އައިޒާންގެ މޫނުގައި ދުވާ މަސްކް އާފްޓަރޝޭވްގެ މީރުވަސް ބޯވާރޭގެ ތިކިތަކުންވެސް ކަނޑައެއްނުލެވުނެވެ. އެ މޫނުގައި ވިދަމުންދާ ވާރޭ ތިކިތަކުގެ ސަބަބުން އިތުރަށް ތާޒާވެ، އީޝަލްއަށް އައިޒާން ފެނުނީ ދުވަހަކު ނުފެންނަހާ ރީތިކޮށެވެ. އެ ރީތި ތުންފަތުގެ ކޮންމެ ބީހިލުމަކުން އީޝަލްގެ ނާރުތައް ހަލަބޮލި ކުރުވަމުންގޮސް ނޭގޭފަދަ އަލިފާނެއް ހަށިގަނޑު ފިއްސާލިއެވެ. އެ އަތުގެ ކޮންމެ ފިރުމުމަކަށް، އީޝަލްގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްވެސް ދައުވަތު ދިނީ ހިތުން ރުހުމުންނެވެ. އެއްވެސް ދެކޮޅުހެދުމެއް ނެތިއެވެ. އައިޒާން އީޝަލްގެ ގެންގުޅެމުން ދިޔައީ ބިއްލޫރި ނާޒުކް ބުދެއް ފަދައިންނެވެ. އެހާވެސް އޯގާތެރިކަމާއި މަޑުމައިތިރި ކަމެއް ވިއެވެ. ކުޑަ ކުޑަ އަނިޔާއެއް ގެއްލުމެއް ވެދޭންވެސް ބޭނުން ނުވާހެންނެވެ. އެމަލުގެ ފިޔަ އެހާ އަވަހަށް ރޫޅައިލަން ބޭނުންނުވާ މަލެކެވެ. އަދި ކިރިޔާ ފަރިވެ ފޮޅެމުން ދަނީއެވެ. އައިޒާން ވަކި ހިސާބަކުން އަމިއްލަ ސިކުނޑިއަށް ވިސްނާދިނެވެ. ވަގުތާއި މާހައުލުގެ ޖާދޫގައި ޖެހިގެން އީޝަލް އޮޔާ ލައިގެން ދިޔަސް ފަހުން ދެރަވެ ރޯންވެސް ރޮއިފާނެއެވެ. ގަދަކަމުން އިއްފަތްތެރިކަމަށް އަރައިގަތީއޭ ވެސް ބުނެފާނެއެވެ. ޅަ އުޅުމެއް ހުންނަ ކުއްޖަކަށް އޭނަ އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް މިއީ ހާމަތަނެކެވެ. އައިޒާން މަޑުމަޑުން އީޝަލް ގަޔާއި ދުރުކޮށްލާފައި ފުންނޭވަޔެއް ދޫކޮށްލިއެވެ.

"މާ ފިނި ވަނީ. ހިނގާ ދާން...." އައިޒާން ދާން ހިގައިގަތުމުން އީޝަލް ފަހަތުން އައިގޮތަށް އައިޒާންގެ ޓީޝާޓް އަތަށް އޮޅައި ދަމައިގަތެވެ.

"ޒާން. ޕްލީޒް....." އީޝަލް އާދޭސްކުރަން ފެށިއެވެ. އޭރު ވައިގެ ގަދަ ހަމަލާތަކުން ހީވަނީ އެހިސާބުގައި ވާހައި ގަސްތަކެއް ތެޅެމުންދިޔަ ގޮތުން ހީވަނީ ވަޔާއި އެކީގައި ގަސްތައް އުދުހިދާނެ ހެންނެވެ. ބޫން އަޑުކިޔާލައިފައި ވައިޖެހެމުންދާއިރު، ވާދަޔަށް ކަނޑުގެ ރާޅުތައްވެސް އަޑުގޮވާލާފައި، އައްސޭރި ފަށަށް ޖަހަމުން ދިޔައެވެ. އެ ބޯވާރޭގެ ތެރޭގައި އީޝަލް ހީވަނީ ކުޑަ ފެނު ޕަރީއެއް ހެނެވެ. ހެދުން ގަޔާއި ތަތްލަވާފައި ހުރުމުން ވަނާތައް ރީތިކޮށް ފާޅުވާތީ ދެކޭ ކޮންމެ ހިތެއްވެސް ހަމައިން ނައްޓާލާނެފަދަ ރީތިކަމެއް ލިބިފައިވެއެވެ. އެހެންނަމަވެސް އައިޒާން ކެތްތެރިވިއެވެ.

