ނަމަވެސް އޭނަ ހެއްދެވި ފަރާތް ހަނދާންކޮށް ކެތްތެރިވިއެވެ. އައިޒާން މޫނު މައްޗަށް ފައިބަމުން ދިޔަ އިސްތަށިގަނޑު އަތުން ރީތި ކޮށްލުމަށްފަހު އިސްއުފުލާލައިގެންހުރެ ކުރިއަށް ފިޔަވަޅުތައް ނަގަމުން ދިޔައިރު ބަލާބެލުމަށް މޫނުމަތިން އަސަރުތަކެއް ނުފެނެއެވެ. ވެހެމުންދާ ވާރޭގެ ތެރޭގައި، ލޮލުގައިވާ ކަރުނަތައް ނުފެންނާނެކަމީ އައިޒާން ހިނގާލާފައި ދާން ލޯބިކުރި އެއް ސަބަބެވެ. އައިޒާން ވިސްނިއެވެ. މިހާރު އޭނައަށް ވަޒީފާ މުހިއްމެއް ނޫނެވެ. އެޕާޓްމެންޓާއި ރުފިޔާގެ އަގެއްނެތެވެ. ރީތި އެއްވެސް އެއްޗަކަށް ހިތް ނޭދެއެވެ. އޭނަ އުޅެބޮޑުވީ ފަގީރުކަމުގައެވެ. އެއްދުވަހު ނުކައި ހުރެ އަނެއްދުވަހު ބަނޑުފުރާލައިގެންނެވެ. ހަރު ތަންމަތިތަކުގައެވެ. ބުރަ މަސައްކަތްކޮށްގެންނެވެ. ވީއިރު މަރުވަންދެން އެ ދުނިޔޭގައި އުޅުމަކީ ދަތިކަމަކަށް ނުވާނެއެވެ. އޭނަ ކޮންމެގޮތެއް ހަދާފައިވެސް މައިރާގެ މަތިން ހަނދާންނައްތާލާނެ އެވެ.

މައިރާ ދުވާލު ހަތަރުދަމު އައިޒާންގެ ފޯނަށް ގުޅަން މަސައްކަތްކުރިއިރުވެސް ފޯނު އޮތީ ނިވާލާފައެވެ. އެކަމާ މައިރާ ކަންބޮޑުވިއެވެ. ފުރަތަމަ ހީކުރެވުނީ އައިޒާން ބަލިވީ ކަމަށެވެ. އެކްސިޑެންޓެއްވީ ކަމަށެވެ. ފަހުން މައިރާގެ ހިތުގައި ނުބައި ޝައްކެއް ހިނގަން ފެށިއެވެ. އަނެއްކާ ވިހިހާސްރުފިޔާ ލިބުނީމަ އައިޒާން އެލާރި ހިފައިގެން އެކަނި ތަނަކަށް ފުރީ ނޫން ކަމެއްވެސް ނޭގެއެވެ. ލޯބިވެރިޔަކު ގޮވައިގެން ހިނގައިދާނެއެވެ. ނޫނެކެވެ. އައިޒާން ފަހަރެއްގައިވެސް އެހާ ދަށްފެންވަރަކަށް ނުވެއްޓޭނެއެވެ. އެއީ އެއަށް ވުރެ މާތް އިންސާނެކެވެ.ކޮންމެވެސް އެހެން ސަބަބެއް މެދުވެރިވީއެވެ. އައިޒާންއާއިމެދުގައި ނުބައި ގޮތަކަށް ވިސްނުނުކަމަށްޓަކައި މައިރާ އަމިއްލަ ނަފުސް ކުށްވެރިކުރި އެވެ.

މައިރާގެ ދެ ބޮޑުދައިތަ ބޭރު ގައުމުތަކުގައި ދިރިއުޅުމަށްފަހު މާލެއައިސްގެން އުޅޭދުވަސްކޮޅަކަށްވާތީ ދައްތަމެންގެ ކުދިން މިޝާ އަދި ލާނާވެސް ދޭތެރެއަކުން މައިރާއާއިއެކީގައި ވަގުތު ހޭދަކުރަން އެގެއަށް އާދެއެވެ. ނަސީބަކުން މިރޭވެސް މިޝާ އައިގޮތަށް ގެއަށް ނުގޮސް އެބައުޅެއެވެ.
