ރެޔާންގެ ސިކުނޑިވެސް ހުރީ ގަނޑުވެފައެވެ. ހަދަންވީ ގޮތެއް ނުވިސްނިފައި ހުރެފައި އޭނަ ޢަދަންގެ ގައިގައި ހިފާ ތަޅުވައިގަންނަމުން އަތުގައި ކުޑަކޮށް ވިކާލިއެވެ. އެވަގުތު ޢަދަން ކުއްލިއަކަށް ސިހިފައި، ތުންފިތާލައިފައި، ބާރަކަށް ރޮއިގެންފިއެވެ. ހިތުގައި ޖެހިގެން ލޮލުން ބޮޑެތި ކަރުނަތިކިތައްވެސް އޮހޮރުވަމުންނެވެ. މައިރާއަށް ރޮމުންގޮސް ހެވުނެވެ. އޭނަގެ ދަރިފުޅު މުޅިން ރަނގަޅެވެ. އޭނައަށް ފެނުނީ ހުވަފެނެކެވެ. ރެޔާން ޢަދަން މެޔާލާ ބޮނޑިކޮށްލާފައި ދަރިފުޅު ގާތުގައި ނުރޯން އެދެމުން އެތައް ފަހަރަކު ސޮރީއޭ ބުނެލިއެވެ. ޢަދަންވެސް ބަސްއަހައިގެން ރެޔާންގެ މޭމަތީގައި ބޮނޑިވެލިއެވެ. ތުންކޮޅު ދަމަން ފެށިއެވެ. ރެޔާން ޢަދަންގެ ކަރުނުން ފުރިގެންވީ ދެލޮލުގައި ބޮސްދެމުން ލޯބިން ވާހަކަދައްކަމުން ގޮސް މަންމީ ޑެޑީއަށް ހާޓްއެޓޭކެއް ޖެއްސީދޯއޭވެސް ބުނެލިއެވެ. ޢަދަން ހަމަޔަކަށް އެޅުމުން މައިރާވެސް ދަރިފުޅަށް ގާތުންދީފައި ރަނގަޅަށް ނިދުމުން އެނދުގައި ބާއްވާފައި ތެދުވެއްޖެއެވެ. އޭރު ރެޔާންވެސް ފާޚާނާއިން ނިކުމެގެން މޫނުދޮވެލައިގެން ނިކުންނަނީއެވެ. އެ އޮމާން މޫނުގައި ފެންތިކިތައް މުތީތަކެއްފަދައިން ވިދަމުންދިޔައެވެ.

"މޭއިވެސް ކުރާކަންތަކޭ. ކަމަކާއިނުލައި ދޯ އަހަރެން ހާސްކުރުވީ. ހަމަ ރަނގަޅަށްވެސް މޭއި އެކްޓެއް ޖެއްސީތަ؟" ރެޔާން ތުވާލި މޫނުގައި ޖައްސާލަމުން އަހައިލިއެވެ.

"ނޫން. އަސްލު ހޭލެވުނީ ވަރަށް ބިރުވެރި ހުވަފެނެއް ފެނިގެން. ހުވަފެނުގައި އެޑެން މަރުވީ. ހާދަ ބިރެއްގަތޭ. ދެން ނިދީގައި ހުރެ ގޮސް ދަރިފުޅު ނެގުނީ. ހާދަ ހަގީގަތަކާއި ވައްތަރޭ..." މައިރާ އެހުވަފެން ކިޔައިދިނެވެ. ރެޔާންވެސް ނުތަނަވަސްވިއެވެ.

"އޯކޭ. ހުވަފެނުންވެސް އެޑެންއަށް ގޮތެއްވެއްޖެއްޔާ ބިރުގަންނާނެވަރު އެނގޭ. އެކަމަކު މޭއިއަށް އެކަހަލަ ހުވަފެންތައް ފެންނަނީ އެޑެންއަށް ކަމެއްވެދާނެތީ ވިސްނަމުން ގޮސްދޯ. އެޑެން ކިބިއްސެއް އަޅާލިޔަސް މޭއި ވާވަރަކުން އަހަރެންވެސް ހާސްކުރުވާ....." ރެޔާން ގަޑިބަލައިލިއެވެ. ދަންވަރު ދޭއްޖެހީއެވެ.

