އައިޒާން ރެސްޓޯރެންޓަށް ވަނުމާއިއެކު ކައުންޓަރުގައި ތިބި އަންހެންކުދިން ސިއްރު ވާހަކަތަކެއް ދައްކަދައްކާފައި ޓޭލާ ސްވިފްޓްގެ މަޝްހޫރު ލަވަ "ލަވް ސްޓޯރީ" ޖައްސާލީ އޭނައަށް އިއްވަންކަން އައިޒާންއަށް އެގުނެވެ. އެ އަންހެންކުދިންކޮޅުގެ ލޯތައްވަނީ އައިޒާންގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައެވެ. ނަމަވެސް އައިޒާންގެ ސަމާލުކަން ހޯދަން އެކުދިން ކުރި މަސައްކަތާއި ގަޔާވުމެއްނެތި އޭނަ އިނީ މެނޫއަށް ނަޒަރު ހުއްޓާލައިގެންނެވެ. އައިޒާން ހަމައެކަނި ކޮފީއަކަށް އޯޑަރު ދިނުމަށްފަހު ނީލާއަށް ޖޫހަކާއި ހެދިކާ ގެނެސްދިނެވެ. ނީލާ މިވަގުތު އިނީ ރީތި ބޭބެއަކާއިއެކު އާދެވުމުން ފޮނިވެފައެވެ. އެހެން އަންހެންކުދިން ހަސަދައިގެ ނަޒަރަކުން ބަލަނީ ލޯބިވެރިޔެއްކަމުގެ ކުށްހީ ކުރެވިގެންކަން ނީލާއަށް އެގުނެވެ. ނީލާ ރާގާއި އެއްވަރަށް އަތުގެ އިނގިލިތަކުން މޭޒުމަތީގައި ތަޅަމުން ދިޔައީ ފަރިގޮތަކަށެވެ.
"ބޭބޭ... އެ ފޭކް ޑޮކްޓަރު ހާދަ ގަމާރޭ ދޯ... އަހަރެން އޭނައަށްވުރެ އެ ބޮޑު ގޮނޑީގައި ކޯޓްލައިގެން ކަށިގަނޑު އަޅައިގެން އިނިއްޔާ މާ ރަގަޅުކަން ނޭގޭ..."ނީލާ އޭނާގެ ފަން އިސްތަށިގަނޑު ނިތް މައްޗަށް ފައިބައިގަތުމުން އަތުން ރީތިކޮށްލަމުން ބުނެލިއެވެ.
"އޭނަ ގަމާރުވީ ސަބަބެއް ނޭގޭ... އެންމެ ބޭސް ގުޅައެއް ކާލީމަ ނީލް ތިއިނީ ހުރިހާ ދަތްތައް އިޝްތިހާރުކޮށްލައިގެން... ދެން ޑޮކްޓަރަށް ބެވުމަކީ އިންސާފެއް ނޫނެއްނު..." އައިޒާން އިނީ އަންހެންކުދިން ބަލާވަރުން އުދަގޫވެފައެވެ. މިކުދިންގެތެރޭގައި ވެސް މައިރާއާ ކާރިކޮށްލެވޭފަދަ ކުއްޖެއްވެސް ނެތޭ ހިތަށް އެރިއެވެ. އަޖާއިބުވަނީ އޭނަގެ ހިތަށް މައިރާގެ ހަނދާންތައް ވެރިވެފައިވާލެއް ބޮޑުކަމުންނެވެ.

"ހެހެ ވަރަށް ފޮނިވެލާފައި އެ ސޮރު ބޭބެއަށް ޔަގީންކަން ދިފިއެއްނު އިންފެކްޝަނެކޭ ކިޔާފައި... ފޭކް މީހާއަކަށް ނޭގުނު އިންފެކްޝަނާއި ޕްރެގްނެންސީ ވަކިކުރާކަށް..." ނީލާ އައިޒާންގެ ކަންފަތްދޮށުގައި ބުނެލި ޖުމްލައަކުން އައިޒާން ކޮށިއަރައިގަތެވެ. އޭނަ ފެންތައްޓެއް ދަމާލުމަށްފަހު ވަގުތުން ގޮނޑި ދުރަށް ޖައްސާލާފައި ދާންހިގައި ގަތުމުން ނީލާ ބިރުގަތެވެ. ދޮންބެ ގާތުގައި އެ ވާހަކަ ބުނުމަކީ ކުރެވުނު މޮޔަ ކަމެއްބާވައޭ ހިތާ ހިތުން ސުވާލުކުރެވުނެވެ.
