މިފަހަރުވެސް ޖެހުނީ އަމިއްލަ ނަފުސާއި ހަނގުރާމަ ކުރާށެވެ. މައިރާ ހުރީ ރަތްކުލައިގެ ޓޮޕަކާއި އައިސްބްލޫ ޖިންސެއްގަ އެވެ. އިސްތަށިގަނޑާއި ތުންފަތުގެ ކުލަ ވަކިން ރަތްވެފައި ވަނީ ހެދުމުގެ ހިޔަނި އެޅުމުން ކަމަށް ވެދާނެއެވެ. މައިރާ ފެނުމުން ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހިތް އަތުން ދޫވެގެންދާ ގޮތާއިމެދު މިފަހަރު ވެސް ހައިރާން ވިއެވެ. ހީކުރި ވަރަށްވުރެ ހިތުގެ ދީވާނާކަން ބޮޑީއެވެ. ހަމަޖެހިލައިގެން ހުރެ އެ އަތުގެ ތެރެއިން ދެމިގަނެގެން ކޮޓަރިއަށް ވަން މައިރާއަށް ވެސް ރެޔާންގެ އެ ޖުމްލަތަކުން ޝޮކެއް ލިބުނުކަން އެނގެ އެވެ. އޭނަ ދެލޯ ބޮޑުކޮށްލައިފައި ފަހަތަށް ޖެހިލި ގޮތުން ރެޔާން އަށް ވިސްނުނެވެ. 

"ތިއީ ރެޔާންތަ؟ އަހަންނަކަށް ގަބޫލެއް ވެސް ނުކުރެވޭ ތިގޮތަށް ވާހަކަދައްކަފާނެ ކަމަކަށް. ބޮޑާވިޔަސް ތިވަރު ތަންކޮޅެއް ބޮޑުކަން ނޭނގޭ. ތިމާ ބޭނުންހާ ގޮތެއް އަންހެންކުދިންނަށް ހެދިދާނެހެން ހީވަނީތަ؟ އަންހެންކުދިންނަކީ ކުޅެން ބަހައްޓާފައި ހުންނަ ބުދު ތަކެއް ކަމަށް އަދިވެސް ހީކުރަނީ. އަހަންނަކީ ވެސް ރެޔާން ބޭނުންހާ އެއްޗެއް ކިޔަންހުރި އަޅެއް ނޫން. ޔޫ ނޯ ވަޓް. ބޮޑާ މީހުން ވެސް ތިބޭ އެކަމަކު ތިވަރެއް ނުދެކެން. މިތަނަށް މިއައީ ކޮންމެހެން ރެޔާން އާއި ހެދި މޮޔަ ވެގެނެއް ނޫން. ކަމަކާ ޑިސްކަސް ކޮށްލަން ކަމަށް. ސަބަބަކީ އެކަން އެނގުން އެންމެ މުހިއްމު އެކަކީ ތިއީ ކަމަށް ވާތީ. އެކަމަކު ތިއީ މީހަކަށް ރީތިކޮށް ވާހަކަ ދެއްކޭ ފެންވަރުގެ މީހެއް ނޫން......" މައިރާގެ ހިތް އެދުނީ ރެޔާންގެ ގައިގައި ހިފައި ތަޅުވައިގަތުމަށެވެ.

