ރެޔާން، އައިޒާން އޮތް ކޮޓަރިއަށް ވަނެވެ. އައިޒާން ދެ ލޯމަރާލައިގެން އޮތަސް އެބަރު އެސްފިޔަތައް ތުރުތުރުލާތީ އޭނަ ނިދަނީ ނޫންކަން ރެޔާންއަށް ޔަގީންވިއެވެ. އައިޒާންގެ ކުޑަކޮށް ދިގުކޮށްލާފައިވާ އިސްތަށިގަނޑުން ބަޔެއް މޫނަށް ފައިބާފައިވާއިރު ރެޔާން ހަނދާންވީ މާޒީއެވެ. އޭނަގެ އުމުރުން ހަތަރު ފަސް އަހަރުގައި އިސްތަށިގަނޑު ދިގުކޮށްލާފައިވާއިރު އޭނަ ހުންނަލެއް ރީތިކަމުން އެންމެން ކޯތާފަތުގައި ހިފައެވެ. އިސްތަށިގަނޑާއި ކުޅެއެވެ. އޭނައަށް އުނދަގޫކުރެއެވެ. އެންމެން ބަލާވަރުން އޭނަގެ މަންމަ ކަންބޮޑުވާ ހިސާބަށްދާ ފަހަރު އައެވެ. މަންމަ ބުނާގޮތުން ރެޔާންއަށް އެސްފީނާޖެހިދާނެތީ ބޭރަށް ގެންދަން މަންމަ އޭރު ފަސްޖެހުނެވެ. އަދި "ޕްރިޓީ " އޭ ކިޔާ ނަންހަރުކުރި ހަނދާނެއްވެސް ވެއެވެ.
"ޒާން..ހިތަކަށް ނާރާ ޒާން އަމިއްލައަށް މަރުވާން އުޅެފާނެއޭ. ނިއަ ޑެތު އެކްސްޕީރިއެންސެއް ކުރެވުނީ ދޯ.. އެންޖެލް އެއް ފެނުނުތަ؟ "ރެޔާން ނިތްއަރުވާލިއެވެ. އައިޒާން ގެ ހާލު ރަގަޅުކަން އެނގުމުން ރެޔާންގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. އެކުވެރިންގެތެރޭގައި މިހާ ޚާއްސަގޮތެއް ބެހެއްޓުނު އެއްވެސް ފަރާތެއް އަދި ނެތީމަ އެކަމާއިމެދުގައިވެސް ރެޔާން ވިސްނާލަން ޖެހުނެވެ.
"މިތަނަށް ގެނެސް އޮކްސިޖަން ގުޅާ ކަރުތެރެއަށް ފާޑެއްގެ ހޮޅިއެއް ކޮއްޕާލީމަ މޮޔަނުވީ ކިރިޔާ.. މިހާރު ހިތަށް އަރާ ބޮލުގައި ރިއްސާފައި ސިކުނޑީގެ ނާރުތައް ފަޅައިގެން ދިޔަޔަސް ބޭސްތައް ކާނުލެވުނުނަމައޭ.. ތަންކޮޅެއް ގިނައިން ޑައިކްލޮފެނަކް ކޭއިރު ހިތަށް ނާރާ އޯވަޑޯޒްވަނީއޭ.. ބޭނުންވީ އެއްފަހަރުން ތަދުކަނޑުވާލަން.. ބޭސްކެއީ ކޮންމެހެން މަރުވުމުގެ ބޭނުމުގައެއްނޫން.. ނަސީބު ދެރަކަމުން އެންޖެލް އެއްނޫނީ ގަދަ އައްޔެއްވެސް ނުފެނުނު.. ރެޔާންއަށް ދުވަހަކު މިހާ މަރާއި ކާރިއަށް އާދެވުނުތަ؟ "އައިޒާން ކުޑަކޮށް ބާލީސް މައްޗަށް ޖައްސާލައިގެން ތެދުވެ ލެނގިލިއެވެ.މޫނުމައްޗަށް އުދަގޫކުރަމުން ދިޔަ އިސްތަށިގަނޑު އަތުން ރީތިކޮށްލައިފި އެވެ.
