"ފިރާޤުބޭ...." ޗެކިންއަށް ހުޅުވައިލުމުން އަރްޒަން ފިރާޤަށް ގޮވައިލިއެވެ.
"އާނ... ހިނގާ ދާން..." ފިރާޤު ބުނެލިއެވެ. އެއަށްފަހު އޭނާ އަރްޒަންގެ ފަހަތުން ހިނގައިގަތެވެ.
އުފަން ފަސްގަނޑަށް އަލްވަދާޢު ކިޔާ ވަގުތު ކުޑަތަން ވަމުންދިޔަ ވަރަކަށް އަރްޒަންއާ ފިރާޤަށް ވެސް ތަފާތު އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ. ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ހިތުގައި ދައުރުވަމުން ދިޔައެވެ.
ހިނގަހިނގާ ހުރި އަޔާންގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނަށް ބަލައިލިއެވެ. އެކުވެރިއެއްގެ މެސެޖަކަށް ވާތީ އޭނާ އެ މެސެޖް ހުޅުވައިލިއެވެ.
"ހޭ ޔާން... ކޯންޓޭއިން ކޮން ކަށިތަކެއްތަ ފެނިގެން އެއުޅެނީ؟" ރައްޓެއްސަކު ފޮޓޯ އަކާއެކު އަހާލާފައިވެއެވެ. އަޔާންއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭނާއަށް އަވަސް އަވަހަށް ޚަބަރު ހުޅުވައިލެވުނެވެ. އޭގައި އޮތީ ކޯއްޓޭއިން މަރުވެފައިވާ ދެމީހުންގެ ކަށިތައް ފެނުނު ކަމުގައެވެ. ހުއްޓި ހުރި އަޔާންގެ ގާތަށް އަިއސް އަރްޒަން މަޑުކޮށްލިއެވެ. އަޔާން އޭނާގެ ފޯނުގައިވާ ފޮޓޯތައް އަރްޒަންއަށް ދައްކައިލިއެވެ.
"އެންމެ ފަހުން އެ ކަށިތައްވެސް ފެނުނީ. އެ ދެޒުވާނުންގެ..." އަރްޒަންއަށް ބުނެވުނެވެ.
"މަޖަލަކަށް އެތަނަށް ގޮސް އުޅުނު ކުދިވެރިންތަކަކަށް ފެނުނު ކަމަށްވަނީ..."
އޭނާއާއި އަރްޒަންއާ ދެމީހުން ގޮސް ފިރާޤު ކައިރީގައި އެ ވާހަކަ ބުނެލިއެވެ.
ފްލައިޓަށް އަރަން އައި އަރްޒަންމެން ފެނި ޒޭބާގެ މޫނުމަތި ކޮންމެވެސް ވަރަކަށް ބަނަވިއެވެ. އެކަމަކުވެސް އޭނާ އެ އަސަރުތައް ހިންދައިލަން މަސައްކަތް ކުރިއެވެ. ހިނިތުންވެލައިގެން އޭނާ ހުރި ނަމަވެސް އަދިވެސް އޭނާގެ ހިތް އަރްޒަންމެންގެ މައްޗަށް ސާފެއް ނޫނެވެ. އަރްޒަންމެން އައްޑޫގައި އެހާ ދުވަހު ކުރީ ކީއްހެއްޔެވެ؟ އޭނާވަނީ ޒީޝާންއަށްވީ ގޮތް ވެސް ކޮންމެވެސް ވަރަކަށް އެނގިފައެވެ. ޒީޝާންއާ މެދު ކޮންމެވެސް ވަރަކަށް ޒޭބާ ޙަމްދަރުދީ ވިއެވެ. އޭނާއާ ނަޝްވާއާ ދިމާވުމުން ދައްކަން ޖެހޭ ލައްކަ ވާހަކަ ހުންނާނެއެވެ. ނަޝްވާ ވަނީ ފްލައިޓް ވެއްޓުނު ހާދިސާއަށް ފަހު، ވަޒީފާ ދޫކޮށްލާފައެވެ. އާރާމެން ފަދަ ހިތްވަރު ގަދަ ކުއްޖަކަށް އޭނާ ނުވިއެވެ. ނަޝްވާއަށް ވީ ގޮތުން ޒޭބާ އިންތިހާ ދެރަވި ނަމަވެސް، އޭނާއަށް ނަޝްވާގެ ހިތުގައި ހިނގާނޭ އިޙްސާސްތައް ވަޒަންކޮށްލެވުނެވެ. ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުންވެސް، ނަޝްވާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެކުވެރިޔާ ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް އޭނާ ހުންނާނީ އެކުވެރިޔާއާ އެކީގައެވެ. އެކުވެރިޔާއަށް ލިބޭ ކޮންމެ ހިތާމައަކާ އުފަލެއްގައި އޭނާ ހިއްސާވާނެއެވެ.
