"ނޭގޭ ތީ ކޯނޗެއް ކަމެއް... ކީއްވެ އަހަރެން އަންހެންކުދިންނާއިއެކު ސްލީޕް ކުރާ ކަމަށް ރެޔާން ޝައްކުތިކުރީ... ކުށްހީއަކީ ފާފައެއް އިނގޭ..."އައިޒާން ޚިޔާލެއްގައި ހުރެފައި ބަލާވެސް ނުލާ ބުންޏެވެ. ރެޔާން ކުޑަކޮށް ލޯ ހަނިކޮށްލީ އައިޒާން ގަސްތުގައި އެކްޓްކުރަނީ ކަމަށް ހީކޮށެވެ. އައިޒާންގެ ކޮޓަރީގައި"މޫޑްސް" ހުންނާނީ އޭނަ ބޭނުންކުރާތީ ކަމަށްވެފައި މިވަރަށް ބުނީމަ ދެން ގަމާރަކަށްވެސް ވިސްނެންޖެހޭނެ އެވެ.
"ކަމޯން ޒާން... އަމިއްލައަށް ގެންގުޅޭ އެއްޗެހިވެސް ނޭގެންޏާ ދެން މައްސަލައެއްހެން ހީވަނީ..." ރެޔާން ބޯ ހޫރާލާފައި އެޕެކެޓް މޭޒުމައްޗަށް އެއްލާލައިފި އެވެ. މިފަހަރު އައިޒާން އިސްތަށިގަނޑު ހިއްކާލަންހުރެ ލޮލުގެ ކޮޅުން ބަލާލައިފި އެވެ.
"ހޫމް.. ތީ އަހަރެން ގެންގުޅޭ ޝުގަފްރީ ޗުއިންގަމް ޕެކެޓްތަ... ފާޑަކަށް އެޑިކްޓްވެފައި ހުރެވެނީ.." އައިޒާން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އޭރު އޭނަގެ ޚިޔާލުގައިވަނީ މައިރާއެވެ. މައިރާއަށް ގުޅުމެވެ. އެނޫން ޚިޔާލެއް މިދުވަސްކޮޅު ކުރެވޭ ކަމަކަށް ނުވެއެވެ.
"ދުވާލު ހަޔެއްކަ ފަހަރު ދޯ... ގަދަ އިނގޭ ޑޫޑް... އެކަމަކު މިކަހަލަ އެއްޗެއް ބޭނުން ކުރީމަ ދަތްތައް ހަލާކުވާނީކަން ނޭގެއެއްނު... މާ ލަދުގަންނަ ކަމަށް ހެދިގެން ހުންނައިރުވެސް މި ވައްތަރު ޗުއިންގަމް ކާލެވޭދޯ... މިބުނީ މީ ޗުއިންގަމަށް ވަންޏާ... ދެން ބުނެބަލަ... މި ޗުއިންގަމް ޝެއަކުރަނީ ކޮން އަންހެންކުއްޖަކާއެކީގަތަ؟ "ރެޔާން ހުނުމަކާއެކު ސަމާސާ ރާގަކަށް ބުނެލުމުން އައިޒާން ކުޑަކޮށް އޮޅުނެވެ.
"އަނެއްކާ ތީ ކޯނޗެއްތަ؟ ރެޔާން ތިކިޔަނީ ކީކޭތަ؟ އަންހެންކުދިންނާއި ތިއާއި ހުރީ ކޮންގުޅުމެއް..."އައިޒާން އެހެން ބުނަމުން ކުއްލިއަކަށް އެނބުރިލާފައި މޭޒުމަތީގައި އޮތް ޕެކެޓަށް ބަލާލީ ބުމަ ގޮށްޖަހާލަމުންނެވެ. އައިޒާންއަށް އަލަށް ފެނުނު އެއްޗެއް ފަދައިން ހައިރާން ކަމާއިއެކު އެ ޕެކެޓް ނަގާފައި ބޭރު ކިޔަވާލައިފިއެވެ. އެއާއިއެކު ދެ ލޯބޮޑުވިއެވެ. މޫނު ރަތްވެގެން ދިޔައެވެ. ފާޑަކަށް އަނގަޔަށް ގޮތެއް ހަދާލުމާއިއެކު އެ ޕެކެޓް އަތުން ދޫވިއެވެ. މި ފަދަ އެއްޗެއް އޭނަގެ ނިދާކޮޓަރިން ފެންނަން ޖެހުނު ސަބަބެއް ފުރަތަމަ ނުވެސް ވިސްނުނެވެ. ހީކުރެވުނީ ރެޔާން އޭނަގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވަން ގެނައި އެއްޗެއް ކަމަށެވެ. ނޫނީ ގަސްތުގައި އޭނަ ލަދުގަންނަވާލަން ރެޔާން ލާނެތް ސަމާސާއެއްކޮށްލީ ކަމަށް ވެދާނެއެވެ. ނަމަވެސް ރެޔާންވެސް ދެން އެހާ ވިޔާނުދާ ސަމާސާއެއް ނުކުރާނެތާއެވެ. ކުއްލިއަކަށް އައިޒާންއަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އެއީ ކާކުގެ ކަމެއްކަން އެނގުނެވެ.