ރެޔާންއަށްވެސް އައިޒާންގެ މިޒާޖުގައި ސިއްރުވެރިގޮތެއް ހުންނަކަން އެނގެއެވެ. ޒާތީކަންތައްތައް އެކުވެރިޔަކާއި ހިއްސާކުރާފަދަ ގޮތެއް ނުހުރެއެވެ. ނޫނީ ރެޔާންގެ ހުންނަ ގޮތަކުން އައިޒާންއަށް ހިތްހުޅުވާލަން ނުކެރެނީކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އައިޒާންގެ ބޮލުގައި ރިއްސުމާއި އަމިއްލައަށް މަރުވާން އުޅުމުގެ ހަގީގަތަކީ މައިރާގެ ލޯތްބެވެ. ރެޔާންގާތު ނުބުންޏަސް އޭނައަށް އައިޒާންގެ ސިކުނޑީގައިވާ އެއްޗެއް ކޮންމެވެސް ވަރަކަށް ދެނެގަނެވުނެވެ. އަދި އަމިއްލައަށް މަރުވާފަދަ ފިނޑި އެހާ ދީނެއްނެތް މީހަކަށް އައިޒާން ނުވާނެކަންވެސް ޔަގީންވިއެވެ.
"އެއްފަހަރު..އެކަމަކު ތަންކޮޅެއްކުރިން.. އެއަށްފަހު ހޮސްޕިޓަލްގެ އިމާރާތެއް ފެނުނަސް ފޫހިވޭ.."ރެޔާން އިތުރަށް އެވާހަކައިގެ ތަފުސީލްދޭން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. އޭނަ ވަގުތުން މައުޟޫ ބަދަލުކޮށްލައިފިއެވެ. އޭނަ ގެ އޮފީސް ދަތުރުގެ ވާހަކައާއި ޕްރޮޖެކްޓެއްގެ ވާހަކައަދިވެސް ސިޔާސީ ވާހަކަތަކުގައި އިރުކޮޅެއްވާންދެން ތިއްބެވެ. އެންމެފަހުން ރާއްޖޭގެ ކުށްތަކުގެ ރޭޓްމަތިވާ ވާހަކަ ދައްކަމުން ދިޔައިރު އައިޒާން އަށް ރެޔާންއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވިކަން ރެޔާން ފާހަގަކުރިއެވެ. އެ މައުޟޫއިން އައިޒާން ފެންކަޅިވިއެވެ. ލޯބިވާ ކޮއްކޮ ނީލާގެ ހަނދާންތައްއާވި އެވެ.
ތެދުވެރި ލޯބިވެރިއެއްގެ ދިރިއުޅުމުގެ ހުރިހާ އުއްމީދަކާއި ހުވަފެންތަކެއް ވިއްސިވިހާލިވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެތެރޭގަ އެވެ. ދުނިޔޭގެ ކެހިވެރިކަމާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް އެއްވެސް ކުށެއްނެތް އައިޒާން ވަމުން ދިޔައިރު އޭނައަށްވަނީ އޮޅިފައެވެ. ހަގީގަތަކީ ކޮބާކަން ދެނެގަނެވޭނެގޮތެއް ނޭގި ހައްތަހާބޮޑަށް އޮޅުން ބޮޅުންގަޑެއްގެ ތެރެއަށް ވަދެ މަގު ގެއްލިއްޖެއެވެ. ނަމަވެސް އޭނައަށް ލިބިފައިވާ ރަގަޅު އެކުވެރިޔެއްގެ ސަބަބުން ހިތަށް ހަމަޖެހުމެއްލިބިފައިވެއެވެ. ރެޔާންގެ ރަނގަޅުކަމާއި ހިތްހެޔޮކަމަށްޓަކައި ހިތުގައި ތައުރީފު އުފެދުނެވެ. އެ އިޙުސާންތެރިކަމުގެ ތެރޭގައި އައިޒާން ގެނބެމުންދިޔައީ ބޯ ހިއްލާ ނުލެވޭނެ ވަރަށެވެ.