"އެއީ އަހަރެންގެ ފުރާނަ. ދަރިފުޅާއި މެދު މަންމަ ނުވިސްނާ ވަރަށް ވިސްނާނީ ކާކު.." މައިރާ ލޯގަނޑު ކައިރީގައި ހުރެ އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި ހުޅިއެއްޖަހާލިއެވެ. އެއްވެސް މޭކަޕެއްނެތި ސާދާކޮށް ހުރިއިރުވެސް ރީތިކަމާއި ފަރިކަމުން އެއްވަނައެވެ. މައިރާ އެބަރު އެސްފިޔަތައް ހިއްލާލައިފައި ބަލައިލީ ހިތް ދަމައިގަންނަފަދަ ނަޒަރަކުންނެވެ. މިރޭ މައިރާ ލައިގެން ހުރީވެސް ތަންކޮޅެއް ތުނި ހެދުމެކެވެ. ރެޔާންގެ ލޭގެ ހިނގުން އަވަސްވިއެވެ.

"ބައްޕަވެސް އެވަރަށް ވިސްނާނެދޯ. މޭއިއަށް އެނގޭތަ؟ މިހާރު ކައިވެނި ކުރިތާ ހަފްތާއެއް މިވީ. ކިހާދުވަހެއްވަންދެން އަހަރެން ކެތްކުރަން ޖެހެނީ. ތިގޮތަށް ކޮންމެ ރެއަކު އަހެރެންގެ ކެތްތެރިކަން އިމްތިހާނު ކުރުމުން ފާފަވެރިވާނެކަން. އެހާ ވަރަށް ކަރުހިއްކައިގެންފައި ހުންނައިރު އަތްފޯރާފަށުގައި ފިނިފެން ހުރެ ނުލިބިގެން އުޅޭފަދަ ގޮތެއް ފީލް ވަނީ. ޔަގީން މޭއިވެސް ތިހުންނަނީ ނުބުނަން ކަމަށް. މޭއިގެ ވެސް ސޭމް ފީލިންގްސްކަން އެގޭ. އަހަރެމެން މި އަލިފާން ނިއްވާލަން ހިނގާ ދޯ..." ރެޔާން ޑްރެސިން ޓޭބަލަށް ލެނގިލައިގެން ހުއްޓުނެވެ. ހީވީ އެ ތޫނު ދެލޮލުން މައިރާ އެކްސްރޭ ކޮށްލިހެންނެވެ. މައިރާގެ މޫނު އެކީގައި ރަތްވިއެވެ. މައިރާ އެކަން ފޮރުވަން ބުމަގޮށް ޖަހައިލިއެވެ.

"ތިގޮތަށް ވާހަކަ ނުދައްކާތި ރެޔާން..." މައިރާ އަމުރުވެރި ގޮތަކަށް ބުންޏެވެ. އަޖައިބު ވަނީ އޭނައަށްވެސް މިހާރު ރެޔާން އާއި ވާހަކަ ދެއްކެނީ ރެޔާންގެ ގަދަރުވެސް ކުޑަވާފަދަ ގޮތަކަށް ކަން އިހުސާސް ކުރެވޭކަމެވެ. ރަނގަޅު އަންބަކު އެހެން ނޫޅޭނެއެވެ. ލޯބިވަންޏާ އަދަބުވެރިކޮށް ވާހަކަވެސް ދެއްކޭނެއެވެ. އެހެން ނޫނަސް ރެޔާން ބުނިފަދައިން އޭނަ ފާފަވެރިވާނެކަން އެނގެއެވެ. މައްސަލަ އަކީ އޭނައަށް ގޮތްހުސްވެފައި ވާތީއެވެ. އަދި ރެޔާން އާއި އެފަދަ ގާތްގުޅުމެއް ބާއްވާކަށް އޭނަގެ ޒަމީރު ހުއްދައެއް ނުދޭތީއެވެ. އެފަދަކަމަކަށް އޭނަ އަދި ތައްޔާރެއް ނޫނެވެ. އެހަދާންތަކާއި ރިހުން އަދިވެސް ހިތުން ފިލައިގެނެއް ނުދެއެވެ.

"އަހަންނަށް އެގޭ މޭއި ހިތަށް އައިހާ އެއްޗެއް ކިޔަންވީ. އަހަރެންވީ އަޑުއަހައިގެން ހުންނަން. ކިހާ އިންސާފުވެރި. ބަސްނާހަންޏާ އަދަބުވެސް ދެވިދާނެ އިނގޭ....." މައިރާ ދާން ހިނގައިގަތުމުން ރެޔާން މައިރާގެ އަތުގެ މުލައްދަނޑީގައި ހިފައި ގާތަށް ދަމައިގަތް ގޮތުން އެއްވެސް ހުރަހެއްނެތި ރެޔާންގެ ތަނަވަސް މޭމަތީގައި މައިރާ ޖެހުނެވެ. މައިރާގެ ލޮލުގައި ސިހުމެއްވިއެވެ.

