އީޝަލް ދޮރުފަތުގެ ނިވަލުގައި އަޑުއަހަން މަޑުކޮށްލައިފިއެވެ. އެމީހުން ދައްކާ ވާހަކައެއް ޔަގީންކޮށްލަން ބޭނުންވިއެވެ. ރެޔާން އާއި އައިޒާން މިގޮތަށް ރުޅިގަދަވެފައި، ޒުވާބުކުރަން ތިއްބާ ހަގީގަތް އެގުނީމަ މާ މަޖާވާނެއޭ އޭނަގެ ހިތް ބުނަން ފެށިއެވެ. އީޝަލް ފޯރިއައިސްފައިވާ ވަރުން އަތްތިލަ ފިނިވެލައިފިއެވެ.

"ނޫން ޒާން. އަހަރެން ޗެކެއް ބޭނުމެއްނޫން. އަހަރެން އޭރު ބުނިން މިދެނީ ލޯނެކޭ އެކަމަކުވެސް މިހާރު އެބައި ހަދާންނައްތާލާ. އެއީ ހަދިޔާއެއްކަމަށް ގަބޫލުކުރީމަ އޯކޭވެދާނެ. ދެން އިތުރަށް އަހަރެންގެ މޫޑު ގޯސްނުކޮށްބަލަ ޕްލީޒް......" ރެޔާން ހުރީ ދޮރުގައި އެއް އަތް އަޅުވާލައިގެންނެވެ. އައިޒާން ހުރީ ރެޔާން އާއި ކައިރީގައި ހުއްޓިލައިގެންނެވެ. އީޝަލްއަށް ފަރުޒާން ސޯފާގައި އިށީދެލައިގެން އިންތަން ފެނުނެވެ. ފައިސަލް ވެސް ރެޔާންއަށް ތާއީދުކޮށް އެއްޗެކޭ ބުނުމުން ބޮޑުކޮޓަރީގައި ބައްޕަމެންވެސް ތިއްބެވިކަން އެނގުމުން އީޝަލް ވަކިން ބޮޑަށް އުފާވިއެވެ. ޔެސް އޭ ބުނާފަދަ ގޮތަކަށް އަނގަ ހަދާލަމުން އޭނަ އެތާ ހުރެ ނަށާލައިފިއެވެ. މައިރާ ވެސް ހުރީ ރެޔާން އާއި އައިޒާން މިދައްކާ ވާހަކައެއް އޮޅުން ނުފިލައިގެންނެވެ. ކޮން ލޯނެއް ހެއްޔެވެ؟ ރެޔާން އެދައްކަނީ ކޮންހާ ވާހަކަތަކެއް ހެއްޔެވެ؟

"ހޫމް. ރެޔާން ބައިވަރު ހަދިޔާތައް ދެވިއްޖެ އެކަމަކުވެސް ލޯނެއް ވާނީ ލޯނަށް ދޯ. އަހަރެންވެސް ބޭނުމީ އަމިއްލަ ފައިމައްޗަށް ތެދުވާން މިހާރު ހީވަނީ އެދުވަސް ޖެހިއްޖެހެން. އެންމެންގެ ދަރަނި އަދާކުރަންވީ ވަގުތު މިއޮތީ ޖެހިފައި. ރެޔާން އަހަރެން ބޭނުމެއް ނޫން ފްރެންޑެއްގެ ފަރާތުން އެޑްވާންޓޭޖް ނަގާކަށް. ރެޔާން މުއްސަނދިވީމަ ރެޔާންގެ އެހީގައި އުޅުމަކީ މާ ރީތިކަމެއްނޫން އަނެއްކާ މިގޭގައި ހުރި ދުވަހުގެ ޚަރަދުތަކަށްވީ ޗެކްވެސް މިއޮތީ...." އައިޒާން ރެޔާންގެ އަތުގައި ޗެކެއްލެއްވިއެވެ. ރެޔާން ބަލާކަށް ނުހުރެ ޗެކް ވީދާލައިފިއެވެ.

"ދަރިފުޅާ..."ޒިޔާމާއަށް ގޮވާލެވުނެވެ.