ޒިޔާމާ ނަމާދުކޮށް ނިމިގެން ދުޢާކުރަން އިންއިރު ހިފެހެއްޓުމެއްނެތި ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ދެމެމުން ދިޔައެވެ. ޒިޔާމާ އާދޭސްދަންނަވާ، ދުޢާ ކުރަމުން ދިޔައީ އެންމެ ކަމަކަށެވެ. އޭނަގެ ދަރިފުޅު ޒައިން އަނބުރާ އޭނަގެ ލޮލަށް ފެނުމަށެވެ. އެދަރިފުޅުގެ މަތިން ހަނދާންވެ ޒިޔާމާއަށްވަނީ ރޭގަނޑު ހަމަ ނިދިނުލިބިފައެވެ. ޑޮކްޓަ ފައިސަލްއަށް ޝައްކެއްވެދާނެތީ ގަންނަ ބިރެއްގެ ސަބަބުން ޒިޔާމާ ހުންނަނީ ލޮލުގެ މޭކަޕްކޮށްލާ ރީތިވެލައިގެންނެވެ. ހިތްވަރުކޮށްލައިގެންނެވެ. ހިނިތުންވެލައިގެންނެވެ. ފައިސަލް ގެ ގާތުގައި އޭނަ އެއްގޮތަކަށްވެސް ޒައިންގެ ނަމެއް ނުގަނެއެވެ. އޭނައަށް ރޮވެނީ، ގިސްލެވެނީ ނަމާދުކުރާ ވަގުތުގައެވެ. އެކުރެވުނު ފާފަ އޭނަގެ ހިތާއިމޭ ކުދިކުދި ކުރަނީއެވެ. ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ފޭރިގެންފިއެވެ. އެ ފާފައިގެ ސަބަބުން އޭނަގެ އަމިއްލަ ނަފުސަށް ވެސް ދުވަހަކު މާފުދެވޭނެ ކަމެއް ނޭނގެއެވެ. ނަމަވެސް އުއްމީދުގެ ދޯދިފަށުގައި އޭނަވަނީ ހިފަހައްޓާފައެވެ. ހެއްދެވި ފަރާތަކީ ރަޙުމަތްވަންތަ ރަސްކަލާނގެއަށް ވާތީ އަޅުތަކުން އެވަރަށް އެދި ދަންނަވާކަންތައް ހިންމަވާދެއްވާނެކަމުގެ އުއްމީދެވެ.

ރެޔާން އެކޮޓަރިއަށްވަންއިރު ޒިޔާމާ އިނީ ރެޔާންގެ ކުޑައިރުގެ ފޮޓޯތައްހުރި އަލްބަމެއް ހުޅުވާލައިގެންނެވެ. މަންމަގެ ލޮލުގައި ކަރުނަވިދާތަން ފެނުމުން ރެޔާން ސިހުނެވެ. މާބޮޑަށް ޒައިން މަތިން ހަނދާންވީ ކަމަށާއި ޒައިން ދުނިޔޭގައި ނެތުމުން ޒިޔާމާގެ އުފާތަކުން ބަޔެއްމަދުވެފައިވާކަމަށް އިހުސާސްކުރެވޭކަމަށް ޒިޔާމާ ބުނެލީ އަސަރާއިއެކުގައެވެ. ރެޔާން އޭނަގެ މަންމައަށް ހިތްވަރުދިނެވެ. ޒައިންގެ ނަން މިގޭތެރޭގައި ކިޔުން އޮންނަނީ މަނާވެފައެވެ. މަންމައަށް ނަފުސާނީ މައްސަލަތަކެއް ކުރިމަތިވެ ބޭސް ކަމުންދާއިރު ޒައިންގެ ވާހަކަ ދެއްކުމުން ނޭދެވޭ އަސަރުތަކެއްކޮށްފާނެތީ ބައްޕަވަނީ އެގޮތަށް އަމުރުކުރައްވާފައެވެ. ރެޔާން ދަންނަގޮތުގައި މަންމަގެ ބަލީގެ އަސްލަކީ އޭނައާއި އެއްމާބަނޑު ކޮއްކޮ ޒައިންގެ މަރެވެ. ޒައިންގެ ނަން މަންމަ އެ ކިޔާލީ އަލަށެވެ. އެއީ މަންމަގެ ނަފްސާނީ މައްސަލަތައް ރަގަޅުވުމުގެ ނިޝާނަކަށްވެދާނެ ކަމަށް ރެޔާން ގަބޫލުކުރިއެވެ.

