ކިހިނެއް؟" ވައިއަޑުން އަރްޒަންއަށް ބުނެވުނެވެ.

"ޒޭން. ވަޓް ހެޕެންޑް؟" ހާސްކަމުގައި މީހާގެ ހަރަކާތް ހުއްޓިފައި އެނދުމަތީގައި އިށީނދެގެން އިން އަރްޒަން ސިހުނީ އޭނާއާ ދާދިގާތަށް އައިސް ހުއްޓިފައި އަޔާން ވާހަކަ ދެއްކުމުންނެވެ.

"ސީ ދިސް ޔާން..." އަރްޒަން އަޔާންއާ ދިމާލަށް ފޯނު އަނބުރައިލަމުން އެ ވީޑިއޯ ދައްކައިލިއެވެ.

"ވަޓް؟ ތި ވީޑިއޯ ކިހިނެއް، ކާކު ވައިރަލް ކުރީ؟... އަދި އެ ވެސް މިދުވަސްކޮޅު. ދިސް އިސް ނޮޓް ގުޑް ޒޭން. މިހާރުވެސް އަހަންނަށްވުރެ ބޮޑަށް ހުރިހާ އެންމެންގެ ލޯތައް ހުރީ ޒޭންއަށް ހުއްޓިފަ. ތި ވީޑިއޯގެ ސަބަބުން އަނެއްކާ އަނެއް ހަ ކަންތައް ލައިގަންނާނީ..." އަޔާން އޭނާގެ ފޯނު ނަގާ ފޭސްބުކް ހުޅުވައިލިއެވެ. ކަމަކުދާކަށް ނެތެވެ.

"ހުރިހާ ޕޭޖެއްގައިވެސް މި ވީޑިއޯ. އޯ ގޯޑް!. ކިހިނެއް ހަދާނީ؟ މި ނަގަން ރިކުއެސްޓް ކުރިޔަސް އެމީހުން ނަގާނެތަ؟ ހާދަ ބައިވަރު މީހުންނެކޭ މި ޝެއާ ކޮށްފަވެސް... " އަޔާންއަށް ފުންނޭވާއެއް ދޫކޮށްލަމުން، އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. އޭނާއަށް ހާސްކަމާއެކު ބަލައިލެވުނީ އަރްޒަންގެ މޫނަށެވެ. އެ މޫނުމަތީގައިވި އަސަރުތަކުން، ޚުދު އަޔާންވެސް ދެރަވިއެވެ. އާއެކެވެ. އަރްޒަންގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. މިލާފައިވާ މޫނެކެވެ. ހިތާމައިގެ ރީތި ތަސްވީރެއްފަދައެވެ.

އެކުވެރިޔާއަށް ހިތްވަރުދިނުމުގެ ގޮތުން ބުނާނެ ބަހެއްވެސް އަޔާންގެ ދުލުކުރިއަކަށް ނަޔެވެ. އޭނާއަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. ލިބުނު ޝޮކުގެ ސަބަބުން ހަރަކާތްހުއްޓިފައެވެ. ވީިއިރު އަދި އަރްޒަންއަށް ކިހާވަރެއް ވާނެ ހެއްޔެވެ؟

*****

ރޭގަނޑުގެ ވަގުތެވެ. އިލްހާމް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ ނިދަން ތައްޔާރުވެލިއެވެ. އޭރު ހިންދު އެނދުގައި އިށީނދެލައިގެން އިނެވެ. ހިންދުއަށް ބަލާލާފައި އިލްހާމް އައިސް ހިންދުގެ ގާތުގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ އަނބިމީހާގެ މޫނަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. އިލްހާމް، ފުންނޭވާއެއް ދޫކޮށްލި ގޮތުން ވެސް، އެދައްކަން އުޅެނީ ބޮޑު ވާހަކައެއްކަން ނަގައިގަންނާކަށް ހިންދުއަށް އުނދަގުލެއް ނުވިއެވެ.

"ހިންދު... އަހަރެން މި ވާހަކަ މީގެ ހަފްތާއެއް ހާ ދުވަސް ކުރިންވެސް ހިންދުއާ ދެއްކިން. ހިންދުއަށް މުހިންމީ ދަރިފުޅުގެ އުފާތައް ކަންވެސް އަހަންނަށް އެނގޭ. އެކަމަކު، ކަންތައްތައް ވަމުންދާގޮތެއް ނުފެނޭތަ؟ ޒީގެ އުޅުން ބަދަލުވެފައިވާ މިންވަރު އަންދާޒާ ކޮށްނުލެވޭތަ؟ އަބަދު އަރްޒަންމެން ގޭގައި. އަހަރެމެންގެ ދަރިފުޅުގެ އުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ... މަޑުކޮށްލައްޗޭ! ފޯނެއް އެބައާދޭ..." އިލްހާމް އޭނާގެ ރިންގުވަމުންދިޔަ ފޯނަށް ބަލައިލަމުން، ވާހަކަ މެދުކަނޑައިލުމާއެކު، ހިންދު ބޯ ޖަހައިލިއެވެ.

"އައްސަލާމް އަލައިކުމް. ކީކޭ؟" ކުއްލިއަކަށް ތެދުވި، އިލްހާމްގެ މޫނުމައްޗަށް ވެރިވި ހާސްކަމުގެ ސަބަބުން ހިންދުއަށް ވެސް ތެދުވެވުނެވެ. އޭނާ ހާސްވެ ކަންބޮޑުވެފައިވާ، އޭނާގެ ފިރިމީހާގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތްކުރިއެވެ.

ކުޑައިރުކޮޅެއްގެ ހަމަހިމޭން ވަގުތުކޮޅަކަށްފަހު، އިލްހާމް ފޯނު ބާއްވަމުން، އެމީހަކު އޭނާއަށް ފޮނުވި ވީޑިއޯ އަޅުވައިލިއެވެ. އެ ބަލަމުންދިޔަ ވަރަކަށް، އެ ދެމީހުންގެ މޫނުމަތިން ވެސް، ހާސްކަމުގެ އަސަރު ފެންނަން ފެށިއެވެ. ވީޑިއޯ ނިމުމާއެކު، އިލްހާމަށް އިށީނދެވުނީ އެނދުގައެވެ. އޭނާއަށް ނިތްކުރީގައި އޭނާގެ ދެ އިނގިލިން ފިރުމައިލެވުނެވެ.

