އެ ހޮޓަލުގެ ފާރުތައް ރަންކުލައިން ޑިޒައިންކުރެވިފައިވާއިރު ބޮލާއި ދިމާލަށްއެލުވިފައިވާ މާސިންގާ ކްރިސްޓަލް ޗާނދަލިޔާ ގެ ބޮކިތައްހީވަނީ ބޮޑެތި ޖަވާހިރުތައްހެނެވެ. އޭގެ އަލިތައްވިދާ ބަބުޅަމުންދާއިރު ހުވަފެނީ ގޮތެއް ހުއްޓެވެ. ފާރުގައިވާ މޮޅުކުރެހުންތަކާއި މާބްލްއިން ހަދާފައިވާ ތަޅުންގަނޑު އަދި ސިޑިބަރީގެ ޗާލުކަމަށްވެސް އައިޒާންގެ ހިތް ތަޢުރީފުކުރިއެވެ. ކޮންމެ ދިމާލަކުން ފެންނަނީ ތަނުގެ ވެރިމީހާގެ މުއްސަދިކަމެވެ. އޭނައަށް މިފަދަ ތަނެއް މިލްކުވާނެނަމައެވެ. ކޮންމެވެސް ގޮތަކުން މިވަރުގެ ނަސީބެއް ލައްވާނެނަމައެވެ. ހަމައެކަނި މައިރާއަށްޓަކައެވެ. މައިރާ އުފަލުން ގެންގުޅުމަށެވެ. މައިރާގެ މަތިން ހަނދާންވުމާއިއެކު އައިޒާންގެ އަތްތިލަ ފިނިވެގެން ދިޔައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

އެ ހޮޓަލުގެ އެންމެ މަތީގައިވާ ބަޔަށް ދިއުމުން އައިޒާންއަށް ހީވީ ގަނޑުވަރަކަށް ވަދެވުނުހެނެވެ. އެހާ ތަނަވަސްވެފައި ޝާހީގޮތެއްހުއްޓެވެ. ޓައީ އަޅާލާފައި ރަސްމީކޮށް ތިބި ތިން މީހުންނާއިއެކު އޭނަގެ ދޮންބައްޕަ ހަމީދު ހެވިދިއްލިފައި މިތަނުގައި އިނީ ކީއްވެގެންކަމެއް އައިޒާންއަކަށް ނޭގުނެވެ. ނުބަޔެއް އުޅޭކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ސިގްނަލް ކުރަން ފެށުމާއިއެކު އައިޒާން ކުޑަކޮށް ރަކިވެ ފިޔަވަޅުތައް ހުއްޓުނެވެ. ޑޮކްޓަ އައިމަން އޭނައާއިއެކު ދެން ތިއްބެވި ޑޮކްޓަ ފައިސަލް އާއި ފަރުޒާންގެ ކުރު ތަޢާރަފެއް ދިނުމަށްފަހު އައިޒާންގާތުގައި އިށީންނަން އެދުނެވެ. މައިރާއަކީ މުއްސަދި އާއިލާއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅުކަން އެނގުމުން އޭނައަށް ނުބައި ޝޮކެއް ލިބުނެވެ. މި ފިނި ކޮޓަރީގައިވެސް އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދަންފެށިއެވެ. މައިރާއަކީ ޑޮކްޓަ އައިމަންގެ ދަރިފުޅު ކަމަށް ގަބޫލުކުރާކަށް ހިތަކަށް ފަސޭހައެއްނުވިއެވެ. މައިރާ އޭނައަށް އެކަންތައް ސިއްރުކުރީ ކީއްވެގެންބާވައޭ ހިތަށް އެރިއެވެ. އެކަން ސިއްރު ނުކުރިނަމަ ފަހަރެއްގައި އޭނަގެ ހިތުން އެ ލޯބި ފިލުވާލެވުނީހެވެ. މިހާރު މިވަނީ މާދުރަށް ދެވިފައެވެ. މައިރާއާއި ނުލައި ދުނިޔޭގައި ނޫޅެވޭ ވަރުވެފައެވެ.