"ހޫމް.. ރެޔާން.. ތީ... އަސްލު.."އައިޒާން އަޅައަޅައިގެންފާ އެއްޗެކޭ ބުނަން އުޅުނެވެ. ރެޔާން ހޭންފެށި އެވެ.
"ރިލެކްސް ޒާން.. ތިހާ ހާސްވާވަރު ކަމެއް ނުވެއެއްނު.. އެގޭތަ؟ އަސްލު އަހަރެން އުޅުނީ ފުދޭވަރަކަށް މިނިވަން މާހައުލެއްގައި... ބައްޕަމެން ރިޗްވީމަ އަގުބޮޑު އަމިއްލަ ސްކޫލްތަކުގައި ކިޔެވީމަ ބިހޭވިއާ މާ ކަޑައެއްނުވާނެ.. އެކަމަކު ވަކި އުމުރަކަށް ދިޔުމުން ދެން އުޅުނީ ތަންކޮޅެއް އެހެންކަހަލަ ދިރިއުޅުމެއް.. ޔޮޓްތަކުގައި އެކުވެރިންނާއިއެކީގައި ދަތުރުކުރާއިރު މުޅިންވެސް އޮންނަނީ އެބައި.. އެކަމަކު އަހަރެންގެ ފެމިލީއިން މަނާކޮށްފައިވާ ކަމަކަށްވާތީ އެފަދަ މުއްސަދި އެކުވެރިންނާއިއެކީގައި އުޅުނުއިރުވެސް އެފަދަކަމަކާއި ދުވަހަކު ބައިވެރިއެއްނުވަން.. އަދި އަހަރެން ލޯބިވީވެސް އެންމެ ކުއްޖެއްދެކެ.. މައްސަލައަކީ ނޭނގުމުގެ ތެރޭގައި އަހަރެންނަށް އެ ހިތަށް ވަރަށް ބޮޑު އަނިޔާއެއް ދެވުނުކަން.. އެ ސްކާ ހީލް ކުރާނެ ގޮތެއް އަދިވެސް ނޭނގިގެން މިވިސްނަނީ..." ރެޔާން ފުރަތަމަ ފަހަރަށް ނުސީދާކޮށް އައިޒާން ގާތުގައި އޭނަގެ ލޯބިވާ ކުއްޖެއް ހުންނަކަން ހާމަކޮށްދިނެވެ. އަދި މޭޒުމަތީގައި އޮތް މޫޑުސް ޕެކެޓް ފޮށީގެ ތެރެއަށް ލާފައި ހުރިތަނުގައި ބެހެއްޓިއެވެ. ޔަގީނުންވެސް އޭނަގެ މައިރާ އައިޒާން އާއިއެކު އެފަދަ ގުޅުމެއް ނުހިންގާނެ އެވެ. އޭނަ ގެ ލޯބި އެއަށް ވުރެ އިއްފަތްތެރިވެފައި މާތްކަން އޭނަ ދަނެއެވެ. އެހާ ބޮޑަށް އިތުބާރު ކުރެވޭ އަންހެންކުއްޖެއް ދުނިޔެއަކު ނެތެވެ.
