ޝެލް. ހަދާނެއްނުވޭތަ އެއްކަލަ ރޭމަތިން. އެދުވަހާއި ތަފާތުކޮށް އުޑުމަތި ކިހާ ރީތި. އަހަރެމެންގެ ލައިފް އުފާވެރިވެދާނެ ކަމުގެ ނިޝާންތައް ދޯ...." އައިޒާން އީޝަލްގެ ވިހުރެމުންދިޔަ ނުކިޔަމަންތެރި އިސްތަށިކޮޅުތައް މޫނުމަތިން އެއްފަރާތްކޮށްލަ ދިނެވެ. އައިޒާންއަށް މައިރާގެ ފަން އިސްތަށިގަނޑާއި، އީޝަލްގެ ބުޅި ބުޅި އިސްތަށިގަނޑުވެސް އެވަގުތު އަޅުވާ ކިޔުނެވެ. ކުރީގައި އޭނައަށް ބުޅި އިސްތަށިގަނޑު އެއްގޮތަކަށްވެސް ރީއްޗެއް ނުވެއެވެ. ނަމަވެސް މިހާރަކަށް އައިސް އޭނައަށް އީޝަލްގެ "މެރީޑާ" އިސްތަށިގަނޑަކީ އީޝަލްގެ ރީތިކަމުގެ އެންމެ ބޮޑުބައި ކަމަށް ގަބޫލު ކުރެވިއްޖެ އެވެ. ހިތްކިޔާފަދަ ގޮތެއް އެ އިސްތަށިގަނޑުގައި ވެއެވެ.

"ޒާން. އަހަރެންގެ ހަގީގީ މަންމަމެންވެސް ކިހާ ލޯބިން އުޅުނީ. ޒިޔާމާ މަންމަ ކިޔާދޭނެ އެއީވެސް ރޯމިޔޯ ޖޫލިއެޓް އެކޭ ކިޔާފައި އެމީހުން އުޅުނު ގޮތްތައް. އަހަރެންވެސް ބޭނުން ވަނީ އެހާ ރޮމެންޓިކް ލައިފެއް...." އީޝަލް ހުވަފެނީ ގޮތަކަށް އައިޒާންގެ މޫނަށް ބަލައިލަމުން ބުންޏެވެ. އީޝަލްއަކީ ޒިޔާމާގެ ކޮއްކޮއެއްގެ ދަރިފުޅެވެ. އޭނަ އެމެރިކަން ޕައިލެޓަކާއި ކާވެނިކޮށްގެން ވަރަށް ލޯބިން އުޅެނިކޮށް ދިމާވި ވައިގެ ހާދިސާއެއްގައި ދެމަފިރިން އެކީގައި ނިޔާވީއެވެ. އެއަށްފަހު ތުއްތު އީޝަލް ބެލުމުގެ ޒިންމާ، ޒިޔާމާ ނަގައި އަމިއްލަ ދަރިއެއްގެ ގޮތުގައި ބޮޑުކުރީއެވެ. އެދެމަފިރިންވެސް އީޝަލްހާ ރީއްޗެވެ.

"އަހަރެން އެހާ ރޮމެންޓިކް އެއްނޫން ދޯ..." އައިޒާން ހިނިތުންވެލިއެވެ.

"ޒާން ވަރަށް ރޮމެންޓިކް. އެކަމަކު ބޭނުން ނުވަނީ އެބައި އެހާ ބޮޑަށް ދައްކަން. ވަން މޯ ތިންގް. މިއަދު ޒާން މަންމަގެ ޕާސަނަލް ވާހަކައެކޭ ކިޔާފައި ޒާން ކިޔާނުދޭން އުޅުނުހާ ސިއްރުތައް މަންމަ ކިޔައިދީފިއޭ. ނާޒިމް އަކީ ސަބީންގެ ބައްޕަ....." އީޝަލް ސަމީނާ ދެއްކިހާ ވާހަކަތަކެއް ދެއްކުމުން އައިޒާން އަށް މަޖާވިއެވެ.

"މަންމަ ޝެލް އަށް ވަރަށް އިތުބާރު ކުރީމަ އެކިޔައި ދިނީ. އާއްމުކޮށް މަންމަ ވަރަށް ހިތް ހުޅުވާނުލާނެ. އޭރު އަހަރެން ބައްޕައަކީ ކާކުކަން ނޭގިގެން އާދޭސްކޮށްކޮށް ބަލިވީއިރުވެސް އެވާހަކައެއްވެސް ނުބުނި. ވަރަށް ފަހުން އެގުނީ މަރުވިކުއްޖާގެ ބައްޕައަކީ ނާޒިމްކަން. އެދުވަހު މަންމަ އެވަރުން ގެއަށް އައިސް އަހަރެން ގާތު ބުނީ ސަބީންގެ ބައްޕަ މަންމަ އާއި މެރީ ކުރަން ބޭނުންވެގެން އުޅޭކަމަށް. މަންމަގެ މޫނުމަތިން ދުވަހަކު އުފާވެރިކަމެއް ނުފެންނަ ވަރަށް އުފާވެރިކަން ފެނުމުން އަހަރެން ވެސް އެއްބަސްވިން. އެހެންނޫނަސް މަންމަވެސް އެކަނިވެރި ވާނެ. އަދި ނާޒިމް އަކީ މަންމަގެ ފަސްޓް ލަވް. ސަޅިކޮށް އެ ލަވް ސްޓޯރީ ނިމުނީ. އެކަމަކު މަންމަވެސް ހާދަ ހާލުގައި އުޅެފައި އެނަސީބު ލިބުނީ. މަންމަ އިހުސާސްތައް ފޮރުވައިގެން އުޅުނަސް ހިތާމަވެސް ކުރާނެ ދޯ. އަހަރެން މަންމަގެ އަމިއްލަ ދަރިއެއްނޫންކަން އެގިހުރެވެސް އެހެން ކުދިންނާއި ތަފާތު ނުކޮށް ބަލައިދިނީތީ އަހަރެން މިހުންނަނީ ދަރަނިވެރިވެފައި، އެހެންވެ މިއުޅެނީ އަހަރެންގެ އަމިއްލަ ޚަރަދުގައި މިއަންނަ އަހަރު މަންމަ އާއި ނާޒިމްބެ ހައްޖަށް ފޮނުވަން ވެގެން. އެއީ މަންމަ އަބަދު ދެކޭ ހުވަފެނެއް ވީމަ...." 

