އަނެއްކާ ގެއަށް ގޮސް މަންމަގެ ކޮޓަރިއަށް ވަދެ އެ ރަންގުޅީގައިވާ ސިޓީތައް އީޝަލް ވެސް ކިޔައިލީކަން ނޭގޭ. އަބަދު ތަންތަން ހާވާހިތުން އުޅޭ ކުއްޖާގަނޑެއް ވިއްޔަ...." މައިރާގެ ހިތަށް ފާޑުފާޑުގެ އެއްޗެހި އެރިއެވެ. އޭނަ ތާޒާ އޮރެންޖު ޖޫސްފޮދެއް ބޯލައިފިއެވެ. ކަރުތެރެ ތެންމާލައިފައި މައިރާ ހަމަޖެހިލަން މަސައްކަތްކުރިއެވެ.

"ހާސްނުވެބަލަ މޭއި ޑާލިން... އެހާ ބިރުވެރި ވާހަކައެއް ނޫނޭ ބުނަން އުޅުނީ.. އިޝޫ ބުނަން އުޅުނީ ނަސީބެކޭ މިފަހަރު އަހަރެމެންނާއި އެކީގައި ޔޫރަޕަށް ނުދާން ނިންމިކަން. އެހެންނޫންނަމަ އަހަރެމެންނަށް ޕްރައިވެސީއެއް ނުލިބޭނެ....." އީޝަލް އިނީ މަޖާވެލައިފައެވެ. ހަގީގަތުގައި ރެޔާންވެސް ދާން ބޭނުންނުވީ ބޭކާރު ކަމަކަށްވާތީއެވެ. ދެމަފިރިންގެ ދޭތެރޭގައި އެއްވެސް ގުޅުމެއްނެތް އިރު އެފަދަ ދަތުރެއް ކުރުމުގެ ބޭނުމެއް ނެތެވެ. މައިރާވެސް ޢަދަން އެހާ ކުޑައިރު ފިނި ތަނަކަށް ގެންދަން ވީމަ ވަގުތުން ދެކޮޅު ހެދީ އެވެ. މިއީ ޔޫރަޕަށް ފިނި މޫސުމް ނިމެމުންދާ ދުވަސްވަރެވެ. އީޝަލް އެހެން ބުނުމުން މައިރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އީޝަލް އާއި ދިމާލަށް ސިއްރުން ވެސް "ލިޓްލް ޖިންކްސް" ފަދަ ނުލަފާ ނަމެއް ހިތާހިތުން ކިޔުނީތީ ލަދުވެސް ގަތެވެ. ކުޑަކޮށް އެ މޫނު ރަތްވިއެވެ.

"އެހެންވީމައޭ އަހަރެމެންވެސް ނުދިޔައީ. ދެން ދެކުދިން ގޮސް މަޖާ ނަގައިބަލަ. އެކަމަކު ކުރިން ތިކަން އެނގުނުނަމަ ލަނޑެއްވެސް ދޭން ދާނަން...." ރެޔާންއަށް އެއްގޮތަކަށްވެސް އައިޒާން އާއި އީޝަލްގެ އޮތް ގުޅުން ލަފާކޮށްލާކަށް ނޭގުނެވެ. އޭނަ ހީކުރީ އީޝަލް ހުންނަނީ އައިޒާން އާއި ހެދި މޮޔަވެފައިކަމެވެ. މާ އައިޒާން ވެގެން އުޅޭތީ ގޭ އެންމެނަށްވެސް އޮތީ އެކުށްހީކުރެވިފައެވެ. ނަމަވެސް އީޝަލްގެ ހިތުގެ ވެރިޔަކީ ރަފޭލް ކިޔާ ޒުވާނެކެވެ. ރަފޭލް ދެކެ އީޝަލް ހުންނަނީ ފާޑަކަށް މޮޔަވެފައެވެ. އެކަމަކު ރަފޭލްގެ މަންމަ އަކީ ކްރިސްޓިއަނަކަށްވެފައި ރަފޭލްވެސް އެދީނަށް އުޅޭކަމަށް ކިޔާތީ އެއްގޮތަކަށްވެސް ރަފޭލް އާއި އީޝަލް ގުޅެން ގޭމީހުން ގެ ހުއްދައެއް ނޯންނާނެކަން އީޝަލްއަށް އެނގުނެވެ. ރަފޭލް އެހާ ތެދުވެރިނޫންކަން އެނގޭ އިރުވެސް އީޝަލްގެ ފަރުވާލެއްނެތެވެ. އޭނަ ބޭނުންވަނީ ރަފޭލްގެ ލޯބި ހޯދަން މަސައްކަތްކުރުމެވެ.