"ހިންދު! އަހަރެން ކިހިނެއް ހަދާނީ؟ އޭގެން ޒީގެ މޫނުވެސް އެހާ ސާފުކޮށް އެބަ ފެނޭ. މީގެ ސަބަބުން އަހަރެމެންނަށް އިނގިލި ދިއްކުރަން ވެސް ފަށާނެ. އަހަރެމެންގެ ދަރިފުޅަށް ވެސް އުޅެން އުނދަގޫވާވަރު އެމީހުން ކުރާނެ. އަހަރެން ކިހިނެއް ހަދާނީ؟" އިލްހާމް ހާސްކަމާއެކު ބުނެލިއެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ހުރި ހިންދުގެ ދެލޯ ވަނީ ފެންކަޅިވެ ކަރުނުން ފުރިފައެވެ. ހީވަނީ ލިބުނު ސިހުމެއްގެ ސަބަބުން އެ ކަރުނަތައް ވެސް ފައިބަން ނުކުޅެދިފައި ތިބި ހެންނެވެ. އޭނާ ލޯ ފުހެލިއެވެ. އެއަށްފަހު، އިލްހާމްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"އަހަރެން ކިހިނެއް ދެން ހަދާނީ؟ އަހަރެންގެ ކުންފުންޏަށްވެސް އަސަރުކުރާނެ. އަހަންނަށް ލިބެން އޮތް ޕްރޮޖެކްޓްތަކަށް ވެސް އަސަރުކޮށްފާނެ. އަނެއްކޮޅުން އަހަރެންގެ ދުޝްމަނުން އަބަދާއަބަދު އެ ތިބެނީ އަހަންނަށް ހަމަލައެއް ދެވޭނެ ދަނޑިވަޅަކަށް ބަލަބަލާ! އެމީހުންނަށް ލިބޭ ރަނުގެ ފުރުސަތަކަށް މި ފުރުސަތުވާނެ!" އިލްހާމް ބުނަމުން ދިޔައެވެ.

"ކިހިނެއް ހަދާނީ؟ " ހިންދު ވެސް ހުރީ، ހާސްވެ ހަދާނެ ގޮތް ހުސްވެފައެވެ.

"އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަަހަރެން ހާސްވަނީ، އަހަރެންގެ ދަރިފުޅަށް ވާނެ ގޮތެއް ނޭނގޭނެތީ. އެ ދަރިފުޅަށް މިހުރިހާ ކަމަކާ ކުރިމަތިލެވޭނެތަ؟" އިލްހާމްއަށް އަނެއްކާވެސް ބުނެވުނެވެ.

"ދެން ކިހިނެއް ހަދާނީ؟"

"އަންނާނަށް ޒީ ކޮބައިތޯ ބަލައިލާފަ. ޒީއަށް މި ނުފެންނަ ކަމެއްވެސް ނޭނގެ!" ހިންދު ބުނެލިއެވެ. އޭނާ ކޮޓަރިން ނުކުމެގެން ގޮސް ޒީޝާންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޒީޝާން ނިދާފައި އޮތްތަން ފެނި ލިބުނު ހިންހަމަޖެހުމާއެކު އައިސް އެ ވާހަކަ އިލްހާމަށް ކިޔައިދިނެވެ.

"މިރޭ އަރާމުކޮށްލަން ބާއްވާ! ކޮންމެ ގޮތެއް ވިޔަސް މާދަމާ މި ވީޑިއޯ ޒީޝާންއަށް ފެންނާނެ. އަހަންނަށް ބާރުގެ ބޭނުންކޮށްގެން ވެސް މި ނަގަން މަސައްކަތް ކުރެވިދާނެ. އެކަމަކު ހިންދުއަށް ހީވޭތަ އެހެންމީހުން މަޑުން ތިބޭނެހެން؟" އިލްހާމް ބުނެލިއެވެ.

"ނޭނގެ! އެއްގޮތަކަށް ވެސް ނޭނގެ." ހިންދުއަށް ބުނެވުނެވެ.

"މިރޭ ދެން ކޮންމެވެސް ވަރަކަށް ނިދޭތޯ ބަލައިލަމާ. ވަރަށް ލަސްވެސްވެއްޖެ!" އިލްހާމް ބުނެލިއެވެ. ނިދަން އޮށޯވުމަށްފަހު، ވެރިވެގެންދިޔައީ ހިމޭންވަގުތު ކޮޅެކެވެ. އެ ނުތަނަވަސްކަން ފިލުވައިލުމަށް، ހިންދު ވާހަކަ ދެއްކިއެވެ. އޭނާ ބޭނުންވީ މައުޟޫ އޮޅުވާލައިގެން ވެސް އިލްހާމްގެ ހާސްކަން ކޮންމެވެސް ވަރަކަށް ދުރުކޮށްލެވޭތޯއެވެ. މިރޭ ބާކީ އޮތް ވަގުތު ކޮޅުގައި ނުނިދޭނެކަން ވެސް އެނގޭޙާލުގައެވެ.

"އިލްހާމް! މިއަދު މިގޭގައި މަސައްކަތްކުރަން ގެންގުޅޭ ދެ ކުދިންވެސް ޗުއްޓީއަށް އެ ފުރީ. އެއްކުއްޖަކު ފޮނުވަން ބޭނުންވީ. އެކަމަކު އަނެއްކުއްޖާގެ ފެމެލީ މީހަކު ބަލިވީމަ ދެން ނުކެރޭނެއެއްނު ނުފޮނުވާކަށް. އެހެންވީމަ ވަގުތީގޮތުން ކުއްޖަކު ހޯދައިލަން ވާނެދޯ!"

އިލްހާމް ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

*****

އަރްޒަން ހުޅުމާލެއަށް އައިއިރުވެސް، އޭނާގެ ސިކުނޑީގައި ވަނީ ބަރުކަމެވެ. ކުރިއަށް ކަންތައްތައްވެގެން ދާނޭގޮތް އޭނާއަށް އަންދާޒާ ވެސް ކޮށްނުލެވެއެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހުނު ވަރުގަދަ ލައްގަނޑެކެވެ. މި ނުފިލައިފިނަމަ އޭނާގެ މުޅި ކެރިއަރ ވެސް އެކީ ފުނޑުފުނޑު ވެދާނެއެވެ. ކުރި ހުރިހާ އުންމީދަކާ ހުވަފެންތަކެއް ވިއްސިވިހާލިވެގެންދާނެއެވެ. ލިބުނު ކާމިޔާބީތަކުގެ އެއްވެސް އަގެއް ނޯންނާނެއެވެ.

