ޒިޔާމާ އޭނަގެ ލޯބިވާ ދަރިފުޅު ޒައިން އާއި މެދު ކަންތައްހިނގި ގޮތް ކިޔައިދިނުމުން ރަހީލާއަށް ވެސް އަސަރުކުރި އެވެ. އޭރު ޒިޔާމާ އެއްގޮތަކަށް ވެސް އެހާ ގިނަކުދިން ބޭނުމެއް ނުވެއެވެ. އޭނަ އުޅުނީ އެންމެ ދަރިއެއް ވެސް ނުބެލިގެންނެވެ. އޭނަ ބޯގޮވި ސަބަބަކީވެސް އެއީއެވެ. ނުވަ މަހަށް ލީތަނާހެން ޒިޔާމާގެ ބަނޑުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ގޭ މީހެއްގެ ގާތުގައި ނުބުނެ ހުރެފައި އޭނަ ހޮސްޕިޓަލަށް ދިޔައީ އެންމެނަށް ސިއްރުންނެވެ. ލޭބާ ރޫމަށް ފޯރީ ހަމަކިރިޔާއެވެ. ޒިޔާމާއަށް ދެކުދިން ލިބުނު ތަނާހެން ޖެހިގެންހުރި އެނދުގައި އޮތް މީހާވެސް ވިހައިފިއެވެ. އޭނަ ވިހޭކުއްޖާ އޮތީ މަރުވެފައެވެ. ޒިޔާމާ، އެވަގުތު އެތާ ތިބި ބޭރު ދެ ނަރުސްކުދިން ހައްލާލައިގެން ޒިޔާމާގެ ދަރިފުޅާއި އެމަރުވި ކުއްޖާ ބަދަލުކުރުވިއެވެ. 

މަރުވި ކުއްޖާގެ މަންމަ އިޢުތިރާޒެއް ނުކުރެއެވެ. އޭނަ އަށް ކޮންމެ ކަމެއްވެސް ވަރިހަމަހެން ޒިޔާމާއަށް ހީވިއެވެ. ނަރުސްކުދިން ހީކުރީ ކުއްޖާ މަރުވީމަ މަންމައަށް އަސަރުކޮށްފައި އޮތީކަމަށެވެ. އެކުދިން އެމީހާއާއި މެދު ހަމްދަރުދީ ވިއެވެ. ޒިޔާމާގެ ދަރިފުޅު އެމީހާއަށް ހަދިޔާކުރިކަން އެއީ އެކުދިން ދެކޭގޮތުގައި ޒިޔާމާގެ މާތްކަމެވެ. ޒިޔާމާގެ ޢާއިލާއަށް އާދެވުނުއިރު ޒިޔާމާ އޮތީ ވިހައިގެންނެވެ. ދެކުދިންކުރެ ކުޑަކުއްޖާ އޮތީ މަރުވެފައެވެ. އޭރު އަނެއް މީހާ، ޒިޔާމާގެ ހަގީގީ ދަރިފުޅާއިއެކު ލޭބާރޫމްއިން އެހެން ވޯޑަކަށް ބަދަލުކޮށްފިއެވެ. ޒިޔާމާގެ ގާތުގައި އާއިލާގެ މެމްބަރުން ތިބުމުގެ ސަބަބުން ނަރުސްކުދިން ކައިރިން އެމީހާގެ ޚަބަރު ބަލައިލާނެ ވަގުތެއް ނުވިއެވެ. ފަހުން އެނގުނީ އެއީ ރާއްޖެތެރޭގެ މީހެއްކަމާއި އޭނަ ހޮސްޕިޓަލުން ހިނގައްޖެކަމެވެ.

ފަންސަވީސް އަހަރުފަހުން ލޯބިވާ ދަރިފުޅު ފުރިހަމަ ޒުވާނެއްގެ ގޮތުގައި ހުރިތަންފެނުމުން މައިވަންތަކަން ހޭލައިގަތް ގޮތަށް އެ ހިތްވަނީ ދަރިފުޅަށްޓަކައި ލޯބިން ފުރިފައެވެ. ދަރިފުޅާއި ވަކިވެގެން އެންމެ ސިކުންތުކޮޅަކު ހުރުމަށް ވެސް މިހާރު އެހިތް ނޭދެއެވެ. އެކަމަކު އެ ހަގީގަތް ފަޅާއަރައިފިއްޔާ ފައިސަލްގެ ރުޅިވެރިކަމާއި އެއްވަރަށް ދަރިފުޅުގެ ހިތް ނުބައިވާނެ ކަމާއި މެދު ޒިޔާމާގެ ޝައްކެއްނެތެވެ. އެހެންވެ އޭނަ ވަގުތު ބޭނުމެވެ. ނަމަވެސް ދެން ދަރިފުޅު ލޮލުގެ ކުރިމަތިން ނުގެއްލޭފަދަ ގޮތަކަށެވެ.