އައިޒާން ގެ އެ ވާހަކަތަކުން އީޝަލްގެ ހިތުގައި އައިޒާންގެ ގަދަރު މާބޮޑުވެގެން ދިޔައެވެ. މުއްސަދި ޝާހީ އާއިލާއެއް ލިބުމުންވެސް އައިޒާން އޭނަ ބަލާބޮޑު ކުރި ނިކަމެތި އަންހެން މީހާ އެއްލައެއް ނުލިއެވެ. ސަމީނާގެ ހުރިހާކަމެއް ބަލަހައްޓައި އެހާ އެހީތެރިވެދީ ހަދައެވެ. އަދި ކޮންމެދުވަހަކުހެން މަންމައަށް ޒިޔާރަތްކުރެއެވެ. ފޯނުކޮށްވެސް ޚަބަރު ބަލައިލައެވެ. 

"އޯވް ޒާން. ހާދަ ރަނގަޅޭ...." އީޝަލް އައިޒާންގެ މޫނުގައި އަތްތިލަ ބީއްސާލަމުން މަޑުމަޑުން ބުނެލިއެވެ.

"ރަނގަޅު ވީމަ އެއްނޫން ޕްރިޓީ. ލާރި ހުރީމަ މިއަދު ކޮންމެކަމެއްވެސް ކުރެވިދާނެ އިންޝާﷲ......" އައިޒާން ގެ ކަނޑެއްފަދަ ދެލޯ އަނދިރީގެ ތެރެއިންވެސް ހީވަނީ ދަގަތްފާނުގެ ބާރު އެކުލެވޭ ހެންނެވެ. އެލޮލުގައި ހުންނަ ގޮތަކުން ގައިން ހީބިހިހަލުވާލިއެވެ.

"ލާރި ބަންޑުންވިޔަސް މަންމަމެންނަށް ނުބައިކޮށް ހިތާމީހުން މަދެއްނޫން. ޒާން އަކީ ހަމަ ބެސްޓް. އެހެންވެ ޝެލް މިއަދު ބޭނުން މިވާހަކަވެސް ބުނެލަން. ޒާން. އައި ލަވް ޔޫ. އެހެން ބުންޏަސް ލޯބިވާވަރު ޒާންއަކަށް ފީލްއެއްވެސް ނުވާނެ. އެކަމަކު ހިތް ނަގާފައި ދެއްކޭނެނަމަ. ހިތުގެ ކޮންމެ ކަނެއްގައި ވަނީ ޒާން ގެ ނަން މައި ލަވް. އަހަރެންގެ ނަސީބު ރަނގަޅު ކަމާއި މެދުވެސް ހައިރާންވޭ. މިހާ މާތްކުއްޖަކު ލިބުމުން މިހިރީ ހައިރާންވެފައި. ޒާން ބުނެބަލަ. އަހަރެން މިވަރުވާއިރު ކީއްވެތަ ޒާން އަހަރެން ދެކެ ލޯބި ނުވަނީ. އަހަރެން ގެ ހިތް ހަލާކުވާވަރުވޭ. އަސްލުވެސް ޒާންގެ ލޯބި ނުލިބެންޏާ މަރުވެސްވެދާނެ. ޒާން އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟ ކިހިނެއް ހެދީމަ ލޯބި ވާނީ؟" އީޝަލް އައިޒާންގެ އަތް ތުންފަތުގައި ޖައްސާލައިފިއެވެ.

"ޖަވާބެއްދޭނަން. އަދި ދުވަސްކޮޅެއް ދީބަލަ ޝެލް...." އައިޒާން އީޝަލްގެ ކުޑަ ނޭފަތުގައި ހިފާލަމުން ހީލިއެވެ.

"ކިހާ ދުވަހެއްތަ ޒާން. އައިމް ސޯ ޑެސްޕެރޭޓް..." އީޝަލް ކުޑަކުއްޖެއްހެން ފައިތަޅާލައިފައި އައިޒާންގެ މޭގައި މަޑުމަޑުން އަތުން ޖަހާލައިފިއެވެ. 

"ޚާއްސަ ދުވަހެއްގައި ޖަވާބުދިނީމަ ޚާއްސަވާނެއްނު. އެކަމަކު ޝެލް، އަހަރެން ގެއްލިދާނެތީ ކަންބޮޑުނުވާތި އިނގޭ. އިރާދަކުރެއްވިއްޔާ މުޅި އުމުރުގައިވެސް އަހަރެން ހުންނާނީ ހަމައެކަނި ޝެލްގެ މީހެއްގެ ގޮތުގައި. އަހަރެންދެކެ ތިހާ ލޯބިވާ ކުއްޖެއްގެ ހިތް ހަލާކުކޮށްލާފައި އަހަރެންވެސް ދެން ނުދާނެއްނު ދޯ. ޓްރަސްޓް މީ ބޭބީ. އަހަރެންވެސް ދުވަހަކު އަހަރެންގެ ގާލްއަކަށް ކެއްސެއް ނުދޭނަން......" އައިޒާން އީޝަލްގެ ކުޑަ މޫނުގައި ދެއަތުން ހިފަހައްޓާލުމުން އީޝަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެތައްހާސް ތަރިތަކެއް ފިޔަޖަހަމުން ދިޔައިރު އައިޒާން އާއި އީޝަލް ކައިރިވަމުންގޮސް އެކެއްގެ ގޮތުގައި ފެންނަންފެށިއެވެ.