"ރެޔާން. ތީގެ މާނަ އަކީ ކޮބާތަ؟ އަހަންނަށް ތިވަރަށް އިޙުސާންތެރި ވަނީ ބަދަލުގައި ކޯޗެއް ބޭނުންވެގެން ތަ؟ އަހަންނަށް މިހާރު ފީލް ވާން ފަށައިފި އެންމެން އަހަރެންގެ ލައިފް ބޮޑު ޖޯކަކަށް ހަދައިގެން ޑްރާމާއެއް ކުޅުވަނީ އޭ. އެންމެން ކަމެއް ސިއްރުކުރާހެން ހީވޭ. ވާހަކައެއްގައި ތިބެފައި އަހަރެން އައީމަ ކުއްލިއަކަށް ޓޮޕިކް ބަދަލުވޭ....." އައިޒާން ހިތްހަމަ ނުޖެހިފައިވާ ގޮތަކަށް ބުންޏެވެ.

"ޒާން. ހަމަޖެހިބަލަ. ތި ވިސްނަނީ މުޅިން ގޯސްކޮށް....." ރެޔާން އައިޒާންގެ ކޮނޑުގައި އަތްބާއްވާލަމުން ހިނިތުންވެލިއެވެ. އެއީވެސް އައިޒާންއަށް މިފަހަރު މަލާމާތެއްކަމަށް ހީކުރެވުނެވެ. ނަމަވެސް އައިޒާންގެ ރުޅި ފިނިވާން ވެސް އުޅުނެވެ. ރެޔާން ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އެހިތުގައި ނޭނގޭ ފަދަ ޚާއްސަކަމެއް ރެޔާންއަށް ދެވިފައިވެއެވެ. މިގޮތަށް ޒުވާބަކަށް ދާންވީތީ ވެސް އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ.

"އޯކޭ. ޗެކް ވީދާލީމަ ދެން އަހަރެން ޖަމާ ކުރާނީ ރެޔާންގެ އެކައުންޓަށް.." އައިޒާން ފުން ނޭވަޔެއްލަމުން ދުރަށް ބަލަންފެށިއެވެ.

"ހޫމް. ދިހަ މިލިޔަން ލާން ޖެހޭނީ ނޫނީ ގަބޫލެއް ނުކުރާނަން..." ރެޔާން ކުރަމުން ދިޔައީ ސަމާސާއެކެވެ. ރީނދޫ ކުލައިގެ މަޑު އައްޔެއް ބޮޑު ކޮޓަރިއަށް ފެތުރިފައިވާއިރު އެ އަލީގައި އެންމެން ފެންނަނީ ވަކިން ރީތިކޮށެވެ. އޭސީގައި ހިފާފައިވާ ލުއި މީރުވަހުން މާޙައުލަށް އިތުރު ހިތްފަސޭކަމަކާއި އަރާމުކަމެއް ގެނެސްދީފައިވެއެވެ. އެ ބޮޑު ހޯލެއްފަދަ ތަނަވަސް ކޮޓަރީގައިވާ އެންމެން މަޖާވެލާފައި ރެޔާން އާއި އައިޒާންގެ "ކޫސަނި" ޒުވާބު އަޑުއަހަން ތިބިއިރު އެއީ މާބޮޑު މައްސަލައަކަށް ވެގެން ހިނގައިދާނެކަމެއް ކަމަށް ނުދެކުނެވެ. އައިޒާން ބޭނުން ވަރަކަށް ރެޔާންގެ އެކައުންޓަށް ފައިސާ ލާންވީއެވެ. ދެން އައިޒާންއަށް މަދުވާނެ އެކައްޗެއްވެސް ނެތެވެ. އޭނައަކީ ވެސް މިލިއަނަރެއްގެ ދަރިއެކެވެ. އައިޒާންއަށް އެކަން ނޭގުނަސް އެއީ އެ އާއިލާގެ އެންމެން މިހާރު އެންމެ ލޯބިވާ ކުއްޖާކަން ޔަގީނެވެ. ނަމަވެސް އައިޒާން މިރޭ އެދެއްކި ވާހަކައިން އެންމެނަށް އެނގުނީ އޭނައަށް ޝައްކުތަކެއް ވެފައިވާކަމެވެ. އައިޒާންގެ ގާތުގައި ހަގީގަތް ނުބުނިއްޔާ އޭނަ ގެ ހިތުގައި ވާ ޝައްކުތައް ހައްތަހާ ބޮޑުވެ އަމިއްލަ ޢާއިލާގެ ލޯތްބަކީ ވެސް އޭނައަށް ކުރާ މަލާމާތެއް ކަމަށް ދެކެން ފަށާފާނެއެވެ.

