މައިރާ، ޝަމާއިލްގެ އަތުގައި އޮޅުލައިގެން އަދި މާ ބާރަކަށް ގިސްލަގިސްލާފައި ރުއީ ވަރަށް ހިތުގައި ޖެހިފައި ކަހަލަ ގޮތަކަށެވެ.
"ހުވަފެނެއް ފެނުނީތަ؟ ބިރުގަތީތަ؟ ދޮންބެ ގާތު ބުނެބަލަ... ކޮންކަމަކާ ތިހާބޮޑަށް ދެރަވީ؟ ހެޔޮނުވާނެ... ތިގޮތަށް ނުރޮއި..." ޝަމާއިލް ކަންބޮޑުވެފައި މައިރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރަޖާ ރަގަޅުކޮށްލަދިނެވެ. މައިރާ ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮވެ ގިސްލުން ހުއްޓޭތޯ އަމިއްލައަށް މަސައްކަތްކުރިއެވެ. ރެޔާން ކަންތައްކުރި ގޮތުގެ ވާހަކަ ދޮންބެ ގާތުގައި ބުނާވަރަށް ވުރެ އެވަގުތު ފިނޑިވިއެވެ. ރެޔާން އާއި އެއްވަރަށް އޭނަގެ އަގުވެއްޓޭނެއެވެ. ބަދުނާމުވާނެއެވެ. މާމަގެ ހިތް ހުއްޓިގެން މަރުވެދާނެއެވެ. ނުވީތާކަށް ބައްޕަމެން އޭނައާއި ރެޔާންގެ ކާވެނި އަވަސްކުރަން ބާރުއަޅުއްވާނެކަން ޔަގީނެވެ. ބޮޑު މައްސަލަގަނޑެއް މިގޭގައި ހިލިގެންދާނެއެވެ.
މައިރާ ކިތަންމެ ވަރަކަށް ކަރުނަ ހުއްޓުވަން މަސައްކަތްކުރިޔަސް ހަމަ ރޮވެނީއެވެ. ހީވަނީ މެޔަށް ބާރުވެ ނޭވާ އެތެރެހަށީގައި ތާށިވެ މަރުވެދާނެހެނެވެ. މޭގައި އެތައް ފަހަރު އަތުން ފިރުމާލެވުނެވެ. ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ.
"އެހާ ބޮޑުކަމެއްނުވޭ... ދޮންބެގާތު ފަހުން ބުނާނަން..."މައިރާ ރަޖާ މޫނުން އެއްފަރާތްކޮށްލުމަށްފަހު ކުޑަކޮށް ހިނިތުންވެލަމުން ބުންޏެވެ. ކަރުނައިގެ ތެރޭން ހިނިތުންވެލިއިރު ޝަމާއިލް ހަނދާންވީ އުފާވެރި ސަކަ މައިރާއެވެ. މިގޮތަށް މައިރާގެ ލޮލުން ކަރުނަ އަންނާނެތަން ދުވަހަކު ފެންނާނެކަމަށް ޝަމާއިލް ހިޔެއްނުކުރެއެވެ. މައިރާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ޝައްކުކުރެވި ތަންކޮޅެއް ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން އޭނަ ބައްޕަގާތު ޚިޔާލުދިނެވެ. މަންމަ ވަކިވުމުގެ ނޭދެވޭ އަސަރު ކޮންމެވެސް ސިފައެއްގައިކޮށްފައި ހުރެދާނެ ކަމަށް އައިމަންވެސް ދެކެލައްވައެވެ. މިހާރު ކޮންމެވެސް ހާދިސާއެއްގެ ސަބަބުން މައިރާގެ ސިކުނޑީގައި ވަޅުޖެހިފައިވާ ކޮންމެވެސް ބަޔެއް ހޭލައްވައިފި އެވެ.
