އަހަރެންވެސް ޑްރާމާއެއް ކުޅެލާހިތްވީ އޭ... އެކަމުން ގެއްލުމެއް ނުދައްކާނެ... ނަސީބުގެ ސަމާސާ ދެކިބަލަ... މި ދުވަހާއި ދިމާކޮށް އެމީހަކު ވައްކަންކުރީ... ވޮލެޓްގައި ހުރީ މަދު ލާރިކޮޅެއް... ވީއިރު ނަސީބު އަހަރެން ދަމާގެންގޮސް ޚަޒާނާއެއްގެ ދޮރުމައްޗަށް އެއްލާލުމުން އަހަރެންވެސް ހުސްއަތާ އެނބުރި އައުމުގެ ބޭނުމެއް ނެތެއްނު.. ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތުން ކޮންމެވެސް ރީޒަނެއް އޮތީމަކަން ނޭގޭ މިހެން ކަންތައް މެދުވެރި ކުރެއްވީ.." އައިޒާން އަށް ނޭނގި ނަމަވެސް އެބުނެވުނީ ރަނގަޅު ވާހަކައެކެވެ. ފަރުދާގެ ފުރަގަހުގައި އޭނައަށްޓަކައި ކަންތަކެއް ރޭވެމުންދިޔައެވެ. 

ނަސީބާއި ބަދުނަސީބު ވެސް ހިމެނެއެވެ. އައިޒާން ކުޑަދޮރުގައި އަތް އަޅުވާލައިގެން ހުއްޓުނެވެ. އަރައިގެން އަންނަ އިރުގެ ދޯދިތައް އެ ޓޭންވެފައިވާ މޫނާއި ހަށިގަނޑަށް އެޅިފައިވާއިރު ފެންނަލެއް އެހާ އޮމާންވެފައި ރީއްޗެވެ.
"އަހަރެމެން ދެމީހުންވެސް ވަޒީފާއަށް ދާން ފަށާނީ.. އިއުފާ ވަރަށް ރިޗްވާނެ... އޭނަ އެހީވާނެކަން ޔަގީން.." މައިރާ ރީތިވާ މޭޒު ކައިރީގައި ފުނާއަޅަން އިނދެ ބުންޏެވެ. މައިރާގެ ފަން އިސްތަށިގަނޑު ނިއުޅުވާލާފައިވާއިރު ފަންކަމާއި ބޯކަމުން ހައިރާންވާހާ ވެއެވެ. އެހާ ރީތިކުލައެއް ވެރިވެފައިވެއެވެ.

ހީވަނީ އިރުގެ ދޯދިތައް އެ އިސްތަށިގަނޑާއި ކުޅެމުންދާހެންނެވެ. އައިޒާން އިރުކޮޅެއްވާންދެން މައިރާއަށް ބަލަން އިނުމަށްފަހު ފުންނޭވަޔެއްލިއެވެ. ހިތް ބޭނުންވިޔަސް މައިރާގެ ހިތް އޭނައަކަށް އަދި މިލްކެއް ނުކުރެވެއެވެ. ހީކުރިވަރަށް ވުރެ މި އިންތިޒާރު ދިގުވެއްޖެ އެވެ.