މައިރާ މެންޑެރިން އޮރެންޖްގެ ތޮށިގަނޑު ނޮޅާލުމަށްފަހު އަރިއެއް އަނގަޔަށް ލާފައި ހަފަން ފެށިއެވެ. ހެނދުނު ހޮޑުލެވުނު ފަހުން ކާއެއްޗެއް ފެނުނަސް މައިރާ އަންނަނީ ރުޅިއެވެ. ނަމަވެސް މިފަދަ ހުތްއެއްޗެއް ނޫނީ މޭވާކޮޅެއް ކާލުމުން ކޮންމެވެސް ވަރަކަށް މެޔަށް ލުއިވާހެން ހީވެއެވެ. މައިރާ ސޯފާގައި އޮށޯވެލިތަނާހެން، ރެޔާން ދޮރުމައްޗަށް އެރިތަން ފެނުމުން މައިރާގެ ހިތް ތެޅިގަތެވެ. ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެނެވެ. ރެޔާންވެސް ހުރީ ފެންވަރާ ތާޒާވެލައިގެން ރޮގުތަކެއްދެމި ދަނބުކުލައިގެ ގަމީހެއް ލައިގެންނެވެ. ރެޔާންގެ ގަމީހުގެ އަތުކުރި އޮޅާލާފައިވާއިރު އޭނަ ފެންނަލެއް ފިރިހެންވަންތަވެފައި ޝަޚުސިއްޔަތު ވަރުގަދައެވެ. ދެމީހުން އެއްކުލައިގެ ހެދުމުގައި ތިބެވުނުކަމީ ވެސް ލޯބީގެ އިއްތިފާގެއްކަން ނޭގެއެވެ. ރެޔާން ދޮރުކަނީގައި އަތްވިއްދާލަމުން ބަލާލީ ހިތްބަންޑުންވާފަދަ ނަޒަރަކުންނެވެ. އެ ރީތި ދެލޮލުން މައިރާއަށް ފެނުނީ އިންތިހާދަރަޖައިގެ ލޯތްބެވެ. މައިރާއަށް އެ ލޮލުގެ މަސްތުގައި ޖެހި އިރުކޮޅެއްވާންދެން ބަލަހައްޓައިގެން އޮވެވުނެވެ. އެލޮލުގައިވާ ބާރުގެ ސަބަބުން ދުރު ބަލާލާކަށްވެސް ނޭގުނެވެ. 
"ހާދަ ލޯތްބޭ...ހާދަ ރީއްޗޭ.. އަދި ވައިލެޓްކުލައިން ނިޔަފަތިތައް ޕެއިންޓްކޮށްލީމަ ވަރަށް ސަޅި.. އެހެންވީމައޭ ކެތް ނުކުރެވެނީ.."ރެޔާން މަޑު ހިނގުމެއްގައި އައިގޮތަށް ގުދުވެ މައިރާގެ ފައިތިލައިގާ ބޮސްދިނުމުން މައިރާ ސިހުނެވެ. މޫނު ރަތްވެ ފިނިފެންމަލުގެ ކުލަވެރިވިއެވެ. އެއާއިއެކު މައިރާ ފައި ދަމައިގަނެފައި ފުންމައިގެން ތެދުވެއްޖެ އެވެ. 
"ހާދަ ގޯހޭ.. އެވަރަށް ގައިގާ އަތް ނުލާށޭ ބުނީމަވެސް.. އަދި އެހާ ބޮޑުކަމެއް ނިންމާއިރު ރެޔާން އެއްފަހަރުވެސް ހިތަކަށް ނޭރިއެއްނު އަހަރެން ނޫނެކޭ ބުނެފާނެއޭ... ވަރަށް ފޫހިވޭ.. ސީ އީ އޯ އަކަށްވީމަ ގަދަބަދަވި ކަމުން ހުރިހާކަމެއް ކުރަން މަޖުބޫރުކުރާއިރު ހަމަ ހީވަނީއޭ އަހަންނަކީ އަޅެއްކަމަށް.. މުޅިން ނުބައިކޮށް ތިވިސްނަނީ.."މައިރާ ކުއްލިއަކަށް ތެދުވެގެން ދާންހިގައިގަތީ ނުރުހުމުގެ ބަލާލުމަކަށްފަހުގަ އެވެ.