ހުރިހާ އެންމެން އަނގަތެޅި އިރުވެސް މައިރާ ތަންކޮޅެއް ހިމޭނުން އިންކަން އައިޒާން ފާހަގަކުރިއެވެ. މައިރާ ދުވަހަކު ރެޔާންއަށް ވެސް މާފުނުކުރާނެ ބާވައެވެ. އެންމެން ކައި ނިމިގެން މޫދަށް އެރުނެވެ. މައިރާ ބޭނުންވީ ޢަދަން ގެ ގާތުގައި އިނުމަށެވެ. ޢަދަން މޫދަށްލާކަށް މައިރާގެ ހުއްދައެއްނެތެވެ. އައިޒާން އާއި ރެޔާން އުޅުނީ ފުދޭވަރަކަށް ގާތްކޮށްކަން މިއަދުވެސް މައިރާ އަށް ފާހަގަކުރެވުނެވެ. އެކަމަކު ރޭގައި އީޝަލް އެވަރުން އައިޒާން އާއިގެން އުޅެފައި މިއަދު އުޅުނީ ދުރުންނެވެ. އެ ލޯބި އެންމެ ރެއަކުން ފޮހެވުނީ ކަންނޭގެއެވެ. މައިރާ ނޫންކަމަށް ހަދާލައިގެން ހުރެ ސިއްރުން އީޝަލްމެން އުޅުނުގޮތްތައް ބެލިއެވެ. އެހެންކުދިން ޖެހިހާ ސަކަރާތެއްގައި މައިރާ ބައިވެރިވާހިތެއްނުވެ އެންމެ ފަހުން ޢަދަން ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ.

ރެޔާން ގަޑިއެއްހާއިރުފަހުން އައެވެ. ޢަދަން ނެޕީ ބަދަލުކޮށް ފެންވަރުވާލަން ވެގެން މައިރާ އަށް އެހީވިއެވެ. އެއަށްފަހު މައިރާއަށް ކާނެ އެއްޗެއް ގެނެސްދިނުމަށްފަހު އަނެއްކާވެސް ދިޔައީ މޫދަށެވެ. އޭނަ އެނބުރި އައީ އިރުއޮއްސުނު ފަހުންނެވެ. މޫދުގައި ގިނަވަގުތު އުޅުމުގެ ސަބަބުން ހަމަށްވެރިވެފައިވާ ރަންކުލައިގެ ސަބަބުން ފިރިހެންވަންތަކަން އިތުރުވެފައިވެއެވެ. އޭރު މައިރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ރެޔާން ވަނީ ފާޚާނާއަށެވެ. އޭނަ ފެންވަރާލައިގެން ނިކުތްއިރު ތާޒާ ކަމުން ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. ރެޔާން ނިކުމެގެން ދިޔައީ ނަމާދުކުރަން މިސްކިތަށް ކަމެއް މައިރާ އަކަށް ނޭގުނެވެ. އެނބުރި އައީ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. އޭނަ އައިސް އިށީނީ އެނދުގެ މަގަތުގައެވެ. މައިރާ އާއި ދަރިފުޅަށް ބަލައިލީ ހިތް ބަންޑުންވާފަދަ ނަޒަރަކުންނެވެ.

"ކިހިނެއްވީ ސްވީޓްހާޓް. ބަލިވެފައިތަ؟" ރެޔާން އަހާލައިފިއެވެ.

"ތިހާ ރީތިކޮށް ވާހަކަދެއްކިޔަސް އެ ހަދާންތައް ހިތަކުން ނުފިލާނެ. ސްވީޓްހާޓް ނޫން އެހެން ނަމެއްކީ ހަދާނެއްނެތެއްނު ރެޔާން...." މައިރާގެ ހިތުގައި ކިތަންމެ ވަރަކަށް ލޯބި އޮތަސް އެއްގޮތަކަށްވެސް ދުލުން އެއްބަސްވާކަށް ނޫޅުނެވެ. ބޭނުންވަނީ ރެޔާންއަށް އެ ހަދާންތައް އާކޮށްދިނުމަށެވެ. 