މިރޭވެސް އީޝަލްއަށް އައިޒާންގެ އިޝްގީ ބައި ފެނުނެވެ. އައިޒާންގެ ގާތްކަމުން އީޝަލްގެ ހިތްފުރުވާލަދިނެވެ. ނަމަވެސް އަދިވެސް އީޝަލް އެންމެ ބޭނުންވާ ހިސާބަށް އައިޒާން ދާކަށް ނޫޅުނެވެ. އަބަދުވެސް ހީވަނީ ވަކި ލިމިޓެއްގެ ތެރޭގައި އުޅެން އައިޒާންއަށް މަޖުބޫރުވެފައި ވާހެންނެވެ. އީޝަލް ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެވާހަކަ ދައްކަން މިރޭވެސް ފަސްޖެހުނެވެ. ލޯބިވާ ވާހަކަ ދައްކަން ޖެހިލުމެއްނުވިޔަސް އީޝަލްއަށް ވެސް ވަކި ހިސާބަކުން ދުލުގައި ތަޅެއްލެވެއެވެ. ލަދުން މޯޅިވާވަރުވެއެވެ. އޭނަ ގެ އާ ކައިވެނީގެ ރެއަށް ކުރަންޖެހޭ ފޮނި އިންތިޒާރު ދިގުވަމުންގޮސް ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ކޮންމެވެސް މީހަކާއި މިވާހަކަ ދައްކާލެވޭނެ ނަމައެވެ. އެކަމަކު މީހެއްގެ އެހީ ނުހޯދިޔަސް މިޒަމާނުގައި އިންޓަނެޓުން ނުވާނީ ކޮންކަމެއް ހެއްޔެވެ؟ އެރޭ އީޝަލް ގެއަށް ދިޔަގޮތަށް ނެޓުން މައުލޫމާތު ހޯދީ ފިރިހެނެއްގެ ހިތް އަތުލައިގަންނާނެ އުކުޅުތަކާއި ބެހޭ ގޮތުންނެވެ. 

އައިމަން އާއި ރާދާ ޒުވާން ދުވަސްވަރު ސުލްތާނާގެ ސަބަބުން ވަކިވާން ޖެހުނަސް، އައިމަން ރާދާ ވަރިއެއް ނުކުރިއެވެ. އަދި ރާދާ އުޅުނީވެސް މޯނާގެ ހެދުމުގައި ފިލައިގެން އެގޭގައެވެ. އަދި އައިމަން ހޯދާފައިވާ އެޕާޓްމެންޓެއްގައި ދެމަފިރިންގެ ގޮތުގައި ސިއްރުން އެތައް އަހަރުތަކެއް ވޭތުކުރިއެވެ. ބައެއްރޭ އައިމަންގެ ކޮޓަރިއަށްވެސް ރާދާ ދިޔައެވެ. އެހެން މީހުންނަށް ސިއްރުންނެވެ. އެހާ ސިއްރުވެރި ދިރިއުޅުމަކަށްފަހު ރާދާގެ ހަގީގަތް ކޮންމެވެސް ވަރަކަށް ކުދިންނަށް އެގުނުތަނާހެން އެދެމަފިރިންގެ ނަސީބު ދެރަކަމުން އައިމަން ދުނިޔެއާއި ވަކިވެގެން ދާންޖެހުނީއެވެ. އަދި ރާދާގެ ހަޔާތަށް އަނެއްކާ އައުޒަމްވެސް އައީ އެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައެވެ. އަދި އެންމެ ފަހުން އައިމަންގެ ވަސިއްޔަތް ފުރިހަމަ ކުރުމަށް އައުޒަމް އާއި ރާދާ ކައިވެނި ކުރި އިރު މިއީ އެ ދެމީހުންވެސް ވެދާނެ ކަމެއް ކަމަށް ދުވަހަކު ނުދެކޭ ދުވަހެކެވެ. ނަމަވެސް މިހާރު އައުޒަމް އާއި ރާދާ މިވަނީ ކައިވެނިކޮށްފައެވެ. ސުލްތާނާ އާއި އާއިލާގެ އެހެން މީހުންގެ ވެސް ރުހުމާއި އެކީގައެވެ.

އައުޒަމް ނިދުމުން ރާދާ ކޮޓަރީގެ ނިދާބޮކި ދިއްލާލުމަށްފަހު އައުޒަމްގެ ގައިގައި ރަޖާ ރީތިކޮށް އަޅާލަދިނެވެ. އައުޒަމްއަށް ފިނިވެދާނެތީއެވެ. އައުޒަމް އޮތީ ހޭލައިކަމެއް ރާދާއަކަށް ނޭގުނެވެ. އައުޒަމްގެ ހިތަށް ޔަގީނުންވެސް އުފަލެއް ލިބުނެވެ. ހެދުނުވެސް ރާދާ އައުޒަމްއަށް ނާސްތާ ކުރަން އެހީތެރިވެދިނެވެ. ހަވީރު ބަގީޗާ ތެރޭގައި ގޮނޑި ދުއްވާލަން ގެންދިޔައެވެ. ހުރިހާ ކަމެއްވެސް ކޮށްދެމުން ދިޔައީ އައުޒަމްއަކީ ބަލިމީހަކަށް ވީތީ އަޅާލުމުގެ ގޮތުންނެވެ. 

"ރާދާ. އަހަރެން ލަދުވެސް ގަނޭ. އަހަރެން އެހާ ނުލަފާކަމެއް ކޮށްފައިވާއިރު ރާދާ ތިހާ ރަނގަޅީ ކީއްވެތަ؟ އަހަރެން މިއީ ކިހާ ނުބައި މީހެއް. ތިވަރަށް ހެޔޮކޮށް ހެދީމަ ތި އިހުސާންތެރި ކަމުގެ ދަށުގައި އަހަރެން ގެނބިގެން ހިގައިދާނެ. އެކަމަކު އަހަންނަށް ރާދާއަށް ކޮށްދެވޭނީ ކޮންކަމެއްތަ؟" ނިދަން ކޮޓަރިއަށް ވަދެފައި އައުޒަމް އަށް ކެތްނުކުރެވިގެން ބުނެލިއެވެ.

