ނޭވާވެސް ހިނދުކޮޅަކަށް އެތެރެހަށީގައި ތާށިވީ ފަދަ އިހުސާސެއްކުރެވުނެވެ. ރެޔާންއަށް ބޭ އިޚުތިޔާރުގައި މޭގައި ފިރުމާލެވުނެވެ. ނަމަވެސް ހިތުގައި ރިހެމުން ދިޔައީ މާބޮޑަށެވެ.
"ފޯނު މިއޮތީ ސައިލެންޓަށް ލެވިފައި... މާމަ ވަރަށް ސީރިޔަސްތަ؟" ރެޔާން މަޑުމައިތިރިކޮށް އަހާލައިފިއެވެ. އޭނަ އިރުކޮޅަކަށް ފަރުޒާން އާއި ހަތަރުކަޅި ހަމަކުރުމަށްފަހު ދާން ހިނގައިގަތީ ހުވަފެނެއްގައިވާ މީހަކު ފަދައިންނެވެ. ރެޔާންގެ އަޑުގައިވި އިންތިހާ ދަރަޖައިގެ ވޭން ފަރުޒާންއަށް އިހުސާސްކުރެވުނެވެ. އަނދިރީގެތެރޭން ވެސް އެ ލޮލުގައިވާ ރިހުން ފަރުޒާންގެ ހިތަށްވެސް ތީރުތަކެއް ފަދައިން ހެރުނެވެ. އޭނައަށް ވެވޭނެނަމަ ހުރި އެންމެ ކޮއްކޮއަށް ދުނިޔޭގައި ލެއްވިހާ އުފާތައް ހޯދަދޭނެއެވެ. ނަމަވެސް ތަޤުދީރަކާއި އިންސާނަކަށް ނުކުޅެވޭނެއެވެ. ރެޔާން ފަދަ ޒުވާނަކަށް އޭނަގެ ލޯބި ގެއްލިގެން ދިޔުން އެއީވެސް ފިލާވަޅެކެވެ. ކިތަންމެ ރީއްޗަސް މޮޅަސް އިލާހީ ޤާނޫނުގެ ގިއުގަނޑުތެރޭގައި ދަތުރު ކުރަންޖެހޭނީ ވަކި ހަމައަކުންނެވެ. މޮޅު މީހާއަށް ހުރިހާ އެއްޗެއް ލިބިދޭ އުސޫލެއް އެ ޤާނޫނަކު ނެތެވެ. އެހެން ނޫންނަމަ ރެޔާން ބަލިކޮށްލުމަކީ އައިޒާންއަށް ވެވޭނެ ކަމެއް ކަމަކަށް ފަރުޒާން ނުދެކެއެވެ.
"އެހާ ގޯހެއް ނޫން.."ފަރުޒާން ރެޔާންއާއި އެއްހަމައިގާ ހުރެގެން ހިނގާފައި ދިޔައެވެ. ސުލްތާނާގެ ހާލަތު ކޮންމެވެސް ވަރަކަށް ކިޔާދެމުން، ސިޑިން ފައިބައިގެން ތިރިއަށް އައެވެ. އެ ފުޅާ، ދިގު ކޮރިޑޯގައި ވާ ބޮކިތަކުގެ އަލިވަނީ ފަނޑުކޮށެވެ. ދެފަރާތުގައިވާ ބޮޑެތި މާ ވަށިތަކާއި ބޯ ދޫލައިގެ ސަބަބުން ޝާހީކޮށް ދައްކުވައި ދެއެވެ. ބޮޑެތި ތަނބުތަކެވެ. ބިއްތަކުގައިވަނީ މޮޅު ކުރެހުންތަކެވެ. ދޮރުތައް ފަރުމާކުރެވިފައިވާލެއް ފުރިހަމަކަމުން ހައިރާންވާހާވެއެވެ. ކޮންމެ ތަނަކުން ދައްކުވައިދެނީ އެތަން ފަރުމާ ކުރި މީހުންގެ ހުނަރުވެރިކަމެވެ. 
