އެހެންނަމަވެސް އެވަގުތު އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ އޭނާ އެހުރީ ކޮންތާކުކަން ހަނދާންކޮށްލާފައެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާގެ ރުޅިވެރިކަން ހިންދައިލުން މުހިންމެވެ.

*****

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. މަގުތަކުގެ އިތުރުން އެއާޕޯޓް ތެރޭގައިވެސް މީހުން އެހާ ގިނައެވެ.

އަޔާންއަށް އެއާޕޯޓުން ނުކުމެވުނުއިރު ފަސްގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ގެއަށް ގޮސް އެތެރެއަށް ވަތްއިރު ރައުދާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ.

"ހޭ ބޭބީ... ބަލިވެތަ؟" އަޔާން ފޮށި އެއްފަރާތުގައި ބަހައްޓައިލަމުން ސުވާލުކޮށްލިއެވެ.

އޭނާއަށް ރައުދާގެ މޫނުމަތިން އޭރުވެސް ވަރުބަލިކަން ފެންނަމުން ދިޔައެވެ.

މަންމައާއި ބައްޕައާ ވެސް ނޫޅޭކަމަށް ރައުދާ ބުނުމުން އަޔާން އައިސް ރައުދާގެ ނިތުގައި އަތް ޖައްސައިލިއެވެ. ކޮންމެވެސް ވަރަކަށް ހުން ވެސް ހުއްޓެވެ. އޭނާ އެދުނީ ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. ރައުދާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ އަރާމުކޮށްލުން ރަނގަޅުވާނޭ ކަމުގައެވެ.

ފެންވަރަން އަޔާން ވަނުމުން, ރައުދާ ވެސް ކޮޓަރިއަށް ދިޔައީ އަޔާންގެ އެއްޗެހި އިސްތިރިކުރުމަށެވެ.

ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ނުކުތް އަޔާން ގޮސް ރައުދާގެ ފަހަތުން އޭނާގެ ބަނޑުގައި އަތް އަޅުވައިލިއެވެ. ތުންފަތަށް ވެރިކޮށްލި ލުއި ހިނިތުންވުމާއެކު, އޭނާ އޭނާގެ ތުންފަތް ރައުދާގެ ކޯތާފަތާ ކައިރިކޮށްލިއެވެ. އަޔާންގެ އަތް ރައުދާ ދުރުކޮށްލީ އޭނާގެ ބޮލުގައި ރިއްސަމުން ދިޔަލެއް ބޮޑުކަމުންނެވެ. އަޔާންއަށް ކުޑަ ހައިރާންކަމެއް ވެސް ލިބުނެވެ.

"ގައިމު ކުރިން ވެސް މިހެންނެއްނު އުޅެނީ... އަނެއްކާ މާ ބޮޑަށް ބަލިވީތަ؟" އަޔާން އެހެން އަހައިލިއިރު އެ އަޑުގައި ކަންބޮޑުވުން ވިއެވެ. ރައުދާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ބުނީ މާ ބޮޑު ކަމެއް ނުވާކަމުގައެވެ.

"އަހަންނަށް ފެނޭ ޗުއްޓީއެއް ނަގަން..." އަޔާން ބުނެލިއެވެ.

އެއްޗެހި އިސްތިރިކޮށް ނިމުމުން އަޔާންއަށް ދީފައި ރައުދާ އެނދުގައި އިށީނދެލިއެވެ. އޭނާ އަޔާން ގާތު އަހައިލީ ކާން ހަދަންވީ ތޯ އެވެ. އަޔާން ރައުދާ ކައިރީގައި އަރާމްކޮށްލަން ބުނެފައި ނުކުމެ އެއްޗެއް ކާން އަވަސްވެގަތެވެ.

*****

ރޭގަނޑު އަޔާން އަރްޒަން އުޅޭ ގެއަށް ދިޔައީ، ހުޅުމާލޭ ހޮސްޕިޓަލުގައި އޮތް ރައްޓެއްސަކަށް ގޮވައިލުމަށް ފަހުގައެވެ. އެގެއާ ހޮސްޕިޓަލް ކައިރިވީތީއާ ވެސް އެކުގައެވެ. ބެލް އަޅައިލުމާއެކު، ލަސްތަކެއް ނުވެ އަރްޒަން ދޮރު ހުޅުވައިލިއެވެ.