"ރެޔާން ޝަރުތު މަތިން ހަދާން ނުވަނީތަ؟ ދައްކާ ވާހަކައިގެ އިތުބާރެއް އޮންނަންވާނެ...." މައިރާ އެހެން ބުނުމުން ރެޔާން ދެލޯމަރާލީ އުނދަގޫ ގޮތަކަށެވެ. އަދި މައިރާ ގަޔާއި ދުރުކޮށްލިއެވެ. އަބަދު އެ ޝަރުތު މަތިން ހަދާން ބެހެއްޓޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ އަކީ މަލާއިކަތެއް ނޫނެވެ. އިންސާނެކެވެ. އެވަރަށް މައިރާއަށް ހިތްއެދޭއިރު ކެތްކުރަން ޖެހެނީ ކިހާދުވަހަކަށް ބާވައެވެ.

"އަބަދު ޝަރުތު. އެންމެ ފަހަރަކުވެސް އަހަރެންގެ އިހުސާސްތަކަށް ގަދަރުކުރިއްޔާ ގެއްލުމެއް ވާނެތަ؟ އޯކޭ ލީވް އިޓް. ބޭނުން ގޮތަކަށް އުޅެބަލަ...." ރެޔާން ހިތްހަމަނުޖެހިފައިވާ ގޮތަކަށް ފާރަށް އެތިފަހަރެއް ވީއްލުމަށްފަހު ކޮޓަރިން ނިކުމެގެން ދާން ހިގައިގަތެވެ. ރެޔާން ހެދިގޮތުން ކުއްލިއަކަށް މައިރާގެ ހިތަށް ތަދުވިއެވެ. ރޮވޭގޮތްވިއެވެ. ރެޔާން ހިތްހަމަނުޖެހިފައި ހުރެ ބޭރަށްގޮސްފައި މިއޮތް ދަންވަރު މޮޔަކަމެއް ނުކުރާނެ ބާވައެވެ. އެހެންނޫނަސް މިގަޑީގައި މަގުމަތީގައި ތިބޭނީ ޕާޓޭންނެވެ. އޭނަގެ ރެޔާންއަކީ މުއްސަދި ޒުވާނެއްކަން އެމީހުންނަށް ވެސް އެނގޭނެއެވެ. ހަމަލާއެއްވެސް ދީފާނެއެވެ.

"ރެޔާން....." މައިރާއަށް ގޮވާލެވުނީ ބޭ އިޚުތިޔާރުގައެވެ. ވަގުތުން ރެޔާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ލަސްލަހުން އެނބުރުނެވެ. މައިރާ ބޭނުން ވަނީ ރެޔާންއަށް މާފުދިނުމަށެވެ. އޭނައަށް މިފަހުން ފެންނަ ބިރުވެރި ހުވަފެންތަކުގައި ރެޔާން އާއި ޢަދަން އަބަދުހެން ފެނުމަކީ ރަނގަޅު ފާލަކަށްނުވެ ހިގައިދާނެއެވެ. ދުނިޔެ ކޮންމެފަދަ ކެއްސެއްވެސް ދީފާނެއެވެ. މައިރާ އޭނަގެ ހުރިހާ ގޮތްދޫނުކުރުމަކާއި، ޝަރުތުތައް ހަދާންނައްތާލާފައި ގޮސް ރެޔާންގެ މޭމަތީގައި ބޯއަޅާލުމާއިއެކު ރޮވިއްޖެއެވެ. އެ ކަރުނަތަކުން ރެޔާންގެ ޓީޝާޓް ތެމިފޯވިއެވެ. ރެޔާންގެ ހިތަށް އަސަރުކުރިއެވެ.

