އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ. 

މިއުޒިކެއް ފަދައިން އެ ރާގު ފަޒާގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅު މައްޗަށް އަވަސްވެގަތީ ވާރޭގައި ނުޖެހި މަންޒިލަށް އަވަހަށް ވާސިލުވުމަށެވެ. ހ.ޑިއު އިން ނުކުމެގެން އައި ޒުވާނާ އޭނާގެ ފަން އިސްތަށިގަޑުގައި އަތް ހިންގާލަމުން ތަންކޮޅެއް ބާރަށް އައީ ހީވާގޮތުން ކުރިމަތީގައި ހުރި ފިހާރައަށް ވަނުމަށެވެ.

އެޒުވާނާ ނުކުމެގެން އައީ ތަންކޮޅެއް ބާރު ހިނގުމެއްގައި ކަމުން ދުވެލާފައި އައި އަންހެންކުއްޖަކު އެހާ ބާރު ސްޕީޑްގައި އައިސް ޖެހިގަތުމުން ހަށިގަނޑު ބެލެންސް ނުކުރެވިގެން ދެމީހުން އެކީގައި ގޮސް ޖެހުނީ ގޭގެ ދޮރުމަތީގައި އިންދާފައިވާ ފިނިފެންމާ ގަސްތަކެއްގެ ތެރޭގައެވެ. އެވަގުތު ބޯ ވާރޭ އެ ދެމީހުން ތެންމާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ލިބުނު ސިހުމާއިއެކު އެ ޒުވާނާ ލޯ ހުޅުވާލަން ބޭނުންނުވެފައި އޮތްއިރު އޭނާ އޮތީ ދަތް ކުނޑިވިކާލައިގެންނެވެ. ބިންމަތީގައި ހެދިފައިވާ ކިސަޑައިގެ ފިނިކަން ފެބްރިކްތެރެއިން ލާފައި ހަންގަނޑު ފޫދުއްވާލާފައި ވަންނަމުން ދިޔައިރު ފިނިފެންމާގަހުގެ ކަށިތައް ރަޙްމެއްނެތި ގަޔަށް ހެރެމުންދާކަމުގެ އިޙްސާސްކުރެވުނެވެ. އަދި އޮމާން ފުށްކޮޅެއްފަދަ އަތެއްގެ މަޑު ބީހިލުން ވެސް މެއެވެ.

އެ ޒުވާނާ ދުލުން އެއްޗެކޭ ނުބުނިކަމުގައި ވިޔަސް ދަތްތައް ޖައްސާ ބާރުކޮށްލުމުގެ ސަބަބުން ކޮލުކަށިގަޑަށް ގެނައި ހަރަކާތުންނާއި އަންހެންކުއްޖާ ގެ އަތުގެ މުލައްދަޑީގައި ހިފާފައި އެއްފަރާތަކަށް ހަރުކަށިކޮށް ޖައްސާލަން އުޅުނު ގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ނުރުހުންވެފައިކަން އެގުނެވެ. ނަމަވެސް އެ ބަރު އެސްފިޔަތައް ހުޅުވާލުމާއިއެކު އެ ޒުވާނާގެ ކަޅުކަނޑެއްފަދަ ފުން ލޮލުގައި ޠޫފާނެއް އުފެދުނެވެ. ވާރޭގެ ބޮޑެތި ތިކިތަކުގެ ތެރެއިން އޭނައަށް ފެނުނީ އާދަޔާ ޚިލާފު ރީތި ދޮންމޫނަކާއި ޢުމުރުގައި ދުށް އެންމެ ރީތި އަޅި ދެލޮލެވެ. އައްސާލާފައިވާ އިސްތަށިގަނޑު ވާރެޔާއި ތެމުމުން ކޮންމެވެސް ވަރަކަށް ކުލަ ބަދަލުވިނަމަވެސް އެއީ ރަންމުށި އިސްތަށިގަނޑެއްކަން އެޒުވާނާ ދެނެގަތެވެ.
"ސޮރީ... ސޮރީ... ތަދުވިތަ؟" އޭނަ ހިތްހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ. އޭރު ދެމީހުންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކާރީގައެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ފޮދުވަރުތައް އެ ޕަރީއެއްފަދަ ކުއްޖާގެ މޫނުން ތިކިޖަހަމުންގޮސް އެޒުވާނާގެ މޫނަށް ފައިބަމުން ދިޔައެވެ. ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ތިބެވުނީ އެސްފިޔަޖަހާލަން ވެސް ނޭގިފައެވެ.