"ރެޔާން.. އަހަރެންވެސް ބޭނުން ރެޔާންގާތުން ޚިޔާލެއްހޯދަން.. ލޯތްބަކީ އަހަންނަށްވެސް އާ އެއްޗެއް.. އަހަންނަށްވެސް މިވަނީ އަންހެންކުއްޖަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވިފައި.. އެކުއްޖާ އާއި ނުލައި ނޫޅެވޭވަރުވެފައި.. އަދި ބޭނުން ވަރަށް އަވަހަށް މެރީކުރަން.. މަޖުބޫރުވީ އަވަސްކުރަން.. ނަމަވެސް ރެޔާންއަށް އަންގަން ބޭނުން ސަބަބު... ވަން މިނިޓް އިނގޭ... އިމްޕޯޓެންޓް ކޯލެއް." އައިޒާންގެ ފޯނަށް މިފަހަރުވެސް ޕްރިންސެސް މައިރާ އެރިތަން ފެނުމާއިއެކު ފޯނު ކަންފަތުގައި ޖަހާލައިގެން ބޭރަށް ނުކުތުމުން ރެޔާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރުޅިގަދަވެގެންގޮސް ޑްރެސިންޓޭބަލް މަތީގައި ދެއަތުން ޖެހުނެވެ. ރެޔާން ބޭރަށް ނިކުތްއިރު އައިޒާން ފެންނާކަށް ނެތެވެ. ޖެހިގެން ހުރި ކޮޓަރިއަށް ވަނީކަން ނޭގެއެވެ. ރެޔާން ބާރުބާރަށް ހިގާލާފައި ނުކުމެގެން ދިޔައީ އޭނައަތުން ގޯހެއް ހެދިދާނެކަމުގެ ބިރުންނެވެ. އައިޒާން ފޯނު ނިންމާލާފައި އައިއިރު ރެޔާން ފެންނަން ނެތުމުން ގުޅައިގެން އެ ވާހަކަ ދައްކަން ބޭނުމެއްނުވިއެވެ. ފޯނުން ދެއްކޭވަރަށް ވުރެ ސިއްރުވެރި ޚާއްސަ ވާހަކައަކަށް ވީމައެވެ. ވަގުތެއްވީމަ އަދި ރެޔާން އާއި ބައްދަލުކޮށްލަން ނިންމާފައި އައިޒާން ދަތުރު ހަދަންފެށި އެވެ. 

މައިރާ ނުކައިނުބޮއި ދުވާލު ހަތަރުދަމު ރުއިމުގެ ސަބަބުން އޭނަ ވަރުބަލިވެ، ލޯހުޅުވާލާނެވަރެއް ހަށިގަނޑުގައި ނެތެވެ. ސުލްތާނާ އާއި މޯނާ މައިރާ ހައްލާލައިގެން ކުރުނބާ ފަދަ އެއްޗެހި ދޭން މަސައްކަތްކުރިއެވެ. މައިރާ އެއްގޮތަކަށްވެސް ކާކަށް ގަބޫލެއް ނުވިއެވެ. މައިރާގެ ގޮތް ދޫނުކުރުމާއި، ބޮޑާކަން ދެކެން އެއްގޮތަކަށްވެސް އައިމަން އެ ކޮޓަރިއަކަށް ނުވެންނެވިއެވެ. ހީވާގޮތުން ދެބަފައިންވެސް އެތިބީ ގޮތުގައި ހިފަހައްޓައިގެންނެވެ. ޝަމާއިލް އެ ކޮޓަރިއަށް ވަންއިރު މައިރާ ގެ އެނދުކާރީގައި ހުރި ކުޑަ މޭޒުމަތީގައި ތަބަކެއް ހުއްޓެވެ. މަތިޖަހާފައި ހުރުމުން އެއީ ކޯޗެއްކަން ނޭގުނަސް ރޭގަނޑު މައިރާ ކާންގެނައި ތަކެތީގައި އަތްނުލާ ހުރީކަން ޝަމާއިލް ދެނެގަތެވެ. މައިރާ އޮތީ މޫނާއިއެކީގައި ރަޖާއަޅައިގެން ކުރުގެޅިލައިގެންނެވެ.
ޝަމާއިލް މައިރާގެ މޫނުން ރަޖާ ނެގުމުން ،ފަލަކުން ހަނދު ނެއްޓިގެން އައިފަދައިން އެ ދޮންމޫނު ވިދައިގަތެވެ. އަތުތެރޭގައި އޮތީ ރަތް ބާލީސްކޮޅެކެވެ. މައިރާގެ ދުޅަވެރަތްވެފައިވާ ލޮލުން ޝަމާއިލްއާއި ހަތަރުކަޅިހަމަކޮށްލިއިރު އެލޮލުގައި ދިރުމެއް ނެތެވެ.