"އައިޒާން މިވަރުގެ މުއްސަދި ބަޔެއްގެ އަންހެންދަރިއަކާއި އިންނަން އުޅޭކަމެއް މަ އަދި ނުދެނެހުރިން... ޑޮކްޓަ އައިމަންގެ ދަރިއަކާތަ އައިޒާން އިންނަނީ.. ގަދައެއްނު އެފަދަ މަންޖެއެއް އަތުއަޅުވާލިކަން.. މަ އަބަދުވެސް ހިތަށް އަރައޭ މިސޮރަކީ އަހަރެމެންގެ ނަސީބޭ.."ހަމީދު ގެ ތުންފަތްމައްޗަށް ދަތްޕިލާ ނާރާ އެންމެ ސިކުންތުކޮޅެއްވެސް ނާދެއެވެ. އޭނަ މިދުވަސްކޮޅު އައިޒާންއަށް މާ ހެޔޮކަމަށް ހެދިގެން ހުއްޓަސް ހިތުގައިވަނީ ދުޝްމަންކަމެވެ. އޭނައަކީ ދުވަހަކުވެސް އައިޒާންއަށް ހެޔޮއެދުނު މީހެއްނޫނެވެ. އައިޒާންގެ ރީތިކަން ފެންނަ ކޮންމެފަހަރަކު އޭނަގެ ހިތަށް ހާދަ ތަދުވެއެވެ.

ކޮފީއަކަށް އިންސާފުކުރަމުން ދިޔައިރު އައިޒާންއަށް އިހުސާސްކުރެވެމުން ދިޔައީ ވަޒީފާއަކަށް އިންޓަވިއު އަކަށް ގެނެވިފައިވާހެންނެވެ. އަދި ހަމީދު ދައްކާ ބޭކާރު މޮޔަ ވާހަކަތަކުން އައިޒާން ގެ ހިތްވަރު ގެއްލި ، ނާކާމިޔާބުވަނީއޭ ހިތަށް އަރަންފެށިއެވެ.
"ވީއިރު އައިޒާން އަދިކިރިޔާ ވަޒީފާއަކަށް ދާން ތިފެށީ.. މައިރާ ބޭނުންވާ ފެންވަރުގައި އޭނަ ގެންގުޅެވޭނެތަ؟" ފައިސަލް މޭޒުމަތީގައި އޮތް ބަރު އަބުރާލައްވަމުން އެއްސެވިއެވެ.
"ތިއީ މުއްސަދި މީހުން.. ލޯނެއް ދީފިއްޔާ އަހަރެމެންގެ ގެވެސް ބުރިބުރިއަށް ހިއްލާލާނަން.. ދެން އަހަރެން ބޭނުމީ ރަނގަޅު ވަޒީފާއެއް.. ނެތްތަ ސިނގެރެޓެއް؟"ހަމީދު ހިނިގަޑެއް ޖަހާލާފައި މޭޒުމަތީގައިވާ ކޮފީ އަދި ކާއެއްޗެހި ހުސްކޮށްލީ ބަނޑަށް ޖެހިފައިވާ މީހެއްފަދައިންނެވެ. އައިމަން ބުނުއްވީ މިތާގައި ސިނގެރެޓް ބުއިމުގެ ހުއްދަ ނޯންނަކަމަށެވެ. ޑޮކްޓަރ އައިމަން އިންނެވީ ހީވާގޮތުން ވަރަށް ބޮޑަށް ހިތްހަމަޖެހިނުލައްވާފައެވެ. މިއީ މައިރާއާއި އެއްގޮތަކަށްވެސް އެކަށީގެންވާ އާއިލާއެއްކަމަށް އޭނަ ގަބޫލެއް ނުކުރައްވައެވެ. ފަރުޒާން އިނީ ފޫހިވެފައެވެ. އޭނަ ކޮފީތަށީގައި އަތްނުލާ އިނދެ އާފުރިލިފާއި، ގަޑިއަށް ބަލާލާގޮތުން އައިޒާންއަށް އެކަން ފާހަގަކުރެވުނެވެ.
"އަޅުގަޑު އެއްގޮތަކަށްވެސް މައިރާގެ މުއްސަދިކަމުން ކުޑަމިންވަރެއްވެސް ބޭނުމެއްނޫން.. އަޅުގަޑުގެ މުސާރައިން ދެމީހަކަށް އުޅެވިދާނެ.." އައިޒާން ވާހަކަދެއްކީ އަދަބުވެރިކޮށެވެ.