"ނޫން.....އެކަމަކު އަޅުގަޑުގެ ފަށް މިއޮތީ ކޮންމެވެސް ގޮތަކުން ގަމީހުގެ ގޮށެއްގައި އޮޅިފައެއްނު........"އެ އަންހެން ކުއްޖާ ގެ ތުންފަތްމަތީގައިވަނީ ރަކި ހިނިތުންވުމެކެވެ. އޭނަ އެ ފަށް ގަމީހުން ނައްޓަން މަސައްކަތްކުރަމުން ދިޔައިރު އެޒުވާނާ އޮތީ ހައިރާންވިވަރުން ހިރިލާން ވެސް ބޭނުންނުވެފައެވެ. ފިނި ފިނި ވާރޭ ތިކިތަކުން ހަށިގަނޑަށް ފިނިކަން އިޙްސާސްކުރެވޭ ވަރަށް ވުރެ އެދެ ހަށިގަނޑުގެ އެ ގާތްކަމުން އެކަކު އަނެކަކަށް ހޫނުކަން ލިބެމުންވެސް ދިޔައެވެ.
"އައުޗް.......މިވަރުގެ މަޖާ ތަޖުރިބާއެއް ވާރޭގެ ތެރެއަކު ނުކުރެވޭ......" އެޒުވާނާއަށް ހީގަނެވިއްޖެއެވެ. މިއީ ހަމަ ރީއްޗަށްވެސް ފިލްމީ މަންޒަރެކެވެ. ނޫނީ ހުވަފެނެކެވެ. ޙަޤީޤަގެއްހެން އެއްގޮތަކަށްވެސް ހިޔެއްނުވެއެވެ. މިހާ ރީތި ކުއްޖަކާއި މިހާ ގައިގޯޅިކޮށް މިފަދަ ގޮތަކަށް ބައްދަލުވުމަކީ އޭނަ ވިސްނިގޮތުގައި އޭނަގެ ކަޅާއި ހުދުން ލިޔެވެމުން އައި ޞަފުޙާތަކުގައި ރީތި ކުލައެއް ޖެހުމެވެ. މިއިން ދުވަހަކުވެސް މިހާ ބާރަށް ހެވުނު ހަދާނެއް އޭނަ ނުވެއެވެ. 
އަންހެންކުއްޖާ ގެ ފަށް ޒުވާނާގެ ގަމީހުގެ ގޮށުން ސަލާމަތްވުމާއިއެކު ތެދުވެ ބަލާލި ގޮތަކުން އޭނަގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. އެހާ ތޫނު ކަތި ބަލާލުމެކެވެ. ކޮންފަދަ ބޮޑުވެފައި ކުލަ ޗާލުހެއްޔެވެ؟ ދުވަހަކު ފިލްމަކުން އަދި މަޖައްލާއަކުންވެސް މިވަރުގެ ހިތަށް ހަމަލާދޭފަދަ ތޫނު ލޮލެއް އޭނަ ދެކެފައެއްނުވެއެވެ. ޔަޤީނުންވެސް އެޒުވާނާގެ ހިތަށް ސިހުރުހަދާލައިފިއެވެ. ހިތުގައި ޖަހަންފެށި އާ ވިންދައް ދޭންވީ ނަމެއްވެސް އޭނާއަކަށް ނޭގުނެވެ. އޭނަ ލަސްލަހުން ތެދުވެ އޭނަގެ ފަންއިސްތަށިގަނޑުން ފެންތިކިތައް ފޮޅާލައިފިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ގޭގެ އަސްކަނީގައި ހިޔާކޮށްފައިވާ ތަންކޮޅުގައެވެ.

