ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ވެރިވެގެންދިޔަ ނުލަފާހިނިތުންވުމާއެކު، ކަނާތް ފަރާތު ފާރުކައިރީގައި ހުރި މަހާނަ ކައިރިއަށް ޖެހިލާ، ފަރުވާތެރިކަމާއެކު އެމަހާނައަށް އޭނާ ބަލާލިއެވެ.
ވަށައިގެން އެއްވެސް މީހެއްގެ ހިލަން ވޭތޯ ޖައުފަރު ބަލައިލިއެވެ. އެ މާހައުލުން ފަޅުކަން ނޫން އެހެން އެއްވެސް އެއްޗެއް އޭނާއަށް މަރްޙަބާއެއް ނުކިޔައެވެ. ދޭތެރެ ދޭތެރެއިން އުދުހިފައިދާ ކާޅެއްގެ އަޑު ނޫނީ ނީވެއެވެ. މެންދަމުގެ ވަގުތެއްކަމުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ފަޒާގައި ހިފާލާފައި ހުއްޓެވެ. ކުރިމައްޗަށް ބަލައިލި ޖައުފަރު ބޯ ޖަހައިލިއެވެ. ހީވަނީ ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީ ހެންނެވެ. އަތުގައި އޮތް ކޮތަޅަށް ބަލައިލުމަށްފަހު، އެއްމިޔަކަށް ހީލަމުން އޭނާ ކޮތަޅު ބިންމަތީގައި ބެހެއްޓިއެވެ. އެއަށްފަހު، އޭގެ ކައިރީގައި އިށީނދެލިއެވެ.
ކޮތަޅުގެ ގޮށް މޮހައިލަމަށްފަހު، އޭނާ އެންމެ ފުރަތަމަ ނެގީ، ކަތިލި ކުކުޅުގެ ލެއިން ލިޔުނު ލޮއި ފޮއްޗެވެ. އެއަށް ބަލަހައްޓައިގެން އިނދެފައި ދެން ނެގީ ނާއްޓެކެވެ.
ކޮންމެވެސް އެއްޗެއް ކިޔަވަ ކިޔަވާފައި ޖައުފަރު އޭނާއިން ދިމާ މަހާނައިގެ ގަލުގެ އެއްފަރާތުގައި، ވަޅެއް ކޮންނަން ފެށިއެވެ. ބޭނުންވާ ފުންމިނަށް ކޮނެވުމާއެކު، ޖައުފަރު، އެ ލޮއި ފޮތި ވަޅުގެ ތެރޭގައި ބޭއްވިއެވެ. ހަނދުވަރުގެ އަލި މުޅި މާހައުލަށް ފެތުރިފައިވުމުގެ ސަބަބުން އެ ލޮއިފޮތީގެ ވިދުން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވުނެވެ.
ފަސްއަޅާ ފޮރުވަމުން ދިޔައިރު ވެސް އިރުއިރުކޮޅަކާ އޭނަ ވަށައިގެން ބަލައިލައެވެ.
ރީތިކޮށް ފަސްއަޅާ ފޮރުވައިލުމަށްފަހު، ޖައުފަރު އަނެއްކާވެސް ކޮތަޅު ތެރެއަށް އަތްލާފައި ނެގީ މަރުތެލަކާ މޮހޮރެކެވެ. މަހާނައިގެ ގަލުގައި މޮހޮރު ޖައްސައިލަމުން ފަރުވާތެރިކަމާއެކު، އޭނާ އެ މޮހޮރު މަހާނައިގެ ގަލަށް ޖަހަންފެށިއެވެ.
މަސައްކަތް ނިންމާލާފައި ތެދުވަމުން ޖައުފަރު، ފަޓްލޫނުގައި ހުރި ވެލިތައް ފޮޅައިލިއެވެ. އަދިވެސް އެއްފަހަރު އޭނާ އެތަނަށް ބަލައިލިއެވެ. ހިނދެމިލުމާއެކު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ކޮތަޅަށް ނާއްޓާ މަރުތެޔޮ ލިޔެވެ.