އައިޒާން ރެސްޓޯރެންޓް ދޮރުމަތީގައި ނީލާ ނިމެންދެން އިންތިޒާރުގައި ހުރިއިރު ނިތްކުރީގައި ފިރުމަމުން ދިޔައެވެ. އެ މޫނުގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. ނީލާ ނުކުމެގެން އައީ އިސް އޮބާލައިގެން ހުރެއެވެ.
"މަންމަ ގާތުގައި ބުނާނަން... ތިމާއަކީ ކުޑަކުއްޖެކޭ އެއްފަހަރުވެސް ހިތަކަށް ނޭރިއެއްނު... ތިއީ އަދި ފަނަރަ އަހަރުގެ ކުއްޖެކޭ.... ހަމަ ކޫލްކޮށް އަދި ބުނެލައިފި..." އައިޒާން ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ނީލާއާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލާލަމުންނެވެ. އައިޒާން މަގުން ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު ކާރަށް އަރާ ސީޓުގައި ލެނގިލަމުން ފުސްވެފައިވާ ބިއްލޫރިގަނޑުން ބޭރަށް ބަލަން ފެށިއެވެ. އައިޒާން ރުޅިގަދަވެފައިއިންކަން އެގުމުން ނީލާ އިނީ ހިމޭނުންނެވެ. ބިރުގެންފައެވެ. ކާރު ރަގަޅަށް މަޑުކޮށްނުލަނީސް އައިޒާން ކާރުން ފުންމާލައިގެން ދާން ހިގައިގަތްއިރު ވެސް ހުރީ ބުމަގޮށްޖަހާލައިގެންނެވެ. އެކަމަކު ނީލާ ސަލާމަތުން ކާރުން ފޭބިތޯ ބަލަން ފަސް އެނބުރި ބަލައިލެވުނެވެ.
"މަންމާ..." އައިޒާން ގޮވާލީ ތަންކޮޅެއް ބާރަށެވެ.
"އަހަރެން އަދި ބީރެއްނުވެޔޭ... ތިހާ ބާރަށް ހަޅޭއްލަވަންޏާ މަރުވެފައި އޮތްމީހަކުވެސް ތެދުވެދާނެ... ނިކަން މަންމައަށް ރޮށި ފިހެދޭން އާދެބަލަ... ހަމީދު ދިހަރޮށި ކައިގެން ނޫނީ އިންތަނުން ގުޑުވައެއްނުލާނެ.... ކެއުން މަދު މީހަކާއި އިދެވުނުނަމަ މި ސަކަރާތް ކުޑަވީސް..." ސަމީނާ ރޮށިތައް ފިހެމުން ދިޔައިރު މޫނު ހީވަނީ ރަތްކަމުން އަނގުރު ގަޑެއްހެންނެވެ.

އައިޒާން ދިން ޚަބަރުން ސިހި ހައިރާންކަން ފާޅުކުރުމުގެ ބަދަލުގައި ސަމީނާ ބާރު ހިނިގަނޑަކާއިއެކު ބުނެލީ އެވާނީ ޑޮކްޓަރު ހަމަހޭވެރިކަން ނެތްވަގުތެއްގައި ދެއްކި ވާހަކައެއް ކަމަށެވެ. ނީލާއަށް އެފަދަކަމެއް މެދުވެރިވުމަކީ އެކަށީގެންވާކަމެއް ނޫންކަމަށެވެ. އޭނަ މަސާޖްޕާލާ އެއް ހިންގިޔަސް އެކަމުގެ ހިޔަނި ދަރިންނަކަށް ނޭޅޭނެކަމުގެ ޔަގީންކަން ދިނެވެ. އައިޒާން އުކުޅުގައި އަތްވިއްދާލައިގެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެވާހަކަ ދެއްކީ ޑޮކްޓަރު ނޫން ކަމަށާއި ނީލާ އަމިއްލައަށް ކަމަށް އައިޒާން ބުނުމުން ނީލާއަށް ގޮވާ ގެނެސް ދެތިން ބޮނޑިއެޅި އެވެ. 