"މޭއި ތިހެން ހެދީމަ އެންމެން ތިބީ ކަންބޮޑުވެފައި.. ނުކައި އޮތުމަކީ ހައްލެއްނޫން ދޯ.. ދެން ދޮންބެމެންނަށް މަޖުބޫރުވާނީ އައިވީ ގުޅަން.. އެއީ މޭއި ބޭނުންވާނެގޮތެއްނޫން.. ވީއިރު ކޮންމެވެސް އެއްޗެއް ކައިބަލަ.. ބައްޕަވެސް މިރޭ ކޭންނުބައްލަވާ ކޮޓަރިއަށް ވެންނެވީ.. މި އުފާވެރި އާއިލާ ރޫޅިގެންދާތަން ބަލަން ހާދަ ދެރަވެއޭ.."ޝަމާއިލް ނިތްކުރީގައި ފިރުމާލީ ހާސްވެފައިވާފަދަ ގޮތަކަށެވެ.
"އެންމެން ކަންބޮޑުވާންވީ ކީއްވެތަ ދޮންބޭ.. އެންމެނަށް ރަގަޅުވާނީ އަޅުގަނޑު ދުނިޔޭގައި ނެތިއްޔާ.. އެކަކުވެސް އަޅުގަނޑުދެކެ ލޯބިނުވާކަން މިހާރު ޔަގީންކުރެވިއްޖެ.."މައިރާ ބުންޏެވެ.
"ނޫން.. ލޯބިވާލެއް ބޮޑުކަމުން ކޮއްކޮގެ މުސްތަގުބަލާއިމެދު ބައްޕަ އަދި މާމަވެސް އެވަރަށް އެ ވިސްނަނީ.. އެއްވެސްމީހަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއަކު ނާސި އަންހެނެއްގެ ބައްޕަނެތް ދަރިއަކާ ކާވެނި ކުރުވާކަށް..މީހުން މަލާމާތް ކުރާނެވަރު މޭއިއަކަށް ނުވިސްނޭނެ.."ޝަމާއިލް ވެސް ބައްޕަމެންގެ ވިސްނުމާއި އެއްގޮތަށް ޚިޔާލުހުރިކަން އެގުމުން މައިރާދެރަވި އެވެ.
"އެންމެ ރަގަޅު..މި އާއިލާވެއްޖެއްޔާ އެ ހެޔޮ ކިތަންމެ ނުބައި މީހަކަށް ވިޔަސް.. ރެޔާން ބައްޕަމެންގެ އަންހެންދަރިފުޅު ރޭޕްކުރީމައެއް އެއީ ބޮޑު މައްސަލައަކަށް ނުވި.. އަޅުގަނޑު ގެ ހިތްހަލާކުވާނެވަރަކާއިމެދު ބައްޕަމެން ޚިޔާލުކުރުމެއްނެތް.. ޚާންދާނުން ބޭރަށް މައްސަލަ ނުދިޔައީމަ އެވީ.. އަޅުގަނޑު ވީ ޝާހީޚާންދާނުގެ ބޭފުޅެއްގެ އިއްޒަތާއި ޝަރަފަށްޓަކާ ގުރުބާންވާން.. ރެޔާން އެހާ ބޮޑު ކުށެއްކުރިއިރު އޭނަ ކާރީ އަޅުގަނޑު ގާތުން މާފު އެދޭން ބައްޕަ ނަންގެންނެވިނަމަ މާ ރަގަޅުވީސް.. އެކަމަކު ސޮރީ ބުނަން ޖެހުނީ އަޅުގަނޑު.. ދެޓްސް ނޮޓް ފެއާ އޭ ދޮންބޭ... ހާދަ ލަދުގަތޭ... އެވަރުގެ ލަދެއް މުޅި އުމުރުގައިވެސް ނުގަނޭ.. ދޮންބޭ އަޅުގަޑުތަ މާފަށް އެދެންޖެހޭނީ.."މައިރާގެ އަޅިދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދަންފެށި އެވެ.
