"ޒީޝާން"
ރާކިންގެ އަޑަށް ޒީޝާން އޭނާގެ ނަޒަރު ރާކިންއަށް އަމާޒުކޮށްލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް ރާކިން ދެފަރާތަށް ބޯ ހޫރާލުމުން ޒީޝާން ހިނިތުންވެލުމަށްފަހު, އަނެއްކާވެސް އެހިތްގައިމު ޤުދުރަތީ ރީތި މަންޒަރަށް ނަޒަރު ހުއްޓައިލިއެވެ.
ފޯނުގެ ކެމެރާގައި އެ މަންޒަރު ރައްކާކުރަން ހުއްޓައި، ޒީޝާން ސިހުނީ އޭނާގެ އަތުގައި ރާކިން ހިފައްޓައިލުމުންނެވެ.
ރާކިންއަށް ބަލައިލި ޒީޝާންގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ ކުލަވަރެވެ. ރާކިންގެ މޫނުމަތީގައިވި ކުލަވަރު މާނަކުރަން ނޭނގި ޒީޝާން ރާކިން އޭނާގެ އަތުގައި ހިފައްޓާފައިވާ އަތަށް ބަލައިލިއެވެ. އެއަށްފަހު، އޭނާއަށް ބޭއިޚްތިޔާރުގައި ބުމަ އަރުވައިލެވުނެވެ. ރާކިންގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ޒީޝާން ހުރީ ކޮންމެސް ވަރަކަށް, ހައިރާންވެ ސިހިފައެވެ.
ޒީޝާންގެ އަތުގައި ހިފެއްޓިގޮތަށް އެއްޗެއް ބުނަން ނޭނގިފައި ރާކިންއަށް ހުރެވުނީ ޒީޝާންގެ އެ އަޅި ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. ހިތްވަރުކޮށްފައި އޭނާ އެ ހިތުގެ ޙާލު ޒީޝާންގެ ކުރިމަތީގައި ބަންޑުންކޮށްލަން ނިންމީ، އެ ހިތުގެ ހަމަޖެހުން ގުޅިފައިވަނީ ޒީޝާންއާ ކަން އެހިތް އޭނާއަށް ބުނެދެމުން ދިޔައީތީއެވެ. އޭނާ ލޯބިވާވަރަކަށް ދުވަހަކުވެސް އެހެންމީހަކަށް ޒީޝާންދެކެ ލޯބިވެވިދާނެކަމަކަށް ރާކިން ޤަބޫލެއް ނުކުރެއެވެ.
"ޒީޝާން އައި ލައިކް ޔޫ..." ހިތުގެ ޙާލު އެހާ ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރުމަށް ރާކިންގެ ހިތް ބާރު އަޅަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން, އެ ހިތުގެ އަމުރަށް އޭނާގެ ދޫ ހަރަކާތްކުރިފަދައެވެ. ލަސްލަހުން އެ ބަސްތައް ދުލުން ބޭރުކޮށްލުމާއެކު,
ޒީޝާންގެ ހަރަކާތް ހިނދުކޮޅަކަށް ހުއްޓުނެވެ. ވެރިވެގެން ދިޔައީ ހަމަހިމޭން ވަގުތު ކޮޅެކެވެ. އިރުކޮޅަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ދެމީހުންނަށް ވެސް ތިބެވުނެވެ. ދެމެދަށް ވެރިވި ނުތަނަވަސްކަމުގެ ސަބަބުން އެކަކަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.
ހަމަހޭވެރިކަން ވުމާއެކު ރާކިންގެ އަތް ފޮޅުވައިލުމަށްފަހު، ޒީޝާން ރާކިންއަށް ފުރަގަސްދިނެވެ. ކުއްލިއަކަށް ރާކިން އެ ބުނި ބަސްތަކެއްގެ ސަބަބުން އޭނާގެ މުޅި ޖިސްމަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. ހިތާ ސިކުނޑީގެ ހަރަކާތްތައް ހިނދުކޮޅަކަށް މަޑުޖެހިލި ފަދައެވެ. އެއީ ރާކިން ކުރި ސަމާސާއެއް ހެއްޔެވެ؟ ރާކިން އަކީ ސަމާސާއަކަށް ހަދައިގެން އެފަދަ ވާހަކައެއް ދައްކާނެ ފަދަ މީހެއް ނޫނެވެ. އަނެއްކާ ރާކިން ހަޤީގަތުގައި ވެސް އޭނާޔާ ގަޔާވަނީ ހެއްޔެވެ؟ ވިސްނި ވިސްނިހެން ޒީޝާންގެ ސިކުނޑި ސުމަކަށް ދާން ފެށިއެވެ. މިހާއަށް އުނދަގޫވާން ފެށިއެވެ.