"މޫނު ދޮވެލައިގެން ދޮންބެއާއިއެކު ސައިބޯން އަންނާތި... އިންތިޒާރުކުރާނަން އިގޭ..." ޝަމާއިލް މައިރާގެ ބޮލުގައި ފިރުމާލާފައި ދިޔުމުން މައިރާ އިރުކޮޅެއްވާންދެން ނޭފަތް ދަމަދަމާ އޮވެފައި ތެދުވެގެން ގޮސް މޫނުބަލާ ލޯގަނޑުދޮށުގައި ހުއްޓުނެވެ. އެންމެ ދުވަހެއްގެތެރޭގައި އޭނަ ހާދަބޮޑަށް ބަދަލުވެއްޖެއެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ދުޅަވެފައިވާ ލޮލުގެ އިތުރުން އޭނަގެ ލޮލުގެ ވިދުން ކެނޑިއްޖެއެވެ. އެއްވެސް އުފާވެރިކަމެއްނެތް ކުއްޖެއްކަން ބަލާބެލުމުންވެސް އެގެއެވެ. ކޮންފަދަ ބަދުނަސީބު ހިތާމަވެރި ކުއްޖެއްހެއްޔެވެ؟
މައިރާ ފާޚާނާއަށް ވަދެ މާގަނޑަށް ދޫކޮށްލުމުން އަނެއްކާ ފެނާއިއެކު ކަރުނަތައް ވެސް އޮހެންފަށައިފި އެވެ. ހިތުން ފިލުވާލަން އުޅުނަސް އެ ހަނދާންތައް ވަކިވާކަށްވެސް ނޫޅުނެވެ. އޭނަ ޢުމުރު ދުވަހުވެސް ރެޔާންއަށް މާފެއް ނުކުރާނެއެވެ. އޭނަ ކާވެނީގެ އުފާވެރި ރެއަށްޓަކައި ކުރި އުއްމީދާއި އިންތިޒާރު ،ރެޔާން އެއްވެސް ހަމްދަރުދީއެއްނެތި ފުނޑުފުނޑުކޮށްލައިފިއެވެ. އެވަރުގެ އިންސާނެއް ދުނިޔޭގައި ހުންނާނެހެއްޔެވެ؟ ދެން އޭނަދެކެ ލޯބިވާ ކަމަށް ދައުވާކުރިޔަސް ގަބޫލު ކުރެވޭނެހެއްޔެވެ؟ ކިހާ ވަރަކަށް އާދޭސް ކުރެވުނުހެއްޔެވެ؟ ނަމަވެސް އޭނަގެ ލޯތްބަށް ރަހުމެއް ނުކުރިއެވެ. ގަދަކަމުން ފޭރި ނުގަތްނަމަވެސް ރީތި ގޮތުގައި މައިރާ ލިބެންދެން ކެތްކުރިނަމަ ވީ ކީއްހެއްޔެވެ؟ އޭނަ ހުރީ ރެޔާންގެ މީހަކަށް ވުމަށެވެ. ތާރީޚު އޮތީ ކަނޑައަޅާފައެވެ. އެކަމަކު ރެޔާންއަކީ ކޮންކަހަލަ އިންސާނެއް ކަމެއްވެސް ނޭގެއެވެ. ހިތެއްގެ ބަދަލުގައިވަނީ ހިލަގަނޑެކެވެ. ރީތި ކަމުގެ ނިވަލުގައި ވަނީ ހަމަ ޝައިތާނެކެވެ. މައިރާގެ ހިތުގައި ރެޔާން އާއި މެދުވީހާ ލޯތްބެއް އޭނަ ނަގާ އެއްލާލައިފިއެވެ. ހުރިހާ އިހުސާސްތަކެއް މަރުވެއްޖެއެވެ.