"ރިއަލީ؟ އަހަރެން ކިޔާނެ އެކައްޗެއް ވެސް ނެތް. ބޭނުން ގޮތަކަށް ހީކޮށްލާ....." ރެޔާން ފަރުވާ ކުޑަގޮތަކަށް ބުންޏެވެ. އޭނަ ކޮނޑުގައި އަޅުވައިލައިފައިވާ ގަމީސް ނަގައިފައި ލީ އިރުވެސް "ގޮތެއް" ހުއްޓެވެ. އަދި ގަމީހުގެ ގޮށްތައް އަޅުވަމުން ކަތި ނަޒަރަކުން ބަލައިލުމުން ވެސް މައިރާގެ ހިތަށް ސިހުރެއް ހަދައިލިހެން ހީވިއެވެ. ހާދަ ސްމާޓެވެ. ހާދަ ފިރިހެންވަންތަ އެވެ. މައިރާގެ ހިތް އެދުނީ އެ ތަނަވަސް މޭމަތީގައި ބޯ އަޅައިލުމަށެވެ. އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔުމަށެވެ. ނަމަވެސް ރެޔާންގެ ފަރާތުން ފެންނަނީ ދުރުހިލޭކަމެވެ. އިންސާނުން ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ. އުމުރަށް ލޯބިވާނަމޭ ކިޔާފައި ދޮގު ވައުދުތައް ކޮށްފައި ވެސް ފޫހިކޮށްލާނެއެވެ. ރެޔާން ވެސް ވަކި ހިސާބަކުން ފޫހިކޮށްލީ އެވެ. އެ ވައުދު ތަކާއި ދީވާނާ ލޯބި މަޑުމަޑުން ގޮސް އޮބިގެން ދިޔައީ އެވެ. މައިރާއަށް ކުރި ފުން އަސަރުތައް، ރުޅިވެރިކަމަށް ބަދަލުވާން ފެށިއެވެ. އޭނަގެ ހަޔާތަށް ހީވެސް ނުކުރާ ފަދަ، ވަރުގަދަ ތޫފާނެއް އައުމުގައި އޭނައަށް ވުރެ ބޮޑަށް ރެޔާންގެ ކުށް ވެއެވެ. އަދި ދުނިޔޭގެ ނަޒަރުގައި އޭނައަކީ އައިޒާންގެ އަންހެނުންނަށް ވިޔަސް، އޭނައަކީ މިނިވަނެކެވެ. އަދި އައިޒާން އަށްވުރެ ބޮޑަށް އޭނަ އާއި ގުޅިފައި ވަނީ ވެސް ރެޔާން އާއި އެވެ. އަދިވެސް އެ ލޯތްބަށް ފަނޑުކަމެއް ނާދެ އެވެ.

"ނޫން. ނުހުރެވޭނެ ތިހެން ވާހަކަ ނުދައްކައެއް. އިގްނޯކޮށްލައިފައި ހުރެވޭނެ ކަމަށް ހީކުރަންޏާ އެއީ ގޯހެއް..." މައިރާ އެއައިގޮތަށް ރެޔާންގެ ގަމީހުގައި ދެއަތުން ހިފާލުމުން ރެޔާން ސިހުނެވެ. ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. މައިރާގެ ރީތި މޫނު އެހާ ކައިރިން ފެނުމުން ހިތަށް ލޮޅުމެއް އެރިއެވެ. 

"އޯކޭ. ދެން އަހަރެން ބުނަންވީ ކީކޭތަ؟ " ރެޔާން މައިރާ އާއި ހަތަރުކަޅި ހަމަކޮށްލުމުން މައިރާގެ މޫނަށް ފިނިފެންމަލުގެ ކުލަ ވެރިވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ދެމީހުން ބޭރުފުށުން ދައްކަމުންދާ ރުޅިވެރިކަމާއި އެކީގައި، އެތެރެއެތެރެއިން ލޯބިވާވަރު ދެމީހުންނަށް ވާގޮތްތަކުން ފާޅުކޮށް ފެންނައިރު ވެސް ދުލުން އެއްބަސްވާން ބޭނުން ނުވަނީ އެވެ. ނޫނީ ފޮރުވަން މަޖުބޫރު ވަނީއެވެ. ހަގީގަތަކީ އެއީ އެވެ. ބައެއްފަހަރު އިންސާނާ އަށް ނޭނގި މަޖުބޫރީ ހާލަތަކަށް ވެއްޓިދެއެވެ.

"ރެޔާން. އަހަރެން ގެ ބޭބީއަކީ ރެޔާންގެއަށް ވެއްޖެއްޔާ ބޭނުމެއް ނުވާނެތަ އަހަރެމެން އެކީގައި އުޅޭކަށް...." މައިރާ ރެޔާންގެ ގަމީހުން ދޫކޮށްލާފައި އަނެއް ފަރާތަށް އެނބުރުނެވެ. ހަގީގަތް ބުނެދޭން އެވަގުތު މައިރާ ބޭނުންވި އެވެ. ދުވަހަކު އެހެން ފިރިހެނަކު އޭނަގެ ގައިގައި އެގޮތަށް ބީހިލާފައި ނުވާ ވާހަކަ ބުނަން ބޭނުންވި އެވެ. އޭރުން ރެޔާން ގަބޫލު ކުރާނެއެވެ. ދަރިފުޅަށް ޓަކައި ވެސް އޭނަ މައިރާ އާއި އެކީގައި ހަޔާތެއް ފަށަން އެދޭނެ އެވެ.
ރެޔާން ހީލީ މަލާމާތުގެ ފާޑަކަށެވެ. މައިރާގެ ވާހަކަތައް ގަބޫލުކުރަން ހިތް މަޖުބޫރު ކުރިޔަސް އޭނައަށް ވަނީ އެހެން ގޮތަކަށް ވިސްނަން ޖެހިފައެވެ. އޭނަގެ ސަބަބުން އައިޒާންގެ ހިތަށް އަނިޔާއެއް ލިބިގެން ނުވާނެ އެވެ.