"އެއްކަލަ މީހާ ސަޅިބައިސާ ކަޑަންފެށީދޯ.. މަށަށް ފުރަތަމަވެސް އެނގުނު ކަލޭގެ ފަރާތުން އަހަރެމެންނަށް އެއްވެސް އުފަލެއް ހަމަޖެހުމެއް ނުލިބޭނެކަން.. މުއްސަންޖެއްގެ ދަރިއަކު ލިބުނީމަ ތިއުޅެނީ އަހަރެމެންނާއި ވަކިވެ، އެމީހަކު ގޮވައިގެން ދުރަށް ގޮސް ލިބޭހާ އެއްޗެއް އެމަންޖެއަށް ޚަރަދުކުރަންތަ.. ވަރެއްގެ ފިރިހެން ދަރިއެއްނު.. އަހަރެމެން މަސައްކަތުން ކަލޭ ބަލާބޮޑުކޮށް މޮޅުމީހަކަށް ހެދީމަ ނިކަން ރީތި.. އައިމަންއަށް އެގޭތަ؟ މީނައަކީ މަގޭ ދަރިއެއްނޫން.. ސަމީނާ ނަހަލާލަށް ވިހޭ ދަރިއެއް... ބައްޕައަކީ ކާކުކަމެއް ނޭގޭ.."ހަމީދުގެ އެ ވާހަކަތަކުން ހީވީ އެތާގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނުހެންނެވެ. އައިމަން އާއި ފައިސަލްގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އައިޒާންގެ މޫނު ރަތްވެ ބޭއިޚުތިޔާރުގައި ނިތްކުރީގައި ދެއަތްޖައްސާލެވުނެވެ.
"ނަހަލާލު ދަރިއެކޭ.." ޑޮކްޓަ ފައިސަލް ގެ މޫނުން ފެނުނީ އިންތިހާދަރަޖައިގެ ހައިރާންކަމެވެ. އައިމަންވެސްމި ޒުވާނަކާއި ބައްދަލު ކުރެވުނުކަމުގެ މޮޔަ ހީވިއެވެ. އާއިލާގައި އެކަށީގެންވާ އެތައް ޒުވާނުން ތިއްބާ އޭނަގެ އަންހެން ދަރިފުޅު މިހާ ދަށްފެންވަރުގެ މީހަކާއި އެކުވެރިވާންޖެހުނު ސަބަބެއްވެސް އައިމަންގެ ވިސްނުމަކަށް ނައެވެ.
"އައިޒާން.. އަހަރެން އައިޒާން ގެނައީވެސް މިވާހަކަ ބުނެލަންވެގެން.. މައިރާ ގެ ކާވެނިވަނީ އެހެން މީހަކާއި ހަމަޖެހިފައި.. އެހެންނޫނަސް އެއްވެސް މީހަކު ތިމާގެ އަންހެންދަރިއަކު ބައްޕަނެތް މީހަކާއި ކާވެނި ކުރުވަން ހިތްހަމައެއް ނުޖެހޭނެކަން ނޭގޭ ދޯ..ސޮރީ އައިޒާން.."އައިމަން ހިތްހަމަނުޖެހިފައިވާ ރާގަކަށް އެހެން ބުނިއިރު އައިޒާންގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ. ދެރަވެ ހިތުގައި ޖެހުނުވަރުން އައިޒާންއަށް ވަގުތުން ތެދުވެވިއްޖެއެވެ. އަމިއްލަ ދިފާޢުގައި އެއްވެސް އެއްޗެކޭ ބުނުމަކާއި ނުލައި ތެދުވެގެން ހިގައިގަތްއިރު އެ މޫނުގައިވި ހިތްހަލާކުވާފަދަ އަސަރުތައް އެ ތިން މީހުނަށްވެސް ފެނުނެވެ. އެ ޒުވާނާއަށްޓަކައި އެ ހިތްތައް ހަމްދަރުދީ އިން ފުރުނެވެ. އެއީވެސް އިންސާނެއްކަމާއި އަސަރުކުރާނެވަރު ވިސްނުނެވެ. އެހިތަށް ތަދުވާނެވަރު ލަފާކޮށްލެވުނެވެ. އަދި އެ މޫނުގައިވި މޮޅިވެރިކަމާއި، ކަރުނުން ފުރިފައިވި ލޯ ފަރުޒާންގެ ހިތުން ފިލުވާލަން ފަސޭހައެއްނުވިއެވެ. އެކަމަކު ހަމީދު އިނީ ނުބައިގޮތަކަށް ހިނި އައިސްފައެވެ. ހިތުގައި ރަޙުމްގެ ކުޑިފަށެއް ނުވާ މީހެއްކަން ނޭގެއެވެ.