ކާރު ޕާކުކޮށްލާފައި އައިސް، ލިފްޓަށް އަރާ އޭނާ އުޅޭ ބަޔަށް އަރްޒަން އެރިއެވެ. ކޯޑު ޖަހާ ދޮރު ހުޅުވައިލުމަށްފަހު، އޭނަ ފުންނޭވާއެއްލިޔެވެ. ހަށިގަނޑުގައި އުފެދިގެން އުޅޭ އުދާސްކަމަށް އޭނާ ލުޔެއް ދޭނީ ކިހިނަކުންހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟ ހަދާނީ ކިހިނެއްހެއްޔެވެ؟ މިވީ ގޮތުން އެއްވެސް މީހަކާ ކުރިމަތިލާނެހާ ހިތްވަރެއް އަރްޒަންގެ ނެތެވެ. އޭނާގެ ވަޒީފާވެސް ގެއްލިދާނެ އެވެ. މީހުންގެ ޕްރެޝަރު އެވަރަށް އެއާރލައިންނަށް ވެސް ކުރިމަތިވާނެއެވެ.

ވިސްނެމުން ދިޔަވަރަކަށް އަރްޒަންގެ ސިކުނޑި ދިޔައީ ހާސްވަމުންނެވެ. ފެންވަރާލައިގެން ނުކުމެ އެނދުގައި ޖައްސައިލި ނަމަވެސް އަރްޒަންއަށް ނިދޭ ގޮތެއް ނުވިއެވެ. އެންމެފަހުން އެނދުން ތެދުވެގެން އައިސް އޭނާ އިށީނީ ސޯފާގައެވެ. ޒީޝާންއަށް މެސެޖްކޮށްލަން ހިތަށް އަރާފައިވެސް އޭނާ މަޑުޖެހިލިއެވެ. ސިކުނޑީގައި ވަނީ ވަރުބަލިކަމެވެ.

އެހެން އޮއްވާ، އޭނާގެ އެޕާރޓްމެންޓް ބޭރުގައި ބަޔަކު އަޑުގަދަ ކުރާ އަޑު ކަންފަތުގައި ޖެހުނެވެ. ކުޑަކޮށް ހައިރާންވެހުރެ އަރްޒަން ބެލްކަންޏަށް ނުކުމެލިއެވެ. އޭނާ އުޅޭ އެޕާރޓްމެންޓްގެ ކައިިރީގައި ބަޔަކު މީހުން އެއްވެ ހަޅޭއްލަވަނީއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލީ ގޯހެއް އުޅޭހެން ހީވެގެންނެވެ. އެކުވެރިޔަކު ގުޅީ އޭނާ އެފަދަ ވިސްނުންތަކެއްގައި ހުއްޓައެވެ. ވީ ގޮތް ރަނގަޅަށް އަރްޒަންއަށް އެނގުނީ ދެނެވެ. އޭނާ ހާސްވިއެވެ. އެހާސްކަމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ އަރްޒަން ސިހުނީ ޕޮލިސް ވޭނުގެ އަޑު އިވިފައެވެ.

އަޔާންގެ ކޯލެއް އަރްޒަންއަށް ލިބުނީ އެވަގުތެވެ.

"ޒޭން! ޚަބަރުގަ ވެސް އެބައޮތް އެ ވާހަކަ މިހާރު! އަނެއްކޮޅުން ޒޭން ތިތާ ހުރިކަން އެނގިގެން އެމީހުން އެ މުޒާހަރާ ކުރަނީ. އެ ވީޑިއޯ ވައިރަލް ވީމަ ވަރަށް ކަންތައްތައް ގޯސްކޮށް ދަނީ..." އަޔާން ބުނެލިއެވެ. އޭނާގެ އަޑުގައި ވެސް ވަނީ ހާސްކަމެވެ. އިރުކޮޅަކު އަރްޒަންއާ ވާހަކަ ދައްކައިލުމަށްފަހު، އަޔާން ފޯނު ބޭއްވުމުން ސޯފާގައި އިށީނދެ އަރްޒަންއަށް އަޅުވައިލެވުނީ އަނެއްކާވެސް އެ ވީޑިއޯއެވެ. އޭގެން އޭނާއާ، ޒީޝާންގެ މޫނު އެބަ ސާފުވެއެވެ.

އެއީ ފްލައިޓް ތެރޭގައި، އޭނާ ޒީޝާންއަށް ޕްރޮޕޯޒް ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެވެ. ކަންތައްތައް ހަމައަކަށް އެޅެމުން ދަނިކޮށް އެފަދަ ވީޑިއޯއެއް ލީކްވުމުން އަނެއްކާވެސް، ހުރިހާކަމެއް ބޮއްސުންލާނެކަން އަރްޒަންއަށް އެނގެއެވެ. އެ ވީޑިއޯއިން އޭނާ ޒީޝާންއަށް ދިމާލަށް އަންނަ ހިސާބުން ފަށައިގެން ގޮސް ބޯޓަށް ލޮޅުން އަންނަން ދެން ވެސް މަންޒަރުތައް ފެނެއެވެ. ހާސްކަމާއެކު، އަރްޒަން އޮއްވައި އޭނާއަށް އަންވަރު ވެސް ގުޅިއެވެ.

"ހީކުރިވަރަށް ވުރެ ކަންތައްތައް ސަކަރާތް!" އަންވަރުގެ އަޑުގައިވެސް ވަނީ ހާސްކަމެވެ. ހުރިހާ ފަރާތަކުން އެމީހުންނަށް ވެސް ޕްރެޝަރު އަންނާނެއެވެ.

އަންވަރާ ވާހަކަ ދައްކާފައި، ފޯނު ބޭއްވިތަނުން ނުދަންނަ ނަންބަރުތަކުން ވެސް އަރްޒަންއަށް ގުޅަން ފެށިއެވެ. ފުރަތަމަ ގުޅި ތިން ނަންބަރަށް ޖަވާބުދިނުމުން ވެސް އެމީހުން ކިޔަނީ އެއްޗެއްސެވެ. ބައެއް މީހުން ހުތުބަސްތައް ވެސް އޭނާއަށް ނިސްބަތްކޮށް ބުނެއެވެ. އެ އުނދަގޫ ބޮޑުވެ އެންމެފަހުން އަރްޒަން ފޯނު ނިއްވައިލީއެވެ.

