އައިމަންގެ ހިތްވެސް ތެޅެމުން ދިޔަގޮތުން ހީވީ ދިރޭރަހަ ފޮދެއްހެންނެވެ. މިހާ ގިނަ އަހަރުތަކެއް ކޮށްފައި އައުޒަމް ހަމަ އެނބުރި އައީ ހެއްޔެވެ؟ އައިމަން ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުވެރި ވެލެއްވިއެވެ. ސުލްތާނާ އޭރު އެސްފިޔަވެސްޖަހާ ނުލައި ހުރެ މަޑުމަޑުން ކުރިއަށް ދިޔައެވެ. އެސްފިޔަޖަހާލިޔަސް އައުޒަމް ގެއްލިދާނެކަމުގެ ބިރުހީވިއެވެ. ހުވަފެނެއްހެންވެސް ހީވަނީއެވެ. ސުލްތާނާ އައުޒަމް އިން ގޮނޑި އާއި އަރާހަމަވިއެވެ. އައުޒަމްއަށް މަންމާއޭ އަޅުގަނޑަށް މާފުކޮށްދެއްވާށޭ ބުނެވުނުއިރަށް ލޮލަށް ކަރުނަ އަތުވެއްޖެއެވެ. ސުލްތާނާއަށް އައުޒަމްގެ އަތުގައި ހިފާލެވުނެވެ. ހުވަފެނެއް ނޫންކަން ޔަގީންވީ އެ އަތުގައި އަތްލެވުމުންނެވެ. މިއީ އޭނަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅެވެ. އޭނަގެ ލޮލުގެ ނޫރެވެ. އެތައް ދުވަހެއްވަންދެން އޭނަ މެދުކެޑުމެއްނެތި ކުރި ދުޢާތައް އަޑުއައްސަވާ އޭނަގެ ދަރިފުޅު އޭނަ އާއި ހަމަޔަށް އަނބުރާ ފޮނުއްވާދެއްވި ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ.

"މަންމަގެ ދަރިފުޅު....." ސުލްތާނާއަށް ރޮވިއްޖެއެވެ. މަންމަ އައުޒަމްގެ ގައިގަޔާއި ބޮލުގައި ފިރުމަފިރުމާފައި ރޯންފެށިތަން ފެނުމުން އައިމަންވެސް ފެންކަޅިވިއެވެ. އެންމެން ޖަޒުބާތީވެ، ކަރުނަ އޮއްސަމުން ދާތަން ބަލަން ތަންކޮޅެއް ދުރުގައި ހުރި ޝަމާއިލް ހުރީ އުފަލުންގޮސް މާމައަށް ގޮތެއްވެދާނެތީ ކަންބޮޑުވެފައެވެ. މާމަ ގެ ހަގު ދަރިފުޅު ނިޔާވިކަމަށް ދެކިގެން ހުއްޓާ އެތައް އަހަރުފަހުން ދިމާވުމުން ސިކުނޑި އުފަލުން އުދުހިގެން ހިގައިދާނެއެވެ. ސުލްތާނާ އެއްފަހަރާ އެތައް ސުވާލުކުރަމުން ދޭތެރެއަކުން ލޯފޮހެލައެވެ. ސުލްތާނާ އައުޒަމް އާއިގެން އުޅޭވަރުން، އުފަލުން މޮޔަވީ ކަމަށްވެސް ހީކުރެވުނެވެ. އައިމަންވެސް އައުޒަމް އެނބުރި އައުމުން އުފާވިކަމަށް ބުނުއްވާފައި އައުޒަމް މޭގައި ޖައްސަވާލެއްވިއެވެ. އައިމަން އެންމެ ފުރަތަމަވެސް އައްސަވާލެއްވީ އައުޒަމް ގޮނޑީގައި އިންނަންޖެހުނު ސަބަބަކާއި ބެހޭ ގޮތުންނެވެ. އައުޒަމް ބުނީ އޭނަގެ އެކްސިޑެންޓަށްފަހު ދެފައި މުޅިން ބޭކާރުވެފައި ވާކަމަށެވެ. ދުވަހަކު ދެން އެފައި ބޭނުން ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.

