އައިޒާންގެ މޫނުމަތީގައި އެތިފަހަރެއްޖަހާފައި މައިރާއާއި ދިމާލަށް އޮޅިގެންވެސް ބަލާލައިގެން ނުވާނެ ކަމަށާއި މައިރާއަކީ އޭނަގެ ހައްގެއްކަން ބުނެދޭން ރެޔާން ބޭނުންވިއެވެ. އައިޒާންއަށް ރަނގަޅަށް އޮޅިފައިވާ ކަމަށާއި ތިމާގެ ފެންވަރު ދެނެގެން އުޅެން ވިސްނާދޭންވީއެވެ. ރެޔާން ދަތްކުނޑިވިކާލާފައި ވެސް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން އޭނަ އަމިއްލަ ނަފުސާއި ހިތުގެ މައްޗަށް ގަދަކަމުން ބާރު ފޯރުވިއެވެ. ނަމަވެސް މިހާރު ރެޔާންގެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. ސަމާސާގެ އެއްވެސް ކަމެއްނެތެވެ. އޭނަ ދަންނަ މީހަކަށް ވެއްޖެއްޔާ ރެޔާން ގެ ތަބީއަތު ގޯސްވެފައިވާވަރު ދެނެގަނެވޭނެއެވެ.
އައިޒާން ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހިލިނަމަވެސް ރެޔާން އަށް ކޮންމެވެސް ވަރަކަށް އައިޒާން ދެއްކި ވާހަކަތައް އިވުނެވެ. ހުޅުމާލޭ ބީޗްގައި އިންތިޒާރު ކުރާނެ ކަމަށާއި ކޮންމެވެސް ޕްލޭނެއްކޮށްލާފައި އައުމަށް އެކުއްޖެއްގެ ގާތުގައި އައިޒާން ބުންޏެވެ. ރެޔާން ގެ ސިކުނޑިއަށް ބާރުކުރި ވަރުން ފަޅައިގެން ގޮސްދާނެހެންހީވިއެވެ. އައިޒާން ފޯނުގެނެސް މޭޒުމަތީގައި ބޭއްވުމަށްފަހު އަވަހަށް ނާސްތާ ތައްޔާރުކޮށްލާފައި މޭޒުމަތީގައި ހޫނު ދެ ކޮފީވެސް ބެހެއްޓިއެވެ. ރެޔާން ވަގުތުން ކޮފީތަށިން އެތިފޮދެއް ބޯލީ ސިކުނޑީގެ ނާރުތަކުގެ ވާންކަން ކަނޑުވާލުމުގެ ބޭނުމުގައެވެ.
"ގާލްއެއް ނެތޭ ބުންޏަސް ހާދަވަރަކަށް ކޯލް އަންނަނީ... ވަރަށް ކާމިޔާބު އިނގޭ..." ރެޔާން އައިޒާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. ހިތުގައި އަނދަމުންދާ އަލިފާނުގެ ކުލަވަރު މޫނުމަތިން ނުދައްކަން ރެޔާން މަސައްކަތްކުރަމުން ދިޔައެވެ. އޭނަ މުށްކަވާލެވިފައިވާ އަތްވެސް ހުޅުވާލައިފި އެވެ.
"އެއީ ފްރެންޑެއް... އެކަމަކު... ފަހުން ވާނެ ގޮތެއް ނޭގޭ..."އައިޒާން ހިނިތުންވުމަކާއިއެކު ބުންޏެވެ. އެކުވެރިއެކޭ ބުންޏަސް އަމިއްލަ ހިތް އެއީ އެކުވެރިއެއްކަމަށް ނުދެކެއެވެ. މައިރާއާއިމެދު "ލޯބިވެރިޔާ" ކަމުގައި ދެކެވެންފެށީ ކީއްވެކަމެއް އައިޒާންއަކަށް ނޭގެއެވެ. ލޯބީގައި ތަޖުރިބާމަދުކަމުން އައިޒާންއަށް މިވަނީ ޔަގީންނުވެފައެވެ. އެކަމަކު އަމިއްލަ ހިތަށްވެސް ފޮރުވަން މަސައްކަތްކުރާ ސިއްރެއްވީމަ އަދި ރެޔާންއާއި ހިއްސާކުރާކަށް ނުކެރޭނެއެވެ.
