އެކަމަކު ބައްޕަހާ ރަނގަޅު މީހަކު ދޫކޮށްލާފައި މަންމަ އެހެން މީހަކާއިއެކީގައި ދާން ޖެހުނު ސަބަބު އެނގެން ކޮންމެހެންވެސް ބޭނުން... ފަހަރެއްގައި މަންމަ ޑައިރީއެއް ލިޔެފައި އޮވެދާނެ... ނޫނީ އެކޮޓަރިން ފޮޓޯއެއް ނަމަވެސް ފެނިދާނެ... ދޮންބެއަށް ކޮޓަރީގެ ތަޅުދަނޑި ލިބޭނެ ގޮތެއްނުވާނެތަ؟ " މައިރާ ކޮރިޑޯގައި މަޑުކޮށްލަމުން މޭގައި އަތް ބޮނޑިކޮށްލި އެވެ. އެ ބައިގާވަނީ ފުން ހިމޭން ކަމެކެވެ. ކޮރިޑޯގެ ކަނެއްގައި އެންމެ އުއްބައްތި އެއް އެކަނިވެރިކަމާއިއެކު އަނދައަނދާ ހުއްޓެވެ. ގޭގައި ގެންގުޅޭ މީހުން ވާޖިބަކަށް ހަދައިގެން މިބައިގާ މީރުވަސްދުވާ އުއްބައްތިތައް ދިއްލާ ސަބަބެއް މައިރާއަކަށް ނުވިސްނުނެވެ. ހަމަ ކުއްލިއަކަށް އޭނަ މަންމަގެ މާޒީ ދެނެގަންނަން ބޭނުންވިއެވެ. ކޮންމެވެސް ސިއްރެއް މަންމަގެ ވާނެކަން އޭނަގެ ހިތް ބުނަންފެށި އެވެ. 
"ރޭގަނޑު އެކޮޓަރި ހުޅުވާކަށް ނުވާނެ... ކިހިނެއް އެގެނީ އޭނަ މަރުވެގެން އޭނަގެ ރޫހު ތިތާ ފިލައިގެން ނެތްކަމެއް." ޝަމާއިލް މައިރާ އެ ޚިޔާލުން ދުރުކުރުވަން ސަމާސާ ހިނިތުންވުމަކާއިއެކު ބުނެލި ޖުމްލައަކުން މައިރާ ހަޅޭއްލަވައިގެންފާ އައިގޮތަށް ޝަމާއިލްގެ ގައިގާ ހިފައިގަތެވެ. ޝަމާއިލް ނުވެއްޓުނީ އޭނަގެ ހުޝިޔާރުކަމުންނެވެ. އޭނަ އެއްއަތް ބެލްކަނީގެ ރެއިލިންގައި ޖައްސާލަމުން ހަމަޖެހިލިއެވެ.
"އާއި... ހަޅޭއްލަވައިގަތީމަ އިއަރޑްރަމް ފަޅައިގެން ހިގައްޖެ... ހަންޑި ނުފެނިގެން އުޅޭކުއްޖާއަށް ވާވަރު ތިހިރީ... ފިނޑި މައިރާ.."ޝަމާއިލް ހޭން ފެށުމުން މައިރާއަށް ހީވީ އެ އަޑުވެސް އެތާ ގުގުމައިގެން ދިޔަހެނެވެ. މައިރާ ޝަމާއިލްގެ މޭގައި މަޑުމަޑުން އަތުން ޖަހާލާފައި ސިޑިން ފައިބައިގެން އައީ ވިދުވަރެއްހާ ހަލުވިކޮށެވެ. އާއްމުކޮށް އުއްބައްތިތައް ޖަހާހަދާ މޯނާ ސިޑިބަރިކާރިން ދަމުން ކުޑަކޮށް އެކުދިން ޖަހާލި ސަކަރާތަށް ބަލާފައި ހިނިތުންވެލިއެވެ. މައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަމިއްލަ ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަނެވުމުންނެވެ. 

މައިރާ ގަސްތުކުރީ މިހުރިހާ ދުވަހު ބަންދުކޮށްފައިވާ ކޮޓަރި ހުޅުވާލައިގެން މަންމަގެ މާޒީއިން ކުޑަކުޑަ ކަމެއް ނަމަވެސް ހޯދަން މަސައްކަތް ކުރުމަށެވެ. ސަބަބަކާއި ނުލައި އުމުރު ދުވަހު ނަފްރަތުގެ އޮށް ހިތުގައި އިންދައިގެން އުޅުމަކީ ރަނގަޅު ކަމަކަށްނުވެ ހިގައިދާނެ ކަމަށް މައިރާގެ ސިކުނޑީގެ އެއްކަނަކުން ބުނެދިނެވެ. މަންމައަކު ޅަދަރިން ތަކެއް ދޫކޮށްލާފައި ދާނީ ކޮންމެވެސް ކަހަލަ މަޖުބޫރީ އެއް ދިމާވެގެންނެވެ. މައިންބަފައިން ވަކިވުމަށްފަހު ކޮންމެވެސް ސަބަބަކާއިހުރެ އެދެމެދުގައިވާ ރުޅިވެރިކަމުގެ ސަބަބުން ދަރިންނަށް އޮޅުވާލެވޭފަހަރު އާދެއެވެ. ކޮންމެވެސް ވަރަކަށް ހަގީގަތް ވަންހަނާ ކުރެވިފައިވެދާނެއެވެ. ދުރަށްދާމީހާ އޮންނަނީ ކުށްވެރިވެފަ އެވެ. މައިރާވެސް އޭނަގެ ބައްޕަ އޮޅުވާލައްވާނެކަމަށް ގަބޫލު ކުރަނީއެއްނޫނެވެ. މައިރާ ގެ ހަމައެކަނި ބޭނުމަކީ މަންމަ ދަރިން ގުރުބާންކުރާ ވަރަށް އިންސާނަކު ދެކެ ލޯބިވެވުނު ސަބަބެއް އެގުމެވެ. މަންމަގެ ޑައިރީއަކުން ނަމަވެސް އެކަން އޮޅުންފިލާފާނެ ކަމަށް މައިރާ ގަބޫލުކުރެއެވެ. ފަހަރެއްގައި މަންމަގެ ދިރިއުޅުމަކީ އެކާވީސްވަނަ ގަރުނުގެ އެންމެ ރީތި ލޯބީގެ ވާހަކަކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

ރެޔާން އެ ކުޑަ ބެލްކަނީގެ ރެއިލިންގައި އެއްއަތް އަޅުވާލައިގެން މައިރާގެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތީގައިވަނީ ފިކުރުބޮޑުވެފައިވާކަމުގެ ކުލަވަރެވެ. އޭނަގެ ބައްޕަގާތުގައި ބޮޑުދައިތަ ދެއްކި ވާހަކަތައް އޭނަގެ ކަންފަތަށް ބިއްލޫރިވިރުވާފައި އަޅާލިކަމުގެ އިހުސާސުކުރުވިއެވެ. މައިރާ ފިލައިގެން ގޮސް ފިރިހެން އެކުވެރިއަކާއި ބައްދަލުކުރާކަމާއި އައިމަން އެކަމާއި ރުޅިދުރުވެ ހިތްހަމަނުޖެހިފައި ހުރިކަމަށް ސުލްތާނާވަނީ ބުނެފައެވެ. ރެޔާން ދެކޭގޮތުގައި ސިއްރުން ބައްދަލު ކުރާވަރުގެ އެކުވެރިއަކު ހުރެގެނެއްނުވާނެ އެވެ. މައިރާ ކޮލެޖަށް ދާން ފެށިޔަސް ރެޔާން މައިރާއާއިމެދު މިވީހާތަނަށް އެއްވެސް ޝައްކެއް ނުކުރެއެވެ. މައިރާ ވަނީ އޭނައާއި ކާވެނިކުރަން ވައުދުވެފައެވެ. ވީއިރު ކޮލެޖްކުދިންގެ ތެރޭގައި އެކުވެރި ފިރިހެން ކުއްޖަކު ހުރުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް މިއިވުނީ ކޮންފަދަ ވާހަކަތަކެއް ހެއްޔެވެ؟ ރެޔާން ދެ ފިކުރުގައި ހުރެފައި އަތުގައިވާ މޮބައިލްގެ ސްކްރީނަށް ބަލާލިއެވެ. މައިރާގެ ރީތި ތަސްވީރެކެވެ. އުފާވެރި ހިނިތުންވުމެކެވެ.