ސަހަރާއިން ނުކުންނަންވެގެން ގޭޓާ ދިމާލަށް ހިނގައިގަތް ވަގުތު، ޖައުފަރުގެ ފަހަތުން އައި ވަރަށް ބާރު ވައި ރޯޅިއެއް އޭނާގެ ގައިގައި ބީހިލިއެވެ. ހަމަ އެ ހިނދެވެ. އެތަނުގައި ހުރިއްޔާ ހުރި ގަހެއްގެ ގޮފިތައް ވެސް ހެލެން ފެށިއެވެ. ގަސްތަކުގައި މަޑުކޮށްލައިގެން ތިބި ކާޅު ތަކާއި ކޮވެލިތަކުގެ ހަޅޭކުގެ އަޑުން މުޅި މާހައުލުގެ މަޑުމައިތިރިކަން ފިލައިގެން ހިނގައްޖެއެވެ.
ފަހަތަށް ބަލައިލުމަށްފަހު، މާބޮޑު އަޅައިލުމަކާ ނުލައި ޖައުފަރު ، އަނެއްކާވެސް ގޭޓާ ދިމާލަށް މިސްރާބުޖެހިއެވެ. އެކަމާ ހާސްވެފައި ހުރިކަމުގެ އެއްވެސް އަސަރެއް އެ މޫނުމައްޗަކުން ނުފެނެއެވެ. އޭނާ ކަންބޮޑުވެފައިވާ ހަމަ އެކަނި ކަމަކީ އެންމެ ކަމެކެވެ. އެއީ އެ މަންޒަރު މީހަކަށް ފެނިދާނެތީއެވެ.
ސަހަރާއިން ނުކުމެފައި ނިތުގައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލުމާއެކު، ލައިގެން ހުރި ގަމީހުގެ ގިރުވާން ހިއްލައިލާފައި އޭނާ އަނގަމަތި ފުހެލިއެވެ.
ކޮތަޅު ހިފައިގެން ޖައުފަރު، މިސްރާބުޖެހީ ގެއާ ދިމާލަށެވެ. އާދައިގެ ވަރަކަށް ހިނގަމުން ހިނގަމުން ގޮސް މަޑުކޮށްލީ, އޭނަ އުޅޭ ގެ ކައިރިއަށް އާދެވުމުންނެވެ.
ދޮރަށް ބަލައިލަމުން ތަޅުދަނޑި ޖަހާ ދޮރު ހުޅުވައިލިއެވެ. އެތެރެއަށް އަޅައިލި ފިޔަވަޅާއެކު ބަދިގެ ބައިން ކޮންމެވެސް އެއްޗެހިތަކެއް ވެރިގަތް އަޑު އިވުނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ޖައުފަރު ނުދެއެވެ. މޭޒުކައިރިއަށް ޖެހިލާ ފުޅި ބައްތިގަނޑު ދިއްލައިގެން އެ ހިފައިގެން އޭނާ ހިނގައިގަތީ މިއަދު އޭނާ ވަތް ކޮޓަރި ގަނޑަށެވެ. އެތެރެއަށް ވަތްއިރު އޭނާ ކަތިލި ކުކުޅު އޭރުވެސް އެތަނުގައި އޮތެވެ. އެއަށް ބަލައިލާފައި އޭނާ އޭގެ ކައިރިއަށް ޖެހިލިއެވެ އިށީނދެ އެއަށް ރަނގަޅަށް ބަލައިލިއެވެ.
*****
އެއް ދުވަސްފަސް
މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. އެއާރޕޯޓަށް ދާން ތައްޔާރުވެގެން ނުކުތް އަރްޒަން ސޯފާމަތީގައި ރޭގައި އޭނާއަށް ބޭއްވިފައިވާ ގަޑި އަތުކުރީގައި އަޅައިލި އެވެ. އެއަށްފަހު، ފޮށި ހިފައިގެން އެޕާރޓްމެންޓުން ނުކުމެ ދޮރު ޖެހުމާއެކު އޮޓޯއިން ތަޅު ލެވުނެވެ.
ކާރުގައި އެއާޕޯޓަށް ދެވުނުއިރު ގަޑިން އެކެއް ޖަހާ ފަނަރަވެއްޖެއެވެ. ފޮށި ހިފައިގެން އޮފީސްތައް ހުންނަ ބަޔަށް ދާން ވެގެން ހިނގައިގަތް ވަގުތު، ސިހުން ގެނުވީ އޭނާގެ ނަމުން މީހަކު ގޮވައިލުމާ އެކުގައެވެ.