"ތިބޭފުޅުންގެ ނިންމެވުމަށް ތާއީދު.. އޭނަގެ ފަތިފުށް ކުރިން އެނގުނުނަމަ މި ހޮޓަލަށްވެސް ނުވެއްދީސް.. އަހަރެމެންގެ ހުރި އެންމެ ފަނަރައަހަރުގެ ދަރިފުޅުގެ ޢިއްފަތްތެރިކަން ނަގާލާ، ނުވީތާކަށް އޭނަ ބަނޑުބޮޑުވުމުން ދަރި ވައްޓާލަން ފާޑެއްގެ ބޭހެއްދިނުމުގެ ސަބަބުން ލޭ މަނާނުވެ އެ ދަރިފުޅު މަރުވެގެން ދިޔައީ.. ރީތި ސިފައެއްގައި ހުރި ޝައިތާނެއް.."ހަމީދު ގެ ވާހަކަތަކުން އައިޒާން ދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން ފަރުޒާން އަވަސްއަވަހަށް ތެދުވެގެން ދާން ހިގައިގަތްއިރު އޭނަގެ ބުމަވަނީ ގޮށްޖެހިފައެވެ. އޭނަގެ ލޯބިވާ ކޮއްކޮގެ އުފާތައް ނިގުޅައިގަންނަން މި ޒުވާނަކު އަތުކުރި އޮޅާލިއިރު ރެޔާންއާއި ބަލާފައި މިއީ އެއްވެސް ހައިސިއްޔަތެއް، ގަދަރެއްހުރި މީހެއްނޫނެވެ. އަމިއްލަ ކޮއްކޮގެ ޢިއްފަތްތެރިކަން ނަގާލުމަކީ ފަރުޒާން ދެކޭގޮތުގައި ފާފައިގެތެރެއިން ވެސް އެންމެ ނުބައި އެއް ފާފައެވެ. ރެޔާން އަކީ އުޑުގައިވާ ތަރިއެއްނަމަ މިއީ ބިމުގައިވާ ވެލިފުކެކެވެ. އެހާ ފަރަގު އެބަހުއްޓެވެ. އެކަމަކު ފެންވަރުއޮޅިގެން އެއުޅެނީ އުޑުގައިވާ ތަރިއަކާއި ޗެލެންޖުކުރުމަށެވެ.

އައިމަން އައިޒާންއާއި ބައްދަލުކުރުމަކީ މައިރާގެ ލޮލުގައި އަޅުވާލެވުނު އަނދުނެކެވެ. ކޮންމެވެސް ބަހަނާއެއްދައްކާފައި އައިމަން ހުންނެވީ އައިޒާން މައިރާގެ ޙަޔާތުން ބޭރުކޮށްލުމަށެވެ. މިއެނގުނު ހަގީގަތަކުން އެއޮތީ މާ ރަގަޅަށްވެސް ބަހަނާއެއް ދެއްކޭނެ ގޮތްވެފައެވެ. އައިޒާންގެ ބައްޕައެއް ނެތްކަމީ މިވީހާތަނަށް އަންވަރުއަށްވެސް ނޭގިއޮތް ހަގީގަތެކެވެ.