"ބައްޕަމެން ގެ ވިސްނެވުން ބައްޓަން ކުރާނީ ހަމައެކަނި އެވަގުތު ފެންނަ ކަމަކަށްވުރެ ދުރަށް ވިސްނާލާފައި މަސްލަހަތު ރަގަޅުވާނެގޮތަށް.. ރެޔާން ކުރީ ކުށެއް އެކަމަކު އޭނަ އެހެރީ އެ ޒިންމާ ނަގަން ތައްޔާރަށް.. އެކަމަކު އާއިލާގެ އެހެން ޒުވާނަކާއި މޭއި ގެ ކާވެނި ހަމަޖައްސައިފިއްޔާ އެމީހަކަށް ދެވޭނީ ކެއްސެއްނު.. ދެން ތިބުނާ އައިޒާންއަށް ހަގީގަތް އެގިއްޖެއްޔާ އޭނަ ކަންތައްކުރާނެ ގޮތް އެގޭތަ؟ ނުވާނެ ރަގަނޅެއް... ވީއިރު މިކަން އިތުރަށް ގޯސްވިޔަނުދީ މޭއިވެސް ބުނާގޮތަށް ހެދިއްޔާކަން ނޭގޭ ދެން ރަގަޅުވާނީ... ބައްޕަމެން ދުވަސްވެފައި ތިބީމާ ތަޖުރިބާ ހުންނާނެ އެހެންވެ އެމީހުން ބުނާގޮތަށް ހަދައިގެން ގެއްލުމެއްނުވާނެ.. އެހެންވެ ދޮންބެ އެއްޗެކޭ ނުބުނަން މިހިރީ.. ކޮންމެހެން ރެޔާން އާއި އެއްކޮޅަށް ހުރެގެން މޭއިއަށް ދެރަގޮތެއް ހަދާކަށް ނޫން.."ޝަމާއިލް ކިތަންމެ ރަގަޅަށް ވާހަކަދެއްކިނަމަވެސް މައިރާއަކަށް ނުވިސްނެއެވެ. މައިރާ ދެކޭގޮތުގައި އެންމެން ކަމަކާއި ނުލައި އޭނައަށް މަޖުބޫރު ކުރަނީ އެވެ. އޭނަގެ ހަޔާތް ބަރުބާދުކޮށްލަނީއެވެ. ރެޔާންއާއިއެކު އޭނަ އުޅެން ބޭނުންނުވާއިރު އޭނައަށް މަޖުބޫރުކުރުމަކީ ބޭ އިންސާފެކެވެ.
"ރެޔާން އަށް ދުވަހަކު މާފެއްނުކުރާނަން... އޭނައާއި މެރީ ކުރުމަށްވުރެ މަރުވުންވެސް މާރަގަޅު..."މައިރާ ވާހަކަދެއްކިގޮތުން ޝަމާއިލް ގަބޫލުކުރީ މައިރާ ރެޔާންދެކެ ލޯބި ނުވާ ކަމަށެވެ. މާފުކުރުމަކީ ލޯބީގެ ބަޔެކެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް މާފުދެވިދާނެއެވެ. ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ހަނދާން ނެތިދާނެ އެވެ. ޝަމާއިލް އަށް ލޯތްބާއި ބެހޭ ގޮތުން މާބޮޑު ތަޖުރިބާއެއް ލިބިފައި ނެތަސް އޭނަގެ އެކުވެރިން ދައްކާ ވާހަކަތަކުން ހީވާންއުޅެނީ އެފަދަ ގޮތެކެވެ.
"އޯކޭ އޯކޭ..އެކަމަކު ދެން ކުޑަ ކުރުނބާފޮދެއް ބޮއިބަލަ.."ޝަމާއިލް މައިރާއަށް އެއްޗެއް ބޯންދޭން އުޅުމުން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރިއެވެ. ބައްޕަ އޭނަ އަށް މަޖުބޫރު ނުކުރާނެކަމުގެ ޔަގީންކަން ދިނުމުން ނޫނީ ނުކާނަމޭ ކިޔާފައި އަނެއްކާ މައިރާ ރޯންފެށިއެވެ.
"މޭއިވެސް ސިޔާސީ މީހުން ގޮތަށް ބަނޑުހައިކަމުގެ ހަޅުތާލު ފެށީތަ؟" ޝަމާއިލް ގޮތްހުސްވެފައިވާ ރާގަކަށް ބުންޏެވެ.