"ހޫމް.. އަހަރެންވެސް ބޭނުމީ ތި މޫނުން އަބަދު އުފާވެރިކަން ދެކެން.. މޭއިއަށް ޓަކައި ފަރުބަދަ ކަނޑައިގެން ވެސް ލާރި ހޯދަން މިހިރީ.. އެކަމަކު އަހަރެން ކަންބޮޑުވޭ މޭއިގެ ސިކުއިރިޓީ އާއި މެދުގައި.. އަދި މޭއި ވަޒީފާއަކަށް ފޮނުވާ ހިތެއް ވެސް ނުވޭ.. އެކަމަކު ދިރިއުޅުމުގައި އިމްތިހާނުތައް ކުރިމަތިވާނެ... ވިސްނާފައި ކޮންމެ ސްޓެޕެއް ނަގަންޖެހޭނީ... މޭއި ހިތަށް އަރާނެ އަހަރެން ވެސް އެހާ މުއްސަނދި ގެއެއްގައި އުޅެން ލިބުނީމަ ދަހިވީޔޭ... މީރު ކާއެއްޗެހި ކާހިތް ވަނީޔޭ.. އެކަމަކު މޭއި ކައިރީ ހަގީގަތް ބުނަންތަ؟ ޒިޔާމާ ފެނުނީމަ އަހަންނަށް ފީލްވަނީ އަހަރެންގެ މަންމަހެން... އަމިއްލަ ދަރިއަކު ނިޔާވުމަކީ މަންމައަކަށް ކެތް ކުރެވޭނެ ހިތާމައެއް ނޫން... އެފަދަ ހިތާމައެއްގެ ސަބަބުން ނަފްސާނީ މައްސަލައެއް ޖެހިފައި ހުރެ އަހަރެން ފެނުނީމަ އެ ތުއްތު ދަރިފުޅު ކަމަށް ހީކޮށް އެއުޅޭ ގޮތުން އަހަރެން ވަރަށް ސިމްޕަތީވޭ.. އެހެންވެ... އެހެން ސަބަބަކަށް ޓަކައި ނަމަ ސަތޭކަ މިލިއަން ޑޮލަރަށް ވެސް މަށެއް ނެތިން އެގެއާއި ވައިއެޅޭކަށް ވެސް.... މާތް ﷲ ދެނެވޮޑިގެންވާނެ.. މަންމައެއްގެ ހައްގުގައި... އެއީ ވެސް މަންމައަކަށް ވީތީ.." އައިޒާން އެހެން ބުނެލީ އަސަރާ އެކުގަ އެވެ.

އައިޒާން ދެއްކި ވާހަކަތަކުން މައިރާގެ ޚިޔާލު ބަދަލުވާން އުޅުނެވެ. ނަމަވެސް މައިރާ، ރެޔާންގެ ގެއަށް ދާން އެއްބަސްވީ ޒިޔާމާ ގުޅާފައި ކިޔަން ފެށުމުންނެވެ. ޒިޔާމާ ބޮޑުދައިތަގެ ނަފްސާނީ މައްސަލަ އިތުރުވެގެންދާކަށް މައިރާވެސް ނޭދެއެވެ. އެހެންނޫނަސް ރެޔާން ލޯބިވާ ކޮންމެ މީހަކު މައިރާއަށް ވެސް ޚާއްސައެވެ. ރެޔާންއާއި މެދު މައިރާގެ ހިތުގައިވާ އިހުސާސްތައް ފިލައިގެންދާން ފަސޭހަ ނުވާނެކަން މައިރާ ދަނެއެވެ. މައިރާއަށް އެނގެނީ އޭނަ ރެޔާން ދެކެ ނަފްރަތު ކުރަން ކުރާ މަސައްކަތް ބޭކާރު ވަމުން ދާކަމެވެ.

އައިޒާން ލެވެންޑާ ކޮޓެޖަށް ދާން ބޭނުންވީ އެއްގޮތަކަށް ވެސް ރެޔާން އާއި ޗެލެންޖްކޮށްލުމުގެ ގޮތަކުންނޫނެވެ. އެއީ އޭނަ އެއަށް ވުރެ އިޙުތިރާމްކޮށް ގަދަރުކުރާ ފަރާތެކެވެ. އޭނަގެ މަޖުބޫރީ ޙާލަތު ރެޔާންއަށް އެނގޭނެ ނަމައެވެ. އޭނައަށް ރެޔާން ދިން ފައިސާ ވެސް މީހަކު ވަގަށް ގެންދިޔަކަން އެނގޭނެ ނަމައެވެ. ރެޔާން އޭނަގެ މަންމައާއި ދުރުން އުޅެން އިންޒާރު ކޮށްފައިވީ ނަމަވެސް އައިޒާން އެގެއަށް ދާން ބޭނުންވުމުގައި ފޮރުވިފައިވާ އެހެން މަގުސަދެއް ވެއެވެ. އެގެއަށް ގޮސްގެން ނޫނީ އޭނައަށް އެކަން ރަނގަޅަކަށް ނުހޯދޭނެއެވެ.

