އެނދު ކައިރީގައި ހުރީ ޝަމާއިލްއެވެ. ޝަމާއިލް ގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަހެންހީވިއެވެ. ޗާންދަލިޔާގެ ފަނޑުއަލީގެ ތެރެއިންވެސް އެ މޫނުގައިވާ ނުރައްކާތެރި ރުޅިވެރިކަން ރެޔާންއަށް ފެނުނެވެ. ރެޔާން އަވަހަށް އެނދުން ތެދުވެ އެނދުމަތީގައި ވިހުރުވިފައިހުރި އޭނައާއި މައިރާގެ ފޮޓޯތައް އެއްކޮށްލުމަށްފަހު ބާލީސް ދަށަށް ލީއިރު ،އޭނަ ހުރީ ޝަމާއިލްއާއި ދިމާލަށް ބަލާލާނެ ހިތްވަރެއް ނުކުރެވިފައެވެ. އޭނަ ޓީޝާޓް ބޮލަށް މަހާލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލައިފިއެވެ. ވަރުގަދަ ކުރިމަތިލުމެއް ހިނގާނެކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ކުރިއެވެ.
"އިޑިއަޓް... ކަލޭ ކީކޭހިތަށް އަރައިގެން އަހަރެންގެ ކޮއްކޮއާ ބެހުނީ... އަދި މަޖުބޫރުކޮށްގެން ފާޑުފާޑު ފޮޓޯތަކެއް ނެގީވެސް ބޭޒާރުކުރާކަށްނު..."ޝަމާއިލް ކެތްތެރިކަންކޮޅުންލާފައި ހުރިވަރު އެނގުނީ އެލަފުޒުތަކާއިއެކު ޝަމާއިލް ރެޔާންގެ ކަންކަށި މައްޗަށް ދެތިން އެތިފަހަރު ވީއްލާލުމުންނެވެ. އޭނަ ގޮށްމުށްކަވާފައި ބޭލި އެކަތި ފަހަރު އެރީ ރެޔާންގެ ބޮލަށެވެ. ރެޔާންގެ ލޮލުން ކުދިކޮކާތައް ބުރައިގެން ދިޔަހެން ހީވިއެވެ. އަދި ދިލަ ތަދަކާއިއެކީގައި ރެޔާންގެ ބޮލުން އޮހިގަތް ލޭތަކުން އޭނަގެ ޓީޝާޓް ފޯވަމުން ދާންފެށި އެވެ. އެވަރުވީއިރުވެސް ރެޔާން ހުރީ ޖަވާބެއް ނުދީ ހިމޭނުންނެވެ. އަމިއްލަ ކޮއްކޮ މީހެއްގެ ޝިކާރައަކަށްވިކަން އެނގިއްޖެއްޔާ ބޭބެއަކަށް ކެތެއް ނުކުރެވޭނެ ކަމަށް ރެޔާންގެ ހިތްވެސް ގަބޫލުކުރާތީ އެވެ. އޭނަ ޝަމާއިލްގެ މަގާމުގައި ހުރިނަމަވެސް އެވަރަށް ރުޅިގަދަވާނެއެވެ. މައްސަލައަކީ އޭނަ އާއި މައިރާ އާއިދެމެދު އެ ހިނގިކަންތަކަކީ އަމިއްލަ ޒާތީ ސިއްރެއްގެ ގޮތުގައި އޭނަ ބެލިކަމެވެ. އޭނަވަނީ މައިރާ ގާތު އިތުރު މީހަކަށް އެކަން ނާންގަން އެދިފައެވެ. އެ ދެމީހުންގެ ކާވެނި މިހާ ކާރިވެފައިވާއިރު އެފަދަ ކުށެއް ކުރެވުނަސް އެކަން އިތުރު މީހަކަށް އެންގުމަކީ ބޭނުން ކަމެއް ނޫނެވެ. އެކަމަކު މައިރާ މި މައްސަލަ ހޫނުކުރަން ބޭނުންވީ އެވެ.