"މަޖުބޫރު ކުރަނީއެއްނޫން ބޭބީ.. ލޯބިވާވަރުން އަމިއްލަ ކުރަން ބޭނުންވަނީ.. މިލިއަނުން ރުފިޔާދީފައިވެސް މިދުނިޔެއިން ތިނޫނީ ބޭނުންވާ އަންހެންކުއްޖެއްނެތް.. އެކަން ގަބޫލުކޮށްގެން ބޮޑާ ނަހާކާ މި ފޯމުގައި ސޮއިކޮށްލަދޭންވީނު.. މިހާރުވެސް މިކަން ވުން މާ ލަސްވެއްޖެ.. އަހަރެން ރަސްމީ ދަތުރަކު ޔޫކޭއަށް ކޮންމެހެން ދާންޖެހުނީމަ ކަންތައް ޑިލޭވީ.. އެކަމަކު މާދަން މި ފޯމު ކޯޓަށް ލާންޖެހޭ..ޕްލީޒް.."ރެޔާން މައިރާގެ އަތުގެ މުލައްދަޑީގައި ހިފާލުމުން މައިރާ ރެޔާންގެ އަތް ނައްޓުވަން ބޭކާރު މަސައްކަތްކުރިއެވެ.
"ހަމަމިހާރު ދޫކުރޭ.. ވީވަރުކުޑައީތަ؟ ނުޖެހޭނެ މިގެއަށް އަންނާކަށް..ތިއަށްވުރެ މާރަނގަޅުވާނެ މިގޭ ސިކިއުރިޓީގާޑާއި އަހަރެން އިނަސް.. އޭނަވެސް އަމިއްލަ މީހާއަށްވުރެ އަހަރެން ބޭނުންވާކަންތަކަށް ރެސްޕެކްޓްކުރާނެ.. ރެޔާން ދުވަހަކު އަހަރެންދެކެ ލޯތްބެއްނުވޭ.. ތިއަށް ކިޔަނީ ލަސްޓް.. "މައިރާ ގެ އެ ޖުމްލައިން ރެޔާންގެ ކެތްތެރިކަންކޮޅުންލައިގެން ދިޔައެވެ. އޭނަ މައިރާ އަތުގެތެރެއަށް ގެނައެވެ. މިފަހަރު މައިރާގެ މޫނުގައި ބޮސްދިނީ އެހާ ލޯތްބަކުން ނޫނެވެ. ތަންކޮޅެއް ހަރުކަށި ރުޅިވެރި ބަޔެއްދައްކާލާ މައިރާ ހާސްކުރުވިއެވެ. ރެޔާން މައިރާގެ ގައިންދޫކޮށްލީ ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ ހިލަންވެގެންނެވެ. މިގޭގައި ކަޅުހެދުން ލައިގެން އުޅޭ އަންހެނާ ކޮންމެވެސް ދިމާލެއްގައި ފާރަލައިގެން ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް ނުކުމެގެން އައިސްދާނެ ކަމުގެ ޝައްކެއްވެސް ރެޔާންއަށް ކުރެވުނެވެ.
"މޭއި.. އަހަރެން ބޭނުން މޭއި އަހަރެން ދެކެ ހޭޓް ކުރަމޭ ބުންޏަސް މެރީ ކުރަން... އަހަންނަށް އެގޭ މޭއި ވެސް އަމިއްލަ ހިތާއި ހަނގުރާމަ ކުރަނީކަން.. އަދި އަހަރެންދެކެ ލޯބިވާކަން... ވީމަ މައްސަލަ ނުޖައްސާ ސޮއި ކޮށްލިއްޔާކަން ނޭގޭ ދެން ރަނގަޅުވާނީ.. މިއަށްވުރެ އަހަންނަށް މިކަންތައް އުނދަގޫ ނުކޮށްބަލަ.." ރެޔާން އާދޭހުގެ ރާގަކަށް ބުންޏެވެ. މައިރާ ގެ ލޮލަށް ކަރުނަ އައިގޮތަށް އެ އޮމާން ކޯތާފަތްމަތިން ކަރުނަ ދެމެންފެށި އެވެ. އަދި އެއާއިއެކު ކުޑަކުޑަ ސިންގާއެއްހެން ފުންމައިގެން އައިގޮތަށް ދެއަތުން ރެޔާންގެ މޭގައި ތަޅަންފެށިއެވެ. ރެޔާން މައިރާއަށް ދޫކޮށްލައިގެން ހުރިއިރު ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ. މައިރާ ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރެ އެވެ.