މައިރާ ފެންވަރާލައިގެން އައިގޮތަށް ލާން ގަސްތުކުރީ އަތްދިގު ކަޅު ހެދުމަކާއި ޖިންސެކެވެ. ކަރުގައި ޝޯލް އޮޅާލައިފިއެވެ. އެއްވެސް ފިރިހެނެއްގެ ކުރިމަތީގައި ކުރު ހެދުންލައިގެން އެބުރެން ނުވާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. މިގެއަށްވެސް އޭނަގެ ތިމާގެ ފިރިހެނުން އަންނައިރު ހިތް ނުބައިވެ އެފަދަ ގޯސް އަމަލެއް ނުހިންގާނެކަމެއް ނޭގެއެވެ. ރެޔާން ގެ ސަބަބުން އެންމެނަށް އޮތް އިތުބާރު ގެއްލިއްޖެއެވެ. މައިރާ އަމިއްލަ ނަފުސްވެސް ކުށްވެރިކުރިއެވެ. އޭނަގެ މާމަ ހާދަ ވަރަކަށް ނަސޭހަތްތެރިވިއެވެ. ކުރުހެދުންލައިގެން ކޮޓަރިން ބޭރަށް ނުކުމެ ނޫޅުމަށް އެދެއެވެ. އެއްވެސް ގޮތަކަށް ފިރިހެނަކާއިއެކީގައި ކޮޓަރީގައި އެކަނި ވަގުތުކޮޅަކަށްވެސް ހުރުމަކީ ދީނުގައި ހުއްދަ ނޫން ކަމެއްކަމަށާއި ސަބަބަކީ އެދޭތެރޭގައި ޝައިތާނާ ފާރަލައިގެން ހުންނާނެތީކަމަށް ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. އަދި ކާވެނީގެ ކުރިން އެއްވެސް ގުޅުމެއް ނުބާއްވަން ބުނެދިނެވެ. މާމަގެ އަގުހުރި ނަސޭހަތް ގަބޫލު ކުރެވުނުނަމަ މިހެނެއް ނުވީހެވެ. ދީނަށް އުޅެވުނުނަމައެވެ. މިހާރު އެކަމާ ހިތާމަކޮށް ކިތަންމެ ވަރަކަށް ކަރުނަ އޮއްސިޔަސް އެކަން ނުވާކަމަކަށް ނެހެދޭނެއެވެ. އެ ސަފުހާތަކެއް ނުފޮހެވޭނެ އެވެ.

މައިރާ ނަމާދުކުރަން އިންއިރުވެސް ކޯތާފަތްމަތިން ދެމެމުންދިޔައީ ވޭނީ ކަރުނަތަކެވެ. އޭނަ ސަޖިދާގައި އޮވެ ފާފަ ފުއްސެވުމަށް އެދި ކެޑިނޭޅި ދުއާކުރުމުގެ ސަބަބުން، ކޮންމެވެސް ވަރަކަށް ހިތަށް ފިނިކަން ލިބުނެވެ. މައިރާ ކޮޓަރީގެ ދޮރުހުޅުވާލާފައި ސިޑިން ފައިބައިގެން ތިރިއަށް އައިގޮތަށް ނުކުމެވުނީ ރެޔާންގެ ކުރިމައްޗަށެވެ. ރެޔާންހުރީ ޖިންސަކާއި ކަޅުފެހިކުލައިގެ ޓީޝާޓެއްގައެވެ. އިސްތަށިގަޑު ތެތްކޮށް އޮތުމުންނާއި ދުވަން ފެށި ސެންޓު ވަހުން ދެންމެ ފެންވަރާލައިގެން އައިކަން އެގުނެވެ. މައިރާ ބޭނުން ނުވިޔަސް އަބަދުވާހެން ހިތުގެ ވިންދު އަވަސްވިއެވެ. އެ ފުން ދެލޮލުގެ ބާރުން ގައިން ހީބިހިނަގައިގެން ދިޔައެވެ. ރެޔާން ގެ ރީތިކަމަށް ހިތް މޮޔަވާތީ މައިރާ އެ ސިކުންތުކޮޅު ވެސް އަމިއްލަ ނަފުސްކުށްވެރިކުރި އެވެ. ރުޅިއާއި ނަފްރަތަށް ވެސް އެ ލޯބި ފަނޑުކޮށް ނުލެވޭނެހެއްޔެވެ؟ ނޫނެކެވެ. މި އަނިޔާވެރި ލޯބިވެރިޔާއަށް އޭނަ މާފެއް ނުކުރާނެއެވެ.
"ރެޔާން އަށް ކުރެވުނުވަރު ކުޑައީތަ؟ ދުވަހަކު މާފެއްނުކުރާނަން..،" މައިރާގެ ރުޅި ގަދަވިވަރުން ވަގުތުން ބުމަ ކައިރިކޮށްލައިފިއެވެ. އެ އަޅި ދެލޮލުން ފެނުނީ ފިނިކަމެވެ. ދުނިޔޭގެ ހުރިހާ ރުޅިއެއް އެ ލޮލަށް ޖަމާވެފައިވާހެން ހީވިއެވެ.