ވިއްސާރަ ރެއަކަށްވާތީ އެކަނިމާއެކަނި ބޭރަށް ދާނެ ފުރުސަތެއް ވެސް މައިރާއަކަށް ނުލިބުނެވެ. ގޭގައި އެންމެންހެން އެބައުޅެއެވެ. މިހާ ބޯކޮށް ވާރޭވެހޭއިރު މިޝާ ގޮވައިގެން ލެވެންޑަ ކޮޓެޖަށް ދާންއުޅުނަސް އެތައް ސުވާލެއް ކުރިމަތިވާނެއެވެ. މައިރާ ވިސްނަމުންގޮސް ބޯ ހަލ ާކުވާވަރުވިއިރުވެސް ހަދާނެގޮތެއް ވިސްނުމަކަށްނައެވެ.އެންމެ ފަހުން އޭނައަށް ހޮޑުލެވި ވަރުބަލިވާންފެށީ މާބޮޑަށެވެ. މައިރާ ސުޕާރީ ޕެކެޓެއް ކަނޑާލައިގެން އެތިކޮޅެއް އަނގަޔަށްލި އެވެ.
"މޭއި. ޒާން ނުގުޅައިގެން ކަންބޮޑުވެފައިތަ ކިހިނެއްވީތަ އަނެއްކާ.." މިޝާ ސިޑިބަރިން ފައިބައިގެން އައީ ދުވެލާފައެވެ. އޭނަ ހުރީ ސްވެޓަރެއް ލައިގެން ބޮލުގައި ތޮތްޕެއް އަޅާލައިގެންނެވެ. އެހެދުމުގައި އޭނަ ހީވަނީ އެމެރިކަން ކުއްޖެއްހެނެވެ. އެ ދޮން މޫނަށް ކޮންމެވެސް ވަރަކަށް ފިޔާތޮށި ކުލައަރާފައި ވެއެވެ. މައިރާގެ ޕްލޭންތައް ކޮންމެވެސް ވަރަކަށް އެނގޭ ހަމައެކަނި އެކުވެރިއަކީ މިޝާއެވެ. ނަމަވެސް މިޝާއަށްވެސް ހުރިހާ ހަގީގަތެއް ނޭގޭނެއެވެ. އެގެނީ ހަމައެކަނި ސިއްރުން އައިޒާން އާއި ބައްދަލު ކުރާ ކަމެވެ.
"ނޭnގޭ..ފޯނު ނިވާލައިގެން އުޅެނީ... މިރޭ ވާރޭވެހޭތީ ބޭރަށް ދާކަށް ނުކެރިފައި މިހިރީ... ބައްޕަވެސް ބޮޑު ކޮޓަރީގައި އެބައިންނެވި... ޒާން އެ ހަދާގޮތުން ބައެއްފަހަރު ބޮލަށް އުދަގޫވޭ… ހުރިހާ ފިރިހެނުންވެސް އެއްގޮތް ހަމަ.. .އެހެންނޫނަސް އަހަރެން ހީވަނީ ފެއިންޓްވެދާނެހެން... މާބޮޑަށް ވިސްނެނީކަމަށް ވާނީ.."މައިރާވެސް ކޮރިޑޯގެ ފާރުގައި ބުރަކަށި ޖައްސާލައިގެން ހުއްޓުނެވެ. މައިރާ ހުރީ މުޅިގައިގާ ޝޯލެއް އޮޅާލައިގެންނެވެ. އެ ޝޯލްގެތެރެއިން މައިރާ ލައިގެން ހުރި ކަޅާއި ހުދުގެ ސްޓްރައިޕް އަތްދިގު ޓީޝާޓްވެސް ފެނިލައެވެ. މައިރާ އޯކަށް ދަމާގޮތްވުމުން ސުޕާރީ ޕެކެޓްއެކީގައި އަނގަޔަށްލާފައި ހަފަންފެށި އެވެ.
