ނޫން.. މިހާރަކު ނޫން.."މައިރާ ރެޔާންގެ އެކަތަފަދަ ބާރުގަދަ އަތުގެތެރޭން ނިކުންނަން ބޭކާރު މަސައްކަތްކުރި އެވެ.
"ބުނަންތަ ވާހަކައެއް.. އަހަންނަށް މިއަށްވުރެ މި މައްސަލަ އުނދަގޫ ނުކޮށް އަހަރެން ބޭނުންވާގޮތަށް ނިންމިޔަދީ... ވަރަށް ވިސްނާފަ ފެނުނު އެންމެ ރަގަޅުގޮތް.. އަހަރެން ބޭނުން މިރޭ އެހުރިހާ ދުރުކަމެއް ނައްތާލަން... ހަމަ މިހާރު... ދެން ނޫނެކޭ ނުބުނާތި..."ރެޔާން ވާހަކަ ދެއްކިލެއް އަމުރުވެރިކަމުން މައިރާ ބިރުގަންނަ ގޮތްވިއެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ރެޔާން އޭނަ ބިރުގަންނަވަން ސަމާސާއެއްކޮށްލަނީބާވަ އެވެ.
މައިރާ ރެޔާން ކޮށްޕާލަން އުޅުމުގެ ގުޑުވައެއް ނުލެވުނެވެ. އަދި ހައްތަހާ އަތުގެ ދާއިރާ ހަނިކުރިއެވެ. ރެޔާން ބުނީ މައިރާގެ ދޮންބެ މައިރާގެ ކާވެނި އެހެންމީހަކާއި ކުރުވަން ހަމަޖައްސަމުންދާކަމުގަ އެވެ. މިފަދަ ގޮތަކަށް ދެން ބައްދަލުވުމުގެ ފުރުސަތެއް ދުވަހަކު ނުލިބޭނެކަމާއި ދެމީހުން ގުޅެން މައިރާގެ ދޮންބެވެސް ގަބޫލުވާނެ ގޮތެއް މި ނޫނިއްޔާ ނެތްކަމުގައެވެ. މައިރާ އެއްގޮތަކަށްވެސް އެފަދަ ފާފައެއްކުރަން އެއްބަހެއްނުވިއެވެ. ބައްޕަ އަދި ދޮންބެވެސް ފަހަރެއްގައިވެސް އޭނަގެ ރުހުމާއި ދެކޮޅަށް ގަދަކަމުން މީހަކާއި ކާވެނި ނުކުރުވާނެކަމުގެ ޔަގީންކަން ރެޔާންއަށް ދިނެވެ.
"ރެޔާން މޮޔަނުވޭ... އަހަރެން ބޭނުން ހަމަ މިހާރު ގެއަށް ދާން..."މައިރާ ރެޔާންއާއި ހަތަރުކަޅި ހަމަކުރަމުން އެހެން ބުނިއިރު އެ އަޑުގައި ރުޅިވެރިކަން އެކުލެވެއެވެ. ރެޔާން އަނގަޔަށް ގޮތެއް ހަދާލާފައި ގޮތްހުސްވެފައިވާފަދަ ގޮތަކަށް ބޯ ހޫރާލަމުން ދުރަށް ޖެހުނީ ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން ވިސްނިގެންނެވެ. މައިރާ ހެދުން ނެގިއެވެ.