"މައިރާ ކަންތައްކުރިގޮތުން ބޮޑުދައްތައަށް އެހާ އަސަރުކުރީ... ސިއްރުން އެންމެނަށް ފިލައިގެން ދުރު ތަނަކަށް ހިލޭ ފިރިހެނަކާއިއެކު ދިޔައިރުވެސް އެގޭ މީހުންނަކަށް ރޭކާނުލި.. ކުޅަދާނަ ކުއްޖެއް.. މައިރާ ޝަމާއަށް މެސެޖް ކުރީމަ އެނގުނީވެސް އެމީހުން ތިބީ އިންޑިއާގެ ކޮޗިންގައިކަން.."ފަރުޒާން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ. އޭނަ ހީކުރީ މައިރާ ރެޔާން ގާތުގައި ހުރިހާ ވާހަކަތަކެއް ކިޔާދޭނެ ކަމަށެވެ.
"އައުޗް.." ރެޔާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ފަރުޒާން އާއި ދިމާލަށް އެނބުރުނު އިރު މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފެނުނެވެ. އޭރު ދެބެންނަށް ވެސް ތިބެވުނީ ބޮޑު ކޮޓަރިތެރޭގަ އެވެ.
"ކިހިނެއްވީތަ.."ރެޔާންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ފަރުޒާން ނުތަނަވަސްވި އެވެ.
"މައިރާ އެކުރީ ކީއްތަ... ގަބޫލެއްވެސް ނުކުރެވޭ... ހިތަކަށްވެސް ނާރާ އެހެން ހަދާފާނެއޭ... މައިރާ ހަމަ ފިލައިގެން ދިޔައީތަ؟" ރެޔާންގެ ސިކުނޑީގައި ރަތް ބޮކިތައް ދިއްލެމުން ދިޔައެވެ.
"ހޫމް..އޭނަ ފިލައިގެން ގޮސް މެރީ ކުރީ..ޝަމާއަށް މައިރާ މެސެޖް ކުރީމަ،ޝަމާ އެ ވާހަކަ އޭނަގެ ބައްޕަގާތު ކިޔާދިން އަޑު ބޮޑުދައްތައަށް އިވުނީމަ ވަގުތުން ސަކަރާތްވީ... ރެޔާން... މައިރާއަކީ ރަގަޅު ކުއްޖަކަށްވިނަމަ ނުވިސްނާ އެހާ ބޮޑު ކަމެއް ނުނިންމާނެ ދޯ.. މައިރާގެ މަންމަމެވެސް ކަންތައްކުރީ އެކަހަލަގޮތަކަށޯ ބޮޑުދައްތަބުނީ.. އައިޒާން ކަހަލަ ތާކުންތާކު ނުޖެހޭ ފިރިހެނަކާއި މައިރާ އިނީ ސިހުރު ހަދައިގެންނޭ ވެސް ދައްތަ ބުނި... އައިމަން ބޭބެ ހުންނެވީ މައިރާދެކެ ވަރަކަށް ރުޅިދުރުވެފައި.. ތިމަންނަގެ މައިރާ ކިޔާ ދަރިއެއް ނުހުރެއޭ ބުނީ.. އަސްލުވެސް މައިރާ އެންމެންގެ އުއްމީދުތައް ފެނަށް ހަދާލާފައި އެދިޔައީ.. ރެޔާން އާއި މެރީކުރަން އެއްބަސްވެ، ހުރިހާކަމެއް ހަމަޖެހިފައި ވަނިކޮށް އެގޮތަށް ކަންތައްކުރާނީ ދެން ވަރަށް ގޮތެއް ނެތްކުއްޖަކަށްވީމަ.. ރެޔާން މައިރާގެ މަތިން ހަދާން ނައްތާލާ.."ފަރުޒާން ރެޔާންގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ. ރެޔާންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ނަމަވެސް އެ ސިކުނޑީގައި ތޫފާނެއް އުފެދުނެވެ.