"އެންމެ ރަގަޅު ޒިޔާ.. ތިކަމާ ހާސްނުވޭ.. އަހަރެން ބުނާގޮތަށް ހަދާ އިނގޭ.. އަހަރެން ފައިސަލްގާތު ބުނާނަން އަސްލު ޒިޔާމާ ވަރަށް ބަލި ގޯސްވީއޭ.. އެހެންވީމަ ކޮންމެގޮތެއް ހަދައިފަ ވެސް އައިޒާން ގެނެސް ތިގޭގައި ދުވަސްކޮޅަކަށް ބަހައްޓަދޭށޭ.. އަސްލު އައިޒާން ރެޔާންއާއި ވައްތަރު ގޮތެއް ހުރީމަ ޒިޔާމާއަށް ހީވަނީ ޒައިން ހެންނޭ... އެކަމަކު އަދި ފަރުޒާން އާއި ރެޔާން ގާތުގައި އެވާހަކަ ހިއްސާކުރާނެ ކަމެއްވެސް ނެތް... އެކުދިންނަށް ވެސް ޓައިމް ދޭންވާނެ... އެކުދިންގެ ކޮއްކޮއާއި އެކީގައި އެއް ގެއެއްގެ ތެރޭގައި އުޅެވުނީމަ އެކަކު އަނެކަކަށް ދަސްވެ ހިތުގައި ލޯތްބާއި ހަމްދަރުދީ އުފެދުނީމަ ދެން ހަގީގަތް ހާމަކުރާނީ.." ރަހީލާ ގެ ޕްލޭންއާއި ޒިޔާމާ އެއްބަސްވި އެވެ.

ޒިޔާމާގެ ސިކުނޑި ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިޔަސް ބައެއްފަހަރު ކޫސަނި ކަންތަކާއި ރުޅިގަދަވެ އެވެ. ޚާއްސަކޮށް "ޒައިން" އެ ނަން ހަދާންވިޔަސް ޖަޒުބާތީ ވެވެއެވެ. ނަފްސާނީ ކަންތަކަށް މަގުފަހިވަނީ އެބައިތައް މީހާގެ ކޮންޓްރޯލް ދަށުން ދާންފެށުމުންނެވެ. މިއަދު ހަވީރު ކޮފީހަދާފައިވަނީ ގޭގެ ބަގީޗާތެރޭގައެވެ. އެއްފަރާތުގައި ވަނީ ފިނިފެންމަލުގެ ބަގީޗާއެވެ. ފަތްތަކުގައި ވާރޭގެ ތިކިތައް ވިދަމުންދާއިރު އެހާ ހިތްގައިމެވެ. އުޑުގައި ދަތުރުކުރަމުންދާ އަޅި ވިލާކޮޅުތައް އެއްވަމުންދާތީ ކޮންމެ ވަގުތެއްގައިވެސް ވާރޭ ވެހިގެންފާނެހެން ހީވެއެވެ. ފަޒާގައިވަނީ ކޮފީ ގެ ދެވިހިފާ މީރުވަހެވެ. އެ އާއިލާގެ އެންމެން ކޮފީ ބޯންތިބިއިރު އީޝަލް އޮތީ ބޮޑާހާކާލާފައި ޕޫލްގައެވެ.