"އައިމް ސޮރީ އެންޖެލް. .ހަމަ މަޖުބޫރުވީ.. މާފުކޮށްދޭތި..."ރެޔާން މޭޒުމަތީގައި ހުރި ކޯކް ތަށިން އެތިފޮދެއް ބޯލުމަށްފަހު މައިރާގެ ކުރި ބެއްދިއެވެ. އެވަގުތު މައިރާއަށް ރެޔާން ފެނުނީ ނުރައްކާތެރި ވެމްޕަޔަރެއްގެ ގޮތުގައެވެ. މައިރާގެ ހިތަށް ލިބުނު ބިރުވެރިކަމާއިއެކު އޭނަ ބުނީ ރެޔާން މަޖުބޫރުން ކަމެއްކޮށްފިއްޔާ މައިރާ އަބަދުގެ އަބަދަށްޓަކައި ގެއްލުނީ ކަމަށާއި، މާފު ނުލިބޭނެ ކަމަށެވެ. ނަމަވެސް ރެޔާން ގެ ވިސްނުން ތަފާތެވެ. އޭނަ ޚިޔާލުކުރި ގޮތުން މައިރާ އަދި ހަމަޖެހިދާނެ އެވެ. މައިރާގެ ދެކޮޅު ހެދުންތަކުން ރެޔާން އެންމެފަހުން ރުޅިއަންނަގޮތްވި އެވެ. އޭނަދެކެ ލޯބިނުވެ އެހެން މީހަކު ބޭނުންވަނީދޯއޭ ވެސް އަހާލިއެވެ. ރެޔާން އަށް މައިރާ ކުރި އާދޭސްތަކަށް ބީރުކަންފަތެއް ދީފައި ރެޔާން އޭނަގެ ހިތް ބޭނުންވާ ގޮތަށް ކަންތައްކުރިއެވެ. އޭނަ މިހުރިހާ ދުވަހު ހިފަހައްޓައިހެން ހުރި ހުރިހާ އުސޫލުތަކެއް މުގުރާ، ސުންނާފަތިކޮށްލިއިރު ފަހުން ދިމާވެދާނެ މައްސަލަތަކަށް ކުޑަކޮށްވެސް ވިސްނައެއް ނުލިއެވެ. މައިރާގެ ހަޅޭއްލެވުންތައް ބޯވާރޭގެތެރެއަށް އޮބިގެން ދިޔައެވެ.ފުރަތަމަ ފަހަރަށް މިރޭ މައިރާގެ ދެލޮލުން ބަންޑުންވެގެން އައި ބޮޑެތި ކަރުނަތިކިތައް ރެޔާންއަށް ފެނުނެވެ.

ރެޔާންއަށް ހަމަހޭވެރިކަންވިއިރު އޭނަގެ އަތުން އެ ގޯސްހެދިއްޖެ އެވެ. އޭރު ބޭރުގައިވި ތޫފާންވެސް މައިތިރިވެއްޖެއެވެ. މައިރާ ކަކޫ މޭގައި ޖައްސާލައިގެން އޮވެ ގިސްލަމުންދާ މަންޒަރު ފެނުމުން ރެޔާންގެ ލޯ ކަރުނުން ފުރުނެވެ. ދުވަހަކު އެ ލޮލުގައިވި ސިހުމާއި ކަންބޮޑުވުން އަދި މަޖުބޫރީ ރެޔާންގެ ހިތުން ފިލައިގެން ނުދާނެއެވެ. މުޅި އުމުރަށްވެސް އެ ވޭނީ ހަޅޭއްލެވުން ކަންފަތުގައި ހަރުލާފައިވާނެކަންނޭގެއެވެ. އެހެންނޫންނަމަ ކާވެނީގެ ރޭ މައިރާގެ ލޮލުން ފެނުނީހީ އުފާވެރިކަމުގެ އެންމެ މަތިވެރި ދަރަޖައެވެ. އަދި އެ ރީތި ތުންފަތުން އިވިގެންދާނީ ހަމައެކަނި އޭނަގެ ނަމެވެ. އެކަމަކު ބާރުގެ ބޭނުންކޮށްގެން އޭނަމިވަނީ އެ އުފާވެރިރޭ ބަރުބާދުކޮށްލާފަ އެވެ. ރަހުމެއްނެތި އެ މާ ނޮޅާލާފައެވެ. ހިތާމަހުއްޓެވެ. ރެޔާންއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. އޭނަ ފާޚާނާއަށްވަދެ މޫނަށް ކެޑިނޭޅިފެން އޮއްސަމުންދިޔަ އެވެ. އެތައް ވަގުތުތަކެއް ފާޚާނާފައި ވޭތުކޮށްލުމަށްފަހު،ތުވާލިން މޫނު ހިއްކަމުން ބޭރަށް ނިކުތެވެ. އޭރު މައިރާ ހެދުން ލަނީއެވެ.