"އައިޒާން.. އައި ވިލް ކިލް ޔޫ.." ރެޔާން ކުއްލިއަކަށް ރުޅިގަދަވި ވަރުން ހަމައިން ނެއްޓުނެވެ. ބިއްލޫރި މޭޒުމަތީގައި ހުރި ކްރިސްޓަލް ވާސްއާއި އެކީގައި ފައިން ޖަހާ ވިއްސާލައިފި އެވެ. ހީވީ އެތަނުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނުހެނެވެ. ވަރުގަދަ އަޑުފަށްގަނޑަކާއިއެކު އެ ރީތި މޭޒު ތެޅި ތަޅުންމައްޗަށް ބިއްލޫރިކޮޅުތައް ވިހުރުވިގެން ދިޔައެވެ. ރެޔާންގެ ހިތްފަދައިން މިލިއަން އެތިކޮޅުތަކަށެވެ.
"ކާމް ޑައުން... ރެޔާން.." ފަރުޒާން ރެޔާންގެ ގައިގާ ހިފަހައްޓަން އުޅުނެވެ.
"ޝަޓަޕް..އަހަރެން ހަދަންވީ ގޮތެއް ބުނެދޭކަށް ނުޖެހޭނެ.. ލީވް މީ އެލޯން.. އޯކޭ..." ރެޔާން ހަޅޭއްލަވައިގަނެފައި ފަރުޒާންވެސް ފޮޅުވާލާފައި ބާރުބާރަށް ނުކުމެގެން ހިނގައިގަތީ ކާރު ޕާކްކޮށްފައިވާ ދިމާލަށެވެ. ފަރުޒާން ހަދަންވީ ގޮތެއް ނޭނގި އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެފައި ރެޔާންގެ ފަހަތުން ދުއްވައިގަތެވެ. އޭނަގެ ކޮއްކޮ ރުޅީގައި ކޮންމެފަދަކަމެއް ވެސް ކޮށްލަފާނެއެވެ. ރެޔާން އެހާ ބާރަށް ގޮސްފައި، ކާރުގެ ދޮރުފަތް ހުޅުވާލަން އުޅުނުއިރު ތަޅުދަނޑި އަތުގައި ނެތްކަން ރޭކާލިއެވެ. ރެޔާން ކާރުގެ މަތީގައި އަތްމުއްކަވާފައި ޖެހިއެވެ.
"ރެޔާން... ރުޅިއަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން... ދޮންބެއަށް އެނގޭ ކޮއްކޮ ދެރަވާނެވަރު... އެކަމަކު... ތަންތަން ހަލާކު ކުރިޔަސް އަމިއްލަ ނަފުސަށް ގެއްލުން ދިނަސް ވާނެ ފައިދާއެއްނެތް..."ފަރުޒާން ރެޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން އޯގާތެރި ގޮތަކަށް ބުންޏެވެ. ރެޔާންގެ ރުޅިވެރިކަން ސިކުންތުކޮޅެއްގެ ތެރޭގައި ކެތްނުކުރެވޭފަދަ ހިތާމައަކަށް ވެގެންދިޔައެވެ. ހިތަށް ހީވީ އެތައް ކަށިތަކެއް ހަރާލެވުނުހެންނެވެ. ހުރިހާ ލޭ ނާރުތަކެއް ބުރިބުރިވެގެން ދިޔަހެން ހީވިއެވެ. ދުނިޔެ ކުނޑިކުނޑިވެގެން ދިޔައެވެ. ހިތަށް ލިބުނު ކެތް ނުކުރެވޭފަދަ ހިތާމައިގެ ސަބަބުން އެނަގެ ހިތްވަރާއި އަޒުމް ވަގުތުން ފެނަށް ވެގެން ހިނގައްޖެއެވެ. ރެޔާންއަށް ރޮވިއްޖެއެވެ. އޭނަގެ ދޮންބެގެ ކޮނޑުގައި ބޯ އަޅާލެވުނުގޮތަށް ކުޑަކުއްޖެއްފަދައިން ރޯން ފެށުމުން ފަރުޒާންގެ ހިތްވެސް ހަލާކުވިއެވެ. ލޯބިވާ ކޮއްކޮއަށްޓަކައި ހިތް ރަޙުމުން ފުރުނެވެ. އައިޒާންގެ ދިރިއުޅުން ނަރަކައަކަށް ހަދާލަން އޭނަ ބޭނުންވިއެވެ.