މައިރާ ވަރުބަލިވެ އުނދަގޫ ގޮތްތަކެއްވާތީ އެކަމާ ފިކުރުބޮޑުވެ ހާސްވިއެވެ. ބައެއްފަހަރު ޓެސްޓެއް ހަދަން ހިތް މަޝްވަރާދިނެވެ. ނަމަވެސް ކަށިތައްދެކެ ގަންނަ ބިރެއްގެ ސަބަބުން އެ ޚިޔާލުވެސް ހިތުން ނެރެއެއްލާލެވެނީއެވެ. އައިޒާން ދިންވާހަކަފޮތް "އެ ވޯކު ޓު ރިމެމްބާ" ކިޔާ ނިންމާލުމަށްފަހު ،އެ ފޮތްމޭމަތީގައި ބާއްވައިގެން އޮވެފައި ކުއްލިއަކަށް މައިރާގެ ސިކުނޑިއަށް ވެރިވެގަތް ބިރުވެރި ޚިޔާލަކުން ފުންމައިގެން ތެދުވެ އިށީދެވިއްޖެއެވެ. ޖެމީ ފަދައިން އޭނައަށް ލޭގެ ކެންސަރ ޖެހުނީ ބާވައެވެ. މައިރާ ވަގުތުން އޭނަގެ ދޮންއަތާއި ފައި ޗެކްކޮށްލައިފިއެވެ. ނަސީބަކުން ލޭ ތައުޅުވެފައިވާފަދަ އެއްވެސް ތަނެއްނެތެވެ. މައިރާ އަވަސްއަވަހަށް ތެދުވެގެން ގޮސް އޮރެންޖު ޖޫސްތަށްޓެއް ދަމާލުމަށްފަހު ގަސްތަކުގެތެރޭގައި ޖޮގް ކުރަންފެށިއެވެ. ރަގަޅު ކާނާއާއި ކަސްރަތުގެ ސަބަބުން ސިއްޙަތަށް ފައިދާވެ ކެންސަރުފަދަބަލިތަކުން ސަލާމަތްވެވޭނެ ވާހަކަ ދޮންބެ ބުނާވަރުންނެވެ.

ހޫނު ގަދަކަމުން ބިންގަނޑުން ވެސް އާވިއަރަމުންދާހެން ހީވެއެވެ. ގަސްތަކުގެ ތެރެއަށް އިރުގެ ދަޅަތައް ފަތުރާލާފައިވާއިރު، މައިރާ މި ރަތްދަކަ އަވީގައި ގަހެއްގެ ހިޔަލުގައި ސްކިޕްކުރަން ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. އެންމެފަހުން ދުވަމުން ދުވަމުން ގޮސް ފެންޑާއާއި އަރާހަމަވިއިރު އޭނަގެ އޮމާން މޫނާއި ކަނދުރާގައި މުތީތަކެއްފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. އެއާއިއެކު ނޭވާކުރުވެގެން ދެކަކުލުގައި އަތްވިއްދާލައިގެން މައިރާ ބޯ ތިރިކޮށްލުމާއިއެކު ކޮންމެވެސް ވަރަކަށް އަނބުރައިގަންނަ ކަހަލަގޮތެއްވިއެވެ. އެކަމާ ހާސްވިވަރުން އަވަސްއަވަހަށް މައިރާގޮސް ފެންޑާގައިވާ ސޯފާއަކަށް ވެއްޓިގަތެވެ.
"ދަރިފުޅު ހާދަ ވަރަކަށް ދާހިއްލާލާފައި.. މިހާ ހޫނުއިރުވެސް ޓެނިސް ކުޅެފައިއައީކަން ޔަގީން.." ސުލްތާނާ އާއި ޒިޔާމާ ގޭތެރެއިން ނިކުމެގެން އަންނަމުން ސުލްތާނާ ބުނެލައިފިއެވެ. މައިރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ. ދޮންބެ އާއިއެކު ޓެނިސް ގޭމެއް އޭނަ ކުޅެލަނީ މަދުފަހަރެއްގައެވެ.
"ކޮން ޚިޔާލެއްގައިތަ؟ ދާހިއްލާފައި އޮތަސް ކިތަންމެހާވެސް ރީތިވިއްޔަ ދޯ..."ޒިޔާމާ މައިރާގެ އިސްތަށިގަނޑުގައި ފިރުމާލުމުން މައިރާ ކުޑަކުޑަކޮށް އެސްފިޔަތައް އުފުލާލާފައި ބަލާލީ ލަދުވެތި ނަޒަރަކުންނެވެ. ޒިޔާމާގެ ހިތް ލޯބިން ފުރުނެވެ. އެލޮލުގައިވަނީ އެހާ މައުސޫމް ރީތި ގޮތެކެވެ. ބޯ އެސްފިޔަތަކުގެ ހިޔަލުގައިވާ އަޅި ދެލޮލަށް އެސްފީނާ ނުޖެހުނިއްޔާ ވެދާނެއެވެ.