"ވަރަށް ވިސްނާފައި ހަޔާތުގެ ބައިވެރިޔާ ޗޫޒްކުރާތި އިގޭ ޒާން... އަންހެންކުދިންނަކީ ފާޑެއްގެ ބަޔެއް...ހިތުން ނުފިލާފަދަ ލަނޑެއް ދީފާނެ..."ރެޔާން މާނަވީ ނަޒަރަކާއެކު އައިޒާންއަށް ބަހުގެ ހަމަލާއެއްދިނެވެ. އައިޒާން އަކީ ކިތަންމެ ގާތްކޮށްގެން އުޅުނަސް ދުޝްމަނެކެވެ. އޭނަގެ އުފާވެރި ދިރިއުޅުން ބަނަކޮށްލަން އެޅިފައިވާ ހިޔަންޏެވެ. އައިޒާންއަށް ނޭގިނަމަވެސް މައިރާގެ ފަހަތުން ދުވަންވެއްޖެއްޔާ އެކުރެވެނީ ބޮޑު މޮޔަކަމެކެވެ. އައިޒާން އަމިއްލައަށް ދަލެއްގައި ޖެހެވެނީއެވެ. އޭނަ މިހިރީ އައިޒާން އަޅާ ކޮންމެ ފިޔަވަޅަކަށް ފަރުވާތެރިވެ ވިސްނައިގެންނެވެ. މައިރާގެ ގައިގާ އިނގިލިކުރި ޖައްސާލިޔަސް އޭނައަށް ވުރެ ނުބައި މީހެއް ނުހުންނާނެއެވެ. މައިރާއަކީ އެކަނި އޭނަގެ ހައްގެކެވެ. އިތުރު އެއްވެސް ފިރިހެނަކު މައިރާ ހާސިލުކުރުމަކީ އޭނައަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. ރެޔާން އެޕާޓްމެންޓުން ނިކުމެގެން އައިއިރު އޭނަ ވިސްނަމުން ދަނީ އައިޒާން މަގުން އެއްފަރާތްކޮށްލާނެ ގޮތަކާއިމެދުގަ އެވެ.

އުޑުމަތި ރީތި ރެއެކެވެ. އޮރެންޖް ބޮޑު އަލިފާން ބޯޅައެއްހެން ހަނދު،ފަލަކުގައި ރަނިކަންކުރަމުންދިޔަ އެވެ. އެތައް ތަރިތައް ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުންދާއިރު އެފެންނަ މަންޒަރުން ހިތްތައް އާޝޯޚުކުރުވާފަދައެވެ. ޓެރެސްގައި ހިފާލާފައިވަނީ ރޭގަނޑަށް ފޮޅޭ މާތަކުގެ މީރުވަހެވެ. ވައިރޯޅިތައް ނާނާ އަޅުވަމުން ފިނިކޮށްދެމުން ދިޔައެވެ. ޓެރެސްގައި ދިއްލާފައިވާ އޮރެންޖް ބޮކީގެ އަލިވެސް ފަނޑުވެފައި ވަނީ އެތަނަށް ހިޔާދީފައިވާ ބޮޑު ގަހެއްގެ ފަތްތަކުގެތެރޭގައި ބޮކި ކޮންމެވެސް ވަރަކަށް ފޮރުވިފައި ވުމުންނެވެ. މައިރާ ރެއިލިންގައި އަތްއަޅުވާލައިގެން، ގަނޑުވެފައިވާ ބުދެއްފަދައިން ހުރިއިރު ވަށައިގެން ފެންނަ ރީތި މަންޒަރަކަށްވެސް އޭނަ ޝައުގެއްނެތެވެ. ދުނިޔޭގެ ހުރިހާ ރީތިކަމެއް އޭނަ ވަށާލާ އުފާކޮށްދޭން މަސައްކަތްކުރަމުންދާއިރުވެސް މައިރާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހީވަނީ އޭނަގެ ހިތް ހަށިގަނޑުން ނިކުމެގެންދާން އުޅޭހެނެވެ.