އެމަންޒަރު ދެކެން ތަންކޮޅެއް ދުރުގައި ޒިޔާމާ ރޮއިރޮއި ހުއްޓެވެ. އޭނަގެ ދަރިފުޅުގެ އުފާތަކުގައި ހުޅުޖެހި މީހާއަށް އޭނަގެ ހިތް ދުވަހަކުވެސް ހެވެއް ނުވާނެ އެވެ. ހިތުން ކުރެވެމުން ދިޔައީ މުޅިންވެސް ބަދު ދުޢާއެވެ. އެމީހެއްގެ ދިރިއުޅުން ވޭނާއި ހިތްދަތިކަމުގައި ނިމިގެން ދިއުމަށް އެދެވުނެވެ. ދުވަހަކުވެސް އެ ނުބައި މީހާއަށް އުފަލެއް ނުދެއްވުމަށް އެދި ދުޢާކުރެވުނެވެ. ނުބައި ދަތިގޮތަކަށް މަރުވާންޖެހޭ މީހެކެވެ. ޒިޔާމާގެ ހިތުގައި ނުދަންނަ މީހަކާއިމެދު މިހާ ވަރުގަދަ ނަފްރަތެއް އުފެދުނު ކަމެއް ނޭގެއެވެ. ޒިޔާމާ ބޭނުންވަނީ އެމީހާއާއި ބައްދަލުކޮށްފައި ހިތުގައިވާހާ އެއްޗެއް ބަންޑުންކޮށްލުމަށެވެ. ނަމަވެސް އަދި އިންތިޒާރު ކުރަންޖެހޭނެއެވެ. އެމީހަކު ވީ އަތްފޯރާހިސާބަށް ވުރެ ދުރުގައެވެ. މާލޭގައި ހުރިނަމަ ޒިޔާމާ ވަގުތުން އެމީހެއްގެ ގާތަށް ދިޔައީހެވެ. ދެން އޮތީ އިންތިޒާރު ކުރުމެވެ. އެމީހަކު މާލެ އަންނަންދެން އޭނަ ގަޑީގެ ކަށިތައް ގުނާނެއެވެ.

އައިޒާންއަށް އެންމެންގެ ދުޢާ އާއި ހިތްހަމަނުޖެހުމުގެ އަސަރުތައްކުރީކަން ނޭގެއެވެ. ކައިވެންޏަށްފަހު އެލިބުނު ހިތްހަމަޖެހުންވެސް އިރުކޮޅަކުން ނެތިގެން ހިގައްޖެއެވެ. ހިތް ނުތަނަވަސްވިއެވެ. އުނދަގޫ ޚިޔާލުތަކުން ސިކުނޑި ފުނިޖެހުނެވެ. ހަނީ މޫނަށް "މުނާރު" ކިޔާ ފަރުބަދަމަތީގެ ހިތްގައިމު ޓައުންއަށް ދާންވެގެން ކާރަށް އެރިގޮތަށް މައިރާ ވަރުބަލިވެފައިވާތީ ނިދާލައިފި އެވެ. އައިޒާންވެސް ސީޓުގައި ބުރަކަށި ޖައްސާލައިގެން އިރުކޮޅެއްވާންދެން މައިރާގެ މޫނަށް ބަލަހައްޓައިގެން ދެރަވެފައި އިނެވެ. އަމިއްލަ އަންހެނުން ކަމަށްވުމަށްފަހުގައިވެސް އަމިއްލަވަންތަކަމެއް އިހުސާސެއް ނުކުރެވުނެވެ. މައިރާއަކީ ދުރުހިލޭ މީހެއް ކަމަށް ހީކުރެވެންވީ ސަބަބެއް އައިޒާންއަކަށް ނުވިސްނުނެވެ. ޔަގީނުންވެސް އަނބިފިރިކަމުގެ ގުޅުމުގައި ޖާދުލެއް ހުންނަންވާނެއެވެ. އައިޒާންއަށް އެފަދަ އެއްވެސް އިހުސާސްތަކެއް ނުކުރެވެއެވެ. އައިޒާން މައިރާއަށް އެހެން ބަލަހައްޓައިގެން އިންދާ ލޯ މެރުނެވެ. އެވަގުތު ފެންނަންފެށީ އުނދަގޫ ދެނިވި ހުވަފެނެކެވެ. ބޮލުގެތެރޭގައި ހަނގުރާމައެއްކުރެވުނުހެން ހީވިއެވެ. އައިޒާން ކުއްލިއަކަށް ހަޅޭއްލަވައިގެންފާ ހޭލައިފި އެވެ.
