ދުވަސްތައް ފާއިތުވެގެން ދިޔަނަމަވެސް، އަދިވެސް އެ ހަނދާންތައް އާވުމުން އޭނާއަށް އުނދަގޫތައް ވެއެވެ. ފިރާޤު އޭނާގެ ނިތުން ހިއްލާފައިވާ ދާތިކިތައް ފުހެލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހަނދާންކުރަން ބޭނުންނުވިޔަސް އެ މާޒީ އޭނާގެ ހަނދާނުން ފުހެލާނީވެސް ކިހިނެއް ހެއްޔެވެ؟

އޭރު އެ ހިނގައިދިޔަ ހާދިސާއަކީ އޭނާގެ ޙަޔާތުގައި ދުވަހަކުވެސް، ކުރިމަތިލިފަދަ ހާދިސާ އެއް ނޫނެވެ. އެއީ ލޯބިވާ އަނބިމީހާ އާ އަދިވެސް އިތުރު ބައެއްގެ ފުރާނަ ޤުރުބާންކުރަން މަޖުބޫރުވި ހާދިސާއެކެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ތިރިއަށް ރޮނގުދެމިގެން ދިޔަ ފިރާޤު، އޭނާގެ ކަރުނަތައް އަތުން ފުހެލިއެވެ. އެ ހަނދާންތަކުން އޭނާއަށް ލިބެމުންދިޔަ ވޭނާ ނުތަނަވަސްކަން އެކަރުނަތައް ބުނެދެމުން ދިޔައެވެ. ހިންދިރުވައިލަމުން، އޭނާ ފުން ނޭވާއެއް ދޫކޮށްލީ ނަފުސުގައި އުފެދިގެން އުޅޭ ނުތަނަވަސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ. ހިތުގައި އުފެދިގެން އުޅޭ ގިލަންވެރިކަމުގެ ސިލްސިލާއަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބޭތޯއެވެ. އެހިތަށް ހަމަޖެހުމެއް ލިބޭތޯ އެވެ. އެ ޚިޔާލުތަކުން އޭނާއަށް މިންޖުވެވޭތޯއެވެ.

****

އެންމެން ވާހަކަ ދައްކައި ތިއްބައި ކުއްލިއަކަށް، އަރްޒަންގެ، ބޮލަށް ފާޑަކަށް އެނބުރުން އަރަން ފެށިއެވެ. ތަންތަން އަނދިރިވާން ވެސް ފެށިއެވެ. މީހާއަށް އާދަޔާ ޚިލާފަށް ފިނިވާން ފަށާ ތުރުތުރު އަޅާ ގޮތްވިއެވެ. އެއް އަތުން އަނެއް އަތުގައި ހާކައިލާ އޭނާ މަސައްކަތް ކުރީ މީހާ ހަމައަކަށް އަޅުވައިލާ ށެވެ.

"ޒޭން އާރ ޔޫ އޯކޭ؟" އަރްޒަންއަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ގާތުން ދުށީ އަޔާންއެވެ. އޭނާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. އަރްޒަން ބޯ ހޫރައިލިއެވެ. މީހާގެ އެތެރެ ހައްޓަން ވަމުން ދިޔައީ އާދައިގެ ފިންޏެއް ނޫންކަން އަރްޒަންއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. ބައެއްފަހަރު އެ ފިނިކަން ހޫނުވާހެންވެސް ހީވިއެވެ. ދުލުން އެ ވާގޮތް ބުނެދޭން އޭނާ ނުކުޅެދުނެވެ. އޭނާގެ ގައިގައި މަޑު މަޑު ވައިރޯޅިއެއް ޖެހިލާހެން ވެސް އަރްޒަންއަށް ހީވިއެވެ. އެއީ ވެސް އެ ފިނި ވައިރޯޅި އޭނާގެ ގައިގައި ބީހިލި ފަހަރެކެވެ. ކަންފަތް ދޮށުގައި މީހަކު އަހަރެން ވަރަށް ލޯބިވެޔޭ ބުނެލިހެން އޭނާއަށް ހީވިއެވެ.

"އަހަރެން ކޮންމެ ގޮތަކުން ވެސް އަރްޒަން ހާސިލް ކުރާނަން..."