"އާހް... ދެ ހަނދު އެއްތަނަކުން ވިދަނީ ދޯ.. ހާދަ ރީއްޗޭ.."ރެޔާންގެ ފިރިހެންވަންތައަޑުއިވުމުން މައިރާ ކުއްލިއަކަށް އެނބުރުނީ ދެ ލޯބޮޑުކޮށްލަމުންނެވެ. އޭނަ ރެޔާންއާއި އޮތް ލޯބީގެ ގުޅުންކަޑާލުމުންވެސް މި ފިރިހެނާގެ ހިތަކަށް އެއްޗެއް ނޭރިއެވެ. ފަހަތަކުން ނުފިލިއެވެ. މައިރާ ބުނަންވީއެއްޗަކާމެދު ވިސްނަން ހުއްޓާ ރެޔާން އައިގޮތަށް މައިރާގެ ދެއަތުގައި ހިފާލަމުން އަތަށް ބާރުކޮށްލައިފިއެވެ. ރެޔާން ހުއްޓުނުލެއް ކާރިކަމުން ރެއިލިންއާއި ރެޔާންއާއި ދޭތެރޭގައި އޭނަ ފިތިގެންދިޔައެވެ. ރެޔާންގެ ހަށިގަނޑުގެ ހޫނުކަމާއި ބާރު އިހުސާސްކުރެވުމުން މައިރާ ތުރުތުރުއަޅައިގެން ދިޔައެވެ. އަބަދުވެސް އޭނައަށް ކުރުވާ އެ ނޭގޭ ހަލަބޮލި އިހުސާސްތައް ނާރުތަކުގައި ހިނގަން ފެށިއެވެ.
"ހަމަ މިހާރު މަގޭ އަތުން ދޫކުރޭ...."މައިރާ ކިތަންމެ އަޑަށް ބާރުލާފައި އެހެން ބުނަން އުޅުނަސް އެ އަޑު ނުކުތީ އުދަގުލުންނެވެ. ޔަގީން ނުވެފައިވާފަދަ ގޮތަކަށެވެ. މި އަނދިރީގެތެރޭގައިވެސް ރެޔާންގެ ދެލިކޮޅެއްފަދަ ދެލޯ މައިރާގެ ހިތާއި ކުޅެލާފަދަ ގޮތަކަށް ފެނުނެވެ. ރެޔާންގެ ސެންޓްގެ މީރުވަސް އެހިސާބުގައިވާ މާމެލާމެލީގެ ވަސް ފަނޑުކޮށްލާ މައިރާގެ ހިއްސުތައް ވިހުރުވާލިއެވެ. އެއީ މައިރާ އެވަހާއި ލާމެހިގެންދާން ބޭނުންވާފަދަ މީރުވަހެކެވެ.
"ފޮގިވް މީ.. ބޭބީ.. ޕްލީޒް..."ރެޔާން މައިރާގެ ޖުމްލައާއިމެދު އަޅައެއް ނުލާ މޫނުގައި އަތްބީއްސާލި ގޮތާއި މާފަށް އެދުނު ރާގުން މައިރާއަށް ތެޅިގަނެވުނެވެ. އޮޅިގެންވެސް އެ ބާރުގަދަ ލޮލާއި ދިމާލަށް ބަލާލެވިއްޖެއްޔާ ހުރިހާ ހަތިޔާރެއް ބަހައްޓަން މަޖުބޫރުވާނެކަން އެވަގުތު މައިރާ ދެނެގަތެވެ. އެލޮލަށް ނުބަލަން މަސައްކަތްކުރީ އެކަންރަގަޅަށް އެނގިހުރެ އެވެ.