*****

އެނދުގައި އޮށޯވެގެން ފޯނުން އެ މުޒާހަރާ ބަލަމުންދިޔަ ރާކިންގެ ތުންފަތް މަތީގައި ކުޅެލަމުން ދިޔައީ ބޮޑާ ހިނިތުންވުމެކެވެ. އޭނާ އޮތީ ކުރެވުނު ކަމާމެދު ފަޚުރުވެރިވެފައެވެ. އަރްޒަންގެ ނަންބަރު ލީކުކޮށްލުމީ، އޭނާއަށް، ކުރެވުނު މޮޅު ކަމެއްގެ ގޮތުގައި ރާކިންނިންމިއެވެ.

"އަރްޒަން ވައްޓައިލެވެން އޮތް ކޮންމެ ގޮތަކަށް އަހަރެން އެކަން ކުރާނަން!" ރާކިން ބުނެލިއެވެ. އަލިފާންގަނޑު ރޯ ވާވަރަކަށް ރާކިން ބޭނުންވަނީ އެއަށް ދަރުއަޅައި އެ ހުޅުގަނޑު ބޮޑު ކުރާށެވެ. އެއީ އަރްޒަންއާ ދެކޮޅަށް، އޭނާއަށް ބޭނުންކުރެވޭނޭ ހަމައެކަނި ހަތިޔާރެވެ، ވީއިރު މި ދަނޑިވަޅަކީ އެ ހަތިޔާރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނޭ ވަގުތެވެ.

*****

ފުލުހުން އައިސް އެއްވުން ރޫޅާލާ މީހުންތައް ފޮނުވައިލި ނަމަވެސް، އެރޭގެ ބާކީބައިގައި ވެސް، ޝޯޝަލް މީޑިއާގައި އެންމެ ހޫނުކޮށް ދައުރުވި ޚަބަރަށް އެ ޚަބަރުވިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އިލްހާމް މުހިންމު މީޓިންއެއް ނިންމާލާފައި އައިސް އޭނާގެ ކެބިންއަށް ވަނެވެ. ބުރަ ދުވަހަކަށް ވާތީ އޭރުވެސް ބައެއް މަސައްކަތްތައް ނުނިމި ހުރީތީ ގެއަށް ދިޔުމުގެ ކުރިން، އިލްހާމް ބޭނުންވީ އެ މަސައްކަތްތައް ނިންމައިލާށެވެ.

ކެބިންގައި ޓަކި ޖަހައިލުމާއެކު، އޭނާ އެތެރެއަށް ވަނުމަށް ބުނެލިއެވެ. އެތެރެއަށް ވަތް އާނިޝްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ޔާނިޝްއަކީ އެ ކުންފުނީގެ ސެކެޓްރީއެއްގެ މަޤާމު އަދާ ކުރާ ޒުވާނެކެވެ. މަސައްކަތަށް ފަރުވާ ބަހައްޓާ އެންމެންގެ ލޯބި ހޯދާފައިވާ ޒުވާނެކެވެ.

"ސާރ... " އޭނާއަށް ހާސްކަމާއެކު އިލްހާމަށް ގޮވައިލެވުނެވެ.

"ކިިހިނެއްވީ؟" އިލްހާމް އާނިޝްއަށް އޭނާގެ ހުރިހާ ސަމާލުކަމެއްދިނެވެ.

"ބޭރުގައި ބަޔަކު އެއްވެގެން.... އެތެރެއަށް ވަންނަން... ވަންނަން ވެސް މަސައްކަތް ކުރަނީ. ތަނުގެ ސެކިއުރިޓީއަށް ވެސް އެމީހުން ކޮންޓްރޯލް ކުރަން އުނދަގޫ..." އަޅައަޅައި ގަންނަމުން އާނިޝްއަށް ބުނެވުނެވެ.

"ބޭރުގައި؟" އިލްހާމް ގޮނޑިން ތެދުވަމުން ގޮސް ،އެއްފަރާތު ފާރުގައި ޖަހާފައިވާ ހުރި ބިއްލޫރިތައް ކައިރިއަށް ހުއްޓިލިއެވެ. އެމީހުން އެ ކިޔާ އެއްވެސް އެއްޗެއް އަޑު ނީވުނެއްކަމަކު އެ އެއްވުމުގެ ފަހަތުގައިވީ ސަބަބު އިލްހާމަށް ފަހުމްވިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލަމުން އާނިޝްއަށް ބަލައިލެވުނެވެ. އިލްހާމް ބަލައިލުމުން އާނިޝް އެތަނުން ނުކުތެވެ.

އިލްހާމަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އިރުގަނޑަކު އޭނާ އެ މަންޒަރު ބަލަންހުއްޓެވެ. އެއަށްފަހު އައިސް ގޮނޑީގައި އިށީނދެލިއެވެ. އޭރު އެތަނަށް ފުލުހުން ވެސް އަތުވެއްޖެއެވެ.

ގޮނޑީގައި އިށީންތާ މާގިނަ އިރެއްނުވެ ހިންދު ގުޅައިފިއެވެ. އެއާއެކު އިލްހާމް ފޯނު ނެގިއެވެ.

"އިލްހާމް... އަވަހަށް އާދެބަލަ ގެއަށް!" ފޯނު ނެގުމާއެކު ކަންފަތުގައި ޖެހުނީ ހިންދުގެ ގިސްލުމުގެ އަޑެވެ. އެއާއެއި އަނެއްކާވެސް އިލްހާމަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ. އޭނާއަށް ވީ ގޮތާ ބެހޭގޮތުން ހިންދުއާ ސުވާލުކޮށްލެވުނެވެ.

"އިލްހާމް! ނޭނގެ... އާދެބަލަ! ނޭނގެ އަހަންނަކަށް... ނޭނގެ.... ބައެއް މީހުން ގޭޓުން ވެސް އެތެރެއަށް ވަދެއްޖެ! ތިރީގެ ބައެއް ބިއްލޫރިތައް ވެސް އެމީހުން ތަޅާލައިފި. " ހިންދުއަށް ވާހަކަދެކެވުނީ އުނދަގުލުންނެވެ.