"އިޓްސް އޯކޭ ބޭބީ. އަހަރެން ނޫޅެން މަޖުބޫރުން ކަމެއްކުރާކަށް. އަހަރެންނަށް އޭރު ހަމަ ކެތްނުކުރެވިގެން އެހެން ބުނެލެވުނީ. ދެން ނިދާލަބަލަ. އަހަރެން މިދަނީ ކޮފީއެއް ބޯލަން ޓެރެސްއަށް. މިރޭ ނިދި ހަލާކުވެއްޖެ..." ރެޔާން މައިރާގެ ތެމިފައިވާ ކޯތާފަތުގައި ބޮސްދިނުމަށްފަހު ދާން ހިގައިގަތުމުން މައިރާ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އޭނަ އަކީ ވެސް މޮޔަކުއްޖެއް ނޫނެވެ. އޭނައަށްވެސް ރެޔާން މި ދަންވަރު ކޮފީއަކަށް ޓެރެސްއަށް ދާނީ އަދި ނުނިދިގެން އުޅޭނީ ކީއްވެގެންކަން އެނގެއެވެ. ކޮންމެ ރެއަކު ރެޔާންއަށް ވާނެވަރު އެނގެއެވެ. ނަމަވެސް އޭނަ މިހުންނަނީ އެކަން ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. އޭނަ އެނދުގައި އޮށޯވެ ބާލީހުގައި ބާރަށް ބައްދާލިނަމަވެސް ކަރުނަތައް ނުހުއްޓުވުނެވެ. އޭނައެކޭ ރެޔާންއެކޭ މިވީ އެއްވަރެވެ. ތަފާތެއްނެތެވެ. އޭނައަށްވެސް ރެޔާންއަށް މިދެވެނީ ބުނަން ނޭގޭފަދަ އަނިޔާއެކެވެ.

ލެވެންޑާކޮޓެޖްގެ ކާކޮޓަރި ތަނަވަސްވެފައި ބޮޑު ހޯލެއްފަދައެވެ. އަދި ކުޑަދޮރުތައް ހުޅުވާލައިފައި ހުރުމުން ވައިރޯޅިތައް ހުރަހެއްނެތި ވަންނަމުން، މާމެލާމެލީގެ މީރުވަސް ފަތުރަމުން ދިޔައެވެ. ޢަދަން އޮތީ ކުޑަދޮރުކައިރީގައި ހުރި ލޯބި ޕްރޭމެއްގައި ނިދިފައެވެ. މައިރާވެސް އާއިލާގެ އެހެން މެމްބަރުންނާއި ބައިވެރިވެގެން ނާސްތާ ކުރަން އިން އިރު، މައިރާ ގެ ދެލޯދުޅަވެފައި ވަނީ ރުއިވަރުންކަން އޭނައަށް ބަލައިލި ކޮންމެ މީހަކަށް ދެނެގަނެވޭނެއެވެ. ފައިސަލް އާއި ޒިޔާމާ ވާހަކަދެއްކިލެއް ރީތިކަމުން މައިރާ އިނީ ކަރުނަތައް ހިފަހައްޓަން އުދަގޫވެފައެވެ. އެންމެންވެސް އޭނައަށް ހާދަ ހެޔޮއެވެ. ފަރުޒާންވެސް ވާހަކަދައްކާ އިރު ދޮންބެއޭ ކިޔައިގެން ވާހަކަދައްކާ ގޮތުން ލަދުގަންނަން ޖެހެނީ އޭނައެވެ. އެންމެން އެވަރަށް ހެޔޮކޮށް ހިތާއިރުވެސް އޭނަ ރެޔާން އާއި މެދުގައި ކަންތައް ކުރަނީ ރަނގަޅަށް ކަމަށް އަމިއްލަ ނަފުސް ވެސް ގަބޫލެއް ނުކުރެއެވެ. ރެޔާން ކިތަންމެ ހަމަޖެހިލައިގެން ހުއްޓަސް މައިރާއަށް ރެޔާން ދެރަވާނެ ވަރު އިހުސާސް ކުރެވެއެވެ. މިއަދުވެސް އޭނަ ގެ ބައްޕަމެން ސަމާސާ ގޮތަކަށް ވާހަކަ ދެއްކެވުމުންވެސް ރެޔާން ހީލީ ކުޑަކޮށެވެ. އަދި ރޭގައި ޢަދަން ނޭވާނުލައިގެންނޭ ކިޔާފައި މައިރާ އުޅުނު ޚަބަރުވެސް ކިޔައެއްނުދެއެވެ. އެފަދަ ކަންތައް ޢާއިލާ އާއި އެކު ހިއްސާ ނުކުރުމުން އެގެނީ ރެޔާން އެހުންނަނީ ހިތުގައިވާހާ އެއްޗެއް ފޮރުވައިގެންކަމެވެ.