"މޭއި. އަހަރެން ރުޅިއައީމަ ނުލަފާއެއްޗެކޭ ކިޔަސް މީންކޮށްފައެއް ނޫނޭ އެހެން ކިޔުނީކީ. ރުޅިގަދަވެފައި ހުރީމަ. އަހަންނަށް ޔަގީންވޭ އަހަރެންގެ ލޯބިއަކީ ކިހާ މާތް ކުއްޖެއްކަން. ދެން ތިވަރަށް ހިތަށް އަނިޔާ ނުދީބަލަ. އަހަރެންގެ ހިތް ނަގައިފައި ދެއްކޭނެ ނަމަ. އެކަމަކު އެނގޭ މިހެން ބުނާ އިރުގައިވެސް މޭއި ގޮތްދޫ ނުކުރާނެކަން. ވީމަ އެވާހަކަ ބާއްވަމާ ހިނގާ. އެކަމަކު އަހަރެން ދައްކާނަން އަހަރެން ލޯބިވާ މިންވަރު. އެނގޭހާވެސް ކަމަކީ ދެން ދުނިޔޭގެ ބާރަކަށް އަހަންނާއި މޭއި ވަކި ނުކުރެވޭނެކަން....." ރެޔާން ގެ އަޑުގައި ޔަގީން ކަމެއްވިއެވެ. މައިރާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ބައެއްފަހަރު ރެޔާންދެކެ ކޮންމެވެސް ވަރަކަށް ބިރުގަންނަ ގޮތް ވެސް ވެއެވެ. ރެޔާން އައިޒާން ހާ ރަނގަޅު ނުވީމަބާވައެވެ.

"ރެޔާން ފަގީރު އަންހެންކުއްޖަކާއި ކައިވެނި ކުރިނަމަ ވަރަށް ގުޅޭނެ...." މައިރާ ކުއްލިއަކަށް ދެއްކި ވާހަކަ އަކުން ރެޔާން ހައިރާންވިއެވެ.

"މާނަ އަކީ ކޮބާތަ؟ " ރެޔާން އަށް ވިސްނުނު ނަމަވެސް އަހައިލިއެވެ.

"އޭރުން ވަރަށް ދަށުލައިގެން އުޅޭނެކަން ޔަގީން. ރެޔާން ތިއުޅެނީ ގަދަކޮށްލައިފައި ވައިފް އަކީ ތިމާ ބޭނުންހާ ގޮތެއް ހަދަން ހުންނަ މީހެއްކަމުގައި ދެކެގެން. އަހަރެން ވަރަށް ފޫހިވޭ އެހެން ހެދީމަ....." މައިރާގެ ހިތުގެ ސިއްރުތައް މަޑުމަޑުން ނަމަވެސް ރެޔާންގެ ކުރިމަތީގައި ފާޅުކުރަން ފެށުނެވެ.

"ލޯބިވެރިން ތިހެނެއް ނުވިސްނާނެ ދޯ. މޭއި ބުނަން ތިއުޅެނީ މޭއި އުޅެން ބޭނުންވަނީ ގަދަކޮށްލާފައޭ. މިހާރުވެސް ތިއުޅެނީ އެހެންނު. އަހަރެން ބާރުގެ ބޭނުން އެބަކުރަންތަ؟ ތިއުޅެނީ މޭއި ބޭނުންވާ ގޮތަކަށް. އަހަރެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ކުރެވޭތަ؟ ނުވޭ. އަހަރެން ބޭނުންވާ ބައެއް ކަންތަކުން މަޙުރޫމް ކޮށްލައިފައި ވާއިރުވެސް މިހިރީ ކެތްކޮށްލައިގެން. ވީއިރު ކީއްވެ ތިހެން ވިސްނަނީ؟ މޭއި އަށް އެނގޭތަ؟ ތިހެން އުޅެނިކޮށް އަހަރެން މަރުވެއްޖެއްޔާ މޭއި ހަދާނެ ގޮތެއް ބުނެބަލަ. ހިތަށް އަރާނެ އެހެން ނެހެދުނު ނަމައޭ. ބޭނުންހާ ގޮތަކަށް ކަންތައް ކޮށްދެވުނު ނަމައޭ. އެކަމަކު އޭރު އޮންނާނީ ވަގުތު ފާއިތުވެފައި..." ރެޔާން އެހެން ބުނުމުން މައިރާގެ ހިތަށް ތަދުވިއެވެ. ނުރޮވުނީ ކިރިޔާއެވެ. އެކަމަކު އެ އިހުސާސްތައް އޭނަ ބޭރުކޮށްލީ ރުޅީގެ ސިފައިގައެވެ. ވަގުތުން ތެދުވެ ބާލީހުން ރެޔާންގެ ގައިގާ ޖެހުމަށްފަހު ބާރުބާރަށް ހިނގާލައިފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ތަންޑު އަޅައިފިއެވެ. މައިރާ ކިތަންމެ ހިފަހައްޓައިގެން އުޅުނަސް އޭނަގެ ލޮލުން ބަންޑުންވެ ގަތް ކަރުނަތައް އޮހިގަތެވެ. ރެޔާން އަތްނުލާވެސް އޭނަގެ ހިތަށް އަނިޔާކޮށްލައިފިއެވެ.

