އެކަރުނަތައް އެސްފިޔަ ފޫދުއްވާފައި ތިރިއަށް ފައިބައިގަތްއިރު ކަރުނަ ފޮހެލާނެ ހިތްވަރެއްވެސް، އެތަނުން ހިނގައިގަންނާނެ ހިތްވަރެއްވެސް ޒިޔާމާއަކަށް ނުލިބުނެވެ. އޭރު ސަމީނާ ދޮރުތަޅުލަންވެގެން އެދިމާލަށް ހިނގާލާފައި އައެވެ. ސަމީނާ، ޒިޔާމާ އާއި ކައިވަތެއްހާ ކާރިއަށްޖެހިލިއެވެ. ޒިޔާމާއަށް ކަރުނަތަކުގެ ތެރެއިން ސަމީނާގެ މޫނަށް ބަލާލެވުމާއިއެކު ސިހުނެވެ. ޒިޔާމާއަޅައިގަތީ އެ ދެލޮލުގައެވެ. ސަމީނާގެ ހޭޒަލް ކުލައިގެ ދެލޮލަކީ ފަސޭހައިން މީހެއްގެ ހިތުން ފިލުވާލެވޭ ވަރަށްވުރެ ރީތި ލޮލެކެވެ. އުމުރުން ދުވަސްވެ މީހާ ފަލަވެގެން ބެރެއްވަރުވެފައި ހުއްޓަސް އެ ދެލޮލުގެ ތޫނުފިލިކަމާއި ރީތިކަމަކަށް ބަދަލެއްނާދެއެވެ.

"ފާތިމާ...." ޒިޔާމާއަށް ކިޔާލެވުނެވެ.

"އާން... މިއީ ފާތިމަތު ސަމީނާ. އެ ފަރަންޖީ ނަރުހުން ފާތިމަ އޭ ކިޔައިގެން އުޅުނީމަ އެ ނަމުން ނޫނީ ނުވެސް އެނގޭނެ. މިހާރު ތިއައީ ކީއްކުރަންތަ؟ އެނގެޔޭ ތިއައީ އަހަރެން އެވަރުން އައިޒާން ބަލާ ބޮޑުކުރީމަ އަތުލަންކަން. ހަމަ ހުވާ ލާހިކެއްނޫން ތިކަން ކުރާކަށް. އެނގޭތަ؟ އަހަންނަށް އައިޒާން ލިބުމާއިއެކު ވަގުތުން ދޯންޏެއްގައި ރަށަށް ދާން ފުރީ. އެކުއްޖާފުޅު ދެތިންގަޑިއިރުވަންދެން ހުއްޓާނުލައި ރުއި. އެހާ ކުޑައިރުވެސް އެނގުނޭ ތިމަންނަގެ މަންމަ އެއްލާލީކަން. އެހެންވެކަން ނޭގޭ ގާތުން ނުބޮއިގެން ފުޅިން ކިރުދޭން ޖެހުނީވެސް. ރަށަށް ދިޔަތަނާހެން އަހަރެން ގަދަ ހުންގަނޑެއް ޖެހިގެން ސިއްޙީ މަރުކަޒުގައި ބޭއްވީ. އަވަށްޓެރިއަކު އެ ދަރިފުޅު ބަލާދިނީ. ފަނަރަ ދުވަސްވަންދެން އެތާ އޮވެފައި އަހަންނަށް އާދެވުނުއިރު އައިޒާން ހީވަނީ ހިކިކަމުން ހޯލިކޮޅެއްހެން. ދަލޭކަ ބުނީ އޭނަ ދިނީ ގެރިކިރު ކަމަށް. އެހާލުގައި އުޅެ އަހަރެން ބޮޑުކުރިކުއްޖާ ހޯދަން މިއަދު އަންނާނެ ކަމެއް ނެތް....." ސަމީނާ ޒިޔާމާ އައި ބޭނުމެއްވެސް އަހާނުލައި ބާރުބާރަށް ހަޅޭއްލަވަމުން ދިޔައެވެ.

"ދެން ހެވޭ ސަމީނާ. ހެޔޮނުވާނެ. އިތުރަށް ތި ވާހަކަދައްކައިގެން އަހަރެން މޮޔަނުކޮށްބަލަ... " ޒިޔާމާ އަށް ރޮވިއްޖެއެވެ.