"ބުނެފީމެއްނު އަހަރެންގެ ގައިގާ އަތްނުލާށޭ..."މައިރާ ގެ ހިތަށް ވީގޮތަކުން ރުޅިއައުމުގެ ބަދަލުގައި ރޮވެންފެށިއެވެ. އެ އަޅި ދެލޮލުގައި ކަރުނަތިކިތައް ވިދަން ފެށިއެވެ. މައިރާ ބޭނުންވީ އެންމެ ރެއެއްގެ މަތިން ހަނދާންނައްތާލާފައި އޭނަގެ ލޯބިވާ ރެޔާންއާއި އަލުން ގުޅުމަށެވެ. އެ އަތުގެ ތެރެއަށް ވިރިގެން ދިއުމަށެވެ. އެލޯތްބާއި އަޅާލުން އަލުން ހޯދުމެވެ. އެ ތަނަވަސް މޭމަތީގައި ބޯ އަޅާލައިގެން ހިތްފުރެންދެން ރޯލަން އެވަގުތު ހިތްބޭނުންވީ އިންތިހާއަށެވެ. މައިރާގެ ކަރުނުން ފުރިފައިވާ ނަޒަރު ރެޔާންގެ މޫނަށް ހުއްޓުނެވެ. އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެ ސިހުރުވެރި ވަގުތުކޮޅު ފެނަށްވެގެން ދިޔައީ ރެޔާންގެ ފޯނު ވައިބްރޭޓް ވާން ފެށުމުން އޭނަ ޖީބުން ފޯނު ނެގުމުންނެވެ. ރެޔާންގެ ފޯނު ދިއްލެމުން ދިޔައިރު "ޒާލީ"ގެ ނަން އެރުމުން މައިރާއަށް ހީވީ ހުވަފެނަކުން ހޭލެވުނުހެނެވެ. ހަމަބިމަށް އާދެވިއްޖެއެވެ. މައިރާގެ ހިތާމަތައް ފަނޑުކޮށްލާވަރަށް ރުޅިގަދަވިއެވެ. އޭނަގެ ކާރީގައި ރެޔާން ރީތިކޮށް ބޭޒާރުވެއްޖެއެވެ. ޒާލީ އާއި ގުޅުމެއް އޮތްކަމަށް އަމިއްލަ ދުލުން ގަބޫލު ނުކުރިޔަސް ރަސްމީ ނޫން ގަޑިއެއްގައި ގުޅާކަށް ނުޖެހޭއިރު އެއޮތީ ގުޅިފައެވެ. މައިރާއަށް ބޭއިޚުތިޔާރުގައި ރެޔާންގެ ފޯނު ދަމައިގަނެފައި ހޫރާލެވުނުގޮތަށް ފޯނު މާދުރުގައި ޖެހި ގޮވައިގެން ދިޔަކަހަލަ އަޑެއް އިވުނެވެ.
"ލޯބި ޖޭ ތިވީ ހާދަ ބޮޑަށް.."ރެޔާންއަށް މަޖާވިވަރުން ހޭންފެށިއެވެ. ރެޔާން ފޯނު ހަލާކުވީތީ ދެރައެއްނުވިއެވެ. އޭގެ ބަދަލުގައި މައިރާގެ އެ ހަރަކާތުން ހިތަށް ލިބިގެން ދިޔައީ ފޮނި އުފަލެކެވެ. މައިރާ ކިތަންމެ ވަރަކަށް ރުޅިއާއި ނޭއްގާނިކަން ދެއްކިޔަސް އެ ޅަހިތުގައި އޭނަގެ ލޯބިވާކަން ރެޔާންއަށް މިރޭ ޔަގީންކުރެވިއްޖެއެވެ. އަމިއްލަ ނަފުސަށްއޮތް އިތުބާރުކުރިއަށްވުރެ އެތައް ގުނަ އިތުރުވެއްޖެއެވެ. އޭނަގެ ހަޔާތަށް މައިރާ ގެންނަންޖެހޭނީ މަޖުބޫރުން ނޫންކަމާއި ހިތުން ރުހުމުންކަން ޔަގީންކުރެވުނެވެ. ލޯބިވެރިޔާގެ ހިތަށް އިތުރު އަނިޔާއެއްދޭން ބޭނުންނުވާތީ ގަދަކަމުން އެއްވެސް ކަމެއްކުރުވާކަށް އޭނަގެ ހިތްނޭދުނު ނަމަވެސް ކޮންމެފަދަ އަގެއްދީގެންވެސް އޭނަ ރީތިކޮށް ރާވާލާފައިވާ ދިރިއުޅުން ބޮއްސުންލައިގެން ދިޔަކަނުދޭނެއެވެ. މައިރާއަކީ ހަމައެކަނި އޭނަގެ ހައްގެކެވެ. އޭނަގެ ހަޔާތުގެ އެއްބަޔެވެ. މައިރާއާއި ނުލައި އޭނައަށް ހަމަޖެހިގެން އެންމެ ނޭވައެއްވެސް ނުލެވޭނެއެވެ.