"އައުޒަމް އަކީ އަހަރެންގެ ފިރިމީހާ. އަދި އަހަރެންގެ ދަރިފުޅުގެ ބައްޕަ. ކޮންމެހެން އަހަރެން ރަނގަޅު ވެގެނެއްނޫން...." ރާދާގެ އަޅި ދެލޮލުން އައުޒަމްއަށް ބަލައިލި ގޮތަކުން އައުޒަމްގެ ހިތް ބަންޑުންވެގެން ދިޔައެވެ. އެތައް ޒަމާނަކަށްފަހުވެސް އައުޒަމްގެ ހިތުގައި އުފެދިފައިވާ ލޯބި ފަނޑުކޮށެއް ނުލެވުނެވެ. އެ ލޯބީގެ ބައްތި ދިއްލިފައި ވަނީ ނުނިވޭނެހާ ގަދަޔަށެވެ. އައުޒަމް ގެ ހިތަށް ލިބުނު އުފަލާއި އެއްވަރަށް ހިތަށް ދަތިވެސްވިއެވެ. ރާދާ ދުވަހަކުވެސް އޭނައަށް މާފުނުކުރާނެ ބާވައެވެ. ހާދަ ގިނަފަހަރު އާދޭސް ކުރެވިއްޖެއެވެ. ހާދަ ވަރަކަށް އެދެވިއްޖެއެވެ. ރާދާ މާފުނުދޭހާ ހިދަކު އޭނަގެ ހިތަށް ހަމަޖެހުން ލިބިދާނެ ބާވައެވެ.

"އަހަރެން އިންތިޒާރު ކުރަނީ ރާދާ އަހަންނަށް މާފުކުރާނެ ދުވަހަކަށް...." އައުޒަމް ނިތްކުރީގައި އަތްބާއްވާލައިގެން ސީލިންގަށް ބަލަހައްޓައިގެން އޮތެވެ.

"އައުޒަމް ހެޔޮނުވާނެ. އެވާހަކަ ހަދާންކޮށްނުދީބަލަ...." ރާދާ ދެލޯމަރާލައިފިއެވެ. އައުޒަމްއަށް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. ނަމަވެސް އޭނަ އުއްމީދު ކަނޑައެއް ނުލައެވެ. މިހާ ކައިރިއަށް އައުމުން ދެން ކޮންމެ ފަދަ ކަމަކަށްވެސް އުއްމީދު ކުރެވިދާނެއެވެ.

އަންވަރު ދެވަނައަށް ކީމޯ ދިނުމަށްފަހު އޭނަ ކުރިއަށްވުރެ ވަރުދެރަވެ ހާލުބޮޑުވިއެވެ. ޓެސްޓްތަކުން ދެއްކީ ހަށިގަނޑުގެ އެހެން ތަންތަނަށްވެސް ކެންސަރު ފެތުރިފައި ވާ ކަމަށެވެ. ޑޮކްޓަރު ދިނީ އެންމެ ގިނަވެގެންވެސް ތިންމަހެވެ. އަންވަރުގެ އަންހެނުން އޭނައަށް ނީއްވަން ހުއްޓާ ރަށުން ގުޅި ތިމާގެ މީހަކު އޭނަގެ ގާތުގައި ކެންސަރު ޖެހިފައިވާކަމަށާއި، ތައުބާވެގެން ރަނގަޅަށް އުޅުމަށް އެދުމުން އަންވަރު އަޑުވީއްލާ ރުޔެވެ. އަންވަރުގެ ދުނިޔެ މުޅިން އަނދިރިވިއެވެ. ޑޮކްޓަރުގެ އުއްމީދެއްނެތުމުން އަންވަރުގެ އާއިލާއިން ގަސްތު ކުރީ އޭނަ މާލެ ގެނައުމަށެވެ. އިންޑިޔާގައި އޭނަ ވަޅުލާކަށް އެއާއިލާއިން ހިތްހަމައެއް ނުޖެހުނެވެ. އެމީހުން އަންވަރު ގާތުގައި ބުނީ ތިންމަހުން ޑޮކްޓަރަށް ދައްކަން އަދި އިންޑިއާއަށް ދާންޖެހޭނެ ކަމަށާއި އޭގެ ކުރިން ދެން އިންޑިއާއިން އިތުރު ފަރުވާއެއް ދޭން ނުޖެހޭނެ ކަމަށެވެ. ކީމޯތެރަޕީ މާލެއިންވެސް ނެގިދާނެ ކަމަށެވެ. އަންވަރު ހުރީ ބިރުގެންފައެވެ. އޭނަ ގެ ކުޑަ އުއްމީދެއް އޮތެވެ. ފަހަރެއްގައި ޑޮކްޓަރ އައިމަންގެ ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ހޯދިދާނެއެވެ.

އަންވަރު މާލެ އައިގޮތަށް އޭނަ އާއިލާ މީހުންނަށް އާދޭސްކޮށްގެން ބޮޑު އަގުދީފައިވެސް ޑޮކްޓަރު އައިމަންގެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އަންވަރުގެ ހަށިގަނޑުގައި އަޅާ ވޭނުން ކެތްނުކުރެވިގެން އޭނަ ހަޅޭއްލަވައި ތެޅިފޮޅި ހަދައެވެ. ފަހުން ފަހަށް އައިސް މޯފިންއަކަށްވެސް އަންވަރުގެ ވޭނަށް ލުޔެއް ހޯދައެއް ނުދެވެއެވެ.

"އައިމަންގެ ދަރިފުޅު ޝަމާއިލް މިތާ މަސައްކަތް ކުރާނެ. އޭނަ ހޯދައި ދީބަލަ. އެކުދިންގެ މާފު ލިބިއްޖެއްޔާވެސް ގައިގައި އަޅާވޭން ލުއިވެދާނެކަން ނޭގޭ. ނޫނީ މިވާނީ މޫސަ މަށަށް ހެދި ފަންޑިތައަކަށް. އެހެން މީހެއްގެ ގާތުން ތަވީދެއް ލިޔުއްވަދީބަލަ. ހެޔޮނުވާނެ..." އަންވަރު އޭނަގެ އަންހެނުން ކައިރީގައި އާދޭސްކުރަމުން ބުނެއެވެ. އެކަމަކު އަންވަރުގެ އަންހެނުންނަށް ވެސް ޝަމާއިލްގެ ގާތަށް ދާކަށް ނުކެރުނެވެ. އެއީ ޝާހީ މާތްބޭފުޅުންކަން އޭނަ ދަނެއެވެ. އެ އާއިލާގެ މީހަކު ލޮލަށް ފެނިލިޔަސް އަންވަރުގެ އަންހެނުންނަށް އިސްއުފުލައި ބަލައިލާކަށްވެސް ނުކެރެއެވެ. އިއްޒަތާއި ހައިބަތު ވަރުގަދަކަމަށް ގަބޫލުކުރެވޭލެއް ބޮޑުކަމުންނެވެ. އަންވަރުގެ އަންހެނުންނަކަށް އަންވަރުގެ މާޒީގެ އެއްވެސްކަމެއް އެގިފައެއްނެތެވެ. އެހެންނޫންނަމަ އޭނަ ފަހަރެއްގައި އަންވަރުގެ ފަރާތުން މާފު އެދެންވެސް ޝަމާއިލްގެ ކައިރިއަށް ދިޔައީހެވެ.