"ޒާން...ކިހިނެއްވީތަ؟" މައިރާ ދެލޯ ބޮޑުކޮށްލައިގެންއިންއިރު މައުސޫމްކަން ދައްކުވާދެ އެވެ.
"ހުވަފެނެއް ފެނުނީ.. އެކަމަކު.... ނޭގުނު އެވީގޮތެއް.. ބިރުވެރި ހުވަފެނެއް ކަމަށް ވާނީ..." އައިޒާން ދޮރުފަތުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލަމުން ބޭރަށް ބަލަން ފެށި އެވެ. އަދި ފެންނަނީ ކޮޗިންގެ އިމާރާތްތަކެވެ. މަންޒަރުތައް ރީތިވާން ފަށާނީ ރަށްބޭރަށް ދެވި ފަރުބަދަމަތީގެ މަގުތަކަށް ނުކުމެވުމުންނެވެ.
"ޒާން ބިއްލޫރިތައް ތިރިކޮށްލަދީފާނަންތަ؟ ވަރަށް އުދަގޫވޭ..." މައިރާ އޮރެންޖް ތޮށިކޮޅެއް ނޭފަތުގައި ޖައްސައިގެން އިންއިރު އިނގުރުކޮޅެއްކަމުން ދިޔައެވެ. ބޭސްކައިގެން އިންއިރުވެސް މޭ ނުބައިކުރާގޮތްވި އެވެ. އެ އުނދަގޫތަކުގެ ސަބަބުން މައިރާއަށް މިދަތުރު މަޖަލެއް ނޫނެވެ. އެހެންނޫނަސް އައިޒާން ވެސް އިނީ މޫޑީވެފައެވެ. ބަސްމަދެވެ. އައިޒާން ބިއްލޫރިތައް ތިރިކޮށްލާފައި މިރިންޑާ ފުޅިއެއް ބޯން ފަށައިފިއެވެ. އައިޒާން އެހާ ސީރިޔަސްވެފައި އިނުމުން މައިރާ ވަކިން ބޮޑަށް ރެޔާން މަތިން ހަނދާންވި އެވެ. ރެޔާންގެ ސީރިޔަސް ކަމާއި ފިރިހެންވަންތަކަން އައިޒާންގެ މޫނުމަތިން ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.

ޑްރައިވަރު ކޮށި އިނގިރޭސިބަހުން އައިޒާން އާއި އަނގަތަޅުވަން ފެށިއެވެ. އެއީ ވަރަށް ފިލްމީ މީހެކެވެ. ބޮލީވުޑް ތަރިންގެ ފޭންއެކެވެ. ވަރަށް ފޯރިއާއިއެކު ހިންދީ ތަރިންގެ ޚަބަރުތައް ކިޔާދެމުން ދިޔައިރު އައިޒާން އެހާ ގަޔާނުވިޔަސް އެމީހާގެ ވާހަކަތަކާއި ބައިވެރިވިއެވެ. މައިރާވެސް ދޭތެރެއަކުން އައިޒާން ގާތު އެއްޗެކޭ ބުނެލައެވެ. އެންމެ ފަހުން މަންޒަރުތައް ޙައިރާންވާހާ ދަރަޖައަށް ޗާލުވެ،ރީތި ތަސްވީރުތަކެއް ފަދައިން ފެންނަން ފެށިއެވެ. މައިރާ މޮބައިލް އިން ވީޑިއޯކުރަން ފެށި އެވެ.