"މިހާރު ދެން މިއެކުވެރިވެވުނީ...އަހަންނަކީ އައިޒާން...ނަން ބުނެދީފާނަންތަ؟"އައިޒާން ފިނިވެފައިވާ އަތްތިލަ ސޯޓުގެ ޖީބަށް ޖަހާލަމުންބުންޏެވެ.
"މައިރާ...." މައިރާ ވެސް ހުރީ އައިޒާންފަދަ ރީތި ފިރިހެނަކާ ބައްދަލުވުމުން ހައިރާންވެ އަންތަރީސްވެފައެވެ. ގަބޫލުނުކުރެވިފައެވެ. މައިރާ އަށް ދުނިޔެއިން އެންމެ ރީތިވި ޒުވާނާ ހަނދާންވާފަދަ ގޮތެއް އެބަހުއްޓެވެ. ހަ ފޫޓަށްވުރެ އިސްކޮޅު ދިގުވެފައި ބާމަތި ފުޅަލެވެ. މިހާރުވެސް ފާރަށް ލެގިލައިގެން ހުރީ މަޖައްލާއެއްގެ ބޭރުޞަފުހާގައި ޖަހަން ފޮޓޯއަކަށް ހުއްޓިލައިގެން ހުރިފަދައިންނެވެ. އޭނަ ލައިގެން ހުރި ގަމީސް ގަޔާއި ތަތްލަވާފައިހުރުމުން އެ ހަށިގަނޑުގެ ރީތިކަން ވަނީ ހާމަޔަށެވެ.

އެވަގުތު ކޮންމެވެސް މީހަކު ދޮރުހުޅުވާލާހެން ހީވުމުން އައިޒާން އަވަހަށް ދޮރުހުޅުވާލާފައި އެތެރެއަށް ވަންގޮތުން މައިރާއަށް ހީވީ ކޮންމެވެސްކަމެއް ސިއްރުކުރަން ބޭނުންވިހެނެވެ. އެއީ އައިޒާންގެ އަންހެނުންކަމަށްވެސް ވެދާނެއެވެ. އަންހެންކުއްޖެއްގެ ގާތުގައި ހުރުމުން އަންހެނުން މައްސަލަ ޖައްސަފާނެތީ އައިޒާން ބިރުން އަވަހަށް އެތެރެއަށް ދެމިގަތީއެވެ. އެންމެ ރަގަޅުވާނީ މި ބޯ ވާރޭގެތެރޭގައި ތެމިގެން ނަމަވެސް ގެއަށް ދިއުމެވެ. ދެރައީ ގެއަށް ދެވެންވާއިރަށް އޭނަ ގަނޑުވެދާނެތީއެވެ. ވާރެއާއި ތެމިލާއިރަށް އޭނަ އަރިދަފުސްއަޅާފައި ހުން އަންނާނެއެވެ. އަދި ބަލިވާނެއެވެ. ނަމަވެސް މައިރާ ނުތެމެން އިތުރަށް ކުރާނެކަމެއްނެތެވެ. މައިރާ މޭގައި އަތްބޮނޑިކޮށްލައިގެން ހުރެ ބާރަށް ހިގަންފެށިއިރު ހީކަރުވައިގެންގޮސް އޭނަ ރޫރޫއަޅަމުން ދިޔައެވެ.ވާރެއާއި ތެމިފޯވަމުން ދިޔަ ޕަރީއެއްފަދައިން މަގުމަތިން ހިގާލާފައި ދިޔައިރު އޭނަގެ ޚިޔާލުގައިވަނީ އިރުކޮޅެއްކުރިން ދިމާވި ޒުވާނާއެވެ. އެ ތަސްވީރު ލޯމަތިން ފަނޑުވުމުގެ ބަދަލުގައި އިތުރަށް ގަދަކުރަމުން ދިޔައެވެ.