ރެޔާން އާއި ޢަދަން އަކީ މައިރާގެ ހުރިހާވެސް އުފަލެވެ. އޭނަގެ ދިރިއުޅުމުގެ އެންމެ ޚާއްސަ ދެފަރާތެވެ. އެކަކަށްވެސް ގެއްލުމެއް އަނިޔާއެއް ވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ރެޔާން އެފަދަ ވާހަކައެއް ދެއްކީތީވެސް އޭނަ ރެޔާންދެކެ ރުޅިވެސް އައެވެ. ރެޔާން ހާދަ ގޯހެވެ. އެހެން ބުނެގެންވެސް ނުވާނެއެވެ. މައިރާ ލޯގަނޑު ދޮށުގައި ހުރެ މޫނު ދޮވުނު ވަރަކަށް ތާޒާ ކަރުނަތައް ލޮލުގައި ގިނަވެގަނެއެވެ. ރެޔާންގެ ކުރިމައްޗަށް އޭނަ ދާން ބޭނުން ވަނީ ހަމަޖެހިލައިގެންނެވެ. އޭނަ ރުއިކަން ރެޔާންއަށް އެނގިގެނެއް ނުވާނެއެވެ. 

މައިރާ ފާޚާނާގައި ގިނައިރުވާން ފެށުމުން އެނދުގައި އޮށޯވެލައިގެން އޮތް ރެޔާންއަށް ގަޑިއަށް ބެލެންފެށިއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ގޮސް ދޮރުގައި ޓަކިދީފައި މަޑުމަޑުން މައިރާއަށް ގޮވާލާފައި އަވަސްކުރަން އެދުނެވެ. މައިރާ ގެ ޚަބަރެއް ނުވުމުން ރެޔާންގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ދޮރުހުޅުވަން އެދި ބުނެވުނު ޢަދަދެއްވެސް ނޭގުނެވެ. އެންމެ ފަހުން ރެޔާން ދޮރުތަޅު ހަލާކު ކޮށްލަފާނެ ކަމުގެ ބިރު ހީވުމުން މައިރާ ދޮރުހުޅުވާލައިފައި ވަގުތުން ނިކުމެގެން ދާން އުޅުނެވެ. އެކަމަކު ރެޔާން ދޮރުގައި އަތް އަޅުވާލައިގެން ހުރުމުން އެކަން ކާމިޔާބެއްނުވިއެވެ.

"ކިހިނެއްވީތަ؟ ބޭބީ. ރޮނީތަ؟" ރެޔާންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވެއެވެ.