"ދަރިފުޅާ..މިހާ މޫސުން ސަކަރާތްއިރު މާގިނައިރުވަންދެން ޕޫލްގައި އޮތީމަ އަރިދަފުސް އަޅާފާނެ...ހެދުން ބަދަލުކޮށްލައިގެން ކޮފީ ބޯލަން އަންނަންވީނު.." ފައިސަލް ބުނުއްވިއެވެ. އޭނަ ފެންގަނޑުން އަރައިގެން އައިއިރު ލާފައިހުރި ސްޓްރައިޕް ސޯޓާއި ހުދު ޓޮޕްކޮޅުވަނީ ގައިގާ ތަތްލަވާފައެވެ. އީޝަލް ގޭތެރޭގައިވެސް މިހާ ކުރުހެދުންލައިގެން އުޅޭތީ ފައިސަލް ކިތަންމެ ފަހަރަކު ޒިޔާމާ ގާތުގައި އެކަން ހުއްޓުވަން އެދިލައްވައެވެ.
"ލައްބަ...."އީޝަލް އެހެން ބުނެލާފައިވެސް ގެއަށް ވަންނާކަށް ނޫޅުނެވެ. އޭނަ ހިނގައިގަތީ މާގަސްތަކާއި ދިމާލަށެވެ. އީޝަލް ކަތުރަކުން ފިނިފެންމާތައް ކޮށަން ފެށިތަން ފެނުމުން ޒިޔާމާ މޮޔަވާގޮތްވިއެވެ. ބޮއިބޮއި އިން ކޮފީތަށި މޭޒުމައްޗަށް ޖަހާލާފައި ޒިޔާމާ ދުއްވައިގަތެވެ.

"ނުލަފާކުއްޖާ.." ޒިޔާމާ ވައިރޯޅިއެއްހާ ބާރުމިނުގައި އައިގޮތަށް އީޝަލްގެ ގައިގާ ތަޅައިގަތެވެ. އީޝަލް އަޑުކޮޅަށް ރޮއިގަތެވެ. ފައިސަލްއާއި ފަރުޒާން އީޝަލްގެ ސަލާމަތަށް ދިޔައިރު އަޔާނާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ރެޔާން އިނީ ފެންކަޅިވެފައެވެ. ދެރަވެފައެވެ. މަންމަ އައިޒާންދެކެ އެވަރަށް ލޯބިވަނީ ޒައިން އާއި ވައްތަރުވީމަބާވައެވެ. މަންމަ މިހާރު އެ ހުދުފިނިފެންމާ ގަސްތަކާއިގެން އުޅޭވަރުންވެސް ރެޔާން ހުންނަނީ ހައިރާންވެފައެވެ. ހުރިހާވެސް މައްސަލައަކަށްވީ އައިޒާންއަށް އެ ފިނިފެންމާގަސްތައް ރީތިވީކަމެވެ. އެހެން ބުނިކަމެވެ. ޓެރެސްއިން އެހިސާބުގެ މަންޒަރުތައް ރީތިވީ ވަރެވެ. އެފަހުން މަންމަ އެމާތަކަށްވެސް ޖާނު ދެނީއެވެ. މަލެއްފަދައިން ގެންގުޅުނު އަންހެންދަރިފުޅުގެ ގައިތާ ތަޅައިގަންނަން ވެސް ފަހެއްނުޖެހުނެވެ. އޭނައަށް ވިސްނުނެވެ. މަންމަ އެއުޅެނީ އައިޒާން އިން "ޒައިން" ފެނިގެންނެވެ. ނަމަވެސް އޭނަގެ ހިތުގައި އައިޒާން އާއިމެދު ނަފްރަތު އުފެދެން ފަށައިފިއެވެ. ދުނިޔެ ދެކެވެސް އިންތިހާއަށް ފޫހިވެއްޖެއެވެ. މައިރާ ގެ ސަބަބުންނެވެ. މުއްސަނދިކަމާއި ޝާހީކަމާއި އެކު ދުނިޔެ މުށުތެރޭގައި ލެވިފައިވާއިރު ވެސް އޭނަގެ ޒުވާން ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މިއަށް ވުރެ މަރުވުންވެސް މާ ރަނގަޅެވެ.