އަރްޒަންއަށް ކަންފަތް ދޮށުގައި އަތް އަޅައިލެވުނެވެ. އެހެން ބުނެލި ވަގުތު، އޭނާގެ ކަންފަތަށް ހިސާބަކަށް ތޫނު ތަދެއް ވެގެން ދިޔައެވެ.

"އަރްޒަންއަށް އެ ވަނީ އެ ޖިންނީގެ އުނދަގޫތައް. އަހަރެމެން ކުރަން އުޅޭކަންތައް އެނގި އޭތި ރުޅިގަދަވަނީ" ހާސްކަމާއެކު އިރުފާންއަށް ބުނެވުނެވެ. އޭނާ އަޔާންއަށް ބަލައިލިއެވެ.

"ޒޭންއަށް ގޮތެއް ނުވާނެތަ؟"

"އޭތި އެހެން މީހުންނަށް ދިން ގޮތަށް ގެއްލުން ނުދީފާނެ އެކަމަކު، އޭނަ ބޭނުންވާ ގޮތަށް ކަންތައް ނުވާނަމަ އޭނަ ބޭނުންވާނެ އަރްޒަންގެ ސިކުނޑިއާ ކުޅެލައިގެން ވެސް އޭނަ ބޭނުންވާ މަޤްސަދު ހާސިލްކުރަން. " އިރުފާން ބުނެލިއެވެ.

އަރްޒަންގެ ހަށިގަނޑަށް އަރަން ފެށި އާދަޔާ ޚިލާފް ބާރާއެކު އޭނާގެ އަތްފައިގެ ތުރުތުރު އިތުރުވެގެން ދިޔައެވެ. ވޭނެއް ތަޙައްމަލް ކުރަމުންދާ މީހެއްފަދައިން އަރްޒަންއަށް ދަތްތަކަށް ފިއްތައި ބާރުކޮށްލެވުނެވެ. އެއާއެކު އޭނާގެ ކަތުރުކަށިގަނޑަށް ވެސް ވާންވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ހަށިގަނޑަށް ވެރިވެގެން ދިޔަ އާދަޔާ ޚިލާފް ބާރާއެކު އޭނާއަށް ތެޅިގަނެވުނެވެ.

އިރުފާން ކިޔަވަން ފެށުމާއެކު އަރްޒަން ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާ އިރުފާންއާ ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އަޔާން އޭނާގެ އަތުގައި ހިފައްޓައިގެން އިންތަން ބަލައިލާފައި އޭނާ، އަޔާންގެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު އޭނާގެ ގައިގައި އަތް ނުލުމަށް ބުންޏެވެ.

"އެއީ ޒޭންއެއް ނޫން!" އަޔާންގެ ނިތްކުރިމަތިން ދާހިއްލައިލީ ބިރުންނެވެ. އޭނާ އިރުފާން އަށް ބަލައިލިއެވެ. އިރުފާން ލޮލުން އިޝާރާތް ކުރީ ބިރުނުގަތުމަށެވެ.

އަރްޒަންއަށް ވަމުންދިޔަ އުނދަގޫތައް ކޮންމެވެސް ވަރަކަށް މަޑުވީ ފަތިސްވާން ގާތްވެފައި ހުންނަނިކޮށެވެ. ބަންގީގެ އަޑާއެކު އޭނާގެ ހައްޓަން ލުއިވިއެވެ. މީހާއަށް ހަަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ދެން އެމީހުން މަސައްކަތް ފަށަން ގަސްތުކުރީ ފަތިސްނަމާދަށް ފަހުއެވެ. އަރްޒަންއަށް ފަހުން އެ ޖިންނީގެ އުނދަގުލެއް ނުވުމާއެކު މިރޭ ދެން އަރްޒަންއަށް ލުއި ވާނެކަން އިރުފާންއަށް ޔަޤީންވިއެވެ.