"ސޮރީ ޝެލް. ދެން މިހާރަކު ނޫން...." އައިޒާން ގެ އަޑުގައި ހުރިގޮތަކުން އޭނަ ޚިޔާލު ބަދަލު ނުކުރާނެކަން އީޝަލްއަށް އެގުނެވެ. އެހެންނޫނަސް އީޝަލް އަށް ވިސްނުނެވެ. އައިޒާން މައިރާ ދެކެ ލޯބި ވާތީ އޭނަ އާއި އެކީގައި އެފަދަ ގުޅުމެއް ބާއްވަން ބޭނުންނުވީއެވެ. އަދިވެސް އައިޒާންގެ ހިތުގައި ވަނީ މައިރާ އެވެ. އެނޫން އެއްވެސް ސަބަބެއް ނެތެވެ. އީޝަލް ގެ ހިތަށް ހީވީ އެއްފަހަރާ އެތައްހާސް ތީރެއް ހަރައިލެވުނު ހެންނެވެ. ހިތްދަތިވި ވަރުން އެތައް އިރެއްވާންދެން ގޮނޑުދޮށުގައި އެކަނިމާ އެކަނި ކަރުނަ އޮއްސަން އިނެވެ. އެކަމަކު ފިނިވެގެން ރޫރޫއަޅަން ފެށުމުން އޭނަ ބިރުންހުރެ ކުރިއަށް ދާން ހިނގައިގަތެވެ. 

އައިޒާން ހާދަ ގޯހެވެ. އޭނަ ހަންޑިއެއް އަރައި ކާލިނަމަވެސް ހެޔޮކަމަށް އެދިޔައީއެވެ. އޭނަ ދެން ދުވަހަކު ހިތް ހަލާކުވިޔަސް އައިޒާން އާއި ވާހަކައެއް ނުދައްކާނެއެވެ. އީޝަލް އެތާ އޮތް ހަނިމަގުން ހިގާފައި ގެއަށް ދިޔައިރު އައިޒާން ގަހަކަށް ލެނގިލައިގެން އީޝަލްގެ ހަރަކާތްތަކަށް ބަލަން ހުރެފައި ފަހަތުން ހިނގައިގަތެވެ. އީޝަލްއަށް އެކަން އެގުނު ނަމަ އޭނަ އާއި އަޅާލާކަން ޔަގީން ކުރެވުނީސް ކަންނޭގެ އެވެ.

ވިއްސާރަވުމުގެ ސަބަބުން ރަފޭލްމެން ބޭނުންވިހާ ސަކަރާތެއް ނުޖެހުނު ކަމުގައިވިޔަސް އެގޭގެ ފެންޑާގެ ހިޔާކޮށްފައިވާ ބައިގައި އަލިފާންގަނޑެއް ރޯކޮށްލައިގެންތިބެ ކުކުޅު ފިހުނެވެ. ވާރޭ ހުއްޓާލި ނަމަވެސް ދޭތެރެއަކުން ގުގުރާ ވިދާލައެވެ. އައިޒާންވެސް ހިމޭނުން އިދެ ކޮންމެވެސް އެއްޗެއް ވިސްނަމުން ދިޔައިރު، އީޝަލް ވީ ގޭތެރޭގައެވެ. އޭނަ ބޭރަށް ނިކުންނާކަށްވެސް ބޭނުމެއް ނުވިއެވެ. ކުކުޅު ފިހެގެން އެންމެން ކާންވެގެން އީޝަލްއަށް ގޮވީމަވެސް އީޝަލް އަންނާކަށް ނޫޅުނެވެ. އެންމެ ފަހުން އެރޭ ލޯންޗުގައި ގެއަށް އައިއިރުވެސް އީޝަލް އިނީ މާދުރުގައި ކަނޑާއި ދިމާލަށް ބަލަހައްޓައިގެން ހިމޭނުންނެވެ. އައިޒާންއަށް ނޭގިނަމަވެސް އީޝަލްގެ ޅަހިތަށް ވަރަށް ބޮޑު އަނިޔާއެއް ދެވިއްޖެއެވެ. 