"ނޫން. ލޮލަށް ޝަވާޖެލް އެޅުނީ...." މައިރާ ނޭފަތް ދަމާލާފައި ބުންޏެވެ. ރެޔާން އަށް މައިރާ ހެދީ ދޮގެއްކަން އެނގުނެވެ. އެހެންނަމަވެސް މައިރާ ރުއީ ކީއްވެގެންކަން އެނގެން ބޭނުންވިޔަސް އިތުރަށް މައިރާ ލައްވާ އެ ވާހަކަ އަހާކަށް ރެޔާން ބޭނުމެއް ނުވިއެވެ. ސުވާލު ގިނަ ނުކުރީ އެހެން ވީމައެވެ. މައިރާ ޢަދަން ކައިރީގައި އޮށޯވެލިއެވެ. އެރޭ ދެމީހުންވެސް ކެއީ އެކީގައެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ރެޔާންވެސް ނުދައްކައެވެ. އަދި ކޮންމެ ފަހަރަކު ޢަދަންގެ ނެޕީ ބަދަލުކޮށް ހެދީވެސް އެރޭ ރެޔާންއެވެ. 

ހެދުނު ނާސްތާއަށް ފަހު ރެޔާން އާއި އައިޒާންގެ ދެމަފިރިން ލޯންޗުގައި މާލެ އަންނަން ފުރިއެވެ. ކަނޑު މަޑުވެފައި އުޑުމަތި ރީތި ދުވަހަކަށް ވިޔަސް އެންމެންގެ ސަލާމަތާއިމެދު މައިރާއަށް ދުޢާ ކުރެވުނު ޢަދަދެއްވެސް ނޭގެއެވެ. ހައްތަހާ ހީވަނީ ކޮންމެވެސް ނުބައިކަމެއް ވެދާނެ ހެންނެވެ. އޭނަ ލޯބިވާ ފަރާތަކަށް ކަމެއްވެއްޖެއްޔާ އޭނަ ދުނިޔޭގައި އުޅޭނެ އެއްވެސް ގޮތެއްނެތެވެ. ރެޔާން ޢަދަން ކޮނޑުމަތީގައި ބާއްވައިގެން އިންއިރު މައިރާ އިރުއިރުކޮޅާ ބަލައިލައެވެ. ލޯންޗު މަޑުކޮށްލުމުން ރެޔާން އެންމެ ކުރިން ފޭބިއެވެ. ޢަދަން ކޮނޑުމަތީގައި ބާއްވައިގެން ހުރެ މައިރާ ފައިބަން އަތްދިއްކޮށްލުމުން މައިރާ އެ އަތުގައި ހިފިއިރު މައިރާގެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. މައިރާ ބޭނުންވީ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔުމަށެވެ. އެވަގުތު މައިރާ ގެ ފައި އަރިއަޅާލައިފިއެވެ. ރެޔާން ހިފަހައްޓާލައިގެން ހުރި ލުއިގޮތަކުން ކަންބޮޑުވި އައިޒާންއަށް ބޭއިޚުތިޔާރުގައި މައިރާގެ ގައިގައި ހިފުނެވެ.

"ސޮރީ......" އައިޒާން ރަކިވެފައި އަވަހަށް މައިރާގެ ގައިން ދޫކޮށްލިއެވެ. އޭނަ ނުހިފެހެއްޓި ނަމަވެސް ރެޔާން މައިރާ ވެއްޓިޔަ ނުދޭނެކަން އޭނައަށް ނުވިސްނުނީ ކީއްވެބާވައެވެ. ރެޔާންވެސް އެހާ ފަރުވާކުޑައެއް ނުކުރާނެ އެވެ. ދަރިފުޅު އުރާލައިގެން ހުރެވެސް އެއްއަތުން މައިރާ ހިފެހެއްޓޭނެހާ ބާރު އެ އަތުގެ މުލައްދަނޑީގައި ހުންނާނެކަން އޭނައަށްވެސް ނޭގެނީ އެއްނޫނެވެ. އޭނައަށް އޮޅިގެން އެކުރެވުނީ ކޮންފަދަ ކަމެއްބާވައެވެ. ރެޔާން ހީކުރާނެ ގޮތެއްވެސް ނޭގެއެވެ. އީޝަލް މަޖާވެލާފައި ދިމާކުރަން ފެށިއެވެ. އީޝަލްގެ ލާނެތް ކަމުން އެތިން މީހުންގެ މެދުގައި އުފެދުނު ލަދުވެތިކަން ކޮންމެވެސް ވަރަކަށް ފޮރުވުމުގައި ކާމިޔާބުވިއެވެ. ކާރުގެ ކުރިއަށް އައިޒާން އެރީވެސް ފަހަތުގައި ނީންނަން ވެގެންނެވެ. ރެޔާންއަށް އެކަން ފާހަގަކުރެވުނެވެ. އަދިވެސް އައިޒާން މައިރާދެކެ ލޯބި ވަނީ ބާވައެވެ. 