ހޭވިފައިވާ އިސްތަށިގަނޑުގެ ސަބަބުންނާ، މޫނުމަތީގައިވި ކުލަވަރުތަކުން އޭނާ ދެންމެ ނިދާ ހޭލީކަން ދެނެގަންނަން އަޔާންއަށް އުނދަގުލެއް ނުވިއެވެ.

"ކޮފީ؟" އަޔާން ސޯފާގައި އިށީނުމާއެކު، އަރްޒަން ސުވާލުކޮށްލިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އާފުރިލިއެވެ. އެ އަމަލުން އެކަނިވެސް އަރްޒަންގެ ނިދި އަދިވެސް ނުފިލައިކަން އަޔާންއަށް އެނގުނެވެ.

"ނޫން...އެއްޗެހި ދޮންނަނީތަ؟" އެއްފަރާތުގައި ބަހައްޓާފައި ހުރި ހަރުގަނޑުގައި އަޅުވާފައި ހުރި އަރްޒަންގެ ޔުނިފޯމަށް އިޝާރާތް ކޮށްލަމުން އަޔާން އަހައިލި އެވެ.

"ހަހަ... ދެންމެ މި ނިދާ ހޭލީ. އެއީ ހަވީރު އެޅުވި އެއްޗެހި" އަރްޒަން ބުނެލިއެވެ.

"ދެން ތިކަން ކޮށްދޭނެ ކުއްޖެއް ހޯދަން ވެއްޖެއެއްނު!" ވަރަށް ނުވާކަމަކަށް ހަދާލާފައި އަޔާން ބުނެލިއެވެ.

"އަހަރެން އަޔާންހާ ނަސީބުގަދައެއް ނޫނޭ!" އަރްޒަން ބުނެލިއެވެ.

"ހެހެ ނޫނޭ. ތީ ހީވާގޮތް! ޒޭންއަށް ނޭނގުނަސް ޒޭންދެކެ ވަރަށް ލޯބިވާ ކުއްޖެއް ހުރެދާނެއެއްނު..." އަޔާން މާނަ ފުން ގޮތަކަށް ބުނެލިއެވެ.

"އަހަރެން ދެކެ ލޯބިވާނެތަ އަޅެ މީހަކު؟ އަހަރެން މީ ކާކު؟" އަރްޒަން އަޔާންއަށް ބަލައިލިއެވެ. އޭނާއަށް އަޔާން އެ ބުނި އެއްޗެއްގެ މާނަ ދޭހަކުރާކަށް ނޭނގުނެވެ.

"ބަތޫލްގެ ދަލުން ނުކުމެ އެއްފަހަރު ވެސް, ވަށައިގެން ބަލައިލަބަލަ! އޭރުން މި ބުނާކަހަލަ ، ކުއްޖެއް ފެނިދާނެއެއްނު!" އަޔާން އެއް ބުމަ އަރުވައިލިއެވެ.

"ތި ބަތޫލް އަކީ އަހަރެން އަންހެން ކުދިންނަށް ނަފުރަތު ކުރާ މައިގަނޑު ސަބަބު" ފުން ނޭވާއެއް ދޫކޮށްލި އަރްޒަން އަޔާންއަށް ބަލައިލާ ދެކޮނޑު އުފުލައިލިއެވެ.

"އެންމެން ބަތޫލް ހެންނެއް ނުވާނެ. އަޅެ ރަނގަޅަށް ލޯ، ހުޅުވާފަ ބަލައިލަބަލަ! ފެނިދާނެއެއްނު!"

"ސާފުކޮށް ބުނެދީ ބަލަ! " އަރްޒަން އަހައިލިއެވެ.

"ޒީޝާން... އައި ތިންކް ޝީ ލައިކްސް ޔޫ. " އަޔާންގެ ވާހަކައިން ބުނާނެ އެއްޗެއް ނޭނގިފައި އަރްޒަންއަށް ހިނދުކޮޅަކު އިނދެވުނެވެ.

"ގްރޭ އައިސް؟ އިލްހާމްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު؟" ޔަޤީން ނުވެފައި އިންފަދަ ގޮތަކަށް އަރްޒަން އަހައިލިއެވެ.