"ނުވާނެ ތިހެނެއް. ތިއީ މަގޭ ދަރިއަކަށް ވާނެ އެއްވެސް ގޮތެއް ނެތް. މިހާރު އަނެއްކާ އާދޭސް ކުރަން ތިއައީ އަހަރެންގެ ދަރިއަކަށް ވެއްޖެއްޔާ ލިބޭނެ އިނާޔަތާއި ގަދަރު ބޮޑުވާނެތީތަ؟ މެކޭނިކެއްގެ ދަރިއެކޭ ބުނާ އަޑުއަހަން ބޭނުން ނުވީމަތަ؟ މާ ލަސްވެއްޖެ. ސޮރީ......." އެންމެ ފަހުން މައިރާ އާއި ދިމާއަށް ހަޑި ނަމެއް ކިޔާލާފައި ނުވީތާކަށް ބޭނުންކުރި ޖުމްލައިން މައިރާ ގަނޑުވިއެވެ. ހީވީ ރެޔާން އޭނަގެ ހިތް ޗިސްކޮށްލީ ހެންނެވެ. ރެޔާންގެ އެ ޖުމްލަތައް މައިރާގެ ހިތުގެ އެންމެ ހިމަ ނާރުތަކަށް ދާންދެން ކުދިކުދި ކޮށްލައިފިއެވެ. އެހާ އަނިޔާވެރި، ރަހުމު ކުޑަ ބަސްތަކެއް ލޯބިވެރިޔެއްގެ ދުލުން އަޑު އިވިދާނެކަމަށް އޭނަ ހިޔެއް ނުކުރެއެވެ. ނަމަވެސް ރެޔާން އެހެރީ އޭނަގެ ދިރިއުޅުން ބަރުބާދު ކޮށްލައިފައި އަދި އޭނަގެ ވާހަކަ ވެސް އަޑުއަހަން ތައްޔާރަށް ނޫންކަން މިރޭ މައިރާއަށް އެނގިއްޖެ އެވެ. މައިރާއަށް އެވަގުތު ވީނުވީ އެއްވެސް ނޭނގުނެވެ. ހަމައިން ނެއްޓިއެވެ.

އަންހެންކުއްޖަކަށް ވިނަމަވެސް މީހަކާއި ތަޅާފޮޅައިގަނެވިދާނެ އެވެ. ކުޑަ ސިންގާއެއް ފަދައިން ހަމަލާ ދެވިދާނެ އެވެ. އޭނަ ފަދަ ފަރި، ރީތި ކުއްޖަކާއި ނުވެސް ގުޅޭފަދަ އަޚުލާގީ ދަށްކަމެއް ވެސް ކުރެވިދާނެ އެވެ. މައިރާވެސް ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ރެޔާންގެ މޭމަތީގައި ދެއަތުން ތަޅައިގަތެވެ. މައިރާ ރެޔާންގެ އަތުގައި ދަތް އެޅިއެވެ. ރެޔާންގެ އަތުން ލޭހިލުނެވެ. ރެޔާން ޗުއްޕު ވެސް ބުނެ ނުލުމުން ރެޔާންގެ އަތުގެ އިނގިލިތައް އެފުށްމިފުށަށް ލަންބާލައި އިނގިލިތައް ވެސް ބިންދަން އުޅުނެވެ. ރެޔާން ހުރިހާ އަނިޔާތައް ލިބިގަންނަމުން ދިޔައީ ހިތުން ރުހުމުންނެވެ. ރެޔާން ހުރީ މައިރާއަށް ދޫކޮށްލައިގެންނެވެ. އޭނަ މައިރާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ރެޔާން ހުރީ ހިތުގެ މައްޗަށް ބާރު ފޯރުވައިގެން ހިމޭންކަން ޚިޔާރުކޮށްގެންނެވެ.