"ދެން އެއީ ތަޅުވާލަން ކުރާނެ ކަމެއްކަން ޔަގީން.. މޭއި އެކަމާ އަޅާނުލައި ނިދާލަބަލަ.. ވިސްނީމަ ހައްތަހާ ބޯގޮވާނީ.. މާދަން ހެނދުނުވާއިރަށް އޭނަ ސޮރީ ކިޔާފައި މެސެޖް ފޮނުވާނެ.. އެކަމަކު މެރީ ކުރަން އުޅެނިކޮށް އެހެން ފިރިހެނުންނާއި ވާހަކަ ދައްކާކަށްނުވާނެއްނު.. ރެޔާން ކިހާ ދެރަވާނެ.. ރެޔާންއަށް ހާޓްނުކޮށްބަލަ.. ބުނާނެ އެ މެގްނެޓިކް ލޮލަށްޓަކައި މަރުވެސްވެދާނަމޭ.. އެހާވެސް ރެޔާން ހެންޑްސަމްވިއްޔަ.. ދެން މެރީކުރާ ރޭ ކިހިނެއްވާނެތަ؟ ވަރަށް ހާސްވޭ ދޯ.. ހުރިހާ ވާހަކައެއް ޝެއާކުރާތި އިނގޭ..."މިޝާ ދިމާ ކުރަންފެށި އެވެ. ކޮރިޑޯއަށް ވެރިވެފައިވާ އޮރެންޖް އައްޔާއި އެކުގައި މީރުވަހެއް ހިފާލާފައިވެއެވެ. އެވަހުން މައިރާއަށް އުނދަގޫ ލިބެމުންދިޔައެވެ.
"ނޯޓީ ކުއްޖާ ފެށީ ދޯ.. މިޝީ ތިވަރަށް ތަޖުރިބާކުރާހިތުން އުޅެންޏާ މެރީކޮށްބަލަ..."މައިރާވަނީ އެރޭ އެންމެ ހިތިގޮތުގައި ތަޖުރިބާކޮށްފައިކަން މިޝާއަށް އެނގޭނެނަމައެވެ. އެއީ މައިރާ ދެކޭގޮތުގައި ބިރުވެރި ހުވަފެނެކެވެ. އަލުން އެފަދަ ރެއެއް ދެކޭކަށް މައިރާ ބޭނުމެއް ނޫނެވެ. ރެޔާންދެކެ ލޯބިވެވޭވަރަށް ނަފްރަތުވެސް ކުރެވެއެވެ. މި ލޯބީގެ ނިމުން އަންނާނެ ގޮތެއްވެސް އަދި ނޭގެއެވެ. ރެޔާން ބަދަލުހިފަން ކޮށްލާނެކަމެއް ހިތަށް އަރުވާލިޔަސް މައިރާގެ ހިތް ރޫރޫއަޅައިގެން ދެއެވެ.
ދެކުދިން ވާހަކަދައްކަމުން ހެމުންގޮސް ކޮޓަރިއަށް ވަންގޮތަށް މިޝާ ރަޖާގަޑު ދަށަށް ވަދެ ނިދަން މަސައްކަތްކުރިއެވެ. މައިރާ އައިޒާންގެ ފޯނަށް ގުޅަން އުޅުނެވެ. ތަކުރާރުކޮށް އިވެމުންދަނީ އެއް މެސެޖެކެވެ. މައިރާ ފޯނު އެއްލާލާފައި އެނދަށް ވެއްޓި ގަތްގޮތަށް ވިސްނަން ފެށީ އައިޒާން ކެހިދީފިއްޔާ ހަދަންވީގޮތެކެވެ. އޭނަ އެކިގޮތްގޮތަށްކުރި ޚިޔާލުތަކުންވެސް ހިތްހަމަޖެހޭ އަދި ރަގަޅު ގޮތެއް ނުނިންމުނެވެ. ދެން އޮތީ ރެޔާން މާލެއަށް އައުމުން ވާހަކަދައްކައިގެން ހައްލެއް ހޯދުމެވެ. އޭނަ ބަލިވެ އުޅޭކަން ރެޔާންއަށް އަންގާނީއެވެ. އަދި އޭނަ ކައިވެންޏަކަށް ތައްޔާރު ނުވާކަމަށް ރެޔާން ގާތުގައި ބުނާނީއެވެ. ރެޔާންގެ ޖަވާބުހުރި ގޮތެއް އެނގިދާނެ އެވެ.