"އެންޖެލް.." ރެޔާންއަށް ގޮވާލެވުނެވެ. މައިރާ ބަލާލީ ހުވަފެނެއްގައިވާ ކުއްޖެއްހެނެވެ. އެ އަޅި ދެލޮލުން އެވަގުތު ރެޔާންއަށް ފެނުނީ ހިތްހަލާކުކޮށްލާފަދަ އަސަރުތަކަކާއިއެކު، ބީރައްޓެހިކަމެވެ. އެދެމެދުގައި ވަރުގަދަ ބީރައްޓެހިކަމުގެ ފާރެއްލެވިގެން ހިނގައްޖެ އެވެ. ރެޔާން ގެ ހިތް ކުދިކުދިވެގެންދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ކުށްވެރިކަމުގެ އިހުސާސުން ސިކުނޑި ފުރުނެވެ. މައިރާގެ އުފާވެރިކަން ނިގުޅައިގަނެވުނީބާވައެވެ. ނަފްސާނީ ގެއްލުމެއް ނުލިބޭނެބާވައެވެ. މައިރާ އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނިކުމެގެން ދާން ހިގައިގަތުމުން ރެޔާން ފަހަތުން ގޮސް މައިރާގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަބުރާލައިފި އެވެ.
"އަހަރެންގެ ގައިގާ އަތްނުލާތި..."މައިރާ ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގަނެފައި، ކުއްލިއަކަށް މޫނުގައި ދެއަތްއަޅައިގެން ވޭނީ ގޮތަކަށް ރޮއިގަތެވެ. ރެޔާން އޭނަގެ މޭގައި މައިރާ ޖައްސާލަން އުޅުމުން މައިރާ އެ އަތުތެރޭން ފޮޅުވިގަންނަން އުޅެފައިވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން ގިސްލަމުން ރެޔާންގެ ޓީޝާޓްގައި މޫނުފޮރުވަން ޖެހުނީ މަޖުބޫރު ވެގެންނެވެ. މައިރާގެ ކަރުނަތަކުން ރެޔާންގެ ޓީޝާޓް ތެމި މެޔަށްފިނިވެގެން ދިޔައެވެ.އޭރު ރެޔާންގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެންމެ ފަހުން މިކަންތައް ނިމިގެން ދިޔައީ ދެމީހުންވެސް ބޭނުންނުވާފަދަ ގޮތަކަށެވެ.
"ހެޔޮނުވާނެ...އަހަންނަށް ކަމެއްކޮށްދެންޏާ ދެންވެސް އަހަރެން ގެއަށް ގެންގޮސްދީ..."މައިރާ ރޮމުން ބުނެލިއެވެ. ރެޔާންހުރީ ވަރަށް ދެރަވެފައެވެ. މިވަގުތު އިތުރަށް މައިރާ ދެރަކޮށް ރޮއްވާކަށް އޭނަ ބޭނުމެއްނޫނެވެ. އެކަކަށްވެސް މިވީހާތަނަށް މައިރާ ރޮއްވާލުމުގައި ކާމިޔާބުކޮށްފައިނުވާއިރު މިރޭ މައިރާގެ ލޮލުން ކަރުނަ ނުހިފެހެއްޓެއެވެ. ހީވަނީ މިހުރިހާ ދުވަހަށްވާ ވަރަށް މައިރާ ކަރުނަ އޮއްސަން ގަސްތުކޮށްފައިވާހެނެވެ.