"ވާއު.. ވޯޓަފޯލްއެއް... ޒާން ކާރު މަޑުކުރުވަދީބަލަ..."މައިރާ އެދުނެވެ. އެހެންނޫނަސް އޭނަ ހީވަނީ ހޮޑުލެވިދާނެހެނެވެ.ފަހަރެއްގައި މިފަދަ ތަނެއްގެ ތާޒާ ވަޔާއި މާހައުލުގެ ސަބަބުން ސިކުނޑީގައިވާ ބަރުކަން ފިލައިގެންގޮސްދާނެ އެވެ.
"އޯކޭ ޕްރިންސެސް... ހަމަ ބުނާހާ ގޮތަކަށް ކަންތައްކޮށްދޭން މި ސާވަންޓް މިހިރީ..." އައިޒާން އެހެން ބުނެލީ ކޮން މާނައެއްގައި ކަމެއް މައިރާއަކަށް ނޭގުނަސް އެ ޖުމްލައިން އުނދަގޫވި އެވެ. ދެރަވެސްވިއެވެ. އަނެއްކާ އައިޒާން އޭނައާއި މައިރާގެ ޢާއިލާގެ ފަރަޤަށް ބަލާފައި ބުނި އެއްޗެއް ހެއްޔެވެ؟ ނޫނީ ލޯބިވާވަރުން އެހެން ބުނެލީބާވައެވެ. މައިރާ ކުޑައިރުކޮޅެއްވާންދެން ބަލަހައްޓައިގެން އިނެވެ. ހިމޭން ބަސްމޮށުމުން ވެސް ބައެއްފަހަރު އެކަކު ވިސްނާގޮތް އަނެކަކަށް ދޭހަވެއެވެ. އައިޒާން އެއްބުމަ އަރުވާލިއެވެ. މައިރާ ހަމަ ސިއްސައިގެން ދިޔައެވެ. ރެޔާން އާއި ތަފާތެއްނެތް އާދައެކެވެ. މައިރާ ޕްލާސްޓިކް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ. އެއާއިއެކު ހާސްވެފައި ހުރިވަރުން ކާރުން ފައިބައިގެން މަގު ހުރަސްކުރަން ހިނގައިގަތީ ވިސްނާލުމަކާއި ނުލައެވެ.
"ލުކްއައުޓް..." އައިޒާން ތަންކޮޅެއް ބާރަށް އެހެން ބުނެލަމުން މައިރާގެ އަތުގައި ހިފާ ގާތަށް ދަމައިނުގަތްނަމަ އެހެންލާފައި ބާރަށް ހުރަސްކުރި ވޭނެއްގެ ފުރޮޅުދަށުގައި މައިރާވީހެވެ. އެ ވޭނުގައި ތިބި މީހުންގެ އަނގައިންވެސް ހަޅޭކެއްގެ އަޑު ނުކުތެވެ. އަދި ޑްރައިވަރު ވޭނުން މައިރާގެ ގައިގާ ނުޖައްސަން ކަތިކޮށްލިގޮތުން ކަހާލައިގެން ނުދިޔައީ ކިރިޔާއެވެ. ހަގީގަތުގައިވެސް ބަލަންތިބި މީހުންގެ މޭގަނޑު އަނގަޔަށް އަންނަވަރުގެ ވަގުތުކޮޅެކެވެ. އެ ހާދިސާ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ފިލްމީ މަންޒަރެއް ފަދައިންނެވެ.