ރެޔާން ޔޫކޭއިން އެބުރި އައުމަށްފަހު އޮފީހަށް ނުކުތްދުވަހު އައިޒާން ސަލާމް ބުނެފައި ފޯނު ނިވާލައިގެން އުޅޭތީ އައިޒާން މާބޮޑަށް ބަލިވީ ކަމަށް ރެޔާން ހީކުރިއެވެ. ނޫނީ މައިރާ އާއި ދެމީހުން އެންމެނަށް ސިއްރުން ދުވާލު އެޕާޓްމެންޓްގައި ބައްދަލުކުރަނީ ކަމަށް ވެދާނެއެވެ. ރެޔާން އެޚިޔާލުތަކުގައި ނުތަނަވަސްވިވަރުން އެންމެ ފަހުން ކެތްނުކުރެވިގެން މޭޒުމަތީގައި މަޑުމަޑުން އަތުން ޖަހާލުމަށްފަހު ދާން ހިގައިގަތެވެ. އެވަގުތު ރެޔާން ގެ މޫނުމަތީގައިވި ސީރިޔަސް ކަމަކުން އެއްވެސް މުވައްޒަފަކަށް ސުވާލުކޮށްލާކަށް ވެސް ނުކެރުނެވެ.
ރެޔާން މަގުގެ އެއްފަރާތުގައި ކާރު ޕާކްކޮށްލާފައި ބާރުބާރަށް ހަރުފަތްތަކުން އަރައިގެން ގޮސް އެޕާޓްމެންޓްގެ ދޮރުމަތީގައި ހުއްޓުނެވެ. އެގޭގައި ކަންފަތް ބައްވާހާ ބާރަށް ހެވީ މެޓަލް ލަވައެއް ޖަހާފައި ހުރުމުން ޓަކިދިނަސް ނީވޭނެކަން ރެޔާންއަށް އެނގުނެވެ. ރެޔާން ރުޅިގަދަވެފައި ހުރިވަރުން ބަލާކަށް ނުހުރެ ގޭގެ މައިދޮރުގެ ތަޅުހަލާކުކޮށްލާފައި އެތެރެއަށް ވަދެއްޖެއެވެ. ރެޔާން އައިޒާން ގެ ނިދާކޮޓަރީގެ ދޮރުފަތް ހުޅުވާލިއިރު ކޮންމެވެސް ވަރަކަށް ކުށުގެ އިހުސާސްތައް ކުރެވެމުން ދިޔައެވެ. އޭނަ އައިޒާންއަށް ހޯދަދިން އެޕާޓްމެންޓަކަށްވިޔަސް މިހާރު މިގޮތަށް ހުއްދަނެތި ވަނުމުގެ ހައްގެއް އޭނައަކަށްވެސް ލިބިގެނެއްނުވެއެވެ. އައިޒާން އޮތީ އެނދުގައި ހުރަހަށް ކަހަލަގޮތަކަށް އޮށޯވެލައިގެންނެވެ. ރެޔާން ނުކުމެ ރިމޯޓުން ލަވަ ނިވާލާފައި އަނެއްކާ އެކޮޓަރިއަށް ވަނެވެ.
"ހެލޯ ޒާން... ބަލިވީތަ؟" ރެޔާން ގޮވާލުމުން އައިޒާން ބަރު އެސްފިޔަތައް ހުޅުވާލީ ވަރުދެރަ ގޮތަކަށެވެ. މޫނުވަނީ ދަލުން ފެންވެރިފައެވެ. އައިޒާން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ދެލޯ މަރާލައިފިއެވެ. އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތީކަން ނޭގެއެވެ. ރެޔާންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނަ ވަގުތުންގޮސް އެނދުގެ މަގަތުގައި އިށީންނަމުން އެގަނޑުފެންކޮޅެއްފަދަ އަތުގައި ހިފާލެވުނީ ތަންކޮޅެއް ބާރަށެވެ. އެދެއަތުގެ އިނގިލިތައް މަހާލެވިގެން ދިޔައިރު ރެޔާންއަށް އިނދެވުނީ ގުޅިފައިވާ އަތަށް ބަލަހައްޓައިގެންނެވެ. އިންތިހާއަށް ފިކުރުބޮޑުވެފައެވެ. އިރުކޮޅަކުން ރެޔާންއަށް ރޭކާލާންފެށީ އައިޒާންގެ ހާލު ސީރިޔަސް މިންވަރެވެ. އޭނަ ޝަމާއިލްއަށް ގުޅުމުން ފޯނަށް ޖަވާބެއްނުދިނެވެ. ދެން ރެޔާން ގުޅީ އޭނަގެ ދޮންބެއަށެވެ. އޭނަގެ އެކުވެރިއަކު ބަލިވެގެން އުޅޭކަމަށާއި އަވަހަށް އެޕާޓްމެންޓަށް އައިސްދިނުމަށް އެދިފައި ރެޔާން ފޯނު ބޭއްވިއެވެ.