"އޮފީސް ހުރިހާ ސްޓާފުންނާއެކު ނިދީމަ އެވަރުންވެސް ނުފުދުނު މީހެއް... މައިރާއާއި ބެހިފައި ހީކުރީ އަދި އެހެން މީހަކަށް ނޭގޭނެ ކަމަށްތަ... ރީތިކަމުގެ ނިވަލުގައި ފިލާ ހުރެގެން ހުރިހާ މުޑުދާރު އަމަލެއް ހިންގަނީ އެކުދިންނަށް ކޮންފަދަ ބިރެއް ދައްކައިގެން ކަމެއްވެސް ނޭގޭ..."ޝަމާއިލް ރެޔާންގެ މޭގައި އަތްއަޅާ ކޮށްޕާލުމުން މިފަހަރު ރެޔާން ހުރިތަނުން ގުޑުވައެއް ނުލެވުނެވެ. ރެޔާން ހުރީ ކެތްތެރިވެލައިގެންނެވެ. އޭނަ ކުރި ކުށްތަކާއި، ނުކުރާ ކުށްތަކަށްވެސް އެ ހިމޭންކަން އިއުތިރާފުވަމުން ދިޔައެވެ. ރެޔާންގެ އެ ހިމޭންކަމާއި މަޑުމައިތިރިކަންވެސް ޝަމާއިލް ދެކުނީ ބޮޑާކަން ކަމަށެވެ. މައިރާފަދަ މައުސޫމް ކުއްޖެއްގެ ޢިއްފަތްތެރިކަމަށް އަރައިގަނެފައި ލިބުނު ކާމިޔާބެއްގެ ބޮޑުކަމުންކަން ނޭގެއެވެ. ރެޔާން ޖެހޭނީ އެކަމުގެ އަގު އަދާ ކުރާށެވެ.

ޝަމާއިލްގެ ގާތުގައި އަންވަރުވަނީ އޭނަ ގެ ލޮލުން ކިތަންމެ މަންޒަރުތަކެއް ދުށްކަމަށް ބުނެފައެވެ. އެގޭގެ ފަހަތުގައި އޮންނަ ބުރުގަނޑަކީ ރެޔާން އާއި އަންހެންކުދިން އުފާކުރާ ތަންމަތި ކަމަށާއި ރެޔާންގެ ރީތިކަން އޭނައަށް ވެފައިވަނީ ވިހައަކަށް ކަމަށް އަންވަރު ބުންޏެވެ. މައިރާގެ ހިތާމައިގެ އަސްލު، ޝަމާއިލް ވަގުތުން އަންވަރުގެ ވާހަކަތަކާއި ގުޅުވާލިއެވެ. މައިރާ މިފަހަކަށް އައިސް އެކުރާ ހިތާމައާއި އަބަދު ދެލޮލުން ކަރުނަ ނުހިކުމުގެ އަސްލަކީ ރެޔާން އާއި އަންހެންކުދިންގެ ގުޅުން މައިރާއަށް އެނގޭތީ އެވެ.

"އަހަރެން މިހިރީ މައިރާއާއި އިންނަން... އެއީ އަހަރެންގެ ޒިންމާއެއް...ވީއިރު އިތުރަށް މިކަންތައް މައްސަލައަކަށް ނެހެދިއްޔާ ރަގަޅުވާނީ... ޝަމާމެން ގަބޫލުވިޔަސް ނުވިޔަސް އަހަރެން މައިރާ އާއި އިންނާނަން... ދުނިޔޭގެ އެއްވެސް މީހަކަށް އެކަމެއް ނުހުއްޓުވޭނެ... ވީއިރު އަހަރެން ބޭނުމެއް ނޫން މާނައެއްނެތް ކަމަކާ އަތް އިސްކުރާކަށް.. ސޯ...ޝަމާ ތިހާ ހޫނު ނުވެ މިތަނުން ދިޔައްޔާ ރަގަޅުވާނީ..." ރެޔާން ނުރުހުމުގެ ބަލާލުމަކާއިއެކު ހަރުކަށި ގޮތަކަށް އެހެން ބުނެލާފައި ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ. ޝަމާއިލް މޭޒުމަތީގައި ހުރި ބިއްލޫރި ވާސްއެއް ޑްރެސިން ޓޭބަލާ އަމާޒުކޮށް ފޮނުވާލުމުން އަޑުފަށްގަނޑަކާއިއެކު ލޯގަނޑު ތެޅުނެވެ. ޝަމާއިލްގެ ނުރައްކާތެރި ރުޅީގެ ޝިކާރައަކަށްވެ ކޮޓަރި އެކީގައި ސުންނާފަތިވިޔަސް ރެޔާން ގެ މައްސަލައެއްނެތެވެ. އޭނަ ލޯގަނޑު ކާރީގައި ހުއްޓި ބަލާލީ މޫނުން އޮހެމުން ދިޔަ ލޭތަކަށެވެ. ރެޔާން ފެންއަޅާފައި ދޮންނަމުން ދިޔަވަރަކަށް ތަށިގަނޑު ފެވެމުން ދިޔައީ ރަތް ލޭތަކުންނެވެ. ރެޔާން އިރުކޮޅެއްވަންދެން ބޮލަށް ފެންލާން ހުރެފައި ކޮޓަރިތެރޭން އަޑެއް ބަޑެއް ނީވުމުން ބަލާލިއިރު ޝަމާއިލް ފެންނާކަށް ނެތެވެ.