"ހަމަ މާފު ނުދޭނީތަ؟ވީއިރު ހާދަ ބޮޑު ކުށެކޭ އަހަންނަށް ކުރެވުނީ...އަހަރެން ދެކުނީ އެއީ ލޯބިކަމަށް...އެރޭ އެކުރެވުނުކަމެއް ކުރެވުނީ ލޯބީގެ ޖޯޝުގަ... ބުނެދޭން ނޭނގޭހާ ބޮޑަށް ލޯބިވީމަ އަހަންނަށް އަމިއްލަ ނަފުސް ނުހުއްޓުވުނީ... ދެން ނުވާނެ އެކަހަލަކަމެއް... އަހަރެން އެއްގޮތަކަށްވެސް ނޭދެން އަހަރެންގެ ލޯބި ގާލްގެ ހަށިގަނޑަށް ކުޑަ ކުޑަ އަނިޔާއެއްވާކަށް... ހިތުގައި ކުޑަކުޑަ ކޫރުމެއްވެސް އެޅިޔަދޭކަށް... ބާރުގެ ބޭނުންކުރާކަށްވެސް... އޮޅިގެންވެސް އެފަދަކަމެއްވީތީ އަހަރެން މިވަރަށް މާފަށް އެދެނީ... ލޯބީގައި އެފަދަ ކަމެއް ހިގާފާނެ... ޕްލީޒް ޑާލިން.."ރެޔާން ހިތާމަވެރި ހިނިތުންވުމަކާއިއެކު އޭނަގެ އަތުގައި އޮތް މާބޮނޑި ދިއްކޮށްލައިފި އެވެ. 
މައިރާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ޔަގީނެވެ. ރެޔާންއަށް އެއީ އެއްވެސް ބޮޑު މައްސަލައަކަށްނުވިއެވެ. އޭނަ ހީކޮށްގެން އެހެރީ އެއީ ކުޅިވަރެއް ކަމަށް މައިރާވެސް ދެކޭނެކަމަށެވެ. ތިމާއަށް ކުރެވުނީ ކިހާ ބޮޑު ކުށެއްކަން ،ފާފައެއްކަން ހިތަށް ނޭރިއެވެ. ވާނީ އެހެންނެވެ. ކުޑައިރުއްސުރެ އެމެރިކާގައި އުޅެބޮޑުވީމަ އެހެރީ ނަސާރާއިންގެ ގޮތްތަކާއި އަޚުލާގު އަށަގެންފައެވެ. ލަދުގެކަންފުޅެއްވެސް ނެތެވެ. ދީނީ ކަމެއްނެތެވެ. އެ ބޮޑު ފާފަކޮށްފައި ތައުބާވާން ހިތަށް އެރިކަމެއްވެސް ނޭގެއެވެ. މައިރާ ވިސްނާލާފައި އެ މާބޮނޑި އަތުލިއެވެ.
"ބޮއިގެން ހުރެ ޑޭޓް ރޭޕްކުރުމަށްފަހު ލޯބިވާތީއޭ ތިބުނީ... ރެޔާން ހީކުރަނީ އަހަންނަކީ ކުޑަކުއްޖެއްކަމަށްތަ؟ އަހަންނަށްވެސް އެވަރު ވިސްނޭ.. ލޯބިވިނަމަ ނުކުރާނެ އެކަހަލަކަމެއް. ދުވަހަކު އަހަރެންދެކެ ތިމީހާ ލޯތްބެއް ނުވޭ..."މައިރާ ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްވިކާލަމުން ރުޅިވެރި ގޮތަކަށް ބުންޏެވެ. ރެޔާން ސިކުންތު ކޮޅަކަށް ދެ ލޯމަރާލީ އެ ލަފުޒުތަކުން ހިތަށް ކުރި ބާރަކުންކަން ނޭގެއެވެ. އޭނަ ޖަވާބެއްދޭން އުޅެނިކޮށް މައިރާގެ ބައްޕަ ގެއަށް ވެންނެވިތަން ފެނުމުން މައިރާވެސް ތަންކޮޅެއް މައިތިރިވެލާފައި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވި އެވެ.