އައިޒާންމެން ދުވަސްކޮޅަކަށް މައިރާގެ ބޮޑުދައިތަގެ ގެއަށް ބަދަލުވާ ވާހަކަ ބުނުމުން ސަމީނާ އުފަލާއިއެކު ހުއްދަ ދިނެވެ. ސަމީނާ ބޭނުންވަނީ ދުވަސްކޮޅަކަށް އެކަނިމާއެކަނި އެ ރީތި އެޕާޓްމެންޓްގައި ހުރުމަށެވެ. މައިރާގެ ބޮޑުދައިތަ އަކީ ކާކުކަން ދެނެގަތުން ވެސް އޭނައަށް މުހިއްމެއް ނުވިއެވެ.

ކާރު ލެވެންޑާކޮޓެޖްގެ ތެރޭގައިވާ ޕާކިން ޒޯންގައި މަޑުކޮށްލުމުން އައިޒާން ކާރުން ފޭބިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރިކަމެވެ.

"ވެލްކަމް ހޯމް ޒާން.." ޒިޔާމާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން އައިގޮތަށް އައިޒާންގެ އަތުގައި އަތްއަޅުވާލިކަން މައިރާ ފާހަގަކުރިއެވެ. ޒިޔާމާއަށް މައިރާ ފެނުނުކަމަކަށް ނުވިއެވެ. މައިރާ ގެ ހަށިގަނޑުގައި ވެނިޝިން ކްރީމް އުނގުޅާލައިގެން ހުއްޓަސްވާނީ މިވަރުކަން ނޭނގެއެވެ. މިގެއަށް އާދެވުނުކަމުގެ މޮޔަ ހީވިއެވެ. މައިރާ ޒިޔާމާމެން ފަސްފަހަތުން ދިޔައީ ފުދޭވަރެއްގެ ދުރުމިނެއް ބަހައްޓައިގެންނެވެ. ގޭތެރެ ފެންނަނީ ހިމޭންކޮށެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. މިގަޑީގައި ގޭގެ ފިރިހެންވެރިން ވާނީ ވަޒީފާގައި ކަން މައިރާއަށް އެނގެއެވެ. އެކަމަކު މެންދުރު ކާގަޑީގައި އެންމެން ބައިވެރިވާނެކަން އެނގެއެވެ.

މައިރާ ވަރުބަލިވިކަމުގެ ބަހަނާ ދައްކާފައި ކޮޓަރިއަށް ވަނެވެ. އެމީހުންނަށް ލިބުނު ކޮޓަރިއާއި ދިމާލުން ހުދު ފިނިފެންމަލުގެ ބަގީޗާ ރީއްޗަށް ފެންނާތީ ހިތްގައިމެވެ. އެކޮޓަރީގައިވެސް ވަނީ ފުޅާ ކްރިސްޓަލް ދޮރުތަކާއި ދިގު ބެލްކަންޏެކެވެ. ޕޮޓްތަކުގައި ތަފާތުވައްތަރުގެ މާގަސްތައް އިންދާފައި ވެއެވެ. ވަޔާއިއެކު މާތައް ނަށަމުން ދިޔަތަން ބަލަން އިރުކޮޅަކު އިނުމަށްފަހު މައިރާ ދޮރު ލައްޕާލާފައި ސޯފާއެއްގައި އިށީނދެއްޖެ އެވެ. މައިރާ އިނީ ކަންބޮޑުވެފައެވެ. ފަހުން ވާނެ ގޮތަކާއި މެދު ޚިޔާލު ކުރެވެނީ އެވެ. ރެޔާން އާއި އެއްގެއެއްގައި އުޅެވޭނެބާ ވައެވެ.
"ކިހިނެއްބާ ހަދާނީ.." މައިރާ ނިޔަފަތި ހަފަ ހަފާ އެއްދިމާއަކަށް ބަލަހައްޓައިގެން އިންދާ އައިޒާން ދޮރުހުޅުވާލުމުން ވެސް ސިހުނެވެ. ހީވީ ހަމަ ރެޔާން ފެނުނުހެންނެވެ. އަބަދު ދެން އިންނަން ވާނީ ރެޔާން އައިސްދާނެތީ ބިރުގެންފަ އެވެ.