އައުޒަމްގެ ޚާންދާނުގެ އެތައް މެމްބަރުންނެއް އިރުކޮޅެއްގެ ތެރޭގައި އެގެއަށް ޖަމާވިއެވެ. އެންމެނަށްވެސް ހީވަނީ މާބޮޑު އުފަލެއް ލިބިފައިވާ ހެންނެވެ. އެންމެން އެކި ސުވާލުތައް ކުރަމުން ދިޔައިރު އައުޒަމްވެސް ހިތްހަމަޖެހިފައި އިންވަރުން އޭނަގެ ނުކުޅެދޭކަންވެސް ހަދާންނެތުނެވެ. އާއިލާގެ މެމްބަރުންނާއި ވަކިވަކިން ބައްދަލުކޮށް ސަލާމްކުރަމުން ހިނިތުންވުމާއި އެކު ވާހަކަދެއްކިއެވެ. ނަމަވެސް އައުޒަމްއަށް ފާހަގަ ކުރެވުނީ މައިރާ އާއި ރެޔާން ނާންނަކަމެވެ. ޢަދަން ދެކިލާހިތުންވެސް ކެތްކުރެވެނީ އެއްނޫނެވެ. އައުޒަމްގެ މާޒީގެ ވަޅުލެވިފައިވާ ސިއްރުތައް އަދިވެސް އާއިލާއަށް ފޮރުވިފައިވި ނަމަވެސް އައުޒަމްއަށް ވަނީ އެކަމުގެ ހިތިކަން ފެނިފައެވެ. އުމުރުގެ ބޮޑުބައި އާއިލާ އާއި ވަކިން އުޅުމާއި އެކު އެންމެ ފަހުން އޭނަ މިވަނީ ނުކުޅެދޭ، ބޭކާރު މީހަކަށް ވެފައެވެ. އެއީ ހައްތަހާވެސް އޭނަ ކުރި ބޮޑެތި ފާފަތަކުގެ ސަޒާކަމަށް އައުޒަމް ގަބޫލު ކުރި އެވެ.

އައުޒަމް، ބޭބެގެ ފަރާތުން މާފަށް އެދެން ކިތަންމެހާވެސް ބޮޑަށް ބޭނުމެވެ. އައުޒަމް ދޭތެރެ އަކުން އަމިއްލަ ދުނިޔެއަކަށް ގެއްލުނު ނަމަވެސް އެހެން މީހުންނަކަށް އައުޒަމްގެ ސިކުނޑީ ގައި ހިގަމުންދާ ކަންތައް ރޭކާލާ ވަރަށް ވުރެ ތިބީ އުފާވެރިވެފައެވެ. އައުޒަމް އައުމުގެ އުފަލުގައި ރޭގަނޑުގެ ކެއުމެއްދޭ ވާހަކައެއްވެސް ދެކެވުނެވެ. އެންމެން އޭނަދެކެ ލޯބިވާވަރު އިހުސާސްކުރެވި އައުޒަމް އިނީ ލަދުގެންފައެވެ. އަމިއްލަ ނަފުސް ކުށްވެރިވެފައެވެ.

މިއަދުވެސް އަންވަރު ފެނުމާއި އެކު މޫސަގެ އަންހެނުން ގެނެސްދިނީ ޖުމްހޫރީމޭވާ ފަނި ތަށްޓެކެވެ. އަންވަރު އެ ޖޫސްތަށްޓާއި ދިމާލަށް ބަލައިލީ ފަކުރުގަނެ ފައިވާފަދަ ގޮތަކަށެވެ. މޫސަގެ އަންހެނުން ދަލޭކަ އެކޮޓަރިގަނޑުން ނިކުތުމާއިއެކު އަންވަރު މޭޒުމަތީގައި ބާރަކަށް އަތުންޖެހިއެވެ.

"އަހަރެން އަންނަ އިރަށް ބޯއެއްޗެއް ގެނެސް ދެނީ ފަންޑިތަހަދާފައެއް ނޫންތަ؟ ނޫނީ ވިހައަޅާފައިތަ؟ އަހަރެންވެސް މިއީ ގަމާރެއްނޫނޭ. އެހެންނޫނަސް އަހަރެން މިއީ ފޮނި އެއްޗެހި ބޮއިއުޅޭ މީހެއް ނޫން..." އަންވަރު ހުރީ ރުންކުރުވެފައެވެ. މީހަކު ކޮށްދޭ އިހުސާންތެރި ކަމެއް ބަލައިގަންނާކަށްވެސް މިހާރު އަންވަރު އަކަށް ނޭގެއެވެ. ތިމާ އެހެން މީހުންނާއި މެދު ރާވާކަންތައްތަކުގެ ސަބަބުން އޭނައަށް ހައްތަހާ ހީވަނީ އެހެން މީހުންނަކީ ވެސް އޭނަ ފަދައިން ނުބައި ރޯލުކުޅޭ މީހުން ކަމެވެ. އެންމެންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ މަކަރުވެރި، ޚިޔާނާތްތެރިން ކަމެވެ.

