޭހާ ބާރުމިނެއްގައި ތެޅެން ފެށިއެވެ.

"އޯވް. އަދި... އަދި.. ޚާއްސަ ކުއްޖެއްވެސް ނެތޭ..." އައިޒާންވެސް ހާސްވިކަން އޭނަގެ މޫނަށް ވެރިވި ކުލަވަރުންނާއި އަޅައަޅައިގެންފައި ވާހަކަ ދެއްކިގޮތުން އެނގުނެވެ.

"އީޝަލް ކިހިނެއްވާނެތަ؟" ފައިސަލް މެން އީޝަލް އާއި އައިޒާންގެ ކައިވެނި ނިންމާފައިވާއިރު ވެސް އަދި ރަނގަޅު ވަގުތެއް ނުވެފައި އެވާހަކަ އައިޒާން ގާތުގައި ނުދެއްކިފައި ވަނީއެވެ. އީޝަލްގެ ދެލޯބޮޑުވެގެން ދިޔައެވެ. ހިތް ނެގިނެގިފައި ޖެހުނެވެ. "ޔޭއި" އީޝަލްގެ ހިތުން ހަޅޭއްލަވައިގަނެވުނެވެ. އޭނަ ގެ ހިތްވެސް އާސްމާނުގައި ބުރެއްޖަހާލައިފައި އެނބުރި އައެވެ. އެހެން ބުނުމުން ޔަގީނުންވެސް އީޝަލްގެ ހިތަށް ނިކަން ބޮޑު އުފަލެއް ލިބިއްޖެއެވެ.

"ވީ އާ ޖަސްޓް ފްރެންޑުސް ދޯ ޝެލް. އެހެންނޫނަސް ޝަމާ އާއި ޝެލްގެ ކައިވެނި ހަމަޖައްސާފައިވާ ކަމަށް ކުރީ ދުވަހު މަންމަ ބުނި..." އައިޒާން ޗިޕްސްކޮޅެއް އަނގައިގައި ޖެހިއެވެ. ކަންބޮޑުވިވަރުން ކާހިތްވެސް ކެނޑުނެވެ.

"ހޫމް. އެކަމަކު ޝަމާ ބުނީ އީޝަލް އަކާއި ނީންނާނަމޭ. ޝަމާފަދަ ސީރިޔަސް ކުއްޖަކާއި އިޝޫ ނުވެސް ގުޅޭ....." ޒިޔާމާ ކުޑަ ހުނުމަކާއި އެކުގައި ބުންޏެވެ. އީޝަލް ގެ ހިތް އުފަލުން ފުރުނަސް އޭނަ ޝަމާއިލް ދެކެ ރުޅިއައިކަމަށް ހެދުނެވެ.

"އަދި އެ ޝަމާ ހީކުރަނީ ކީކޭތަ؟ ހުރޭ ފެނުނު އިރަކުން ބަވާ ފުކަކަށް ހަދާލާނަން. އިޝޫވެސް ބޭނުމެއްނުވޭ ޝަމާ އަކާއި އިންނާކަށް. ވަރަށް ފޮނި ފިރިހެނެއް. އަދި ޑޮކްޓަރެއްވީމަ ވަކިން ރުޅިއާދޭ. ގެއަށް އަންނައިރު ހައިޕަވާޑް މައިކްރޮސްކޯޕަކުން ބަލައިފިއްޔާ މުޅިގައިގާ ހުންނާނެ ބިލިއަނުން ވައިރަސް. ވީއިރު އިޝޫ އެބައުޅެންތަ އެހާ ފޫހި ޖޮބެއްގައި ތިބޭބަޔަކާއި އެކު އުޅެން. އައިހޭޓް ޑޮކްޓާސް. ހޫމް ދެން ދޮންބެއާއި ޑޭޑް ވާހަކައެއްނޫން..." އީޝަލް ސަކަ ހުނުމަކާއިއެކު ޗިޕްސް އަޅާފައި ހުރި އެތި ކައިރިކޮށްލާފައި، އަތްގޮށިފުރެންދެން ޗިޕްސްނެގިއެވެ. ފޯރި އައިސްފައި ވާވަރުން ކެއުމަށްވެސް ފޯރިހިފިއެވެ.