އައިޒާން މައިރާ ގާތަށް ދަމައިގަތްގޮތަށް އައިޒާންގެ އަތުތެރޭގައި އިރުކޮޅަކު ހުރެވުނެވެ. އެ ގާތްކަމުން އައިޒާންގެ ހިތުގައި ހައިޖާނުތަކެއް ހިނގައިގަތްއިރު މައިރާ ހުރީ ބިރުގެންފައެވެ.
"މޭއި ..މިއީ ހައިވޭއެކޭ... ބަލައިގެން އުޅެބަލަ ނިކަން.." އައިޒާންއަށް އެހެން ބުނެވުނީ ތަންކޮޅެއް ހިތްހަމަނުޖެހިފައިހުރެއެވެ. އައިޒާން މައިރާގެ އަތުގައި ހިފަހައްޓައިގެން ހުރެ މަގު ހުރަސްކުރިއެވެ. އައިޒާން މައިރާގެ އަތުން ދޫކޮށްލީ ހިތާއި ދެކޮޅަށެވެ. އެ މަޑު ފުށްކޮޅެއްފަދަ އަތުގައި ހިފާލުމުން ނާރުތަކުގައި ހަލަބޮލި ކަމެއް އުފެދުނު ގޮތަށް އަދިވެސް ހިމޭނެއް ނުވެއެވެ.
"ސާބަސް ޒާން... އަހަރެންނަކީ ކުޑަކުއްޖެއް ނޫނޭ..މިތަން ރީތިކަމުން މިހުރެވުނީ ހައިވޭއެއްގައި ކަން ހަދާންނެތުނީ.. މިތާގައި ސްނޭކް އުޅޭނެތަ؟ "މައިރާ އެންމެ ބިރުގަންނަ އެކައްޗަކީ ހަރުފައެވެ. ކުޑައިރު ޓީވީއިން ހަރުފައެއް ފެނުނަސް މައިރާ ބިރުން ރޮއިގަނެއެވެ.
"ހިޔެއްނުވޭ... އެހެންނޫނަސް އަހަރެން ހުއްޓާ ސްނޭކްއަކަށް ވެސް މޭއިއަކާއި ކާރިވާކަށް ނުކެރޭނެ.."އައިޒާން ބުނެލި ގޮތުން މައިރާ ސިހުނެވެ. މިފަހަރުވެސް ހަނދާންވީ ރެޔާން ބުނާ ޖުމްލަތަކެވެ. މައިރާ ހީލުމަކުން ފުއްދާލިއިރު އޭނަގެ ހިތް ތެޅުނެވެ. އޭރު ފަޒާގައި މިޔުޒިކެއް ފަދައިން ގުގުމާލާފައިވަނީ ފައްވާރާއިން ފެންފައިބަމުންދާ ހިތްގައިމު އަޑެވެ. ކަންފަތަށް މާމުއި ވިރުވާއަޅަމުންދާފަދަ އެވެ. މައިރާ ހިލަތަކުގެ މަތިން ފޭބީ ފުދޭވަރަކަށް ބަލާލައިގެންނެވެ. ވަކި ހިސާބަކަށް ދެވުމުން ވިއްސައިގެން އަންނަ ފެންތިކިތައް އޭނަގެ މޫނަށް ބުރަން ފެށުމުން މައިރާގެ ސިކުނޑި ތާޒާވިއެވެ. ހިނިތުންވެލެވުނެވެ. އޭނަ ވަރަށް ފޯރިއާއި ޖޯޝާއެކީގައި ފޮޓޯތައް މޮބައިލްގައި ރައްކާކުރަމުން ދިޔައެވެ. އައިޒާން މައިރާ ގެގާތުގައި ހުރިއިރު މައިރާ އަޅާ ކޮންމެ ފިޔަވަޅަކާއިމެދު އޭނަ ސަމާލުވިއެވެ. މައިރާއަށް ކުޑަ ކުޑަ ގެއްލުމެއްވާކަށްވެސް އެހިތް ނޭދެއެވެ. އެކަން މައިރާއަށް