ރެޔާން ކޮޓަރީގެ އެނދަށް ވެއްޓިގަތް ގޮތަށް އެނދުމަތީގައި އޮތް މެގަޒިންއެއް ނެގިއެވެ. ހުޅުވާލި ފުރަތަމަ ސަފުހާއިން ވެސް ލޮލުގައި އަޅައިގަތީ ހޮލީވުޑް ދެމަފިރިންނާއި ތުއްތު ދަރިފުޅެވެ. ފުށްގުޅައެއްހެން ހީވާ އެކުއްޖާ ފެނުމުން ރެޔާންއަށް އަތްޖައްސާލެވުނެވެ. އޭނައާއި މައިރާއަށް މިފަދަ އުފަލެއް ހިއްސާކުރެވޭނެ ނަމައެވެ. ތުއްތު ދަރިފުޅަކަށްޓަކައި ރެޔާންގެ ހިތުގައި ވިންދެއް ޖަހަންފެށިއެވެ. މައިރާއަށް ލިބެންއުޅޭ ދަރިފުޅުގެ ބައްޕައަކީ އޭނައަށް ވާނެ ނަމައެވެ. ރެޔާން ބަންޑުން އޮށޯވެލައިގެން އޮވެ ޚިޔާލުތައް ކުރަމުން ދިޔައިރު ބައެއްފަހަރު ހިތާމައިން ގޮސް ހިތް ގެނބިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ބޮކި ދިއްލާލަން ތެދުވާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އިރުއޮއްސި އަނދިރިވަމުން ގޮސް ކޮޓަރި އެކީއެކަށް ކަޅުވެގެން ދިޔައިރު ވެސް އޭނައޮތީ ހިރިނުލައެވެ. މި ކަޅު، އަނދިރިކަމާއި އޭނަގެ ތަބީއަތު ގުޅެއެވެ.

އޭރު އައިޒާންވެސް އިނީ ތޮށިގަނޑުކައިރީގަ އެވެ. ކަނޑާއި ދިމާއަށް ބަލަހައްޓައިގެން އިންއިރު އެއީވެސް ހިތާމައިގެ ސްޓެޗޫއެއް ފަދައެވެ. އޭނަގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ތެމިފައިވާ އެސްފިޔަތަކެވެ. ހިތްވަރުކުރަން އުޅުނަސް އައިޒާންގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް ފޮރުވަން އުނދަގޫވަމުން ދިޔައީއެވެ. ހީވަނީ ދުނިޔޭގެ އަނިޔާވެރި އަތްތަކުން އޭނަ ފިތާ ހުރިހާ ފަރާތަކުން ދަތިކުރަމުންދާހެންނެވެ.

ޖެހިގެން އައިދުވަހު އައިޒާން މައިރާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައެވެ. އޯޕީޑީގައި މީހުން ގިނަކަމުން ޑޮކްޓަރަށް ދެއްކުނީ ފުދޭވަރަކަށް ލަހުންނެވެ. ޖެހިޖެހިގެންހުރި ދެ ގޮނޑީގައި ތިބިއިރުވެސް ދެކުދިން ވާހަކައެއް ނުދައްކައެވެ. އެހެންމީހުންނަށް ވެސް އެދެމަފިރިންގެ ދޭތެރޭގައިވާ ނުތަނަވަސްކަން ދެނެގަނެވޭނެކަން ޔަގީނެވެ. ނަމަވެސް މީހުންނަށް އެކަން ފޮރުވަންވެސް ދެމީހުން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. މައިރާގެ ނަމްބަރު ޖެހުމުން ޑޮކްޓަރަށް ދައްކަންވަނީ ވެސް އެކަންޏެވެ. ދެމީހުން ހޮސްޕިޓަލުން ބޭރަށް ނުކުތްއިރު ވައިރޯޅިތައް ބާރުކަމުން އުދުހިދާނެހެން ހީވެއެވެ. ބޯވިލާތަކުން އުޑު ބައްދާލައިފައިވެ އެވެ. އައިޒާން ޓެކްސީއެއް ހޯދައިގެން ގެއަށް ދިޔަތަނާހެން ވާރޭ ވެހިގަތެވެ.
އެޕާޓްމެންޓްގެ ދޮރުހުރީ ހުޅުވައިފަ އެވެ. ބޭރުގައި އެކަކުވެސް ފެންނާކަށް ނެތެވެ. އައިޒާން ކަންބޮޑުވީ ކޮޓަރީގެ ދޮރުވެސް ހުޅުވާފައި ހުރުމުންނެވެ.