"އަހަރެން ބޭނުމެއްނުވޭ ރެޔާންއާއި ވާހަކަދައްކާކަށް... އަދިވެސް ހިތްނުފުރެނީތަ... އަހަރެން މަރާލަންވީނު.."މައިރާ ރެޔާންގެ އަތްގެނެސް ކަނދުރާގައި ޖެއްސުމުން ރެޔާން އޯގާތެރިކަމާއިއެކު އަތް ނައްޓުވާލަމުން މައިރާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އިންސާނާގެ ބަލިކަށިކަމުން ޝައްކުކުރުމާއި ލޮލަށް ފެންނަކަންތަކުގެ ހަގީގަތް ބެލުމެއްނެތި އަދި މީހަކު އެއްޗެކޭ ބުނާއިރަށް ގަބޫލުކޮށް އަނެކަކާއިމެދު ނުބައިކޮށް ވިސްނުމަކީ ހެދޭ އެންމެ ބޮޑު ގޯސްކަމަށާއި ފަހުން އެކަމާ ހިތާމަކުރަން ޖެހިދާނެކަމެއްކަމަށް ރެޔާން ބުންޏެވެ. ލޯބިވަންޏާ އިތުބާރުކުރުމާއި ގުރުބާންވުމަކީ އެންމެ ފުރަތަމަ ޝަރުތުކަމަށް އޭނަ ގަބޫލުކުރާކަމަށް ރެޔާން ބުނެލީ ތަންކޮޅެއް ސީރިޔަސްވަމުންނެވެ.އަދި ޒާލިއާއާއި އޭނަގެ އޮތް ގުޅުން ބުނެދޭނެކަމަށާއި ގަބޫލުކުރުމަށް އެދުނެވެ.
"ބޭނުމެއް ނޫން ލެކްޗަ އަޑުއަހާކަށް.. ރެޔާން އަބަދު ބުނާވާހަކައެއްނު ފިރިހެނުން އެފަދަ ގުޅުންތައް އޮތަސް އެއީ މައްސަލައެއްނޫނޭ.. އަދި.. ރެޔާން ކޮންމެކަމެއްވެސް ކުރަނީ އަހަރެންދެކެ ލޯބިވާވަރުން.. ގުރުބާންވެވޭތީ... އެހެންވެތަ އަހަރެން ރޮއިރޮއި އާދޭސް ކުރަނިކޮށް އެހާ އަނިޔާކުރަން ކެރުނީ... އެއީތަ ލޯބި މާނަ ކުރާގޮތަކީ..."މައިރާ އެހެން ބުނިއިރުވެސް އޭނަގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުން ހީވަނީހިތް ފަޅިފަޅިވަމުންދާހެނެވެ. ރެޔާން ކުށްވެރިކުރާއިރުވެސް ހިތުގެ ފުންމިނުން އެވަރަށް ލޯބިވާކަންވެސް މައިރާއަށް އެގެއެވެ. ރެޔާންއާއި ދިމާލަށް އެގޮތަށް ވާހަކަދެއްކުމުން އަނިޔާލިބެނީ އަމިއްލަ ހިތަށެވެ. ކަރުނަތައް ނުހިފެހެއްޓި ފައިބައިގަތީވެސް އެހެންވެއެވެ. ފުރާނަވެސް ރޮއިގަތް ސަބަބަކީ ލިބުނު ހިތްދަތިކަމަކުންނެވެ.
"މައިރާ.. މާމަ އެބަގޮވާލައްވާ.."މީހަކު ޓެރެސްގެ ސިޑިންބޯ ދިއްކޮށްލަމުން ތަންކޮޅެއް ބާރަށް ބުނެލުމުން ރެޔާން ބަލާލީ ހިތްހަމަނުޖެހިފަވާފަދަ ގޮތަކަށެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ ހިމޭންވިއެވެ. މައިރާވެސް ރެޔާންގެ އަތުތެރެއިން ވީއްލިގެން ވައިރޯޅިއެއްހާ ހަލުވިކޮށް ގޮސް ސިޑިން އޮބާލުމުން ރެޔާން ފުން ނޭވައެއްލާފައި