"ކޮބާ ޒީ؟ ޒީ ވެސް ބޭރަށް ނުކުތިއްޔާ ނުދެއްޗޭ! އަހަރެން އެބަ ދަން!" އިލްހާމް ބުނެލިއެވެ. އޭރު ހަމަ ރަނގަޅަށް ވެސް އޭނާ ހާސްވެއްޖެއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދެމުން އައި ކަންތައް ވެ ނިމިއްޖެއެވެ. އެންމެންގެ އަމާޒުފަތްގަނޑަކަށް އޭނާގެ އާއިލާ ވެއްޖެއެވެ. އެންމެންގެ ނަފްރަތުވެސް އޭނާގެ އާއިލާއަށް އަމާޒުވެއްޖެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް ވެސް މެއެވެ.

ގޮނޑީގައި އަޅުވާލެވިފައިވާ ކޯޓު ނަގާ ގަޔަށް މަހާލަމުން، އޭނާ އަވަސް އަވަހަށް އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ތަނުގެ ބޭރަށް ނުކުތުމާއެކު މީހުންގެ އަޑު ފައްގަނޑުގަދަވިއެވެ.

ފުލުހުންނާ ތަނުގެ ސެކިއުރިޓީގެ އެހީތެރިކަމާއެކު، އިތުރު އުނދަގުލަކާ ނުލާ އޭނާއަށް ކާރަށް އެރޭވަރުވިއެވެ. ޑްރައިވަރު ކާރު ދުއްވައިލުމާއެކު، އިލްހާމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގެއާ ހިސާބަށް ދެވުނުއިރު ގޭ ދޮށަށް ވެސް މީހުން އެއްވެފައި ވެއެވެ. ގޭޓުން ކާރު ވައްދައިލިހެން ހީނުވެ ސެކިއުރިޓީއަކަށް ހުރި މީހާ ގޭޓު ލެއްޕިއެވެ. އެތަނުގައި ވެސް ކޮންމެވެސް ވަރަކަށް ފުލުހުން ހަރަކާތްތެރި ވަމުންދިޔައެވެ.

ލިފްޓުން މައްޗަށް އަރާ އެޕާރޓްމެންޓަށް ވަތްއިރު، ހިންދު ހާސްކަމާއެކު ޓީވީ ހުޅުވައިގެން އިނެވެ. އޭނާ ގޮސް ހިންދުގެ ކޮނޑުގައި އަތް ޖައްސައިިލިއެވެ.

"ކޮބާ ޒީ؟" ހާސްކަމާއެކު އިލްހާމަށް އަހައިލެވުނެވެ.

"ނޭނގެ! ކޮޓަރިއަކު ނެތް... " ހިންދު ބުނެލިއެވެ. އިލްހާމް އައުމުން ހިންދު ކުޑަކޮށް ހަމަޖެހޭގޮތްވިއެވެ.

"އަރްޒަން ކައިރިއަށް ދިޔައިތަ؟" އިލްހާމަށް އަހައިލެވުނެވެ. އެ އަޑުގައި މި ފަހަރު ވަނީ ހިންހަމަނުޖެހުމެވެ.

"އަހަންނަށް އެނގޭ އެގޭ ދޮށުގައި ވެސް ބަޔަކު އެއްވެއުޅޭކަން. އެކަމަކު މި ވަގުތު މި ހާލަތުގައި ޒީ އެގެއަށް ދިޔުން ވެސް ރަނގަޅެއް ނޫން! އަނެއްކޮޅުން އެމީހުންނަށް ޒީއެގެއަށް ވަންނަނިކޮށް ފެނިއްޖެއްޔާ ދެން ކިހިނެއް ވާނީ؟ އޭރުން އަނެއްކާވެސް އަނެއް ހަ ކަންތައް ޖެހޭނީ... މީގެ ފަހުން ޒީއަށް އަންގާ އެގެއަށް ގޮސްގެން ނުވާނެޔޭ! އަހަރެމެންގެ ޒީއަކީ އެކަހަލަ ކުއްޖެއް ނޫން! އަނެއްކޮޅުން މި ހުރިހާކަމެއް ވާކަން ވެސް ޒީއަށް އެނގެންޖެހޭނެ. އެއީ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއް ނޫނޭ... ގުޅާ ޒީއަށް... " އިލްހާމަށް ބުނެވުނެވެ.

"ފޯނު ނިއްވާލާފައި..." ހިންދު ގުޅުމަށްފަހު، އިލްހާމަށް ޖަވާބުދިނެވެ.

"އަހަރެން އޭރުވެސް ހިންދު ކައިރީގައި ބުނިން، ޒީއަށް އެއަންނަ ހުރިހާ ބަދަލުތަކެއްގެ އަސްލު ގުޅިފައިވަނީ އަރްޒަން އާއޭ. އެ ގުޅުމާމެދު އަހަންނަށް ސުވާލު އުފެދުނީ އެހެންވީމަ. ކޮންމެ ގޮތެއް ވިޔަސް އަހަރެން އަހަރެންގެ ދަރިފުޅު ގެއްލޭކަށް ދުވަހަކު ވެސް ނޭދެން. ގެއްލުމެއް ލިބޭކަށްވެސް، އަހަރެން އެ ގުޅުމާމެދު ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވެއްޖެ." އެންމެފަހުން އިލްހާމަށް ބުނެވުނެވެ. އޭނާއަށް ސޯފާގައި އިށީނދެވުނެވެ. ޓީވީއަށް ނަޒަރު ހުއްޓައިލުމާއެކު، އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެވެ.

"އަހަރެން މި ގުޅަނީ ޕޮލިސް ކޮމިޝަނަރަށް. ގުޅާފަ މި ބުނަނީ އެ މީހުންތައް މިގޭ ދޮށުން އަވަހަށް ފޮނުވައިލެވޭނެ ގޮތެއް ހަދައިދޭށޭ!" އިލްހާމް، ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.

އޭރުވެސް ހިންދުގެ ލޮލުގައި ވަނީ ކަރުނައެވެ.