"ހޫމް ... އެން.އެމް ހޯލްޑިންގްސްގެ ވެރިޔާ އިލްހާމްގެ ހުރި ހަމައެކަނި ދަރިފުޅު..."

"އޭނަތަ އަހަންނާ އެކަށީގެންވަނީ؟ ނޫން!. އެއީ ކިހާ މުއްސަނދި ބައެއްތަ؟ އަހަރެން ފަދަ މީހަކާ ގުޅެން އެ މީހުން ކިހިނެއް އެއްބަސް ވާނީ. އަނެއްކޮޅުން ތި ޒީޝާން ވެސް އަހަރެންމީ ކާކުކަން އެނގުނީމަ ދޫކޮށްލާނީ ކަންނޭގެ!" އަރްޒަން ދެފަރާތަށް ބޯ ހޫރައިލިއެވެ.

އޭނާ އަޔާންއަށް އެކަން އެނގުނު ގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ. އަޔާން އެ ސުވާލުގެ ޖަވާބު ދިނުމުން އަރްޒަން ހީލިއެވެ. އޭނާ ބުނީ އެއީ ވަގުތީކަމެއް ކަމުގައެވެ. އޭނާއާ ހެދި އެތަކެއް ކުދިންނެއް މިހާރުވެސް އުޅޭ ކަމުގައެވެ. ޒީޝާންއަށް ވެސް އެވީ އެހެން ކަމުގައެވެ.

އެކަމާ މާ ބޮޑު އަޅައިލުމެއް އަރްޒަންގެ މޫނުމައްޗަކުން އަޔާންއަކަށް ނުފެނުނެވެ.

އެކަމަކު، އަޔާންގެ ވާހަކައިން އަރްޒަންގެ ހިތަށް ހަމަ ގައިމުވެސް ގޮތެއްވެގެން ދިޔައެވެ. ހިތަށް އުފާވެރިކަމެއް ވެރިވީ ކީއްވެކަމެއް ނޭނގުނެވެ. އެހެންނަމަވެސް އަރްޒަން އެ އިޙްސާސްތައް ފޮރުވައިލީ އަޔާންއަށް އެއިން އެއްވެސް ކަމެއް ފާހަގަވާން ނޭދޭތީއެވެ.

"އޯކޭ އޯކޭއޭ!. އެކަމަކު ބުނަންތަ؟ އަހަންނަށް ފެނޭ އެކަމާ އުޅެލަން. ކާމިޔާބު ވެދާނެއެއްނު!" އަޔާން ހީގަތެވެ. އަރްޒަން އެ ހުނުމުގައި ބައިވެރިވިނަމަވެސް އިތުރު އެއްޗެއް ނުބުނެއެވެ.

*****

އަރްޒަންއާ ޒީޝާންއާ އެއްކޮށް ފްލައިޓެއް ޖެހުނީ އޭގެ އަނެއް ދުވަހެވެ. ދަތުރަކީ ޗައިނާގެ ބެއިޖިންއަށް ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.

ޒީޝާންއަށް އިންޓަރނޭޝަނަލް ޓާމިނަލުގައި ހުންނަ އޮފީހަށް ވަދެވުނުއިރު އާރާ ބްރީފިން ރޫމް ތެރެއަށް ވަންނަނީއެވެ.

"އާރޫ" ޒީޝާން އަވަސްއަވަހަށް ގޮވައިލިއެވެ.

"ގުޅައިވެސް ފީމޭ. އެކަމަކު ފޯނެއް ނުނަގާ. އެންމެން ވެއްޖެ އެތެރޭގަ!" އާރާ ބުނެލިއެވެ.

"އަރްޒަން ވެސް އެބައިނޭ އެތެރޭގަ، އަދި ޒޭބާ ވެސް..." އާރާ އެ ހިސާބަށް އަރާ ހަމަވި ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލަމުން އަނެއްކާވެސް ބުނެލި އެވެ.

ދެމީހުން ބްރީފިން ރޫމަށް ވަތްއިރު އަރްޒަންގެ އިތުރުން ރާކިން އާއި ޒޭބާ އާއި އެ މީހުންގެ އިން ފްލައިޓް ސުޕަވައިޒާ ފާލިހްވެސް އިނެވެ.