"ދެޓްސް އިނަފް.. ދެން ހުއްޓާލަބަލަ... އަތަށްވެސް ތަދުވެދާނެ... މިއޮތީ ކާޑުވެސް... ރީއްޗެއްނޫންތަ؟ ބޭބީ ގާލް.."އިރުކޮޅެއް ފަހުން ރެޔާން މައިރާގެ ދެއަތުގައި ހިފަހައްޓަމުން ހިނިތުންވެލިއެވެ. އަދި ރެޔާން ގެ އަތުގައިވާ ފޯމާއިއެކީގައި ދައުވަތު ކާޑު މައިރާގެ އަތަށް ލެއްވިއެވެ. އަޖާއިބުވާހާ ރީތި ޑިޒައިނެއްގެ ކާޑެކެވެ. އެކަމަކު ހައިރާންވަނީ ރެޔާންމެން އޭނައަށް ސިއްރުން މިހުރިހާ ކަމެއް ނިންމާފައިވާތީ އެވެ. މިއީ އެކަން ހިގަންވީ ރަނގަޅުގޮތެއް ނޫނެވެ. އޭނަ ރެޔާންއާއި އިންނަން އެއްބަސްވީ އެ ހާދިސާގެ ކުރިންނެވެ. އޭގެ ފަހުން އޭނަގެ ޚިޔާލަށް އިހުތިރާމް ނުކޮށް އޭނަގެ ރުހުން ނުހޯދާ މިފަދަ ބޮޑުކަމެއް ނިންމުމުގެ އިޚުތިޔާރު އެކަކަށްވެސް އޭނަ ނުދެއެވެ. ބޯދާ ޒަމާނުގެ އުސޫލެވެ. ނޫނީ ގަދަބަދަވި ކަމުން ފޭރިގަތުމުގެ ވައްތަރެކެވެ. މައިރާ ރުޅިގަދަވެ ކެތްނުކުރެވޭވަރުވަމުން ދިޔައެވެ. އޭނަގެ އިއްފަތްތެރިކަން ފޭރިގަތުމުންވެސް ރެޔާންއަކަށް ނުފުދުނެވެ.
"ރެޔާން.. އަހަރެން ނުބުނަންތަ އެދުވަހުން ފެށިގެން އަހަރެމެންގެ ލޯބީގެ ގުޅުމެއް ދެން ނޯންނާނެޔޭ...ކާޑުހެދިޔަސް، ވެޑިން ޑްރެސް ފެއްސިޔަސް އަހަރެން ނޫޅެން މީހަކާއި އިންނާކަށް.. ނޫޅެން މޮޔަވެގެނެއް.. އައިމް ޖަސްޓް އެއިޓީން.. ރެޔާން މިހާ ބޮޑު ޚަރަދެއް ކުރުމުގެ ކުރިން އިސްރާފު ނުކޮށް މަގޭގާތުން އަހާލިނަމަ.. ތިކުރީ ބޭކާރު ޚަރަދުތަކެއް..."މައިރާ މިވަގުތު ހިތަށް އައިހާ އެއްޗެއް ކިޔާލިއެވެ. ދުވަހަކު ރެޔާންގެ އަންބަކަށް ނުވާނެ ކަމަށާއި ރެޔާން ކިތަންމެ ވަރަކަށް ފަހަތުން އުޅުނަސް ލިބޭނީ ނާކާމިޔާބު ކަމަށް ބުނަމުން އެ ފޯމާއި، ކާޑު އަތުތެރޭގައި ބޮނޑިކޮށްލާފައި ރެޔާންގެ މޫނުމަތީގައި ޖެހިއެވެ.
"ނައު...ގެޓް ލޮސްޓް... ނޫނީ ގުޅާނީ ފުލުހުންނަށް..."މައިރާ އަދަބު ކުޑަގޮތަކަށް ބާރުބާރަށް ބުންޏެވެ.