"އެއީ ތެދެއްތަ؟ ދެން ފިރިހެނަކާއި ވާހަކަ ދައްކަން އަނގަ ހުޅުވާލިޔަސް ދަތްތައް ބިންދާލާނަން..."ސަމީނާ ހަޅޭއްލަވައިގަތުމުން ނީލާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ނީލާ ހެމުން ދުވެގޮސް ކޮޓަރިއަށްވަދެ ތަޅުލި އަޑުއިވުނެވެ. އޭނަގެ މަންމަ މިފަދަ ސީރިޔަސް މައްސަލައެއް އާދައިގެ ގޮތަށް ނެގިތަން ފެނުމުން އައިޒާން މޮޔަނުވީ ކިރިޔާއެވެ. ކިތަންމެ ނިކަމެތި ބަޔަކަށް ވިޔަސް އިއްޒަތަކާއި އަބުރެއްވާނެ ނޫންހެއްޔެވެ؟ ނަމަވެސް އިންސާނުން ގެ ވިސްނުމާއި މިޒާޖު ތަފާތުވަރު މި ފުރާޅުގެ ދަށުން އައިޒާން މިދަނީ ތަޖުރިބާކުރަމުންނެވެ.

އައިޒާން ގަރާޖުގެ މަސައްކަތުގައި އުޅެފައި އާދައިގެ މަތިން މޫދަށް ގޮސްލާފައި ގެއަށް އައިއިރު އިރުއޮއްސެން ކާރިވެއްޖެއެވެ. ވެހޭ ބޯ ވާރޭގެ ތިކިތައް އަސްކަންޏަށް ވިއްސަމުން ދިޔައެވެ. ވާރޭވެސް ހިނދެއް ހިނދަކަށް ބޯވަމުންދާއިރު ދުނިޔެއަށް ވެރިވެފައިވަނީ ބިރުވެރިކުލައެކެވެ. އައިޒާން ގޭގެ ދޮރުހުޅުވާލާފައި ސާފް ބޯޑު ފާރަށް ލައްގާލާފައި ފާޚާނާއަށް ވަންނަން ހިގައިގަތްވަގުތު ދޮންބައްޕަ ހަމީދު ނީލާގެ ކޮޓަރިން ނުކުމެގެން އަންނަތަން ފެނުމުން ފިޔަވަޅުތައް ހުއްޓުނެވެ. މޫނު ރަތްވެއްޖެއެވެ. މިގޭތެރޭގެ ކަންތައް ދުވަހުން ދުވަހަށް ނުބައިވެ ސަލާމަތްނުވާ ހިސާބަށް ހިގައްޖެކަން އެވަގުތު އައިޒާން ދަނެގަތެވެ.
"އައިޒާން ދުވާލު ދާ ހަތަރުދަމު ހަވާގައި އުޅެފައި ކުކުޅުހާގެ އުސޫލުން ފަނަށް އަރަން މިތަނަށް ވަންނަން ލަދުގަންނަން ޖެހޭނެ... ހުދުމާވަހަރަކަށްވުރެ ތަދު... މޫދުން ނޭރިގެން އުޅެނީ ކަނޑު ރަސްގެފާނުގެ ދަރިވީމަތަ؟ އެހެންނޫން ކަމެއްވެސް ނޭގެއޭ..." ހަމީދު ހިނިގަނޑެއް ޖަހާލުމުން އައިޒާން ފޫހިވިއެވެ. އޭނަ ދޮންބައްޕައާއި ދިމާލަށް ހަނި ނަޒަރަކުން ބަލާލުމަށްފަހު އެދިޔަގޮތަށް ގޮސް ނީލާގެ ކޮޓަރީގެ ތަޅުގައި ހިފާލައިފިއެވެ. ދޮރުހުރީ ތަޅުލާފައެވެ.
"މި ދެން ހާދަ ހިތް ނުބައިކުއްޖެކޭ ... އަހަރެން އެކޮޓަރިއަށްވަނީ ނީލާ ބޮލުގައި ރިއްސާތީ ބޭސްގުޅައެއްދޭން. އަހަރެން ކޮޓަރި ތަޅުލާފައި މިއައީ އޭނަ ނިދަން ބާއްވާފައޭ... ބަލަ އެއީ މަގޭ ދަރިއެއްކަން ނޭގޭތަ؟ މަ ނޫޅެމޭ މޮޔަ ބޮޑުވެގެނެއް..."ހަމީދު ސޯފާގައި އޮށޯވެ ސިނގެރެޓެއް ރޯކޮށްލައިފިއެވެ. ކޮންމެވެސް މީހަކާއި ބަހުސްކޮށް އަރައިރުންވެ ނޫނީ މަލާމާތްކުރަން ނޫނީ ހަމީދުއަށް އަނގަ ހުޅުވާލެވޭ ކަމަކަށް ނުވެއެވެ. ޚާއްސަކޮށް މިދުވަސްކޮޅު ހަމީދު ޕާޓީއަކާއި ގުޅުނުފަހުން އެކަންތައް މާބޮޑެވެ. 