ބޯޓަށް އަރާ އިށީނުމަށްފަހު، ލޯގަނޑުން ބޭރު ބަލައިލި އަރްޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ތައްޔާރުވީ އުފަން ވަޒަނަށް އަލްވަދާޢު ކިޔުމަށެވެ. އޭނާގެ ކައިރީގައި އިން ޒީޝާން އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ. ޚުދު އޭނާ ވެސް އިނީ ޖެހިލުންވެފައެވެ. ޝިންޝިނާ މަރުވި ނަމަވެސް، އަދިވެސް އެ ހިނގާދިޔަ ހުރިހާކަމެއް ދެންމެ ވީ ކަމެއްހެން ލޮލު ކުރިމަތީގައި ތަކުރާރުވެ ހުރެއެވެ. އެ މަންޒަރުތައް ސިފަވެއެވެ.
އަޔާންއާ ރައުދާއާ ދެމީހުން ތިބީ ކައިރީގައެވެ. ޖިނާން އާއި އާރާއާއި ދެމީހުން ކައިރީގައެވެ. ބޯޓަށް އެރުމަށްފަހު، އިރުފާންއާއި ފިރާޤާ ދެމީހުންވެސް ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ރައުދާ އިރުއިރުކޮޅަކާ އަޔާންއަށް ބަލައިލައެވެ. އެކަން އަޔާންއަށް ފާހަގަ ވިނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. ރައުދާއަށް ބަލައިލަމުން އަޔާން ހިނިތުންވެލީއެވެ. ބޯޓު ނައްޓައިލަނީކަމަށް އެނައުންސް ކުރުމާއެކު، އަރްޒަންމެން އެންމެން ބެލްޓް އަޅާ ތައްޔާރުވެލިއެވެ. އޭރު ޒޭބާ އުޅެނީ ކެބިންތެރެ ޗެކް ކުރާށެވެ.
"ސޮރީ ޒޭބާ..." ޒޭބާ އަރްޒަންމެން ތިބި ހިސާބަށް އަރާ ހަމަވީތަނާ އަރްޒަން ބުނެލިއެވެ. އެއާއެކު ޒޭބާއަށް ބޭއިޙްތިޔާރުގައި ބުމަ އުފުއްލައިލެވުނެވެ.
"އިޓްސް އޯކޭ..." އަރްޒަން ހިނިތުންވެލިއެވެ.
"ވައި؟ ވައި ޑިޑް ޔޫ ޓޯލްޑް ސޮރީ ޓު ޒޭބާ؟" ޒޭބާ އެމީހުންނަށް ފަސްދީ ދިޔުމުން ޒީޝާން އަހައިލިއެވެ.
"ރާކިން... ރާކިންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އަހަރެން... އެހެން އަހަރެންނަށް ޤަބޫލުކުރެވޭތީ... އައި ނޯ ޒޭބާ ލައިކްވިކަން ރާކިންދެކެ... އެންޑް އެހުރިހާކަމަކާ ހެދި އަދިވެސް އޭނާ އެ ހުރީ ރުޅި އައިސްފަ..." އަރްޒަން ބުނެލިއެވެ.
"ޑޯންޓް ބްލޭމް ޔުއަރ ސެލްފް ޒޭން... އިޓްސް ނޮޓް ޔުއަރ ފޯލްޓް..." ޒީޝާން ބުނެލިއެވެ. އަބަދާ އަބަދު އަރްޒަން އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރާކަށް ޒީޝާން ބޭނުމެއް ނުވިއެވެ.