"މައިރާ ކާން ހިނގާބަލަ..." އައިޒާން ކުޑަ ހިނިތުންވުމަކާއި އެކު ބުންޏެވެ.
"އެންމެން ނިމުނީމަ ކާންދާނީ.." މައިރާ އެއްގޮތަކަށް ވެސް މިގޭ އާއިލާގެ މެމްބަރުންނާއި އެކީގައި ކާކަށް ބޭނުމެއް ނުވެއެވެ. ޚާއްސަކޮށް ރެޔާން ގެ ކުރިމަތީގައި އިނުމަކީ އޭނައަށް ކުރެވޭނެ ކަމެއް ނޫނެވެ.

"ދެން އަހަންނަށް މިކަންތައް މިއަށްވުރެ ޑިފިކަލްޓް ނުކޮށްބަލަ... އަހަރެންވެސް ބޭނުންވެގެނެއް ނޫން މިގެއަށް އައީ.. މިހާރު އަހަރެން ބޭނުމެއްނުވޭ އެކައްޗެއްވެސް... މިފަދަ މުއްސަނދިކަމާއި މޮޅުކަން އަދި ޝާހީކަން ބޭނުންވި ދުވަސްކޮޅެއް ވެސް އައި... އެކަމަކު އަހަރެންގެ އަމިއްލަ ނަފުސަށްޓަކައެއް ނޫން... އެކަމެއް ވެސް އަހަންނަށް ކާމިޔާބެއް ނުކުރެވުނު.. އެހެންނު... ވީއިރު އަހަރެންގެ މި ހިތާމަތައް އިތުރުވާނެ ގޮތެއް މައިރާވެސް ނަހަދަބަލަ.. އަހަންނަށް އެނގޭ މި ކައިވެނި ވެސް ވަނީ އޮޓޯއިން ރޫޅިފައިކަން... އަހަރެމެން އެއްކޮޓަރީގައި އުޅުންވެސް ދީނުގައި ހުއްދަނޫން ކަން.. އެކަމަކު ދުނިޔެއަށް އޮޅުވާލަން ވެސް އެބަޖެހޭ... މަގޭ ދިރިއުޅުމަކީ ފޭކް ޑްރާމާއެއް.. ދުނިޔެއަށް އައިއިރު އައިޑެންޓިޓީ އޮޅުނުގޮތަށް ހުރިހާކަމެއް މިހެން މިދަނީ..." އައިޒާންގެ ދެލޮލުން މޮޅިވެރިކަމުގެ އަސަރުތައް މައިރާއަށް އެވަގުތު ފެނުނެވެ. ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރެވެ.

"ޒާން ކީއްވެ އޮޓޯއިން ރޫޅެންވީ؟ "މައިރާއަކަށް އެހެންވާންޖެހުނު ސަބަބެއް ނޭނގުނެވެ.
"އެއީ ދީނުގައި އެކަން އޮތް ގޮތް... މައިރާ ކައިވެނީގެ ކުރިން ބަލިވެ އިނީމަ އެ ކައިވެނި ހުއްދައެއް ނުވާނެ.. އެހެންވެ.." އައިޒާން ބުނެދިނެވެ.

"އެއްގޮތަކަށް ވެސް ތިހެނެއް ހިތަކަށް ނާރާ.. އެހެންވެ ދޯ ޒާން ދުރުން އުޅުނީ؟" އެހެން ބުނެވުމާއި އެކު މައިރާ ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ހީވަނީ އައިޒާން ދުރުން އުޅޭތީ އެކަމާއި އޭނައަށް އުނދަގޫ ވެފައި ހުރެ ބުނެލި ޖުމްލައެއް ހެންނެވެ. ބައެއްފަހަރު ހިތުގައިވާ މާނަ ނޫން މާނަ ދޭހަވާ ފަދަ ޖުމްލަތައް ބުނެވޭ ފަހަރު ވެސް އާދެއެވެ. އައިޒާން އަށް އެ ސުވާލުން ކުއްލި ސިހުމެއް ލިބުނެވެ.