މައިރާ ކުޑަދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލީ އެވަގުތުގައެވެ. އޭނަ ހުރީ އިސްތަށިގަނޑުގައި ހީނާފަތް އަޅާލައިގެންނެވެ. ރެޔާން ބެލްކަނީގައި ހުރެ އަތްދިއްކޮށްލުމުން މައިރާގެ އަތުގައި އަތްލެވޭނެހާ ކައިރިއެވެ. ދެ ޒުވާނުން މިހެން ބައްދަލުކުރާތާ އެތައް ޒަމާނެއްވީއިރު ވެސް އަދި އާއިލާގެ ބަޔަކަށް ރޭކާނުލައެވެ. ދެ ކޮޓަރި މިހާ ކާރީގައި ހުރުމަކީ އެޒުވާނުންގެ ލޯތްބަށް ނަސީބު ވެދީފައިވާ އެހީއެކެވެ.
"ހޭއި ރެއިން ބޯ.. ރޭ އެހާ ހަނދުވަރު ދީފައިއޮތްއިރު ވެސް ތިބެލްކަނި ހުރީ ފަޅަށް.. ބާރަޖަހަންދެން މިތަނުގައި އެކަނިމާއެކަނި ހުރިން." މައިރާގެ ހިނިތުންވުމުން މިއަދު ހިތްހަމަޖެހުންލިބޭވަރަށް ވުރެ ރެޔާން ހުރީ ކަންބޮޑުވެފައެވެ. މައިރާ އާއިމެދު ޝައްކުކުރެވިފަ އެވެ. ކައިވެނި ކުރަން ނިންމާފައިވާ ހަޔާތުގެ ބައިވެރިޔާއަށް އެއްވެސް ކަމެއް ފޮރުވަން ޖެހޭނެކަމަކަށް ރެޔާން ގަބޫލެއްނުކުރެއެވެ.
"ރޭ ނިދުނީ.. ކޮންކުލައެއްގެ ހީނާފަތެއްތަ އަޅައިގެން ތިހިރީ؟.."ރެޔާން އަހާލީ ޝައުގުވެރިކަމެއްނެތް ގޮތަކަށެވެ. 
"ރަތްކުލަ...ރެއިންއަށް އެގެއެއްނު އަހަރެންގެ ފެވެރިޓް ކުލައަކީ ރަތްކުލަކަން...." މައިރާ އޭރުވެސް ހުރީ ފޯނާއި ކުޅެކުޅެލައެވެ. ހީވާގޮތުން މީހަކަށް މެސެޖްކުރަނީއެވެ. މިވީހާތަނަށް މައިރާގެ އެއްވެސް ކަމަކާއި ޝައްކުކުރުމެއް، ފާރަލުމެއްނެތި، ހިތްހަމަޖެހުމާއިއެކު ޖެނުއަރީއަށް އިންތިޒާރުކުރަމުން އައި ރެޔާންގެ ހިތަށް މިހާރުވަނީ ހަލަބޮލިކަމެއްވެރިވެފަ އެވެ. މައިރާގެ ކޮންމެ ހަރަކާތަކަށް ބެލެނީ ޝައްކުގެ ލޮލަކުންނެވެ. މައިރާ ހީނާފަތްއެޅީ ވެސް އެމީހަކަށް ދައްކަންކަމަށް ހީކުރެވުނެވެ. ރެޔާން ފުން ނޭވަޔެއްލި އެވެ. ސިކުނޑީގައި ސުވާލުތައް ފުނިޖަހައިގެން އޭނައަކަށް ނުހުރެވޭނެއެވެ. ނޫނީ އޭނަ މޮޔަވެދާނެއެވެ.