"ސާބަހޭ ކޮއިފުޅާ. ނިކަން ހަމަޖެހިބަލަ. އަހަރެން ކަލޭ މަރާލަންޏާ އެއީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމެއް. ވަގުތުން ޖިންނި އަކަށް އަމުރުކޮށްލަންވީ. އެކަމަކު ބޭބެ ނޫޅެމޭ މޮޔަވަގެނެއް..." މޫސަ އިނީ ހުދުތަށްޓެއްގައި ދަވާދަކުން ލިޔާށެވެ. އަންވަރު ކުޑަކޮށް ކައިރިއަށް ޖެހިލާފައި މޫސަ ކުރާކަންތައް ޝައުގުވެރިކަމާއިއެކު ބަލައިލިއެވެ. އޭނަގެ ނިތްކުރީގައިވާ ރޫތައް މަޑުމަޑުން ފިލަން ފެށިއެވެ.

"މޫސައަށް ކެރޭނެތަ އެހުރިހާ ޖިންނިތަކެއް އަންދާލަން؟ އެ ޖިންނި ދަރިކޮޅު އެކީގައި ނައްތާލައިފިއްޔާ މަ ދީފާނަން ބައިލައްކަ ރުފިޔާ..." އަންވަރު މޫސަ ދަހިކުރުވަން ކިޔާލީ ތިމާއަށްވެސް ނުދެވޭނެފަދަ ބޮޑު އަދަދެކެވެ.

"ނުވާނެ ތިކަމެއް. އެއީ ޖިންނިންގެ އެންމެބޮޑު ރަސްގެފާނުގެ އާއިލާ...." މޫސަ ހެދީ ތެދެވެ.

"ތިހާ މޮޅުއިރު ކީއްވެތަ އަލާއުއްދީނުގެ ވޮށްގަނޑުފަދަ މޮޅު އެއްޗެއް ނުހޯދިގެން އުޅެނީ؟ މި ޖިފުޓިގަނޑު ބުރިބުރިއަށް ހިއްލާނުލެވެނީ ކީއްވެތަ؟ އިހުޒަމާނުގައިވެސް ރަސްކަލުން ޖިންނިން ގެންގުޅުނީ އެފަދަ ބޭނުންތައް ފުއްދުމަށް. އެމީހުންގެ އަމުރަށް ގަނޑުވަރު ތައްޔާރުކޮށް، ބޮޑެތި ގުޅިތަކަށް ރަނާއި އަލިމަސްފަދަ ޖަވާހިރުތައް ލައިގެން ގެނެސްދެއެއްނު. މޫސަބެ ކީއްވެތަ މިހާ ހާލުގައި އުޅެނީ؟" އަންވަރު އޮޅުން ފިލުވަން ބޭނުންވިއެވެ.

"އަހަރެމެން ތިބެން ޖެހެނީ އެމީހުންގެ އަޅުންނަށް ވެގެން. ތިބުނާހާ ފަސޭހަ ކަންތަކެއް ނޫން މިހިރީ.." މޫސަ ދެއްކި ވާހަކަތަކުން އަންވަރު ގެ ޝައުގު ގެއްލުނެވެ. އެހެންނޫނަސް މޫސަ، އަންވަރުއަށް އެ ރަސްޖިންނިންގެ ބާރުގަދަކަމާއި އެމީހުންނަށް ގޮތެއް ހަދާނުލެވޭނެކަމުގެ ޔަގީންކަން ދީ، އެތައް ވާހަކަތަކެއް ދެއްކިއެވެ. އޭނައަށް އެކަނި ފަންޑިތައަށް ބަރޯސާވެގެން ނުހުރެވޭނެކަން މިއަދު ޔަގީން ކުރެވިއްޖެއެވެ. މިހާރު އޮތީ އެންމެ މަގެކެވެ. ޔަގީނުންވެސް އޭނަގެ ސިކުނޑީގައިވާ އެއްޗެއް، ޖިންނިއަކަށް ވެސް އެގުމެއް ނުވާނެއެވެ. އަންވަރު އެގެއިން ނިކުމެގެންގޮސް އޭނަދުއްވާ އާދައިގެ ކަޅުކުލައިގެ ކާރަށް އަރާފައި ބާރަކަށް ދުއްވާލައިފިއެވެ. ބީއެމްޑަބްލިއު ކާރެއްގައި އެތައް އަހަރުތަކެއް ވޭތުކުރުމަށްފަހު އާދައިގެ މޮޑެލްއެއްގެ ކާރަކަށް އެރުމުން އޭނައަށް އިހުސާސް ކުރެވުނީ ތަރިތަކުގެ ދުނިޔެއިން ބިމަށް އާދެވުނުކަމެވެ. އިބުލީސް ފަދައިން އުޑުން ބިމަށް ތިރިވިކަމުގެ މިސާލުވެސް ހިތާހިތުން ޖެހުނެވެ. އަންވަރު އެކަމާއިވެސް ރުޅިގަދަވެގެންގޮސް މޮޔަވާވަރުވިއެވެ.