މާލެ އައިގޮތަށް އީޝަލް އެހެން ކޮޓަރިއަކަށް ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. ކޮޓަރިން ބޭރަށް ނުނިކުމެ އީޝަލް އިންނަނީ އެ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައެވެ. އެ ސަކަކުއްޖާ މުޅިން ބަދަލުވެއްޖެއެވެ. ކެއުމެއް ބުއިމެއްނެތި އަބަދުހެން އޭނަ އޮންނަނީ އެނދަށް ބަންޑުންވެއްޓިގެން ނިދާލާފައެވެ. ފޫހިވެފައެވެ. ހީވަނީ ދުނިޔެދެކެވެސް ފޫހިވެފައިވާ ހެންނެވެ. އައިޒާން އަށް އީޝަލް އެފަދަގޮތަކަށް އުޅޭކަމެއް ކުރިއަކުން ނޭގުނެވެ. އައިޒާން ހީކުރީވެސް އޭނަ ގޭގައި އުޅޭގަޑީގައި އީޝަލް ގަސްތުގައި އޭނައަށް ނުފެނި އުޅެނީ ކަމަށެވެ. އީޝަލް އަކީ އެފަދަ ކޫސަނި ރުޅިއަންނަ ކުއްޖަކަށް ވާތީ ފަހުން ރަނގަޅު ވެދާނެކަމަށް އައިޒާން ހީކުރިއެވެ. އެކަމަކު ފަހުން ފަރުޒާންވެސް އައިޒާން ގާތުގައި އީޝަލް ދަތުރަށްފަހު ޖެހިގެން އުޅެނީ ކޮން މައްސަލައެއް ހެއްޔޭ ވެސް އަހާލިއެވެ. އައިޒާން ހާސްވާން ފެށީ އެހިސާބުންނެވެ. އީޝަލް ނުކައި ނުބޮއި އެހެން އޮންނަންވީމަ ދެރަވިއެވެ. އައިޒާން ހަދަންވީ ގޮތަކާއި މެދު ވިސްނިއެވެ.

އައުޒަމްއަށް އެކަނިވެރިކަމުގެ އިހުސާސްކުރެވޭލެއް ބޮޑުކަމުން މައިރާއަށް ގުޅާފައި ޢަދަން ބަލައިލާހިތްވާ ކަމަށް ބުނުމުން މައިރާ ޢަދަން ގޮވައިގެން އެގެއަށް އަންނާން ފެށިއެވެ. އައުޒަމްގެ ލޮލުން ފެނުނު އަސަރުތަކުން މައިރާއަށް ޔަގީނެވެ. އައުޒަމްއަށް ކޮންމެވެސް ގޮތަކުން އެގުނީއެވެ. ކުރިއަށް ވުރެ ބޮޑަށް ޢަދަން ޚާއްސަވެ، އަދަން އާއި ހެދި ބޮޑުބޭބެ އުޅޭނީ ކޮންމެވެސް ކަމެއް މެދުވެރިވީމައެވެ. ޢަދަންވެސް އައުޒަމްގެ ގޮނޑިން ފައިބަން ބޭނުން ނުވެފައި އެގޮނޑި ދުއްވަން ކުޅިފަށެއް ހުރެއެވެ. ލެވެންޑާ ކޮޓެޖްގައި އެތައް ކުދި ބައިސްކަލާއި، ކާރަކާއި، ކުޅޭ އެއްޗެހި ހުންނައިރު ޢަދަން ބޮޑަށް ބޭނުންވަނީ މިފަދަ އާ އެއްޗެއް ދުއްވުމަށެވެ. އަދި އައުޒަމް ގެ އުނގުން އެރޭކަށްވެސް ޢަދަން ބޭނުމެއް ނުވެއެވެ. ޢަދަންއަކީ އެހެން އެއްތަނެއްގައި މައިތިރިވެގެން އިންނަން އާދަވެފައިވާ ކުއްޖަކަށް ނުވިޔަސް އައުޒަމް އާއި އެކީގައި އެގޮނޑީގައި މަޑުން އިންނާތީ މައިރާއަށްވެސް ހައިރާންކަމެއް ލިބުނެވެ.

ޢަދަން ކޮންމެ ދުވަހަކު މޫދަށް ދާން ވެގެން ބޮޑާ ހާކާތީ، މޫދަށް ގެންދަން ފެށުމުން، ހުންއައިސް ބަލިވެގެން އެޑްމިޓް ކުރަންވެސް ޖެހުނެވެ. އެންމެން ކަންތައް ބޮޑުވެގެން ޢަދަންގެ ގާތުގައި އަބަދުހެން އުޅުނެވެ. ޢަދަންގެ ގައިގައި ފިރުމަފިރުމާފައި އެންމެ ބޮޑަށް ރުއީ ޒިޔާމާ އެވެ. މައިރާގެ ހިތްވެސް ނުވިރުނީ ކިރިޔާއެވެ. ދަރިފުޅު ބޭނުން ކަންތައްކޮށް ދޭންވާނީ ދަރިފުޅަށްވެސް ގެއްލުން ނުވާނެފަދަ ގޮތަކަށް ކަން މިފަހަރު މައިރާއަށް ޔަގީންވިއެވެ. ނަމަވެސް ޢަދަން ކިތަންމެ ހަލަނިވިޔަސް ޢަދަން އާއި ދިމާލަށް އެއްޗެކޭ ނުބުނަން މައިރާ އަޒުމް ކަނޑައެޅިއެވެ. ނޫނީ ޢަދަން ބަލިވުމުން އޭނަގެ ހިތް ކުދިކުދި ވާނެތީއެވެ. އެހެން ނުބުނެވުނުނަމައޭ ހިތަށް އަރާފާނެތީއެވެ.