މައިރާ ވިސްނަމުން ގޮސް ދިފާއީ ނިޒާމު ދަށަށް ދިޔައީކަން ނޭގެއެވެ. އޭނަ އާއި ވައިރަލް ހުންގަނޑުޖެހުނެވެ. ރެޔާންގެ އަޅައިލުން އެންމެ އެކަށީގެންވާ ގޮތުގައި ލިބުނެވެ. މައިރާގެ ގައިގައި ފެންފޮތި ލުމާއި، އިރުއިރުކޮޅާ އެއްޗެއް ބޯންދިނުމުގެ އިތުރުން ބޮލުގައި ރިހުންގަދަވީމަ ބޯ މޮޑެދެއެވެ. ހޮޑުލެވުނަސް ދޮއްވުމުގައި އެހީތެރިވެދީ ހަދައެވެ. ރޭގަނޑު ނުނިދާ ހޭލާ މައިރާގެ ގާތުގައި އިނެވެ. މައިރާގެ މައިންބަފައިންނާ ދޮންބެ އަދި މާމަ ރަށުގައި ނެތަސް އެމީހުން ނެތްކަމުގެ އިހުސާސް ނުވާވަރަށް ރެޔާންގެ އާއިލާއިންވެސް ލޯތްބާއި އޯގާތެރިކަން ލިބުނެވެ. ހުން ރަނގަޅު ވަމުން އައިއިރު މައިރާ ހުރީ އެއިހުސާންތެރިކަމުގެ ބުރަދަނުގައި ފިތިފައެވެ. ނަމަވެސް އައިޒާން އޭނަ ބަލިވުމުން އަޅާލިވަރުވެސް މައިރާ ހަދާންވިއެވެ. އައިޒާން އަށް އުފާވެރި ހަޔާތެއް ނުލިބެންޏާ އޭނައަށްވެސް ވަކި އުފަލެއް ލިބޭނެބާވައެވެ. ހުރިހާ ފަރާތަކާއިމެދު މައިރާ ވިސްނަންޖެހުނެވެ.

އައިޒާންމެންވެސް ފަނަރަދުވަހުގެ ހަނީމޫން ދަތުރަކަށްފަހުގައި އެނބުރި މާލެއަށް އަތުވެއްޖެއެވެ. އީޝަލް ކުރިއަށްވުރެ އުފާވެރިވެފައި ހަލަބޮއްޔެވެ. ގޭތެރޭގައި އުޅެލެވެނީ ނަށާލާފައެވެ. ހީވަނީ ހަޔާތުގައި އެހާބޮޑު އުފަލެއް އީޝަލްއަށް ލިބިފައިނުވާ ހެންނެވެ. އެ ކުޑަކުއްޖެއްގެ އުޅުން ކައިވެންޏަށްފަހުވެސް އިސްލާޙު ނުވާތީ ޒިޔާމާވެސް ހައިރާންވިއެވެ. އައިޒާން ފެނުމުން ރެޔާންވެސް ގޮސް ކުޑަގޮތަކަށް ބައްދާލާފައި ނިތްކުރީގައި ބޮސްދިނެވެ. ސިޓިންރޫމްގެ ސޯފާއެއްގައި ދަރިފުޅު އުނގުގައި ބައިންދައިގެން އިން މައިރާއަށް އެމަންޒަރު ފެނުމުން އެދެޒުވާނުންގެ ދެމެދުގައި އޮތް ގާތްކަމާއި ލޯބި އަންދާޒާ ކުރެވުނެވެ. ހީކުރި ވަރަށްވުރެ އެކަކު އަނެކަކު ދެކެ ލޯބިވާކަން އެގުނެވެ.

އައިޒާންއަށް ޢަދަން އުރާނުލައި ގޭތެރެއަށް ވަންނާކަށް ނުކެރުނެވެ. އެހެން ނޫނީ ރެޔާންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އައިޒާން ޢަދަން އުރާލާފައި އެ މަޑުކޯތާފަތުގައި ބޮސްދިނެވެ. ރެޔާން ހާވަރު ނުވިޔަސް އޭނަވެސް ޢަދަން އާއި ވާހަކަދެއްކީ ލޯބިންނެވެ. ޢަދަން އޮތީ ހީލަހީލައެވެ. ތުއްތު ބަހުރުވައިން ވާހަކަދައްކަންވެސް މަސައްކަތް ކުރިއެވެ. ބަރު އެސްފިޔަތައް ތަޅުވާލާފައި ހީލާގޮތުން ޢަދަންއަށް އޭނަ ދެކެ ލޯބިވާ މީހުން ވަކިކުރަން އެނގޭކަން އެގެއެވެ. އައިޒާން ޢަދަން އާއި ސަކަރާތްޖެހި ނަމަވެސް މައިރާ އާއި ވާހަކައެއް ނުދައްކައެވެ. ބަލައިވެސް ނުލައެވެ. މައިރާއަށް އައިޒާން އޭނަ އާއި މެދު ވިސްނާ ގޮތެއްވެސް ނޭގުނެވެ. އެކަނި ހުރެ ވާހަކަދައްކާލާނެ ފުރުސަތެއް ލިބޭނެނަމައެވެ. އެއް ގެއެއްގެ ތެރޭގައި އެފަދަ ފުރުސަތެއް ހޯދަން ބަލަބަލާ ހުންނަ މީހަކަށް އެއީ އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ. މައިރާ ބޭނުމީ އެކަނި އައިޒާންގެ މާފެވެ. ހުރިހާ ވާހަކައެއް އައިޒާން ގާތުގައި ސީދަލަށް ބުނުމެވެ.