ބްރީފިންގައި އިންއިރު ވެސް އަރްޒަންއަށް ޒީޝާންއާ ދިމާލަށް އިރުއިރުކޮޅަކާ ބަލައިލެވެއެވެ. އަޔާންގެ ބަސްތައް އަދިވެސް އޭނާގެ ސިކުނޑީގައި ގުގުމަނީއެވެ. އަރްޒަން ބަލައިލާ ކޮންމެ ފަހަރަކުވެސް އެއްކަމެއް އަރްޒަންއަށް ފާހަގަ ވިއެވެ. އޭނާ ބަލައިލާ ކޮންމެ ފަހަރަކުވެސް ޒީޝާންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާތަނެވެ. ހަމައެއާއެކު،އޭނާ ހަމަ ބަލައިލާއިރަށް ނިކަން އަވަސްއަވަހަށް އެ ނަޒަރު ވަކިކޮށްލާ ގޮތެވެ.

އަރްޒަން އެކޭ އެއްގޮތަށް ރާކިންގެ ނަޒަރުވެސް އިރުއިރުކޮޅުން ޒީޝާންއާ އަމާޒުވެއެވެ. ބައެއްފަހަރު އެ ނަޒަރު އަރްޒަންއަށް ވެސް ދަތުރުކޮށްލައެވެ. މީގެ ކުރިން އޭނާއަށް ބޮޑަށް ފާހަގަ ކުރެވެނީ ޒީޝާންގެ މޫނުމަތީގެ އަސަރުތައް ނަމަވެސް މިއަދު އޭނާއަށް އަރްޒަންގެ ފުށުން ވެސް ތަފާތު ކަމެއް ފާހަގަކުރެވުނެވެ. އެކަމުން އޭނާއަށް ނޭނގޭ އުނދަގުލެއް ވަމުން ދިޔައެވެ.

ރާކިންގެ ނަޒަރު އިރުއިރު ކޮޅަކާ ޒީޝާންއަށް ހުއްޓޭތީ އެކަމާ ޒޭބާ އިނީ ރުޅިއައިސްރަތްވެފައެވެ

ބްރީފިންގައި ދުވަހުގެ މޫސުމުގެ އިތުރުން ބޯޓު ހޭންގަރުގައި އޮތް ހިސާބުގެ އިތުރުން އެހެނިހެން މުހިންމު މައުލޫމާތުއް ކިޔައިދިނެވެ.

ޗައިނާގައި އެއް ދުވަހު މަޑުކުރާތީ އާރާއާ ޒީޝާންއާ ދެމީހުން ބޯޓަށް ދިޔަ ދިޔުމުގައި ފޮޓޯ ޝޫޓަކަށް ދިޔުމަށާއި ވިޔަފާރި ކޮށްލަން ދާން ރޭވިއެވެ.

*****

މޯލްޑިވިއަންގެ އެއާރބަސް ޗައިނާގެ ބެއިޖިންގެ އެއާޕޯޓަށް ޖެއްސިއިރު ޗައިނާ ގަޑިން ރޭގަނޑު އެގާރަ ގަޑި ބައިވަނީއެވެ. ބޯޓުގެ ތަނަވަސްކަމާ ހިތްފަސޭހަކަމުގެ އިތުރުން ލިބުނު މެހެމާންދާރީ އާ މެދު ހިންހަމަޖެހިފައި ތިބިކަން ރަމްޒުކޮށްދެނީ އެއިން ފޭބި ކޮންމެ މީހެއްގެ ތުންފަތް މަތީގައިވި ހިނިތުންވުމާއި މޫނުމަތިން ފެންނަމުންދިޔަ އަސަރުތަކެވެ.

އެއާރޕޯޓުން ކަސްޓަމްސް ކްލިއަރވެގެން ބޭރަށް ނުކުމެ ވުނުއިރު ގަޑިން ބާރަގަޑި ބައިވަނީއެވެ.

މާހައުލުގައިވީ ފިނީގެ އަސަރުކުރަން ފެށުމުން ހިސާބެއްގެ ތުރުތުރު އެޅުމެއް ޒީޝާންގެ ތުންފަތް މައްޗަށް ވެރިވިއެވެ. އޭނާ އާރާއަށް ބަލައިލުމަށްފަހު، ދެއަތް ދެއަތާ މޮޑެން ފެށިއެވެ.