"ޓެކްސީ...ޓެކްސީ...." ރީތި ދެއަންހެންކުދިން އަތްދިއްކޮށްލުމުން އަންވަރުގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އޭނަ އެކުދިން ކާރަށް އެރުމުން ލޯގަނޑުން ސިއްރުސިއްރުން އެކުދިންނަށް ބަލަން އިންއިރު ހަދާންވީ އެ ރީތި ރީތި މައިރާއެވެ. އޭނައަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނީ މައިރާގެ ދުނިޔެ ފުނޑު ފުނޑުކޮށްލެވުމުންނެވެ. މިދުވަސްކޮޅު ރޭގަނޑު ނިދެންދެން އޭނަ ތަފާތު ނުބައި ޚިޔާލުތައް ކުރެއެވެ. ފެންޓަސީ ދުނިޔެއެއްގައި އޭނަ ވަނީ އެ އާއިލާގެ އެތައްބަޔަކަށް ޖިސްމާނީ ނުބައި އަނިޔާތަކެއް ދީފައެވެ.

މައިރާ ހުރީ އައުޒަމް އާއި ބައްދަލުކުރަން ދާހިތްނުވެފައެވެ. ނަމަވެސް ރެޔާން ކިޔާވަރުން މައިރާ ތައްޔާރުވެލައިގެން ގެއަށް ދާން ނިކުތެވެ. މަޑު ވައިލެޓްކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސެއްގައި އެއްވެސް މޭކަޕެއްނެތި ހުރިއިރުވެސް މައިރާގެ ރީތިކަމުން ދެކޭ ކޮންމެ މީހެއްގެ ލޯތައް ހުއްޓޭނެއެވެ. އެގެއަށް ވަދެ ސިޓިންރޫމްގައި ތިބި އެހެންމީހަކަށް ބަލައިލުމެއް ނެތި މައިރާ އެންމެ ފުރަތަމަވެސް "ޑެޑީ" އޭ ކިޔާފައި ގޮސް އައިމަންގެ އަތުތެރެއަށް ވަނެވެ.

އެމަންޒަރު ފެނުމުން އައުޒަމް އިސްޖަހާލިތަން ރެޔާންއަށް ފެނުނެވެ. ކިތަންމެ ބުންޏަސް ބައްޕައަކަށް އޭނަގެ ދަރިފުޅު އެހެން މީހަކަށް ބައްޕަކިޔާ އަޑު އިވުމުން އަސަރު ނުކުރާނެ ގޮތަކީ ނެތްގޮތެކެވެ. އޭނަގެ މައިރާ ހާދަ ރަނގަޅެވެ. އެތަންކޮޅު ވިސްނާލާފައި އެންމެން ގާތުގައި ދަރިފުޅު ޢަދަންގެ އަސްލު ހާމަކުރީއެވެ. މައިރާ އާއި އައިޒާން އޮޅުވާލިނަމަ ދުނިޔޭގެ އެހެން ފަރާތްތަކަށް އެ ހަގީގަތްވެސް ފޮރުވާލެވުނީހެވެ.

"ދަރިފުޅާ. މިއީ ދަރިފުޅުގެ ބޮޑުބޭބެ އައުޒަމް...." އައިމަން މައިރާގެ އަތް އައުޒަމް އާއި ގުޅުވާލަދިނެވެ. މައިރާ އޭނަ އާއި ކުރިން އައުޒަމް ދިމާވެފައިވާ ކަމަކަށް ނުބުނެ ރީތި ހިނިތުންވުމަކާއި އެކު ބޮޑުބޭބެއަށް މަރުޙަބާ ކިޔެވެ. ރެޔާން އައުޒަމްގެ އުނގުގައި ޢަދަން ބޭންދިއެވެ. ޢަދަން އައުޒަމްގެ ލޮލަށް ބަލަހައްޓައިގެން އޮވެ ހީލި މަލަކޫތީ ގޮތަކުން އައުޒަމްގެ ހިތުގައި ވަގުތުން އެ ދަރިފުޅާއި މެދު އުފެދުނީ އިންތިހާދަރަޖައިގެ ލޯތްބަކާއި ކުލުނެކެވެ. މައިރާ ފެނުމުން އޭނައަށް މިވާގޮތުން ހީވާން އުޅެނީ މައިރާ އަކީ އޭނަގެ ދަރިފުޅު ހެންނެވެ. އެހެން ހީކުރެވެނީ ކީއްވެ ހެއްޔެވެ؟ މި އުފާތަކާއި ވަކިން އެތައް ޒަމާނެއް ވާންދެން ހުރެވުނުކަމުގެ މޮޔަހީވިއެވެ. ދިރިއުޅުމުގައި ކުރެވުނު ފާފަތަކާއިއެކު އޭނައަށް ހުރެވުނީ ވިސްނޭވަރަށްވުރެ ސިކުނޑި ގަބުވެފައި ކަންނޭގެއެވެ. ލޯ ހުޅުވުނުއިރު މިވަނީ ވަގުތު ފާއިތުވެ ބޭކާރު މީހަކަށް ވެފައެވެ. އައުޒަމް ފިނިނޭވައެއްލިއެވެ. އެ ދަރިފުޅުގެ މޫނުގައި ބޮސްދިން އިރު އައުޒަމް ފެންކަޅިވިއެވެ.