"ހޫމް.. ވެދާނެ.... އަހަރެމެންނަކީ ހަމަ ބީރައްޓެހިން... އަނެއްހެން ބަލާއިރު މި ގުޅުމަށް ދޭނެ ނަމެއްވެސް ނޭނގޭ... އެކަމަކު މައިރާއަށް އެނގޭނެ އަހަރެންގެ ހިތް... ތަކުރާރުކޮށް ނުބުންޏަސް އެވަރު އެނގޭނެ... ހިތަކީ އެހާ ފަސޭހައިން ބަދަލުވާ އެއްޗެއް ނޫން.. އަހަރެން އިންތިޒާރު ކުރަނީ އަހަރެންގެ ހިތަށް ޝިފާއެއް ލިބޭނެ ދުވަހަކަށް.. ހިޔެއްނުވޭ ދުވަހަކު ވެސް އަހަރެންގެ ހިތް އެހެންމީހަކަށް ދެވޭނެ ހެނެއް... އަހަރެންގެ ނަސީބު ކުޑަކަމުން ހުރިހާކަމެއް ގޯހުން ގޯހަށް މިދަނީ.. މިވަގުތު އަހަންނަކީ މިގޭގައި ހުރި މެހުމާނެއް.. އެމީހުން ބޭނުންވާ ގޮތަކަށް އުޅެންވެސް ވާނެ.. ކާން އަންނާށޭ ބުނީމަ ނުދިޔައްޔާ އަދަބު ކުޑަ ކަމަކަށް ވާނީ ދޯ.. އެކަމަކު މައިރާ އަކީ މިގޭ ކުއްޖެއް... ބޭނުންގޮތަކަށް އުޅެވިދާނެ..." އައިޒާން ނިތްކުރީގައި ފިރުމާލަމުން ބުންޏެވެ.

"އަހަރެންނަކީ ދަރިއެއްނޫން ކަމަށް ބައްޕަ ނިންމަވާފައިވަނީ.. ވީމަ އަހަންނަކީ ވެސް މިހާރު މި އާއިލާމީހެއްނޫނޭ.. ޒާން އަމިއްލައަކަށް ނޫންތަ އަހަރެން މިގެއަށް ވެއްދީ؟.. އެކަން ފަހަރެއްގައި ވެސް ހަނދާން ނައްތާނުލާތި..." މައިރާ ހިތްހަމަ ނުޖެހިފައިވާ ގޮތަކަށް އެހެން ބުނެލާފައި ވަގުތުން ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ.

މައިރާގެ ހިތް ތެޅިގަތީ ކޮރިޑޯއިން ހިނގާލާފައި އައި ރެޔާން ފެނުމުންނެވެ. އޭނަ ހުރީ އޮފީސް ސޫޓުގައެވެ. ސީ އީ އޯ އެއްގައި ހުންނަންވާނެހާ ސްމާޓްކަމާއި ޝަޚުސިއްޔަތު ހުއްޓެވެ. ރެޔާން ބަލައިލި ގޮތަކުން މައިރާގެ ހިތުގެ ވިންދު އަވަސްވި އެވެ. ރެޔާން ބަލައިލާ ކޮންމެ ފަހަރަކު މައިރާ ލަދުން މޯޅިނުވެއެއް ނުދެއެވެ. މޫނު ރަތް އާފަލެއްހެން ވެދެއެވެ. ރެޔާން ގެ ހުންނަ އިޝްގީ ގޮތާއި، ކުދި ގޯނާތަކުގެ ސަބަބުން މައިރާގެ ޖިސްމުގައި އަލިފާން ރޯކުރުވާއިރު އައިޒާން ހާދަ ތަފާތެވެ. އައިޒާން ކިތަންމެ ވަރަކަށް ލޯބިވިޔަސް އަމަލުން އެބައި ދައްކާކަށް ނުކެރެއެވެ. ނޫނީ ބޭނުން ނުވަނީއެވެ. އެކިމީހުން ލޯބި މާނަކޮށް އެކަން ދައްކުވައިދޭ ގޮތް ވެސް ތަފާތީއެވެ. އައިޒާން އުޅެނީ ބީރައްޓެއްސެއް ފަދައިންނެވެ.