އައިޒާން އާއި އީޝަލް އަތުގުޅުވާލައިގެން ތިބެ ގެއަށް ވަންނަން އައިއިރު މައިރާ ފެންޑާގައި ކުޑައޮރެންޖު ގަހެއް ހިފާލައިގެން އުޅެއެވެ. ޕޮޓްގައިވާ އެ ވަށްގަސް ބަރާވެފައި ވަނީ ކުދި އޮރެންޖު ތަކުންނެވެ. އީޝަލް އައިގޮތަށް މައިރާ އާއި ދިމާކުރަން ފެށިއެވެ. ރެޔާން ދިން ހަދިޔާ އަކަށް ވީމަ ފިރުމަފިރުމާފައި އުޅޭވަރު ބަލާށޭ ކިޔައިގެންނެވެ. އީޝަލް ވަރުބަލިވެފައި ވާވަރުން އިރުކޮޅަކުން އައިސްކްރީމެއް ބޯންވެގެންނޭ ކިޔާފައި ގެއަށް ވަނުމުން އައިޒާންވެސް ފަހަތުން ދިޔައެވެ. އިރުކޮޅެއް ނުވަނީސް އައިޒާން އަނެއްކާ އައެވެ. އޭނަ ދިއްކޮށްލީ ފޯމެކެވެ.

"މޭއި. އަހަރެން މިހިރީ އަދި މިކަން ހަދާންނެތިފައި. މިއޮތީ އަހަރެމެންގެ ޑިވޯސް ސެޓްފިކެޓް. އިންޑިއާއިން އެ ލިބުނުތާ ކޮން ޒަމާނެއް. އަހަރެންނަށް އެކަމާއި އުޅެވުނުލެއްވެސް ލަސްވީ. އެހެންނޫންނަމަ އަހަރެމެން ކައިވެނި ކުރިއިރުވެސް އެކާވެންޏަކީ ސައްހަ ކައިވެންޏެއްވެސް ނޫން. އޮޓޯއިން ރޫޅުނަސް އަދި ރަސްމީކޮށް އެކަންތައް ނިންމަންޖެހޭނެތީ އެމީހުންނާއި އަހަރެން ގުޅައިގެން މި ފޯމް ޕޯސްޓުކޮށްލަދިނީ. މޭއިގެ އަތުގައިވެސް އެއްކޮޕީ އޮންނަންވާނެ ދޯ. ފަހަރެއްގައި މީހަކު ސުވާލު ކުރިޔަސް އެގެންވާނެ..." އައިޒާން ދިއްކޮށްލި ފޯމުގައި މައިރާ ހިފިއެވެ.

"ޒާން. ތެންކިއު. އަހަރެން މިވަނީ ޒާންގެ ހެޔޮކަމަށް ދަރަނިވެރިވެފައި...." މައިރާ އައިޒާން އާއި ހަތަރުކަޅި ހަމަކުރިއެވެ. އައިޒާން ގެ ހުދުހުދު ދަތްތައް ފެންނަވަރަށް ހީލުމުން ފުންކޮށް ކޯތާފަތަށް ވަޅެއް އެޅުނެވެ. އެ ހިނިތުންވުން އެމޫނުމަތި ހާސްގުނަ ރީތިކުރުވިއެވެ.

"އެކަމަކު އެ ދަރަނި ދެން އަދާކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެއްނު މޭއި. އެހެންވީމަ އަހަރެން އެދެނީ ރެއިން އާއި މޭ އަބަދުގެ އަބަދަށްޓަކައި އުފާވެރިކޮށް އުޅުން. އަހަރެންވެސް މިހާރު އެ ދުވަސްތަކާއި މާޒީ ހަދާން ނައްތާލައިފިން. އަދި މޭ ދެކެ ލޯބި ވަނީ ފަހަރިއެއްގެ ގޮތުން. ސަބަބަކީ އަހަންނަށްވެސް ވިސްނިއްޖެ ބޭބެއެއްގެ އަންހެނުން ދެކެ ލޯބިވުމަކީ އެއްވެސްގޮތަކުން ރަނގަޅު އަދި ރީތިކަމަކަށްވެސް ނުވާނެކަން. އެހެންވީމަ ބައެއްފަހަރު ޖެހޭނެ ނުކިޔަމަން ތެރި ހިތް ގަދަކަމުން ވެސް އަނބުރާލަން ދޯ...." އައިޒާން ގެ ހިތާއި އަތްކުޑަކޮށް ފިނިވެލިއެވެ. އޭނަ މައިރާ އާއި ވާހަކަ ދައްކަން ހުއްޓާ ރެޔާންއަށް ފެނިދާނެތީވެސް ހާސްވިއެވެ. އެހެންނޫނަސް އައިޒާންއަށް އެގެނީ އެންމެ ކަމެކެވެ. އޭނަގެ ފުރަތަމަ ލޯތްބަކީ މައިރާކަމެވެ. މައިރާ ދެކެ ފުރަތަމަ ނަޒަރުން ލޯބިވެވުނުކަމެވެ. ކިތަންމެ ޒަމާނެއްވިޔަސް އީޝަލް އާއި މައިރާ އެއްގޮތް ނުކުރެވޭނެއެވެ. އެކަމަކުވެސް އޭނައަށް ކުރެވޭނީ މަސައްކަތެވެ.