ރެޔާން ކޮޓަރިއަށް ވަންއިރު މައިރާ އުޅުނީ ތަންތަން ތަރުތީބު ކުރުމަށެވެ. މައިރާއަށް އެކޮޓަރި ދެތިން ފަހަރު ސާފުނުކުރުވާ ކަމަކު ނުދެއެވެ. އެންމެ ހިރަފުސްކޮޅެއްނެތި ހުރިހާ ތަނެއްހުންނަން ޖެހެނީ އޮފްއަރުވާފައެވެ. ޢަދަން އަރިދަފުސްއަޅާފާނެތީ މައިރާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ބަގީޗާ ބަލަހައްޓާ މީހާވެސް ޖެހެނީ އަބަދުހެން ގަސްތަކަށް ފެންދީފައި ބިންގަޑު ތެންމާފައި ބާއްވާށެވެ. އެހެންނޫންނަމަ މައިރާ މައްސަލަ ޖައްސާނެއެވެ. އެހެންވުމުގެ ސަބަބުން އެހެންމީހުންގެ މަސައްކަތްވެސް ތަންކޮޅެއް ބުރައެވެ. 

ޢަދަން ނިދާފައި އޮތަސް ރެޔާން އެ މޫނުގަޔާއި ލޮލުގައި ބޮސްދިނެވެ.

"ކޮބާތަ މިތާ އޮތް ޕެންޑްރައިވް.." ރެޔާން އަހައިލީ ތަންކޮޅެއް އަމުރުވެރި ގޮތަކަށެވެ.

"ނޭގޭ......." މައިރާގެ ހިތް އަވަސްވިވަރުން އޭނައަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ލެވުނުތަނެއް ނޭގެޔޭ ބުނަންވީމަ ޖުމްލައިގެ އެއްބައި ބުނެލާފައި އެ ޕެން ބޭއްވުނުތަން ހަދާންކުރަން ފެށިއެވެ. އަބަދުވެސް ރެޔާން ފެނިއްޖެއްޔާ މައިރާއަށް ވާހާ ގޮތްތަކެއް ވިއެވެ. އެވަރުންވެސް އޭނަގެ އިހުސާސްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް މައިރާ ހުންނަނީ ފައިވިއްދާލާފައެވެ.

"ކީއްވެ ނޭގެންވީ. ތަންތަން ތަރުތީބު ކުރަމުން އުޅޭމީހާއަކަށް ނޫންތަ އެނގޭނީ. އަހަރެންގެ އެއްޗެހި ވީމަ ބޭކާރުވެގެން ޑަސްބިނަށްލަނީ ދޯ....." ރެޔާން ރުޅިގަދަވިއެވެ. ރީތިވާ މޭޒުމަތީގައި މާ ބާރަކަށް ދެއަތުން ޖެހުމުން މައިރާ ސިހިފައި ދުރަށް ޖެހިލިއެވެ. ސެންޓްފުޅިތައްވެސް ތެޅިލައިގެން ދިޔައެވެ. ހީވީ ކުޑަވަރެއްގެ ބިންހެލުމެއް އައިހެންނެވެ. މައިރާގެ ދެލޮލުން އިރުކޮޅަކަށް ބިރުވެރިކަން ފެނުނަސް އިސާހިތަކު އެ ބިރުވެރިކަން ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރިއެވެ. ރެޔާން މިގޮތަށް އޭނަ އާއި ވާހަކަދެއްކިގެން ނުވާނެއެވެ. އޭނަ އަކީ ނޯކަރެއް ނޫނެވެ. ރެޔާންގެ އަންހެނުންނެވެ.