އައިޒާން އެގޭގެ ބޮޑުކޮޓަރީގެ އެއްފަރާތުގައި ކައްކަން ހަދާފައިވާ ބައިގާ ހުރެ ތަރުމޯޒުން މަގަށް ހޫނު ފެންއަޅާލުމަށްފަހު ކޮފީ ޕެކެޓެއް ކަނޑާ އަޅާލައިފިއެވެ. ތަރުތީބެއްނެތް އިސްތަށިގަޑުވަނީ ހޭވިގެން މޫނަށް ފައިބާފައެވެ. ތުނިގަމީހަކާއި ވީދިފައިވާ ޖިންސެއްލައިގެން ހުއްޓަސް އެ ކަސްރަތީ ހަށިގަޑަށް ފިޓްވެފައި ހަށިގަޑުގެ ރީތިކަމާއި ބައިމަތި ފުޅާކަމުން ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރުކުރުވާފަދަ ގޮތެއް ހުއްޓެވެ. ތުބުޅި ނުބާލާތާ ދެތިން ދުވަސްވުމުގެ ސަބަބުން އިތުރަށް ފިރިހެންވަންތަ ގޮތެއް ހުއްޓެވެ.

"ޑޭމިޓް...ޑޭމިޓް... މިވަރުން ދަންޏާ އަހަރެން މޮޔަވާނެ... އަބަދު އެއް ވާހަކައަކުން ބޯ ހަލާކުރުވަން އެބައުޅޭ... ހެއްވާ ކަމެއްނު..." އައިޒާން ރުޅިގަދަވެގެން ގޮސް އަމިއްލަ ނަފުސް މައިތިރި ނުކުރެވިފައި ހުރިއިރު އެ މޫނުމަތިން ކިތަންމެހާ ވެސް ރީތިކޮށް އެކަން އަންގައިދެއެވެ. ކަޅުކުލަގަދަ ބުމަ ގޮށްޖެހިފައިވާއިރު ލޯވަނީ ހަނިކޮށްލެވިފަ އެވެ. މަގުގައި ހިފާލެވުނުލެއް ބާރުކަމުން އެވެސް އަތުތެރޭގައި ކުދިކުދި ކޮށްލެވިދާނެހެންހީވެއެވެ. ދޮންބައްޕަ ކޮޓަރިއަށް ވަދެގެން ދަމުން ބުނެލި ވިހަ ޖުމްލައިން އޭނައަށް މިއަދު ނަފުސް މަތަކުރެވުނީ ކާކުގެ ނަސީބަކުންކަމެއް ނޭގެއެވެ. އޭނަ ފެންނަ ކޮންމެ ފަހަރަކު އެކަން ހަނދާންކޮށްދޭން ޖެހޭހެއްޔެވެ؟ މަންމަ ގާތުގައި ކިތަންމެ ފަހަރަކު އެކަމުގެ ހަޤީޤީތް ހޯދަން ސުވާލުކުރަން އޭނަ ބޭނުންވެއެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. ނަމަވެސް އޭނަގެ ޖެހިލުން ކުޑަކަމާއިއެކުވެސް އަދި އެފަދަ ބޮޑު ސުވާލެއް މަންމައާއި ކުރުމަށް ހިތްވަރެއް ނުލިބެއެވެ.