ރެޔާން ޢަދަން ކޮނޑުމަތީގައި ބާއްވާލައިގެން ގޭޓުން ވަންއިރު މައިރާ ހުރީ ޢަދަންގެ ކޮލުގައި ކޮށްޓާލަ ކޮށްޓާލައެވެ. އެ މަންޒަރު ދެކެން ކާރުތެރޭގައި އިން އަންވަރުގެ ހިތް ހަސަދައިން ފުރުނެވެ. މައިރާ ފެނުމުން ކޮއްކޮގެ މަތިން ހަދާންވިއެވެ. އޭނަގެ ކޮއްކޮއަކީވެސް މައިރާ ފަދައިން ފަން އިސްތަށިގަނޑެއްލާފައިވާ ދޮން އަންހެންކުއްޖެކެވެ. ނަމަވެސް މައިރާމެން އެއުޅެނީ އުފަލުގައެވެ. އޭނަގެ ކޮއްކޮއަށް އެފަދަ އެއްވެސް ނިޢުމަތެއް ނުލިބުނެވެ. އަންވަރު ދަތްކުނޑިވިކާލާފައި ކާރު ދުއްވާލައިފިއެވެ. އެދިޔަ ގޮތަށް ގޮސް އެންމެން ކާރުދަށުގައި ލާ ޗިސްކޮށްލަންވެސް އޭނަގެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. އެ ނިޔަތުގައި އެނބުރި ބަލައިލިއިރު ރެޔާންމެން ފެންނާކަށް ނެތެވެ.

ރޭގަނޑު ކެއުމަށްފަހު އެންމެން ތައްޔާރުވަމުން ދިޔައީ އައިޒާންމެން ފުރުވަން ދިޔުމަށެވެ. މައިރާ ދަރިފުޅު ނިންދަވާލާފައި މަންމަވެސް ކޮޓަރީގައި އިނުމާއި އެކު އީޝަލް އާއި ބައްދަލުކޮށްލަން ނިކުތެވެ. އީޝަލް ނުފެނިގެން ހޯދަމުން ދިޔައިރު އީޝަލް ހުރީ ގޭގެ ފަހަތު ފެންޑާގެ ތަބަކަށް ލެނގިލައިގެން ސިއްރުސިއްރުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ.

"މިއުޅެނީ ހުޅުލެއަށް ދާންވެގެން. ދެން ދިމާވާނީ ތިރަށުން. ބަލާ އަންނާނަން ދޯ. ވަރަށް ލޯބިވޭ އިނގޭ ރަފޭލް...." އީޝަލް ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އެ ޖުމްލަތައް ކިތަންމެ ރީއްޗަށްވެސް މައިރާގެ ކަންފަތުގައި ޖެހުނެވެ. މައިރާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. އީޝަލްވެސް އައިޒާންއަށް ސިއްރުސިރުން ރަފޭލް އާއި ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ އީޝަލް ހާދަ ގޯހެވެ. ކެހިވެރި ބޭވަފާތެރި ކުއްޖެކެވެ. އައިޒާންއަށް އެނގޭނެ ނަމަ އައިޒާންގެ ހިތްހަލާކު ވާނެއެވެ. ހުރިހާ އަންހެނުން އޭނަގެ ރަނގަޅުކަމުގެ ފައިދާ ނަގަނީއެވެ. ކެހިދެނީއެވެ. މައިރާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ. އޭނަ އަވަސްއަވަހަށް އީޝަލްއަށް ނުފެނި ފަހަތަށް ޖެހުނެވެ. މައިރާ ސިޑިބަރި އާއި ދިމާލަށް ދަނިކޮށް އައިޒާން ސިޑިން ފައިބައިގެން އަންނަނިކޮށް ފެނުނެވެ. ދެމީހުންނަށްވެސް ބަލައިލެވުނީ އުދަގޫދެނިވި ނަޒަރަކުންނެވެ. މައިރާ ބޭނުންވީ މާފަށް އެދުމަށެވެ. އޭނައަށް އައިޒާން އާއި މެދު ކަންތައް ކުރެވުނު ގޮތުގެ ބޭ އިންސާފުކަމާއި ވިޔާނުދާކަން އިހުސާސްކުރެވި ލަދުން ހުރެއެވެ.