"ޒާން ބަނޑުގައި ރިއްސަނީތަ؟" ރެޔާންގެ ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން އައިޒާން ބޯ ޖަހާލިއިރު އައިޒާންގެ އަތުގެ ބާރު ހުސްވަމުންދާކަން ރެޔާންއަށް އެގުނެވެ. ރެޔާން އައިޒާންގެ މޫނުގައި އަތްޖެއްސިއެވެ. ފިނިކަމުން ފެންކޮޅެއްފަދައެވެ. ރެޔާންއަށް ދެން ބަލާލެވުނީ އެނދުކާރީގައި ބިންމަތީގައި ހުރި ބޭސް ހުސްކުރި ކަރުދާސްތަކަށެވެ. އައިޒާން މާގިނަ ބޭސްތައް އެއްފަހަރާކެއީ މަރުވާންވެގެންކަން ނޭގެއެވެ. އިރުކޮޅަކުން ފަރުޒާން އައެވެ. އެނދުމަތީގައި ބަލިހާލުގައި އޮތް އައިޒާން ފަރުޒާންއަށް ބަލާލުމާއިއެކު ކަންބޮޑުވިކަން މޫނުމަތިން ހާމަވިއެވެ. ފަރުޒާންގެވެސް ފިޔަވަޅުތައް ގަނޑުވިއެވެ.
"އައިޒާން ދޯ... އެންމެފަހުން އަމިއްލައަށް މަރުވާންވެގެން ބޭސްކެއީ.." ފަރުޒާން އެހެންބުނީ ނުރުހުންވެފައިވާފަދަ ގޮތަކަށެވެ. ފަރުޒާން އެމްބިއުލެންސްއަށް ގުޅާފައި ދޮރުމައްޗަށް އަރާފައި އިޝާރާތުން ރެޔާންއަށް އައުމަށް އެދުނެވެ.
"އެވަރަށް ބުނާއިރުވެސް ރެޔާން މިމީހަކާއި ވަކިވާކަށް ނޫޅުނުދޯ.."ފަރުޒާން ފޫހިވެފައިވާ ގޮތަކަށް ބުނެލިއެވެ. ރެޔާން ހާސްވެފައިވާވަރުން އެވަގުތުކޮޅު އައިޒާންގެ ފުރާނަ ސަލާމަތްކުރުން ނޫން އެހެންކަމެއް ނުވިސްނުނީއެވެ. އެހާވަރަށް އައިޒާންގެ ސަލާމަތާއިމެދު ކަންބޮޑުވިއެވެ. އަމިއްލަ ސިކުނޑި ވެސް މަސައްކަތްކުރުން ހުއްޓާލާފަދަ ދަރަޖައަކަށެވެ. އެހެންނޫންނަމަ އޭނަ މިފަދަ މޮޔަ ކަމެއް ކުރަން ހިތަކަށްވެސް ނޭރީހެވެ. ފަހަރެއްގައިވެސް އޭނަގެ ދޮންބެއަށް ނުގުޅާ އެހެން އެކުވެރި ޑޮކްޓަރަކަށް ގުޅީހެވެ.
"ތިކަން ބައްޕައަށް އެނގިލައްވައިފިއްޔާ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭނެ... ރެޔާން ހޮސްޕިޓަލަށްވެސް ދާނެ ކަމެއްނެތް... މިހާރު އެއީ މަގޭ ޕޭޝަންޓެއް... ރެޔާން ގެއަށް ދޭ.." ފަރުޒާން އަމުރުވެރި ރާގަކަށް އެހެން ބުނުމުން ރެޔާން ހިތްހަމައެއް ނުޖެހުނެވެ. ރެޔާންއަށް އެކުވެރިއަކު ހޯދުމުގެ ހައްގު ދޮންބެމެން ދޭން ބޭނުން ނުވާކަން ވާހަކަ ހުރިގޮތުން އެނގުނީއެވެ. އެކުވެރިވެވޭނީވެސް ވަކި ފެންވަރެއްގެ ވަކި މީހަކާއިކަމަށް ގަބޫލުކުރެވެނީ އެވެ. މީހުނާއި އެކުވެރިވުމުގައިވެސް އާއިލާގެ ރުހުން ހޯދަން މަޖުބޫރުކުރެވެނީއެވެ. މިއީ ފަރުޒާން ކުރިން ގަބޫލުކުރި އުސޫލެއްވެސް ނޫނެވެ. ފަރުޒާން ދެއްކި ވާހަކަތަކުން ހަމަ ކުއްލިއަކަށް ރެޔާންގެ ބުމަ ގޮށްޖެހުނެވެ.