"ސަބަބަކީ ކުށްވެރިޔާއަށް ހައްގު އަދަބު ނުލިބި އެހެންމީހުންނަށް އަނިޔާ ލިބޭކަން.."މައިރާ ހުރީ ގޮތުގައެވެ. އޭނަ މިފަހަރު އެއްގޮތަކަށްވެސް ބައްޕަމެންގެ މަޖުބޫރަށް ބޯލަނބާކަށް ނެތެވެ. ގަދަކަމުން ކާވެނިކުރުމަށް އިސްލާމް ދީނުގައި ހުއްދައެއް ނޯވެއެވެ. އަންހެންކުއްޖާގެ ރުހުންވެސް އޮންނަންވާނެ އެވެ. އަންހެންކުދިންގެ ހައްގުތައް ނިގުޅައިގަނެވިގެންވާނެކަމަކަށް މައިރާ ނުދެކެއެވެ.
މައިރާ ކިތަންމެ ގިނަ ވާހަކަދެއްކިޔަސް އޭނަގެ ކޮޅަށް ވަކާލާތުކޮށްދޭނެ އެކަކުވެސް ނެތެވެ. އެންމެންގެ ވިސްނުން ހުރީ އޭނައާއި ދެކޮޅަށެވެ. އޭނައާއި އެއްބައިވާނެ އެކަކުވެސް ނެތެވެ. އެންމެ ގާތްމީހުންވެސް އޭނަ ގެ ހިތަށް ހަމަޖެހުމެއް ހޯދަދޭކަށް މަސައްކަތެއް ނުކުރިއެވެ. އޭނަގެހުރީ ހަމައެކަނި އައިޒާން އެވެ. އައިޒާން ގާތަށް ނުގޮސް އޭނަ ކުރާކަށް އިތުރު ކަމެއް ނެތެވެ. ނޫނީ އެންމެންވެގެން އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލަފާނެއެވެ. އައިޒާން އާއި ކާވެނިކުރުމުން އޭނަގެ ބައްޕަމެނަށް އައިޒާންގެ މާތްކަމާއި ރަގަޅުކަން އެނގިގެން އޭނައަށް މާފުކުރާނެއެވެ. ހިތްހެޔޮކުރާނެ އެވެ.
އެންމެފަހުން މައިރާ ހާލުދެރަވެގެން ހޮސްޕިޓަލުގައި ބާއްވާފައި އައިވީގުޅިއެވެ. އެކަމާވެސް މައިރާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. އައިވީކަށިތައް ދެކެފައި އޭނަ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ކިތަންމެ ވަރަށް ބަލިވިޔަސް އޭނަ ހޮސްޕިޓަލަށް ނާންނަން ބޮޑާ ހާކަނީ ކަށިތައްދެކެ ބިރުންނެވެ. ކަށްޓެއް ފެނިލިޔަސް މައިރާގެ ގައިން ހީބިހިނަގައިގެން ދެއެވެ. ނަމަވެސް ވަރުދެރަކަމުން އޭނައަށް އެއްވެސް މީހަކާއި ހަނގުރާމަ ކުރާނެވަރެއްނެތެވެ. ރޮއިރޮއި ހިމޭނުން އޮންނަން ޖެހުނީއެވެ. އެހެން އޮވެވެސް މައިރާ އައިޒާންއަށް މެސެޖްފޮނުވައިގެން މިތަނުން ފިލައިގެން އެއަޕޯޓަށް ދާނެގޮތަކާއިމެދު ލަފާ ހޯދިއެވެ.

އިންޑިއަންއެއަލައިންސް ޖައްވުގެތެރެއަށް އަރައިގެން ދާންފެށުމުން ބިޒިނަސް ކްލާހުގެ ސީޓެއްގައި އިން މައިރާ ދެލޯމަރާ ތަގުޅި ކޮށްލައިފިއެވެ. ވައިގެ ދަތުރުތަކަކީ މައިރާ ބިރުން ފިތްކަޑުވާލާފަދަ ކަމެކެވެ. އޭނަ ރަށުން ބޭރަށް ދަތުރުކުރުން އެހާ މަދުވުމުގެ ސިއްރަކީވެސް ގަންނަ ބިރެކެވެ. އައިޒާން މައިރާގެ ގަޑުފެންކޮޅެއްހާ ފިނިއަތުގައި މަޑުމަޑުން ހިފާލަމުން ހުރިހާ ކަމެއްރަގަޅުތޯ ސުވާލުކޮށްލުމުން މައިރާ ދެލޯ ހުޅުވާލިއިރު އެދެލޮލުގައި ސިހުން އެކުލެވެއެވެ. އަދި ކޮންމެވެސް ވަރަކަށް ކަރުނަ ހުއްޓެވެ.