"ޒޭން އަހަރެން ޒީ ގެއަށް ލާފައި ޒޭޭން ގާތު ހުންނަން އަންނާނަން. އިރުފާން މަޑުކޮށްލާނަން ދޯ އަހަރެން އަންނަން ދެން!" އަޔާން ބުނެލިއެވެ. އާރާ ބޭނުންވީ އޭނާއާއެކު ޒީޝާން ދާން ނަަަމަވެސް ޒީޝާން ބޭނުންވީ އަޔާންމެން ގޭގައި އަޔާންމެން މަންމައާއެކު މަޑުކުރުމަށެވެ.

ޒީޝާންދިޔައީ އަޔާންއާ އެކީގައި އެގެއަށެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް ޒީޝާންއަށް ވިސްނެނީ އަރްޒަންއާ މެދުގައެވެ.

"ޒީ... އެއީ ޒީގެ ޒޭންއަކީ..." އަޔާން ބުނެލިއެވެ. ޒީޝާން ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

"އޭނަ ވަރަށް ލޯބިވާނެ ޒީ ދެކެ.... ވަރަށް ބޮޑަށް" އަޔާން އަނެއްކާވެސް ބުނެލިއެވެ.

"އަހަރެން ބޭނުން ޒީ ގޮވައިގެން އެއާޕޯޓަށް ވެސް ގޮސް ތަންތަން ދައްކައިލަން. ޒީގެ ހަނދާންތައް ވީހާވެސް އަވަހަކަށް ގެންނަން އަހަރެން ބޭނުން. އެކަމަކު...." ދެމެދަށް ވެރިވި ހަމަހިމޭންކަން ފޫދުއްވައިލަން މި ފަަހަރުވެސް މަޖުބޫރުވީ އަޔާން އަށެވެ.

"އެކަމަކު ކިހިނެއްވީ؟"

"ޒީއަށް އެނގެއެއްނު މިހާރުގެ ޙާލަތު..." އަޔާން މަޑުމަޑުން ބުނެލިއެވެ.

ޒީޝާން ބޯޖަހައިލިއެވެ. އަރްޒަން އަކީ އޭނާގެ ކާކުކަން ފެނިފައިވާ ފޮޓޯތަކުން އެނގުނު ނަމަވެސް، އަދިވެސް އޭނާގެ ހިތުގެ އުދާސްތަކަށް ލުޔެއް ނުލިބެއެވެ. އަރްޒަން އާ ދެމެދު ކޮންމެވެސް ކަހަލަ ބޯ ފާރެއް ވާކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ. އަޔާންއާ އެކީގައި މި ވީ ދުވަސްކޮޅުގެ ތެރޭގައި އުޅެވުމުން ކޮންމެވެސް ވަރަކަށް އަޔާންއާ އެކުވެރިކަމެއް އުފެދި ވާހަކަ ދައްކައިލުމުން ހިތަށް ހަމަ ޖެހުން ލިބުނެވެ. އަޔާންއަށް އިތުބާރު ކުރެވެއެވެ.

އާރާއާ ޖިނާންއާ ދެމީހުން ވެސް އެގެއިން ނުކުތީ އެތައް އިރަކު ވާހަކަ ދައްކަން ތިބެފައެވެ. އަރްޒަން އާއި އިރުފާންއާ ދެމީހުން އެކަނިވުމާއެކު އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލެވު ނެވެ. އިވިގެން ދިޔަ ހަޤީގަތްތަކުގެ ސަބަބުން އެ ހިތުގައި އުފެދުނު ބިރުވެރިކަން އަދިވެސް އެކީ ހިނދިގެން ނުދެއެވެ. ކިޔަންވާ ބައެއް ދުޢާތައް ދީފައި އިރުފާން ބުނީ މިރޭ އިރާދަކުރެއްވިއްޔާ ދެން އެ ޖިންނީގެ އުނދަގުލެއް ނުފޯރާނޭ ކަމުގައެވެ. އެކަމަކު ފޯރައިފި ކަމުގައި ވާނަމަވެސް އެ ދުޢާތަކުގެ ސަބަބުން އިރާދަކުރެއްވިއްޔާ އެ އަށް އަރްޒަންއަށް މާ ބޮޑު ގެއްލުމެއް ނުދެވޭނޭ ކަމުގައެވެ. އޭނާ ވެސް ކުރަން އުޅޭ ކަމަށް ތައްޔާރުވާން ޖެހޭ ކަމުގައި އޭނާ ބުންޏެވެ.