"ދަރިފުޅާ، ޖަވާބެއްދީބަލަ..." ޒިޔާމާ އެދުނެވެ.

"އެކަމަކު ޝެލް ބޭނުމެއްނުވާނެ ދޯ. ޝެލް ބުނީ މީހަކާއި އިންނާނީ ދިހައަހަރު ފަހުންނޭ...." އައިޒާން ކުޑަކޮށް ވިސްނާލުމަށްފަހު އެއްބަސްވާންވެސް ހިތަށްއެރިއެވެ. އޭނައަށް ވަކި އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އެތައް ޒަމާނެއް ފަހުން ހަގީގީ މައިންބަފައިން ކައިރިއަށް އާދެވި އެމީހުން އެފަދަ ކަމަކަށް އެދުނީމަ ނޫނެކޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންނޫނަސް އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަންވީކުއްޖެއް ނެތެވެ. ޚާއްސަ މީހެއް ނެތެވެ. އީޝަލް ފަދަ ކުއްޖަކާއި އެކީގައި އުޅެވިދާނެއެވެ. އެކީގައި އުޅެމުންގޮސް "ކުލުނު" އުފެދިފައި ވާތީ އެވެ. ޔަގީނުންވެސް އެއަށް ލޯތްބެކޭ ނުކިޔޭނެއެވެ. އެކުވެރިކަމުގެ ގުޅުން ކައިވެނީގެ ގުޅުމަށް ބަދަލު ކުރުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. 

"ޒާން ވެސް ތިބުނަނީ ނޫނެކޭތަ؟ ހެވޭ. އަހަރެން ބޭނުމެއްވެސް ނުވެއޭ އަދި ޒާން އާއި އިންނާކަށްވެސް..." ކުއްލިއަކަށް އީޝަލް ވީދެރަ ރުޅިވެރިކަމަށް ބަދަލުވިއެވެ. ޗިޕްސް އަތުކޮޅަށް ހޫރާލައިފައި ބާރުބާރަށް ހިނގާލައިފައި ގެއަށް ވަދެގެން ދިޔުމުން ރެޔާން ހޭންފެށިއެވެ.

"ހަމަ ރަނގަޅަށްވެސް ޒާން ދެކެ ލައިކްވީތަ؟ އަޖާބެއް ކަހަލަ ކުއްޖާގަނޑެއް..." ރެޔާން އަށް އެވަގުތުވެސް މައިރާ އާއި އީޝަލްގެ ތަފާތު ވިސްނުނެވެ. އީޝަލް އުޅޭލެއް ހާދަ ތަފާތެވެ. މައިރާގެ ހުންނަ ފަރިގޮތާއި، މަޑުމައިތިރިކަން އަދި ހަރުދަނާކަމުގެ އެއްވެސް ކުލަވަރެއް އަދި އީޝަލްގެ ގަޔަކުން ނުފެނެއެވެ. ރެޔާން އެންމެ ހައިރާން ވަނީ މައިރާ ފަދަ ގޮތްދޫ ނުކުރާ ކުއްޖަކު ކުއްލިއަކަށް އޭނަ އާއި ކައިވެނިކުރަން އެއްބަސްވީތީއެވެ. އެކަމުގައި ސިއްރެއްވާނެކަމަށް އޭނަ ގެ ހިތްބުނެއެވެ. ޝަރުތަކާއެކުގައިވެސް މައިރާ އެއްބަސް ވާނީ ކޮންމެވެސް ސަބަބަކާއި ހެދިއެވެ. އެހެންނޫންނަމަ އާއިލާ މީހުންގެ މަޖުބޫރީއަކަށްވެސް މައިރާ އެހާ ފަސޭހައިން ބޯލަނބާނެހެނެއް ހިޔެއްނުވެއެވެ. އެ މަޖުބޫރީ ރެޔާން ގާތުގައި ބުނާކަށްވެސް މައިރާ ބޭނުން ނުވިއެވެ. މައިރާ އާއި ބަލާ އިރު އަޔާނާ އަދި މާ ތަފާތެވެ. ފަހަރެއްގައި އުމުރުގެ ފަރަގު ކަމަށް ވެދާނެ އެވެ. ނިވާކަން ބޮޑު ހެދުން އެޅުމާއި ގެވެހިކަމުން އެހާވަރެވެ. އެކަނިމާ އެކަނިވެސް ގެއެއް ބެލެހެއްޓި ދާނެ އެވެ. ދެރައީ އަޔާނާގެ ދަރިއެއް ނެތްކަމެވެ. އަދި މައިދައިތަގެ ލޯބި ނުލިބޭ ކުއްޖަކަށް ވީކަމެވެ. އެކަމަކު މިފަހަކަށް އައިސް މަންމަ އަޔާނާ އާއި ރީތިކޮށް ވާހަކަ ދައްކާތަން ފެންނަލެއް މަދެއްނޫނެވެ. އެކްސިޑެންޓަށްފަހު މަންމަ މުޅިން ބަދަލުވީކަން ނޭނގެއެވެ. 