"ހޫމް.މޭއި... އަހަރެންގެ ސުވާލެއްއެބައޮތް. މޭއި އާޓިފިޝަލް ބީޗަށް ދަނީ ކޮން ފިރިހެނަކާއި ބައްދަލުކުރަން؟ ރެޔާން ސީދާ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. މައިރާގެ މޫނަށް އެތައް ކުލަތަކެއް ވެރިވެގެންދިޔައެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރިހެނެވެ. މޫނު ރަތްވިއެވެ. މައިރާ ދެ ލޯ ބޮޑުކޮށްލައިގެން އިރުކޮޅަކަށް ހުރެފައި އިސްޖަހާލިއިރު، އެ ދެ ލޮލުގައިވާ ކުށްވެރިކަމުގެ އިހްސާސްތައް ހަމަރަނގަޅަށް ވެސް ރެޔާންއަށް ފެނުނެވެ. ޔަގީނެވެ. މައިރާ ސިއްރުން ނުބައި ކުޅިގަނޑެއް ކުޅެމުން ދަނީއެވެ. މި މައުސޫމް ރީތި މޫނުގެ ފުރަގަހުގައި މިފަދަ ބޭވަފާތެރި، މަކަރުވެރި ކުއްޖަކު ފިލައި ހުރެދާނެކަމަށް ރެޔާން ހިޔެއްނުކުރެއެވެ.
"މައިރާ... އަހަރެން މިވާހަކަ ދައްކަނީ މައިރާ އާއޭ.."ރެޔާން ގެ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ވަރުގަދަ ތޫފާނެއް އުފެދެން ފެށިނަމަވެސް ރެޔާން މަސައްކަތްކުރަމުން ދިޔައީ މައިތިރިވުމަށެވެ.
"އަންވަރުއަކީ ވަރެއްގެ ފިރިހެނެއް... އޭނަ ބައްޕަގާތުގައިވެސް އަހަރެން އައިޒާން އާއި ބައްދަލުކުރަނީއޭ ކިޔާފައި ކުޓުވި. އަހަންނާއި އައިޒާންއަކީ ހަމަ އެކުވެރިން... ތިބުނާ ރޭ އައިޒާން އާއި ދިމާވީ ބީޗްއިން... އޭނަގެ އަންހެންކޮއްކޮ ނީލް މަރުވެގެން ދެރަވެފައި ހުރިވަރުން ވާހަކަ ދައްކާލެވުނީ... ގަބޫލުކުރޭ ރެޔާން... އޭނަ ނުހުންނާނެ އަތުގައި ހިފާލާފައެއްވެސް..."މައިރާ ކުޑަކޮށް އެސްފިޔަތައް އުފުލާލަމުން ބުންޏެވެ. 
"އެކަމަކު މަށަށް ސިއްރުން ފިރިހެނަކާއި ބައްދަލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން... އެކުވެރިއެއްގެ ގޮތުގަވެސް...ދެން އޭނައާއި ބައްދަލު ނުކުރިއްޔާ އަހަންނަށް ރަނގަޅީ... އަނގައިންވެސް ނުބުނިއްޔާ... މިވަރުގެ ކަމެއް އަހަންނަށް ކޮށްދީފާނަންތަ؟ އަހަރެން މިވީހާތަނަށް މޭއިއަށް ކުރި އިތުބާރު ގެއްލިޔަދީގެން ނުވާނެދޯ... އަހަރެންގެވެސް ނުހުރޭ އަންހެން އެކުވެރިއެއް."ރެޔާން އެހެން ބުނެލި ގޮތުން އޭނަ ހިތްހަމަނުޖެހިފައިވާވަރު މައިރާ ދެނެގަތެވެ. 