"ރެޔާން...ކިހިނެއްތަ؟ " ޑޮކްޓަ އައިމަން ހިނިތުންވެލައްވަމުން، ރެޔާންގެ އަތުގައި ހިފާ ސަލާމްކޮށްލުމުން މައިރާވެސް ކުޑަކޮށް ބައްޕައަށް ބަލާލާފައި ހިނިތުންވެލިއެވެ.ރ ެޔާން ރަނގަޅޭ ބުނިއިރު ކުޑަކޮށް ރަކިވިކަން މައިރާއަށް އެގުނެވެ. ރެޔާން ކިތަންމެ ފިރިހެން ގޮތެއް ހުއްޓަސް ބައެއް ފަހަރު ލަދަކީ ކޯޗެއްކަން އެނގެނީކަން ނޭގެއެވެ. އޭނަގެ ގާތުގައި ބާރު ދައްކަދައްކާފައި ހިތަށް އައިހާގޮތަށް ކަންތައްކުރިޔަސް ބައްޕަމެން ފެނުނީމަ ބޮޑު ސިންގާ ފިރިހެނަކަށް ވީގޮތް އެހެރީއެވެ. އެންމެން ތިއްބާ ރެޔާން އޭނައާއިމެދު ކަންތައް ކުރިގޮތް ކިޔާދީފިއްޔާ އަދި ރެޔާން ލަދުން މަރުވެދާނެކަން ނޭގެއެވެ. އެހެންނޫނަސް ބައްޕަމެން ގާތުގައި ރެޔާންއަކީ ތަނެއްގެ ވެރިއެކެވެ. އިއްޒަތްތެރިއެކެވެ. ޝާހީ ޚާންދާނުގެ ޕްރިންސެކެވެ. ބައްޕަމެން އެހާވަރަށް ކަމޭހިތާތީ މީގެ ކުރިން މައިރާ އުފާވި ނަމަވެސް މިއަދު ހިތްހަމަނުޖެހުނެވެ. ރެޔާން ކުރި ކުށަށް ބައްޕަމެންވެސް އަދަބު ދޭންޖެހޭނެކަމަށް އޭނަ ދެކެއެވެ.
"ދަރިފުޅު ބަލިވާހަކަ މާމަ ބުނި... ކިހިނެއްވީތަ؟ ހާދަ ލޯ ދުޅައޭ... އެއްކަލަ އެލާޖީ ކަންތައްގަޑު ދޯ.. ހިނގާ ހުރިހާ ކުދިން ސައިބޯން..." އައިމަން މައިރާއަށް ބައްލަވާލެއްވީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. މައިރާ ކުޑަގޮތަކަށް ޖަވާބުދީފައި އެބައަންނަމޭ ކިޔާފައި ސިޑިން އަރައިގެން ދިޔައީ ދުވެލާފައެވެ. އޭނަ ކޮޓަރިއަށް ވަންގޮތަށް ޓައިލްސްޖެހި ތަޅުން މައްޗަށް މާބޮނޑި އުކާލާފައި ފައިން އެރިއެވެ. މައިރާ އެއްގޮތަކަށްވެސް ރެޔާން ގެ ފަރާތުން ހަދިޔާ ބޭނުމެއް ނޫނެވެ. އެ ލޯބިވަނީ ނިމުމަކަށް އައިސްފައެވެ. ރެޔާން އޭނަދެކެ ލޯބިވީނަމަ އޭނައާ ދޭތެރޭގައި އެގޮތަށް ކަންތަކެއްނުކުރާނެއެވެ. ރެޔާން އަށް ބާރު ދެއްކޭނީ އެއްފަހަރުއެވެ. މުއްސަދި މީހުން އަބަދުވެސް އެގޮތަށް ބޮޑާވެ ބާރު ލިބިފައިވާކަން އަންގަން ބޭނުންވާނެއެވެ. އެވަގުތު މައިރާ ހަނދާންވީ އައިޒާންގެ މަތިންނެވެ. އައިޒާން ހާދަ ގިނަފ ަހަރު ގުޅައިފިއެވެ. ހާދަ މެސެޖްތައް ފޮނުވައިފިއެވެ. މައިރާ ޖަވާބެއް ނުދެއެވެ. އޭނަގެވެސް ހިތެއްވާނެއެވެ. ދެރަވާނެއެވެ. އެއީ ރެޔާން އާއި ތަފާތު ރަނގަޅު މާތް ޒުވާނެކެވެ. މަޑުމައިތިރި ގޮތެއް ހުރެއެވެ.