"ޒާން... ނީލާ ރޮއި ރޮއި ހަލާކު މިވަނީ... ބަނޑަށް ތަދުވަނީޔޯ... ކްލިނިކަކަށް ނަމަވެސް ދައްކާލައިގެން ބޭހެއް ހޯދައިގެން އަންނަންވީނު. މަށަކަށްވެސް ވާވަރުގެ ކަންތަކެއް ނޫން... ނީލާ ގެ ސިޔާސަކަން ދެއަހަރުގެ ކުއްޖަކާ އެއްވަރު... ބޮޑާހާކަން މިވަރެއް ނެތް! ބުނާގޮތަށް ހަދަނީކީނޫން... އެތައްފަހަރު އުޅެފިން ހޫނުފެނުން ބޮނޑިތާންކުރަން... އެއަށްވުރެ މޮޅު ފަރުވާއެއް ޑޮކްޓަރުންނަށްވެސް ނުދެވޭނެ... އެކަމަކު..." އައިޒާންގެ މަންމަ ސަމީނާ ކޮޓަރިން ބޯ ދިއްކޮށްލާފައި ބަރުއަޑަކުން ބުނެލި އެވެ. އައިޒާން މޭޒުމަތީގައި ތަންކޮޅެއް ބާރަށް މަގު ބަހައްޓާފައި މޭޒުގައި ދެއަތުން ޖެހިއެވެ.

"އޭނަ ބަލިވީމަތަ އަބަދުވެސް ބޭބެއެއް ހުންނަކަން އެގެނީ... ބަލިވީމަ އެހެން އެންމެން ފިލައިގެން ދަނީތަ؟ " އައިޒާން ސަމީނާ އާއި ހަތަރުކަޅި ހަމަކުރުމެއްނެތި ކޮޓަރިއަށް ވަނެވެ. އެވަގުތު އައިޒާންގެ ފިރިހެންކޮއްކޮ ސަބީން ރެޑްބުލް ދަޅެއް ބޮމުން ގެއަށް ވަނެވެ. ފުޓްބޯޅަކުޅެން ގޮސްފައި އައިގޮތަށް އޭނަ ހުރީ ދަލާއި ތަތްތެޅިފަ އެވެ. ބޮޑުކޮޓަރީގައިވާ ގޮދަޑިމައްޗަށް އޭނަ ވެއްޓިގަތީ ކަންނެތް ގޮތަކަށެވެ.