ޒިޔާމާ މޫނުގައި އަތް އެޅިއެވެ. އޭނަގެ މައުސޫމް ތުއްތު ދަރިފުޅުގެ ޙާލު ތަސައްވަރު ކުރެވުމުން އެ ހިތަށް ކެތެއްނުވިއެވެ. ސަމީނާ ދެއްކި ވާހަކަތަކަކީ އައިޒާންގެ ހިތް އޭނަ އާއި ދެކޮޅަށް އަނބުރާލަން ބޭނުން ކުރާނެ ހަތިޔާރެއްކަން ޔަގީނެވެ. އައިޒާން އޭނަދެކެ ނަފްރަތު ކުރާނެ އެވެ. އޭނަގެ ދުނިޔެ އާއި އަބަދުގެ އަބަދަށްޓަކައި ދުރަށް ދާނެއެވެ. ޒިޔާމާ ކޮންމެ އަގެއް ދީފައިވެސް މިހާދިސާ ސިއްރުކުރަން ބޭނުމެވެ. ސަމީނާގެ އަނގަ ބަންދުކުރަން އޭނަ މިހިރީ ފެންފަދައިން ފައިސާ އޮއްސަން ތައްޔާރަށެވެ.

"ސަމީނާ. އަޑުއަހާބަލަ. އަހަރެން ނާންނަން އަހަރެންގެ ދަރިފުޅު ޖަހައިގަންނާކަށް. އަހަރެން ގަބޫލުކުރަން އަހަންނަކީ ފާފަވެރިއެއްކަމަށް. ކުށްވެރިއެއްކަމަށް. އެފާފަކޮށްފައި ތައުބާވެއްޖައިން އެކަމަކު އަމިއްލަ ނަފުސަށްވެސް ދުވަހަކު މާފު ނުދެވޭނެ. ސަމީނާ އަހަންނަށް ކަމެއްކޮށްދެންޏާ އައިޒާންއަށް މިކަން ސިއްރުކޮށްލަދީ. އަދި އަބަދުގެ އަބަދަށް މަންމަގެ ގޮތުގައި ހުރެދީ. އަހަރެން މިހިރީ ސަމީނާ ބޭނުންވަރަކަށް ލާރިދޭން ތައްޔާރަށް... " ޒިޔާމާ އާދޭހުގެ ރާގަކަށް ބުންޏެވެ.

"އަހަރެން އެންމެ ފައިސާ ފޮތްޗެއްވެސް ބޭނުމެއްނޫން. އަހަރެން ކޮންމެ ހާލެއްގައި އުޅެމުންވެސް އޭނަ ފަހަތުލައިގެން އުޅޭތާ ފަންސަވީހަކަށް އަހަރު ވެއްޖެ. ވީއިރު މިއަދު ވަކި ބުނާނެތަ ތިއީ އަހަރެންގެ ދަރިއެއްނޫނޭ. މިތަނުން ދެން ދޭ." ސަމީނާ ހުރީ ރުޅިމޫނު ހަދާލައިގެންނެވެ. އޭނަ ގަވާއިދުން ބަލަމުންދާ ޑްރާމާ ފެށޭ ގަޑިކާރިވެއްޖެއެވެ. ކަޅުސަޔާއި އެކު ރޮށި މޮޑެގެން ގެނެސް ބަހައްޓައިގެން އޭނަ މިއުޅެނީ ޓީވީ ބަލަން އިށީނުމަށް ގަސްތުކޮށްގެންނެވެ. މިގަޑީގައި އޭނަ ބޭނުމީ އެކަނިވެރިކަމެވެ. ޚާއްސަކޮށް ޒިޔާމާގެ ހިޔަނިދެކެން ވެސް އޭނަ ބޭނުމެއް ނޫނެވެ. ޒިޔާމާ ބޭރަށް ނުކުތުމުން ސަމީނާ އަވަހަށް ދޮރު ތަޅުލާފައި ކުދިކިޔަމުންގޮސް ޓީވީ ހުޅުވާލައިފިއެވެ. އޭނަގެ ޚިޔާލުގައި ވަނީ ސިލްސިލާއިން ދެން ވާނެގޮތެކެވެ. އެނޫން އެހެން ކަމަކާއިމެދު ވިސްނުމަކީ ސަމީނާ މާ ކުރާހިތްވާކަމެއް ނޫނެވެ. އަބަދު ކައިގެން ޓީވީ ބަލަން އިންނާތީ މިހާރު ސަމީނާ ކުރިއަށް ވުރެ ބުރަހެލިވެފައި، ފަލައެވެ. އޭނަގެ އަޑު ބަދަލުވާތީ ކޮންމެވެސް މީހަކު އޭނަގެ ތައިރޮއިޑް ޓެސްޓް ހަދަންވެސް މަޝްވަރާ ދިނެވެ. ބައްޔެއް ޖެހިދާނެކަމާއިމެދު ވެސް ސަމީނާ ވިސްނާނުލައެވެ. ހަޔާތުގައި އެތައް ހިތާމަތަކެއް އުފުލުމަށްފަހު ލިބުނު އުފަލާއި މަޖާކޮޅުގެ ސަބަބުން ސަމީނާ ވަނީ އެހެން ހުރިހާ ކަމެއް ހަދާންނެތިފައެވެ.