މައިރާ ހެނދުނު ތެދުވުނުއިރު ގައިގާ ތެދުވާނެ ވަރެއް ނެތެވެ. ބޮލަށް އެނބުރުން އަރާފަދަ ގޮތެއްވެ ،ބަނޑުގައި ރިހުމެއް ހުއްޓެވެ.މައިރާ އިރުކޮޅަކު ކަންނެތްވެލާފައި އޮވެފައި ފާޚާނާއަށްވަދެ ދަތް އުގުޅަން ފަށާއިރަށް އޯކަށް ދެމޭގޮތްވުމުން އޭނަ ބަލިވީބާވައޭ ހިތަށް އެރިއެވެ. ޑެންގީފަދަ ހުމެއްގެ އަލާމާތްތައްބާވައެވެ. ނޫނީ އެހެން އިންފެކްޝަނެއްކަމަށް ވެދާނެއެވެ. މައިރާ މޫނުދޮވެލައިގެން ނިކުމެ ވަގުތުން ތާމޮމީޓަރުން ހުންހުރިވަރު ބަލާލައިފިއެވެ. ތިރީސްހަތެއް ޑިގްރީ ސެލްސިއަސް ހުރުމުން މައިރާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ދޮންބެ ބުނާގޮތުން ވިއްޔާ ހުން ހުރި ކަމަށް ބެލޭނީ އެއަށްވުރެ މަތިކޮށް ދައްކައިފިއްޔާއެވެ. މައިރާ އެއްގޮތަކަށްވެސް ބަލިވާކަށް ބޭނުމެއް ނޫނެވެ. ދޮންބެ ބުނިފަދައިން ޖަންކު ކެއުންތައް މަދުކޮށްލާފައި މޭވާފަދަ އެއްޗެހި ގަދަކަމުންވެސް ކާންވީއެވެ. މައިރާ ބަދިގެއަށްވަންގޮތަށް ޗޮކްލެޓް ބުއިމެއް ބޯން އުޅެފައިވެސް ޚިޔާރުކުރީ ތާޒާ އޮރެންޖް ޖޫސް ތަށްޓެކެވެ. ކޮންމެވެސް ސަބަބަކާއިހެދި އޭނަ އެވަރުން ދެވިހިފާފައިވާ ޗޮކްލެޓްދެކެ ފޫހިވެއްޖެއެވެ. މައިރާ އަށް ލުނބޮއެއް ފެނުމުން ލުނބޯ ފަޅިކޮށްލުމަށްފަހު ކޮޓަރިއަށް އައިގޮތަށް ލުނބޮއިން ހުތްކޮޅެއްގައި ރަހަބަލާލައިފިއެވެ. ހާދަ މީރެވެ. މައިރާ ލޯގަނޑު ދޮށުގައި ހުރެ ލުނބޯ ހުތްކޮޅެއް އަނގަޔަށް ފިތާލާފައި އަނގަޔަށް ހަދާލެވޭ ގޮތްގޮތުން މަޖާވެގެން އެކަނިހުރެ ހުނެވެ. މިވަގުތު ރެޔާންއަށް ފެންނާނެނަމަ ހާދަ ދިމާކުރީހެވެ. ރެޔާންގެ ހަނދާންތައް އުދަގޫ ނުކޮށް ދިރިއުޅުމުގެ އެއްވެސް ކަމެއް ހަމަ ނުދާނެބާވައެވެ. ރެޔާން ހިތުން ނެރެލާނެ ގޮތެއް ނުވިސްނުނެވެ. 