ހަދާނެ ގޮތް ހުސްވެފައި ހުރި އަރްޒަން ދޮރު ހުޅުވުމާއެކު އެ ދިމާލަށް ބަލައިލިއެވެ. ޒީޝާން ފެނި އޭނާއަށް ޒީޝާންއާ ދިމާލަށް ދެވުނީ ހަލުވި މިނުގައެވެ.

"ޒީ. އެ އެންމެން ތެރޭގައި ކިހިނެއް ތިއައީ؟ ކީއްވެ؟ ތިގޭދޮށުގައިވެސް މީހުން އެއްވެގެން އުޅެނީ. އޮފީސް ދޮށުގައިވެސް..." އަރްޒަން އައިސް ޒީޝާންގެ ގާތަށް ހުއްޓި، ހާސްކަމާއެކު، ސުވާލުކޮށްލިއެވެ.

"ޒޭން... މިއޮތީ އަހަރެން އައި ގޮތް!" އަތުގައި އޮތް ސްކާފާއި ތޮފި ދައްކައިލަމުން ޒީޝާން ބުނެލިއެވެ.

"އެމީހުންނަށް ނަސީބަކުން އަހަރެން ފާހަގައެއް ނުވި. ވަކި ހިސާބަކުން އެނގުނު. އެކަމަކު އޭރު އަހަރެން ހުރީ އެމީހުންނަށް އަތުޖެހޭ ހިސާބަށް ވުރެ އެތެރޭގައި. އަހަރެން އައިއިރު ފުލުހުންވެސް އައިސް ހަމަ ހުއްޓެނީ..." ޒީޝާން ބުނެލިއެވެ.

"ދެން ޒީ ގެއަށް ދާން ވެސް ވަރަށް އުނދަގޫވާނެ. އަހަންނަށް ވެސް ފެންނަނީ އެހަށް މި ދުވަސްކޮޅު ޒީ ގޭގައި މަޑުކޮށްލަން. އައި ކޭން މެޖޭން އޮން މައި އޯން!" އަރްޒަން ޒީޝާންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"އެކަމަކު..."

"އެކަމަކު އެއް ނޫން ޒީ... އަހަންނަށްޓަކާ އެވަރުކަމެއް ނުކޮށްދެވޭނެތަ؟" އަރްޒަން، އާދޭހާއެކު އަހައިލިއެވެ.

"ނޫން. އައި ކޭން، އެންޑް ވިލް ޑޫ އެނީތިންގް ފޯ ޔޫ ލަވް!" ޒީޝާން، ޔަޤީންކަމާއެކު ބުނެލިއެވެ.

"މީޓޫ... އެކަމަކު މިވަގުތަށް އޮތް ގޮތް މީ" އަރްޒަން ބުނެލިއެވެ.

"އަަހަރެންވެސް މި ހުރީ ވަރަށް ހާސްވެފައޭ... އެކަމަކު ކީއްކުރާނީ؟ އަހަރެން ގޭގައި ހުއްޓަސް ވިސްނެނީ ޒޭން އާ މެދުގައޭ" ޒީޝާން ދެރަވެލާފައި ބުނެލިއެވެ.

"މި ހުރިހާކަމެއް ހަމައަކަށް އެޅުނީމަ ދެން އިތުރުކަމެއް ކުރެވޭނީ. މި ދުވަސްކޮޅު ނުގޮތަކަށް ފިޔަވަޅެއް އަޅައިލިޔަސް އެކަންތައް މީހުން ފާހަގަކުރާނެ. އަނެއްކޮޅުން އަހަންނެކޭ އެއްގޮތަށް ޒީގެ މޫނުވެސް އެ ވީޑިއޯއިން ފެނޭ. އެހެންވީމަ އަހަންނަށް ފެންނަނީ ޒީ ގޭގައި މަޑޫކޮށްލަން. މުޅި ރާއްޖޭގެ އެންމެނަށް ވެސް އަހަރެމެން ދެމީހުންގެ ގުޅުން މިހާރު އޮންނާނީ އެނގިފައި." އަރްޒަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އޯކޭ! ޒޭންއަށްޓަކާ އަހަރެން ކޮންމެ ފަދަކަމެއްވެސް ކޮށްފާނަން. " ޒީޝާން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.

ޖެހިގެން އައި ދުވަހު އެން.އެމް ހޯލްޑިންގްސް ދޮށުގައި މުޒާހަރާކޮށް އެތަނުގެ ބިއްލޫރިތަކެއްވެސް ބަޔަކު ތަޅައިލިއެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި އެ މީހުންގެ އާއިލާތައް ނިޔާވެ، ގެއްލުނުއިރު، އިލްހާމްއާއި އަރްޒަންމެން ފަދަ މީހުން އުފަލުގައި އުޅުނަ ނުދޭނެކަަށް ބުނަމުންދިޔައެވެ. އެމީހުން އޭގެ ބަދަލު ހިފާނެކަމަށް ވެސް ބުނަމުން ދިޔައެވެ. ބިރުދައްކާ އިންޒާރުވެސް ދިޔައީ ދެމުންނެވެ. އިލްހާމް ވެސް އެ ދުވަހަކު އޮފީހަކަށް ނުދެއެވެ. ޒީޝާން ކޮޓަރިން ނުކުތުމާއެކު، އޭނާ ޒީޝާންއަށް ގޮވާ ގެނެސް ސޯފާގައި ބެއިންދިއެވެ.

"ޒީޝާން ދަރިފުޅާ! ޤަބޫލުކުރަންތަ ބައްޕަމެން ޒީއަށް އަބަދުވެސް ހެޔޮ އެދޭކަމަށް" އިލްހާމް އަހައިލިއެވެ.

"ޔެސް... ޑޭޑް އަބަދުވެސް" ޒީޝާން ބުނެލިއެވެ.

"ދަރިފުޅާ! އަރްޒަންގެ ގުޅުމާ ދަރިފުޅުގެ ގުޅުމާ ބައްޕަ ގަބޫލެއްނޫން. ކުރިން ދަރިފުޅުގެ އުފަލަށްޓަކައި ގަބޫލުވި ނަމަވެސް، މިހާރު ކަންތައްތައް މި ދާގޮތުން ތި ގުޅުމާ އެއްބަސް ވެވޭކަށް ނެތް!. " އިލްހާމް ޒީޝާންއަށް ބަލައިލިއެވެ.