އައްޑޫއިން ބޯޓު ނައްޓައިލުމާއެކު، އަރްޒަން ލޯގަނޑުން ބޭރު ބަަލައިލިއެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ތިރިން ފެންނަމުންދިޔަ އައްޑޫގެ ކޯއްޓޭ ސަރަހައްދަށެވެ. އެއާއެކު މީހާގެ ގައިން ކޮންމެވެސް ވަރަކަށް ހީބިހި ނެގިއެވެ. އުންމީދަކީ ދެން އެފަދަ އެއްވެސް ކަމެއް ތަކުރާރުނުވުމެވެ. ޕައިލެޓަކަށް ވީތީ އަދިވެސް އޭނާއަށް ދަތުރުތަކުގައި އެ ރަށަށް އާދެވިދާނެއެވެ. އަމިއްލަ އުފަން ބިމަކީ އައްޑޫކަން އެނގުމުން އެ ފަސްގަނޑުގައި ކިތަންމެ ހިތްދަތި ހާދިސާތަކެއް ހިނގާފައިވީ ނަމަވެސް ލޯބިޖެހިއްޖެއެވެ.
ގައިގަނޑަަކަށް ގަޑީއިރެއްގެ ދަތުރަކަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާއޕޯޓުގައި ބޯޓު ޖައްސައިފިއެވެ. އެރައިވަލް ގޭޓުން ނުކުތްއިރު އަންވަރު މަޑުކޮށްލައިގެން ހުއްޓެވެ. އޭރު އޭނާގެ މޫނުމަތިންވެސް ވެސް ފެންނަނީ ހިނިތުންވުމެވެ. އެހާ ދުވަސްކޮށްފައި ބައްޕަ ފެނުމުން އަދި ކުރަންދިޔަ ކަންތައް ކާމިޔާބުވުމުން އަންވަރަށް ﷲ އަށް ޙަމްދުކުރެވުނެވެ.
ފިރާޤު ހިނގައިގަތީ އަންވަރާ ދިމާލަށެވެ. އަރްޒަންމެން އެންމެންވެސް ފިރާޤުގެ ފަހަތުން ގޮސް އަންވަރު ކައިރީގައި ހުއްޓުނެވެ.
"އަރްޒަން... ކިހިނެއްތަ؟" އަންވަރު ގާތް ގޮތަކަށް ސުވާލުކޮށްލިއެވެ.
އަރްޒަން އޭނާ ރަނގަޅޭ ބުނެ ބޯ ޖަހައިލާ ހިނިތުންވެލިއެވެ. އަންވަރު ފަހަރަކު މީހަކާ ސަަލާމްކޮށްލިއެވެ.
ދަތުރު ވަރުބަލިކަން ހުރުމާއެކު، ކޮންމެ މީހަކުވެސް ބޭނުންވީ އަމިއްލަ ގެއަށް ދިުމަށެވެ.
"ރައު... ޔޫ ކޭން ސްޓޭ އެޓް މައި ޕްލޭސް ވެސް އިފް ޔޫ ވޯންޓް... ތިރީބައިގައި މަޑު ކޮށްލެވިދާނެ!" ޒީޝާން ބުނެލިއެވެ. ރައުދާ ނިންމީ އެހަށް ޒީޝާން މަންމަމެން ބައިގައި މަޑުކޮށްލާށެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް، މިހާރު އެފަދަ އެއްވެސް ނުރައްކަލެއް ނެތުމުން އެ ބައިގައި މަޑުކޮށްލަން އޭނާ އެއްބަސްވީއެވެ.
ހަފްތާއެއް ފަސް
*****
"އުމަރަކީ ރާކިންގެ ބައްޕަ ދޯ އެހެންވީމަ..." ކާރު ދުއްވަން އިން އަރްޒަންއަށް ބަލައިލަމުން ފިރާޤު ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ.
"މި އާދެވުނީ އެގެއަށް... ރާކިންގެ މައިންބަފައިން ކައިރީ ބުނާނެ އެއްޗެއްވެސް އަހަރެންނަކަށް ނޭނގެ... އެމީހުން ޤަބޫލުކުރާނެކަމަށްވެސް ނޭނގެ! ފިރާޤުބެއަށް އެ އާއިލާ އެނގެނީ ކިހިނެއް؟"
އަރްޒަން ބުނެލިއެވެ. ފިރާޤު ބުނެލީ ހާސްނުވުމަށެވެ. އަރްޒަން ބޯ ޖަހައިލިއެވެ.
އެދެމީހުން ބޭރުދޮރުގައި ހަރުކޮށްފައި އިން ބަޓަނަށް ފިތައިލާ ބެލް އަޅައިލިއެވެ. އެތެރެއިން ދޮރު ހުޅުވައިލުމުން ފިރާޤާ އަރްޒަންއާ ދެމީހުން އެތެރެއަށް ވަނެވެ. އެމީހުން މައްޗަށް އެރިއިރު ނަދީމާ ހުރީ ދޮރު ހުޅުވައިލައިގެންނެވެ. ފިރާޤުގެ ފަހަތުގައި ހުރި އަރްޒަން ފެނުމާއެކު ނަދީމާގެ މޫނު ބަނަވިއެވެ.