ފައިސަލް ކޮޓަރިއަށް ވެންނެވިއިރު ޒިޔާމާ ފެންނާކަށް ނެތެވެ. އެނދުގެ ބޯލާކޮޅުގައި ވާ ބާލީސްދަށުން އަލްބަމެއްގެ ބަޔެއް ފެނުމުން އަލްބަމް ހުޅުވާލެއްވީ އެއްގޮތަކަށްވެސް އައިޒާންގެ ފޮޓޯތަކެއް ފެންނާނެކަމަކަށް ނޫނެވެ. އެ އަލްބަމުގައިވާ ފޮޓޯތައް ފެނުމުން ފައިސަލްގެ ހިތް ލޯތްބާއި، ކުލުނުން ފުރުނެވެ. ހަމްދަރުދީއިން ބަންޑުންވިއެވެ. އެތުއްތު މަޢުސޫމް ސޫރައިގާ ފިރުމާލެވުނީ އަމިއްލަ ދަރިއެއްގެ ގައިގާ ފިރުމާ ލައްވާނެހާ ލޯބިންނެވެ. ބައެއް ތަސްވީރުތަކުން ފައިސަލްގެ ހިތްވެސް ގުޑިލިއެވެ. ނޭގޭފަދަ ޖަޒުބާތުތަކުން ފެންކަޅިވެލެއްވިއެވެ. މިއަށް ވުރެ ޙާލުގައި އުޅޭކުދިން ފެނުނީމަވެސް މިހާ ފުން އަސަރުތަކެއް ހިތަކަށް ނުކުރެއެވެ. އައިޒާން އެންމެންގެ ހިތަށް ސިހުރެއް ހަދައިގެން އުޅެނީބާވައެވެ. އޭނައަށްވެސް ނޭގި އެހިތުން މިވަނީ އައިޒާންއަށް މަގާމެއް ދެވިފައެވެ.

"ޒިޔާމާ ބުނާހެން މަގޭ ޒައިން އާއި ވައްތަރީ. އެހެން ކުއްޖެއް ފެނުމުން މިފަދަ އިހުސާސްތަކެއް ނުކުރެވޭ. ރެޔާން އާއި ވައްތަރުކަން. ހަމަ އެދެލޯ. އެ ތުންފަތް. އެކަމަކު ހާދަ ހިއްކޭ.... " ފައިސަލް އަލްބަމް ބާއްވާފައި ނިތްމަތީގައި އަތްބާއްވައިގެން އެތައް އިރެއްވާންދެން އައިޒާން އާއިމެދު ވިސްނަން އޮންނެވިއެވެ. އައިޒާން އަކީ އެމީހުންގެ ދަރިއަކަށް ވާންވީގޮތެއް ވިސްނުމަކަށް ނަޔަސް ކޮންމެވެސް ކަހަލަ ގުޅުމެއް އައިޒާން އާއި ވާކަމުގެ އިހުސާސްކުރެވުނެވެ. ކިތަންމެ ވަރަކަށް އެ އިޙުސާސްތަކާއި ވަކިވާން މަސައްކަތް ކުރެއްވި ނަމަވެސް ދުވަހުން ދުވަހަށް އައިޒާން ދެކެ ހިތުގައި ވާ ލޯބި އިތުރުވުން ނޫންކަމެއް ނުވިއެވެ. ހިލޭމީހެއްގެ ދަރިއަކު ދެކެވެސް ލޯބިވުމަކީ ދުރުކަމެއްނޫންކަން ފައިސަލްއަށް މިއޮތީ އެނގިލައްވާފައެވެ.