"އެހަރެންގެ ހުރިހާ އެއްޗެއް ފޭރިގެން ލައިފް ހަލާކު ކުރިގޮތަށް އަހަރެންވެސް ނިންމާލާ. އަހަރެން މަރާލާ. ނުލަފާމީހާ....."މައިރާ އެންމެ ފަހުން ރޯން ފެށިއެވެ. ރެޔާން އަށް ކަރުނަތައް ހިފަހައްޓަން އުނދަގޫ ވުމުން ވަގުތުން މައިރާ ގަޔާއި ދުރުކޮށްލާފައި ނިކުމެގެން ދާން ހިނގައިގަތެވެ. އޭނަ ދޮރު ހުޅުވާލާފައި ނިކުންނަންވާ އިރަށް މައިރާ ފަހަތުން އައިގޮތަށް އޭނަގެ ގަމީހުގައި ހިފައި ދަމައިގަންނަން އުޅުނެވެ. އެމީހުންނަށް ނިކުމެވުނީ ފައިސަލްގެ ކުރިމައްޗަށެވެ. މައިރާ ހީވީ ކަރަންޓް ޝޮކެއްގައި ޖެހުނު ހެންނެވެ. ލަދުން ގޮސް އޭނަ ވިރުނެވެ. މޫނު ބީޓްރޫޓެއްހާ ރަތްވުމާއިއެކު ރެޔާންގެ ގަމީހުން ދޫކޮށްލާފައި ވިދުވަރެއްހާ ހަލުވިކޮށް ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. ރެޔާން ވެސް ދުވަހަކު އެހާ ބޮޑު ލަދެއް ނުގަނެއެވެ. އޭނަ ހުރީ އަނގަ ރަކިވެފައެވެ. އެސްފިޔަތައް ވަނީ ތެމިފައެވެ. ބައްޕަ އޭނަ އާއި މެދު ވިސްނަވާނެ ގޮތެއްވެސް ނޭނގުނެވެ. އައިޒާން އަކީ ކޮއްކޮކަން އެނގިހުރެ ކޮއްކޮގެ އަންހެނުންނާއި ގުޅުން ބާއްވަނީ ކަމަށް ދެކެލައްވާނެއެވެ.

ރެޔާން ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލި ގޮތަށް ބައްޕަ އާއި ދިމާއަށް ބަލައިލާނެ ހިތްވަރެއް ވެސް ނުލިބުނެވެ.
"ހުރިހާކަމެއް ރަނގަޅުތަ؟ މައްސަލައެއް އުޅެންޏާ ބައްޕަ ގާތު ކޮންމެ ވާހަކައެއް ވެސް އަހައިލެވިދާނެ އިނގޭ.." ފައިސަލް ރެޔާންގެ ކޮނޑުގައި އަތް ބޭއްވެވި އެވެ. ބައްޕަ އެ އިޝާރާތް ކުރެއްވީ ދެންމެ ފެނިލެއްވި ހާދިސާ އަށް ކަމުގައި ކަން ރެޔާން އަށް ޔަގީން ކުރެވުނު އިރުވެސް އެކަމާއި ބެހޭގޮތުން ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. ފައިސަލްއަށް ރެޔާން ހުރީ ލަދުންކަން އެނގުނެވެ.

"ލައްބަ ބައްޕާ. އެވްރީތިން އިޒް ފައިން...." ރެޔާން ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން ގަމީހުގެ އަތުކުރި ދަމާލައިފި އެވެ. އެކަމަކު ފައިސަލްއަށް ރެޔާންގެ އަތުގައި ކެނޑިފައިވާ ތަންތަނުގެ ނިޝާންތައް ފެނުނެވެ. ރެޔާން ކަމެއް ފޮރުވަން އުޅުނީކަން އެނގުނެވެ. ފައިސަލްގެ ހިތުގެ ހަމަޖެހުން ނަގާލި މައްސަލައަކަށް ވިޔަސް ރެޔާން އިތުރަށް ލަދުގަންނަވަން ފައިސަލް ބޭނުންވެނުލެއްވީއެވެ. އެކަމަކު އެއީ ވަރަށް އެހެން ކަހަލަ ހިތާމަވެރި ތަޖުރިބާ އަކަށް ވެދާނެ ކަމަށް ގަބޫލުކުރެވުނެވެ. އައިޒާން އާއި ރެޔާން އަކީ އެއްމާބަނޑު ދެބެންނަށް ވާއިރު އެކަކާއި ހެދި އުޅުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ފައިސަލް ރެޔާން ގެ ބުރަކަށީ ގައި ފިރުމާލައްވާފައި ދުރުވީ ކޮރިޑޯގެ އެންމެ އެކޮޅުގައިވާ ކޮޓަރިއަށެވެ.