"ޒޭން"
ފަހަތަށް އެނބުރިލިއިރު، އެންމެ ގާތް އެކުވެރިޔާ އޭނާއާ އަރާ ހަމަކުރަނީއެވެ.
"ހޭ... އެމީހުން ގުޅިތަ ރޭގަ ނޫނީ މިއަދު ހެނދުނު. " އަޔާން އަހައިލިއެވެ.
"އާނ. އެމީހުން ބުނީ ބައެއް ފޮޓޯތައް ބޭނުމޯ، އިތުރަށް ބުނީ މާދަމާ ހަވީރު އަހަރެންގެ ބައެއް މަންޒަރުތައް ނަގަން ބޭނުންވާ ވާހަކަ." އަރްޒަން ބުނެލިއެވެ.
"އިންޓަރވިއު ވަރަށް ސަޅި ވާނެހެން އަހަންނަށް ހީވަނީ... ކީކޭތަ އެ ޝޯއަށް ކިޔަނީ. އަލަށް ފަށައިގެން އުޅޭ އެއްޗެއް ވީމަ ހަނދާނެއް ނެތް..." އަޔާން އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.
"ނޭނގެ ކޮންމެވެސް ކާމިޔާބުގެ ސިއްރެއް ކަންނޭނގެ. " އަރްޒަން އަޔާންއަށް ބަލައިލިއެވެ.
"ޔޫ ޑިސާވް އިޓް އަސްލު... ތި އޮޕޮޗުނިޓީ..." އަޔާން އަރްޒަންގެ ކޮނޑުގައި ޖަހައިލިއެވެ.
"ލައިވްކޮށް ދޯ އަދި އެ ޕްރޮގްރާމް ކުރިއަށް ދަނީ... " އަޔާން އަނެއްކާވެސް އިތުރު ކޮށްލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ.
"ކޮބާތަ ވައިފް؟ ޑިއުޓީގަތަ؟" ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން އަރްޒަން ސުވާލުކޮށްލިއެވެ.
"ނޫނޭ ގޭގަ ވީ..." އަޔާން ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިބެގެން ގޮސް އެތެރެއަށް ވަތްއިރު އެތެރޭގައި ނަޝްވާގެ އިތުރުން ޒޭބާ އާއި ޒަމާނީ ތިއްބެވެ. ނަޝްވާއަކީ ޒޭބާގެ އެއްމެ ގާތް އެކުވެރިޔާއެވެ.
*****
ހަވީރުގެ ވަގުތެވެ. ހިނި ހޮރު ތަކަކުން ހިނިތައް ނުކުންނަ ފަދައިން މާލޭގެ ގިނަ ރައްޔިތުންތަކެއް މާލޭގެ މަގުމައްޗަށް ނުކުތެވެ. ގިނަ މީހުންގެ މިސްރާބު ހުރީ ކޮންމެވެސް ފިނި މައިޒާނަކާ ދިމާލަށެވެ. ނޫނީ ހިތްފަސޭހަ ޕާކަކާ ދިމާލަށެވެ. މާލޭން ހުޅުމާލެއަށް ދާ މީހުންގެ އަދަދުވެސް މަދުނުވީ ހޮނިހިރު ދުވަހަކަށް ވާތީއެވެ.