އެގޭނެ ނަމައެވެ. އޭނަ ލޯބިވާވަރާއި އަޅާލާވަރު އަންދާޒާކުރެވޭނެ ނަމައެވެ. ފެން ފައްވާރާއަށް ފަހުން ދެން ފެނުނު މަންޒަރުތައް އެއަށް ވުރެ ފުރިހަމައެވެ. ފެހިވާދީތަކުގެ ސިލްސިލާތަކާއި ސައިފަތް ދަނޑުތަކެވެ. ކޮންމެވެސް ހިސާބަކުން ރަތްކުލައިގެ ގަސްތަކެއް ފެނުނެވެ. ޚަރީފުގެ ރީތި ދަޅައެކެވެ. ބޯގަސްތަކުން ފުރިފައިވާ ޖަންގަލިތަކާއި ކޯރުތަކެވެ. ދޭތެރެއަކުން މައިރާ ކާރު މަޑުކުރުވާފައި އެ ރީތި މަންޒަރުތައް ފޮޓޯނެގިއެވެ. އެންމެފަހުން "މުނާރު" އަށް އާދެވުމުން މައިރާ ހައިރާންވިއެވެ. ހީވީ އިނިގިރޭސި ޓައުންއެއް ފެނުނުހެނެވެ. ކުދި ބަގިޗާތައް އެކުލެވޭ ކޮޓެޖްތަކުގެ ސަބަބުން ވަގުތުން އެރަށް ދެކެ ލޯބިވެވުނެވެ.
މައިރާ ކާރުން ފޭބުމާއިއެކު ގަނޑުފެންފަދަ ފިނިވައިރޯޅިތައް އޭނަގެ ގައިގާ ބީހިލާ ހީކަރުވާން ފެށުމުން މައިރާ ޖެކެޓް ލައިގެން ދެއަތްމޭގައި ޖައްސާބާރުކޮށްލުމުން ވެސް އެތެރެހަށިން ފިނިވަމުން ދިޔައެވެ. އައިޒާން ހޮޓެލުގެ ކޮޓަރިއެއް ބުކް ކުރުމަށްފަހު ކެއުމަށް އޯޑަރުދިނެވެ. އޭރު މައިރާ ރިސެޕްޝަނުގެ ސޯފާއެއްގައި ހެދިބިލެތްކޮޅެއް އަނގަޔަށް ލައިގެން ދުފަން އިނެވެ. އެރީތި ތުންފަތް ރަތްކަމުން ހީވަނީ ޗެރީއެއްހެނެވެ. އައިޒާން ހިތްއެދެނީ އެވަގުތުވެސް އެ ރީތިކަން މިލްކު ކުރުމަށެވެ. ކައި ނިމެންދެން އިންތިޒާރުކުރުމުގެ މާނައެއްނެތެވެ. ނަމަވެސް ކެތްކުރަން ޖެހޭނެއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ އެވެ.
"މިރަށަކަށް ފަންކާގެ ބޭނުމެއްވެސް ނެތް.. އެހާވެސް ފިނިގަދަ.."ކޮޓަރިއަށްވަދެ ކުޑަދޮރު ކުޑަކޮށް ހުޅުވާލުމުންވެސް ފިނިގަދަކަމުން އޭނަ ރޫރޫއަޅައިގަތެވެ. މައިރާ ދޮރު ލައްޕާލާފައި އެނބުރުނުވަގުތު އައިޒާންވެސް އެހިސާބާއި އަރާހަމަވީއެވެ. މައިރާ އައިޒާންގެ ހަށިގަނޑުގައި ޖެހި ދޮރާއި ދޭތެރޭގައި ކުޑަކޮށް ފިތިގެން ދިޔުމުން ކޮންމެވެސް ވަރަކަށް ހީފިލައިގެން ދިޔައެވެ. މައިރާއަށް ހިފާލެވުނީ އައިޒާންގެ ފުޅާ ކޮނޑުގައެވެ.

ކޮމެންޓް 0