"އެހާ ދުވަސްފަހުން ފިރާޤުބެ ފެނުނީމަ ވަރަށް އުފާވެއްޖެ! އެކަމަކު އަރްޒަން..." ނަދީމާއަށް އެހެން ބުނެވުނީ ރުންކުރު ފާޑަކަށެވެ.
"ކޮބާތަ އުމަރު..." ފިރާޤު ސުވާލުކޮށްލިއެވެ. ފިރާޤު ވާހަކަ ދައްކަމުންދިޔަ ގޮތުން ކުރިންވެސް އެ ދެމީހުންނަށް އެކަކު އަނެކަކު އެނގޭކަން އަރްޒަންއަށް ދެނެގަނެވުނެވެ. އެކަމަކު ކިހިނެއްހެއްޔެވެ؟
"ފިރާޤުބޭ އަންނަ ވާހަކަ ބުނީމަ ވަރަށް އުފަލުން މިހުރީ... އެހާ ދުވަސްކޮށްފަ..." ވާހަކަ ދައްކަމުން ދައްކަމުން އެހިސާބަށް ނުކުތް އުމަރުގެ ބަސްވެސް ހުއްޓުނީ އަރްޒަން ފެނިފައެވެ.
"ފިރާޤުބޭ އަރްޒަން ގޮވައިގެން ކީކުރަނީ؟" އުމަރު އަހައިލިއެވެ. އޭނާ މީހާ ހަމައަކަށް އަޅުވައިލަމުން އެ ދެމީހުން ގާތު އެތެރެއަށް ވަނުމަށް ބުނެލިއެވެ.
" ހުރިހާ ވާހަކަ އެއްވެސް ކިޔައިދޭނަން..." ފިރާޤު ބުނެލިއެވެ.
ސޯފާތަކުގައި ފިރާޤުމެން އިށީނުމުން އުމަރު އެދުނީ ފިނިއެއްޗެއް ގެނަސްދިނުމަށެވެ. ނަދީމާ ބަދިގެ ފަރާތަށް ޖެހިލާފައި އައީ ޖޫހާ ބިސްކޯދު ހިފައިގެންނެވެ.
"ފިރާޤުބޭ ކޮން ވާހަކައެއް ދައްކަންތަ؟" އުމަރު އަހައިލިއެވެ.
އަންވަރާ ފިރާޤާ ދިމާވީ ނަދީމާއަށް ސިހުރުޖެހި ފަރުވާކުރަމުން ދަނިކޮށެވެ. އެއީ ރާކިން ވަރަށް ކުޑަ އިރެވެ. އޭގެ ފަހުން ފިރާޤާ ދެފަހަރު ދިމާވި ނަމަވެސް އެއްގޮތަކަށްވެސް ދިމާނުވާތާ ދިހަ ވަރަކަށް އަހަރުވީއެވެ. ކުއްލިއަކަށް ފިރާޤު އެމީހުންގެ ނަންބަރު ހޯދައިގެން ބައްދަލުކުރަން ބުނުމުން އަނެއްކާ ކިހިނެއްވީބާއޭ އުމަރާ ނަދީމާއާ ދެމީހުންގެ ހިތަށް ވެސް އެރިއެވެ. ފިރާޤު އެމީހުންނާ ބައްދަލުކުރާ ސަބަބަކީ އަރްޒަންއަށް ގުޅޭ ކަމަކަށް ވާނެކަމަށް އެ ދެމީހުން ހިޔެއް ނުކުރެއެވެ.
ފިރާޤު ފެށިގެން ނިމެންދެން އަރްޒަންއަށް ދިމާވި ހުރިހާކަމެއް ކިޔައިދިނެވެ.
"އެ ޖައުފަރަކީ... " އުމަރަށް ބުނެވުނެވެ.
"އެއީ... އެއީ... ނަދީމާ.... " އުމަރަށް ބުނެވުނެވެ. އަރްޒަން އިނީ ވާނުވާގައެވެ.
"ޖައުފަރަކީ އަހަންނަށް ވެސް ސިހުރު ހެދި މީހަކީ... އެއީ އަރްޒަންގެ ބައްޕަތަ؟" ނަދީމާއަށް ވެސް ބުނެވުނެވެ.
(ނުނިމޭ)