އައިޒާން އާއި މައިރާ މޫދުގެ އައްސޭރިފަށުގައި ހިގާލާފައި ދިޔައިރު މައިރާ ހުރީ އަވިއައިނު އަޅައިގެންނެވެ. މައިރާ އައިޒާން އާއި އެކުވެރިކަން ބާއްވަން ބޭނުންވީ ރެޔާންގެ ސަބަބުން އޭނަ ހިތާމަ ނުކުރާކަން ރެޔާންއަށް އެންގުމަށެވެ. ހަސަދަވެރިކޮށްލުމަށެވެ. ނަމަވެސް ދެރަވަނީ މިތަނަށް އައުމުން ރެޔާންގެ މަތިން ހަނދާންވާން ފެށިލެއް ބޮޑުކަމުންނެވެ. ކޮންމެ އެއްޗަކުން ،ތަނަކުން ރެޔާންގެ ހަނދާން އާވިއެވެ. ހިތަށް ފިނިކަމެއް ލިބުމުގެ ބަދަލުގައި ހައްތަހާ ބޮޑަށް މޮޅިވެރިވީއެވެ. އަމިއްލަ ހިތަށް އިތުރަށް ތަދުކޮށްލެވުނީއެވެ. އެންމެ ފަހުން މައިރާ ގަސްތުކުރީ އެ ޚިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު އުފާކޮށްލުމަށެވެ. ރެޔާން ކުރިކަމެއްގެ ސަބަބުން އަބަދު ރޮވެންޏާ ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތަކަށް މަގުފަހިވާނެކަން މިހާރު މައިރާއަށް ގަބޫލުކުރެވިއްޖެ އެވެ.

މައިރާ މިނިވަން ދޫންޏެއްފަދައިން އުޅެން ފެށިއެވެ. ބޮލި ހޮވަމުން، ރާޅުތަކާއި ކުޅެމުން، ދޮންވެލީގައި ގެ ހަދަމުން، އެ ޅަ އަޑުން ހެމުން ސަކަރާތްޖަހަމުން ދިޔައެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. އައިޒާންހުރީ މައިރާގެ ރީތިކަން މިހާ ކާރިން ފެނުމުން ބުނަން ނޭގޭފަދަ އަސަރުތަކެއްކޮށްފައެވެ. އެ ރީތި އޮމާން މޫނާއި، ރަތްކުލަ އެއްއަރަމުން ދާ އިސްތަށިގަނޑުގެ ދީވާނާއަކަށްވެފަ އެވެ. ފައިވާނަކާއި ނުލައި ދޮންވެލިގަނޑުމަތީގައިވި މައިރާގެ ދޮންފައިތިލަ ޖެހުނު ތަނުގައިވެސް ބޮސްދޭން ބޭނުންވިއެވެ. ނަމަވެސް އައިޒާންއަށް ހިތުގައިވާ ލަފުޒުތައް ދުލާއި ހަމަޔަށް ގެންނާކަށް ނުކެރުނެވެ.
" މޫދަށް އެރޭނަންތަ؟ " އައިޒާން މައިރާގެ ހަރަކާތްތަކަށް ޝައުގުވެރިކަމާއިއެކު ބަލަހައްޓައިގެން ހުރިއިރު ވައިރޯޅި އޭނަގެ ފަންއިސްތަށިގަޑަށް ގޯނާ ކުރަމުން މޫނަށް އުނދަގޫކުރަމުން ދިޔައެވެ.
"ކްރެބެއް ދަތްނާޅާނެތަ؟ މޭއި ވަރަށް ބިރުގަނޭ ކްރެބްދެކެ..." މައިރާ ވަރަށް މައުސޫމްގޮތެއް އަނގަޔަށް ހަދާލަމުން އެ ޖުމްލަ ބުނެލިލެއް ޅަކަމުން އައިޒާން ހިނިއައެވެ.