ރެޔާން މައިރާ އާއި ޢަދަން ގޮވައިގެން ލަންޑަނަށް ގޮސްފައި ހަފްތާއެއް ހޭދަކޮށްފައި އެނބުރި އައީ ރީތި ހަދާން ތަކަކާއި އެކީގައެވެ. އެތައް ފޮޓޯތަކަކާއި ވީޑިއޯތަކެއް ނެގިއެވެ. މައިރާ ބައެއް ފޮޓޯތައް ފްރޭމްކޮށްލާފައި ކޮޓަރީގެ ޒީނަތްތެރިކަމުގެ ބަޔަކަށް ހެދިއެވެ. ޓީވީ ރެކްމަތީގައިވާ ރީތި ފޮޓޯތަކުން އެއީ ކޮންފަދަ އުފާވެރި އާއިލާއެއްކަން ކޮންމެ މީހަކަށް ދެނެގަނެވޭނެއެވެ. ނަމަވެސް ދުނިޔޭގެ އުފަލަކީ ދާއިމީ އެއްޗެއް ނޫނެވެ. ދިމާވާ ހާދިސާތައް އަބަދުވެސް އެކަން ހަދާންކޮށްދެއެވެ.

މިއަދުވެސް ޢަދަން އެކިމީހުންނާއި އެކީގައި ސަކަރާތްޖަހަން އުޅެފައި ކޮޓަރިއަށް އައުމުން، މައިރާ ދަރިފުޅަށް ކާންދީފައި ފެންވަރުވާލައިފިއެވެ. ހުދުކުލައިގެ ޓީޝާޓް ކޮޅަކާއި، ނޫ ޖިންސް ސޯޓެއްލައްވާފައި އިސްތަށިގަނޑު އޮމާންކޮށްލައިފިއެވެ. ޢަދަން ގެ ފަން އިސްތަށިގަނޑު އޮންނަނީ ކޮނޑާއި ހަމަޔަށް ދިގުކޮށްލާފައި ކަމުން ކިރިޔާ ވައިރޯޅިއެއް ޖެހިލިޔަސް ވިހުރެވެއެވެ. ނަމަވެސް ކިތަންމެ ސަކަރާތެއް ޖެހިޔަސް ފަންކަމުން ހޭވި، ހަޑިއެއްނުވެއެވެ. އެންމެން ލޮލުގައި އަޅައިގަންނަ އެއްކަމަކީ އެ ފަންރީތި އިސްތަށިކޮޅެވެ. އަދި ޢަދަން ބޮޑުވަމުންދާ ވަރަކަށް ރެޔާން އާއި ވައްތަރުވެ އެ ދެލޮލުގައި މިހާ ކުޑައިރުވެސް "ގޮތެއް" ހުރެއެވެ. ހަނި ނަޒަރަކުން ބަލައިލަން ދަނެއެވެ. މޮޑެލް ގޮތަކަށް ހުއްޓިލަން އެގެއެވެ. އެހާ ކުޑައިރުވެސް ރެޔާންގެ އާދަތައް ވާރުތަކޮށް ލައިފިއެވެ. ފެންނަ ކޮންމެ މީހަކާއި ޢަދަން ވާހަކަދައްކަން އުޅެއެވެ. ރީތި ހިނިތުންވުމަކާއިއެކު އޭނަ ދެކޭ ކޮންމެ މީހެއްގެ ހިތް އަތުލައިގަނެއެވެ. ބޭބީ މެގަޒިންއެއްގެ ބޭރު ސަފުހާއަކަށް އެކަށީގެންވާފަދަ ކުއްޖެކެވެ. ގޭގެ ނޯކަރުންނަށް ދާންދެން ޢަދަންއަށް ފިދާވާއިރު ހިލޭމީހުންވެސް އެވަރެވެ. 