"ބިރުންތަ؟" އައިޒާން އަހާލީ އޯގާތެރިގޮތަކަށެވެ.
"ކުޑަކޮށް.. އަޅެ ޒާން..މިކުރެވެނީ ރަނގަޅުކަމެއްތަ؟ އެންމެ ގާތްމީހުނަށް އަންގާނުލައި ހަޔާތުގެ މިހާ ބޮޑު ނިންމުމެއް މި ނިންމަނީ. އަނެއްކާ އެންމެން އުޅޭނެ އަހަންނަށް ވީގޮތެއް ނޭނގިގެން ކަންބޮޑުވެގެން.. ފިލައިގެން އެހެން ގައުމަކަށް ގޮސް ކާވެނި ކުރުން މިއީ ހުވަފެނުގައިވެސް ދުށް ކަމެއް ނޫން.. ބައްޕަމެން މާފުކުރައްވާނެތަ؟ "މައިރާ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އަނގަމަތީގައި އަތްއެޅިއެވެ. މަތިންދާބޯޓު މައްޗަށް އަރަމުން ދިޔަވަރަކަށް އޭނަ ހާސްވެ މޭ ނުބައިކޮށް ބޮލަށް އެނބުރުން އަރަން ފެށިއެވެ. މައިރާ ނުބުންޏަސް މައިރާއަށް ވީގޮތް އައިޒާން ދެނެގެންފިއެވެ. އޭނަ އަވަހަށް ކަރުދާސްކޮތަޅެއްނަގާ މައިރާއަށް ދިއްކޮށްލައިފިއެވެ. އޭރު މައިރާގެ މޫނު ވަނީ ދަލުން ފެންވެރިފައެވެ. އެމޫނު ހީވަނީ ހުދުކަފަކޮޅެއްހެނެވެ. އަޅި ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. ބަލިވިއިރުވެސް މައިރާ ރީތިކަމުން އައިޒާންއަށް ހައިރާންކަމާއެކު ބަލަހައްޓައިގެންނެވެ. ހޮޑުލައި ނިމުމުން މައިރާގެ މޫނަށް އަލުން ފިނިފެންމަލުގެ ކުލަވެރިވެ ތާޒާވެއްޖެއެވެ. އެއަހޮސްޓެސް ގެނެސްދިން ފެންތަށްޓަކާއިއެކު މައިރާ ބޭސްގުޅައެއް ކާލައިގެން ސީޓުގައި ކުރުގެޅިލައިގެން އޮށޯތެވެ.
"ދުވަސްކޮޅެއްވެއްޖެ ހޮޑުލަވާގޮތްވެ ވަރުބަލިވާތާ.. ނޭވާވެސް ކުރުވެފައި ހުންނަނީ...އަނެއްކާ ބޮޑު ބައްޔެއް ޖެހުނީކަން ނޭގޭ..ބިރުގަނޭ.." މައިރާ މާޔޫސީ ރާގަކަށް ބުންޏެވެ.
"އެގޮތަށް ނުވިސްނަބަލަ ޕްރިންސެސް...މާދަން އެންމެ ފުރަތަމަ ކަމަކަށްވެސް ޑޮކްޓަރަށް ދައްކާނީ.. ޓެސްޓް ހެދީމަ އެނގޭނެ ކޮން މައްސަލައެއްކަން.. އިރާދަކުރެއްވިއްޔާ ރަގަޅުކުއްޖަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ފަހަރެއްގައި ދަތުރުކުރީމަ ބޮޑަށް އަނބުރައިގަތީކަމަށް ވެސް ވެދާނެ.. ދެން ކުޑަކޮށް ނިދާލާ އިނގޭ.." އައިޒާން މައިރާގެ ގައިމަތީގައި ރަޖާގަނޑު ރީތިކޮށް ފަތުރާލަދިނުމުން މައިރާ ދެ ލޯމަރާލައިފި އެވެ.

ކޮމެންޓް 0