"އެކަމަކު ބައްޕާ...." ޒީޝާން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

"ނޫން. ދަރިފުޅާ! ބައްޕައަށް ދުވަހަކު ކަމެއް ކޮށްދެންޏާ ތިކަންތައް ހުއްޓައިލާ!" އިލްހާމް ބުނެލިއެވެ.

"އެކަމަކު އައި ލަވް ހިމް އަ ލޮޓް..." ޒީޝާން ތަންކޮޅެއް ބާރަށް ބުނެލަމުން ސޯފާއިން ތެދުވިއެވެ.

"ނޫނެކޭ ބުނީމަ އޭގެ މާނައަކީ ނޫނެކޭ... މީގެ ކުރިންވެސް ޒީޝާންގެ އެއްވެސް އެދުމެއްގައި ކޮޅުފައިން ޖަހާފައެއް ނޯންނާނެ. އެންމެ ފަހަރަކު އެންމެ ކަމެއް ޤުރުބާންކުރަން ބުނީމަ އެ ވަރުކަމެއްވެސް ޒީޝާންއަކަށް ނުކޮށްދެވުނު" އިލްހާމްގެ އަޑުވުސް ބާރުވިއެވެ.

އެދެމީހުންގެ ޒުވާބު އަޑުއަހަން ކެތް ނުކުރެވުނު ހިންދު، އެންމެފަހުން އެ ޒުވާބު ހުއްޓައިލުމަށް އެދުނެވެ. އޭނާ މަޑުމަޑުން އިލްހާމްގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހުގަ ޒީޝާންއަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ.

"ނޫން، ހިންދު! މިއަދު ޒީޝާން ޖެހޭނީ އަހަރެންގެ ބަސްއަހަން. މިއަދު އަހަރެމެންގެ މުދަލަށާ، އަހަރެމެންނަށް ވެސް އެތައް ގެއްލުންތަކެއް މި ލިބެނީ އެ އަރްޒަންގެ ސަބަބުންނޭ... މިއަދުވެސް އަހަރެމެންނަށް ދެ ޕްރޮޖެކްޓް ގެއްލުނު. ލިބިފަ އޮތް ދެ ޕްރޮޖެކްޓް އެ ވެސް. އަހަރެންގެ ހުރިހާ ގާތް ރައްޓެހިންނާ، ބިޒްނަސްގެ ހުރިހާ ވާދަވެރިން ގުޅާފައި އެއީ އިލްހާމްގެ ދަރިފުޅު ދޯ އޭ އަހައިލާ ކޮންމެ ފަހަރަކު ހާދަ އަސަރެއް ކުރެޔޭ، އެއްވެސް މައްސަލައެއް ނެތް. ބިޒްނަސްގެ ކޮންމެ ގެއްލުމެއް ވެސް އަހަރެން ބަރުދާސްތު ކޮށްފާނަން. އެކަމަކު އެއިން ކޮންމެ މީހަކު، ޒީޝާންއަށް އިނގިލި ދިއްކުރަން ފެށީމަ އަހަންނަކަށް ކެތެއް ނުކުރެވޭނެ. މިއަދުވެސް އެތައް އިންޒާރުގެ މެސެޖަކާ އެތައް އިންޒާރެއް... އެހިސާބުން އަހަރެންެގެ ކެތްތެރިކަން ކޮޅުންލާނެ. އެހެންވީމަ މި ބުނީ ޒީޝާން ޖެހޭނީ އެ ގުޅުން ނިންމައިލަން. ޒީޝާންއަކީ، އެއަށްވުރެ މާ ރަނގަޅު ކުދިން ލިބޭނެ ކުއްޖެއް. ކީކޭ މި ބުނީ؟ ޒީޝާން ޖެހޭނީ އެ ގުޅުން ނިންމައިލާށޭ! އަޑު އިވިއްޖެ؟" އިލްހާމް ބާރަށް ބުނެލިއެވެ.

"އިލްހާމް ދެން ހުއްޓާލަބަލަ!" ހިންދު އޭރުވެސް ބެލީ އިލްހާމްގެ ރުޅި މަޑު ކުރެވޭތޯއެވެ.

"މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. މި ނިންމުން ބަދަލެއް ނުވާނެ!" އިލްހާމް ބުނެލިއެވެ. އެއަށްފަހު، އޭނާ އެތަނުން ދުރަށް ހިނގައިގަތެވެ. ހިންދު ޒީޝާންގެ އަތުގައި ހިފައްޓާލުމުން، ޒީޝާންވެސް އެ އަތް ފޮޅުވާލާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ހިންދުއަށް ވެސް ގޮތް ހުސްވިއެވެ. އޭނާއަށް ބަލައިލެވުނީ އަނެއްކާވެސް އިލްހާމް ދިޔަ ދިމާލަށެވެ. ފިރިމީހާ އެހާ ހަރުކޮށް ކަމެއްގައި ގޮތެއް ނިންމުމަށްފަހު، އެ ނިންމުން ބަދަލުނުކުރާނެކަން ހިންދުއަށް އެނގެއެވެ.

ނޭފަތް އެތެރެއަށް ދަމައިލަމުން ހިންދު އިށީނީ ސޯފާގައެވެ. މޫނު ދެ އަތުން ފޮރުވައިލުމާއެކު، އޭނާއަށް ރޮވެން ފެށުނެވެ.

ޖެހިގެން އައި ދުވަހު ޒީޝާން އަރްޒަން އާ ދިމާކުރިއެވެ.

"ޒީ. ހާދަ ދެރަވެފަ... ކިހިނެއްވީ؟" އަރްޒަން އަހައިލިއެވެ. ސޯފާގައި އިސްޖަހާލައިގެން އިން ޒީޝާން ފެނި އަރްޒަންގެ ހިތަށް ވެސް ރަޙުމުވަނެވެ.

"ޒޭން. ބައްޕަ އަހަރެމެން ދެމީހުންގެ ގުޅުމަކާ ޤަބޫލެއްނޫން! އަހަރެން ކިހިނެއް ހަދާނީ؟" ޒީޝާންގެ ވާހަކައިން އަރްޒަންއަށް ޒީޝާންގެ އަތުން އަތް ދޫކޮށްލެވުނެވެ. އޭނާއަށް ސުވާލުގެ ނަޒަރަކުން ޒީޝާންއާ ދިމާލަށް ބަލައިލެވުނެވެ. ޒީޝާން ވީގޮތް އަރްޒަންއަށް ތަފްސީލް ކޮށްލަދިނެވެ.