"ދޮންބެގެ ޕޭޝަންޓެއް... އެކަމަކު އަޅުގަޑުގެ އެކުވެރިޔެއް... ކޮންމެހެން ޒާންއަށް ޓްރީޓް ކުރާކަށް މަޖުބޫރެއް ނުކުރަމޭ... ވަކި ފެންވަރެއްގެ ބަޔަކަށް ޓްރީޓް ވެސް ކުރަންޖެހޭ ކަމަށް ދޮންބެމެންގެ ވިސްނުން ތިހުންނަނީ.. އެހެންނު.." ރެޔާން އޭނަގެ ބޭބެއަށް އިހުތިރާމް ކުރުމުގެ ގޮތުން ތަންކޮޅެއް މަޑުމައިތިރިގޮތަކަށް ބުނެލި ނަމަވެސް މިފަދަ ގޮތަކަށް އަދި މިވީހާތަނަށް ރެޔާން ފަރުޒާން އާއި ވާހަކަ ދައްކާފައެއް ނުވެއެވެ. އައިޒާންގެ ސަބަބުން މި އާއިލާގެ ތެރޭގައި ހީވެސްނުކުރާފަދަ ބޮޑު ހަނގުރާމައެއް އުފެދިދާނެކަމުގެ ހެކިތައްމަޑުމަޑުން ފެންނަން ފެށީއެވެ.
"ރެޔާން ހާދަވަރަކަށޭ ޒާން ދިފާއުކުރަނީ... ވަރަށް ހައިރާންވޭ.. އެއީ ޗައިލްޑް ރޭޕިސްޓެއް... އެނގިއްޖެތަ؟" ފަރުޒާން ދަތްކުނޑިވިކާލާފައި ބުންޏެވެ.
"ލޮލުން ނުފެންނަނީސް މީހުން ދައްކާ ވާހަކަ ގަބޫލެއް ނުކުރާނަން.." ރެޔާން ފަރުވާ ކުޑަގޮތަކަށް އެހެން ބުނެލާފައި އެތެރެއަށްވަދެ ބަންލާފައި ދޮރުޖެހިއެވެ. އެމްބިއުލެންސް އައުމުން އައިޒާން ސްޓެރެޗާއަށް އެރުވުމުގައިވެސް ރެޔާން އެހީތެރިވެދިނެވެ. އައިޒާން ރަގަޅުވާނެ ކަމަށާއި ހިތްވަރު ދެރަ ނުކުރުމަށް ބުނިއިރު ރެޔާން ގެ އެސްފިޔަތައް ވެސް ތެމުނެވެ. އެސިކުންތުކޮޅު ފަރުޒާންއާއި ރެޔާންގެ ހަތަރުކަޅިހަމަވިއެވެ. ފަރުޒާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ރެޔާން އަކީ މީހުންގެ ކުރިމަތީގައި މިގޮތަށް ފިނޑިވާ ޒުވާނެއް ނޫނެވެ. އެއަށްވުރެ ހިތްވަރުގަދަ ޖެހިލުންކުޑަ ޒުވާނެކެވެ. އެކުވެރިއަކު ބަލިވުމުން މިވަނީ ހާދަވަރެކެވެ. ނޫނީ ކޮންމެވެސް އެހެންކަމެއްގެ ސަބަބުން މާ ޖަޒުބާތީވަނީކަން ނޭގެއެވެ. އައިޒާން އާއި މައިރާގެ ގުޅުމުގެ ޚަބަރު ރެޔާންއަށް ލިބިފައިވަނީކަން ނޭނގެއެވެ. ކާވެނިކުރަން ހަމަޖެހިފައިވާ ލޯބިވެރިޔާ އެންމެ ގާތްއެކުވެރިޔާގެ ފަހަތުގައި އުޅޭކަން އެނގިއްޖެއްޔާ އެއްވެސް މީހަކަށް ކެތެއްނުކުރެވޭނެ އެވެ.