ސިނގެރެޓްގެ ދުންވަސް އެ ކުޑަ ކޮޓަރީގައި ހިފާލުމުން އައިޒާން ނޭވާ ހާސްވިއެވެ. ހަމީދުގެ ސަބަބުން ސަބީން ސިނގެރެޓްގެ އަވައިގާ ޖެހުނުއިރު ދުވަސްކޮޅު އައިޒާންގެ ކަށީގައި އެނުބައި އާދަ ހަރުލާން އުޅުނެވެ. ނަމަވެސް އައިޒާން އަށް ސިނގެރެޓްގެ ނުރައްކާތެރިކަން ވިސްނި ދުރުހެލިވީ އެވެ.

އައިޒާން ފެންވެރުމަށްފަހު ފާޚާނާއިން ނުކުމެގެން އައީ ތުވާލިން އިސްތަށިގަނޑު ހިއްކަމުންނެވެ. ހަމީދު އައިޒާންއާއި ދިމާލަށް ބަލާލީ ހަސަދަވެރިކަމުން ފުރިފައިވާ ދެލޮލަކުންނެވެ.
އޭރު ސަބީން ގޮދަޑިމަތީގައި ބަންޑުން އޮތެވެ. ސަބީންގެ ކުޑަކޮށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑާއި އަތާއި ފައިގައިވާ ފަށްތަކުގެ ސަބަބުން އޭނަ ގްރޫޕަކާއި ގުޅިގެން އުޅޭކަން އައިޒާން ދެނެގަތެވެ. އެކަމަކު އޭނަ ކުރާނީ ކީއްހެއްޔެވެ؟ ކޮއްކޮމެންގެ އުޅުން އިސްލާހުކުރުވަން އެންމެ ބޮޑު ހުރަހަކަށްވީ ހަމީދުއެވެ. އައިޒާންކަމަކާއި ނުލައި ސަބީންއަށް އަޑުލަނީ ކަމަށާއި އެ އުމުރުގެ ކުދިން އެކުވެރިންނާއިއެކީގައި އުޅުނަސް ސަބީން ގޯސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން ހަމީދުއަށް ލިބިފައިވާކަމަށް ބުނެ އައިޒާންއާއި ދިމާލަށް އެއްޗެހި ކިޔައިގަނެއެވެ. އައިޒާން އަކީ މަލާއިކަތެއްތޯ ވެސް އަހާލާނެ އެވެ.
"އަހަރެން އެވަރުން މިއޮތް ފިރިހެން ދަރިއަށް ވަޒީފާ އެއް ހޯދަދިނީމަވެސް އޭނަ ވަޒީފާއަށް ދާކަށް ނޫޅުނު... އެކަމަކު އަދި މާ ސިޔާސީވެގެން އޮވެ މީހުންނާއި ދިމާލަށް އެއްޗެހިކިޔާއިރު ކަލޭ ތިއޮތީ މާ މޮޅަށް ކިޔަވައިގެންތަ؟ އެހެންމީހުންނާއި ދިމާލަށް އެއްޗެކޭ ބުނެވޭ ފެންވަރުގެ މީހެއްވެސް ނޫން އެކަމަކު ރޭގަނޑު ހަތަރުދަމު ގެއިން ބޭރުގައި އުޅެފައި ގެއަށްވަދެ އުޅޭނެ މީހުންނާއި އަޅައިގެން އުޅެން... އަދި މާ ވަރަކަށް ބްރެޒިލް ހޮޕް ހޮޕް ކިޔާއިރު ކަލެއަށް ބޯޅައެއްގައި ފައި ޖައްސާލަން އެގޭތަ؟ ނިކަން ރޮނާލްޑޯ ހެދޭހިތްވޭ ދޯ..." ހަމީދު އެއްޗެހިކިޔަން ފެށުމުން ސަބީން ކުޑަކޮށް ބޯ ހިއްލާލާފައި ކޮންމެވެސް އެއްޗެކޭ މަޑުމަޑުން ކިޔާލައިފިއެވެ. އައިޒާންއަށް އެ ބުނިއެއްޗެއް ނީވުނަސް އަނދައަނދާ ހުރި އަލިފާންގަނޑަކަށް ތެޔޮއުކުން ފަދަކަމަކަށްވި އެވެ.