"ރާކިން! ތި ކަހަލަ ސަކަރާތް ޖަހާކަށް ނުވާނެ!" ހަމަޖެހެން މަސައްކަތް ކުރަމުން ޒީޝާން ވާހަކަ ދެއްކިއެވެ. އޭނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އަނެއްކާވެސް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ.
"އަހަރެން މި ދައްކަނީ ސަމާސާ ވާހަކައެއް ނޫން. އައި ރިއަލީ ޑޫ ލައިކް ޔޫ ޒީޝާން!" ރާކިންއާ ދުރަށް ދެ ފިޔަވަޅު އެޅުނުތަނާ, އަނެއްކާވެސް ރާކިން ގޮވައިލިއެވެ. ދެލޯ މަރައިލުމަށްފަހު، ޒީޝާންއަށް މަޑުކޮށްލެވުނެވެ.
ރާކިން އަނެއްކާވެސް ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. ޒީޝާންގެ އެ އަމަލުން އޭނާގެ ހިތަށް ތެދުވެއްޖެއެވެ.
ރާކިން އޭނާގެ އަތުގައި ހިފައްޓައިލުމާއެކު، ޒީޝާންއަށް މިފަހަރު ވެސް އެ އަތް ފޮޅުވައިލެވުނެވެ. ޒީޝާންގެ އެ އަމަލުން ރާކިންއަށް ވެސް ސިހުން ލިބުނެވެ. އޭނާގެ ލޮލުން ޒީޝާންއަށްޓަކައި ވާ ލޯބި ނުފެނޭ ހެއްޔެވެ؟ އެ ހިތް ޒީޝާންއަށް އެދޭވަރު ނޭނގެނީހެއްޔެވެ؟ ރާކިންގެ ހިތުގައި އެތައް ޝަކުވާއެއް ވިއެވެ.
"ޒީޝާން. އައި ރިއަލީ ރިއަލީ ލައިކް ޔޫ..." ރާކިންގެ އަޑުގައި ތެދުވެރިކަން ވެއެވެ. އެ އަޑުން އެކަނިވެސް އޭނަ ޒީޝާން ދެކެ ވާ ލޯބި ބުނެދެމުން ދިޔައެވެ. ޒީޝާންގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު، އަނެއްކާވެސް ރާކިން މަސައްކަތްކުރީ އޭނާގެ ހިތުގެ އަޑު ޒީޝާންއަށް އިއްވައިދެވޭތޯއެވެ. އޭނާ ޒީޝާން ދެކެވާ ލޯބި ޒީޝާންއަށް އިޙްސާސްކޮށްދެވޭތޯއެވެ.
"އަހަރެން ޒީޝާން ދެކެ.... " ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލަން ރާކިންއަށް މަޖުބޫރުވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ޒީޝާން އޭނާގެ އަތުން މަޑުކުރުމަށް އިޝާރާތްކޮށްލުމާއެކުގައެވެ. އެ މޫނުމަތިން ފެންނަނީ ހިންހަމަ ނުޖެހުމުގެ އަސަރެވެ. މޭތެރޭގައި އުފެދުނު ދިލަ ތަދާ، ތޫނު ރިހުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ހުރިހާ ސެލްތަކަކަށް އޭގެން އަސަރު ކުރުވަން ފެށިފަދައެވެ.
ޒީޝާންއަށް ބަލައިލުމަށްފަހު، ރާކިން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެ ހިތުގެ ޙާލު މިއަދު ޒީޝާން ޖެހޭނީ އަޑު އަހާށެވެ. އޭނާ އެ އިޙްސާސްތައް ފޮރުވައިގެން ހުންނަތާ ހާދަ ދުވަހެއް ވެއްޖެއެވެ. މި ފަދަ ވަގުތަކަށް ހާދަ އިންތިޒާރެއް ކޮށްފިއެވެ.
"އަހަންނަށް އެނގޭ ވަރަށް ކުއްލިއަކަށް މިހެން ބުނީމަ ޒީއަށް ޝޮކެއް ލިބިދާނެކަން. އެކަމަކު އަހަރެން ކީއްކުރާނީ؟ އަހަރެންގެ ބަސްނާހާ ހިތަކަށް ކެތެއްނުވާނެ ދެނެއް މިހިތުގެ ޙާލު އަންގައިނުދެވެނީސް... މި އިޙްސާސްތައް އަހަންނަކަށް ކޮންޓްރޯލްއެއް ނުކުރެވޭ!"
އޭނާގެ ހިތުގެ ހާލު އިއްވައިދިނުމަށް ކެތް މަދުވެފައި ހުރި ރާކިން އެ ފުރުސަތު ގެއްލުވައިލަން ބޭނުންނުވާފަދައެވެ.