ފަރުޒާން އަށް ގުޅައިގެން ހުރެ އަންވަރު ބުނި ވާހަކައަކުން ފަރުޒާންގެ ލޭ ކެކިގެން ދިޔައެވެ. އެއީ ދޮގެއްކަމަށް ކަޑައަޅާފައި، ސިކުނޑިން ނެރެ އެއްލާލެވޭނެފަދަ ވާހަކައެއްވެސް ނޫނެވެ. އައިޒާން އާއި އީޝަލް މާ ގާތްކޮށް ސަމާސާކުރާތަން ފަރުޒާންގެ ދެލޮލުން ވަނީ ދެކެފައެވެ. ފަރުޒާން ވިސްނީ އީޝަލްގެ ޅަކަން ކަމަށެވެ. އީޝަލް ދެކޭނީ އައިޒާން އަކީ ވެސް ބޭބެ އެއް ކަމަށެވެ. ފިރިހެނުންގެ ސިކުނޑީގައިވާ ނުބައި ކަންތައްތައް އެ މޮޔަކުއްޖާއަކަށް ނުވިސްނޭނެއެވެ. ވީއިރު އައިޒާން އެކަމުގެ ނާޖާއިޒު ފައިދާ ނެގީތާ އެވެ. މިއޮތް ބޮޑު ގޭތެރޭގައި ކޮންމެފަދަ ކަމެއް ހިގިޔަސް އެނގޭނީ ކިހިނެއްހެއްޔެވެ؟ އޭނަ އާއި ބައްޕަ އަދި ރެޔާން ދުވާލު އުޅެނީ ޑިއުޓީގައެވެ. މަންމަވެސް އީޝަލް އެކަނި ގޭގައި ބަހައްޓާފައި ބޭރަށް ގޮސްދާނެއެވެ. މަންމަ އައިޒާންއަށް މާ ވަރަކަށް އިތުބާރުކުރާނެ ވިއްޔާއެވެ. ފަރުޒާން ހަލުވިކޮށް ސިޑިން ފައިބައިގެން އައިއިރު އެމޫނު ވަނީ ރަތްވެފައެވެ. އެއައިބާރުމިނުގައި އައުމުން ފެންޑާގައި މަންމަ ގާތުގައި ހުރި އައިޒާން ގެ ގައިގާ އަޅައިނުގަތީވެސް ކިރިޔާއެވެ.

"އިޑިއަޓް..." ފަރުޒާން އައިޒާން ގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިފިއެވެ. އައިޒާން ލަދުގަންނަގޮތްވިއެވެ. އޭނަ ހީކުރީ އެކުޑަ އެކްސިޑެންޓްގެ ސަބަބުން ފަރުޒާންގެ ލޭ އަވަސްވީކަމަށެވެ. ބައެއްފަހަރު ވަރަށް އާދައިގެ ކަންތަކާއި ފޮނިމީހުން ރުޅިގަދަވާކަން އައިޒާން ދަނެއެވެ. ބަލާލެވޭ ގޮތަކުންވެސް މައްސަލަޖެހިދާނެއެވެ.

"ސޮރީ...." އައިޒާންއަށް ބުނެވުނެވެ. އޭރު ފައިސަލް ތަންކޮޅެއް ދުރުގައި ސޯފާއެއްގައި ދުވަހުގެ ނޫސް ބައްލަން އިންނެވިއެވެ. ބްލޫޓޫތު ހެޑްސެޓް އިން ފައިސަލް ކޮންމެވެސް މީހަކާ ވާހަކަދައްކަވަމުން ގެންދެވިއެވެ.

"ކޮން ސޮރީއެކޭ ކިޔާކަށްތަ؟ މޮޔަވެގެންތަ މީހުން ގާތު ދޮގުހަދަމުން އަހަރެމެން ބަދުނާމުކުރަން އުޅެނީ؟" ފަރުޒާން ހުރީ ދަތްކުޑިވިކާލައިގެންނެވެ.

"ދަރިފުޅާ ކިހިނެއްވީތަ؟" ޒިޔާމާ ފެންޑާގައި އެލުވާފައި ހުރި އޯކިޑްގަހުން މަލެއް ބިނދެލާފައި އައިޒާންއަށް ދޭން އުޅުނެވެ. އައިޒާންއަށް އެ މާ ރީތިވީމަ ޒިޔާމާ އެހާ ލޯބިން ގެންގުޅޭ އޯކިޑްގަހުން މަލެއް ނައްޓާލަންވެސް ފަހެއް ނުޖެހުނެވެ. އެއީ ނޫކުލައިގެ އޯކިޑަށްވެފައި އެގަހުގައި ފޮޅިފައި އިން އެންމެ ދެމަލަށްވުމާއިއެކުގައިވެސް ޒިޔާމާ ހުރީ އައިޒާންއަށްޓަކައި ކޮންމެއެއްޗެއްވެސް ގުރުބާންކުރަން ތައްޔާރަށެވެ.