އިރުކޮޅަކުން އީޝަލް ދެއަތުން ދެކޯކްފުޅި ހިފައިގެން ދުވެފައި އައިއިރު އޭނަ ގެ ރުޅިވެރިކަން ފިލައިގެން ދިޔަގޮތެއްވެސް ނޭނގުނެވެ. ކުރިން ދެކެވުނު ވާހަކަ ހަދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އީޝަލްގެ އެންމެ ރަގަޅު ސިފައަކީ މީހެއްދެކެ ރުޅިއަޔަސް އިރުކޮޅެއްވާންދެން ރުޅިދައްކާލައިގެން ނުހުރެވޭކަމެވެ. އީޝަލް ހުރިހާ އެންމެނަށް ކޯކް އަޅައިދިނެވެ. އެންމެ ކުރިން އެޅި ކޯކްތަށްޓަށް ގަނޑުފެން ތަކެއް ވައްޓާލައިފައި އެތަށި ދިއްކޮށްލީ އައިޒާން އަށެވެ. އީޝަލް އައިޒާން ދެކެ ރުހޭކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަވެގެން ދިޔަ ކިތަންމެ ކަމެއް ފެނުނެވެ. އެކަމަކު އެކަކުވެސް ދިމާކުރާކަށް ނޫޅުނެވެ. އީޝަލް މޫޑީ ވެދާނެތީއެވެ.

އެރޭގެ ބާބެކިއުއަށްފަހު ފައިސަލް އަނެއްކާވެސް އައިޒާން އެކޮޓަރިއަށް ގެންދަވާފައި އައިޒާން އާއި އީޝަލްގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އައިޒާން މަޖުބޫރު ވީވަރުން އެއްބަސްވިއެވެ. ފައިސަލް ބުނުއްވީ އެކީގައި އުޅެންފެށުމުން ލޯބިވެވޭނެ ކަމަށެވެ. އޭނަ އާއި ޒިޔާމާގެ ކައިވެންޏަކީވެސް ރޭވިގެން ކުރެވުނު ކައިވެންޏެއްކަމަށް ބުނުއްވިއެވެ. އައިޒާން ފަދަ ހަރުދަނާ ކުއްޖަކަށް އީޝަލް ގެ އުޅުން ބަދަލުކޮށްލެވި ދާނެ ކަމަށާއި އައިޒާން އެގެއަށް އައިފަހުންވެސް އީޝަލްއަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަމަށް ބުނުއްވާ، ފައިސަލް ދަރިފުޅަށް ތައުރީފު ކުރެއްވިއެވެ.

ފައިސަލް ބޭނުންވެލެއްވީ އޭނަގެ ދެފިރިހެން ދަރިންގެ ކައިވެނީގެ ޕާޓީ ކުލަގަދަގޮތަކަށް ބޭއްވުމަށެވެ. އެކަމަށްޓަކައި ފައިސަލް ހުންނެވީ މިލިއަނުން ފައިސާ ޚަރަދުކުރަން ތައްޔާރަށެވެ. ބައެއްފަހަރު ތަގުދީރުގައި ހީވެސްނުކުރާފަދަ ކަންތައްތަކެއް ކުރިމަތި ވެދެއެވެ. ލެވެންޑާކޮޓެޖް އެކައިވެނި ތަކަށް ތައްޔާރު ވަމުން ދާއިރު އައިޒާން އާއި މައިރާ ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ރެޔާން އާއި އީޝަލް ބޭނުން ވަނީ ތާރީޚު އަވަސްވުމަށެވެ. އިންތިޒާރަކީ ދިގުއެއްޗެއްކަމުގައި އެ ދެ ޒުވާނުންނަށްވެފައިވެއެވެ.