ހޮޓެލަށް ގޮސް ހޫނުފެނުން ފެންވަރައިލުމުން ހަށިގަނޑަށް ތާޒާ ކަން ވެރިވިއެވެ. އާރާ އާ އޭނާއާ މަޑުކުރީ އެއް ރޫމެއްގައި ކަމުން ޒީޝާން ހުރީ ވަރަށް ހިންހަމަޖެހިފައެވެ. ރޭގަނޑުގެ ވަގުތު ކަމުން އެއްޗެއް ކާކަށް ޒީޝާން އާއި އާރާވެސް ބޭނުމެއް ނުވިއެވެ.

ޒީޝާން ކޮފީއެއް ހަދާލައިގެން ނުކުމެލީ ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަންޏަށެވެ. އޭރު އާރާ އެއްފަރާތުގައި ހުރި ސޯފާގައި ހަށިގަނޑު ދަމައިލައިގެން ފޯނާ ކުޅެން އޮތެވެ.

މަތިން ޖެކެޓެއް ލައިގެން ހުރި ނަމަވެސް ފިނީގެ އަސަރު ޒީޝާންއަށް ކުރަން ފެށިއެވެ. ހޫނު ކޮފީއިން ހަށިގަނޑަށް ތާޒާކަން ވެރިވަމުން ދިޔައެވެ. ރެއިލިން ކައިރިއަށް ޖެހިލާ ދުރުދުރަށް ދަންދެން ފެތުރިފައިވާ އިމާރާތްތަކުގެ ލައިޓްތަކަށް ޒީޝާން ބަލައިލިއެވެ. ހިތްތަކަށް އުފާވެރިކަން ގެނުވާފަދަ ރީތި މަންޒަރެކެވެ. ކޮފީޖޯޑުން ފަހަރަކު އެތި ފޮދެއް ބޮމުން ދިޔަ ޒީޝާންގެ ނަޒަރު ހުއްޓުނީ އޭނާގެ ކޮޓަރި ބެލްކަނީގެ ކަނާއަތް ފަރާތުގައި ހުރި ބެލްކަންޏަށް ނުކުތް އަރްޒަން ފެނިފައެވެ.

ހުދު ކުލައިގެ ޓީޝާޓެއްގައި ހުރިއިރު އޭނާގެ ފިރިހެންވަންތަ ހަށިގަނޑަށް އެ ޓީޝާޓް ހިފާލާފައިވާ ގޮތް ވަރަށް ފުރިހަމައެވެ. އެސްފިޔަޖަހައިލަން ވެސް ނޭނގިފައި ޒީޝާންއަށް ހުރެވުނެވެ. ހަމަހޭވެރިކަންވީ އިރުކޮޅެއް ފަހުންނެވެ. ކަޅި ޖަހައިނުލާ ހުރެވުނުކަން ރޭކާލީ ވަގުތު އޭނާ ނިކަން އަވަސް އަވަހަށް އަރްޒަންއާ ނަޒަރު ވަކިކޮށްލައިފިއެވެ.

ޒީޝާން ފެނި ޚުދު އަރްޒަންއަށް ވެސް އޭނާގެ ހަރަކާތްތައް މަޑު ޖައްސައިލެވުނެވެ. ޒީޝާންގެ ހިތުގައި ހަމަ ހަޤީގަތުގައިވެސް އޭނާއާ މެދު އިޙްސާސްތަކެއް ވަނީ ކަމުގައި އޭނާގެ ހުރިހާ ހިއްސުތައް ބުނެދިނެވެ. ހަމައެއާއެކު އޭނާއަށް ޒީޝާން ފެނުމުން ތަފާތު ގޮތްތަކެއް ވާކަމުގައި އޭނާގެ ހިތް ބުނެދޭން މަސައްކަތްކުރި ވާހަކަ އަޑުއަހަން އަރްޒަން ތައްޔާރެއް ނޫނެވެ. އޭނާ އެފަދަ ކަމަކާ ވިސްނާކަށް ބޭނުމެއް ނޫނެވެ. ޒީޝާންފަދަ ކުއްޖަކު އޭނާއާ އެކަށީގެންނެއް ނުވެއެވެ. އޭނާ އަކީ ނިކަމެއްޗެކެވެ. އެ ހިތި ހަޤީގަތް ދުވަހަކުވެސް އޮޅުވައެއް ނުލެވޭނެއެވެ. ޒީޝާންއަކީ ޤަދަރުވެރި އާއިލާއަކުން އައިސްފައި ހުރި ކުއްޖެކެވެ. މަންމައާއި ބައްޕަ ފަރާތު އާއިލާ އަކީވެސް އެހާ މުއްސަނދި ޝާހީ އާއިލާ އެކެވެ. ވީއިރު އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭނަ ފަދަ ނިކަމެއްޗަކާ ގުޅެން އެމީހުން އެއްބަސް ވާނެހެއްޔެވެ؟