"އަޅެ ޒޭން ހިނގާބަ އަހަރެމެން ގެއަށް ގޮސް ބައްޕަ ކޮންވިންސް ކުރެވޭތޯ! ޕްލީޒް ހިނގާބަލަ، ޒޭން ގޮސް މާފަށް އެދިފަ ބައްޕަ ގާތުގައި ބުނީމަވެސް ބައްޕަ ގަބޫލުވެދާނެ. އެކަހަލަ ކަންތައްތަކުގައި ބައްޕަ ވަރަށް ބޯ ހަރުވާނެ. ޑިޒިޝަނެއް ނެގުމަށްފަހު، ބަދަލުކުރަން ވަރަށް އުނދަގޫވާނެ. އަޅެ ޒޭން ވާހަކަ ދައްކައިލީމަ ވެސް ބައްޕަ ޤަބޫލުކޮށްފާނެ" ޒީޝާން އާދޭސްކުރިއެވެ. އެ ދެލޮލުގައި ވަނީ ކަރުނައެވެ. އެ އަޅި ކުލައިގެ ދެލޮލުން އަރްޒަންއަށް ފެންނަނީ ތެދުވެރިކަމެވެ.

"ޒީ... އެކަމަކު އަހަންނަކަށް ނުކެރޭނެ. ޒީގެ ބައްޕަގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަހަރެންގެ ނެތް. ވަރަށް ބޮޑަށް މަޢާފުކުރޭ ޒީ..."

"ޒޭން!. ޕްލީޒް އަހަންނަށްޓަކާ.... މިވަރުކަމެއް ވެސް ނުކޮށްދެވޭނެތަ؟ ޒޭން ބޭނުންވަނީތަ އަހަންނާ ވަކިވާންތަ.. އެހެންވެތަ؟ ޒީޝާން ސުވާލުކޮށްލިއެވެ.

"ނޫން ޒީ. އެހެންނެން ނޫން. އަަހަރެން އަސްލުވެސް ޒީ ދެކެ ވަރަށް ލޯބިވޭ... އެހެންވެގެންނެއްނޫން..."އަރްޒަން ބުނެލިއެވެ. ޚުދު އޭނާގެ ހިތަށްވެސް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. ޒީޝާން ގެއްލިދާނެކަމުގެ ބިރުވެރިކަން ވެސް އެ ހިތުގައި އުތުރި އަރަން ފެށިއެވެ. އޭނާ ޒީޝާންގެ ކަރުނަތައް ފުހެލަދީފައި، އިރުކޮޅަކު އެ ދެލޮލަށް ބަލަން އިނުމަށްފަހު، ދުރުބަލައިލިއެވެ.

"ޒޭން! ޕްލީޒް، ޕްލީޒް!" ޒީޝާންގެ އާދޭސްތަކަށް ފުރަގަސްދޭން ނުކެރި އަރްޒަންއަށް އެންމެފަހުން އެއްބަސްވާން މަޖުބޫރުވިއެވެ. އޭނާ ޒީޝާންއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. މިރޭ އޭނާ ޒީޝާން ގެއަށް ލައިދޭން ދާއިރު އެގެއަށް ވަންނާނެކަމުގައި އަރްޒަން ބުންޏެވެ.

*****

ޒީޝާންއާއެކު އެ އެޕާރޓްމެންޓަށް ގޮސް ލިފްޓަށްއެރި އަރްޒަންގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އޭނާ އިލްހާމްއާ ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟ ދައްކާނީ ކޮން ވާހަކައެއްހެއްޔެވެ؟ ޒީޝާން އޭނާގެ އަތުގައި ހިފައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމަށް ބުނެެއެވެ.

"އަހަރެން ހުންނާނަމޭ އޯކޭ!" ޒީޝާން ބުނެލިއެވެ.

ޒީޝާން ކާޑު ޖަހައިލާ ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. ސިޓިން ރޫމުތެރޭގައިވަނީ ކަނު އަނދިރިކަމެވެ. އަރްޒަން ވެސް ޒީޝާންގެ ފަހަތުން އެތެރެއަށް ވަދެލިއެވެ. އޭރު އޭނާގެ ފައިގައި ކޮންމެވެސް ދިޔާ އެއްޗެއް ޖެހުނުފަދަ އިޙްސާސްއެއް އަރްޒަންއަށް ކުރުވިއެވެ. އަނދިރިކަމުން ކޯންޗެއްކަމެއް ވަތްކެއް ނުވެއެވެ.

"ލައިޓް ދިއްލާލަބަލަ ޒޭން! ތީނީ އެއްފަރާތުގައި." އަރްޒަންއާ ދިމާލަށް ބަލައިލަމުން ޒީޝާން ބުނެލުމުން އޭނާ އެ ދިމާލުގައި އިން ލައިޓްގައި އަތް ޖެހޭތޯ މަަސައްކަތް ކުރިއެވެ. ލޯ ތަނަށް ހޭނިލުމުން ފަސޭހަވިއެވެ. ފޯނު ނަގާ ދިއްލައިލަން އުޅެފައިވެސް އޭނާ ސްވިޗް ބޯޑުގައި އަތް ޖެހުމުން އަޅާނުލީއެވެ. ލައިޓް ދިއްލާލުމަށްފަހު، އޭނާ އެޕާރޓްމެންޓްގެ އެތެރެ ބަލައިލިއެވެ. އެއާއެކު އޭނާގެ ލޮލަށް ފެނުނު މަންޒަރުން މީހާގެ ފައި ދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައިޙްސާސް އެއް ކުރުވިއެވެ. ބޮލަށް އެނބުރުން އަރާ ގޮތްވެސްވިއެވެ. ދެން އެ ދިމާލުން ނަޒަރު ވަކިކޮށްލަމުން އަރްޒަން، ފަޔަށް ބަލައިލިއެވެ. އެއާއެކު ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ. ޒީޝާން ވެސް ހުރީ އެ ދިމާ ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. މަޑުމަޑުން އަރްޒަންގެ ނަޒަރު ދަތުރު ކުރީ އެއްފަރާތު ފާރަށެވެ.

"ޔޫ އާ ނެކްސްޓް..."

(ނުނިމޭ)

ކޮމެންޓް 0