މިދުނިޔޭގައި ތާއަބަދަށް ދެމިނުތިބެވޭނެކަން އެނގޭއިރުވެސް ބައެއްމީހުން ތިބެނީ އެކަން ހަދާންނެތިފައެވެ. ނަމަވެސް ދޭތެރެއަކުން މިއީ ވަގުތީ ތަނެއްކަން ހަދާންކޮށްދޭފަދަ ހާދިސާތައް އިންސާނުންގެ ދިރިއުޅުމަށް ބައެއްފަހަރު ހީވެސް ނުކުރާފަދަ ތޫފާންތައް ގެނުވައެވެ. ބައެއްފަހަރު ދުނިޔެމަތިން މާޔޫސްކުރުވައެވެ. އަދި ބައެއްފަހަރު އެތައް ޒަމާނެއްވީ ސިއްރުތައް ފަޅާއަރަން ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. މިއަދު ޝަމާއިލް ޑިއުޓީގައި ހުރެފައިގެއަށް އައީ ތަންކޮޅެއް އަވަހަށެވެ. އޭނައަށް ލިބިފައިވާ ޚަބަރަކުން ހިތަށްކުރި އަސަރަކުން ކެތްކުރެވުނީ ހަމަކިރިޔާއެވެ. އޭނަ ވިދުވަރެއްހާ ހަލުވިކޮށް ސިޑިބަރި ގިރާކޮށްފައި މަތީ ބަޔަށް އެރިއިރު ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް އެބަރުއެސްފިޔަތައް ފޫދުއްވާލައިފިއެވެ.

"އެހެންނުވިނަމަ. ކުރިން އެނގުނުނަމަ....." ޝަމާއިލްގެ ސިކުނޑީގެ ކަނަކުން ތަކުރާރުކޮށް ބުނަމުންދާހެން ހީވިއެވެ. 

ޝަމާއިލް މަތީ ބަޔަށް އަރައިގެން ދިޔައިރު އޭނަގެ މަންމަގެ ކޮޓަރިއަށް މޯނާއާންޓީ ވަދެ ނިވާވެލީއެވެ. ޝަމާއިލްއަށް ފެނުނީ ހެދުމުގެ ފަސްބައިން ތަންކޮޅެކެވެ. ޝަމާއިލް ސިހުނެވެ. އަނެއްކާ އެއީ ހަންޑިއެއްބާވައެވެ. އަބަދު ތަޅުލާފައި ހުންނަތަނަކަށް އެހެން ވަދެވިގެންވެސް ނުވާނެއެވެ. އެހެންނޫނަސް މޯނާ އާންޓީގެ އަތަށް އެކޮޓަރީގެ ތަޅުދަނޑި ލިބެންވީ ގޮތެއްވެސް އޭނަގެ ވިސްނުމަކަށް ނާދެއެވެ. ޝަމާއިލް ގަސްތުކުރީ މޯނާ އެކޮޓަރީގައި ކުރާކަމެއް ބަލައިލުމަށެވެ. ޝަމާއިލް އެ ކޮޓަރީގެ ތަޅުގައި ހިފާލާ އިރަށް ތަޅުހުޅުވިއްޖެއެވެ. މޯނާ ހުރީ ރީތިވާ މޭޒުދޮށުގައި އަނެއް ފަރާތަށް އެނބުރިގެންނެވެ. މީހެއްގެ ފިޔަވަޅުގެ އަޑުއިވިގެން މޯނާ އެނބުރި ބަލައިލިއެވެ. ޝަމާއިލްއަށް ލިބުނީ ޝޮކެކެވެ. މޯނާގެ ހެދުމުގައި މިހިރީ އޭނަގެ މަންމައެވެ.