ޒީޝާން އަވަސް އަވަހަށް އަރްޒަންއަށް ބަލައިލާފައި އެތެރެއަށް ދެމިގަތީ އޭނާއަށް އަރްޒަންގެ ނަޒަރު މާނަ ކުރަން ނޭނގުމުންނެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ކޮންފަދަ އަސަރުތަކެއްހެއްޔެވެ؟ ބެލްކަނި ދޮރުފަތް ލައްޕައިލާ ފަރުދާތައް ވެސް ކަހާލާފައި އޭގައި ލެނގިލައިގެން އިރުކޮޅަކު ޒީޝާން ހުއްޓެވެ. އެހެން ހުރެފައި، ފަރުދާތައް ކުޑަކޮށް ކަހާލާފައި އޭނާ އަރްޒަން ހުރިތޯ ބަލައިލިއެވެ. އަރްޒަން ސީދާ އެ ދިމާލަށް ބަލަންހުރުމުން ގަތް ލަދާއެކު ފަރުދާތައް ކަހާލާފައި އައިސް އޭނާ އެނދަށް ވެއްޓިގަތެވެ.

"ކިހިނެއްވީ؟" އާރާ ޒީޝާންއަށް ބަލައިލާފައި ސުވާލުކޮށްލިއެވެ.

"އަރްޒަން..." ޒީޝާންއަށް ބުނެވުނެވެ.

"އެ މިސްޓީރިއަސް ދެލޮލުން ބަލައިލީމަ ނޭނގެ ވާގޮތެއްވެސް. އަޅެ އަހަރެންގެ ހިތުގެ އިޙްސާސްތައް އަރްޒަންއަށް އެނގޭނެނަމަ ދޯ" ޒީޝާން ހީލިއެވެ.

ޒީޝާންމެން ކޮޓަރީ ބެލްކަނީ ދޮރަށް ބަލަހައްޓައިގެން ހުރި އަރްޒަންގެ ހިތުގައި އުފެދުނީ ވަރުގަދަ ތޫފާނެކެވެ. އޭނާއަށް ޒީޝާންއާ ބެހޭގޮތުން އެފަދަ ވިސްނުންތައް އަންނަނީ ކީއްވެހެއްޔެވެ؟ ޒީޝާންމެން މަންމަމެން ގަބޫލު ނުވާނެޔޭ ހިތަށް އަރަނީ ކީއްވެހެއްޔެވެ؟. އެކަމާ ވިސްނަން ބޭނުން ނޫނަސް ޒީޝާން އާ ބެހޭގޮތުން ވިސްނޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެހެން އަރަނީ އަނެއްކާ އޭނާގެ ހިތް ޒީޝާންއަށް އެދެނީ ހެއްޔެވެ؟ އަމިއްލަ ހިތާ އެ ސުވާލު ކުރެވުނު އަދަދެއް އަރްޒަންއަކަށް ނޭނގުނެވެ. އެތައް އިރަކު އޭނާ ވިސްނަން ހުއްޓެވެ.

*****

ނިދަންވެގެން އޮށޯއިން އަޔާން ރައުދާގެ ބަނޑުގައި އަތް ޖައްސައިލިއެވެ. އޭރު ރައުދާ ވެސް އޮތީ އޮށޯވެއެވެ. އަޔާން ރައުދާގެ ކައިރިއަށް ޖެހިލުމާއެކު، ރައުދާ ދުރަށް ޖެހިލިއެވެ.