"އޭތި ހަމަ އަސްލަށް ވެސް އަހަންނަށް ގެއްލުުމެއް ނުދޭނެތަ؟" އަރްޒަން އަހައިލިއެވެ.

"އަރްޒަން އަށް ގެއްލުމެއް ދިނުން ވަރަށް ދުރު، އެކަމަކު އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ. ޚާއްސަކޮށް ޒީޝާންއަށް އަދި މި ހަޤީގަތް އެނގޭ މީހުންނަށްވެސް" އިރުފާން ބުނެލި އެވެ.

"އަހަރެމެން މާދަން މަސައްކަތް ފަށަން ޖެހޭނެ. އަރްޒަން ވެސް ތައްޔާރުވެެގެން ހުންނަން ޖެހޭނީ... ޖިންނި ގެއްލުމަށްފަހު، އަދި އޭތީގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބި ހުރުމަކީ ވެސް ކުރިއަށް އޮތް ކަމުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް. މިރޭ އަހަރެމެންނަށް އެ ފެނުނީ އޭނާގެ އިންޒާރެއް. އެ އިންޒާރުން އެކަނިވެސް އޭތި ބާރުގަދަ ވަރު އަހަންނަށް އެނގިއްޖެ! އެއީ ހަޤީގަތުގައި ޒޭންއަށް ދިން އިންޒާރެއް ނޫން، އަހަންނަށް ދިން އިންޒާރެއް... އަހަރެން ތައްޔާރުވެ ހުންނަން ދިން ސިގްނަލެއް. " އިރުފާން ބުނެލިއެވެ. އޭނާ ނިތުގައި އަތް ޖައްސައިލިއެވެ. އޭނާއަށް ވެސް ކުރިމަތިލެވެން މިއުޅޭ ތޫފާނުގެ ހިލަންވަނީއެވެ. އެރޭ އިރުފާން ދިޔުމުން އަރްޒަން ޖައްސައިލީ ސޯފާގައެވެ. އަޔާން ގެއަށް ވަދެފައި ދިޔައީ ފާހާނާއަށް ވަދެލުމުގެ ބޭނުމުގައެވެ.

ލޯ މަރައިލުމާއެކު އޭނާގެ ދެލޮލަށް ސިފަވީ، ޖިންނީގެ އެ ދެލޯ ދިއްލިފައިވިތަނެވެ. އެ ތުންފަތުގައި ވި ވިހަ ގަދަ ހިިނިތުންވުމެވެ. އެހިނިތުންވުން އެބުނަނީ ކީކޭ ހެއްޔެވެ؟

ޒީޝާންގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައިކަން އަރްޒަން އަށް އެނގެއެވެ. އަރްޒަންއަށް ގެއްލުމެއް ދޭން އުޅޭ ކޮންމެ މީހަކާއ،ި އަރްޒަންއާ ދެކޮޅު ވާ މީހުންނާއި، އަރްޒަން ދެކެ ލޯބިވާ މީހެއް ނަމަ، އެ ޖިންނި އެމީހަކު މަރައިލާނެކަން އަރްޒަންއަށް އެނގެއެވެ. އޭނާ ހާސްވެ ކަންބޮޑުވަނީވެސް އެހެންވެއެވެ. ޒީޝާންގެ ފަރާތުން ފެނުނު އެ ބީރައްޓެހިކަން އޭނާގެ ހިތަށް އަދިވެސް ތަދު ކުރަމުން ދިޔައެވެ. އެ ދެލޮލުން އޭނާއަށް ބަލައިލި ގޮތް ހިތަށް އަރާ ކޮންމެ ފަހަރަކު މެއަށް ފާޑަކަށް ފިނިވެއެވެ.