ދާން ހިގައިގަތެވެ. އޭރު ސިޑިމަތީގައި، ރެޔާންއާއި ދިމާލަށް ބަލަހައްޓައިގެން އެ ސިއްރުވެރި އަންހެންމީހާ ހުއްޓެވެ. މިފަހަރުވެސް ބުނަން ނޭގޭފަދަ ފޫހިކަމަކާއި ރުޅިވެރިކަމެއް ހިތުގައި އުފެދުނެވެ. ރެޔާން ހަނދާންވަނީ މިފަދަ މީހުން ފެނުމުން އޭނަ ކުޑައިރު ބިރުން އުޅުނުގޮތެވެ. ބޮޑަށް ވައްތަރުވަނީ ފައްޅިތަކުގައި އުޅޭ ނަންއަކާއެވެ. އެފަދަ މީހަކު މޫނު ފޮރުވައިގެން އުޅުނީމަ ހުންނާނީ މިފަދަ ގޮތަކަށެވެ. މިއީ ކާކުބާވައެވެ. ހީވަނީ އެމީހުންގެ ހުރިހާ ހަރަކާތްތަކަށް ފާރަލައިގެން ފަހަތުން އުޅޭ މީހެއްހެނެވެ. މި މީހާއާއި އަންވަރުއާއި ގުޅުމެއް އޮންނަނީ ކަމަށްވެދާނެއެވެ. ނޫނީ އެހެންކޮންމެވެސް ޖާސޫސެކެވެ. އޭނަގެ ހަރަކާތްތަކުގައި އަބަދުވެސް ޝައްކުވާފަދަ ގޮތެއް ހުންނަކަން ރެޔާންއަށް ފާހަގަކުރެވެއެވެ. މޫނު ފަރުދާކޮށްގެން އުޅޭމީހުން ގޭގައި ގެންގުޅުމަކީ އެންމެ ރަގަޅުކަމެއްބާވައެވެ. ރެޔާންއަށް ޔަގީން ކުރެވުނީ އެމީހާ މިވަގުތު ދައްކާ ނުލިނަމަ މިރޭ ގެ މި އިޝްގީ މާހައުލުގައި ހިތުން ފިލުވާ ނުލެވޭނެކޮންމެވެސް ކަމެއް ހިގާނެކަމެވެ. ނަމަވެސް އަނެއްކާ މިފަދަ އެހެން ވަގުތަކަށް މިޖެހުނީ އިންތިޒާރު ކުރުމަށެވެ.

އައިޒާން އައީ ރާޅާއެޅުމަށްފަހު ބޯޑު ހިފައިގެން އަނދިރި ގޯޅިގަޑެއްގެ ތެރެއިންނެވެ. އައިޒާންގެ ލޮލުގައި ކަޅުކުލައިގެ ކާރު އަޅައިގަތުމުން ތަންދޭންވެގެން އޭނަ އެއްފަރާތަށް ޖެހިލައިފިއެވެ. އަޖާއިބުވީ ކާރު މަޑުކޮށްލުމުންނެވެ. އެ ކާރު ދުއްވަން އިނީ އުމުރުން ދެބައިވީ މީހެކެވެ. އައިޒާން ކޮންމެވެސް ތަނަކުން ދެކޭ މޫނެއްކަން ޔަގީންވިއެވެ. އައިޒާން ސިކުނޑިއަށް ބާރުލާފައި އެމީހާ ފެނުނުތަނެއް ޔަގީންކުރަން ބޭނުންވިނަމަވެސް ހަނދާނެއް ނުވިއެވެ.
"މަގު މެދުން ތިހިގަނީ މޮޔަވެގެންތަ؟ އަހަރެން ރަގަޅެއްނު ކަލޭ ފުނޑާލާފައި ނުދިޔަކަން... ނޫނީ ކަރައެއްހެން ފަޅާ ނުލިކަން..."އެމީހާ ބިއްލޫރިގަނޑު ތިރިކޮށްލާފައި ބަލަންފެށީ އަލިފާނުގެ ބެލުމަކުންނެވެ.
"ރަގަޅުމީހާ އަހަންނަށް ލިފްޓެއްދޭން ކެރިދާނެތަ؟" އައިޒާންއޭނަ ތެމިގެން ހުރުމުން ނާރުވާނެކަން ރަގަޅަށް އެގިހުރެ ޖެއްސުމެއްކޮށްލީ މިމީހާގެ މިޒާޖުދެކެ ފޫހިވީލެއް ބޮޑުކަމުންނެވެ.