މައިރާ ގަސްތުކުރީ އަޅައިވެސް ނުލައި ބާރަށް ހިނގާލާފައި ދިޔުމަށެވެ. އައިޒާން ވެސް އޭނަގެ ފަހަތުން ކޮޓަރިން ނުކުމެގެން އަންނާނެކަން އެނގޭތީ އާއިއެކު އައިޒާން އަށް ޝައްކުވާ ފަދަ ކަމެއް ރެޔާން އަށް ކުރިޔަ ދޭންވެސް ބޭނުން ނުވާތީއެވެ. އެވަރުން ވެސް ރެޔާންއާއި އަރައި ހަމަވުމާއިއެކު އޭނަ މައިރާގެ ގައިގާ ބީހިލިއެވެ. މައިރާގެ ގައިގާ އަތްޖައްސާނުލާ ދިޔުމަކީ ނުވާނެ ކަމެއްކަން މިހާރު މައިރާއަށް އެނގިއްޖެ އެވެ.

"އަހަރެންގެ ހަނީޕައި ރީތިކަމުން ހިތަށް މިއޮތް ވީގޮތެއް...ބައްދާލާހިތުން ހުރެވެނީކީ ނޫން...ކިތަންމެ ނޫނެކޭ ބުންޏަސް ތިއީ ހަމަ އަހަރެންގެއޭ... މިރޭ ޓެރެސްގައި އިންތިޒާރުކުރާނަން... ހަނދުވަރުގެ އަލީގައި އަހަރެންގެ ލޯބި ދެކިލަން ބޭނުން... ހާދަހާ ލޯބިވެޔޭ ޑާލިން.." ރެޔާން ބުނި އެއްޗެއް އަޑު ނީވުނު ކަމުގައިވިޔަސް އައިޒާން ނިކުތްއިރު ރެޔާން މައިރާގެ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނިކަން އެނގުނެވެ. މައިރާ ލޯ ހަނިކޮށްލާފައި ރެޔާން އާއި ދިމާލަށް ބަލާލުމަށް ފަހު މަޑުކޮށްނުލާ ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ހިނގައްޖެ އެވެ. ރެޔާން އާއި އައިޒާން ކުރިމައްޗަށް ޖެހުމުން އައިޒާން ނުތަނަވަސްވިއެވެ. ރެޔާން ގާތުން މާފަށް އެދެން ބޭނުންވި އެވެ. އޭނަ މިގެއަށް އައީ މަޖުބޫރީ ޙާލަތުގައި ކަން ބުނެދޭން ބޭނުންވި އެވެ.

ރެޔާންވެސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފި އެވެ. އައިޒާން ހީކުރިގޮތަށް ނަފްރަތުގެ ކުލަވަރެއް ނުފެނުނެވެ. ނަމަވެސް އެ އަޑި ނޭނގޭފަދަ ލޮލާއި ދިމާއަށް ބަލައިލެވުނު ސިކުންތުކޮޅު އެލޮލުގައި ނަށަނަށާހުރި ސަމާސާ ގޮތެއް ވެސް އައިޒާންއަށް ފާހަގަ ކުރެވުނެވެ. ރެޔާން އަކީ ކާމިޔާބު ޒުވާނެއްވީމަ އޭނަ އައިޒާންއާއި ހަސަދަވެރިވެ ނޫނީ ރުޅިވެރިވާން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުދެކުނީކަން ނޭނގެ އެވެ. އަދި އައިޒާން އާއި ރެޔާންގެ މަންމަގެ އޮތީ ރެޔާން ހީކުރިފަދަ ގުޅުމެއް ނޫންކަމަށް ރެޔާންއަށް ވިސްނުނީކަން ނޭނގެއެވެ. ކޮންމެ ސަބަބެއް އޮތަސް އައިޒާން ގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ރެޔާންގެ ރުހުން ނުލިބި އޭނަގެ ގެއެއްގައި ސިކުންތު ކޮޅެއް ހޭދަކުރުމަކީ ވެސް އައިޒާންގެ ހިތަށް ލިބޭ ވޭނެކެވެ. ނޭނގޭ ފަދަ ގުޅުމަކާއި ލޯތްބެއް އައިޒާންގެ ހިތުގައި ރެޔާން އާއި މެދު އުފެދިފައިވެ އެވެ.