"އެންމެ ފަހުން މަންމަ ބަސްޓްވީ ދޯ..." ރާދާ ހުރީ ހަމަޖެހިލައިގެންނެވެ. ޝަމާއިލް ޙައިރާން ކަމާއެކުގައި އިރުކޮޅެއްވާން ދެން އޭނަގެ މަންމައަށް ބަލަހައްޓައިގެން ހުއްޓެވެ. އެތައް ސުވާލު މާކުތަކެއް އެ ސިކުނޑީގައި ޖެހިފައިވިއެވެ.

ރާދާ އޭނަގެ ފިރިހެން ދަރިފުޅަށްވެސް އޭނަ މިހުރިހާ ދުވަހު މޯނާގެ ނިވަލުގައި ހުރެ ދަރިންނާއި އެކީގައި ވަގުތުތައް ހޭދަކުރި ގޮތް ކިޔައިދިނެވެ. ޝަމާއިލްއަށް ވެސް އެއީ މަންމަ ވި ގުރުބާނީ އެއްކަން އެނގުނެވެ. މޯނާގެ ހެދުމުގައި ބައެއްފަހަރު މަންމަ މިގޭގައި ހުރެގެން ނޯކަރެއް ފަދައިން މަސައްކަތްކުރި ކަމީ އޭނަގެ ހިތުގައި މަންމަގެ ގަދަރު އެތައްގުނަ އުފުލިގެން ދިޔަކަމެކެވެ. މާމަ އެވަރަށް ރާދާ މިގޭގައި ބަހައްޓަން ދެކޮޅު ހަދާފައިވާ އިރުވެސް ދަރިންގެ ޙައްގުގައި މަންމަ ހޭދަކުރީ މިގޭގައެވެ. ޝަމާއިލް މަންމަގާތުން މާފަށް އެދުނެވެ.

ފެބްރުއަރީ މަހުގެ ކުރީކޮޅުގައި ރެޔާން އާއި މައިރާ އަދި އައިޒާން އާއި އީޝަލްގެ ކައިވެނި ކުރެވުނެވެ. ކައިވެނި ޕާޓީ އޮތީ ފައިސަލްމެންގެ ރިޒޯޓެއްގައެވެ. އެ ރިޒޯޓު އެރެއަށް ޓަކައި ތައްޔާރުކުރެވިފައި ވަނީ ވަރަށް ރީތިކޮށެވެ. މެހުމާނުން ރިޒޯޓަށް ގެންދިޔައީ ލޯންޗުތަކުގައެވެ. ކިތަންމެހާވެސް ފުރިހަމަޔަށް ހުރިހާކަމެއް ތައްޔާރުކޮށްފައިވެއެވެ. މައިރާ އާއި އީޝަލް ހުދުކުލައިގެ ހެދުމުގައި ވާއިރު، އަލިމަހުން ވާ ތާޖެއް ބޮލުގައިވެއެވެ. ހީވަނީ ރަސް ދަރިކަނބަލުން ތަކެއް ހެންނެވެ. ރެޔާން އާއި އައިޒާންވެސް ކޯޓްފަޓުލޫނުގައި ތިބިއިރު އެތަނަށް އަންނަ އެންމެންނަށް ބެލެމުން ދިޔައީ ފޫހިކަމެއްނެތިއެވެ. އެންމެން ހިނިތުންވެލައިފައި ތިބިއިރު އެއިން ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައިވެސް ކޮންމެވެސް ކަހަލަ ހަމަނުޖެހުމެއްވާކަން މެހުމާނުންނަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