" ކީކޭތަ؟ " އައިޒާން ސިއްސައިގެން ދިޔައެވެ. ރެޔާންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އީޝަލް އައި ބާރުމިނުގައި ރެޔާން އާއި އައިޒާން ގެ ދެމެދަށް ވަދެ ދެޒުވާނުންގެ އަތްތިލަ ގުޅުވާލަދިނެވެ.

"ރެޔާންއަށް ޒާންއަކީ ޓްވިން ބްރަދާރ ކަން އެނގުނަސް އަދި ޒާންއަކަށް ނޭގެއެއްނު....." އީޝަލްގެ ޖުމްލައިން އައިޒާން ސިހުނެވެ. ޒިޔާމާވެސް ތެދުވެގެން އައިގޮތަށް އީޝަލްއަށް އިންޒާރުގެ ނަޒަރެއްދިނެވެ.

"މަންމަމެންގެ ވާހަކަތައް އަޑުއިވުނީމަ އެނގުނީ. މަންމަ ޓްވިންސްއަށް ބަނޑުބޮޑުވީމަ އެކަމާއި ހިތްހަމަނުޖެހި ރުޅި އައީ އެހެންވެ ސަމީނާއްތަ ވިހޭ ދަރިފުޅު މަރުވީމަ ޒާން އޭނައަށް ދިނީނު. މީހުން އަންވޯންޓެޑް ޕްރެގްނެންސީ ވީމަ ދަރިފުޅު ނައްތާލަނީ، މަންމަ ކިހާ ރަނގަޅު. މަންމަ ވިހައިފައި އަންވޯންޓެޑް ކުއްޖާ މީހަކަށް ދިނީ. މަންމައަށް ޒާން ފުރަތަމަ ފެންނައިރަށް ރެޔާން އޭ ކިޔާލީވެސް ވައްތަރުވީމަޔޯ. މަންމައަށް ވަގުތުން ދަރިފުޅުކަމުގެ އިޙުސާސް ކުރެވުނީ ޔޯ. އިޝޫ ހީކުރަނީ އެގޮތަށް ވަނީ ފިލްމު ތަކުގައި ކަމަށް. ކޮންމެ ގޮތެއް ވިޔަސް ޒާން ކިހާ ލަކީ. ހަމަ ކުއްލިއަކަށް ބިގް ފެމިލީއެއް ލިބުނީ. ލެޓްސް ސެލެބްރޭޓް...." އީޝަލް ކުދިކުދި އަންނާރު ދަތްތައް ދައްކާލައިގެން ހީހީ ހުރިއިރު އައިޒާން ހުރީ ޝޮކެއްގައެވެ. އެންމެންގެ މޫނަށް ބަލައިލެވުނީ އެކަން ޔަގީންކުރަން ބޭނުންވާފަދަ ގޮތަކަށެވެ. މައިރާވެސް އަނގަމަތީގައި އަތްއެޅިއެވެ. އެތަނަށް ވެރިވެގެން ދިޔައީ މަރުފަދަ ފުން ހިމޭންކަމެކެވެ. އެއްވެސް މީހަކު ނޭވާލިހެނެއްވެސް ހިޔެއްނުވެއެވެ. ރެޔާންވެސް ތުންފަތުގައި ދަތްއަޅާލަމުން ބޭރަށް ބަލަންފެށީ ކިޔާނެއެއްޗެއް ވިސްނުމަކަށް ނައީމައެވެ. ޒިޔާމާ އީޝަލްގެ ގައިގާ ޖަހަން މަޅާލި އަތް ތިރިކޮށްލެވިއްޖެއެވެ.