ހަމީދު ފުންމައިގެން ތެދުވެ ސަބީންއާއި ދިމާލަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެފައި ބާލީސްތައް އުކައިގަތުމުން އައިޒާން ނޭވާ ހިފެހެއްޓިއެވެ. މާހައުލުގެ ނުތަނަވަސްކަން ބޮޑުވިވަރުން ވަޅިއަކުން ކަޑާ ނަގާލެވޭހާވަރުވިއެވެ. ސަބީންއަށް ކޮށްލެވޭ ކުޑަ ހަރަކާތަކުންވެސް ތަނުގައި ގިޔާމަތްވެދާނެއެވެ. ނަސީބަކުން ސަބީން އިތުރު އެއްޗެކޭ ނުބުނެ ކަންފަތްމަތީގައި ބާލީސް އަޅާބާރުކޮށްލައިގެން އޮންނަން ފެށުމުން ހަމީދު މައިތިރިވިއެވެ. އައިޒާން އިރުކޮޅެއްވާންދެން ދޮރުމަތީގައި ފުން ވިސްނުމެއްގައި ހުއްޓެވެ. އޭނަ މިހުރިހާ ދުވަހު މިގޭގައި ކެތްކުރީ ކިހިނެއްބާވައޭވެސް ހިތަށް އެރިއެވެ. ފަގީރުކަމުގެ އިންތިހާގައިވެސް ކެތްކުރެވިދާނެއެވެ. ނަމަވެސް މިހާ ހަމަޖެހުމެއްނެތް ބަޔެއްގެ ތެރޭގައި އިތުރަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މިނޫން ދިރިއުޅުމެއް އޭނައަށް ދުވަހަކު ލިބުން ނަސީބުގައި ނުވޭބާވައެވެ. ނަމަވެސް އަމިއްލަ އާއިލާއެވެ. ލޯބިވާ ގާތްމީހުންނެވެ. އެމީހުން ދޫކޮށްލާފައި ދުރަށް ދާކަށް ބޭނުމެއްނުވެއެވެ. އައިޒާން ހިލައިގެ ބުދެއްފަދައިން ހަރަކާތެއްނުކޮށްހުރިއިރު އެ ރީތި މޫނު ހީވަނީ ހިތާމައިގެ ތަސްވީރެއްހެނެވެ.

ސަމީނާ ވިޔަފާރީގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން އައިޒާން ޖެހެނީ އަމިއްލައަށް ގޭގެ މަސައްކަތް ކުރުމަށެވެ. ގިނަފަހަރު ކައްކައި ދޮވެ ގެ ފޮޅައި ހަދަންޖެހެނީ ވެސް އައިޒާންއެވެ. ސަބީން އާއި ނީލާގެ ކަންނެތްކަމުން އެއްވެސް ކަމެއްގައި އެހީތެރިކަމުގެ އަތެއް ދިއްކޮށެއްނުލައެވެ. ބައެއް ފަހަރު މީހަކާއި އިންނަންވެސް އައިޒާން ވިސްނައެވެ. ކައްކައި އަދި އަންނައުނު އެއްޗެހި ދޮވެ އިސްތިރިކޮށްދޭނެ ބައިވެރިޔަކު ހުރުމަކީވެސް ކިހާ ފަސޭހަކަމަކަށް ވާނެހެއްޔެވެ؟އައިޒާންގެ ހަދާނަށް އެވަގުތު މައިރާގެ ތަސްވީރު ވެރިވިއެވެ. ދޭތެރެއަކުން އެ ރީތި ކަން އޭނަގެ ހިތާއި ސިކުނޑީގައި ރަސްކަންކުރަމުންދާއިރު މައިރާއަކީ ކޮންކުއްޖެއްކަމެއް އެގެނީކީ ނޫނެވެ. ވާރޭގެތެރޭގައި އޭނަގެ ހަޔާތަށް ހިނދުކޮޅަކަށް އައި ޕަރީއެއްހާ ރީތި އެ މެހުމާނާއަކީ އިންސާނެއްކަމާއިމެދު ޝައްކެވެ. އިންސާނަކަށް އެހާ ރީތި ދެލޮލެއް ލިބިފައި ވެދާނެކަމަށް ގަބޫލު ނުކުރެވެނީއެވެ. އެހާ ބެބުޅުން ގަދަވެފައި ލޮލުގެ ކުލަ ތަފާތުކަމުން ހިތްތައް ފޫއަޅުވާލާނެކަން އައިޒާންއަށް ޔަގީނެވެ. މައިރާއަކީ ލިބުން އެކަށީގެންނުވާ ކުއްޖެކޭ ހިތަށް އަރާވަރުން އެ ހަނދާންތައް އެއްފަރާތްކޮށްލަން ބޭނުންވޭމެއެވެ. މިފަދަ ގެއެއްގައި މައިރާފަދަ ކުއްޖަކަށް ނޫޅެވޭނެކަން އިރުފެންނަ ފަދައިން އައިޒާންއަށް އެގެއެވެ. އޭނަ މީހަކާ އިންނަން ޚިޔާލުކުރަންވާނީ މިއަށް ވުރެ ރަގަޅު ވަޒީފާއަކާއި އެޕާޓްމެންޓެއް ހޯދައިގެންނެވެ. ދެރައީ ބުރަ މަސައްކަތާއިއެކު އައިޓީގެ ރޮގުން ފުދޭވަރަކަށް ތަޖުރިބާ ހޯދާފައިވި ނަމަވެސް އަދި ކުރިމަތިލާ ވަޒީފާތަކުން ނާކާމިޔާބުވެފައިވާތީއެވެ. ކިތަންމެ މޮޅުވެފައި ހުނަރު ހުއްޓަސް ސެޓްފިކެޓްތައް މަދުވީމައެވެ.