"މިތަނަށް ކޮންމެވެސް މީހަކު ވަދެފައި މިހިރީ.." ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އައިސްފައިވާހެންނެވެ. ވަގަކު މިތަނަށް ވަދެ ކޮންމެވެސް އެއްޗެއް ނުފެނިގެން ވަރަކަށް ހާވާލާފައި ހުރިކަން ވަގުތުން އެނގުނެވެ. އައިޒާންގެ ހިތް ތެޅިގަތެވެ. އަނެއްކާ ނީލާގެ ޑައިރީބާވައެވެ. އޭނައަށް ރެޔާން ދިން ފައިސާ ދަބަސް ބާވައެވެ. އައިޒާން އަވަހަށް އަލަމާރި ހުޅުވާލުމާއިއެކު ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނަގެ ދަބަހެއް ނެތެވެ.
"މިތަނުންވެސް ބައެއް އެއްޗެހި މަދު.. އަތުގައި އަޅާ ކެވެލިކޮޅު ވެސް ނެތް..." މައިރާ ޑްރެސިންޓޭބަލް މަތީގައި އެފުށްމިފުށަށް ޖަހައިފައި ހުރި ސާމާނު ތަރުތީބު ކުރަމުން ބުންޏެވެ. އައިޒާން ވަގުތުން އޭނަގެ މަންމަ ކޮޓަރީގައި ނިދާފައި އޮއްވާ ހޭލައްވައިގެން ގެނެސް އަހާލައިފިއެވެ. ސަމީނާ ބުނީ އޭނައަށް މިގެއަށް މީހަކު ވަންކަމެއް ނޭނގޭކަމަށެވެ. ސަމީނާ ރުޅިވެރިކަމާއިއެކު ބުނީ އެވާނީ ސަބީން ކަމަށެވެ. އައިޒާން އޭނަގެ ކޮއްކޮއާއި މެދު ޝައްކުކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ގޭގެ ޑަބަލް ތަޅުދަނޑިވާނީ ސަބީން އަތުގައެވެ. މިގެއަށް އެމީހަކު ވަނީ ދޮރު ހަލާކުކޮށްލާފައެއް ނޫނެވެ. އައިޒާން ފުލުހުންނަށް ގުޅިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އެމީހަކު ދެނެގަންނަން އައިޒާން ބޭނުމެވެ.

އައިޒާން އެންމެ ފިކުރުބޮޑުވީ މިގޭގެ ޚަރަދުތައް ބެލެހެއްޓޭނެ ގޮތެއް ނެތީމަ އެވެ. ވޮލެޓްގައިވާ ދެހާސްވަރަކަށް ރުފިޔާ ހުސްވީމަ ދެން އޭނަ ހަދާނެގޮތެއް ވިސްނުމަކަށް ނައެވެ. ރެޔާން ކިތަންމެ އިހުސާންތެރިވި ނަމަވެސް ދެވަނަ ފަހަރަށް ސަލާން ޖަހަން ދާކަށް ނުކެރޭނެއެވެ. އެހެންނޫނަސް އޭނައާއި ރެޔާންއާއި ދެމެދުވަނީ ނޭނގޭފަދަ މައްސަލަގަނޑެއް ޖެހިފައެވެ. އޭނަ ފުލުހުންނަށް ވެސް އެހާ އިތުބާރެއް ނުކުރެ އެވެ. އިތުބާރުކޮށް ޔަގީންކުރަނީ އެކަނި ހެއްދެވިފަރާތަށެވެ. ދެރަގޮތެއް މެދުވެރިކުރައްވާނީ ވެސް ކޮންމެވެސް ސަބަބަކާއި ހެދިކަމަށް އޭނަ ގަބޫލު ކުރިއެވެ.
ރޭގަނޑު ދިހައެއްޖަހައިފިއެވެ. ސަމީނާއާއި މައިރާ ވެސް ވީ ކޮޓަރީގަ އެވެ. ސަބީން ވެސް ހެނދުނު ދަތުރު ދިޔަގޮތަށް އަދި ގެއަކަށް ނާދެއެވެ. އައިޒާން ބޭރު ސޯފާއެއްގައި އެކަނިމާއެކަނި އިންއިރު އޭނަގެ މޫނު ހީވަނީ މޮޅިވެރިކަމުގެ ތަސްވީރެއްހެނެވެ. ބިއްލޫރި މޭޒަށް ދެފައި ލައިގެން އިންއިރު އިވެމުން ދަނީ ހަމައެކަނި ފަންކާގެ އަޑެވެ. މިރޭ އެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ކުއްލިއަކަށް އޭނަ އަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ބެލްޖެހި އަޑަށެވެ. އައިޒާން ދޮރު ނުހުޅުވަން އިނދެފައިވެސް ތެދުވި އެވެ.