"ޒާން. އުފަލެއްނުވޭތަ؟ ޑެޑީ ބުނުއްވި ޑެޑީގެ އެންމެ ބޮޑު ކޮމްޕެނީގެ ވެރިކަން ދޭނީވެސް ޒާންއަށޭ. ޒާންއަށް ސަޕްރައިޒެއްދޭން އެންމެން އުޅުނީ....." އީޝަލް ހައިރާންވީ އެންމެންގެ މޫނުގެ ކުލަވަރު ފެނުމުންނެވެ. އެކަކުވެސް އުފާވިހެނެއް ހިޔެއްނުވެއެވެ. އޭގެ ބަދަލުގައި ހީވީ ކުށްވެރިވެފައި ތިބިހެންނެވެ. އިސްޖަހައިލެވިފައެވެ. އައިޒާންވެސް ހުރީ އަނގައިން ބަސް ހުސްވެފައެވެ. އެންމެންގެ ހިމޭންކަން އޭނަގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބުދީފިއެވެ. އީޝަލް ބުނި ތެދެއްކަން އެންމެންގެ މޫނުގައިވާ ކުލަވަރުން އައިޒާން ދެނެގަތެވެ. އައިޒާންގެ ސިކުނޑި ހީވީ ހުސްވެގެން ދިޔަހެންނެވެ. އޭނަގެ ހިތަށް އެތައް ތީރުތަކެއް އެއްފަހަރާ ހަރާލެވިއްޖެއެވެ. ލޮލުން ކަރުނަ ހިލުނެވެ. 

އީޝަލް އެދިނީ ހާދަ ރަނގަޅު ނަމެކެވެ. "އަންވޯންޓެޑް ބޭބީ" އެވެ. އޭނަ ދުނިޔެއަށް އައުމާއި އެކު އުފަން މަންމަ އޭނަ ބޭނުން ނުވެގެން ހިލޭ މީހަކަށް ދިނީއެވެ. ބަދުނަސީބު ގޮތުގައި ދުނިޔެއަށް އައި، އެކަނިވެރި ކުއްޖެކެވެ. އޭނަ އެދުވަހު މަރުވިނަމައެވެ. އަލުން ޒިޔާމާމެންނަށް ނުފެނުނުނަމައެވެ. ހާދަ ވަރަކަށް އޭނައަށް އޮޅުވާލައިފިއެވެ. އައިޒާންގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުހެން އެކި ހާދިސާތައް ނިއުޅެންފެށިއެވެ. ހަލުވިކަމާއެކުގައެވެ. އޭނައަށް ހީކުރެވުނީ ރަނގަޅަށެވެ. އޭނަގެ ދިރިއުޅުމަކީ ޑްރާމާއެކެވެ. އެހެން މީހުންނަށް ހުރިހާކަމެއް އެނގި ތިބެ ސިއްރުކޮށްލައިގެން އޭނަގެ އިޙުސާސްތަކާއި ކުޅެމުންދަނީއެވެ. އޭނަގެ ނިކަމެތިކަމުގެ ފައިދާ ނަގާ ނިންމީއެވެ. އައިޒާން ގެ އެސްފިޔަތަކަށް ވެސް ކަރުނަ ހިފެހެއްޓުން ނުކުޅަދާނަވިއެވެ. އޭނަ އިތުރު އެއްވެސް އެއްޗެކޭ ބުނުމަކާއި ނުލައި ދާން ހިނގައިގަތެވެ.

"ޒާން. ވެއިޓް....." އީޝަލް ބިރުގަނެއްޖެއެވެ. އައިޒާން ރުޅިއަންނަންވީ ސަބަބެއް އީޝަލް އަކަށް ނުވިސްނުނެވެ. ރެޔާންވެސް އައިޒާން ހުއްޓުވަން އުޅެފައިވެސް ހިމޭނުން ހުރީއެވެ. އީޝަލް، އޭނައަށް ނުބައިކޮށް ބުނެވުނު ތަންކޮޅެއް ނޭގިހުރެފައި އިނގިލީގައި ދައިގަތެވެ. މައިރާ އާއި ދިމާލަށް ބަލާލީ ގޮތް ހުސްވެފައިވާފަދަ ގޮތަކަށެވެ. އެވަގުތު ފެނުނީ މަންމަ އަރިއަޅާލިތަނެވެ. އީޝަލް ބިރުން ހަލާކުވާވަރުވިއެވެ. މަންމައަށް ހާޓްއެޓޭކެއް ޖެހުނީ ބާވައެވެ. އީޝަލް ގަތްބިރުން ސިޑިން އަރައިގެން ދުއްވައި ގަތީ ކޮޓަރި އާއި ދިމާލަށެވެ. ކޮޓަރިއަށް ވަންގޮތަށް އެނދަށް އަރާ، ރަޖާގަނޑުގެ ދަށުގައި ފިލިއެވެ. އިނގިލީގައި ދަތްއަޅާލައިގެން އޮވެ ދެލޯ މަރާލައިފިއެވެ.