އީޝަލް ހަމަކުއްލިއަކަށް އައިޒާންގެ ކޮޓަރިއަށް ދިރިއުޅުން ބަދަލުކުރިއެވެ. އީޝަލް އައިޒާން ގާތުގައި ބުނީ އޭނަގެ އެކުވެރި ބައެއްކުދިން އައިޒާން އާއި އަޅައިގެން އުޅޭތީ ކަންބޮޑުވެފައި ވާކަމަށެވެ. ދެ އަންބަށް އިންނަން ބޭނުންވާކުދިން ވެސް އެބަތިބިކަމަށް އީޝަލް ބުންޏެވެ. އައިޒާން އެކަނި ހުނުމަކުން ފުއްދާލީއެވެ. އައިޒާންއަށް ވެސް މިހާރު "ކައިވެނި" ސީރިޔަސް ކޮށެއް ނުނެގެއެވެ. ހަތަރު އަންބަށް މީހުންނާއި އިންނަންވެސް އޭނަގެ ފަރުވާލެއް ނެތެވެ. ލިބޭނެ އުފަލެއްވެސް ނެތެވެ. ދިމާވި ހިތި ތަޖުރިބާ ތަކަކަށްފަހުގައި އޭނައަށް ކައިވެނީގެ އެއްވެސް މާނައެއް ނެތެވެ. އެއީ ބައެއް ފަހަރު ދެއްކުންތެރި ދަޅައެކެވެ. ރަނގަޅު ކައިވެންޏެއް ކޮށްގެން ހަމަޖެހޭ ލޯބިވެތި ދެމަފިރިންގެ ގޮތުގައި އުޅެ މަރުވެގެން ދާނީ ލައްކަ އަކުން އެކެކެވެ. އޭނައަށް އެ ނަސީބެއްނެތެވެ. 

އައިޒާން ފެންވަރާ މާގަނޑު ދޮށުގައި ހުރިއިރު ކޮޓަރީގައި އުޅެނީ އީޝަލް އެކަނިނޫންކަން އެގުނެވެ. ދޭތެރެއަކުން ދެ އަންހެންކުއްޖަކު ތޫނުކޮށް ހަޅޭއްލަވައިގެންފައި ހީގަނެލައެވެ. ސަކަ ހުނުމެވެ. އީޝަލްގެ ޅަކަމާއެވެ. މިކޮޓަރިއަށް އީޝަލް ބަދަލުވީތީ އޭނަ އެއްޗެކޭ ނުބުންޏަސް ފިކުރު ބޮޑުވެސް ވިއެވެ. އޭނަ ގެންގުޅޭހާ މުހިއްމު ސާމާނެއް އޭނަ ވަނީ އަލަމާރިއަކަށްލާފައި ތަޅުލާފައެވެ.

އީޝަލް އަންހެންކުދިންނަށް ދައްކަން އުޅެނީ އޭނަ އާއި އައިޒާންގެ ގުޅުމެއް އޮންނަކެމެވެ. ލޯބިވާކަމެވެ. އެކަމަކުވެސް އީޝަލް އޭނަގެ އެކުވެރިން ގާތުގައި "ގޯސް" ގުޅުމެއް ނުވާކަންވެސް ބުނެދީފައިވާ ކަމަށް ބުންޏެވެ. އީޝަލް ދައްކާ ވާހަކަތައް ހަދާންވުމުންވެސް އައިޒާންއަށް ހެވުނެވެ. އައިޒާން ފެންވަރާ ނިމިގެން ބޭރަށް ނިކުތީ ޖިންސް ލައިގެންނެވެ. އޭނަ ފެނުމުން ޒޯހާ ފަރި ނަޒަރަކުން ބަލައިލުމުން އައިޒާން ހުރީ ކުޑަކޮށް އުދަގޫވެފައެވެ. އާއިލީ ކުދިންގެ ތެރޭގައިވެސް ޖެހިލުމެއްނެތި ލޯބި ހުށަހަޅާ ކުދިންވެސް ތިބެއެވެ. އެހެންނޫނަސް ހުސްހަށިބައި ފުރާވަރުކުދިންނަށް ރީތި މީހަކު ފެނިއްޖެއްޔާ ހިތްކިޔާނެއެވެ. 