"ރެޔާން ބޭނުންގޮތެއް... މިހާރު ބޮލަށް ފިނިވާންފަށައިފި... އަންނާނަން ފެންވަރާލައިގެން އިގޭ..."މައިރާ ހިނިތުންވުމަކާއިއެކު ކޮޓަރީގެ ދޮރުލައްޕާލާފައި ފަރުދާތައް ދަމާލުމުން ރެޔާން ދެ ލޯމަރާލައިފި އެވެ. ހަގީގަތުގައި މައިރާ އެހެން ފިރިހެނަކާއި އަނގައިން ބުނުމަކީ ރެޔާންގެ ހިތަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. އަތުގައި ހިފާލުންވެގެން ދާނީ ރެޔާންގެ ހިތުގައި ހުޅުރޯވެދާނެ ކަމަކަށެވެ. އެވަގުތު ރެޔާންގެ އަމިއްލަ ނަފުސަށް ވެސް ހައިރާންކަން ލިބިގެން ދިޔައީ ކޯތާފަތްމަތިން ދެމިގަތް ކަރުނަތަކުން އަތްތިލަ ތެމުމުންނެވެ. މިހާ އާދައިގެ ކަމަކާއި ރޮވިދާނެކަމަކަށް ރެޔާންހިޔެއް ނުކުރެއެވެ. އެނގިއްޖެއެވެ. އެއީ އާދައިގެކަމަކަށް ނުވީއެވެ. މިވަރުގެ ހިތާމައެއް އަދި ހަޔާތުގައި ދިމައެއްނުވެއެވެ.

އައިޒާން ފިހާރައަކަށް ވަދެ ކޯކް ފުޅިއެއް ގަނެގެން ބޮމުން އައިއިރު މުށުތެރޭގައި އޮތީ މައިރާ އޭނަގެ އަތުގައި އަޅުވާދިން ރިހިކުލައިގެ ޗޭނެވެ." ފްރެންޑްސް ފޯ އެވާ" ޖަހާފައިވާ އެ ފަށް ކޮންމެވެސް ތަނެއްގައި އަޅައިގެންފާ ކަނޑައިގެން ދިޔުމުން އައިޒާން ވަރަށް ދެރަވިއެވެ. ކަޑައިގެންދިޔަ ބޮޅު އަލުން ބެއްދުމުގެ ނިޔަތުގައި އެފަށް މުށުތެރެއަށް ލައިގެންދަމުން މަގު ހުރަސްކުރިއިރު ވެސް އޭނާގެ ޚިޔާލުގައިވަނީ މައިރާއެވެ. އެ ހަނދާންތައް ސިކުނޑިން ފިލައިގެންދާ ހަމައެންމެ ވަގުތެއްވެސް ނުދެއެވެ. ކުއްލިއަކަށް އެ ޗޭނުފަށް މުށުތެރެއިން ސޮއްސާލައިގެން މަގުމެދަށް ވެއްޓުނެވެ. އޭރު ކާރެއް ވެސް އަރާހަމަވިއެވެ. އައިޒާން އަމިއްލަ ނަފުސް މަތިން ހަދާންނައްތާލާފައި އެ ޗޭނު ސަލާމަތްކުރުމަށް އުޅުނެވެ. ކާރު ގައި އިން ޒުވާނާގެ ހުޝިޔާރުކަމުން ބްރޭކް ޖައްސާ ނުލިނަމަ އައިޒާން ކާރުގެ ފުރޮޅުދަށުވީހެވެ.
އައިޒާން ހަމަޖެހިލާފައި ތެދުވުނުއިރު އެ ކާރުގައި އިން ޒުވާނާ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަނީ އެވެ. އައިޒާންއަށް އެ ޒުވާނާގެ މޫނުމަތިން ފެނުނީ ހަމަޖެހިފައިއިންކަމުގެ ކުލަވަރެވެ. އޭނަ އެއް ބުމައަރުވާލަމުން ހިނިތުންވެލިއެވެ. އައިޒާންއަށް މިއީ މުއްސަންޖެއްކަން އެގުނެވެ. ބީއެމްޑަބްލިއު ކާރަކަށްވެފައި އެކާރުގެ އޮފް ގަދަކަމުންނެވެ. އަދި އެ ޒުވާނާލައިގެން ހުރި ސޫޓުން އޭނާގެ ޝަޚުސިއްޔަތުގެ ވަރުގަދަކަން އައިޒާން ފާހަގަކުރިއެވެ. މުއްސަދިން ދެކެ އިންތިހާއަށް ފޫހިވެފައިވާތީ އައިޒާން ވަގުތުން ލޯ ހަނިކޮށްލާފައި އަދި ކާރުގެ ބޮނެޓްމަތީގައި ވެސް ގޮށްމުށްކަވާފައި އަތުން ޖެހިއެވެ.