ކާކޮޓަރީގައި އާއިލާގެ އެންމެން އިންތިޒާރުގައި ތިބިތަން ފެނުމުން އައިޒާން ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ޒިޔާމާ އައިޒާން ގޮނޑީގައި ބޭންދިއެވެ. ޒިޔާމާ އާއި އީޝަލްގެ ސަބަބުން އައިޒާން އަށް ބީރައްޓެހިކަން އިހުސާސް ނުކުރެވުނަސް ފައިސަލް އާއި ފަރުޒާން އެއްގޮތަކަށް ވެސް އައިޒާން އާއި ސީދާ ވާހަކަ ނުދައްކާކަން އެނގުނެވެ. މައިރާ ހައިރާންވީ ފައިސަލް އޭނަ އާއި ވެސް އަނގައިން ނުބުނުއްވީތީ އެވެ. މައިރާ ލަދުން ހަލާކުވާވަރު ވިއެވެ. އޭނައަށް ނުރޮވި އިނީ ކިރިޔާއެވެ. ބޮޑުދައިތަ ގޮތް ދޫނުކޮށް، ގަދަކަމުން އެމީހުން ގެނަޔަސް ގޭގެ އިސްވެރިން މަރުހަބާ ނުކިޔާކަން އެނގުނީއެވެ. އެކަމަކު އީޝަލް ގެ ލާނެތް ކަމުން އައިޒާން އާއި މައިރާއާއި ސަމާސާކޮށް ވާހަކަދައްކަމުން ދިޔައެވެ. ރެޔާން މިތާ ނެތް ކަމީ ނަސީބެކޭ މައިރާގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ހިނދުކޮޅަކަށް ވެސް މިތާ ކެތް ނުކުރެވުނީހެވެ.

"މޭއި ބީރައްޓެހި ކުއްޖެއްހެން ނީދެ ރަނގަޅަށް ކައިބަލަ... އަނގައިން ވެސް ނުބުނެ ހަމަ ތިއިންނަނީ.. މިއީ މޭއިގެ ގެއޭ.." ޒިޔާމާ ރީތިކޮށްލަން އެހެން ބުނިކަމުގައި ވިޔަސް ޒިޔާމާގެ އެއްވެސް އަޅާލުމެއް މައިރާއަކަށް ނެތެވެ. ހުރިހާ ސަމާލު ކަމެއް ވަނީ ހަމައެކަނި އައިޒާންއަށެވެ. އައިޒާންގެ ތަށްޓަށް ލާދިނީ އެންމެ ރީތިކޮށް ފިހެފައިއޮތް ކުކުޅުފަޔެވެ. ޒިޔާމާ ހައިރާންވީ އައިޒާން އާއި ރެޔާންއަށް މީރު ކާއެއްޗެހީގައި ވެސް މާ ބޮޑު ތަފާތެއް ނެތީމަ އެވެ. ރެޔާން މެންދުރު ބަތްކާން ދެކޮޅު ހަދާގޮތަށް އައިޒާން އަށް ވެސް ބަތް ކަމަކު ނުދިޔަ އެވެ.