އާރާ ވެސް ރީތިވެގެން ގެއިން ނުކުތީ ޒީޝާން ބަލިވެ އުޅޭތީ ގޮވައިލަން ދާންވެގެންނެވެ. ނުކުމެ ރަފްހާންއަށް ގުޅައިލީ އޭނާ ޒީޝާންމެން ގެއަށް ދާ ވާހަކަ ބުނަން ވެގެންނެވެ. ނުބުނެ ގޮސްފިއްޔާ ރަފްހާންގެ ރުޅިގަނޑު އަމާޒު ވާނެތީއެވެ. ރަފްހާންދެކެ އާރާ ކިތަންމެ ލޯބިވިޔަސް ރަފްހާންގެ އެ ސިފަ އާރާއަކަށް ކަމަކު ނުދެއެވެ. އެހެންނަމަވެސް ރަފްހާން ދެކެ ލޯބި ވާވަރުން އެއްޗެއް ބުނަން އޭނަ ފަސްޖެހެނީއެވެ. އޭނާ ލާ ނޭވާގެ އަދަދުވެސް , ރަފްހާންއަށް އެނގެން ޖެހޭ ފަދައެވެ. ކިތަންމެ ފަހަރަކު ރަފްހާން ދޫކޮށްލަން ބޭނުންވެގެން އާރާ އެ ވާހަކަ ބުނަން ވެސް މަސައްކަތް ކޮށްފައިވެއެވެ . އެކަމަކު އެކަމަށް ހުރަސް އަޅަނީ އޭނާގެ ހިތުގައި ރަފްހާންއަށްޓަކައި އޮތް ލޯތްބެވެ. އޭނާ އެހާ ލޯބިވާއިރު ދެރައީ އޭނާ އެ ވާ ލޯބީގެ އަގު ރަފްހާން ވަޒަން ނުކުރާތާ އޭނާއަށް ކުޑަ މިނުން އިތުބާރު ވެސް ނުކުރާތީއެވެ. އެ ހިތުގައި އެތައް ޝަކުވާއެއްވެއެވެ. އެ ޝަކުވާތަށް ރަފްހާންގެ ކަންފަތްށް އިއްވައިދޭނެ ގޮތެއް އާރާއަކަށް ނޭނގެއެވެ.
ޓެކްސީއެއް ނަގައިގެން ނައްޓައިލި ނަމަވެސް، އާރާއަށް ބްރިޖާ ހިސާބަށް ދެވޭވަރުވީ ބައިގަޑުއިރު ފަހުންނެވެ. މަޖީދީމަގުގައި ވެސް އެތައް އިރަކު ޓްރެފިކްގައި ޖެހިފައި އިންނަން ޖެހުނެވެ.
ޒީޝާންމެން ގެއަށް ދެވުނު އިރު ގަޑިން ފަހެއް ޖަހަން އުޅެނީއެވެ. މައްޗަށް އަރާ ބެލް އަޅައިލުމާއެކު ދޮރު ހުޅުވީ ޒީޝާންގެ މަންމަ ހިންދުއެވެ.
"ދުވަސްގަޑެއް ކޮށްލާފަ ދޯ އާރާ މި ފެނުނީ. އަވަހަށް އެތެރެއަށް ވަދޭ! އޭނީ ޒީޝާން ސިޓިން ރޫމުގަ. ރަނގަޅު ގަޑިއެއްގައޭ ތިއައީވެސް. ޒީޝާން ބައްޕަގެ ރައްޓެއްސެއް އެޑްމިޓްކޮށްގެން ވަރަށް ހާލު ދެރަވެގެން އައިޖީއެމްއެޗަށް ދާންވެގެން މިއުޅެނީ، ޒީ ވެސް ފަޔަށް ތަދު ކޮށްލައިގެން އުޅެނީ..." ހިންދުގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.
"އިވީ އެބަހުރި ކުކީސް އާ ކޭކް ވެސް ބޭކްކޮށްފަ، ސައި ވެސް ހުރީ ތައްޔާރުކޮށްފަ. ދެ ކުދިން ސައި ބޮއްޗޭ.! މަންމަމެން ދަނީ" ކޮޓަރިން ނުކުތް އިލްހާމަށް ބަލައިލަމުން ހިންދު ވާހަކަ ދެއްކިއެވެ.
އިވީއަކީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ ފިލިޕީންސް ދެކުދިންގެ ތެރެއިން އެއްކުއްޖާއެވެ. އާރާ ވާހަކަދެއްކީ ހިންދުމެން ނުކުތުމާއެކުގައެވެ.
"ޒީ ފޯނުން ޒޭބާ އޭ ބުނީމަ ހިތަށް އެރީ އޭނަ ގަސްތުގަ އެވަރު ކަމެއް ކުރީ ކީއްވެބާއޭ؟" ޒީޝާންގެ ފަޔަށް އިޝާރާތް ކޮށްލަމުން އާރާ ބުނެލިއެވެ.
"ހެހެ ނޭނގެ. ފިސާރި ފޮނި އަންހެނެއްނު!" ޒީޝާން ބުނެލިއެވެ.