"ވެޑިން ޑްރެސް ފައްސަން މިއުޅެނީ ފްރާންސްއަށް ފުރަން.. ކޮންކުލައެއް ރަގަޅުވާނީ؟ "ޒިޔާމާ އަހާލައިފިއެވެ.
"ބްލެކް.."މައިރާ ނިޔަފަތީގައި ދައިގަންނަމުން ބުނެލި ގޮތުން ޒިޔާމާއަށް މަޖާވިއެވެ. ޒިޔާމާ އަށް ރެޔާން އާއި މައިރާގެ ދެމެދުގައި މައްސަލައެއްޖެހިގެން އުޅޭކަމެއް އެނގިފައެއްނެތެވެ.
"ދަރިފުޅާ.. ހަމަ ބްލެކްތަ؟ ހުދު ކިހިނެއްވާނެ.."ޒިޔާމާ ކަރުކެހިލާފައި ބުންޏެވެ.
"ހޫމް... ހުދު ރަގަޅުވާނެ.."މައިރާ އެ ހިމަހޯލި އިނގިލިތަކާއި ކުޅެމުން ދިޔައެވެ. އެންމެން ޕާޓީއަށްޓަކައި އެކިކަންތައް ނިންމަމުންދާއިރު އޭނަ ޚިޔާލުކުރަމުންދަނީ އެހުރިހާކަމަކަށް ގޮންޖެހުމަށްފަހު އެންމެން ސިއްސުވާލަން މޮޅު ކަމެއްކޮށްލުމަށެވެ. އޭނަ އެއްވެސް މީހެއްގެ ގާތުގައި ރެޔާންއާއި ކާވެނި ނުކުރާނެ ކަމަކަށް ނުބުނެއެވެ. ނަމަވެސް މައިރާ ގެ ހިތުގައިވަނީ އެހެން ޕްލޭނެކެވެ.

ރެޔާން ޔޫކޭއަށް ފުރީ ރަސްމީދަތުރެއްގައެވެ. ޒިޔާމާ އާއި ޑޮކްޓަ ފައިސަލްވެސް މައިރާލާންވީ ހެދުމާއި، އަތުގެ އިނގިލީގައި އަޅުވަންވީ އަނގޮޓި ގަންނަން ޔޫރަޕްއަށް ފުރައިފިއެވެ.ދުވަސްކޮޅަކަށް މައިދައިތައާއި ނުލައި ދެމަފިރިން އެކަނި އުޅެންވުމުން އެންމެ އުފާވީ އަޔާނާއެވެ. ދަރިޔަކު ނުލިބިގެން ކުރަމުންއައި ހިތާމަވެސް އަޔާނާ ހަނދާންނެތުނެވެ. އަބަދުވެސް ދެމަފިރިންނަށް މިހެން އެކަނިމާއެކަނި އުޅެވޭނެނަމަ ކޮންމެތަނެއްވެސް ދުނިޔެމަތީގެ ސުވަރުގެކަމުގައިވާނެއެވެ. މައިދައިތައަކާއިއެކު ގަނޑުވަރެއްގައި އުޅެވުނަސް ހިތްހަމަޖެހުމެއް ނުލިބޭނެތީއެވެ. ފަހަރެއްގައިވެސް އެމީހެއްގެ ނުނިޔަތާއި ނުބައިބަސްތަކުން ސަލާމަތްވެގެން ހުރުމަކީ ކިތަންމެ ރަގަޅު ޅީދަރިއަކަށްވެސް ކުރެވޭނެ ކަމެއްނޫނެވެ. އަދި ހިތްހަމަޖެހުމާއި އުފާތަކެއް ނުހޯދޭނެއެވެ. އެމީހަކު ރުއްސުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް އަޔާނާފަދަ ރާއްޖެތެރޭގެ ފަގީރުކުއްޖަކު މިހާ މުއްސަދި ޝާހީ ގެއެއްގައި އުޅެންވީމަ ކުރެވޭނެ އެންމެ ހިތި ތަޖުރިބާ އަޔާނާ ވަނީކޮށްފަ އެވެ.