"މޫނު ދޮވެލައިގެން ދާނީދޯ... އެހެންނޫނީ ފެންނަކޮންމެ މީހަކަށް ޝައްކުވާނެ..." ރެޔާން ފާރަށް ލެނގިލަމުން މަޑުމަޑުން ބުނެލިއެވެ. މައިރާ ބަސްއަހާ ކުޑަކުއްޖެއްފަދައިން ވަގުތުން ފާޚާނާއަށްވަދެއްޖެއެވެ. އިރުކޮޅަކުން އެބުރިއައީ މޫނުދޮވެލައިގެންނެވެ. ނަމަވެސް އެ ލޮލުން ކަރުން ހިކޭގޮތެއް ނުވިއެވެ. ރެޔާން ހިމޭންކަމާއިއެކު ގޮސް ކާރުގެ ދޮރުފަތްހުޅުވާލަދިނުމުން މައިރާ ކާރަށް އެރިގޮތަށް ކަކޫމޭގައި ޖައްސާލަމުން ނިޔަފަތީގައި ދައިގަތެވެ. ރެޔާން ކިތަންމެ ވަރަކަށް މައިރާ ހިތްހަމަޖައްސައިދޭން ބޭނުން ވިޔަސް މިފަދަ ވަގުތެއްގައި އެންމެ ރަގަޅުވާނީ އަޅާނުލައި ދޫކޮށްލުން ކަމަށް ވިސްނުނެވެ. ނަމަވެސް އޭނަގެ އެސްފިޔަތައް ވެސް ކަރުނުން ތެމެމުން ދިޔައެވެ. މައިރާގެ ގެއާ ހަމަޔަށް ކާރު ހުއްޓާލުމާއިއެކު އޭނަ ކާރުން ފުންމާލައިގެން ވައިރޯޅިއެއްހާ ބާރުމިނުގައި ގެއަށްވަދެގެން ދިޔައެވެ. އޭރު އެގޭ ފާރުކާރީގައި އަންވަރު ސިނގެރެޓެއް ބޯން ހުރިތަން ފެނުމުން ރެޔާންގެ ބުމަގޮށްޖެހުނެވެ. އެއީ މަޑުން ހުއްޓަސް ވަރެއްގެ ފިރިހެނެކެވެ. އޭނަ ބަދުނާމުކުރަން ދޮގު ވާހަކަތައް ޝަމާއިލްގާތު ދެއްކީ މި މީހާކަން ޔަގީނެވެ.
ރެޔާން ފެންޑާގައިވާ ދިގު ގޮނޑިއެއްގައި އޮށޯތެވެ. މައިރާ އެފަދަ ގޮތަކަށް އެކަން ނަގާފާނެ ކަމަށް ރެޔާން ހިޔެއްނުކުރެއެވެ. ލޯބިވެރިޔާގެ ކޮންމެ ޢަމަލަކަށް މަރުޙަބާކިޔާފަދަ އަންހެންކުއްޖަކަށް މައިރާ ނުވިއެވެ. ނަމަވެސް އެއީ މައިރާގެ މިޒާޖެވެ. އެކިކުދިންގެ އުސޫލު ތަފާތުވާނެއެވެ. ރެޔާންގެ ހިތުގައި އުފެދިފައިވާ ބިރަކީ މައިރާ ދެން ހަދާނެގޮތެއް ނޭގޭތީއެވެ. ނަމަވެސް މިރޭ އެވަގުތުކޮޅު މައިރާ ކަންތައް ކުރިގޮތުން ރެޔާންއަށް ވަނީ ބުނަން ނޭގޭފަދަ އަސަރުތަކެއްކޮށްފަ އެވެ. ލަދުވެތިކަމާއި އެއްވަރަށް ކުށުގެ އިހުސާސްކުރެވި ހިތްކުދިކުދިވަމުންދާ ކަމުގައި އިރުކޮޅަކަށް ހީކުރެވުނެވެ.