"މިއީ ޑޮކްޓަ އައިމަންގެ ކާރުކޮޅު... ބީއެމް ޑަބްލިއުއެއް... ކަލެއަށް މީގެ އަގު ހިތަކަށްވެސް ނުގެނެވޭނެ... ހުވަފެނަކުންވެސް ކަލެއަށް މިފަދަ ކާރެއްގެ ވެރިއަކަށް ނުވެވޭނެ... އެވަރުދެނެގެން އުޅެންވީނު... އެކަން ރަގަޅަށް އެގިހުރެ ހަމަ މަލައްވާ އެއްޗެކޭ ބުނުވަންވެގެން ބުނެލި ބަހެއްކަން އެގިއްޖެ... ބޭކާރު މަސައްކަތެއް ނުކޮށް ތަންކޮޅެއް ދުރުން އުޅޭ... އެމީހެއްގެ ފެންވަރުން އުޅެންވާނީ... މިދިނީ ރަގަޅު ނަސޭހަތެއް..." އެމީހާ ލޯ ވަށްކޮށްލަމުން އިންޒާރެއް ދިނެވެ. އެމީހާ ކާރުގެ ބިއްލޫރިގަޑު މައްޗަށް ޖައްސާލުމަށްފަހު ރޮބޮޓެއް ހެން އިދެ ކާރު ދުއްވާލައިފިއެވެ. އައިޒާން ބޯޑު ފާރުގައި ޖެއްސިގޮތަށް ހައިރާންވެފައި ހުރެ އެމީހާ ގެ ޖުމްލަތަކާއިމެދު ވިސްނާލިއެވެ. ހާދަ ބޮޑާ މީހެކެވެ. މުއްސަދިންނަކީ އަޖާބެއްފަދަ ބަޔެކެވެ. އެމީހުން ހީކުރަނީ އަބަދާއަބަދު މި ދުނިޔޭގައި އެ މުއްސަދިކަމުގައި އުޅެވޭނެ ކަމަށެވެ. އިންސާނުންނަކީ ހަގީގަތުގައި ވަރަށް ނިކަމެތި އަދި ފަނާވެ ބިމުގެ ވެއްޔަށްވެގެން ދާނެ ބަޔެއްކަމާއިމެދު ވިސްނައެއްނުލައެވެ. މަރުވެގެން ދުނިޔެދޫކޮށް ދާއިރު މުއްސަދިންނާއި ފަގީރުންވެސް ދަނީ ހުސްއަތާއެވެ. އަނެއްކާ ފެންވަރުދެނެގެން އުޅެން އިންޒާރުކުރީ އޭނައާއި ރެޔާންގެ އޮތް ގުޅުން އެނިގެންބާވައެވެ. ރެޔާންގެ މަތިން ހަނދާންވުމުން އައިޒާންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.ރެޔާންއަކީ އޭނަގެ ހީރޯއެވެ.އެންމެ ވަރުގަދަ ޝަޚުސިއްޔަތެވެ.

ރެޔާން ގެ އަމިއްލަ ގެ "ރެޑް ފްލޭމް"ގެ މާސްޓަބެޑްރޫމް ހީވަނީ ހަތްތަރީގެ ހޮޓެލެއްގެ އެންމެ އަގުބޮޑު ކޮޓަރިއެއްހެނެވެ. ޝާހީ ކަމަށްވުރެ ޒަމާނީ ހިތްފަސޭހަކަން ދައްކުވާދެއެވެ. ތަނުގެ ހިތްގައިމުކަން އިތުރުވެފައިވަނީ ޗާންދަލިޔާގެ ހުވަފެނީ އަލިންނާއި ލޯބީގެ ލަވައަކުންނެވެ. އެކޮޓަރީގެ ފުޅާދޮރުތައް ވަނީ ހުޅުވާލާފަވާތީ ހަނދު ރީތިކޮށް ފެންނަންހުއްޓެވެ. ރެޔާން އެނދުގައި ޖައްސާލީ އޮފީސް މީޓިންއަކަށްފަހު ވަރުބަލިފިލުވާލުމަށެވެ. ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ކޮޓަރިއަށް ވަންނަމުން ދިޔަގޮތަށް އޭނަގެ ހާމަޔަށްވާ ހަށިގަނޑުގައި ފިރުމަމުން ދިޔައެވެ. ރެޔާންގެ ސިކުނޑިއަށް ކިތަންމެ ވަރަކަށްވެސް ލުއިވެ،އެސްފިޔަތައް ބަރުވާންފެށިނަމަވެސް އުނދަގޫގޮތަކަށް ފުރޮޅެމުން ދިޔައީ ފޮނި ފޮނި ހަނދާންތަކެއްގެ ސަބަބުންނެވެ.ރެޔާންގެ ލޯ މެރެމުންދިޔަވަގުތު ކޮންމެވެސް މީހަކު ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ވަދެގެން އައީ ބާރުބާރަށެވެ.ރެޔާންކުޑަކޮށް ބޯހިއްލާލާފައި ބަލާލުމާއިއެކު ނުތަނަވަސްވިއެވެ

ކޮމެންޓް 0