އައިޒާން ގެއަށްވަންއިރު ސަމީނާ އާއި ހަމީދު ތިބީ މޭޒުދޮށުގައެވެ. މޭޒުމަތީގައި ކަޅު ސަޔާއި ބަޖިޔާ އަދިވެސް ދެ ތިންވައްތަރެއްގެ ހެދިކާ ހުއްޓެވެ. ސަބީން އޮތީ ތަރަފާލުމަތީގައި ސަޔާއި ހެދިކާތަށްޓެއް ބަހައްޓައިގެން ކަންނެތް ގޮތަކަށް އޮށޯވެލައިގެން ފައިން ޓީވީގެ ޗެނެލްތައް ބަދަލުކުރުމުގައެވެ. ސަބީންގެއެފަދަ ނުބައި އާދަތައް ހުއްޓުވަން ސަމީނާ ކިތަންމެ ވަރަކަށް ނަސޭހަތްދިނަސް ސަބީންގެ ކަންފަތަކަށް ވަންނަކަމަކަށް ނުވެއެވެ.އޭނައުޅެނީ ހިތަށް އެރިގޮތަކަށެވެ.
"ކިތައްފަހަރު ސަބީ ގާތުގައި ބުނާނީ ރިމޯޓުންނޭ ޗެނެލްތައް ބަދަލުކުރާނީ.. ފަޔަކުން ނޫނޭ.. ތި ހަލާކުވެއްޖެއްޔާ އާ ޓީވީއެއް ގަނެދޭނީ ކާކުތަ؟ ސިލްސިލާ ނުބެލެންޏާ މޮޔަވާނެ.." ސަމީނާ އަނގަ ފުރާ ބަޖިޔާއެއް ލައިގެން އިދެ ތަންކޮޅެއް ބާރަށް ބުންޏެވެ.
ސަބީންއަށް އަޑުއިވުނު ކަމަކަށް ނުވިއެވެ. ފާރުފަދަ ދިރުމެއްލައްވާފައިނުވާ އެއްޗަކާއި ވާހަކަދެއްކިޔަސް މާރަގަޅުކަން ނޭގެއެވެ.
"ތެދެއް.. މަންމަވެސް ނިކަން އުޅޭހިތްވާނެ އެއިން ދައްކާ ކަހަލަ ބޮޑުގެއެއްގައި.. ކަލޭމެންވެސް ނިކަން ފިލްމުކުޅޭ މަންޖެއަކާއި އިނދެގެން މަންމައަށް އެފަދަ ނަސީބެއް ހޯދަދީބަލަ.."މިދުވަސްކޮޅު ހަމީދުވެސް ދެކެނީ އެފަދަ ހުވަފެންތަކެވެ. ބޮޑުމުއްސަންޖަކަށްވުމެވެ. އައިމަންގެ ހޮޓަލަށް ވަނީއްސުރެ އޭނަގެ ހިތުން އެތަނުގެ ޝާހީކަމާއި ފިނިކަން އެއްފަހަރުވެސް ފިލައިގެނެއްނުދެއެވެ.ހުވަފެނުގައިވެސް ފެންނަނީ ރިޒޯޓްތަކާއި ހޮޓާތަކެވެ.
"ޒާން އާދޭ ސައިބޯން.." ސަމީނާ ސައިތަށްޓެއް އަޅާލަދީފައި ދޮށީ ދަރިފުޅަށް ބަލާލިއެވެ.
"ސައި ބޯކަށް ނޫން މިއައީ މަންމާ.. އަހަރެން ބޭނުން މިއަދު ވާހަކައެއް އަހަން.. އަހަރެންގެ ބައްޕައަކީ ކާކުތަ؟" އައިޒާން ބުމަ ކާރިކޮށްލަމުން ތަންކޮޅެއް މަޑުމައިތިރިގޮތަކަށް އަހާލިއިރު އޭނައަށް ހުރެވުނީ ތަންކޮޅެއް ބާރަށް މޭޒުކަނުގައި ހިފަހައްޓައިގެންނެވެ. ސަމީނާގެ އަނގަ ހުޅުވުނެވެ. ދެލޯ ބޮޑުވިއެވެ. ހަމީދު ހިނިގަޑެއް ޖަހާލައިފިއެވެ

ކޮމެންޓް 0