"ބައިދަވޭ އަދި ހަނދާންނެތިފައޭ މިހުރީ، އަޑުއަހައިފީމޭ ވަރަށް އެހެން ކަހަލަ ވާހަކައެއް. އަރްޒަންގެ..." ވާހަކަ ނިންމައިލަމުން އާރާ އަރްޒަންގެ ނަން ބުނެލީ ޒީޝާންގެ މޫނުމައްޗަށް އަރާނެ ކުލަވަރު ބަލައިލުމުގެ ބޭނުމުގައެވެ.
"ކީކޭ؟ އަރްޒަންއޭ؟ އަނެއްކާ އޭނަ ކުއްޖަކާ ރައްޓެހިވީތަ؟ އެހެން ނުބުނާތި. ހިތް ބްރޭކް ވެދާނެ..." ޒީޝާން ހެމުން ބުނެލި ނަމަވެސް ، އާރާ އޭނާގެ މޫނުމައްޗަށް ސީރިއަސް ކުލަވަރުތައް ވެރިކޮށްލުމުން ޒީޝާންގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ.
"އަރްޒަން އުޅެނީ... " އާރާ މަޑުކޮށްލިއެވެ.
"އާރާ ދެން އަވަހަށް ބުނެބަލަ". ޒީޝާންއަށް ކެތްކުރަން ދަތިވެ، ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"އަރްޒަން އުޅެނީ ދި މޯލްޑިވްސް ޓީވީޗެނަލަށް އިންޓަރވިއުއެއް ދޭން!. އަހަރެންގެ ފްރެންޑެއް ކުރިން ދުވަހު އަޔާންއާއެކު ހަނިމާދޫއަށް ދިޔަ. އޭނައަށް އަޔާން ދެއްކި ވާހަކަ އަޑު އިވުނީ. ރޭގަ ގުޅާފަ ކޮންމެވެސް ވާހަކައެއްގެ ތެރެއިން އެހެން ބުނީ..." އާރާ އޮޅުން ފިލުވައިލަ ދެމުން، މިހުރިހާއިރު، އޭނާ ހިފައްޓައިގެން އިން ހިނިގަނޑު ބޭރުކޮށްލިއެވެ. ޒީޝާންގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރުތައް އޭނައަށް މަޖާވީއެވެ. ޒީޝާން އާރާގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
"އާރޫ ދެން..." ޒީޝާން އެހެން ބުނެލަމުން އާރާއަށް ލޯ އަޅައިލިއެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް ވާހަކަ ދެކެވުނީ އާ ޖޯޝެއް ލިބިގެން ފަދަ ގޮތަކަށެވެ.
"ހުވާތަ؟ ކޮން ޕްރޮގްރާމަކަށްތަ އިންޓަރވިއު ދެނީ؟" ޒީޝާންގެ ދެލޮލުގެ ވިދުން ގަދަވިއެވެ.
"އަހަންނަކަށް ވެސް މާ ރަނގަޅަކަށް ނޭނގެ އަދި. އެކަމަކު ހީވަނީ ކޮންމެވެސް އުންމީދުގެ ސިއްރު ނޫނީ ކާމިޔާބުގެ ސިއްރު އެކަހަލަ ކޮންމެވެސް ނަމެކޭ އޭނަ ކީ..." އާރާ ބުނެލިއެވެ.
"ވާއު...ކާންޓް ވެއިޓް..." ޒީޝާން އިތުރުކޮށްލިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އެފަދަ ވާހަކަތަކެއްގައި އެތައް އިރަކު ދެ އެކުވެރިން ތިއްބެވެ.
*****
އާރާ ގެއަށް ދާން ވެގެން ނުކުތީ ރޭގަނޑު ނުވައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ގެއިން ނުކުތް ތަނާ ރަފްހާންގެ ފޯނު ކޯލެއް އޭނައަށް ލިބުނެވެ. އާރާ އޭނާ ގެއަށް ދާން ޓެކްސީއެއް ނަގާ ވާހަކަ ބުނުމުން ރަފްހާން ބުނީ އޭނާ އާރާ ބަލާ އެބަ ދަންކަމުގައެވެ. އޭނާ އެވަގުތު ހުރީ ހުޅުމާލޭ ކޮޅުގައި ކަމަށް ވާތީއެވެ.