"ހުރިހާ ބްލޭމެއް ހޯމޯންސް ތަކަށް... މޭއި މޫޑީވެގެން އުޅެނީ ޕްރެގްވީމަ... މިހާރު ތްރީ މަންތްސް ވަނީ ދޯ..." އީޝަލް ގެ ޖުމްލައިން އެންމެނަށް ޝޮކެއް ލިބުނެވެ. އެތަނުގައި ބޮމެއް ގޮއްވާލެވުނަސް ވާނީ އެވަރެވެ. ޒިޔާމާ ވެސް ސިހުނެވެ. އަޔާނާ ވެސް މައިރާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެންމެން ވެސް ތިބީ ހިމޭން ކަމާއި އެކުގައި މައިރާގެ މޫނަށް ބަލަހައްޓައިގެންނެވެ. މައިރާގެ މޫނު އަނގުރު އަލިފާން ކޮޅަކަށް ވެގެން ދިޔައެވެ. އެވަގުތު އިވެމުން ދިޔައީ ހަމައެކަނި ހުޅުވާލެވިފައިވާ ކުޑަދޮރު ތަކުގެ ސަބަބުން ގަސްތަކުގައި ވައި އަޅުވަމުންދާ ނާނާގެ އަޑެވެ.
"އަހަރެން ރިޕޯޓް ދެކުނީމޭ މޭއި..."އީޝަލް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީނލަމުން މައުސޫމް ގޮތަކަށް ބުންޏެވެ. އޭނައަށް މިކިޔެނީ ކޯނޗެއް ކަމެއް ނޭނގުނަސް އެތާ ތިބި އެހެން އެންމެނަށް މައިރާގެ ބަނޑަށް ތިންމަސްވެއްޖެއްޔާ އޭގެ މާނަ ރަނގަޅަށް އެނގުނެވެ. މައިރާ އާއި އައިޒާން ކައިވެނި ކުރީ މައިރާ ބަލިވެ އިނުމުންކަން ވިސްނުނެވެ.
"އީޝަލް...މޮޔަ ވާހަކަ ނުދައްކަބަލަ..." ޒިޔާމާ ދަރިފުޅާއި ދިމާލަށް ކަޅި އަޅާލީ އިންޒާރެއް ދޭފަދަ ގޮތަކަށެވެ. ނަމަވެސް އީޝަލްއަށް އެވަރުން ވެސް ވެގެން އުޅޭގޮތެއް ރޭކާނުލިއެވެ.

"ޑިއު އިނީ އެގާރަ އެގާރައިގާ... ސަޅި ޑޭޓެއް... ނޫނީ އަދި ތިނެއް ނުވޭތަ؟ ޓޫ މަންތުސް ދޯ...." އީޝަލް އެއްވެސް ވިސްނުމަކާއި ނުލައި އެހެން ބުނެފައި ހިނިގަނޑެއް ޖަހާލައިފި އެވެ. މައިރާގެ ލޮލުގެ އެސްފިޔަތަކުގައި ތުރުތުރުލާން ފެށި ކަރުނަތައް އޭނައަކަށް ނުހިފެހެއްޓުނެވެ. އޭނަ ވަގުތުން ތަށި އެއްފަރާތް ކޮށްލާފައި ތެދުވެގެން ހިނގައިގަތެވެ.

"އަޅެ އަޅުގަނޑަށް ގޯސް އެއްޗެއް ބުނެވުނީތަ؟" އީޝަލް މައުސޫމް ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން އައިޒާންގެ މޫނަށް ވެސް ބަލައިލައިފިއެވެ. އައިޒާން އާއި އީޝަލްގެ ހަތަރުކަޅި ހަމަވި އެވެ. އައިޒާންގެ މޫނުން ނުރުހުމާއި އެކު ދެރަވިކަމުގެ ކުލަވަރު ވެސް ފެނިލިއެވެ. އޭނަ ވެސް ނުކައި ތެދުވެގެން ދާން ހިނގައިގަތީ "އެކްސްކިއުޒްމީ" އޭ ބުނެލާފައެވެ. އައިޒާންގެ އަދަބުވެރިކަމާއި އަޚުލާގު ރަނގަޅު ކަމަށް ފައިސަލްގެ ހިތް ތަޢުރީފު ކުރެއްވިއެވެ. ނާސި އަންހެނަކު ވެސް ދަރިއަކު ރަނގަޅަށް ތަރުބިއްޔަތު ކޮށްފާނެއެވެ. ފައިސަލްގެ ހިތުގައި އައިޒާން އާއި މެދު ކުލުނާއި ހަމްދަރުދީ އުފެދިފައިވި ނަމަވެސް އެ ޖަޒުބާތުތައް އޭނަ ހާމައެއް ނުކުރައްވަ އެވެ. ހިލޭ ބައެއްގެ ދަރިއަކު އަމިއްލަ ކުރާން ފައިސަލް ބޭނުންވެ ނުލައްވަނީއެވެ.

ކޮމެންޓް 0