ދޮރު ހުޅުވާލުމާއިއެކު އޭނަ ސިހުނެވެ. ދޮރުމަތީގައި ތިބީ އެއްގޮތަކަށް ވެސް މި ވިއްސާރަ ރޭ ދެކެފާނެކަމަށް ހީކުރި ބަޔެއްނޫނެވެ. ޑޮކްޓަ ފައިސަލް އާއި ފަރުޒާންއެވެ. އައިޒާން ގެ ސިކުނޑި ވަގުތުން ނުރައްކަލުގެ އިންޒާރުދިނެވެ. އެމީހުންނަކީ ޝާހީ މޮޅުމީހުންނެވެ. އޭނަގެ ގާތަށް އެއްޗެއް ބޭނުންވެގެނެއް ނާންނާނެއެވެ. އައިޒާން ގެ ހިތް ތެޅިލި އެވެ. ނަމަވެސް އޭނަ ފައިސަލްމެން ވަނުމަށް ތަންދެއްކި އެވެ. ސޯފާގައި އިށީންނަން އެދުނީވެސް އިހުތިރާމްއާއި އެކުގައެވެ.

"އެކްސިޑެންޓެއްވީތަ؟ "ފައިސަލްއަށް އައިޒާންގެ ބޮލާއި އަތް ބެންޑޭޖްކޮށްފައި ވާތަން ފެނުމުން އައްސަވާލެއްވިއެވެ. އެ މޫނުމަތިން އެވަގުތު އައިޒާންއަށް ބޮޑާކަމެއް ނުފެނުނެވެ. ވަރުގަދަ ޝަޚުސިއްޔަތެކެވެ. ސްމާޓްމީހެކެވެ. ޒިޔާމާ ފަދަ ރީތި އަންހެނަކާއި ގުޅޭފަދަ މީހެކެވެ. ހުރިހާ އެއްޗެއް ލިބިފައިވާ ބަޔަކު އޭނަފަދަ އާދައިގެ މީހެއްގެ ދިރިއުޅުމަށް ވަނުމުގެ ބޭނުމަކީ ކޮބާ ބާވައެވެ.

"ލައްބަ.." އައިޒާން ކުރު ޖަވާބެއް ދިނެވެ. ފަރުޒާން ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ފަދަ ގޮތަކަށެވެ. ބަސްމަދުކަމުން ތިމާގެ ރީތިކަމާއި މޮޅުކަން ތިމާއަށް ފެނިފައިހުރި މީހަކާއި އައިޒާންއަށް ވައްތަރުވިއެވެ. ނަމަވެސް ފަރުޒާން ބަލިމީހުންނާއި މެދު ކަންތައްކުރާ އޯގާތެރިކަން އައިޒާންވަނީ އެއްފަހަރު ތަޖުރިބާކޮށްފައެވެ. ޑޮކްޓަރެއްގެ ގޮތުން އެހެން ފަރާތެއް ދައްކުވަނީ ކަމަށް ވެދާނެ އެވެ.

"އަހަރެމެން މިގެއަށް އައީ އައިޒާން ގާތުން ކަމަކަށް އެދެން.. ހިލޭއެއް ނޫން.. ލާރިދީފައި... ރެޔާންގެ ވެސް އެކުވެރިއަކަށް ވެފައި މިހާރު ރެޔާންގެ މަންމައާއި ވެސް ދިމާވެފައިވާތީ.." ފައިސަލް އެހެން ބުނުއްވުމުން އައިޒާން ރަކިވި އެވެ. އަނގަޔަށް ގޮތެއް ހަދައިލި އެވެ. އައިޒާން އަށް ހީވީ އެހެން ގޮތެކެވެ. އެންމެން އޭނައާއި ޒިޔާމާ ގެ ދެމެދުގައި އިޝްގީ ލޯބި އޮތްކަމަށް ނިންމައިގެން އޭނަ ބަދުނާމުކުރަން އުޅެގަތީއެވެ. އޭނަކުރެން އަހާލުމެއް ވެސް ނެތިއެވެ.