"މަންމަ އޭނަ ކައިރިން އަހަންވީނު ކީއްކުރީހޭ.." ފަރުޒާންގެ އެ ޖުމްލަ އާއި އެކީގައި އައިޒާން ކޮށްޕާލައިފިއެވެ. އައިޒާން ހުރީ ފެންޑާގެ ފަތްތަރުގެ މަތީގައިކަމަށްވެފައި އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތުމުން ވެއްޓެންދިޔަވަގުތުން އޮޅިގެން ނަމަވެސް އޯކިޑް ވަށިގަނޑުގައި ހިފެހެއްޓުނެވެ. އެ ވަށިގަނޑު ހުރިތަނުން ކަނޑާލައިގެން އައިޒާން އާއިއެކީގައި ވެއްޓުނުގޮތަށް ބިއްލޫރި މޭޒުމަތީގައިޖެހި ތަޅައިގެންދިޔަގޮތަށް އޭނަގެ އަތަށް ބިއްލޫރިގަނޑު ހެރުނެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅިއެހިސާބު ލެއިން ފޯވިއެވެ. ފައިސަލްއަށްވެސް ބޭއިޚުތިޔާރިގައި " މަގޭ ދަރިފުޅާ" އޭ ކިޔާލެވުނެވެ.

"މަންމަގެ ދަރި....." ޒިޔާމާ ގެ ލޮލުގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުހެން ނިއުޅެވިގެން ދިޔައީ މިވީތަނަށް ދެކެފައިވާ އެންމެ ބިރުވެރި ހާދިސާއެވެ. ޒިޔާމާ ގެ މޫނުމައްޗަށް އަނދިރިވެ، ކަޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން ދިޔަވަގުތު ފަރުޒާން ހުޝިޔާރުކަމާއިއެކު އޭނަގެ މަންމަ ބިންމަތީގައި ޖެހުނަނުދީ ހިފެހެއްޓިއެވެ. ފައިސަލް އަކީ މިފަދަ ކުއްލި ހާދިސާތަކުގައިވެސް ހަމަޖެހިގެން ކަންތައްކުރައްވާ އުޅުއްވާ ބޭކަލަކަށްވިޔަސް އެ ނާޒުކް ދަނޑިވަޅުގައި އިންތަނުން ގުޑާވެސް ނުލެއްވުނެވެ. އާދައިގެ ކުޑަ ކުޑަކަމަކުން މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ އެތިފަހަރެއް ހަދާލެވިދާނެކަމަކަށް އެވަގުތު ފަރުޒާން ވެސް ވިސްނާނުލައެވެ. ރުޅިއަކީ ޝައިތާނީ ޢަމަލެކޭ ބުނެވެނީ އެހެންވީމައެވެ. ނަމަވެސް އިރުކޮޅަކުން އޭނަ އައިޒާން އަށް އެހީވާން ރާސްލާފައި ދުއްވައިގަތެވެ.

އައިޒާންގެ އަތުގެ ލޭނާރެއް ކެނޑުނީއެވެ. އެހާބައިވު ލޭ ފައިބަންފެށީ އެހެންވީމައެވެ. އައިޒާން ހޮސްޕިޓަލަށް ގެންދިޔަކަން އެނގުމާއިއެކު ރެޔާންވެސް ވަގުތުން މަސައްކަތް ހުއްޓާލާފައި ހޮސްޕިޓަލަށް ދިޔައެވެ. އެތަނުގައި ބްލަޑް ބޭންކް ހުއްޓަސް ރެޔާންވެސް ލޭ ހަދިޔާކުރިއެވެ. އައިޒާންގެ ވަނީ އޭ ގްރޫޕް ލޭކަން އެނގުމުން ރެޔާންވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނޭނގުނަސް އޭނާ އާއި އައިޒާން ވަރަށް ގިނަ ކަންތައްތަކުން މިވަނީ އެއްގޮތްވެފައެވެ.