ރާދާ އާއި ޒިޔާމާ ބޭނުންވީ އެދެ އެކުވެރިންގެ ދެކުދިން ގުޅުވުމަށެވެ. ޝަމާއިލް އާއި އީޝަލްއަކީ ގުޅޭ ޖޯޑަކަށް ވާނެއެވެ. އީޝަލްގެ ޅަކަމާއި، މޮޔަކަން ވެސް ކަނޑުވައިލެވޭނީ ޝަމާއިލް ފަދަ ސީރިޔަސް ހަޔާތުގެ ބައިވެރިޔަކު ލިބިގެންނެވެ. ރާދާ އައިމަން ލައްވާ ފައިސަލް އާއި ވީހާ އަވަހަށް އެ ވާހަކަ ދައްކަން ބޭނުންވި އެވެ. ރާދާމެން ޔަގީން ކުރަނީ ޝަމާއިލް އަށް އޭނަގެ ބައްޕައާއި ދެކޮޅުހަދަން ނުކެރޭނެ ކަމަށެވެ. ޝަމާއިލްގެ އެހެން ލޯބިވެރިޔަކު ނުހުންނާނެ ކަމަށެވެ. އެވަރަށް އެމީހުން ރާވާފައި ވަނިކޮށް އެހެން ގޮތަކަށް ކަންތައް ފުރޮޅިގެން ހިނގައިދާނެ ކަމަށް ހީކުރެވިފައެއް ނެތެވެ. 

އައިމަން އެޕާޓްމެންޓަށް ވެންނެވި އިރު، މޯނާ އާންޓީ ސިޓިންރޫމް ގައި ބޮކިތައް ނިވާލައިގެން ޓީވީ ޕްރޮގްރާމެއް ބަލަން ނިކަން ހަމަޖެހިލައިގެން އިނެވެ. އައިމަން ފެނުމުން މޯނާ އަދަބުވެރިކަމާއި އެކު ސަލާމް ކޮށްލަމުން އަވަހަށް ސޯފާއިން ތެދުވިއެވެ. އައިމަން މޯނާއަށް ހީލުމަކާއި އެކު ސަލާމުގެ ޖަވާބު ދެއްވުމަށްފަހު ކޮޓަރިއަށް ވަނެވެ. ރާދާ އޮތީ ލެޕް ހިފައިގެން އެނދުމަތީގަ އެވެ. އައިމަން ފެނުމުން ރާދާ ގެ ތުންފަތުގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ. 
"ރާދާ. ހިތަށް އަރަނީ މަންމައަށް މޯނާ އާންޓީގެ ސިއްރުތައް އެނގިއްޖެއްޔާ ހުރިހާ ރުޅިއެއް އަންނާނީ އަހަރެން ދެކެއޭ..." އައިމަން ބުނުއްވި އެވެ.

"ވެދާނެ. އައުޒަމްގެ ސަބަބުން މަންމަ ދުވަހަކު އަޅުގަނޑަށް ހިތްހެޔޮ ކުރާނީކީ ނޫން އެހެންނޫނަސް މަންމައަކީ ހިތުގެ ބަލިމީހެއް. ވީއިރު އިތުރު ކަމަކާއި ފިކުރުކުރަން ވެއްޖެއްޔާ ދެރަގޮތެއް ވެސް ވެދާނެ. ވީމާ އެވާހަކަ އަދިވެސް ސިއްރެއްގެ ގޮތުގައި ބޭއްވުން ރަނގަޅީ. މޯނާ އާންޓީ އަށް ވެގެން އެގޭގައި ކިތަންމެ ޒަމާނަކަށް އުޅެވިއްޖެ. މޯނާ ވެސް ކުޅަދާނަ އެހެންމީހުންގެ ގާތުގައި ނުބުނެ ހުންނަކަން. އަނެއްކާ މިއަދު އެނގުނުކަމަކުން މިހިރީ ވަރަށް ހާސްވެފައި. މައިރާއަށް ވެސް ދިމާވެގެން އުޅެނީ އަޅުގަނޑަށް ދިމާވިފަދަ ގޮތެއް. އެއްބަނޑު އެއްބަފާ ދެބެން އޭނަ ދެކެވެސް ލޯބިވީ، އެހެންވެ ބޯ ހަލާކުވެފައި މައިރާ ހުރީ. ތާރީޚު ރިޕީޓް ނުވެއްޖެއްޔާ ރަނގަޅު. މައިރާ މިހާރު ހުރިހާ ސިއްރުތަކެއް ކިޔާދީފައި ހަދަންވީ ގޮތްވެސް އަހާ. ޝަމާ އާއި ވަރަށް ތަފާތު. ޝަމާ ކިހާ ސްޓަބަން، އެހެރީ މަންމަ އާއި އަނގައިން ނުބުނަން ކަމަށް..." ރާދާ ދެއްކި ވާހަކަތަކުން އައިމަން ސިހުނެވެ.