"ޒިޔާމާ އުޅެނީ ބަލިކޮށް.. އަހަރެމެންނަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރޭން އެއްކުއްޖަކު އުފަންވުމާއިއެކުހެން ނިޔާވީ. އެކަމުގެ ސަބަބުން ޒިޔާމާ ހިތާމަ ކުރަމުން ގޮސް ނަފްސާނީ ބޮޑު ބައްޔަކަށް ވެފައި ވަނީ.. އޭނަ އަށް ރެޔާން އާއި ވައްތަރު ކުއްޖެއް ފެނުނީމަ ދެން ޒައިންކަމަށް ހަދައިގެން އިތުރަށް ސަކަރާތްވީ.. ޑޮކްޓަރު ބުނުއްވާ ގޮތުން ޒިޔާމާއަށް ރަނގަޅު ވާނީ ޒައިންކަމަށް ހަދާފައި އައިޒާން އެގޭގައި ބެހެއްޓީމަ.... އެހެންވެ އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދައިފަ ވެސް އަންހެނުން ރަނގަޅު ކުރަން.. އައިޒާން ކޮށްދޭންވީ ކަމަކީ މައިރާ ގޮވައިގެން ގޮސް ދުވަސްކޮޅަކަށް އަހަރެމެންގޭގައި އުޅެދޭންވީ..... ބޭނުން އަދަދަކަށް ފައިސާދެވިދާނެ.. މިއީ ވިޔަފާރިއެއް ކަމަށް ނިންމަމާ ދޯ...." ފައިސަލް ލާރީގެ ދަހިވެތިކަން އައިޒާންގެ ހިތަށް ވެއްދިއެވެ.

އައިޒާން ހުރީ ހިމޭނުންނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ބުމަގޮށް ޖެހިގެންދިޔައެވެ. ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. އޭނައަށް ހީވީ ފަރުޒާން ބަލަހައްޓައިގެން ހުރިގޮތުން އޭނަގެ ނިކަމެތިކަމަށް މަލާމާތް ކުރާހެނެވެ. އޭނައަށް އެވަގުތު އިހުސާސްކުރެވުނީ އަޅެއްފަދައިންނެވެ. މައިރާ ވެސް އޭނަގެ ނިކަމެތިކަމުގެ ފައިދާ ނެގީއެވެ. މިހާރު މިމީހުން މިއުޅެނީ އޭނަ ކޮންފަދަ ދަންތުރައެއްގައި ޖައްސަން ކަމެއް ވެސް ނޭނގެއެވެ. އައިޒާން ގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

"ނުވާނެ ތިކަމެއް... އަޅުގަނޑު ބޭނުމެއްނޫން ފައިސާއެއް... އަޅުގަނޑު ކިތަންމެ އާދައިގެ މީހެއްވިޔަސް އަގެއްވޭ.. ތިކަހަލަ ވިޔަފާރިކުރާކަށް ބޭނުމެއް ނޫން... ކޮންމެ މީހަކުވެސް އުޅެނީ މީހުންގެ ނިކަމެތިކަމުގެ ފައިދާ ނަގަން ވެގެން.. ތިކަމުގެ އަޑިއާއި މެދު ވެސް ޝައްކުވޭ... މި ނޫނަސް ރެޔާން އާއި ވައްތަރު މީހުން މާލޭގައި އުޅޭނެ... އެއިން މީހަކު ގޮސްދާނެ ތިޑްރާމާ ކުޅެން... އަޅުގަނޑަކީ އެކްޓަރެއް ނޫން... މިތަނުން ދެން ދުރުވޭ... ޕްލީޒް..." އައިޒާން ދަތްކުނޑި ވިކާލާފައި ވާހަކަދެއްކި ނަމަވެސް އެހާ އަދަބުކުޑަކޮށެއް ނުލައެވެ. ވާހަކަދެއްކީ ރީތިކޮށެވެ. ނަމަވެސް އޭނަގެ މޫނުވަނީ ރަތްވެފައެވެ. އައިޒާން ގޭގެ ދޮރުވެސް ހުޅުވާލައިފިއެވެ.