ޒިޔާމާ ހޭއެރުމާއިއެކު އައިޒާން ދެކެން އައެވެ. ޒިޔާމާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެ ކަރުނަތައް ނިމުމަކަށް ގެންނާނެގޮތެއް ފައިސަލް އަކަށްވެސް އެނގިއެއްނުލެއްވިއެވެ. ފައިސަލް އަށް އެތައް ގޮތްތަކެއް ވާން ފެށުމުން ސައިބޯން ވެގެން އައިޒާން އޮތް ކޮޓަރިން ނުކުތެވެ.

"ސޮރީ. މަންމާ...." ފަރުޒާން އޭނަގެ މަންމަގެ ކޮނޑުގައި ހިފަހައްޓާލަމުން މާފަށް އެދުނެވެ.

"އަހަރެން ނޫޅެން ފަރުޒާން އާއި ވާހަކަ ދައްކާކަށް. މަންމަގެ އެންމެ ކުޑަދަރިފުޅަށް އެވަރުގެ އަނިޔާއެއް ދީފައި ފަރުޒާން މާފަށް އެދެނީ ކީއްކުރަންތަ؟" ޒިޔާމާ ޓިޝޫއިން ލޯ ފޮހެލައިފިއެވެ. ފައިސަލް ލޮލުގެ އިޝާރާތުން މިވަގުތު ފަރުޒާން އެތަނުން ދާން އެދުނެވެ. ފަރުޒާން ގެ ހިތަށް އަސަރުކުރިއެވެ. މަންމަގެ ޙާލު އެއްގޮތަކަށްވެސް ރަގަޅުނުވެ ދަށަށް ދަނީކަން އެނގުނެވެ. އައިޒާން އެމީހުންގެ މުޅި އާއިލާގެ އުފާވެރިކަން ޚަރާބުކޮށްލައިފިއެވެ. މަންމަގެ ނަފްސާނީ މައްސަލަ ދުވަހަކު ގޯސްނުވާވަރަށް ގޯސްކޮށްލައިފިއެވެ. ފަރުޒާން ހިތާހިތުން އައިޒާންއަށް ލަޢުނަތް ދިނެވެ.

ރެޔާންވެސް ލޭ ދީފައި ހިދުކޮޅަކުވެސް މަޑުކޮށްނުލާ އެތަނުން ދިޔައީ މައިރާ ފެނުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މައިރާ ދުވަހަކަށް ވުރެ ދުވަހެއް ރީތިވެ، ފަރިވަމުން ދާއިރު ހެދުމުގެ ސްޓައިލް އެހާ ހިތްގައިމެވެ. މިއަދުވެސް ރީދޫކުލައިގެ ސޫޓެއް އެތެރެއިން ލާފައި ކަޅު ޖެކެޓަކާއިއެކު ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ މައްޗަށް އައްސާލާފައެވެ. އެ މޫނުގެ ބައްޓަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ދެމީހުންގެ ކަޅި ސިކުންތުކޮޅަކަށް ބައްދަލުވުމާއިއެކު މައިރާގެ މޫނަށް ކުޑަ ރަތްކަމެއްވެރިވިއެވެ. ރެޔާންވެސް އަވަހަށް ދުރަށް ދާން ހިނގައިގަތީ ހިތްމަތީގައި ހިލަ ބަހައްޓައިގެންނެވެ. ހިތް ހާދަ ބޭނުމެވެ. މައިރާ މިލްކުކުރުމަށް ވުރެ ބޭނުން އެހެން އެއްވެސްކަމެއް މިދުނިޔެއަކު ނުވެއެވެ. ނަމަވެސް މައިރާ ގެ ހިތަށް އަނިޔާ ނުދީ އޭނަގެ ހިތްވެސް ސަލާމަތްކުރާނެ ގޮތަކާއިމެދު ވިސްނާލަން މިއަދު ޖެހިފައިވެއެވެ.