"ބައެއް ފަހަރު ލައިފްވެސް ކިހާބޮޑު އޮޅުން ބޮޅުން ގަނޑަކަށް ވެއްޓިގެން ދޭ. އެހެންވެކަން ނޭގޭ އެޑަންވެސް ވަކިވެގެން އެދިޔައީ. މިއާއިލާގެ މީހުންނަށް އެ ސިއްރު އެނގުނަސް އެހެން މީހުންނަށް އެގިފައި ވަނީ ޒާންގެ ބޭބީއެއް ކަމަށް. ރަސްމީކޮށް އެކަން އެގިފައި ވަނީ އެގޮތަށް. އެޑަން ބޮޑުވީދުވަހަކުން ކިހާ ކޮންފިއުޒްވާނެ. އެންމެ ފަހުން އެޑަންއަށް އެގޭނެ އޭނަ އަކީވެސް ނަހަލާލު ކުއްޖެއްކަން. ލައިކް މީ. އެކަމަކު އަހަރެންގެ ކަންތައް ވަނީ މުޅި ދުނިޔެއަށްވެސް ސިއްރުވާ ކަހަލަ ގޮތަކަށް ވީމަ އަދިވެސް އެއޮތީ ފޮރުވިފައި. އަދި ބައްޕަވެސް ދުނިޔެ ދޫކުރެއްވީ އެ ސިއްރު ނޭގި. ދިރިއުޅުމަކީ އެކަހަލަ ކަމެއް ދޯ ޒާން. އެންމެފަހުން އަހަރެންގެ މަންމަ އާއި ހަގީގީ ބައްޕަ ކައިވެނިވެސް ކުރީ......" މައިރާ އޮރެންޖު ގަސް ތަބައް ކައިރީގައި ބެހެއްޓުމަށްފަހު ތެދުވެ ހިންދެމިލައިފިއެވެ. މައިރާ މިހާރު އަނެއްކާ މާރީތިވާން ފަށައިފިއެވެ. އެ ދޮންމޫނު އޮމާންކަމުން ވިދައެވެ. ތެޔޮކަމެއްނެތި މޮއިސްޗަރައިޒާ އުގުޅާފައިވާ ފަދައިންނެވެ. އައިޒާންއަށް ހީކުރެވުނީ އެގޮތަށް މައިރާއަށް ބެލުމަކީވެސް ފާފައެއްކަމުގައެވެ. އޭނަ އަވަހަށް ދުރަށް ބަލަންފެށިއެވެ. 

"އައުޒަމްބެ ގެ ޚިޔާލު ތަފާތުކަން ދޯ. މޭއިގެ ބައްޕަވެސް އެފަދަ ވަސިއްޔަތެއް ކުރީމަވެސް ސަޕްރައިޒް. އެއްބަޑު އެއްބަފާ ދެމީހުން......" އައިޒާން ހީލިއެވެ.

"އެގިއްޖެ އެވީގޮތް. ރެއިން އާއި ޒާންއަކީ ޓްވިންސްއިން. އެހެންވެ ޒާން އަހަރެންނަށް ވުރެވެސް ލޯބިވީ ރެއިންދެކެ. މިހެން ބުނާއިރުވެސް އެގޭ ރޮމެންޓިކް ލޯބި އަދި ބްރަދަލީ ލަވް ތަފާތުވާނެކަން....." މައިރާ ސަމާސާގޮތަކަށް ބުންޏެވެ. އެވަގުތު ރެޔާން އައުމުން އައިޒާން ކުޑަކޮށް ރަކިވާގޮތްވިއެވެ. އަބަދުވެސް އޭނައަށް ލިބޭނީ އެކަހަލަ ލަނޑެކެވެ. މައިރާ އާއި އެކަނި ވާހަކަދައްކަން ހުރެއްޖެއްޔާ ފަޅާ އަރާނެއެވެ. ރެޔާން އައިޒާންގެ ކޮނޑުގައި އަތުން ޖަހާލައިފައި ސޯފާގައި އިށީންގޮތަށް މޭޒުމަތީގައި އޮތް ފޯމުނަގާފައި ބަލައިލިއެވެ. ހިތްހަމަޖެހިފައިވާގޮތަށް ހީލަމުން ކަޅުކުލަގަދަ އެއްބުމަ އަރުވާލިއެވެ.

"އަހަރެންވެސް މިވާހަކަ ނާހަން މިހިރީވެސް. ހިތަށް އެރި މޭއި ޑިވޯސްނުކޮށް ހުއްޓާބާވައޭ އަހަންނަށް މެރީ ކުރެވުނީ. ގާލްއަކަށް ދެފިރިހެން ހުއްދަނުވެސް ވާނެވިއްޔަ. ގުޑް...." ރެޔާން އާއި އައިޒާން އެއްތަނަކުން ފެނުމުން އެދެޒުވާނުން ވައްތަރު ވަރު މިއަދު މައިރާއަށް ވަކިން ބޮޑަށް ފާހަގަ ކުރެވުނެވެ. އެކަމަކު އެންމެންނަށް މާބޮޑަށް ފަހަތުން ފެނިގެން އޮޅުވަމުން އުޅޭތީ އަނެއްކާ އައިޒާން ވަނީ އިސްތަށިގަނޑު ނުކޮށާ ކުޑަކޮށް ދިގުކޮށްލާފައެވެ. 

"ރެއިން. މިހާރު ދެން ހުރިހާކަމެއް ނިމުނީ ރަސްމީކޮށް. ފަހަރި އާއިވެސް ފްރެންޑުވެވުނީ. ސޯ ހިގާ ޕްރޮގްރާމެއް ރާވަން. އަހަރެމެންގެ ވެޑިން އެނިވާސަރީވެސް މިފަހަރު ކުލަގަދަކޮށް ފާހަގަކޮށްލަން ބޭނުން. އެނީ އައިޑިއާސް..." އައިޒާން ތަބައް ލެގިލައިގެން ހުއްޓުނެވެ. އެނިވާސަރީތައް ފާހަގަކުރާނެ ގޮތަކާއި ބެހޭގޮތުން ވާހަކަދައްކާ ސަމާސާކުރަން ތިބެފައި ޓެރެސްއަށް ގޮސް އެންމެން ކޮފީ ބުއީ އެކީގައެވެ. ފަހުން އީޝަލް، ފަރުޒާން އަދި އަޔާނާވެސް ބައިވެރިވިއެވެ. އައިޒާން އާއި މައިރާ އާއި ދޭތެރޭގައިވި ބީރައްޓެހިކަމާއި ޖެހިލުންވުމުގެ ފާރުވެސް ތުނިވާންފަށައިފިއެވެ. 