އޭނާއަކަށް ނޭނގެއެވެ. އަޔާން އާ ގާތުގައި އޮންނަން ވުމުން މިރޭ ހަމަ ހިތް ނުތަނަވަސް ވަނީއެވެ. ނޭނގޭ އުނދަގުލެއް ވަނީއެވެ. އަޔާންގެ އަތް، އޭނާގެ ގައިގައި ބީހުމުން އެކަނިވެސް އެ އުނދަގޫ ބޮޑުވެއްޖެއެވެ. އަޔާންގެ އަތް ދުރަށް ޖައްސައިލަމުން ރައުދާ އަޔާންއަށް ބަލައިލިއެވެ.

"އަހަރެން ބޭނުންވަނީ ނިދަން..." ރައުދާ އޭނާ ވަރުބަލިވެފައިވާކަން ހާމަ ކޮށްލުމަށްފަހު، ބުނެލިއެވެ.

"އަދިވެސް ހުން އައިސްފަތަ؟" ރައުދާގެ ނިތުގައި އަތް ޖައްސައިލަމުން އަޔާން އަހައިލިއެވެ.

"ނޫން" ރައުދާ ބުނެލިއެވެ. އެއަށްފަހު އަޔާންއާ ފުރަގަސްދިނެވެ. އެއީ މާ ބޮޑަށް ރައުދާ ވަރުބަލިވެފައި ހުރުމުންވީ ކަމެއްކަމަށް ނިންމާ އަޔާންވެސް އެކަމާ އަޅައެއް ނުލައެވެ.

އިރުކޮޅަކުން ބަލައިލިއިރު ރައުދާ އޮތީ ނިދާފައެވެ. ރޭގަނޑު ކެއި ނަމަވެސް، ކޮންމެވެސް ވަރަކަށް ބަނޑުހައިކަން އިޙްސާސް ވާން ފެށި އަޔާން ކޮޓަރިން ނުކުމެގެން ގޮސް ފްރިޖް ހުޅުވައިލީ އޭގެތެރޭގައި ކާ އެއްޗެއް އޮތްތޯ ބަލައިލުމަށެވެ.

ރައުދާ ބާއްވާފައި އޮތް ފޭރު ފެނި އޭނާ އެ ނަގައިގެން އައިސް ކާ މޭޒު ދޮށުގައި އިށީނދެލިއެވެ. ވަރަށް ހަމަޖެހިލައިގެން އިނދެ ކައި ނިންމާލައިގެން ކޮޓަރިއަށް ވަދެ ޖައްސައިލުމަށްފަހު، ފޭސްބުކް ހާވަން ފެށީ ނިދި ނައުމުންނެވެ.

*****

ނިދަން އޮށޯވެ އޮތް ރާކިންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާއަށް ސިފަވަނީ އަރްޒަންއާ ޒީޝާންއާ ދެމީހުން އެކަކު އަނެކަކަށް ބަލައިލާ ގޮތެވެ. އެ ނަޒަރުގައި ވާ ތަފާތު ގޮތެވެ.

މި ދަތުރުގައި ކޮންމެހެންވެސް ޒީޝާންއަށް އޭނާގެ ހިތުގެ އިޙްސާސްތައް އަންގަން ރާކިން ބޭނުންވިއެވެ. އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. ޒީޝާންއަކީ އޭނާގެ މީހެކެވެ. އެއީ އޭނާގެ ޙައްޤެކެވެ. އަރްޒަންއަށް ޒީޝާން ލިބިގެނެއް ނުވާނެއެވެ. ކުންފުނީގެ ހުރިހާ ކަމެއްގައިވެސް އަރްޒަން އުޅެނީ އޭނާއަށް ވުރެ މާ ކުރީގައެވެ. ކޮންމެ ކަމެއްގައި ކާމިޔާބު ހޯދައެވެ. އެންމެންގެ ހިތުން ވެސް އަރްޒަން ޖާގަހޯދިއެވެ. މިފަހަރު ޒީޝާން ކާމިޔާބު ވާން ޖެހޭނީ އޭނާއަށެވެ. ހުރިހާ ކަމެއް އަރްޒަންއަށް ކާމިޔާބުވުން މަޖުބޫރެއް ނޫނެވެ. އަރްޒަންއާ މެދު އެ ހިތުގައި ކުރި ފަޅާ ހެދެމުން ދިޔައީ ނަފްރަތެވެ. އަރްޒަން އަކީ އޭނާގެ ކުރިމަގަށް ހުރަސްއަޅާ މީހެއްކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓް 0