މައިރާ ދަރިފުޅު ގޮވައިގެން ކޮޓަރިން ނިކުތްއިރު ޢަދަން ހުރީ ބިއްލޫރި ވަށިގަނޑެއް ހިފާލައިގެންނެވެ. ޢަދަން އެހާވަރުން އެ ރީތިވެގެން އުޅުމުން މައިރާވެސް އަޅައެއްނުލައި ޢަދަންގެ އަތަށް އެދީގެން ކޮޓަރިން ނިކުތީއެވެ. މައިރާ ދޮރު ލައްޕާލަން އެނބުރުނެވެ. އޭރު ތަންކޮޅެއް ދުރުގައި ރެޔާން، ފަރުޒާން އަދި އައިޒާން ރާޒުވާ ކުޅެން ތިއްބެވެ. 

"މަންމީގެ ޕްރިންސް ނުދުވެބަލަ....." މައިރާ އެދުނެވެ. އެވަގުތު ޢަދަން މަންމަގެ އަމުރަށް ކިޔަމަންވާން ދުވެ ދުވެހުރެ ކުއްލިއަކަށް ހުއްޓުނެވެ. އެއާއިއެކު ކުޑަކޮށް ބެލެންސްއިން ކަޓާފައި ޕޮޓްގައި އަޅައިގަތްގޮތަށް އެބިއްލޫރި ވަށިގަނޑާއި އެކީގައި ޢަދަން ވެއްޓުނެވެ. އަޑުފަށްގަނޑަކާއި އެކުގައި ބިއްލޫރި ވަށިގަނޑު ތެޅުނެވެ. މައިރާގެ ކަރުތެރެއިން ނިކުތް ތޫނު، ވޭނީ ހަޅޭކެއްގެ އަޑު ކޮރިޑޯގައި ގުގުމައިގެން ދިޔައެވެ. ރާޒުވާ ކުޅެން ތިބި ތިންޒުވާނުންވެސް އެހިސާބަށް ދުވެފައި އައެވެ. އޭރު މައިރާ ހުރީ ގަނޑުވެފައިވާ ބުދެއްފަދައިން ދެލޯ ބޮޑުކޮށްލައިގެންނެވެ. އެންމެ ކުރިން ޢަދަން އާއި ހަމަޔަށް ފޯރީ ރެޔާން އަށެވެ. ބިއްލޫރިމަތީގައި ބަންޑުން އޮތް ޢަދަން ނެގިއިރު އެ މާބްލް ތަޅުންމަތީގައި އޮތީ ހުސް ލެޔެވެ. ރެޔާން ހަލާކުވެފައިވާ ހިތަކާއި އެކުގައި، ދަރިފުޅު ނަގާފައި އަތްމަތީގައި ބޭއްވިއިރު އެތަނުން ދުނިޖަހާފައި އަންނަމުންދާ ލެއިން ޢަދަން ލައްވާފައި ހުރި ޓީޝާޓް ވަނީ ފޯވެފައެވެ. އެ ކުޑަ މޫނު ދިޔައީ ހުދުވަމުންނެވެ. ރެޔާން އާއި ޢަދަންގެ ހަތަރު ކަޅި ހަމަވި ވަގުތުކޮޅު ރެޔާންގެ ހިތް ހީވީ ފަޅިފަޅިވެގެން ދިޔަހެންނެވެ. ނަމަވެސް ސިކުންތުކޮޅެއް ނަގައި ނުލައި ރެޔާންވެސް ދުއްވައި ގަތީ ކާރާއި ދިމާލަށެވެ. އެންމެ ސިކުންތުކޮޅަކީވެސް ފުރާނައަށް ސަލާމަތް ކުރުމުގައި މުހިއްމު ވަގުތެކެވެ. މިފަހަރުވެސް ކާރު ދުއްވީ އައިޒާންއެވެ. ފަރުޒާން ޢަދަންގެ މޭމަތިން އަންނަމުންދާ ލޭތައް ހުއްޓުވުމުގައި ކާމިޔާބުކުރިޔަސް އެތެރެހަށްޓަށް ކެނޑިނޭޅި ލޭ އަންނަމުންދާކަން ފަރުޒާން އަށް ޔަގީންވިއެވެ. އޭނަ ކިތަންމެ ވަރަކަށް މާޔޫސްވި ނަމަވެސް ކެޑިނޭޅި ރެޔާންއަށް ހިތްވަރުދެމުން ދިޔައެވެ.