އައިޒާންއަށް އިތުރު އެހެން ގެއްލުމެއް ނުވުމާއިއެކު ދެދުވަސްތެރޭގައި ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އައިޒާން އެގެއަށް އައީ ޒިޔާމާ އޭނަ އާއިގެން އުޅޭވަރު ފެނުމުންނެވެ. ޒިޔާމާ ކަރުނަ އޮއްސިވަރު ފެނުމުން އައިޒާންގެ ހިތަށްވެސް ބުނަން ނޭގޭފަދަ އަސަރުތަކެއް ކުރިއެވެ. މަންމައެއްގެ އެ ހިތާމަތައް ދެކެން އޭނަގެ ހިތަށްވެސް ކުޅަދާނައެއް ނުވިއެވެ. އެހެން ނޫންނަމަ ފަރުޒާންގެ އެ އަނިޔާއަށް ފަހު އެގޭތެރޭގައި އޭނަގެ ފައިތިލަ ޖައްސާލަން އޭނަގެ ޒަމީރުވެސް މުޅިން ދެކޮޅެވެ. ނަމަވެސް އަމިއްލަ ނަފުސްގެ ޢިއްޒަތަށްވެސް ފައިން އަރާފައި، ނިކަމެތިކަމާއި، އަޅުވެތިކަން ގަބޫލުކުރަން މިފަހަރުވެސް ނުފެންނަ ބާރެއް އައިޒާންއަށް މަޖުބޫރުކުރިވިއެވެ. ޒިޔާމާއަށްޓަކައި، ހިތުގައިވާ ޖަޒުބާތުތައް ފޮހެލަން އުޅުނަސް އައިޒާންއަށް ގަދައެއް ނުކުރެވުނެވެ. އައިޒާން ލެވެންޑާ ކޮޓެޖަށް ދެވަނަ ފަހަރަށްވެސް އައީ ލަދުވެތިވެފައި ހުރެއެވެ. ޖެހިލުންވެފައި ހުރެއެވެ.

އައިޒާން ސިޑިން މައްޗަށް އަރައިގެން ދިޔައިރު ހިދުކޮޅަކަށް ފަރުޒާން އާއި އެކަނިވެލި ވަގުތުކޮޅެއް އައެވެ.

"ޑޮކްޓަރ ފަރުޒާން. އަޅުގަނޑަށް އެނގޭ މިގޭގެ މައްޗަށް އެއްވެސް ޙައްގެއްނެތްކަން. އަދި އަޅުގަނޑު މިގޭގައި ހުންނަން ތިބޭފުޅާ އެއްގޮތަކަށްވެސް ނުރުހޭކަން އެނގޭ. އެކަމަކު އަޅުގަނޑު މި އަދާކުރަނީ ވަޒީފާއެއް. އަމިއްލައަކަށް އައީ އެއްނޫން. ތިބޭފުޅުން އަޅުގަނޑަށް މަޖުބޫރުކުރެއްވީވެސް. ވީމަ މިއަދު އެ ވަޒީފާ ފުރިހަމަނުކުރެވެނީސް މިތަނުން ފޮނުވާލަން މަސައްކަތް ނުކުރެއްވިއްޔާ ރަނގަޅީ. މިހިރީ މިއަށް ވުރެ ބޮޑު އަނިޔާއެއްލިބުނަސް ކެތްކުރަން. ހަމައެކަނި ޒިޔާމާ ދައްތައަށްޓަކައި. އެއީ ޑޮކްޓަރ ފަރުޒާންގެ މަންމައަށް ވާއިރު، ތިހިތުގައި އެއްވެސް ހަމްދަރުދީ އެއްނެތީބާވައޭ ހިތަށް އަރާ. ހިލޭމީހާވެސް މާ ވިސްނާކަން ނޭގޭ.." އައިޒާން ގެ ވާހަކަތަކުން ފަރުޒާން ކުޑަކޮށް ލަދުގަތެވެ. އެބުނާހެން އައިޒާން މިގެއަށް އައީ އަމިއްލައަކަށް ނޫނެވެ. އައިޒާންއަކީ ދަރިއެއްކަމަށް ދެކެގެން، މޮޔަވެގެން ފަހަތުން ދުވަނީވެސް އެމީހުންގެ މަންމައެވެ. އެ މަންމައަށްޓަކައި ސަލާމް ޖަހަން އައިޒާންގެ ގާތަށް ދިޔައީވެސް ފަރުޒާންމެންނެވެ.

"މަށެއް ނުބުނަމޭ ތިހެނެއް ނޫނޭ. އެކަމަކު އީޝަލް އޭ ކިޔައިގެން މީހުން ގާތު ފޮނި ނުކަނޑާތި. ނޫނިއްޔާ...." ފަރުޒާން މަޖުބޫރީ ނަޒަރަކުން ބަލާލުމަށްފަހު ދާން ހިނގައިގަތީ މަންމަގެ ސަބަބުން އައިޒާންއަށް ލިބިފައިވާ ބާރު ހިތާހިތުން އަންދާޒާކުރަމުން ނާކާމިޔާބުވެފައި ހުރެއެވެ. ފަރުޒާން ސިޑިން އަރައިގެން ގޮސް ލޯމަތިން ގެއްލެންދެން އައިޒާން އަށް ބަލަހައްޓައިގެން ހުރެވުނީ ޙައިރާންކަމާއި އެކުގައެވެ. އޭނަ އީޝަލް އޭ ކިޔައިގެން އެއްވެސް މީހެއްގެ ގާތު ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ފަރުޒާން ރުޅިއަންނަން ޖެހުނީ މީހަކު އީޝަލް އޭ ކިޔައިގެން ވާހަކައެއް ދެއްކުމުންކަން ޔަގީންކުރެވުނެވެ. ކާކުބާވައެވެ.