ރަފްހާން އައުމުން އާރާ ރަފްހާންގެ ސައިކަލު ފަހަތަށް އެރިއެވެ. ރަފްހާންގެ މޫނުމަތިން ހިސާބެއްގެ ހިންހަމަނުޖެހުމެއް އޭރުވެސް ފެންނަމުން ދިޔައެވެ.
"ރަފޫ. އަދިވެސް އެކަމާ ރުޅި އައިސްފަތަ؟ އަހަރެން ކިހިނެއްތަ ޖިނާ ކައިރީ ބުނާނީ އެ ފޮޓޯ ނަގާށޭ އެފްބީއިން، އޭރުން އޭނަ ހީކުރާނީ ކީކޭތަ؟ އަހަރެން ކީކޭ ކިޔާފަ އެހެން ބުނާނީ ވެސް؟" އާރާ އަހައިލިއެވެ.
"އާރާއަށް އެވަރު ކަމެއް އަހަންނަށްޓަކާ ނުކޮށްދެވުނެއްނު. ދެން ކޮންހާ އިތުރު ވާހަކައެއް؟" ރަފްހާންގެ އަޑުގައި ވަނީ ނުރުހުމެވެ.
"ރަފްހާންއަށް ނޭނގެނީތަ އަހަރެން ލޯބިވާވަރު، އަބަދު ތިހެން ތި ވާހަކަ ދައްކަނީ. " އާރާގެ ހިތުގައި އެ ބަސްތައް ވީ ނަމަވެސް ދުލާ ހަމައަށް އެންމެ ލަފުޒެއް ވެސް ނައެވެ.
ރަފްހާންގެ ފަރާތުން އާރާއަށް، ގެއަށް ދެވެން ދެން ވެސް އިވުނީ ހުސް ނުރުހުމުގެ ބަސްތަކެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އާރާގެ އެއާޕޯޓް ސްޓޭންޑް ބައި ޑިއުޓީ ކަމަށް ވާތީ އޭނާ އެއާރޕޯޓަށް ދިޔައީ އަށެއްޖަހަން ކައިރިވެފައި ހުއްޓައެވެ.
ކާރުން ފައިބައިގެން އެތެރެއަށް ނުވަދެވި އުޅެނިކޮށް ފަހަތުން ޖިނާން ގޮވައިލި އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެނބުރި ފަހަތް ބަލައިލަމުން އޭނާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން، ފިޔަވަޅުތައް މަޑުކޮށްލީ ޖިނާން އޭނާއާ ހިސާބަށް އަންނަން ދެނެވެ.
"އަހަންނާ އެކީ ދޯ؟" އާރާ އަހައިލިއެވެ.
"ހެހެ. އާނ!. ވަރަށް ދުވަސް ފަހުން އާރާ އާ އެކު މި ޖެހުނީ..." ޖިނާން އިތުރު ކޮށްލިއެވެ.
"އާރޫ، ޒީގެ ފަޔަށް ކޮންމެވެސް ކަމެއް ވެގެން އުޅެނީދޯ. ވީ ގޮތެއް އެނގޭތަ؟ ފަހުން ބުނާނަމޭ ކިޔާފަ ހަބަރެއް ނުވޭ ވިއްޔަ، އަހަންނަށް ޔަޤީންވާ ކަމަކީ ޒޭބާގެ ކަމެއްކަން. ހެހެ..." ޖިނާން ޒީޝާންގެ ހާލެއް އޮޅުން ފިލުވިއެވެ.
އާރާ ކުރު ގޮތަކަށް ވެގެންއުޅޭ ގޮތް ކިޔައިދިނެވެ. އެކި އެކި ވާހަކަތައް ދައްކަމުން ދެމީހުން ހެމުންހެމުން އެތެރެއަށް ވަންނަން ހިނގައިގަތް އިރު އެ މަންޒަރު ރަފްހާންގެ ލޮލުގައި އަޅައިގަތް ކަމެއް އެ ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުނެވެ. އެ މަންޒަރު ފެނި ރަފްހާންގެ ލޭ ކެކިގަތެވެ.