"ބުނެފީމެއްނު މެއިޑަކާއި ވާހަކަދައްކާ ގޮތަށް މަށާއި ވާހަކަ ނުދައްކާށޭ. އައިމް ޔޯ ވައިފް. ގެންގުޅޭ ބަންގާޅީއެއް ނޫން. އެގިއްޖެތަ؟" މައިރާ ހަށަން ބަދެލަމުން ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. އެންމެ ފަހު ލަފުޒުތައް ހަޅޭކެއްގެ ގޮތުގައި ކޮޓަރިތެރޭގެ ހިމޭންކަން ފުޑުފުޑުކޮށްލިއެވެ. 

"ވައިފްގެ މަގާމަށް އަންނަން އިންކާރުކުރާ މީހަކު ކޯނޗެކޭ ކިޔާކަށްތަ؟ ތިއުޅެނީ މެއިޑެއްހެން. އެހެންވީމަ އެގޮތަށް ހުރެބަލަ މައިތިރިވެގެން...." ރެޔާން އެހާ މައިރާގެ ގަދަރުކުޑަވާގޮތަށް ވާހަކަދެއްކީމަ މައިރާއަށް ގަބޫލުކުރަން ދަތިވިއެވެ. އެ ރީތި ދެލޯ ބޮޑު ކޮށްލައިގެން ޝޮކެއްގައި އިރުކޮޅަކު ހުރެވުނެވެ.

"ރެޔާން. މޮޔަވީތަ؟ އެއްވެސް ކަމަކާއިނުލައި އަހަންނާއި ދިމާލަށް ހަޅޭއްލަވާކަށް ނުޖެހޭނެ. އެހެންނޫނަސް ރެޔާން ތިގޮތަށް ދެކެންޏާ އަހަރެން މިގެއަކު ނުހުންނާނަން. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލައިފި. ތި ފިރިހެނާއަށް އެވަރު...." މައިރާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ. އެވަގުތު ރެޔާން ވިދުވަރެއްހާ ހަލުވިކޮށް ގޮސް މައިރާގެ އުނަގަނޑުގައި ހިފާފައި އުފުލާލިގޮތަށް އެނދަށް ގަންނަވާލިއެވެ. އޭނަގެ ހަދާނަށް އައީ އެ ކަޅު ރެއެވެ. ވަގުތުން ފީނައިގަނެވުނީ މާޒީއަށެވެ. މައިރާގެ ގައިން ހީބިހިނެގިއެވެ. ބިރުވެރިކަމުން ހިތްފުރުނެވެ.

"ދެން އެއްޗެކޭ ކިޔައިފިއްޔާ ނިމުނީ...." ރެޔާން ލޯހަނިކޮށްލާފައި އިރުކޮޅެއްވާންދެން މައިރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މައިރާ ފިނޑިވިއެވެ. މައިރާ ބާލީސް އަޅާ މޫނު ފޮރުވިއެވެ. ހީވީ ބާލީހަށް ރެޔާންގެ ފަރާތުން އޭނަ ޙިމާޔަތް ކުރެވޭނެ ކަމަށެވެ. މައިރާއަށް އިތުރަށް ޒުވާބު ކުރަން ނުކެރުމުން ރެޔާންގެ ރުޅި ފިނިވީކަން ނޭގެއެވެ. އޭނަގޮސް ޑްރޯވާ އެއްޗެހި ދަމަންފެށިއެވެ. އަލަމާރީގައިވާ ހެދުންތައްވެސް ބިންމައްޗަށް ފުންޏަކަށް ޖެހިއެވެ. މައިރާ ހަގީގަތުގައިވެސް ރެޔާން ދެކެ ބިރުގަނެއްޖެއެވެ. ރެޔާން ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަން އޭނައަށް އެގުނެވެ.