އަންވަރު އަށްވެސް އެ ޕާޓީއަށް ދަޢުވަތު ލިބުނެވެ. އޭނަ ހުރީ އައިޒާން އާއި އީޝަލް އުޅުނުލެއް ލޯބިކަމުން ސޮނި ފައިބާ ގޮތްވެފައެވެ. އައިޒާންގެ އަންހެނުން އީޝަލް، މައިރާއަށްވުރެ އެންމެ ތަންކޮޅެއްވެސް ހުތުރެއްނޫނެވެ. ރީތިއްޔާ ރީތީއެވެ. އެހާ ފުޅާ ހިނިތުންވުމަކާއި އުފާވެރި ޅަގޮތެކެވެ. އައިޒާންއަށް ބަލަނީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ހީވަނީ އެކުއްޖާގެ ދުނިޔެއަކީ އައިޒާން ހެންނެވެ. އަންވަރުއަށް ކެތްނުކުރެވިގެން އެންމެފަހުން ގޮނޑުދޮށަށް ފޭބިއެވެ. ކޮންމެވެސް މީހަކަށް ގުޅައިގެން އޭނަ ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އަންވަރުއަށް އެމީހާގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބުނެވެ. އޭނަ މި އާއިލާގެ އެންމެންގެ ދިރިއުޅުން ހަލާކުކޮށްލަން ބޭނުންވިއެވެ. މާ ޝާހީ ޢާއިލާއަކަށް ވީމަ ބޮޑާވެގެން ތިމާމެން ވަނީ އުޑުގައި ކަމަށް ހީކޮށްގެން އުޅޭބަޔެކެވެ. އޭނަގެ ކޮއްކޮ އަމިއްލައަށް ދަންޖެހިގެން މަރުވީ މި ޝާހީ ޢާއިލާގެ ބޭފުޅެއްދެކެ އެކުއްޖާއަށް ލޯބިވެވުނީމައެވެ. ނިކަމެތި ބަޔެއްގެ އާދޭސް އައިމަން މެން އަޑުއަހާނެ ހެއްޔެވެ؟ އައިމަންގެ ލޯބީގައި މޮޔަވެގެން ބުއްދިގޯސްވެ އެކުއްޖާ މަރުވެދިޔައިރުވެސް އައިމަން އެނގުނުކަމަކަށް ނެހެދިއެވެ. ވީއިރު އައިމަންގެ ޢާއިލާ އުފަލުގައި އުޅެވުނަ ނުދޭން އޭނަ މިހިރީ ކޮންމެފަދަކަމެއް ކުރަންވެސް ތައްޔާރަށެވެ. އޭނަގެ ކޮއްކޮ ފަދައިން އެއްބަޔަކު މަރުވާން ޖެހޭނެއެވެ. އޭރުން ދިރިތިބީންނަށް ދުވަހަކު އެ ހަދާންތައް ހިތުން ފޮހެލައެއް ނުލެވޭނެއެވެ. އަންވަރު މި ނުރައްކާތެރި ރޭވުންތައް ރާވަމުން ދިޔައިރު އެ އާއިލާގެ މެމްބަރަކަށް އެކަމުގެ ހިލަމެއްނުވެއެވެ. 


ރެޔާންމެނަށް ޓަކައި ރިޒޯޓްގައި ތައްޔާރުކުރެވިފައިވާ ކޮޓަރި ފެންނަނީ ވަރަށް ހުވަފެނީކޮށެވެ. އުށްބައްތީގެ އިޝްގީ ވަހުން މާހައުލު ހުވަދުވެލައިފައި އޮތެވެ. އަދި އެނދުގައި ލޭސްފަށުވި ބެޑްސީޓެއް އަޅައިފައި ރަތްފިނިފެންމާ ފިޔަތަކުން ޑެކަރޭޓްކޮށްލައިފައި ވެއެވެ. ސައިޑްލޭމްޕް ކައިރީގައި ހުރި ވާސްގައި ވެސް ހުރީ ފިނިފެންމާ ބޮނޑި އެކެވެ. ކުދިކުދި ކަންތައްވެސް ވަނީ ފުރިހަމަކޮށެވެ. މައިރާ ކޮޓަރިއަށް ވަދެ ކުޑަދޮރުތައް ހުޅުވާލައިފިއެވެ. ގަސްތަކުގެ ތެރެއިން ހަނދު ފެންނަން އިނުމުން ބަލާބަލާ ފޫހިވާ ގޮތެއް ނުވިއެވެ. ނަލަ ހަނދުވަރެއްދޭ ރެއެކެވެ. އެހާ ލުއި ވައިރޯޅިތަކެވެ. ރާޅުތައް އައްސޭރިއަށް ބީއްސާލާ އަޑު ލުއި ރާގެއް ފަދައިން މާހައުލުގެ ހިތްފަސޭހަކަން އިތުރު ކޮށްލާފައި ވެއެވެ. މައިރާއަށް ދެލޯ މަރައި ލެވުނެވެ.

ކޮމެންޓް 0