ރެޔާން އާއި މައިރާ ޢަދަންގެ މަހާނައަށް ޒިޔާރަތްކުރުމަށްފަހު ނިކުމެގެން އައިއިރު ދެމަފިރިންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރު ފެނުނެވެ. ނަމަވެސް އެތަނަށް އެތައްފަހަރު ޒިޔާރަތްކުރަމުންގޮސް މައްސަރުތަކެއް ފާއިތުވެގެން ދިޔައިރު އެހިތާމައަށް ލުޔެއް ލިބި ދެމަފިރިންގެ ދިރިއުޅުން ވަނީ ހަމަޔަކަށް އެޅިފައެވެ. ރެޔާން މައިރާ އަރަން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. ކާރުގެ ފިނިކަމާއި، ދުވާމީރުވަސް އަދި ރީތިލަވައިން ހިތަށް ލިބުނު ފިނިކަމަކުން ރެޔާންގެ މުލައްދަނޑީގައި ބޯ އަޅާލެވުނެވެ.

"ރެއިން. މަޑުކޮށްބަލަ....." ކުއްލިއަކަށް މައިރާ ބާރަކަށް ބުނެލުމުން ރެޔާން ކުޑަކޮށް ސިހިފައި މައިރާ އިޝާރާތްކުރި ދިމާލަށް ބަލައިލައިފިއެވެ. ކާރު ރަނގަޅަށް މަޑުނުވަނީސް މައިރާ އަވަސްއަރުވާލާފައި ކާރުން ފައިބައިގެން ހިގައިގަތެވެ. ކަޑާގައި ވިއްކަންހުރި ރަތްކުންނާރު ކޯނިތައް ފެނުމުން މައިރާއަށް ކެތްނުކުރެވުނީއެވެ. މައިރާ ދެތިން ކޯނިގަނެލައިގެން އައިސް ކާރަށް އަރައި ހަމަޖެހިލައިގެން އިދެ އެކަތި އަނގަޔަށް ލިއެވެ. ހުތްގަދަކަމުން މައިރާ އަނގަޔަށް ހަދާލިގޮތުން ރެޔާންއަށް މަޖާވިއެވެ. އެކުންނާރަށް ވުރެ މައިރާގެ ތުންފަތުގެ ކުލަ ގަދަވެފައި ރީއްޗެވެ. 

"އެހާ މީރުތަ ސްވީޓްހާޓް؟ " ރެޔާން އަހާލިއެވެ.

"ވަރަށް ދުވަސްވެއްޖެ ކުންނާރެއް ލޮލުން ނުދެކޭތާ. ކުރިން ކޮލެޖްގައި އުޅުނު އިރު އެކުވެރިއަކު ގެނެސްދޭ ކުންނާރު ވަރަށް ދަހިކޮށް ކާލެވުނު. އެކަތި ކައިބަލަ ރެއިން..." މައިރާ ދޫނުކޮށް ރެޔާންގެ އަނގައިގާ އެކަތިކޮޅު ލެއްވުމުން ރެޔާންއަށް މީރެއްނުވިއެވެ.

"ކަމަކު ނުދޭ ހުތްވީމަ. ސްވީޓް އެއްޗެހި މާރަނގަޅު..." ރެޔާން މައިރާގެ ރަތް ތުންފަތުގައި އިނގިލި ޖައްސާލަމުން ލާނެތް ހިނިތުންވުމެއް ދިނެވެ. އޭރުވެސް މައިރާއަށް އަދި ރެޔާންއަކަށް ވެސް މައިރާއަށް ހުތްކުންނާރު އެވަރަށް ކަމުދިޔަ ސަބަބެއް ނުވިސްނުނެވެ.

އައުޒަމް އާއި ރާދާގެ ދެމެދުގައިވި ހިލޭކަން މަޑުމަޑުން ކެނޑެމުން ދާންފެށިއެވެ. އަދި އައުޒަމްގެ ބާރެއްނެތްކަމާއި ބައެއްފަހަރު ދިމާވާ މަޖުބޫރީތަކުން ރާދާގެ ހިތުގައި ކުލުނާއި، ހަމްދަރުދީ އުފެދި އައުޒަމް އާއި ދިމާލަށް ފާޑުފާޑުގެ ތޫނުބަސްތައް އުކުން ހުއްޓާލައިފިއެވެ. ކުރީކޮޅުގައި ރާދާ އައުޒަމް ދެރަކޮށް ހިތުގައި ޖެހޭފަދަ ބަހެއް ބުނެލަން ފަހެއްނުޖެހެއެވެ. އައުޒަމްގެ ކުށަށް ގިޔާމަތް ދުވަހު ވެސް މާފެއްނުދޭނަމޭ ފަދަ ޖުމްލަތަކުން، އައުޒަމްގެ ހިތަށް ޚަންޖަރުހެރުންފަދަ އަސަރުތައް ކުރާނެކަން ރާދާ ދަނެއެވެ. ނަމަވެސް އައުޒަމްގެ އުޅުން ބަދަލުވެފައިވާ ވަރުން ރާދާގެ ހިތްވެސް ތައުރީފުކުރިއެވެ. ކޮންމެ ނަމާދެއްގެ ވަގުތުން ކޮށް، ގުރުއާން ކިޔަވައެވެ. ދަމުނަމާދަށްވެސް ތެދުވެއެވެ. ރާދާ ވުޟޫކުރަން އެހީތެރިވެދީ ހަދައެވެ. 

މިރޭވެސް އިޝާއަށްފަހު ކައިގެން އައުޒަމް ބޭނުންވީ އަވަހަށް އޮށޯތުމަށެވެ. ދަމުނަމާދަށް ހޭލެވޭނީ އަވަހަށް ނިދީމައެވެ.

"ރާދާ. ދުވަހަކުވެސް މޭއި ގާތުގައި އޭނަގެ ބައްޕައަކީ އަހަރެންކަމަށް ނުބުނާނަންތަ؟ ދަރިން އޮޅުމެއްގެ ތެރޭގައި ބައިތިއްބަން ހެޔޮނުވާނެ.." އައުޒަމް ކުއްލިއަކަށް ފެށި ވާހަކައަކުން ރާދާގެ މޫޑު ގޯސްވިއެވެ. އޭރު ރާދާ ހުރީ ނިދާހެދުންލައިގެން އައިސް ލޯގަނޑު ކައިރީގައެވެ. އާދައިގެ މަތިން ރާދާ ނިދުމުގެ ކުރިން ކްރީމް އެއްޗެހިލިއެވެ. އިސްތަށިގަނޑުވެސް އޮމާންކޮށްލައިފިއެވެ.