"ޑެޑީގެ ޑާލިން...ލޯ ހުޅުވަބަލަ..." ޢަދަންގެ އެސްފިޔަތައް ބަރުވަމުން އެ ރީތި ދެލޮލުގެ ދިރުން ކެނޑެމުންދާން ފެށުމުން ރެޔާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. އޭނަގެ އަތުގެތެރޭގައި އެކުޑަ ދަރިފުޅު ހަޔާތުގެ އެންމެ ފަހުގެ ސިކުންތު ކޮޅުތައް ގުނަމުންދާކަން އިހުސާސްކުރެވުނެވެ. އެކުޑަކުޑަ ހުޅުކޮޅު ނިވެމުން ދަނީއެވެ. ޢަދަން ލޯހުޅުވާލާފައި ރެޔާން އާއި ހަތަރުކަޅި ހަމަކޮށްލި ގޮތުން ރެޔާންގެ އެންމެ ފަހުގެ އާދޭސް އަޑުއިވުނުކަން އެގުނެވެ. ޢަދަން އެކުޑަ އަތްތިލަ އުފުލާލައިފައި ރެޔާންގެ ލޮލުގައިވާ ކަރުނަތައް އެ ތުއްތު އިނގިލިތަކުން ފޮހެލަދިނެވެ. ޑެޑީ އޭ ދެރަނުވާށޭ ބުނާފަދަ ގޮތަކަށް ބޯ ހޫރުވާލިއެވެ. "ޑެޑީ މަންމީ..." އެއީ ޢަދަންގެ އަގައިން ބޭރުވި އެންމެ ފަހުގެ ލަފުޒުތަކެވެ. އެއަށްފަހު އެދެލޯ އަބަދުގެ އަބަދަށްޓަކައި މަރާލައިފިއެވެ. ރެޔާންއަށް ހީވީ އުޑު ކުދިކުދިވެގެން ފައިބައިގަތްހެނެވެ. ގިޔާމަތްވި ހެންނެވެ. ސިކުނޑީގައި ކޮންމެވެސް އެއްޗެއް ގޮވައި ކުދިކުދި އެތިކޮޅުތަކަށް ބުރައިގެން ދިޔަހެންނެވެ. 

"ދަރިފުޅާ.." ރެޔާން ޢަދަންގެ ގައިގައި ހިފައި ތަޅުވައިގަތެވެ. ފަރުޒާން ރެޔާން އަތުން ދަރިފުޅު އަތުލިއެވެ. ފަރުޒާންއަށް ޢަދަން ދެން ކޮންމެކަމެއް ކުރިޔަސް އަލުން ލޯނުހުޅުވާނެކަން ޔަގީންވިއެވެ. ޢަދަންގެ ފުރާނަ ވަނީ އެކުޑަކުޑަ ހަށިގަނޑު ދޫކޮށްލާފައި ހެއްދެވި ފަރާތުގެ ހަޟުރަތަށް ދަތުރުކޮށްފައިކަން ޔަގީން ކުރެވުނެވެ. ފަރުޒާން ރެޔާންއަށް ހިތްވަރުދޭން ދެއްކި ވާހަކަތަކަކުން ވެސް ރެޔާން އަކަށް ކަރުނަތައް ނުހިފެހެއްޓުނެވެ. ކުރީ ސީޓުގައި ބޯ ޖައްސާލި ގޮތަށް ރެޔާން ރޯންފެށިއެވެ. އައިޒާންވެސް ކާރުގެ ބްރޭކް ހިފާލާފައި އެނބުރި ފަހަތު ސީޓަށް ބަލައިލިއެވެ. އައިޒާންގެ ހިތުން ދުވަހަކު އެ މަންޒަރު ފިލައިގެނެއް ނުދާނެއެވެ.

ޢަދަންގެ ކުއްލި ހިތާމަވެރި މަރު ލެވެންޑާ ކޮޓެޖް ހުއްޓުވުމަކަށް ގެނައެވެ. އެގެއަށް ގިޔާމަތްވިފަދައެވެ. މައިރާ ފުރަތަމަ ހީކުރީ އޭނަގެ ކުޑަ ދަރިފުޅަށް އެހާ ބޮޑު އަނިޔާއެއް ނުވާކަމުގައެވެ. މައިރާއަށް ވަނީ ކުރީ ދުވަހަކު އެހެން ކުޑަކުއްޖެއްގެ ބޯ ފެޅި އެހާބައިވަރު ލޭ އޮހިގެން ދިޔަތަން ދެކެފައެވެ. ތަނެއް ކެނޑިއްޖެއްޔާ އެވަރަށް ލޭ އޮހިދާނެކަން މައިރާ ދަނެއެވެ. ނަމަވެސް މައިރާއަށް ދަރިފުޅު މަރުވިކަން އެނގުމާއި އެކު މޮޔަނުވީ ކިރިޔާއެވެ. މައިރާއަށް ހީވީ އޭނަގެ ސިކުނޑިވެސް އުދުހިގެން ދިޔަހެންނެވެ. އެ ޚަބަރު މައިރާގެ މުޅި ދުނިޔެ އަނދިރިކޮށްލައިފިއެވެ. އެތައް ހާސް އުށްބައްތިތަކުން ޖަރީކުރެވިފައިވާ އެ ރީތި ދުނިޔެ ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ބަރުބާދު ވެއްޖެއެވެ. ޒިޔާމާއަށް ވެސް އެވަރުވިއެވެ. އޭނަވެސް ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. ލެވެންޑާކޮޓެޖް ގެ އެއްވެސް މީހެއްގެ ލޮލުން ކަރުނަހިކޭ ފަހަރެއްނާދެއެވެ.