ރެޔާންގެ އެސްފިޔަތަކުގެ ތެރޭން އޭރުވެސް ފެންނަމުން ދިޔައީ މައިރާ ގެ ރީތިކަމެވެ. އޭނަ މައިރާ ކުޑައިރު ފެނުމުން"މާބްލް" ކިޔަންފެށީ ވެސް މައިރާ ހުންނަލެއް ލޯބިކަމުންނެވެ. އެހާ ވަށްމޫނުކޮޅެއްލާފައި ބޮޑޮބޮޑު ދެލޮލާއި އަޅިދެލޯ ހުރުމުން އޭރުއްސުރެ ރެޔާންއަށް މައިރާ ޚާއްސަވިއެވެ. ރެޔާން ކުޑައިރު މަންމަމެންގާތުގައި ވެސް އެއީ މާބްލްއެއް ދޯ އޭ ބުނުމުން އެންމެން ހީހީ ހަލާކުވިއެވެ. އެފަހުން އޭނައަށް މައިރާ ސިފަކުރެވެންފެށީ ބުދެއްހެނެވެ. ތަންކޮޅެއް ވިސްނޭވަރުވުމުންވެސް އޭނަ އެންމެނަށް ސިއްރުން މައިރާއަށް މާބްލް ކިޔަންފެށިއެވެ. އެފަހުން މިއީ ކޮން ޒަމާނެއްހެއްޔެވެ؟ ކުޑައިރު ވެވުނު މައުސޫމް ލޯބިމިވަނީ ދީވާނާ ލޯތްބަށް ވެފައެވެ. މިވަރުން ކެތްކުރާނީ ކިހިނެއްހެއްޔެވެ؟
ރެޔާން މައިރާގެ ފޯނަށް އެތައްފަހަރު ގުޅިއެވެ. މެސެޖްކުރިއެވެ. މައާފަށް އެދި އާދޭސްކޮށްފައި އެތައް ގޮތަކަށް މެސެޖްކުރިއެވެ. ލޯބިވާވަރު ބުނެދިނެވެ. މައިރާ ގެ ޚަބަރެއްނުވުމުން ރެޔާން ހީކުރީ މައިރާއަށް ނިދުނީކަމަށެވެ. ހެނދުނުވާއިރަށް މައިރާ ހަމަޔަކަށް އެޅޭނެ ކަމަށެވެ. ރެޔާން އެފަދަ ޚިޔާލުތަކެއްކޮށްގެން ހިތްހަމަޖައްސާލައިގެން ގެއަށްވަދެ އެނދަށް ވެއްޓިގަތެވެ. އެނދުގެ އަނެއް ފަޅީގައި މައިރާ އޮންނާނެ ނަމައެވެ. އޭނަ ގާތުގައި އަބަދަށްޓަކައިވާނެނަމައެވެ. ބުނަން ނޭގޭފަދަ އިންތިޒާރަކުން ހިތް ތެޅެމުންދިޔައެވެ. މިރެއަށްފަހު އޭނަގެ ހިތް މައިރާއަށް މާބޮޑަށް ބޭނުންވާންފަށައިފިއެވެ. އެ ރީތިކަން މިލްކުކުރަން މިހާ ބޭނުންވި ފަހަރެއް ނާދެއެވެ. ރެޔާން ނިތްކުރީގައި އަތްބާއްވައިގެން އެތައް އިރެއްވާންދެން ނުނިދިފައި އޮތެވެ.

ހެނދުނު ތެދުވިގޮތަށް ރެޔާން އޮފީހަށް ދާން ތައްޔާރުވާންފެށި އެވެ. މައިރާ ގެ މެސެޖެއް ލިބިފައެއްނެތެވެ. އަދިވެސް މައިރާގެ ތަބީއަތު ހަމަޔަކަށް ނޭޅެނީކަން ނޭގެއެވެ. ފަހުން ރަގަޅުވާނެއެވެ. ރެޔާން ލޯގަނޑު ދޮށުގައި ހުރެ ގަމީހުގެ އަތުކުރި ކުޑަކޮށް އޮޅާލާފައި ކަރުގައިވާ ޓައީ ރަނގަޅުކޮށްލައިފި އެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ސެންޓު ޖަހާލުމުން ރެޔާން ގެ ސިކުނޑި އިތުރަށް ތާޒާވިއެވެ. ރޭގެ ހަނދާންތައް އާވެ ކޮންމެވެސް ވަރަކަށް ދެރަވިނަމަވެސް އޭނަ ޔަގީންކުރަނީ އޭނަގެ ރޭވުން ކާމިޔާބުވާނެކަމުގައެވެ. އޭނަގެ ހިފެހެއްޓުމެއްނެތް ލޯބިން މައިރާގެ ކަރުނަތައް ހުއްޓުވިދާނެއެވެ. އެކަމަކު މިވީގޮތުން އެހެން ފިރިހެނަކަށް މައިރާ ކާމިޔާބުވުމުގެ ފުރުސަތު މުޅިންހެން ނެތިގެންދިޔައީ އެވެ.