ދެން ދުވަހަކުވެސް އޭނަ އެއްވެސް މީހެއްގެ ސިއްރެއް ހާމަނުކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. ސިއްރުތައް ބޭޒާރުކުރުމާއި، އެހެންމީހުންގެ ވާހަކަތައް ދެއްކުމުން ޢާއިލާތެރޭގައި ހިތާމަ އާއި އެކު، ކިތަންމެފަދަ ބޮޑު ހިތާމައެއް ކުރިމަތިވެދާނެކަން އެނގިއްޖެއެވެ. އީޝަލް ހެއްދެވިފަރާތަށް ވަޢުދުވީ ދުވަހަކު ދެން އެފަދަ މޮޔަވާހަކައެއް ނުދެއްކުމަށެވެ.

"ޒާން. އަހަރެންދެކެތަ ރުޅިއައީ؟.. ސޭ ސަމްތިން...ޕްލީޒް. ވަރަށް ބިރުގަނެއްޖެ. މަމް ހާޓް އެޓޭކެއްޖެހިއްޖެ..." އީޝަލް އައިޒާންއަށް މެސެޖެއްކޮށްލުމަށްފަހު ޚަބަރެއްނުވުމުން އެ ފޯނަށް ގުޅާލިއިރު ފޯނުވަނީ ނިވާލާފައެވެ. އީޝަލް ފޯނުގައި ދަތްއެޅިއެވެ.

"ފޯނުގަނޑުވެސް ކާލާނީ. ހާދަ ފޫއްސެއްވެޔޭ. ޒާން އެހާ މޮޔަތަ؟ ދެން އެހާ ބޮޑު ސަޕްރައިޒެއްދިނީމަ ގެއިން ނިކުމެގެން ދާނީ ބޮޑުމޮޔައެއްނު. ކީއްކުރާނީ؟ ބައެއްމީހުން ހޭޓްކުރޭ ސަޕްރައިޒްތަކަށް..." އީޝަލް ގަސްތުކުރީ އިތުރަށް ނުވިސްނާ ނިދާލުމަށެވެ. ހޭލެވޭއިރު ޔަގީނުންވެސް ގޭތެރޭގައި އޮންނާނީ ހުރިހާކަމެއް ރަނގަޅުވެފައެވެ. މަންމަވެސް ރަނގަޅުވެގެން ގެއަށް އަންނާނެއެވެ. އައިޒާންވެސް އޭނަގެ ގާތުން މާފަށް އެދޭނެއެވެ. ފަހަރެއްގައި މާދަން ރޭ ބޮޑު ޕާޓީއެއްދޭނެއެވެ. ނޫނީ ދަތުރެއް ރާވާނެއެވެ. އީޝަލް ހިނިތުންވެލައިފައި ވިސްނަމުން ދިޔައީ އުފާވެރިކަންތައްތަކާއި މެދުގައެވެ. އައިޒާން ބުނެފައިވަނީ ކަންތައްތަކާއިމެދު ޕޮޒިޓިވްކޮށް ވިސްނުމަށެވެ. ހުރިހާކަމެއް ދާނީ ރަގަޅަކަށް ކަމަށް ގަބޫލުކުރުމަށެވެ. އަދި ނަމާދުކޮށްލަނިކޮށް އަރާމުކޮށް ނިދާލެވިދާނެ އެވެ.

މައިރާވެސް ސޯފާއަށް އަރާ އިށީން ގޮތަށް، ބާލީސް މޭގައި ޖައްސާ ބާރުކޮށްލަމުން ދެލޯމަރާލިއިރު ހިފެހެއްޓުމެއްނެތި އެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މައިރާގެ ހިތް އައިޒާން އާއި މެދު ހަމްދަރުދީ އިން ފުރުނެވެ. މިރޭ ދެކެވުނު ވާހަކަތަކުން އައިޒާންގެ ހިތަށް ކުރި އަސަރާއި އެ މޫނުމަތިން ފެނުނު ހިތްހަލާކުވިފަދަ އަސަރުތައް އަންދާޒާކުރަން ދަތްޗެވެ. އެންމެންގެ ސަބަބުން އައިޒާންއަށް ލިބެނީ ހަމައެކަނި ހިތާމައެވެ.