ލެވެންޑާކޮޓެޖްގެ ތިރީބައިގެ ކޮޓަރިއެކެވެ. ކޮޓަރީގައިވަނީ ބޯ ދޫލައާއި އަގުބޮޑު ސޯފާސެޓްތަކެވެ. ފާރުގައި އެހާ މޮޅު ކުރެހުންތަކެވެ. ހުވަފެނީ މަޑު އައްޔެކެވެ. ރޭގަނޑު ދިހައެއްޖަހަމުން ދިޔައިރު އެކޮޓަރީގައި ރަސްކަންކުރަމުން ދިޔަ ހިމޭންކަން މުގުރާލީ ފައިސަލް ގެ ދެމަފިރިންނާއި، ފަރުޒާން އަދި ރެޔާން ވާހަކަތަކެއް ދައްކަމުން އައިސް އެކޮޓަރިއަށް ވަދެ ސޯފާތަކުގައި ޖައްސާލުމުންނެވެ. މިރޭ، ޒިޔާމާ ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައެއް އޮތުމުން ރެޔާންވެސް އޭނަގެ އަމިއްލަ ގެއަށް ދާންއުޅެފައި އިރުކޮޅަކަށް މަޑުކޮށްލީއެވެ. މަންމަ އެވަރުން އެންމެން ގާތުގައި ބުނަން އުޅެނީ ކޮން ވާހަކައެއްބާވައޭ ރެޔާންގެ ހިތަށް އެރިއެވެ.

"ހާދަ ތޫފާނީ ރެއެކޭ. މި ސިކުނޑީގައި ވާ ތޫފާންވެސް ވަކި ކުޑައެއްނޫން. ދެން އިތުރަށް އެންމެ ދުވަހަކަށްވެސް އެވާހަކަ ފޮރުވައިގެން ހުންނަން ވެއްޖެއްޔާ ސިކުނޑި ފަޅައިގެން ހިނގައިދާނެތީވެ ހިތަށް އެރީ މިރޭ ބުނެލާނީއޭ. ނޫނީ އަސްލު ކުށްވެރިޔާއަށް ސަޒާ ނުލިބި، މައުސޫމް ކުއްޖެއް ދެކެ އެންމެން ނަފްރަތު ކުރާނީ. އެނގޭ މިވާހަކަ އެނގިލައްވައިފިއްޔާ ފައިސަލް ރުޅިދުރުވާނެކަން. ކުދިންގެ ހިތް ބުރަވާނެކަން. އެކަމަކު އެންމެންގެ ނަފްރަތު އަމާޒުވެގެންވެސް އައިޒާން ދެކެ އެންމެން ކުރާ ނަފްރަތު، ލޯތްބަށް ބަދަލުކުރުވަން ބޭނުން. އެކަނި މަންމައެއްގެ ހިފެހެއްޓުމެއްނެތް ލޯތްބަކުންވެސް އެ ދަރިފުޅު ސަލާމަތްނުކުރެވޭނެކަން ޒެފް ކުރި އަނިޔާއިން އެނގިއްޖެ..." ޒިޔާމާގެ ލޮލުގައި ކަރުނަވިދަން ފެށިއެވެ. އޭނަ އިށީނީ ކުޑަދޮރާއި އެންމެ ކާރީގައި ހުރި ސޯފާގައެވެ. އޭރު ފުޅާކުޑަދޮރުގައި ދަމާފައިވާ ބޯފަރުދާ ކުޑަކޮށް ކަހާލާފައިވުމުން ފަޒާގައި އެތައް މިލިޔަން ވާރޭތިކިތައް ނަށަމުންދާތަން ފެނެއެވެ. ގަސްތަކުގެ ގޮފިތައް ވަޔާއިއެކު ހެލެމުންދާއިރު ހިޔަނިތަކެއްގެ ސިފައިގައިފެނެއެވެ.

ކޮމެންޓް 0