"އެކްޓްކުރަން ނޭނގުނަސް ޑްރާމާ ކުޅެދިންނަމަ ބްލޭންކް ޗެކްވެސް ލިބެންއޮތީ.. ދެން ތިހާ ގޮތްދައްކާލީމަ އަހަރެން ބަލާނަން ވަޒީފާ ލިބޭތޯ.. ބަލަ އާދައިގެ މެކޭނިކަކު ކޮންހާ ފޮންޏެއް ތިވަނީ؟ ރެޔާންގެ ރަނގަޅު ކަމުން ތިފެންވަރުގައި ވެސް ތިއުޅެވެނީ.. ހުރިހާ ކަމެއް އެނގެޔޭ... އަދި އަންނާނެ އާދޭސްކުރަން..." ފަރުޒާން އިންޒާރުދީފައި ދަމުން "ލޫޒާ" އޭ ކިއެވެ. ދަށްކޮށްލަންވެގެންނެވެ. މަލާމާތުގެ ނަޒަރަކާއިއެކީގައެވެ. ފައިސަލް އިތުރު އެއްޗެކޭ ބުނެނުލާ ބޭރަށް ނިކުންނެވުމުން އައިޒާން ދޮރަށް ލެނގިލިގޮތަށް ލޯމަރައި ބާރުކޮށްލައިފިއެވެ. ނިކަމެތިކަމާއި އެކު އަމިއްލަ ޙާލާއިގެން އުޅެވިދާނެއެވެ. ނަމަވެސް އޭނަގެ މަންމައާއި ކޮއްކޮ ބަލަހައްޓާނެ ގޮތެއް ނެތެވެ. އެދެމައިން މަގުމަތިވެދާނެ އެވެ. ލާރިއެއް ނެތި އޭނައަށް އުޅެވުނަސް މަންމަމެން ހާލުގައި ޖައްސާލާކަށް ނުކެރޭނެއެވެ. އޭނަ ބޭނުންވީ އެނިންމުން އަނބުރާ ގެންނާށެވެ. މުއްސަދިންގެ ނޯކަރެއްގެ ގޮތުގައި އުޅުން ނޫންގޮތެއް މިއަދަކުނެތެވެ. އެހެންނޫނަސް ޒިޔާމާގެ ދަރިއަކަށްވެގެން ލެވެންޑާ ކޮޓެޖްގައި އުޅުމަކީ އުނދަގޫ ވަޒީފާއެއް ނޫނެވެ. އެއީ އަޅުވެތި ކަމެއް ވެސް ނޫނެވެ. ދަރިއެއް ފަދައިން އުޅެންވީއެވެ. މީރުކޮށް ކައިގެން ޢިއްޒަތުގައި އުޅެވިދާނެއެވެ. އެކަމުގެ ބަދަލުގައި އޭނަ ބޭނުން ވަރަކަށް ފައިސާ ލިބިދާނެއެވެ. މަންމައެއް ފަދަ އަންހެނަކަށްޓަކައި އެވަރުކަމެއް ކޮށްދިނުމުން ލިބޭނީ ސަވާބެވެ. ނަމަވެސް އެވަގުތު އާދެވުނު ރުޅިއަކުން ނޫނެކޭ ބުނެވިއްޖެ އެވެ.

އައިޒާން އަށް އޭނަގެ ނަސީބު އޭނައާއި ކުރަމުން ދަނީ ކޮންފަދަ ސަމާސާއެއް ކަން އެނގުނު ނަމައެވެ. ޒިޔާމާ އާއި އޭނަގެ ހަގީގީ ގުޅުން އެނގުނު ނަމައެވެ. އެހެން ނޫން ނަމަ ދުވަސްކޮޅަކަށް ނަމަވެސް ޑްރާމާއެއް ކުޅޭކަށް ނުޖެހުނީހެވެ.
އައިޒާން ވިސްނުމަށްފަހު ނިންމީ ޒިޔާމާގެ ޙައްގުގައި އެގެއަށް ދިއުމަށެވެ. އޭނަ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުމެއް ނޫނެވެ. ފަރުޒާންމެން އޭނައަކީ އާދައިގެ މެކޭނިކެއް ކަމަށް ހީކުރިޔަސް އޭނަވަނީ އައިޓީއިން ފުދޭވަރަކަށް މައްޗަށް ކިޔަވާފައެވެ. އަމިއްލައަށް ކިތަންމެ އެއްޗެއް އުނގެނި ދަސްކޮށްފައެވެ. އެގޭގައި ހުރެގެންވެސް އޭނަ ސޮފްޓްވެއާ ހެދުން ފަދަ މަސައްކަތް ކޮށްގެން ލާރި ހޯދާފައި އަގު އަދާކުރެވިދާނެ އެވެ. ރެޔާންގެ އަތުން ނެގި ދަރަނި ވެސް އަދާކުރާނެ އެވެ. ވީއިރު އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ އެވެ. ހެނދުނު ފަތިހާ ތެދުވެގެން ގޮސް އައިޒާން މައިރާ ގާތުގައި ޒިޔާމާގެ ވާހަކަތައް ކިޔާދިނެވެ.
"އަހަރެން ނުދާނަން ލެވެންޑާ ކޮޓެޖަކަށް..." މައިރާ ވަގުތުން ދެކޮޅު ހެދިއެވެ.

ކޮމެންޓް 0