"ދެރަނުވެބަލަ. ޒާން އަދި އަންނާނެ..." އަޔާނާ ހީކުރީ މައިރާ ދެރަވީ އައިޒާން ގެއިން ނިކުމެގެން ދިޔުމުންކަމަށެވެ.

"ހާދަ ހާޓްވާނެޔޭ އޭނައަށް. އެއްވެސް މަންމައަކު އެގޮތަށް ދަރިފުޅު އެއްލާލަފާނެތަ އަޅެ ޔާން. އެއީ ހަމަ ތެދެއްތަ ؟ އިޝޫ އެބުނީ ރަގަޅު ވާހަކައެއްތަ؟ މަންމަ ޒާން އެއްލާލީތަ؟ " މައިރާ ކަރުނަތައް ދިރުވާލަމުން ބުންޏެވެ. އޭނަގެ ބަނޑުގައި މިވަނީ ގޮތަކަށް ބުނަންޏާ " ބޭނުންނުވާ" ދަރިއެކެވެ. އެކަމަކުވެސް މައިރާގެ ހިތުގައި އެ ދަރިފުޅަށްޓަކައި ވަނީ ފެށުނީއްސުރެ އާދަޔާ ޚިލާފު ލޯތްބެއްޖެހިފައެވެ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ އޭނަވެސް މަރުވެދާނެއެވެ. ޒިޔާމާ ދައްތަ ކެތްގަދައެވެ. ވިހެއުމަށްފަހު ބޭނުންނުވެގެން ދަރިފުޅު އެއްލައިލީއެވެ. މިދުނިޔޭގައި އެފަދަކަމެއް ހިގާފާނެކަމަކަށް މައިރާގެ ހިތް ގަބޫލެއް ނުކުރިއެވެ. މަންމައެއްގެ ހިތް އެހާ ހަރެއްނުވާނެއެވެ. ނަމަވެސް އެއޮތީވެފައެވެ.

"ހޫމް މޭއި. އެކަމަކު މަންމަ ވަރަށް ބޮޑަށް ޑިޕްރެޝަންއަށް ވެއްޓުނު. ބައެއްފަހަރު ދަރިން ވިހާފައި ސައިކޯވާ މައިން އުޅޭ އެހެންވެކަން ނޭގޭ ދޯ... " އަޔާނާ ބުނެދިން ނަމަވެސް މައިރާއަށް ގަބޫލުކުރުން ދަތިވިއެވެ. އައިޒާންގެ ޙާލާއިމެދު ހިތްނުތަނަވަސްވެ ވިސްނުމުން ދިޔައެވެ. އެންމެ ފަހުން މައިރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއްޖެހިއެވެ. އޭނަދެކެ ލޯބިވަނީ އެއްމާބަނޑު ދެ ޒުވާނުންނެވެ. ނޫނެކެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ހިތާމަހުއްޓެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ހަގީގަތެވެ. އޭނަ މިހާރު ބޭނުމީ އެދެމީހުންނާއި ދުރަށް މާދުރަށް ދިޔުމަށެވެ. މިވީގޮތުން ހޯދަން ޖެހޭނީ އެހެން މަންޒިލެކެވެ. އޭނަގެ ނަސީބުގައި އައިޒާން އަދި ރެޔާންގެ ލޯބިވެސް ލައްވައިފައި ނެތީކަން ނޭގެއެވެ. އެހެންނޫންނަމަ މިފަދަ ބަދުނަސީބު ގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ.

މޯނާ ޕޮޓްތަކުގައިވާ މާގަސްތަކަށް ގަސްކާނާ އެޅުމުގައި އަވަދިނެތި އިންއިރު ސުލްތާނާ އިނީ ސޯފާގައި މޯނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ސުލްތާނާ ބަލާ ވަރުން މޯނާ އެނބުރިލައިފިއެވެ. 