"ތިބުނީ ފަރުޒާން އާއި ރެޔާން ވެސް މައިރާ އާއިހެދި އުޅެނީއޭތަ؟ ހާދަ އެހެންކަހަލަ ވާހަކައެކޭ... " އައިމަން ބޯ ހޫރާލެއްވި އެވެ.

"ނޫން. މިބުނީ އައިޒާން އާއި ރެޔާންގެ ވާހަކަ...." ރާދާގެ ގާތުގައި މައިރާ ކޮންމެ ވެސް ވަރަކަށް ހަގީގަތް ހިއްސާ ކުރިޔަސް އޭނަ އާއި އައިޒާންގެ އޮތް ގުޅުމެއް ވެސް މަންމަ ގެ ގާތުގައި ނުބުނެއެވެ. އޭނަ ބުނީ އޭނަ ކުރިން ރެޔާން އާއި ރައްޓެހިވެގެން އުޅުނުކަމަށާއި އަދިވެސް ރެޔާންދެކެ ލޯބިވެވޭ ކަމަށެވެ. ރެޔާން ވެސް ލޯބިވާކަމަށް ގަބޫލުކުރާކަމަށާއި އެކަމަކު ރެޔާންގެ ހުންނަ މިޒާޖަކުން އެކީގައި ދިރިއުޅެން ފަސޭހަ ނުވާނެކަމަށާއި، މައިރާ އެކަމާއި ވަރަށް ވިސްނާ ކަމަށެވެ. 

"އައިޒާން އަކީ ދަރިއެއް ކަމަށް ހަދައިގެން ޒިޔާމާ އުޅެނީ ނަފްސާނީ މައްސަލައެއް ހުރީމައޭ. ކޮންމެހެން އަމިއްލަ ދަރިއަކަށް ވެގެނެއްނޫން.." އައިމަން ބުނުއްވިއެވެ. ރާދާ އެ ޚަބަރު ކިޔައިދިނުމުން އައިމަން އަށް ލިބުނީ ޝޮކެކެވެ. ގަބޫލުކުރަން އުނދަގޫވެލެއްވިއެވެ. ނަމަވެސް އައިޒާންގެ ރީތިކަމާއި ސިފަތަކާއި މެދު ވިސްނާލެއްވުމުން އެއީ ހަގީގަތެއް ކަމަށް އެއްބަސްވެލައްވާން ޖެހުނެވެ. ދުނިޔޭގެ ކަންތައް ހިނގަމުން މިދަނީ އަޖައިބު ނުވާފަދަ ގޮތަކަށް ނޫނެވެ. އެމީހުންގެ އަމިއްލަ ސިއްރުވެރި ދިރިއުޅުމާއި މެދު ވިސްނައިލިޔަސް އެހެން އަޖާއިބުތައް ގަބޫލުކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވެ ހިނގައިދާނެ އެވެ. ވީއިރު ޒިޔާމާ އައިޒާން ކުޑައިރު އެއްލައިލި ވާހަކަވެސް ގަބޫލުކުރަން ޖެހުނީއެވެ. އަދި އެމީހުން އެވަރުން މައްސަލަ ޖައްސައިގެން މައިރާ އާއި އައިޒާން ކައިވެނިކުރިޔަ ނުދޭން އުޅުމަކީ ކުރެވުނު ބޮޑު މޮޔަ ކަމެއްކަން ވެސް މިހާރު ގަބޫލުކުރެވިއްޖެއެވެ.

ސަމީނާ ޑޮކްޓަރަށް ދައްކާފައި ޓެސްޓް ހެދިއިރު ކޮލެސްޓްރޯލް ހުރީ ވަރަށް ބޮޑަށް މަތިވެފައެވެ. ތިންސަތޭކައާއި ކައިރިކޮށެވެ. ނަމަވެސް ހީކުރިގޮތަށް ތައިރޮއިޑްގެ މައްސަލައެއް ނެތެވެ. ޑޮކްޓަރު ބުނީ އަޑުފޮށީގައި އިންފެކްޝަން ހެދުމުގެ ސަބަބުން އަޑު ހަލާކުވެފައި ކަމަށެވެ. ޑޮކްޓަރު އިރުޝާދު ދެއްވީ ކަސްރަތު ކުރުމަށާއި، ތެޔޮ އެއްޗެހި މަދުކޮށްލުމަށެވެ. ސަމީނާ އައިޒާންއަށް އާ ޚަބަރެއް ވެސް ދިނެވެ. ސަމީނާ ވަރިކޮށްލާފައި ހަމީދު އެހެން އަންހެނަކާއި ކައިވެނި ކުރި ވާހަކައެވެ. އެ ޚަބަރުން އައިޒާންގެ ހިތަށް ފިނިކަމެއް ލިބި، ހެއްދެވި ފަރާތަށް އޭނަ ޝުކުރުވެރި ވިއެވެ. ނަމަވެސް ހަމީދު އޭނަގެ މަންމަ ދޫކޮށްލާފައި ކައިވެނި ކުރީ ކިހާ ފެންވަރެއްގެ މީހަކާއި ކަން އެނގެން ވެސް ބޭނުންވި އެވެ.