މައިރާއަށް ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. އޭނަ ކުށްވެރިޔެއްފަދައިން އިސްޖަހާލައިގެން ހުރެގޮސް ރެޔާންގެ ކޮޓަރިއަށް ވަނެވެ. 

ޖެހިގެން އައިދުވަހު މައިރާގެ މަންމަ އާއި ބައްޕަ އަދި ދޮންބެ އާއި މާމަވެސް އެމެރިކާއަށް ފުރައިފިއެވެ. މައިރާ ގާތުގައި ބައްޕަ ބުނުއްވީ ޗެކަޕެއް ހަދަންކަމަށެވެ. ބައްޕަ ހިކިކަމާއި އަބަދު އުނދަގޫ ގޮތަކަށް ކެއްސާކަން މައިރާއަށް ފާހަގަކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ބައްޕަ ބުނުއްވީ އަރިދަފުސްރޯނގާގެ ކަންތައް ކަމުގައެވެ. މިހާރު ނިއުމޯނިއާއަށް ޝައްކު ކުރެވުނީއެވެ. އައިމަން މައިރާ އާއި ވަރަށް ގިނަ ވާހަކަތައް ދެއްކެވިއެވެ. ލޯބިވާ ވާހަކަ ބުނުއްވިއެވެ. ރެޔާން އާއި އެކީ ގައި ރަނގަޅަށް އުޅުމަށް ދަރިފުޅަށް ވަސިއްޔަތް ކުރެއްވި އެވެ. މައިރާ އެހާ ސީރިޔަސްކޮށް އެކަންތަކެއް ނުނަގައެވެ. ނަމަވެސް ބައްޕަ އެދިލެއްވީތީ ވެސް އޭނަ މިހިރީ ރެޔާންގެ ގާތުން ވަރިނުވެ އަބަދަށް އެކީގައި ދިރިއުޅުމަށެވެ. އޭނަގެ ބައްޕައަކީ ކުޑަދުވަސްކޮޅެއްގެ މެހުމާނެއް ކަމާއި އަދި ކުރިއަށް އަންނާންހުރި ކަންތައް އެނގޭނެނަމަ އޭނަގެ ދިރިއުޅުން ހަލާކުވެދާނެއެވެ.

ރެޔާންގެ ލޯތްބާއި އަޅާލުން ޢަދަންއަށް ލިބެމުން ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ޢަދަން ފެންވެރުވުމާއި، ނެޕީބަދަލުކުރުންފަދަ ހުރިހާ ކަމެއްގައި މައިރާއަށް އެހީތެރިވެދެއެވެ. އަދި ރޭގަނޑުވެސް ޢަދަން އާއިގެން އުޅޭވަރުން ޢަދަން އެހާ ތުއްތުއިރުވެސް ރެޔާން އާއި ހެދި އުޅެން ފަށައިފިއެވެ. އެ ޢުމުރުގައިވެސް ރެޔާން ޚާއްސަވެ ފާހަގަކުރެވުނީއެވެ. އަދި ރެޔާން މައިރާ އާއި ދޭތެރޭގައި ވެސް ކަންތައް ކުރަނީ އެހާ އޯގާތެރިކޮށެވެ. ހުރިހާ ކަމަކާއި އަޅާލައި، އެހީތެރިވެދެއެވެ. ބައެއް ފަހަރު ދިމާވާ ކުދިކުދި އެކްސިޑެންޓްތަކުން ރެޔާންގެ ހިތް މަގުން ކައްސާލައިގެން ގޮސްދާނެހެން ހީވާފަހަރުވެސް އޭނަ ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރެއެވެ.