ރެޔާން ބޭސްކާން ވެސް އިންކާރު ކުރިއެވެ. ބޮޑު ފިރިހެނަކަށް ގަދަކަމުން ބޭސްކާކަށް ނުވެސް ދެވޭނެއެވެ. އޭނަ އެއްގޮތަކަށްވެސް ސިކުނޑިއަށް އަރާމުދީ، ހިތްހަމަޖެހުން ހޯދައިގަންނާކަށް ބޭނުމެއްނޫނެވެ. 

ޢަދަން އޮތީ އޮރެންޖު ކުލައިގެ ޓީޝާޓަކާއި ނޫ ޖިންސެއް ލައްވާފައެވެ. ހީވަނީ ލާނެތް ކަމެއްކޮށްލާފައި ނިދާފައި ކަމަށް ހެދިލައިގެން އޮތްހެނެވެ. ޢަދަން މަރުވެފައި އޮތް ކަމަށް ގަބޫލުކުރާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ. އެހާރީއްޗެވެ. މައުސޫމްއެވެ. ރެޔާން އަދަންގެ ބޯލާކޮޅުގައި މޫނުގައި އަތްތިލަޖައްސާލައިގެން ހުރި އިރު ލޮލުން ފައިބަމުންދާ ކަރުނަތައް އިރުއިރުކޮޅާ ފޮހެލައެވެ. އެންމެ ފަހުން ރެޔާން ތަފާތު ޚިޔާލުތަކެއް ކުރަމުންގޮސް މާބޮޑަށް ރޯންފެށުމުން ފައިސަލް ރެޔާން ގޮވައިގެން ގެއަށް ވެންނެވިއެވެ. ކޮޓަރީގެ އެނދުގައި ބައިންދަވާފައި ފައިސަލް ރެޔާން ގެނެސް މޭގައި ޖައްސަވާލައްވާފައި، ނަސޭހަތްތެރިވެ ލައްވަމުން މިއީ އެންމެންވެސް ދެކެން ޖެހޭނެ ދުވަހެކޭ ބުނެލެއްވިއެވެ. ހިތާމަ ނުކުރަން އެދިލެއްވިއެވެ. އެހެންނޫނީ ޢަދަންގެ ތުއްތު ފުރާނައަށްވެސް ދަތިކަން ލިބޭނެ ކަމަށް ފައިސަލް ބުނުއްވީ އަސަރާއި އެކުގައެވެ.

"ދަރިފުޅާ. އަދަން މިހާރު ވާނީ ހެވަންގައި. ދުނިޔެއަށްވުރެ އެތައް ގުނަ އުފަލާއި އަރާމުގައި މަލާއިކަތުންނާއި އެކީ ގައި. ބައްޕަމެންނަކަށްވެސް އެޑެންއަށް އެ އުފަލާއި މަޖާ ނުދެވޭނެ. އެއީ ޚާއްސަކުއްޖެއް އެހެންވެ އެޑެންއަކަށް މިދުނިޔެއިން ލިބެން ހުރި އުފާތައްވެސް ކަމުނުދިޔައީ. އެޑެން މިއަށްވުރެ އުފަލުގައި އުޅެވޭނެފަދަ ތަނަކަށް ހެއްދެވިފަރާތުން އެގެންދެވީ. ދަރިފުޅަށް އެގޭނެ މިއޮތްހާ ގިނަ ކުޅޭ އެއްޗެހިތައް ހުރިއިރުވެސް އެޑެން ބޭނުންނުވާވަރު... އެހިކުމަތެއް ބައްޕަމެންނަށް ނުވިސްނުނަސް އެކަމުގައިވެސް ސަބަބެއްވާނެ. މިއީ އިމްތިހާނެއް. ދަރިފުޅު މިއަދު ކުރަންވީ ކަމަކީ މައިރާއަށް އަޅާލުން. ދަރިފުޅު ތިހެންހެދީމަ އަދި މައިރާއަށް ވާނީ ކިހިނެއްތަ؟ ދިރިތިބިމީހުންނަށް ވެސް އަޅާލަންވާނެ ދޯ ދަރިފުޅާ. ހިތްވަރުކުރޭ ރެއިން. ބައްޕައަށް އެގޭ މިހެން ބުނާއިރުވެސް ދަރިފުޅަށް ކެތްކުރެވޭވަރަށް ވުރެ ފުންހިތާމައެއްކަން. އެކަމަކު މާތް ﷲ އާއި ވަކީލުކޮށްފައި ކެތްތެރިވޭ..." ފައިސަލްގެ ހިތް ގެބެމުންދިޔައިރުވެސް ރެޔާންއަށް ހިތްވަރުދެއްވިއެވެ. ފެންކަޅިވެލައްވާފައި އިންނެވިއިރުވެސް އޭނަ ކެތްތެރިވެލެއްވިއެވެ.