"އަޅުގަނޑު ގެ މޫނު ދެކޭހިތުން ތިވަރަށް އުޅުއްވާނަމަ މައްސަލައެއްނެތް. ބަލައިލެވިދާނެ. އެކަމަކު އަސްލު އަޅުގަނޑު މޫނު ފޮރުވައިގެން މިހުންނަނީ އަޅުގަނޑަކީ ބަދުނަސީބުގެ ޝިކާރައަކަށްވެފައި ވާތީ. މޫނުގެ ސިފަގެއްލިފައި ވާތީ...." މޯނާ ކުއްލިއަކަށް މޫނު ބުރުގާ ނަގައިފިއެވެ. މޯނާގެ މުޅި މޫނުވަނީ ހުދުވެފައެވެ. ވިޓިލިގޯ ނޫނީ މޫނު އަނދާފައި ހުރީއެވެ. ސުލްތާނާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މޯނާ އާއި މެދު ނުބައި ހީ އެއްކުރެވުނީތީވެސް ދެރަވިއެވެ. އެކަމަކު އެފަދަކަމެއް ދިމާވުމުން މޫނު ބުރުގާ އެޅުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ސުލްތާނާ ނުދެކެއެވެ. އެފަދަ ނަސީބު ދެރަ ކިތަންމެ އިންސާނުންނެއް މިދުނިޔޭގައި އެބަތިއްބެވެ. ސުލްތާނާއަށް ނޭގުނީ މޯނާ އާއި ރާދާގެ މަގުސަދެވެ. މޯނާގެ މޫނު ބުރުގާގެ ނިވަލުގައި ހުރެ ރާދާ އެގެއަށް އަންނަކަމެވެ. މޯނާގެ ބުރުގާގެ ފުރަގަހުގައި ހުރެ އެގޭގައި ގިނަވަގުތު ހޭދަކުރީ ރާދާ ކަމެވެ. 

ޒިޔާމާ ހޭއެރުމަށްފަހު ފައިސަލް ގާތުގައި އާދޭސްކުރަމުން ދިޔައީ އެންމެ ކަމަކަށެވެ. އައިޒާން ގެނެސްދިނުމަށެވެ. އެތައް ފަހަރު ޒިޔާމާ ތަކުރާރުކޮށް އައިޒާން އަށް ގޮވިއެވެ. ކަރުނަ އޮއްސިއެވެ. ނަމަވެސް ފައިސަލް އައިޒާން ހޯދަން ދާންވީ ކޮންތަނަކަށް ހެއްޔެވެ؟ އައިޒާން އެހާ ފަސޭހައިން ޒިޔާމާގެ ކުށަށް މާފުދީފައި އަންނާނެބާވައެވެ. އައިޒާންއަށް ވެފައިވާ ގޮތް އެރޭ ފައިސަލް ވެސް ދެކެލެއްވިއެވެ. އެދެލޮލުގައިވި ހިތްހަލާކުކޮށްލާފަދަ ނަޒަރު ފައިސަލްގެ ހިތަށް ތަދުކުރުވިއެވެ. ދުވަހަކުވެސް އެ ފެންކަޅިވެފައި ދެލޮލުގެ މަތިން ފައިސަލްއަށް ހަދާން ނައްތައެއް ނުލެވޭނެއެވެ. ކުށްވެރިޔަކީ ޒިޔާމާއެވެ. ލޯބިވާ ދަރިފުޅު ނަގާލައިފައި މިއަދު ކަރުނަ އޮއްސުމުގެ މާނައެއްނެތެވެ. އައިޒާން ގެއްލިގެން އެދިޔައީއެވެ. ދެން ކަރުނަ ތަކަކުން އޭނަ އަނބުރާ ނުގެނެވޭނެއެވެ. އެކަރުނަތަކެއް ދެކެން އައިޒާން ބޭނުމެއް ނުވާނެއެވެ. އޭނަ ބޭނުންނުވެގެން އެއްލައިލި ބަޔެއްގެ ކުރިމައްޗަށް ދެން އަންނަން ބޭނުންވާނެ އެއްވެސް ގޮތެއްނެތެވެ.

ސަބީން ކޮޓަރިއަށް ވަންއިރު އައިޒާންގެ ފައިވާން ދޮރުމަތީގައި ހުއްޓެވެ. އައިޒާން ވީ ފާޚާނާގައި ކަން ނޭނގެއެވެ. އޭނަގެ ފޯނު އެނދުމަތީގައި އޮތުމުން ސަބީން ފޯނު ނެގިއެވެ. ފޯނު ނިވާލައިފައި އޮތްވާ އޭނަ ފޯނު އޮންކުރިއެވެ. އައިޒާންގެ ޕާސްވޯޑު އެނގޭތީ ޕާސްވޯޑު ވެސް ޖެހިއެވެ. އެވަގުތު ފޯނު ރިންގްވާންފެށިއެވެ. "ޒިމް މާ" އަކީ ކާކުބާވައެވެ. އައިޒާންވެސް ލޯބިވެރިން ގެންގުޅެނީ ކަންނޭގެއެވެ. އޭނަގެ ދޮންބެއަކީ ތެދުވެރި ވަފާތެރިއެއް ނޫން ނަމަ ދުނިޔޭގެ އެއްވެސްމީހަކު ވަފާތެރިއެއް ނުވާނެއެވެ. ސަބީން ހީލައިފައި އެކޯލު ރިކޯޑުކުރަން ޖައްސާލައިފިއެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނަނީސް އެކޮޅުން ވާހަކަދައްކަން ފެށިއެވެ.