މައިރާ އެނދުމައްޗަށް ބަންޑުން ވެއްޓިގަންނަމުން ދެއަތުން ބާލީހުގައި ތެޅިއެވެ. ރުޔެވެ. އަމިއްލަ ބަދުނަސީބާއިމެދު ޝަކުވާކުރިއެވެ. އޭރު މޯނާ ދޮރުގައި ޓަކިދީފައި ހުޅުވަން އެދެމުން ދިޔައެވެ. މޯނާ އައީ އޭނަ ސައިބޯން ތިރިއަށް ނައީމަ ކަމަށްވެދާނެއެވެ. ބައްޕަ ހީކުރައްވާނީ ރެޔާން އިނީމަ ލަދުން މައިރާ ފިލީކަމަށެވެ. ނަމަވެސް މައިރާ އެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖަހައިފި އެވެ.

މައިރާ މާބޮނޑި އަތުލުމުން ރެޔާންއަށް ލިބުނު ހިތްވަރަކަށްވިއެވެ. އެއީ މައިރާ މާފުދީފާނެކަމުގެ ހެއްކެކެވެ. ރެޔާން ދެރަވީ މައިރާ ސައިބޯން ނައުމުންނެވެ.ޝަމާއިލްވެސް އޭނަ ފެނުމުން ކަޅިއަޅާލާފައި ވަގުތުން ދިޔައީއެވެ. ރެޔާން، ޑޮކްޓަ އައިމަން އާއި ސުލްތާނާއާއި ވާހަކަ ދައްކަން ބޮޑު ކޮޓަރީގައި އިރުކޮޅަކު އިނދެލާފައި މައިރާއާ ބައްދަލު ނުވާނެކަން ޔަގީންވުމުން ގެއަށް ދާން ނުކުތެވެ. ރެޔާން ބޭނުންވި ވާހަކަ ނުދައްކާ ހުސްއަތާ ގެއަށް ދާންޖެހުމުން ތަބީއަތު ކޮންމެވެސް ވަރަކަށް ގޯސްވިއެވެ.

ރެޔާން އާއިއެކު އައިޒާން މޯލްއަށް ވަދެގެން ދިޔައިރު މިތަނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ރެޔާން މިތަނަށް އައި ބޭނުމެއް އައިޒާން ނާހައެވެ. ވަފާތެރި ޚާދިމެއްފަދައިން ރެޔާން އުޅޭގޮތާއި ދައްކާ ވާހަކަތަކާއި މެދު ސުވާލު ނުކޮށް އައިޒާން ހުންނަނީ ހިމޭނުންނެވެ. މިއަދު އެނޫން ގޮތެއް ނެތް ކަމަށް ހިތް ބުނާތީއެވެ. ނަމަވެސް އޭނަ ވެސް ދިޔައީ ހުވަފެންތަކެއް ދެކެމުން، މުސްތަގުބަލަށްޓަކައި އުއްމީދުތަކެއް ކުރަމުންނެވެ.
"މިއުޅެނީ އަންހެންކުއްޖަކަށް ހަދިޔާއެއްދޭން... ކޯޗެއްތަ ރަގަޅުވާނީ..." ރެޔާން ހުއްޓުނީ ގަހަނާތައް ހުރި ބައިގައެވެ. އައިޒާންގެ ލޯ ދިޔައީ ތަރަތަރަޖަހައިގެނެވެ. ކުލަކުލައިގެ އެސްތަކާއި ޖަވާހިރުތައް ޖެހި ރަނާއި ރިހީގެ ގަހަނާތައް ރީތިކަމުން ވަގުތުން ހަނދާންވީ މައިރާގެ މަތިންނެވެ. މިފަދަ ގަހަނާތައް އަޅާފައިވާއިރު އެ ދޮން ކަނދުރާއާއި އަތްފައި ހާދަ ރީތިވާނެއެވެ. ފަގީރު ކުއްޖަކަށްވީމަ އެ ކަނދުރާވަނީ ފަޅަށެވެ. އައިޒާންގެ ޚިޔާލަށް ވަގުތުން އައީ ހުދުރ ަނުގެގެ ސެޓެއް އެޅީމަ މައިރާ ރީތިވާނެ ވަރެވެ.
"ވަރަށް ރީތި.." އައިޒާން ނީލަމްއެއްގެ ވަށައިގެން ކުދި ޖަވާހިރުތައް ޖަހާފައިވާ ހުދު ރަނުގެ ސެޓްގެ އަގު އަހާލައިފިއެވެ.