"މައިރާ..."ޑޮކްޓަ އައިމަން ގެ ބަރު އަޑު ގުގުމައިގެން ދިޔުމުން މައިރާ ސިހިފައި ރެޔާން އާއި ދުރަށް ޖެހިލަމުން ކަރުނުން ފުރިފައިވާ ދެލޮލުން އޭނަގެ ބައްޕައަށް ބަލާލައިފި އެވެ. އައިމަންގެ މޫނުގައިވަނީ އިންތިހާދަރަޖައިގެ ރުޅިވެރިކަމުގެ އަސަރުތަކެވެ. އެވަގުތު ސުލްތާނާ ވެސް ގޭތެރެއިން ނިކުތެވެ. ސުލްތާނާގެ ނިތްކުރީގައިވާ ރޫތައް ގިނަކަމުން އެންމެން ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައިވާކަން މައިރާ ދެނެގަތެވެ. ޝަމާއިލް ވެސް ހުރީ ސިޑިން ފައިބަން ނޭނގި ހުއްޓުން އަރާފައެވެ.
އައިމަން ދުރުވިގޮތަށް މައިރާގެ މޫނަށް އެތިފަހަރެއް ވީއްލާލެއްވިއެވެ. މައިރާ ދެލޯބޮޑުވިއެވެ. ކޯތާފަތުގައި ފިރުމާލެވުނެވެ. މައިރާ ގެ އެ ނާޒުކް މަލެއްފަދަ ކޯތާފަތުގައި ބައްޕަ މިވީހާތަނަށް ފިރުމާލާފައިވަނީ ލޯބިންނެވެ. ދުވަހަކު މަލެއްގެ ފިޔައަކުންވެސް ބައްޕަ އޭނަގެ ގައިގާ ބޮނޑިއެއް ޖެއްސެވިހަނދާނެއް މައިރާ ނުވެއެވެ.
"ހަމަ މިހާރު ރެޔާން ގާތުން މާފަށް އެދޭ..."އައިމަން އަމުރު ކުރެއްވިއެވެ.
"ސޮރީ.."މައިރާ ހުރީ ބިރުން ރޫރޫއަޅައަޅައެވެ. އެ ރީތި ދެލޮލުން ބަންޑުންވަމުން އައި ކަރުނަތަކާއިއެކު ރެޔާންއާއި ދިމާލަށް ބަލާލިގޮތް މައުސޫމްކަމުން ރެޔާންގެ ލޯ ތެމުނެވެ. އޭރު އެތައް އިހުސާސްތަކުން މައިރާގެ މޫނު ވަނީ އަނގުރު އަލިފާންގަނޑެއްހެންވެފައެވެ. ރެޔާން އިސްޖަހާލީ ކުށްވެރިއެއްފަދައިންނެވެ. އައިމަން ރުޅިދުރުވެފައި ހުރިލެއް ބޮޑުކަމުންނާއި އޭނަ އިހުތިރާމްކުރާލެއް ބޮޑުކަމުން މައިރާ ދިފާޢު ކުރަން އެންމެ ފިޔަވަޅެއްކުރިއަށް ނޭޅިނަމަވެސް އޭނަ ގެ ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެހެން މީހަކު އެފަދަ ގޮތަކަށް މައިރާގެ ގައިގާ ޖެހިނަމަ ރެޔާން އެމީހެއްގެ އަތް ބިންދާލީހެވެ. ރެޔާން މައިރާ ގެ ދިފާޢުގައި އެއްޗެކޭ ބުނަން އުޅެނިކޮށް އައިމަން ދެއްކި ވާހަކައަކުން ރެޔާން ހައިރާންވިއެވެ. 
"މައިރާ..ކިތައް ފަހަރު ބުނިން އެމީހާއާއި ވާހަކަ ނުދައްކާށޭ.. އެކަމަކު ކޮންމެ ދުވަހަކު އެދަނީ އެޕާޓްމެންޓަށް އެމީހާ އާއި ބައްދަލުކުރަން.. ލަދު ކުޑަކުއްޖެއް.. އަދި ރެޔާން އާއި ދިމާލަށް އަދަބުކުޑަކޮށްލާފައި ވާހަކަދައްކާއިރު ތިބުނާ މީހާއަކީ ރެޔާން ހިނިގި މަގަކުން ދެވޭ ފެންވަރު މީހެއް ނޫނޭ .. ބައްޕަނެތް މީހަކާއި އަޅައިގެން އުޅޭތީ ހުރިހާ ލަދެއް ގަންނަން މިޖެހުނީ އަހަރެމެން.." އައިމަން ދުވަހަކުވެސް މީހަކު މިގޮތަށް ދަށްކޮށްލާފައި ވާހަކައެއް ނުދައްކައެވެ

ކޮމެންޓް 0