"މޫދުގައި ކަކުންޏެއް ނޫޅޭނެ... އެހެންނޫނަސް އަހަރެން މިހިރީ...ކްރެބްއަކަށް ނުކެރޭނެ މޭއި އާ ކާރިވާކަށް...އެރިބަލަ..."އައިޒާން ބޭނުންވީ މި ފެނުޕަރީއެއްފަދަ ކުއްޖާ މޫދުގައި އުޅޭތަން ދެކިލުމަށެވެ. ފޮޓޯއެއް ނަގަން ބޭނުންވިއެވެ. އެ ހުރިހާ ހަރަކާތްތަކެއް ވީޑިއޯކުރަން ހިތްއެދުނެވެ. ނަމަވެސް އަދި ވެސް ވަގުތު ބޭނުންވަނީއެވެ. މައިރާގެ ހިތުގައި އޭނައާއިމެދު ވާ އެއްޗެއް ނޭގި އެފަދަ ހުށަހެޅުމެއް ހުށަހަޅައިގެން ނާކާމިޔާބުވެއްޖެއްޔާ އޭނަގެ ހިތް ހަލާކުވެގެންދާނެއެވެ. ދުނިޔޭގެ ކޮންމެފަދަ ކަމަކުން ނާކާމިޔާބުވިޔަސް ކެތްކުރެވިދާނެއެވެ. ނަމަވެސް މައިރާ ނުލިބި އޭނަ ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ އައިޒާން އަކީ މިވީހާތަނަށް ލޯބީގެ އެއްވެސް ތަޖުރިބާއެއްކޮށްފައި އަންހެންކުއްޖަކާއި އެކުވެރިކޮށް އުޅުނު ޒުވާނެއް ނޫނެވެ. ލޯބި ހިތުގައި އުފެދުނީ މައިރާ ފެނުމަށްފަހުގަ އެވެ.
"މޫދުގައި ވެސް އުޅެއެއްނު ކަށި ޖަހާ އެއްޗިއްސާއި ވިހަ މަސްތައް.... ޒާން... ސިއްރެއް ބުނަންތަ؟ އަހަރެން ކުޑައިރު މަހެއް ކަށިޖެހިފަހުން މޫދުދެކެ ވަރަށް ބިރުގަނޭ... އެއްގޮތަކަށްވެސް މޫދަށް ނޭރެން... އެކަމަކު މިއަދު އާކަމެއްކޮށްލާނަން... އަބަދު އެއްގޮތަކަށް އުޅޭކަށް ނުވާނެ ދޯ.. ބައެއްފަހަރު ހަމަޖެހުމެއް ލިބިދާނެ ބޭނުންނުވާ ކަމެއް ކޮށްލައިގެންވެސް..."މައިރާ އެ ސިއްރު އައިޒާން އާއި ހިއްސާކުރިއިރު ވެސް ރެޔާންގެ މަތިން ހަދާންވިއެވެ. ރެޔާންއަށް އޭނަގެ ހުރިހާ ސިއްރުތަކެއްހެން އެނގޭނެއެވެ. ނުވީތާކަށް އެންމެ ފޮރުވައިގެން އުޅުނު ހަށިގަޑުވެސްމެއެވެ. މައިރާގެ ހިތަށް ތޫނު ތަދެއްވިއެވެ. ލޮލުން ކަރުނަ ހިލެން އުޅުނެވެ. އެރޭގެ ހަނދާންތައް ހިތުން ދުވަހަކު ފިލުވާލެވޭނެބާވައެވެ.
މައިރާ އޭނަލައިގެން ހުރި ޖިންސްގެ ފައިކުރި ކުޑަކޮށް އޮޅާލުމަށްފަހު މޫދަށް އެރުނީ އޭނަގެ ފޯނު އައިޒާންއަތަށް ދީފައެވެ. އިރުގެ އަލި މޫދަށް އެޅިފައިވާއިރު ހީވަނީ ދުރުދުރަށް ދާންދެން ނީލަމެއް ފެތުރިފައިވާހެނެވެ.