"ފަންސާސް ހާސް..." ކައުންޓަރުގައި ހުރި އަންހެންކުއްޖާ ބުނެލި ޖުމްލައިން އައިޒާން ސިހުނެވެ. އޭނައާއި އެއްގޮތަކަށްވެސް އެކަށީގެންވާފަދަ އަގެއް ނޫނެވެ. ނަމަވެސް އެވަގުތު ހިތް ހާދަ ބޮޑަށް ބޭނުންވިއެވެ. އޭނަގެ ލޯބިވާ މައިރާއަށް މިފަދަ ރީތި އަގުހުރި ހަދިޔާއެއް ދެވޭނެ ދުވަހެއް އަވަހަށް އަންނާނެނަމައެވެ. ރެޔާންއަކީ ނަސީބުގަދަ އިންސާނެކެވެ. ރެޔާންގެ ލޯބިވެރިޔާ ފައިސާއިން ފެންވަރުވާލާނެވަރު އެ ވޮލެޓްގައި އެކަނިވެސް އެބަހުއްޓެވެ. އެމެރިކަން އެކްސްޕްރެސް ،އޭއީ ބްލެކްކާޑް އަދި ކްރެޑިޓްކާޑުޖަހާފައި ހުރިގޮތާއި އެ އަގުބޮޑު ލެދަ ވޮލެޓްއާއިމެދު ވެސް އެވަގުތު އައިޒާންގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ރެޔާން އެތަނުން ދެ ސެޓް ނެގުމަށްފަހު ޕާރްސަލްކުރުވިއެވެ. އަދި ސެމްސަން ގެލެކްސީ ނޯޓެއް ވެސް ގަނެލިއެވެ.

ރެޔާން އާއި އައިޒާން އެތަނުން ކޮފީ ބޮއިގެން ބޭރަށް ނުކުމެގެން އައިގޮތަށް ކާރަށް އެރިއިރުވެސް ރެޔާން ހުރީ އަވިއައިނު ޖަހާލައިގެންނެވެ. ރެޔާންގެ ރީތި ފުން ދެލޮލުގައި ފޮރުވިފައިވާ ރިހުމެއްވާކަން އައިޒާން ދެނެގަތެވެ. ރެޔާން ގާތުން ސަބަބު އަހާލަން ނުކެރުނަސް ރެޔާން މިއަދު ފެނުމުން އޭނަ އެހެން ދުވަހާއި ތަފާތުކަން އައިޒާން ދެނެގެންފިއެވެ. މިހާ މުއްސަދިއިރު ވެސް ހިތާމައެއް ކުރިމަތިވެދާނެހެއްޔެވެ؟ ރެޔާން ހިނިތުންވުމުގެ ތެރޭން ފޮރުވަން މަސައްކަތްކުރަނީ ކޮންފަދަ ހިތާމައެއްބާވައެވެ. އޭނަ ބޭނުން ކޮންމެ އަންހެންކުއްޖަކު އޭނަގެ ގާތަށް ރުހުމުން ނުދާނެހެއްޔެވެ؟ ރެޔާންގެ ކޮންމެ ހަރަކާތަކަށް މީހުންގެ ސަމާލުކަން ހުއްޓުނުކަން އައިޒާން ފާހަގަކުރިއެވެ. ރެޔާން މަޖާވެލާފައި މީހުން ހަމަ ބަލާބަލާ ފޫހިނުވާނެދޯ އޭ ބުނެލިއެވެ. އައިޒާން ވިސްނީ ރެޔާން ފޮނީ ކަމަށެވެ. ތިމާގެ މޮޅުކަމާއި ރީތިކަން ހިސާބަށް ވުރެ ބޮޑުވީމަ ބޮޑާކަމުގެ ހައްދެއްނެތެވެ. އައިޒާން މިފަދަ މަގާމެއްގައި ހުރި ދުވަހަކު އޭނަ އެއްގޮތަކަށްވެސް ރެޔާން ގޮތަކަށް ނޫޅޭނެއެވެ. އޭނަ މުއްސަދިވާން ބޭނުމީ އެންމެ މަގުސަދަކަށްޓަކައެވެ.

ކޮމެންޓް 0