"ޒޯ ގަނޑާ. މަގޭ ހަނީއަށް އެސްފީނާ ނުޖަހަބަލަ. ހާދަވަރަކަށޭ ތިބަލަނީ. ލޮލުގައި ޓޭޕް އަޅާފާނަން އިނގޭ..." އީޝަލް އެނދުން ފުންމާލައިގެން ވިދުވަރެއްހާ ހަލުވިކޮށްގޮސް އައިޒާންއަށް ވުރެ ކުރިން ކަޅުކުލައިގެ އަތްދިގު ގަމީހެއް ނަގައިފިއެވެ. އައިޒާން ގަމީސްލުމުން ގޮށްއަޅުވާދޭން ފެށިއެވެ. އައިޒާންގެ އިސްތަށިގަނޑުގައި ކްރީމްވެސް ހާކާލަދިނެވެ. ހީވަނީ ނިކަން ލޯބިން އުޅޭ ޚިދުމަތްތެރި އަންބެއް ހެންނެވެ. ޒޯހާ މަޖާވެލާފައި ދިމާކުރަން ފެށުމުން އީޝަލް ހުރީ ލާނެތް ގޮތަކަށް ހެވިފައެވެ.

"އަހަރެމެން އަބަދުވެސް އުޅޭގޮތޭ ދޯ ހަނީ. ޒޯވެސް މީހަކާއި އިނީމަ ހުރިހާކަމެއް ކޮށްދޭން ޖެހޭނެ....." އީޝަލް ސެންޓު ފުޅި ނަގާފައި ވަސްބެލިއެވެ.

"ތިކަމެއް ނޭގޭ. ރަފޭލް މަގޭގާތުގައި ބުނި އިޝޫގެ ކޯތާފަތުގައި ބޮސްދިނީމަވެސް އިޝޫއަށް ވީ ވަރަށް ބޮޑު ކަމަކަށޭ. އެވަރުކުއްޖަކަށް ހަޒްބެންޑް ބުނާހާކަމެއް ކޮށްދެވޭނީ ކިހިނެއްތަ؟" ޒޯހާ ގެ ވާހަކަތަކުން އީޝަލް ހިތްހަމަނުޖެހޭ ގޮތްވިއެވެ. ރަފޭލް އޭނަ އޭ ކިޔައިގެން އަންހެން ކުދިން ކައިރީގައި ފާޑުފާޑުގެ ވާހަކަތައް ދައްކަން ފެށީއެވެ. ހާދަ ވަރެއްގެ ފިރިހެނެކެވެ. ރަފޭލް ރީއްޗޭ ބުނެވުނު ކަމާއި މެދުވެސް އޭނަ ހިތާމަކުރިއެވެ. 

އައުޒަމް އެނބުރި އައުމުން ދޭންއުޅޭ ރޭގަނޑުގެ ކެއުމުގައި ބައިވެރިވެ އޭނަ ރަފޭލްއަށް، އޭނަ އާއި އައިޒާންގެ އޮތް ގުޅުން އަންގައިދޭނެއެވެ. ހަސަދަވެރި ކުރުވާނެއެވެ. އީޝަލް ގަދަޔަށް ރުޅިއައިސްފައި އެއްޗެކޭ ބުނަން އުޅެފައިވެސް ހިނިތުންވެލިއެވެ. އީޝަލްގެ އެ ރީތި ހިނިތުންވުމާއިއެކު މޫނު އަލިވެގެންދާގޮތުން އެރީތިކަން އެތައް ގުނަ އިތުރުކުރުވައެވެ. އޭނަ ރޭވި ރޭވުންގަނޑުވެސް އޭނަގެ ރުޅިފިނިކޮށް، އުފާކޮށްލަދީފިއެވެ.