"ޒާން...ޕިކްއެއްނަގާބަލަ... ދޮންބެމެން ގަބޫލެއް ނުކުރާނެ އަހަރެން މޫދަށް އެރުނު ކަމަކަށް...އެހެންވީމަ ހެއްކެއް ދައްކަންވާނެ ދޯ.."މައިރާ ހައިރާންވީ އޭނަ މޫދާއި ގަޔާވިވަރުންނެވެ. މިރީތި މޫދުގައި ގެއެއް އަޅައިގެން އޮންނަން ބޭނުންވިއެވެ. މައިރާ ފެންގަނޑާއި ކުޅެމުންގޮސް ކަކޫތާފެނަށް އެރިފައި ކުއްލިއަކަށް އަރިއަޅާލައިގެން މޫދުތެރެއަށް ވެއްޓުނެވެ.
"މޭއި... "އައިޒާން ވީޑިއޯކޮށްކޮށް ހުރެފައި އެ މަންޒަރު ފެނުމުން ފޯނު އަތުން ދޫވި އެވެ. އޭނަ ހީވީ އުދުހިފައި ދިޔަހެނެވެ. ސިކުންތުކޮޅެއްގެތެރޭގައި އޭނަ މައިރާ ވެއްޓުނު ހިސާބަށް ގޮސްފައި މައިރާ ފެންގަނޑުގެތެރެއިން ނެގީ ފަތްކޮޅެއް އުފުލާހާ ލުއިކޮށެވެ. އޭރު މައިރާއަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިއްޖެ އެވެ. މައިރާއޮތީ ލޯ ހުޅުވާލަން ނުކެރިފައެވެ. އައިޒާންގެ އަތުގެ ހިމާޔަތުގައި ހިނދުކޮޅަކަށްވުމުންވެސް ލަދު ގަންނަގޮތްވެފަ އެވެ.އަދި އެހާ ބިރުގެންފަ އެވެ. އޭނަ ގެ މޫނަށް އަނދިރިވާ ގޮތްވީ ކީއްވެގެންކަމެއް ނޭގުނެވެ. ނުރައްކާތެރި ބައްޔެއް ހުރީ ބާވައެވެ. ދޮންބެ ގާތު ބުނަންވީއެވެ. ނަމަވެސް އޭރުން ދޮންބެމެން ކަންތައްބޮޑުކޮށް ވަގުތުން ޓެސްޓް އެއްޗެހި ހަދަން މަޖުބޫރުކޮށް މައިރާ ބިރުން ފިތްކަނޑުވާލަފާނެއެވެ. ރަގަޅުވާނީ އަޅާނުލުމެވެ.
"އޯކޭތަ؟ "އައިޒާން މައިރާ ދޮންވެލިގަނޑުމަތީގައި ބައިންދަމުން މަޑުމަޑުން އޯގާތެރިރާގަކަށް އަހާލައިފިއެވެ. އޭނަވަނީ ދެރަވެފައެވެ. ހިތް ހިނުދކޮޅަކަށްނަމަވެސް ހުއްޓިފައި އަލުން ވިންދު ޖަހަންފެށި ކަހަލަ އިހުސާސްއެއް ކުރެވުނެވެ. މައިރާ މޫދަށް އެރުނީ އޭނަ ބުނެގެންނެވެ. މިއަދު މައިރާއަށް ގޮތެއްވިނަމަ އަމިއްލަ ނަފުސަށް މާފުދެވޭނީ ކިހިނެއްހެއްޔެވެ؟ މައިރާއަށް އައިޒާންގެ އަޑު ކަންފަތުގައި ޖެހުނީ ތަފާތެއްނެތި ރެޔާންހެނެވެ. ރެޔާންވެސް ވަރަށް ގިނައިން "ބޭބީ އާ ޔޫ އޯކޭ " އެހެން އަހާލަނީ މިފަދަ ރާގަކަށެވެ. ލޯ މަރާލައިގެން އިނުމުން ހަމައެކަނި އަޑަށް ސަމާލުކަން ދެވޭނެތީ އަޑު ފާހަގަވީ ކަމަށް ވެދާނެއެވެ. އައިޒާން އާއި ރެޔާންގެ އަޑު ހާދަ ވައްތަރެވެ. މައިރާ މަރާލެވިފައިވާ ބަރު އެސްފިޔަތައް ކުއްލިއަކަށް ހުޅުވާލާފައި އައިޒާންއާއި ހަތަރުކަޅި ހަމަކުރިއިރު އައިޒާން އިނީ ދޮންވެލިގަނޑުމަތީގައި ކަކޫ ޖައްސާލައިގެންނެވެ. އެ ރީތި މޫނުވަނީ މައިރާއާއި ދާދި ކާރީގަ އެވެ.