"މޭއިއަށް ހަގީގަތް އެގިއްޖެއްޔާ އައުޒަމްދެކެ ނަފްރަތުކުރާނެ. އަދި މަންމަވެސް ދުވަހަކު ހިތްހެވެއްނުކުރާނެ. އެއީ މާފުކުރެވޭވަރުގެ ކަމެއްތަ؟" ރާދާ ވިސްނާލުމަކާއި ނުލައި ބުންޏެވެ.

"ތައުބާވީމަ މާތްﷲވެސް ފާފަފުއްސަވާދެއްވައި އަފޫކުރައްވާ. އެކަމަކު އަހަރެން އެބަޔަކުދެކެ އެންމެ ލޯބިވިމީހުން އަހަރެން ދެކެ ނަފްރަތު ކުރަނީ ދޯ. އަހަރެން ގެ ކުށް ގަބޫލުކޮށް ތައުބާވެ، މިވަރަށް އާދޭސް ކުރީމަވެސް ރާދާ ތިހިރީ އަހަންނާއި ވާހަކަދައްކާގޮތް. އަހަންނަށް އެގޭ އަހަރެންގެ މަޖުބޫރީ ކަމާއި ނިކަމެތިކަމުން މިއަދު ރާދާއަށްވެސް ކޮށްދެވޭނެ އެއްވެސްކަމެއް ނެތްކަން. އޭރު ޒުވާންކަމުގެ ޖޯޝުގައި އަހަރެން މަގުން ކައްސާލީ. އެކަމަކު ރާދާ އެއްފަހަރުވެސް ވިސްނާލިންތަ؟ އަހަރެން ގެ ތެދުވެރި ލޯތްބަށް އެންމެ ފަހަރަކުވެސް ގަދަރުކުރިނަމަ. އަހަރެންނަށްވެސް އެހެން އަންހެންކުދިން ނުވާނީކީ ނޫން. އެކަމަކު މުޅި އުމުރު މިހޭދަކުރީ އެހެންމީހަކާއި ނީދެ. އަހަރެންގެ އިހުސާސްތައް ފިނިކޮށްލައިގެން އަހަރެންގެ ފުރަތަމަ ލޯތްބަށް ޓަކައި އެކަމަކު އޭރުވެސް ގަބޫލުކުރިން ނުލިބޭނެކަން. އެގޮތަށް ޔަގީންކުރީވެސް. އެކަމަކު އަހަރެން ބޭނުމެއްނުވި އެހެން މީހަކާއި ގުޅުމެއް ބާއްވަން. އެހެންހުއްޓާ އެކްސިޑެންޓް ވީވެސް. ރާދާ. އެކަނި މީހާގެ އަމަލަކުންނޫން މީހެއްގެ ހިތްކަތިލެވޭނީ. ދުލުން މާބޮޑަށް އަނިޔާދެވޭނެކަން މިއަދު އިހުސާސް ކުރެވިއްޖެ. ރާދާގެ ކޮންމެ ޖުމްލައެއް އަހަރެންގެ ހިތް ކުދިކުދިކޮށްލައިފި. ރާދާ އަދިވެސް ރީތި. ވަރަށް ރީތި. ކިތަންމެ ޅަކުއްޖެއްވެސް ރާދާ އާއި އިނދެފާނެ. އެހެންވެ މިއަދު އަހަރެން މިހިރީ ރާދާ ވަރިކުރަން ނިންމައިގެން. ސަބަބަކީ މިހާރު ބޭބެގެ ވަސިއްޔަތްވެސް ފުރިހަމަ ނުކުރެވުނު ކަމަކަށް ނުވާނެ. އަހަރެން ބޭނުމެއް ނޫން ރާދާގެ ދިރިއުޅުން އިތުރަށް ހަލާކުކުރަން. ދެން އަހަންނަށް ރަނގަޅީވެސް އަހަރެންގެ ހަގީގަތް އަހަރެމެންގެ ދަރިފުޅުގެ ކައިރީގައި ހާމަނުކުރިއްޔާ. އަހަންނަށް ހެވެއްނެތްކަން މިއަދު އެގިއްޖެ. އަހަރެންގެ މަންމަވެސް އަހަންނަކާއި އަގައިން ނުބުނޭ. ވީމަ އަހަރެން ގޮސްދާނަން އެންމެންނާއި ވަކިވެގެން މިހުރިހާ ދުވަހުވެސް އުޅުނު ގޮތަށް އަމިއްލަ ހާލާއިގެން އެކަނިވެރިކޮށް. ދުނިޔެއަށް އައީވެސް އެކަނި އެގޮތަށް ނިމިގެންވެސް ހިގައިދާނަން. އޮންލީ ގޯޑް އިޒް ވިދް މީ. އަހަންނަށް ފީލްވޭ. އިންސާނުންނަކީ ހަރުކަށިބަޔެއް. އެމީހުން ގެ ގާތު ކިތަންމެ އާދޭސްކުރިޔަސް މާފެއްނުދޭނެ. އަހަރެންނަށް އެގިއްޖެ. އަހަރެންގެ މަންމަވެސް. ރާދާވެސް. ނޭގެނީ ބޭބެގެ ގޮތެއް. އެކަމަކު އަހަރެން ދުޢާކުރަން ކޮންމެވެސް ދުވަހަކުން ރާދާއަށް އަހަރެން ގެ ހިތް އެގޭނެ ކަމަށް. އަހަރެން ލޯބިވީވަރާއި އަހަރެން ފަހުން އުޅުނު ހާލު އެގޭނެކަމަށް. އެންމެ ފަހު ފަހަރަށްވެސް އަހަންނަށް ބުނެވޭނީ އަހަންނަށް މާފުކޮށްދޭށޭ......" އައުޒަމްގެ ވާހަކަތަކުން ރާދާއަށް ހީވީ ހިތްކުދިކުދި ވިހެންނެވެ. އެނބުރި ބަލައިލެވުނީ އަސަރާއެކުގައެވެ. އޭރު އައުޒަމް އިނީ އިސްޖަހާލައިގެންނެވެ.

ކޮމެންޓް 0