"ރަފޭލް އާއި ޒާން އެތައްގުނަ ތަފާތު. ޒާންއަކީ މަގޭ ހަޒްބެންޑު އެހެންނު ޒޯ..." އީޝަލް ވަރަށް ހަމަޖެހިލާފައި، ހަރުގޮތަކަށް ބުންޏެވެ. އައިޒާން ހުރީ މަޖާވެލާފައެވެ. އީޝަލް އޭނަގެ އެކުވެރިންނަށް ހަރުކުއްޖެއްކަމުގައި ދެއްކެން ކިތަންމެ ވަރަކަށްވެސް މަސައްކަތް އެބަކުރެއެވެ. އެކަމުން ބައެއްފަހަރު އައިޒާންގެ މިނިވަންކަމަށް ހުރަސްއެޅި އުދަގޫތަކެއްވި ނަމަވެސް އޭނަ ފޫހިފިލައެވެ. ރޭގައިވެސް އޭނައަށް ނިދިޔަނުދީ އެތައްއިރެއްވަންދެން މަޖާވާހަކަތަކެއްގައި އޮތެވެ. އެންމެ ފަހުން އޭނަ ގެނައި ފިޔާތޮށިކުލައިގެ ކުއިލްޓް ތެރޭގައި ފޮރުވިގެން އެކަނި މޫނުކޮޅު ދައްކާލައިގެން އޮތްއިރު ހީވަނީ ފަލަކުގައި ހަނދުވިދާހެންނެވެ. އެކަމަކު އީޝަލް ހިމޭނުން އޮތީ އިރުކޮޅަކަށެވެ. ދުވާލުވެސް ދިރޭރަހަފޮދެއްފަދަ ހަލަނިކުއްޖާ ނިދަންއޮވެވެސް ހަލަންޏެވެ. އޭނަ ފުރޮޅެމުންގޮސް އެންމެ ފަހުން ނިދަންލައިގެން އޮތް ތުނި ހެދުންކޮޅުވެސް ހިއްލި އެދޮންބަނޑު ހާމަޔަށް ފެނުނެވެ. އައިޒާން އެތައްފަހަރު ކުއިލްޓު ރަނގަޅު ކޮށްލަދިނެވެ. ނަމަވެސް އޭނަ އަޖައިބުވީ އެރީތި އަންހެންކުއްޖާ، ކުޑަކުއްޖެއްގެ ގޮތުގައި ފެންނަކަމެވެ. ނީލް ފަދައިން ކޮއްކޮއެއްގެ މަގާމު ދެވިފައިވީމަކަން ނޭގެއެވެ. އެހެން އިހުސާސެއް ސިއްރުންވެސް ހިތުގައި އުފެދޭ ގޮތެއް ނުވިއެވެ.

މިރެއަކީ އައުޒަމް އެނބުރި އައުމުގެ އުފަލުގައި އާއިލީ މީހުންނަށް އައިމަން ޚާއްސަ ރޭގަނޑުގެ ކެއުމެއް ދެއްވާ ރެއެވެ. ބަގީޗާ ތެރެއާއި ލޯންގައި ގޮނޑިތައް އަތުރާލާފައިވާއިރު އަށެއްޖަހަންވާއިރަށް އާއިލާގެ މެމްބަރުންތައް އަންނަން ފެށިއެވެ. އެކި އުމުރުގެ މީހުން އަންނަމުން ގޮނޑިތައް ފުރެމުންދިޔައެވެ. ލެވެންޑާކޮޓެޖް ގެ ހުރިހާ މެމްބަރުންވެސް އައީ އެކީގައި ކަހަލަ ގޮތަކަށެވެ. ރެޔާން އައީ ޢަދަން ކޮނޑުގައި ބާއްވާލައިގެންނެވެ. މައިރާ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ރެޔާން ބޭނުމީ އޭނަގެ ލޯބިވާ އަންހެނުން މައިރާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން އައުމަށެވެ. ނަމަވެސް އަދިވެސް ލޯބިން އުޅޭ ދެމަފިރިން ގޮތުގައި އެންމެންގެ ތެރޭގައި އުޅުމަށް ފަސްޖެހެއެވެ. އީޝަލް އައިޒާންގެ އަތުގައި އަތްއަޅުވާލައިގެން ހުރިއިރު ހީވަނީ ވަރަށް ލޯބިންއުޅޭ ދެލޯބިވެރިންހެނެވެ. ކޮންމެވެސް ސިއްރު ވާހަކައެއް ދައްކާފައި ހެމުން އައިއިރު އެތައްބަޔެއްގެ ލޯތައް އެދިމާލަށްވެސް އަމާޒުވިކަން އީޝަލް އަށް އެގުނެވެ. އީޝަލް ބެލީ ޚާއްސަކޮށް ރަފޭލް އުޅޭތޯއެވެ. އާދައިގެ މަތިން ރަފޭލް ހުރީ އަންހެންކުދިން ތަކެއްގެ މެދުގައެވެ. "ޕްރިންސް" އަކަށް ވެގެންނެވެ. އީޝަލް އެކަމާއި ހިތްހަމައެއް ނުޖެހުނެވެ. އަންހެންކުދިންތައް ރަފޭލް ވަށާލައިގެން އުޅެންޏާ އޭނައަކަށް އީޝަލް އައިޒާން އާއި އެކުގައި ކިތަންމެ ލޯބިން އުޅުނަސް އަސަރެއް ނުކުރާނެއެވެ. އޭނަ ފުރަތަމަވެސް ދައްކަން ބޭނުންވި މަންޒަރު ރަފޭލްއަކަށް ނުފެނުނެވެ. ފޮނި ފިރިހެނެކެވެ.