ރެޔާން އާދައިގެމަތިން ސެލޫންއަށްވަދެ އިސްތަށިގަނޑު ކޮށާލައިގެން ނިކުތްއިރު އަންވަރު އެތަނަށް ވަންނަނީއެވެ. ހީވީ އޭނައަށް ފާރަލައިގެން ހުރެލާފައި ވަންހެންނެވެ. ރެޔާން ބޭރަށް ނިކުމެ ލާރިދައްކާލައިފައި އަންވަރު ކުރާކަމެއް ބަލައިލަން ދެވަނަ ފަހަރަށް ކުޑަކޮށް ދޮރުހުޅުވާލިއިރު ފެނުނީ ބިންމަތިން ނެގި އިސްތަށިކޮޅެއް ޖީބަށް ލިތަނެވެ. ބޯކޮށާ މީހުން އެކަމަކަށް ސަމާލުކަން ދިންހެނެއް ހިޔެއްނުވެއެވެ. ރެޔާންވެސް އަންވަރު ބަލައިނުލަނީސް އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނިކުތްއިރު އަންވަރުގެ މަގުސަދާއިމެދު ވަރަކަށް ވިސްނުނެވެ. އޭނަގެ ބޮލުގެ އިސްތަށި ތަކުން އަންވަރު ކުރަން އުޅެނީ ކޮންކަމެއް ބާވައެވެ. ވިސްނަވިސްނާ ރެޔާންއަކަށް ނޭގުނެވެ. ރެޔާން ގެއަށް އަންނަމުން ކުޑަ ކަޑާ އަކުން ހެދިބިލެތްގަނޑެއް ގަނެލިއެވެ. ރެޔާންމެންގެ އާއިލީ ގެއެއްކަމަށްވާ "ކޮޓެޖް" ހުންނަ ކަންމަތީގައި ހުންނަ ކަޑާގެ ހެދިބިލެތް މީރުކަމުން ދޭތެރެއަކުން ހެދިބިލެތް ކެއުމަކީވެސް ރެޔާންމެންގެ އާދައެކެވެ. ރެޔާންއަށް ނުވިސްނުނީ އެމީހާ ވަކި ޚާއްސަ ބިލެތްގަނޑެއް ރެޔާންއަށް ދިއްކޮށްލިކަމެވެ. ރެޔާން އަނގަޔަށް އެތިކޮޅެއްލުމުން އެމީހާގެ ތުންފަތަށް ނުބައި ހިންޏެއް ވެރިވިކަމެވެ. ރެޔާން ގެއަށް ގޮއްސައި އެ ހެދިބިލެތްގަނޑުން ބާކީއޮތްބައި މޭޒުމަތީގައިވާ ދަޅަކަށްލާފައި މަތި ޖަހާލައިފިއެވެ.


ރެޔާންއަށް ދަންވަރު ހޭލެވުނީ މައިރާގެ ހަޅޭކުގެ އަޑަށެވެ. ރެޔާން ފުންމައިގެން ތެދުވެ ބަލައިލިއިރު މައިރާ ޢަދަންގެ ގައިގައި ހިފާ ތަޅުވައިގަންނަމުން، ދަރިފުޅަށް ގޮވަމުން ރޮމުން ދިޔައެވެ.

"ކިހިނެއްވީތަ؟" ރެޔާންގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލި ހެންހީވިއެވެ.

"ބޭބީ ނޭވާއެއްނުލައި.. ރެޔާން... ދަރިފުޅަށް ކިހިނެއް ވެފައި މިއޮތީ......" މައިރާ ހުރީ މޮޔަވާގޮތްވެފައެވެ. މައިރާ އައިސް ރެޔާންގެ ގައިގާ ހިފައިގަތް އިރު މައިރާ ބިންމަތީގައި ހަރުނުލައެވެ. ރެޔާން ހުޝިޔާރު ކަމާއިއެކު ދެމައިން އަތުތެރެއަށް ނުގެނައިނަމަ މައިރާ އާއި ދަރިފުޅުވެސް ބިންމައްޗަށް ވެއްޓުނީހެވެ. އޭރު ރެޔާންގެ ހިތްވެސް ހުއްޓިދާނެ ހެންހީވިއެވެ. ހިތަށް ވީގޮތެއް ބުނެދޭކަށްވެސް ނޭގުނެވެ. ހީވީ އެއްފަހަރާ އޭނަގެ ދުނިޔެ ކުނޑިކުނޑިވެގެން ފައިބައިގަތް ހެންނެވެ. އޭނަގެ ލޯބިވާ ކުޑަ ދަރިފުޅަށް ކިހިނެއްވީ ހެއްޔެވެ؟ ކުއްލިއަކަށް މިހެންވާންވީ ކީއްވެ ހެއްޔެވެ؟ 

ކޮމެންޓް 0