ރެޔާން އޭނަގެ ކާރު ހޮސްޕިޓަލްގެ ކާރީގައި ޕާކުކޮށްލުމަށްފަހު ދެ ޚިޔާލެއްގެ ތެރޭގައި ހުރެ އެތެރެއަށް ވަންނާން ހިގައިގަތެވެ. އައިޒާން ބަލިވުމުން މިވަރަށް ހަމްދަރުދީވެ، ދެރަވާތީ އޭނަ ހައިރާންވިއެވެ. އައިޒާން މައިރާ ދެކެ ލޯބިވާކަން ރެޔާންއަށް ރަގަޅަށް އެނގެއެވެ. ވީމާ އައިޒާން މަގުން އެއްފަރާތްވުމުން އޭނަ އުފާވާންވީއެވެ. އެކަމަކު އޭގެ ބަދަލުގައި އައިޒާންއަށްޓަކައި ހަމްދަރުދީވެވޭ ސަބަބެއް ނޭގުނެވެ. އައިޒާންގެ ސިއްހަތަށްޓަކައި ހެއްދެވި ފަރާތަށް ދުއާކުރެވުނެވެ. އަމިއްލަ ހިތުގައި އައިޒާން އާއި ދޭތެރޭކަންތައް ކުރަން ރޭވި ކަންތައްގަނޑު ފްލޮޕްވެދާނެތީ ހިތްބިރުގަންނަނީކަން ނޭގެއެވެ. ރެޔާން ތުންފަތުގައި ދަތްއަޅާލިއެވެ.
ފަރުޒާން އައިޒާންއާއި ދެކޮޅަށް ވާހަކަ ދެއްކި ކަމުގައިވިޔަސް ބަލި މީހެއްގެ ގޮތުން ފަރުޒާން ކަންތައްކުރީ ވީހާވެސް އޯގާތެރިކޮށެވެ. ޑޮކްޓަރެއްގެ ގޮތުން ހުރެ ދުޝްމަނަކަށް ވެސް ފަރުޒާން ގެއްލުމެއް ނުދޭނެއެވެ. ނަމަވެސް އައިޒާންއަށް މިއަދު ޚާއްސަކަމެއް ބެހެއްޓުނީ އައިޒާންގެ ބަދުނަސީބު ހާލަތާއިމެދު ވިސްނާލާފައިކަން ނޭގެއެވެ. ވާހަކަ ދެއްކުނީ އެހާ ހިތްހެޔޮކޮށެވެ.
ފަރުޒާން އައިޒާންއަށް ދޭންޖެހޭ ފަރުވާދިނުމަށްފަހު ބޭރަށް ނުކުމެގެން އައިއިރު ރެޔާން ހުރީ އިސް ޖަހާލައިގެން ފޯނާއި ކުޅެލަކުޅެލައެވެ. އެހެންލާފައި ދިޔަ އެންމެންގެ ނަޒަރުހުއްޓިފައިވަނީ އެދެ ޒުވާނުންނަށެވެ. ރީތިކަމާއި އެއްވަރަށް ހެދުން އަޅާލާފައިވާލެއް ސްޓައިލިޝްކަމާއި ޚާއްސަގޮތެއް ހުރުމުންނެވެ.
"ސޮރީ ލިޓްލް ބްރޯ.. ދޮންބެ އެހެން ބުނީ އަސްލު ބައްޕަމެން ވިސްނަވާ ގޮތުން މަސްލަހަތަށް ބަލާފައި.. އަހަރެމެންނަށްވުރެ ބޮޑަށް އޭނަގެ އުޅުން ފެނިފައި ހުންނާނީ ކޮއްކޮއަށް.. އެނީވޭސް އައިޒާން މިހާރު ރަގަޅު.."ފަރުޒާން ރެޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއިރު ކޯތާފަތަށް އެޅިގެން ދިޔަ ފުން އަޑިކޮޅުން ހިތްތައް ހަލާކު ކުރުވާނެއެވެ.
"އިޓްސް އޯކޭ ދޮންބެ.. ތޭންކްސް.." ރެޔާން ގަދަކަމުން ހިނިތުންވެލި ނަމަވެސް އެ ރީތި ދެލޮލުގައިވާ ވޭން ފަރުޒާންއަކަށް ނުފޮރުވުނެވެ. އޭނަ މަސައްކަތްކުރަމުން ދިޔައީ ފަރުޒާންއާއި ހަތަރުކަޅި ހަމަ ނުކުރުމަށެވެ.

ކޮމެންޓް 0