ދެލޮލުން ފޭދުނު ކަރުނަތަކުން ދެލޯ ފުސްވި ވަގުތު އޭނާގެ ފަހަތުން ހިޔަންޏެއް ހުރަސްކޮށްލިގެން އަރްޒަންއަށް ހީވިއެވެ. އާދަޔާ ޚިލާފަށް މޭތެޅެން ފެށުމާއެކު އަރްޒަންއަށް ހިންދިރުވައިލެވުނެވެ. ނުރައްކަލުގެ ސިގްނަލް އޭނާގެ ސިކުނޑިން މުޅި ހަށިގަނޑަށް ފޯރުކޮށްދޭން ފެށިއެވެ. އޭނާ އަށް ކަޅި އެކި ދިމަދިމާ ހިންގައިލެވުނެވެ.

"އަހަރެން ވީ ލޯބީގެ ބަދަލު ދޭން ގަސްތުކުރަނީ ތިހެންތަ؟" ކަންފަތް ދޮށުގައި ޖެހިލި މަޑު ވައިރޯޅިއެއްފަދައިން އަރްޒަންއަށް އަޑު އިވުނެވެ. ކަންފަތް ދޮށުން ހީބިހި ނަގައިގެން ދިޔައެވެ.

"ތިކުރަން އުޅެނީ ރަނގަޅު ކަމެއް ނޫން." އަނެއްކާވެސް މީހަކު ބުނެލިގެން ހީވިއެވެ.

"ކާ...." އެއްޗެއް ނުބުނެވި އުޅެނިކޮށް އަޔާން ނުކުތްތަން ފެނި އަރްޒަންގެ ބަސް ހުއްޓުނެވެ.

"ޒޭން ކާކާ ވާހަކަ ދައްކަނީ؟" އަޔާންއަށް ސުވާލުކޮށްލެވުނެވެ.

"ނުދައްކަން. އަހަރެން ބުނީ ޒީ އޯކޭހޭ؟ ޒީ އެކަނި ނުކުރައްޗޭ!" އަރްޒަން ބުނެލިއެވެ.

"ޒީ ހުރީ މަންމަ ކައިރީގައި. އަހަރެން މަންމައަށް ވެސް ކަންތައްތައް އެނގޭނެ. ޒޭން ހާސްނުވޭ!" އަޔާން ބުނެލި އެވެ.

"މެންދުރުން އިރުފާން އަންނާނެ. އަހަރެމެން ތައްޔާރަށް ތިބެން ޖެހޭނީ..." އަޔާން ބުނެލިއެވެ.

"އަހަރެން އެބަ ވަރަށް ބިރުގަނޭ ޔާން!" އަޔްޒަން ބުނެލިއެވެ.

"ކަންބޮޑުނުވޭ ޒޭން. އަހަރެމެން މި ތިބީ އިރުފާން ބުނި ގޮތަށް ކަންތައް ކޮށްގެން. އެހެންވީމަ އިރާދަކުރެއްވިއްޔާ ދެން އޭގެ އުނދަގޫ މިއަދަކު ނުޖެހޭނެ" އަޔާން ބުނެލިއެވެ.

އަރްޒަން ބޯ ޖަހައިލިއެވެ.

*****

އަރްޒަންކައިރީގައި ކިޔަވަން ފެށުމާއެކު، އޭނާގެ ހަށިގަނޑަށް ބާރުގަނޑެއް އަރަން ފެށިކަން އަރްޒަންއަށް އިޙްސާސްވިއެވެ. އޭނާ ގެ ދެލޮލަށް ޒީޝާންގެ ސޫރައިގައި ހުރި އެ ޖިންނި ފެންނަން ފެށިއެވެ. އެއީ ހަމަ ޒީޝާންއެެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުމެވެ. އޭތީގެ ވަށައިގެން ހުރި ދުންތައް މުޅި ތަނަށް ފެތުރެން ފެށިތަން ފެންނަން ފެށީވެސް ހަމައެކަނި އަރްޒަންއަށެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭރުވެސް އޭނާގެ ހަށިގަނޑުގައި ފާޑެެއްގެ ރިހުމެއް ދައުރުވަމުން ދިޔައެވެ.

އެ ދުންތަކުން މުޅިތަން ފުރެމުން ދިޔަތަން އަރްޒަންއަށް ފެންނަމުން ދިޔައެވެ. ހަމައެއާއެކު އެ ޖިންނި އޭނާއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިތަން ވެސް މެއެވެ.

(ނުނިމޭ)

ކޮމެންޓް 0