"ޒާން...އަހަރެން މިހާރު ރަގަޅު..އެކަމަކު ހީވަނީ ހުން އަންނަން އުޅޭހެން...ކޮންމެވެސް ގޮތެއްވެފައި މިހުންނަނީ...ދެން ގެއަށް ދާން ހިނގާ ދޯ.."މައިރާ ކޮޅަށް ތެދުވުމުން އައިޒާން އަށް އޮޅިގެންވެސް މައިރާ ގެ ކޮނޑުގައި ހިފަހައްޓާލެވުނީ މައިރާ ވެއްޓިދާނެ ކަމުގެ ބިރުއޮތްލެއް ބޮޑުކަމުންނެވެ.
"ޑޮކްޓަރަކަށް ދައްކާލަންވީނު.."އައިޒާން ގެ ހިތަށް ފުން އަސަރުކުރިއެވެ. އޭނަގެ ލޯބިވެރިޔާއަށް ޝިފާދެއްވުން އެދި މާތް ﷲއަށް ދުޢާކުރެވުނެވެ.
"އަހަރެންގެ..."މައިރާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ކުޑަކޮށް ކެއްސަން ފެށީ ކަންބޮޑުވެފައިވާ ގޮތަކަށެވެ. އޭނަގެ ބައްޕައާއި ދޮންބެ އަދި މުޅި ޚާންދާނަކީ ވެސް ޑޮކްޓަރުން ގިނައިން ހިމެނޭ ޢާއިލާއެއް ކަމަށް ނުބުނެވުނީ ކިރިޔާއެވެ. އޭނަގެ ހަގީގަތް އެއްވެސް ވަރަކަށް އައިޒާން ގާތުގައި ބުނާކަށް އަދި މައިރާ ބޭނުމެއް ނޫނެވެ. އައިޒާން ގެ އަމަލު ހުރިގޮތުން ހީވަނީ އޭނައާއި އަޅާލާހެންނެވެ. އޭނައަކީ މުއްސަދި ކުއްޖެއްކަން ނޭގިހުރެ އައިޒާން އޭނަދެކެ ލޯބިވެއްޖެއްޔާ ހާދަ ރަނގަޅެވެ. އެކަމަކު އައިޒާންގެ ލޯބި އޭނަ ގަބޫލުކޮށްފިއްޔާ ވާނެ ގޮތެއްވެސް ނޭގެއެވެ. ގެއަށް އިންގިލާބެއް އަންނާނެއެވެ. އޭނަ ގެއިން ބޭރަށް ލާންވެސް ބައްޕަ ފަސްޖެހިނުލައްވާނެއެވެ. މާމަ ގެ ހިތްހަލާކު ވެދާނެއެވެ. އެހެންނޫނަސް އޭނަގެ ހިތާއި ފުރާނަ އަދި ހަށިގަނޑުވެސް އެންމެ އިންސާނެއްގެ ހައްގެއްކަމުގައި ގަބޫލުކުރާއިރު އެހެންމީހަކާއި އެފަދަ ގުޅުމެއް ބޭއްވުމަކީ އަމިއްލަ ހިތަށް ދެވޭ އަނިޔާއެކެވެ. އައިޒާން ގާތުގައި އޭނަގެ ލޯބިވެރިޔާއަކީ ކާކުކަން ބުނެދޭންވީއެވެ. އޭނަގެ ހަގީގަތް ބުނެދޭންވީއެވެ. މިއީ އެކަމަށް އެކަށީގެންވާ ފުރުސަތެކެވެ. އައިޒާންގެ ފަރާތުން ޚިޔާލެއްވެސް ލިބިދާނެއެވެ.
"ފެންފޮދެއް ބޯލަންވީނު..."އައިޒާން އަވަހަށް މިނެރަލް ފެންފުޅިއެއް ކަޑާލަމުން ބުންޏެވެ.އައިޒާން އެ ފުޅި ކަޑާލިއިރުވެސް ރެޔާންމަތިން ހަނދާންވާފަދަގޮތެއް ހުއްޓެވެ

ކޮމެންޓް 0