"އައިމް ސޮރީ.. އަނިޔާއެއްވިތަ؟ " އެ ޒުވާނާ ހައިރާންވި އެވެ.
"ޝަޓަޕް... އިތުރަށް އަނގަނުތަޅުވާ ރައްކާވިއްޔާ ކަލެއަށް ފައިދާ ބޮޑުވާނީ... ނޫނީ މޫނުމަތި ނޮޅާލަފާނަން... އަދި އަނިޔާއެއްވިހޭ އަހާލާއިރު ހީވޭ މާ ހިތްހެޔޮވެގެން ވާހަކަ ދައްކާހެން... ގަސްތުގައޭ ކާރު ޖެއްސީވެސް... ބަލާލައިގެން ދުއްވަން ނޭގެނީތަ... ނޫނީ އަނދިރީތަ؟" އައިޒާން އެއްގޮތަކަށްވެސް އެ ޒުވާނާގެ ހިތްހެޔޮކަމާއި ވާހަކަ ދެއްކިގޮތް ރީތިވިނަމަވެސް އެކަމަށް ސަމާލުކަމެއްނުދީ އަދަބު ކުޑަގޮތަކަށް އެހެން ބުނެލާފައި އަދި ކޯކްފުޅި ވެސް އެކާރަށް ޖެހިއެވެ. ހީވީ ކުށްވެރިވީ ކާރުހެންނެވެ. ޚުދު އޭނާގެ ފަރުވާކުޑަކަމާ، ބަލާނުލާ މަގުހުރަސްކުރުން އޭނައަށް ގޯހެއް ނުވިއެވެ.
އައިޒާން އެވަރަށް ރުޅިގަދަވެފައިހުރެވެސް ގެއަށް ވަދެވުމާއިއެކު ހިތަށް ތަދުވިއެވެ. ލޮލުން ފެން އަންނަގޮތްވިއެވެ. މައިރާގެ ހަނދާންތައް އޭނަގެ ހިތަށް ދޭތެރެއަކުން ތަދުކުރުވާ ރޮއްވާލައެވެ. 

އައިޒާން ފޫހި ހިނގުމެއްގައި އައިސް ސޯފާގައި ޖައްސާލިތަނާ ގޮނޑިމަތީގައި އޮތް ދުވަހު ނޫސް ފެނުމުން ދުވަސްތަކަކަށްފަހު އަނެއްކާވެސް އޭނާގެ ހިތުގައި އުންމީދެއް އާލާވިއެވެ. އޭނަ މިހާރު ބޭނުމީ ގަދަރުވެރި ރަގަޅު ވަޒީފާއެކެވެ. ގަރާޖެއްގެ މެކޭނިކަކަށް ހުރެގެން އޭނަގެ ހިތުގެ އެދުން ހާސިލުކުރަން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅޭނެއެވެ. ފައިސާވެރިޔަކަށްވާން އޭނަ މިވަނީ އަޒުމް ކަނޑައަޅާފައެވެ. ކިޔަވައިގެން މޮޅުމީހަކަށްވާން ވެސް އޭނަ ބޭނުމެވެ. އެކަމަށް ދުނިޔޭގެއެއް ވެސް ބާރަކަށް ދެން ހުރަހެއް ނޭޅޭނެއެވެ. އޭނަގެ ލޯބިވާ ޕްރިންސެސްއަށްޓަކައި އޭނަ ތާޖުމަހަލް ބިނާ ކޮށްދޭނެ އެވެ. ފަރުބަދަކަޑައިގެން ނަމަވެސް އޭނަ މައިރާއަށްޓަކައި ރީތި ގެއަކާއި އަގުބޮޑުކާރު އަދި ބޭނުން ހުރިހާ އެއްޗެއް ހޯދަދޭނެއެވެ. އެރީތި ހަށިގަނޑު ޖަވާހިރުން ފަޅުފިލުވާދޭނެ އެވެ. މިވީހާ ދުވަހު އައިޒާން ފަހަރެއްގައިވެސް އެފަދަ އެއްޗިއްސަށްޓަކައި އެދުންވެރިވެފައެއްނެތެވެ. އެއީ ދުނިޔޭގެ ވަގުތީ އުފަލެއްކަމަށް އޭނަ އަބަދު ދެކޭ ނިއުމަތްތަކެވެ. ނަމަވެސް މިއަދު އޭނަ މިވަނީ އެފަދަ ތަކެތި މިލްކުކޮށް މިލިޔަނަރަކަށް ވާހިތްވެފައެވެ. ހަމައެކަނި މައިރާ ހާސިލު ކުރުމަށެވެ.