އައިޒާން އާއި ލެވެންޑާ ކޮޓެޖުގެ މެމްބަރުން ބާއްވަން ފެށި ގާތްގުޅުމުގެ ސަބަބުން އެކަމަށް ހޭނެމުން ގޮސް އައިޒާން އެންމެނާއި ސަމާސާކޮށް އުޅޭހާ އެކުވެރި ވެއްޖެއެވެ. އަމިއްލަ ޢާއިލާއިން ނުލިބޭ ފަދަ ގާތްކަމާއި، ލޯބި މި ޢާއިލާގެ ތެރެއިން އޭނައަށް ލިބެމުން ދިޔައެވެ. އޭނައަކީ މި ޢާއިލާގެ އެކެއް ކަމަށް ހީކުރެވޭހާ ބޮޑަށެވެ. ރެޔާންއަށް ވުރެވެސް އައިޒާން އެމީހުންނާއި މާ ގާތްހެން ހީވެއެވެ. ރެޔާން ކާމޭޒު ދޮށުން ފެންނަލެއް އެހާ މަދެވެ. އެތަނުން ދިމާވިޔަސް ސަމާސާ ކުރުމެއް، ސަކަރާތްޖެހުމެއް ނެތެވެ. އެހާ ސީރިޔަސް އެވެ. އައިޒާން އަކަށް ވާނުވާއެއް ނޭނގެ އެވެ. ރެޔާން ބަދަލުވެފައިވާ މިންވަރެއް ނުވިސްނެ އެވެ. ކުރިން ރެޔާން ޢާއިލާ އާއި ގުޅުން ބާއްވާ ވަރެއް އައިޒާން އަށް އެނގިފައި ނެތީމަ އޮޅުނީއެވެ. 

ހޫނު ގަދަ ދުވަހެކެވެ. އެކަމަކު އަސުރުން އިރުތިރިވި އިރު، ކޮންމެވެސް ވަރަކަށް ފަޒާ ފިނިވެއްޖެ އެވެ. މިއަދު ހަވީރު ސައި ތައްޔާރުކޮށްފައި ވަނީ ބަގީޗާ ތެރޭގަ އެވެ. މައިރާ ވެސް މިއަދު މިތަނަށް އައީ ޒިޔާމާ ކުރުނުކޮށްގެންނެވެ. ރެޔާން ފެނުމުން އޭނައަށް އުނދަގޫވި އެވެ. އަދި ފައިސަލް އިންނެވުމުން މައިރާއަށް ލަދުން އިސް އުފުލައިލަން ވެސް ނުކެރުނެވެ. އެކަމަކު މައިރާ އަތުގައިވާ މޮބައިލް އާއި ކުޅެމުންދިޔަ އިރު ހީވަނީ އެހެން ޚިޔާލެއް ފިކުރެއް ނެތި އަމިއްލަ ދުނިޔެއެއްގައި އިންހެންނެވެ. އައިޒާން އާއި އީޝަލް އައީ އެކީގައެވެ. ސަކަރާތް ޖަހަމުންނެވެ. އައިޒާން އަތްމަތީގައި ހުރި ޗޮކެލެޓް ކޭކު ގެނެސް މޭޒުމަތީގައި ބެހެއްޓުމުން އެންމެން އައިޒާންއަށް ތަޢުރީފު ކުރިއެވެ. ކޭކުން ވިރެމުންދާ ޗޮކްލެޓްތަކާއި އެކޭކުގެ ކުލަގަދަކަމާއި އޮމާން ކަމުން ކުޅުދިޔާވާހާ ވެއެވެ. 