"ބައްޕާ. މިއީ އަޅުގަޑުގެ ފާފައިގެ ސަޒާ. އެކަމަކު އަޅުގަޑު މަރުވިނަމަވެސް މާހިތަށް ފަސޭހަވީސް... ބައްޕާ. މިވީ ކިހިނެއްތަ؟ ބޭބީ މަރުނުވެ އަޅުގަޑަށް އެކަމުގެ އަދަބު ލިބުނުނަމަ...." ރެޔާން އެނދުގައި ޖައްސާލީ ހަށިގަނޑުން ވަރުހުސްވާން ފެށުމުންނެވެ.

"ދަރިފުޅާ ތިކަހަލަ ވާހަކަ ނުދައްކަބަލަ. އެއްވެސް މީހަކަށް މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. އެއީ އަފޫކުރައްވާ ރަހުމަތްވަންތަ ފަރާތެއް. ޝަރީކުކުރުން ފިޔަވައި، ކޮންމެ ފާފައެއްވެސް ފުއްސަވާނެ ތައުބާވީމަ އެކަމަކު ފާފަކުރާއިރު ނޭގެނީ މަރުވާނެ އިރެއް އެހެންވެ ފާފަ ނުކުރަންވީ. ތިހެން ނުވިސްނަބަލަ. ދަރިފުޅުވެސް ގަބޫލުކުރަންޖެހޭނެ ކޮންމެ މީހަކީ ދުނިޔެއަށް އައުމަށްފަހު މަރުވެގެންދާން ޖެހޭނެ މީހެއްކަން. އެއީ ކޮންމެހެން ސަޒާއެއް ނޫން. މީހަކު ކުރާ ފާފައެއްގެ ސަޒާ ކޮންމެހެން އެހެން ލިބެނީ ކަމަށްވެސް ހީކުރާކަށް ނުވާނެ...." ފައިސަލް ވިސްނާ ދެއްވިނަމަވެސް ރެޔާންގެ ހިތްބުނަމުން ދިޔައީ އެހެންނެވެ. ރެޔާން ހަދާންވީ އޭނަ ގަދަކަމުން މައިރާގެ އިއްފަތްތެރިކަމަށް އަރައިގަތް ވިއްސާރަ ރެއެވެ. އެރޭ މައިރާ އޭނައަށް ކުރި އާދޭހެވެ. ރުއިވަރެވެ. އެ ގިސްލުންތަކާއި ރުއިމާއި އާދޭސްތައް ކުއްލިއަކަށް ރެޔާންގެ ހިތަށް ފެނި، މޭގައިވި ރިހުން އިތުރުކޮށްލައިފިއެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ޢަދަން އަކީ އެބިރުވެރި ރޭގެ ހަދާނެވެ. ފާފައިގެ ނިޝާނެވެ. ލޯބީގެ ނިޝާނެކޭ ބުނެވޭފަދަ ގޮތަކަށް ދުނިޔެއަށް ގެނެވުނު ކުއްޖެއް ނޫނެވެ. ޢަދަން ވުޖޫދަށް އައި ރޭގައި އޭނަގެ މަންމަގެ ހިތް ހަލާކުކޮށްލެވުމުގެ ސަޒާ އާއި ހިތި އޭނައަށް މިވަނީ ހިތްކުދިކުދިވާފަދަ ވޭނީ ގޮތަކަށް ލިބިފައެވެ. 

ރެޔާން މޫނުގައި ދެއަތްއެޅީ އިންތިހާއަށް އަމިއްލަ ނަފުސް ކުށްވެރި ކުރަމުންނެވެ. 

ކޮމެންޓް 0