"އާނ... ތިއީ އޭނަގެ ބޭބެވީމަ... ބަލިވީމަ އެކުވެރިންނަކަށް ނުފެންނާނެއޭ... ބަލިވީމަ ފެންނާނީ އާއިލާއަށް... ދެން މައްސަލަ ޖައްސަން ނޫޅެ އޭނައަށް އެހީވިއްޔާ ވާނީ ކީއްތަ؟ " ސަމީނާ ކުދިކިޔަމުން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖަހައިފި އެވެ. ނީލާގެ އުމުރުން މިވީ ފަނަރަ އަހަރެވެ. ފިރިހެންކުދިންނާއި ވާހަކަ ދައްކަން ދޮރާށި ދޮށުގައި ހުރުމަކީ ނީލާގެ އާދައެކެވެ. ލައިއުޅެނީ ކުރު ހެދުންތަކެވެ.
"ނުރޮއި ނީލް... ތިއީ ފިޑި ކުއްޖެއް ނޫނެއްނު... ކޮންތަނަކަށް ތަދުވަނީ؟ " އައިޒާން ވީދިފައިވާ ޖިންސް ބާލާފައި ތަންކޮޅެއް ކަމުދާ ފަޓްލޫނެއް ނަމަވެސް ފެނޭތޯ އަލަމާރި ހާވާލުމަށްފަހު ޖިންސެއް ނެގިއެވެ. ހެދުން ބަދަލުކޮށްލައިގެން އޭނަ ދޮރުމަތީގައި ހުއްޓުނުއިރު ދޮރުގައި ބޯ ނުޖެހުނީ ކިރިޔާއެވެ. އެކޮޓަރިއަށް ވަދެވެނީވެސް ގުދުވެލައިގެންނެވެ. މި ކުޑަ ކޮޓަރި އަކީ ދާދިފަހަކާއި ޖެހެންދެން ދޮންބައްޕަމެން ކޮޓަރީގެ އެއްބަޔެވެ. ނީލާ ތަންކޮޅެއް ބޮޑުވުމުން އެކޮޓަރިން ތަންކޮޅެއް ވަކިކޮށްލިނަމަވެސް އެންމެން ހިއްސާކުރަން ޖެހެނީވެސް އެއް ފާޚާނާއެވެ. އައިޒާންއާއި ސަބީން ނިދަނީ ބޮޑު ކޮޓަރީގައެވެ. ނަމަވެސް އައިޒާން ކުރާކަށް ޝަކުވާއެއް ނެތެވެ. މިއީ ދޮންބައްޕަ ހަމީދުގެ ގެއެކެވެ. އެގޭގެ އެހެން ބައިތައް އާއިލާގެ އެންމެނަށް ބަހާ ނިމުނުއިރު އެމީހުންނަށް ލިބުނީ ކުޑަ ތަންކޮޅެކެވެ. ލިބުނު ބައިން ދެންހުރި ކޮޓަރިތައްވަނީ މަންމަމެންގެ ވިޔަފާރި ހިންގުމަށް ބަޔަކާއި ހަވާލުކުރެވިފަ އެވެ. ކިތަންމެ ދަތިކޮށް އުޅުނަސް މިގެ ދޫކޮށްލާފައި ގޮސް ވަންނާކަށް އެހެން ތަނެއްނެތެވެ. އެތައް އަހަރުތަކެއްވަންދެން އާއިލާގެ އެތައްބަޔަކު ކުޑަ ކޮޓަރިއެއް ހިއްސާކުރަން ޖެހުމުގެ ސަބަބުން އައިޒާން ވަނީ މި އާއިލާތެރެއިން ދެކެން ބޭނުންނުވާ އެތައް މަންޒަރެއް ދެކެފައެވެ. މިހާރު ދޮންބައްޕަގެ އެއްބަޑު މީހުންތައްވަނީ ގެ ހަދައިގެން އެހެން ބައިތަކަށް ބަދަލުވެފައެވެ. 

"ކިހިނެއް ކެތްކުރާނީ... މަރުވަނީ... މަރުވަނީ..." ނީލާ ކަކޫ މޭގައި ޖައްސާލައިގެން އެނދުގައި އޮށޯވެލައިގެން އޮތްއިރު ދެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ކުރުކޮށް ކޮށާލާފައި ހައިލައިޓް ކޮށްލާފައިވާ އިސްތަށިގަޑާއި މުށި ލޮލުގެ ސަބަބުން ނީލާ އޭނަގެ މަންމައާއި މާބޮޑު ތަފާތެއްނެތެވެ. މަންމަގެ ފަރާތުން ސަބީންއަށްވެސް އެސިފަތައް ލިބިފައެވެ. އައިޒާން މުޅިން ތަފާތެވެ. ކަޅުކުލަގަދަ އިސްތަށިގަނޑާއި އެހާ ފުން އަދުންކުލައިގެ ދެލޮލުގެ އިތުރުން ހީލާއިރު ކޯތާފަތަށް އެޅޭ އަޑިކޮޅުގެ ސަބަބުން އައިޒާން ގުނާލެވެނީ އެންމެ ރީތި ފިރިހެނުންގެ ސަފުގަ އެވެ.
" ނީލް... ބޭބެ ބުނަމެއްނު ތިއީ އަދި ކިޔަވަންވީ އުމުރޭ...ފިރިހެނުންނާއި ވާހަކަ ނުދައްކާށޭ.." އައިޒާން އޭނައަށް ބުނެވޭނެހާ ރީތިކޮށް އެ ވާހަކަ ފަށްފަށުން ބުނެދިން ނަމަވެސް ނީލާ ގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.
ނީލާ ދެލޯމަރާ ތަގުޅިކޮށްލައިގެން އޮވެ ކުކުރަމުން ދިޔައެވެ. އައިޒާން ނީލާ ގަޔާއި ލައްކޮށްލައިގެން ހުރެ ނިކުތްއިރު ސަމީނާވެސް ކޮޓަރިން ނިކުންނަނީއެވެ. އައިޒާން މަންމަ ނުދަނީތޯ ސުވާލުކޮށްލި އެވެ.