"ތައުރީފު ކުރަންވާނީ އެކަނި ޒާންއަކަށް ނޫނޭ. އަޅުގަނޑުވެސް ޒާންއާއި އެއްވަރަކަށް ކޭކުއަޅަން ބައިވެރިވިން. ސޯ ކްރެޑިޓްގެ އެއްބައި އަޅުގަނޑަށް.... "އީޝަލް ޓޭލާ ސްވިފްޓްގް ލަވްސްޓޯރީގެ ތަންކޮޅެއް ކިޔައިލަމުން ކުޑަ ނެށުމުގެ ސްޓެޕެއް ދައްކައިލައިފައި ގޮނޑިއަކަށް ވެއްޓިގަތެވެ. އޭނަހުރީ ޓޮޕަކާއި ޓައިޓެއް ލައިގެން އުނަގަނޑުގައި ޖެކެޓްކޮޅު އައްސާލައިގެންނެވެ. މިފަހަކަށް އައިސް ގޭތެރޭގައި ސޯޓް އެއްޗެހި ލައިގެން އުޅޭ ތަނެއް ނުފެނެއެވެ. ކިތަންމެ ބޭބީކޮށް އުޅުނަސް އައިޒާން އަކީ ރެޔާންމެން ފަދައިން ބޭބެއެއް ކަމަށް ހިތް ގަބޫލު ނުކުރަނީކަން ނޭނގެއެވެ. ފަހަކަށް އައިސް އޭނަ އުޅެނީ އެހާ އުފާވެރިކޮށެވެ. އަމުދުން އައިޒާން ގޭގައި އުޅެންޏާ ދެފައި އެއްތާކު މަޑުޖައްސައިލައިގެން ނުހުރެވެ އެވެ. އީޝަލް ކޭކުން ބޮޑުގަނޑެއް އަނގަޔަށް ލުމުން، އަނގަމަތީގަޔާއި، ދަތުގައި އޮތީ ޗޮކްލެޓް އުނގުޅިފަ އެވެ. ރެޔާން މަޖާވެލާފައި ފޮޓޯ ނެގުމުން އީޝަލް ހޭން ފެށިއެވެ. އޭނަ ކޮންމެ ސިފައެއްގައި ހުރެ ފޮޓޯ ނެގިޔަސް މައްސަލައެއް ނެތޭ ބުނެލިއެވެ. އެފްބީއަށް ލާން ބޭނުންވަނީ ވެސް ވީހާވެސް ހަޑިކޮށް ވައްތަރެއް ޖައްސައިލައިގެން ހުންނަ ފޮޓޯތަކެވެ. އެކަމަކު ޕްރައިވެސީ ހަދާފައި ހުރުމުން އާއިލާ މީހުންނަށް ނޫނީ އެ ފޮޓޯތަކެއް ނުފެންނާނެ އެވެ.
އެންމެން ވާހަކަދައްކަމުން ދިޔައިރު ރެޔާން ވެސް މިއަދު ތަންކޮޅެއް މަޖާވެފައިކަން އެނގެއެވެ. މައިރާގެ ހިތް ހަލާކުކޮށްލުމުން އުފަލެއް ލިބިފައިވަނީކަން ނޭނގެއެވެ. މައިރާގެ ހިތަށް އަސަރު ކުރިއެވެ.

"އެކަކުވެސް އަހަރެންދެކެ ލޯތްބެއްނުވޭ. ޒާންވެސް ހީވަނީ އީޝަލްގެ ހިޔަނިހެން. ރެޔާން ވެސް މާ އީޝަލްވެގެން. ހީވަނީ ދެމީހުން ވެގެން އަހަންނަށް ކަންތައް ދައްކާ ޖޭ ކުރުވަން އުޅޭހެން. އައި ޑޯންޓް ކެއާ...." މައިރާ ރުޅިގަދަވެގެން ގޮސް ސިކުނޑި ފަޅައިގެންދާގޮތް ވިއެވެ. ނަމަވެސް އެ ޖުމްލަތައްވީ ހިތުގައެވެ.

"އޯ މައި ގޯޑް ޒާން..." ކުއްލިއަކަށް އީޝަލް އެހެން ބުނުމުން އެންމެންގެ ސަމާލުކަން އީޝަލްއަށް ހުއްޓުނެވެ.
"ވަޓް..." އައިޒާންވެސް އިނީ ވީނުވީއެއް ނޭނގިފައެވެ. ހީވީ އޭނަގެ މޫނުމަތިން އީޝަލްއަށް ކަމެއް ފެނުނުހެންނެވެ. އައިޒާން މޫނުގައި އަތްކާއްތާލީ މޫނުގައި ޗޮކެލްޓް އުގުޅިފައި ހުރިކަމަށް ހީކޮށެވެ. އީޝަލްއަށް ހުއްޓުނު ލޯތައް އައިޒާންގެ މޫނަށް އަމާޒުވިއެވެ.

ކޮމެންޓް 0