މިރޭ އުޑުމަތި ހީވަނީ ކަޅު ސާލެއްގައި ކުދި ޖަވާހިރުތައް އުކާލެވިފައި ވާހެންނެވެ. އެތައް ސަތޭކަ ތަރިތައް ފިޔަޖަހަމުން ދާއިރު ރޭގަނޑުގެ ރާނީ އަދި ދައްކައެއްނުލައެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިއެއްފިޔަވާ ގަސްތައްވެސް ވަނީ ހިމޭންވެފައެވެ. ދޭތެރެއަކުން މުނިޔާތަކުގެ ލަވަޖެހުމުގެ ހިތްގައިމު އަޑުން މާހައުލުގެ ހިމޭންކަން މުގުރާލައެވެ. އައިމަން ކިތަންމެ އުފާވެފައި އިންނެވި ނަމަވެސް ކޮންމެވެސް ނުބައިކަމެއްވާން އުޅޭކަމުގެ ސިގްނަލް ސިކުނޑީގެ ކަނަކުން ދޭންފެށިއެވެ. ހުރިހާ މެހުމާނުންތަކުގެ ތެރެއިން އޭނަގެ އަންހެނުންނާއި ކުދިން އަދި މަންމަ ވެސް ސަލާމަތުން ތިބިތަން ފެނުމުން އެހެން ހިތަށް އަރަން ޖެހުނު ސަބަބެއް އެވަގުތު ވިސްނިއެއް ނުލެއްވިއެވެ. މިއީ އެމެރިކާއެއް ނޫނެވެ. ކުއްލިއަކަށް މީހަކު ބަޑިއެއްހިފައިގެން ވަދެ އެންމެން ގަޔަށް ބަޑިޖަހާފާނެ ކަމުގެ ބިރެއްވެސްނެތެވެ. ނަމަވެސް މިފަދަ އިހުސާސެއް ކުރެވުނީމަ އައިމަންގެ އުފާވެރިކަން ކޮންމެވެސް ވަރަކަށް ފަނޑުވާންފެށިއެވެ.

އޭރު އާއިލާގެ ބައެއް މީހުން އައުޒަމް ގާތުގައި ލަވައެއް ކިޔާދޭން އެދެމުން ދިޔައެވެ. އައުޒަމް އަކީ ކުރީގައި ލާނެތް މިޒާޖެއްގެ ޒުވާނެކެވެ. އަދި ވަރަށް ރީތިކޮށް އިގިރޭސި އަދި ހިންދީ ލަވަވެސް ކިޔަން ދަނެއެވެ. އެންމެ ފަހުން އައުޒަމް ހަމަޖެހިލާފައި ތަންކޮޅެއް މުސްކުޅި ހިންދީ ލަވައެއް ކިޔަންފެށިއެވެ. އެ ރީތި ޖާދުވީ އަޑު އިވުމުން ވައިރޯޅިތައްވެސް ކުރިއަށްވުރެ ހިމޭންވިއެވެ. ދުނިޔޭގެ ހިގުންވެސް ސިކުންތުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ހުރިހާ ހިތްތައްވެސް ރޫރޫ އަޅާފަދަ ޖާދޫ އަކާއި އަސަރެއް އަދި މޮޅިވެރިކަމެއް އެލަވައިގައިވިއެވެ. ގައިން ހީބިހިހަލުވާލިއެވެ.

"އޯ ނަންނެ ސޭ ފަރިޝްތޭ، ތުޖްސޭ ޔެ ކޭސަ ނާތާ...." އައުޒަމްގެ އެ ލަވައާއި އެކު ރާދާ އިނީ ބިރުންގޮސް ނޭވާލާން ނުކެރިފައެވެ. އައުޒަމްއަށް ޔަގީންވީބާވައެވެ. އޭނަ އެންމެން ގާތުގައި ބުނެފާނެ ހެއްޔެވެ؟ އެ ޚަބަރު އެގިއްޖެއްޔާ އާއިލާ ތެރޭގައި ގިޔާމަތް ވާނެއެވެ.

ކޮމެންޓް 0