ރެޔާން ކާރުދުއްވަމުންވެސް އެތައްފަހަރު މައިރާއަށް ގުޅިއެވެ. އެންމެފަހުން މާ ވިއްކާ ފިހާރައަކަށް ގުޅާފައި ފިނިފެންމާ ބުކޭއަކަށް އޯޑަރ ދިނުމަށްފަހު ދުވަހުގެ ތާވަލް ރާވަން ޓެބްލެޓް ނެގިއެވެ. ދުވާލުގެ މަސައްކަތްތަކާއި މަޝްއޫލުވެ ރޭގެ ހަނދާންތައް ހިތުން ފިލުވާލަން ކިތަންމެ މަސައްކަތްކުރިޔަސް މަސައްކަތާއި ގަޔާވެވޭގޮތެއްވެސް ނުވިއެވެ. މައިރާގެ ޚިޔާލުތައް ހިތަށް ވެރިވެފައިވަނީ މާބޮޑަށެވެ. އޭނަ ގޮނޑިން ތެދުވެގެން ގޮސް ދޮރުގައި ދަމާފައިވާ ބްލައިންޑްސްތައް ދުރުކޮށްލާފައި ބޭރަށް ބަލަން ފެށިއެވެ. މިހިސާބުން މަންޒަރުތައް ފެންނަލެއް ވަރަށް ހިތްގައިމެވެ. ރޭގެ ގަދަ ވިއްސާރަ މައިތިރިވެ އިރުގެ ދޯދިތައް އެ ވިލާތައް ފުރާނާލާފައި ބިމުގެ ސަތަހަ އަލިކުރަން ފަށައިފިއެވެ. ހީވަނީ މިހުރިހާ ދުވަހު ހެދި ވިއްސާރަ އަލިވެ ދުނިޔެއަށް އުފާވެރި، ރީތި ދުވަސްތަކެއް އަންނަންއުޅޭކަން އިޢުލާންކުރަމުންދާހެނެވެ.
"މޭއި...ކިހިނެއް ތިހެދީ... އެހާ ކުޑަކަމަކާ މިވަރަށް ރުޅިއަންނަން ޖެހޭތަ؟ ދުވަސްކޮޅަކުން އަހަރެންގެ މީހަކަށް މޭއި ވާން ހަމަޖެހިފައިއޮތްއިރު ތަންކޮޅެއް ކުރިން އެފަދަ ގުޅުމެއް ބޭއްވުން އެއީ މައްސަލައެއްތަ؟ ގަބޫލުކުރަން އަހަރެން ބާރުގެ ބޭނުންކުރިކަން... އެކަމަކު ހަމަ ކެތްނުކުރެވުނީ.." ރެޔާން ވިސްނަންހުރެފައި އަނެއްކާ މައިރާގެ ފޯނަށް ގުޅިއެވެ. މިފަހަރު މައިރާ ފޯނު ކަޑާލުމުން ރެޔާން ސިހުނެވެ. ގަބޫލުކުރުން ދަތިގޮތަކަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. މައިރާ ހާދަ ބޯހަރެވެ. ގޮތްދޫނުކުރެއެވެ. އެންމެ ރަގަޅެވެ. ރެޔާން ،ފިނިފެންމާބޮނޑިދީފައި މައާފަށް އެދުމުން މައިރާ މުޅިން ހަމަޖެހިދާނެއެވެ.
ރެޔާން އޭނަގެ އެކުވެރިއަކަށް ގުޅާފައި ކާވެނީގެ ފޯމެއް ގެނެސްދިނުމަށް އެދުނެވެ.

ރެޔާން އުއްމީދު ގެއްލުވާނުލައި މައިރާ އާއި އޭނަގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުންދާއިރު މައިރާގެ ހިތުގައިވާ ރުޅިވެރިކަމާއި ހިތާމަ ދިޔައީ ބޮޑުވަމުންނެވެ. ހެނދުނު ސައި ނުބޮވުނުތާގައި މެންދުރު ކާހިތެއްވެސް ނުވިއެވެ. އޭނަ ރޮމުން ރޮމުން ގޮސް ދެލޯފާރުވާވަރުވިއެވެ. މައިރާ ގޭތެރޭގައި އަވިއައިނު އަޅައިގެން އުޅޭތީ މާމަ ސުވާލުކުރުމުން ބުނީ ގަދަޔަށް އަދިރަފުސްއަޅައިގެން އުޅޭތީ ކަމަށެވެ. މާމަ ވަގުތުން ގަބޫލުކުރިއެވެ. މިހާ ވިއްސާރަ ދުވަސްކޮޅެއްވީމަ ހަގީގަތުގައިވެސް މައިރާ ބަލިވެދާނެއެވެ. މާމައާއި މޯނާ އިރުއިރުކޮޅާ އިނގުރު ސައިފަދަ އެއްޗެހި ގެނެސްދެއެވެ.