"މަންމަގެ ޒާން. ދަރިފުޅާ. މަންމަދޫކޮށްލައިފައި ނުދޭ. މަންމަގެ ގާތަށް އައިސްބަލަ. މަންމަ ހުރިހާ ވާހަކައެއް ކިޔާދޭނަން. ތިއީ މަންމަ އެންމެ ލޯބިވާ ދަރިފުޅު. ދަރިފުޅާއި ނުލައި މަންމައަށް އެއްވެސް އުފަލެއްނުލިބޭނެ. އޭރު މަންމަ ގެ ނުބައި ނުލަފާކަމުން ދަރިފުޅު ދޫކޮށްލެވުނީ އެއީ މަންމަ ކުރި ކުށެއް. މަންމައަށް އެކައްޗެއްވެސް ނުވިސްނުނީ. އެކަމުގެ ސަޒާ މަންމައަށް ލިބިއްޖެ. އެތައް ދުވަހެއްވާންދެން ދުޢާކޮށް ތައުބާވެ މަންމަ ވަނީ އެކަމާއި ހިތާމަކޮށްކޮށް މޮޔަވާން ކައިރިވެފައި. އެތައް ދުވަހަކު ދުޢާކުރިފަހުން މަންމަގެ ލޮލަށް ދަރިފުޅު ފެނުނީވެސް. މަންމައަށް މާފުކޮށްދީ ދަރިފުޅާ. އެންމެ ފަހަރަކުވެސް މަންމަގެ ދަރިފުޅު މާފުކޮށްފީމޭ ބުނާއަޑުއަހަން މަންމަ މިދުނިޔޭގައި މިހިރީ. އެއަޑު ނީވެންޏާ ކަށްވަޅުގައިވެސް މަންމައަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ. ޒާން. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ދަރިފުޅާ. މަންމަ ގެ ޒާން...." އެކޮޅުން އަންހެނަކު ވާހަކަދައްކަމުން ދިޔައިރު ސަބީން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބުނަންވީ އެއްޗެއް ނޭގިފައެވެ. އައިޒާންއަށް ގޮވަންވެސް ހިތަށް އެރިއެވެ.

"ދަރިފުޅާ. މަންމަ މިދަނީ ދަރިފުޅު ބަލާ. ކޮންތާކު ތިހިރީ..." ސަބީންއަށް އެ އަންހެންމީހާ އިނީ މަގުމަތީގައިކަން އެނގުނެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު މެދުކެޑުމެއްނެތި އިވެމުން ދިޔައެވެ. ކުއްލިއަކަށް އިވުނީ ބާރަކަށް އެއްޗެއްޖެހި ކުނޑިވެގެން ދިޔައަޑެވެ. ތަނެއްތަޅައިގެން ދިޔަ ބާރުއަޑުފަށްގަނޑެވެ. އެއާއިއެކު ފޯނުގެ އަޑުކެނޑުނެވެ. ސަބީން ބިރުގަނެއްޖެއެވެ. އެމީހަކު އެކްސިޑެންޓް ވީބާވައެވެ. އޭނަ އަވަހަށް ކޯލް ކަނޑާލި ތަނާހެން އައިޒާން ބާރަށް އައިގޮތަށް ފޯނު އަތުލައިފައި ބަލައިވެސް ނުލައި ސްވިޗް އޮފްކޮށްލައިފިއެވެ.

"ދޮންބެ. ކޮންމެވެސް މީހަކު ގުޅި. ހީވަނީ ވަރަށް އިމްޕޯޓެންޓް ކޯލެއްހެން.." ސަބީން ފޯނު ކޯލުގެ ވާހަކަ ބުނަން ބޭނުންވިއެވެ.

ކޮމެންޓް 0