ނަސީބަކުން އަލަމާރީގައި ހުރި ކުޑަފޮށްޓެއްގެ ތެރެއިން އެ ޕެންޑްރައިވް ފެނުމުން ރެޔާން ދެން މައިރާ އާއި ދިމާލަށްވެސް ބަލައިނުލައި ދާންހިގައިގަތެވެ. މައިރާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޮހިގަންނަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ރެޔާން އޭނަ ދެކެ ލޯބިވާ ނަމަ އެގޮތަކަށް ނަހަދާނެކަން ޔަގީނެވެ. ރެޔާން އަށްވުރެ އައިޒާން އެތައްހާސްބައި ރަނގަޅެވެ. ރެޔާން އާއި މައިރާގެ ގުޅުން ރަނގަޅުނަމަ އަދި މާ ހަރުކަށިކަމާއި ގަދަކަން ދައްކާނެއެވެ. ރެޔާންގެ މިޒާޖު ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެ ރުޅިގަދަ ކަމާއި، ބޮޑާ ކަމާއި، އަމުރުވެރިކަން އޭނަގެ ލޯތްބަށްޓަކައި ރެޔާން ދޫކޮށްލައިފާނެ ކަމަށް ހީކުރެވުނީ މޮޔަކަމުންނެވެ. އެކަމަކު އޭނަވެސް ވާހަކަ ދެއްކީ އެހާ ދަށް ގޮތަކަށެވެ. މާމައަށް އަޑުއިވުނުނަމަ ހާދަ މައްސަލަޖެއްސީހެވެ. 

މައިރާއަށް ވެސް ހަދާނެގޮތް އެގެއެވެ. އޭނަ އަމިއްލަ ގެއަށް ދާނީއެވެ. އާއިލާގެ އެންމެން އެމެރިކާގައި ތިއްބަސް އޭނައަށް އެކަނިވެސް ގޭގައި އުޅެވިދާނެއެވެ. ރެޔާން އަމިއްލައަށް މާފަށް އެދިފައި އޭނަ ބަލާ އައިމަ ނޫނީ ނުދާނެއެވެ. އޭނަ އެހާ އާދައިގެ ކަމަކާއި ރެޔާން އާއި ވަކިން ދުރަށް ދާން ބޭނުންވާއިރު ހިތް އެކަމާއިދެކޮޅެވެ. އަމިއްލަ ހިތްވެސް ހަލާކުވާނެއެވެ. އަމިއްލަ ހިތަށް މާ އަނިޔާވާނެއެވެ. ނަމަވެސް ރެޔާން ވެސް ޖެހޭނީ ހަތިޔާރު ބަހައްޓާފައި އޭނަދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އާދޭސްވެސް ކުރުމަށެވެ. ރެޔާންވެސް އެހެރީ ހަމަ ގަދަކަން ދައްކާލައިގެން ހުންނަން ނިންމައިގެންނެވެ. އެކަމަކު މިއީ ލޯބިހެއްޔެވެ؟ ލޯބި ވަންޏާ މިގޮތަށް އެކަކު އަނެކަކާއި ހިތްހަމަނުޖެހޭއިރަށް ދުރަށް ދުވަން ޖެހޭނެބާވައެވެ.

މައިރާ ޢަދަން ގޮވައިގެން ގޭޓުން ވަދެގެން އައިއިރު އަންވަރު ކާރު ސާފުކުރަން ހުއްޓެވެ. އޭނަ މައިރާއަށް ބަލަހައްޓައިގެން ހުރިގޮތުން މައިރާގެ ހިތުގައި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން އުފެދުނެވެ. އެއްވެސް ހިލޭމީހަކު އެނަޒަރުން އޭނައަށް ބެލުމަކީ އޭނައަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. މައިރާ އެކަނި މިގެއަށް އައީމަ ހިތުގައި ސުވާލުތައް އުފެދުނެވެ. އޭނަ ހީކުރީ އިރުކޮޅަކުން ރެޔާން އަންނާނެ ކަމަށެވެ. ނަމަވެސް މައިރާގެއަށް ވަންފަހުން ފަނަރަވަރަކަށް މިނިޓްވީއިރުވެސް އެހެން މީހެއްގެ ހިލަމެއް ނުވިއެވެ. އަންވަރު ކާރުސާފުކުރަން ހުރިއިރު ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެނބުރި އެނބުރިހުއްޓެވެ. އަންވަރު ކާރަށް ފެންޖަހަން ހުރި ހޮޅި އެއްލާލުމަށްފަހު ގެއަށް ވަންނާން ހިގައިގަތްއިރު އޭނަގެ ހިތް އެނބުރޭ ވަހުތާނެއްފަދައެވެ.

"ހަމަ ރަނގަޅު ފުރުސަތެއް. މިވަރުގެ ފުރުސަތެއް ދުވަހަކު ލިބޭނެ ކަމެއްނެގޭ..." އަންވަރު ގެ ތުންފަތްމައްޗަށް ނުބައި ހިންޏެއް ވެރިވިއެވެ. 

ކޮމެންޓް 0