ޝަމާއިލް ޑިއުޓީ ނިންމާލާފައި ގެއަށް އައުމާއިއެކު މައިރާ ބަލިކަން އެގުމުން ވަގުތުން ދިޔައީ އެކޮޓަރިއަށެވެ. އޭރު މައިރާ އޮތީ މުޅިގައިގާ ރަޖާ އަޅައިގެން، އެނދުގައި ކުރުގެޅިލައިގެންނެވެ. އެހެން އޮތްއިރު އޭނަ މަޑުމަޑުން ކުކުރަމުން ދިޔައެވެ.
"އޭ ސްވީޓްހާޓް... ކިހިނެއްވެގެން ތިއުޅެނީ؟ ދޮންބެއަށްވެސް އަންގައިގެން އުޅެބަލަ..." ޝަމާއިލް މައިރާގެ އަތުގައި ހިފާލިއިރު އަބަދުވެސް ފިނި އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއްހެނެވެ. އަތްވަނީ ތެތްކޮށެވެ. ޝަމާއިލް މައިރާގެ ލޮލުގައިވާ އަވިއައިނު ނެގުމާއެކު ސިހިގެންދިޔައެވެ. ރޮއިރޮއި އެ ރީތި ދެލޯވަނީ ދުޅަވެއަރާފަ އެވެ. އެލޮލުގައި ކަރުނައިގެ ބޮޑެތި ތިކިތައް ވިދައެވެ. އޭނަގެ ކޮއްކޮ ގެ ލޮލުން ކަރުނަ އޮހުމަކީ ނުވާނެ ކަމެއްކަމަށް ޝަމާއިލް ހީކުރިއެވެ .އެއްވެސް މީހަކަށް މައިރާ ރޮއްވާ ނުލެވޭނެކަމަށް ދެކުނެވެ. ކޮއްކޮ ރޯތަން ފެނުމުން ޝަމާއިލްއަށް ވަރަށް އަސަރުކުރި އެވެ. މައިރާ ކިތަންމެ ބޮޑު ބައްޔެއްވިޔަސް މިފަދަ ގޮތަކަށް ރޮއި ނަހަދާނެކަމާއި ކޮންމެވެސް އެހެން މައްސަލަގަނޑެއްކުރިމަތިވެގެން އުޅޭކަން ޝަމާއިލް ދެނެގަތެވެ. ރެޔާން އާއި ޒާލީގެ ގުޅުން މައިރާއަށް އެގުނީބާވަ އެވެ.
ރެޔާންއާއި މައިރާއަކީ މިހާރު އެ ޚާންދާނުގައި އެންމެ ރީތި އެއް ޖޯޑުކަމުގައި މަޝްހޫރުވެފައިވާ ދެލޯބިވެރިންނެވެ. އެހާ އަވަހަށް އެސްފީނާޖެހުނީ އެންމެން ތައުރީފުކޮށް ހާދަ ގުޅެޔޭ ކިޔާވަރުންކަން ނޭގެއެވެ. ނަމަވެސް ރެޔާން ބޭވަފާތެރިއެއްވެއްޖެއްޔާ މައިރާ ހިތާމަކުރުމުގެ ބޭނުމެއް ޝަމާއިލްއަކަށް ނުފެނުނެވެ. ޝަމާއިލްގެ އެކުވެރި ޑޮކްޓަރުންގެތެރޭގައި ރެޔާންއާއި ވާދަކުރެވޭނެ ޒުވާނުން އެބަތިއްބެވެ

ކޮމެންޓް 0