ރަފްހާން އެއާރޕޯޓަށް ދިޔައީ އާއިލާ މީހެއް ފުރުވާލަން ވެގެންނެވެ. އެމީހާ ޑިޕާޗާ ހޯލް ތެރެއަށް ވަދުމުން، ނުކުތްއިރު އެ ފެނުނު މަންޒަރުން އޭނާގެ މޫނުމައްޗަށް ރުޅިވެރި އަސަރުތައް ވެރިވިއެވެ. އާރާއާ އެ ޒުވާނާ އާ ދެމެދު ކޮންމެވެސް ގުޅުމެއް ވާކަމުގައި އޭނާގެ ހުރިހާ ހިއްސުތައް ބުނަން ފެށިއެވެ.
ޝައްކާ ވަހުމަކީ އެ އެއްޗެއް މާ ބޮޑަށް އިންސާނާއާ ގާތް ވެއްޖެނަމަ ނުވަތަ ހިތާ މާ ގާތްކޮށްފިނަމަ، ނަފުސުގެ ހަމަޖެހުން ގެއްލުވާލާހާ ބާރުގަދަ އެއްޗެކެވެ. އެއީ އިންސާނާގެ ހަލާކެވެ. ރަފްހާންއަށް ވެސް ވެފައި އެވަނީ އެފަދަ ގޮތެވެ. ޝައްކުގެ ސަބަބުން އޭނާއަށް އެކަކަށްވެސް އިތުބާރު ނުކުރެވެނީއެވެ.
*****
އަރްޒަންމެން ރާއްޖެއައީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އެއާރޯޓުން ނުކުތްއިރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ދިޔައިރު ކޮންމެވެސް ވަރަކަށް ވަރުބަލިކަން އިޙްސާސްވި ނަމަވެސް އަރްޒަން އަވަސްވެގަތީ އެއްޗެހިތައް ދޮވުމަށެވެ. ދާ އެއްޗެހި މެޝިނަށް އަޅައިލުމަށްފަހު، ނޫޑުލްސް ކޮޅެއް ކައްކައިގެން ކައިލިއެވެ. ކޮންމެވެސް ވަރަކަށް ބަނޑުހައިވެފައި ހުރީތީއެވެ.
މިރޭ އޮންނަ އިންޓަރވިއުއަށް ލާނެ ގަމީހެއް ހޯދަން ވެގެން އަލަމާރި ކައިރިއަށް ހުއްޓިފައި އެ އެ ހުޅުވައިލިއެވެ. ފަހަރަކު ގަމީހެއް އޭނާ ބެލިއެވެ. އޭނާއަށް ފެނުނު އެންމެ ކަމުދާ އެއްޗެހި ނަގާ އެ އެއްޗެހި އިސްތިރި ކުރުމަށްފަހު އޮށޯވެލީ ހަށީގައި ހުރި ވަރުބަލިކަން ފިލުވައިލެވޭތޯއެވެ. އޮށޯވެލުމާއެކު އޭނާގެ ލޮލަށް ނިދި ސަވާރުވީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ހޭލެވުނީ ތިނެއްޖަހަން ކައިރިވެފައި ހުއްޓައެވެ.
*****
ރޭގަނޑުގެ ވަގުތެވެ. އަރްޒަންއަށް ދަޢުވަތު އެރުވިފައިވާ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ވަގުތަކީ ރޭގަނޑު ދިހައެއްޖަހާއިރެވެ.
ހިންހަމަޖެހޭ ވަރަށް ރީތިވެގެން ނުކުތް އަރްޒަންއަށް ނޭނގުނު ކަމަކީ އަނެއްކާވެސް، އޭނާގެ ހިތަށް ކޮންމެވެސް ކަހަލަ ލޮޅުމެއް އަންނަން އުޅޭކަމެވެ.
ކާރަށް އަރާ ދުއްވައިލުމާއެކު، އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހިސާބަކަށް ނުތަނަވަސް ވިއެވެ. ޓީވީއަކަށް މީގެ ކުރިން އޭނާ އެފަދަ އިންޓަރވިއު އެއް ދީފައެއް ނުވެއެވެ. ބޮޑަށް ހާސްވީ ލައިވް ޕްރޮގްރާއަކަށް ވީތީއެވެ.