އައިޒާން އޭނަގެ ޖީބުގައި އޮތް ކޯކްފުޅީގެ މަތިގަޑު ނަގާ ބަލާލިއެވެ. ކިތަންމެ ގިނައިން ކޯކް ގަތަސް ނަސީބުގައި އަދި އެކައްޗެއްވެސް ނުވެއެވެ. މާޔޫސީ ނަޒަރަކުން ކޯކްފުޅީގެ މަތިގަނޑަށް ބަލަން އިނުމަށްފަހު އޭނާ ކިޔަންއިން ނޫހަށް ސަމާލުކަން ދިނެވެ. އައިޒާން އަށް އެނޫހުން ވަޒީފާއެއްގެ އިއުލާން ފެނުމާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ ވަގުތުން އެ ވަޒީފާއާއި ބެހޭ މައުލޫމާތު ނެގުމަށްފަހު އެ ވަޒީފާއަށް ސިޓީ ލާން ނިންމާފައި ސޯފާގައި އޮށޯވެ ޚިޔާލެއްގެ ތެރެއަށް ގެއްލުނެވެ.

ރެޔާން ކަޅު ނޫކުލައިގެ ރޮނގުދެމި ގަމީހަކާއި ފަޓްލޫނެއް ލައިގެން ސެމްސަން ގެލެކްސީ އެސް ތިނެއް ކަންފަތުގައި ޖަހާލައިގެން ހިނގާލާފައި ދިޔައިރު ތަނެއްގެ ވެރިއެއްކަން އެގޭހާ ޝަޚުސިއްޔަތު ވަރުގަދަކޮށް ދައްކައެވެ. އޭނަގެ ކެބިންއަށް ވަނުމާއިއެކު އެއްފަހަރާ ދިއްކޮށްލެވުނު ބާރަ ވަރަކަށް ޗެކްގައި ސޮއިކޮށްލުމަށްފަހު ،ދުވަހުގެ ތާވަލް ރޭވިފައިވާ ގޮތް ބަލާލިއެވެ. މަލްޓިނެޝަނަލް ޝިޕިންލައިން އެއްގެ ސީ އީ އޯ އަކަށް ހުރުމަކީ ކިތަންމެހާވެސް ޒިންމާދާރު ވަޒީފާއެކެވެ. އޭނަގެ އޮފީސްތައް ލަންޑަން،ޖަޕާން އަދި އެމެރިކާފަދަ ގައުމުތަކުގައިވެއެވެ. އައިޓީ ޓެކްނިޝަނަކަށް އިންޓަރވިއު ކުރަން ހިއުމަން ރިސޯސްއިން ތައްޔާރުކޮށްފައިވާ ލިސްޓަށް ބަލާލުމާއިއެކު ރެޔާން ގެ ހިތް ތެޅިލިއެވެ.އޭނަ އެ ކެބިންއަށް ގުޅާލާފައި އެއް ޒުވާނަކާއި ސީދާ އޭނަ އިންޓަވިއުކުރަން ބޭނުންވާ ކަމަށް ބުނެލި އެވެ

ކޮމެންޓް 0