އައިޒާން ފުށްގަނޑު މޮޑެލުމަށްފަހު ރޮށިތައް ދަމާލާފައި ކަބަޑުމަތީގައިވާ ކަރުދާސްތަކެއްގެ މަތީގައި އަތުރާލުމަށްފަހު އަމިއްލަ ނަފުސަށް ހީލިއެވެ. ހީވަނީ ތަފާތު ގައުމުތަކުގެ ޗާޓްކުރަހާލެވިފައިވާހެނެވެ. އައިޒާން ލަވައެއް ކިޔާލަމުން ރޮށްޓެއް ފިހެން ތަވާއަށްލިތަނާ ކޮންމެވެސް މީހަކު ސަލާމް ގޮވާލިއަޑަށް އެބުރި ބަލާލީ ލަސްލަހުންނެވެ. އޭނައަށް ހުވަފެނެއްހެން ހީވިޔަސް ދޮރުމަތީގައި ހުރީ މައިރާއެވެ. ކަޅުކުލައިގެ ޓޮޕަކާއި ނޫ ޖިންސެއްގައި ހުރިއިރު އެ ދޮން މޫނު ފެންނަނީ ހިތްތައް ހަލާކުކޮށްލާހާ ރީތިކޮށެވެ. އަޅި ލޮލުގެ ވިދުން ގަދަކަމުން އައިޒާންގެ ހިތަށް އަސަރު ކުރުވިއެވެ. ގަހަނާތައް ބޭނުންކޮށްފައި ނެތަސް ލޮލުގައި އަދުން އަޅާލާފައިވުމުގެ ސަބަބުން ލޮލާއިމެދު މައިރާ ޚާއްސަގޮތެއް ބަހައްޓާކަން އައިޒާންއަށް އެގުނެވެ. އަދި ދުވަންފެށި އަގު ބޮޑު ސެންޓްގެ މީރުވަސް މައިރާގެ ރީތިކަން އެތައް ގުނަ އިތުރުކޮށްދިން ސިފައަކަށްވި އެވެ. ރީތިކަމާއި މީރުވަހަކީ އައިޒާން ލޯބިކުރާ ދެސިފައެވެ. އައިޒާން ހުރީ ބަސްހުއްޓިފަ އެވެ.
"ފޮޓޯއެއް ނަގާލެވިދާނެތަ؟ އެއޮތް ރޮށި އަނދާ ހުލިވަނީ..." މައިރާ ލާނެތް ހިނިތުންވުމަކާއިއެކު މޮބައިލް ދިއްކޮށްލުމުން އައިޒާން ކުރިއަށްވުރެ ރަކިވިއެވެ. މިއީ އޭނަ އެއްގޮތަކަށް ވެސް މައިރާއަށް ފެނުމަށް އެދޭ މަންޒަރެއް ނޫނެވެ. އައިޒާން އަވަހަށް އުނދުން ނިވާލުމަށްފަހު ފެން އަތްގޮތްޓެއް ތަވާއަށް ޖެހުމުން ފެންތިކިތައް ތަވާގެ ދޮންކަމަށް ކެތްނުކުރެވިގެން ވޫސްލާފައި ކެކިއަރައިގަތެވެ

ކޮމެންޓް 0