ޓީވީ ސްޓޭޝަނުގެ އެއްފަރާތުގައި އޮތް ޕާކުކުރާ ޖާގައިގައި ކާރު ބާއްވާފައި އާދައިގެ ވަރެއްގައި ހިނގާލާފައި ގޮސް، ދި މޯލްޑިވްސް ޓީވީ ސްޓޫޑިއޯއަށް އަރްޒަން ވަތްއިރު ، އެތަނުން އޭނާއަށް މަރްޙަބާ ކީ އެ ޕްރޮގްރާމްގެ ޕްރޮޑިއުސަރު އަސްލަމެވެ. ސަލާމަށް އަތް ދިއްކޮށްލަމުން އޭނާ ހިނިތުންވެލިއެވެ.
ޕްރޮގްރާމް ހުށައަޅައިދެނީ ކާކުކަން ނޭނގި އަރްޒަންވެސް އަސްލަމާއެކު ހިނގައިގަތެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިނަމަވެސް، އަރްޒަންގެ މޫނުމަތީގައި އޭރުވެސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ރަސްކަން ކުރަމުންދިޔައެވެ.
ތަނުގައި ތިބި ގިނަ އަންހެން ކުދިންގެ ނަޒަރުތައް އަރްޒަންއަށް ހުއްޓިފައިވާއިރު އެއިން އެއްވެސް ކުއްޖަކަށް އަރްޒަން ސަމާލުކަން ނުދޭތީ ބޮޑާ ފިރިހެނެއްގެ ގޮތުގައި ލޭބަލް ކުރެވުނެވެ.
ދި މޯލްޑިވްސް ޓީވީ ސްޓޫޑިއޯ ތެރޭގައި އޭނާއަށް ހަމަޖެހިފައިވާ ކެބިންގެ މޭޒުދޮށުގައި އިށީނދެގެން އިން ބަތޫލްގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ދެ ވިސްނުމެއްގައި އިންނަފަދަ ގޮތަކަށް އިނދެފައި އޭނަ މޭޒުމަތީގައި ހުރި ގަނޑުތަކަށް ނަޒަރު ހުއްޓައިލިއެވެ.
"އަސްލަމް އެބަ ހޯއްދަވާ..." މޭޒުކައިރިއަށް ހުއްޓިފައި އެތަނުގައި މަސައްކަތްކުރާ ކުއްޖަކު ވާހަކަ ދެއްކިއެވެ. ނުކުންނަން ވެގެން ހިނގައިގަތް ބަތޫލްއަށް ތަނުގެ އެތެރެއަށް ވަތް ވަފާ ފެނުމާއެކު ވާހަކަ ދެކެވުނެވެ.
"ވަފާ ޕްލީޒް. ޕްރޮޑިއުސަރ ކައިރީގައި ބުނެދީބަ މިފަހަރު އެކަނި އަހަރެން ނޫން މީހަކު ޕްރޮގްރާމް ހުށައަޅައިދޭ ގޮތަށް ހަދައިދީބަލާށޭ" ބަތޫލްގެ އަޑުގައި ވަނީ އާދޭހެވެ. ވަފާ އަކީ ވެސް އެތަނުގައި މަސައްކަތް ކުރާ ޕްރެސެންޓަރެކެވެ. އެއީ އަސްލަމްގެ ކޮއްކޮއެކެވެ.
"ދޫކޮށްލަންޏާ ޝޯ އެކީ ދޫކޮށްލަން ޖެހޭނީ. އަސްލަމްބެ އެ ޑެސިޝަން ޗޭންޖް އެއް ނުކުރާނެ..." ވަފާ ބުނެލިއެވެ. ބަތޫލްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.
މިއަދާ އިއްޔެގެ އާދޭސްތައް ވެސް ޕްރޮޑިއުސަރ އެހީއެއް ނޫނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނާ ކެބިންގެ ދޮރު ހުޅުވާލާފައި ނުކުތް އިރު އެއްފަރާތުގައި ބަހައްޓާފައި ހުރި ސޯފާތަކުން ސޯފާއެއްގައި މަޑުކޮށްލައިގެން އިން އަރްޒަން ފެނި ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ.
އެއްލި ކަޅިއަކުން އެއްފަރާތުގައި ހުރި ބަތޫލް ފެނި އަރްޒަންވެސް ސިހޭ ގޮތްވިއެވެ.
(ނުނިމޭ)