"މަންމަ މިއުޅެނީ ބޮލުގައި ރިއްސާވަރުން... ޒާން އެއްފަހަރު މަންމައަށް ތިވަރު ކަމެއް ކޮށްލަދިނަސް ފާފަވެރިއެއްނުވާނެ.." ސަމީނާ ގެ ފަލަ ހަށިގަޑު ސޯފާގޮޑިއަށް ފައްތާލަމުން ދުފާދަޅު ނެގި އެވެ. ދުފާލައިގެން ގިނަ ވަގުތު ސަމީނާ ހޭދަކުރަނީ ޓީވީ ދޮށުގައި ހިންދީ ސިލްސިލާ ބެލުމުގެ ފޯރީގަ އެވެ. އަވަށްޓެރި އަންހެނެއް ކަމަށްވާ ދަލޭކަ ޤަވާޢިދުން ސަމީނާ އާއި ބައިވެރިވާން އެގެއަށް އާދެއެވެ. އެމީހުންނަށް އޭގެއިން ކިޔާ އެއްޗެއް އެގޭކަމާއިމެދު އައިޒާންގެ ހިތުގައި ސުވާލުއުފެދިފައިވެއެވެ. ދަލޭކަ ސަމީނާގެ ފައި މޮޑެދިނުން ނޫނީ ގައިގާ ތެޔޮދަމާދޭން އިންނައިރު އެ ހިސާބުގައި ހިނގާހާ ކަންތަކުގެ ވާހަކަތައް ޤަވާއިދުން ކިޔާދެއެވެ. އަންހެންވެރިން އެއްތަންވެއްޖެއްޔާ އެ އޮންނަ އުޞޫލުން މީހުންގެ ވާހަކަދެއްކުމާއި ފުރައްސާރަކުރުންފަދަ ކަންތައްކުރުން އެހާ ބޮޑެވެ. އަދި ދަލޭކައަކީ މާލޭގައި ހިނގާ ނޫސްތަކަށް ވުރެ ޚަބަރުގިނަ އަންހެނެކެވެ. ހިނދުކޮޅަކަށްވެސް އަނގަ ހިމޭންކުރުމަކީ ދަލޭކައަށް ފަސޭހަކަމެއްނޫނެވެ.

ބޮލުގައި ރިހުމަކީ މަންމަ ނުދާންވެގެން ދައްކާލި ބަހަނާއެއްކަން އައިޒާން ވަގުތުން ދެނެގަތެވެ. މަންމަ އެވަރަށް ބޮލުގައި ރިއްސާނަމަ ޓީވީދޮށުގައި އެހާ ހިނިއައިސްފައި އިނދެވޭނެކަމަކަށް އައިޒާން ޤަބޫލެއްނުކުރެއެވެ. އައިޒާން ބޯ ހޫރާލާފައި ނީލާ ގޮވައިގެންގޮސް ކާރަށް އެރިއެވެ.

ނީލާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އެ ކޮޓަރިއަށް ވަނީ އައިޒާންއެވެ. ޓެސްޓްތައް ހަދާނިމުމަށްފަހު ބޭސްދިނުމުން އައިޒާން ބޭސްގަނެގެން އެންމެ ފުރަތަމަވެސް ނީލާއަށް ބޭސްކާންދިނެވެ. އެއަށްފަހު ނީލާ ގޮވައިގެން ދިޔައީ ރެސްޓޯރެންޓަކަށެވެ. 

ކޮމެންޓް 0