އެ ވާހަކަތައް ޒީޝާންއަށް ހާމަކުރަމުންދިޔަ ވަގުތު، އެމީހުން ތިބި ދިމާ ގަހެއްގެ ފުރަގަހުގައި ހުއްޓިގެން ހުރި ޒޭބާއަށް، އެ އަޑު ސާފުކޮށް އިވުނެވެ. ވީ ދެރައިން އޭނާގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. ގަހުގައި ލެނގިލެވުނީ ކޮޅަށް ހުންނާނެހާ ހިތްވަރުވެސް ނެތީތީ ކަންނޭނގެއެވެ. ދެރައާ އެއްވަރަށް ރުޅިވެރިކަން ވެސް އޭނާގެ ހިތުގައި އުތުރިއަރަމުން ދިޔައެވެ. ޒީޝާންއާ މެދުގައެވެ. ޒީޝާންގެ ހުރީ އޭނާގެ ނެތް ކޮން ސިފައެއްހެއްޔެވެ؟ އޭނާ ހުތުރީ ހެއްޔެވެ؟ ހަޑީ ހެއްޔެވެ؟ ރާކިންގެ ލޮލުގައި އޭނާ އަޅައިނުގަންނަނީ ކީއްވެހެއްޔެވެ؟ އެއް އަތުން ކަރުނަތައް ފުހެލަމުން، ޒޭބާ، ކުޑަކޮށް އަރިވެލާ އެ ދެމީހުންނަށް ބަލައިލިއެވެ.
"އަހަންނަށް ޒީޝާންއާ ގަޔާވެވި، ލޯބި ވެވުނީ ބޭއިޚްތިޔާރުގައި. އަހަންނަށް އެހެން ހުރިހާ ކުދިންނަށް ވުރެ ޒީޝާން ޚާއްސަ. އައި ރިއަލީ ރިއަލީ ލައިކް ޔޫ!..."
ރާކިންގެ ބަސްތައް އޭނާގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ތުންފަތުގައި ދަތް އަޅައިލި ޒޭބާ، އެތަނުން ދާންވެގެން ކުރިއަށް ފިޔަވަޅު އަޅައިލިއެވެ. އެންމެ ވަގުތަކުވެސް އޭނާ އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. އެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ބޭނުމެވެ. ނޫނީ އޭނާ މޮޔަވެދާނެއެވެ. ހަރު ފިޔަވަޅުތަކެއްގައި ޒޭބާ މިސްރާބުޖެހީ ޕާކުން ނުކުތުމަށެވެ.
އެތަން ފެނި ފާލިހް ޒޭބާއަށް ގޮވައިލިއެވެ. އެކަމަކު އެ އަޑަށް ސަމާލުކަން ނުދީ ޒޭބާ ގޮސް އެވަގުތު އެތަނުގެ ކުރިމަތީގައި ހުރި ބަސްޓޮޕްގައި މަޑުކޮށްލައިގެން އޮތް ބަހަށް އަރައިފިއެވެ. ފާލިހް ދާން އުޅުނު ނަމަވެސް، އެވަގުތު މަގުހުރަސް ނުކުރެވުނީ ފެހި ލައިޓް ދިއްލުމުން، ދުއްވާއެއްޗެހިން މަގުގެ ދެކޮޅު ހަލަބޮލި ވުމުންނެވެ.
"ވަޓް ހެޕެންޑް؟" ފާލިހް ކައިރިއަށް ހުއްޓިފައި، އެހިސާބާ އަރާ ހަމަވި އާރާ ވާހަކަ ދެއްކިއެވެ. ވީ ގޮތް ނޭނގޭ ކަމަށް ބުނެ ފާލިހް ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭނާ އާރާއަށް ބަލައިލުމަށްފަހު، އެތެރެއަށް ވަންނަން މިސްރާބުޖެހިއެވެ.
ޒޭބާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އަރްޒަންއަށް ބަލައިލެވުނީ، ޒީޝާންމެން ދިޔަ ދިމާލަށެވެ. އެ ދިމާލަށް ޒޭބާ ދަނިކޮށް އޭނައަށް ވެސް ފެނުނެވެ. ދެ ވިސްނުމެއްގައި ހުރުމަށްފަހު، އަރްޒަން އެ ދިމާލަށް ފިޔަވަޅު އަޅައިލިއެވެ. ކޮންމެވެސް ނުބައެއް އުޅޭކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ޒޭބާ އާ އެކު ކުރި ދަތުރެއްގެ ތެރެއިން ޒޭބާ ރާކިންއާ ގަޔާވާކަމުގައި އޭނާއަށް ޔަޤީންކުރެވުނެވެ. ޒޭބާ އެ ވާހަކަ އެހެން ކުއްޖަކު ކައިރީގައި ދައްކަން ހުއްޓާ އޭނާއަށް އަޑު އިވުނީއެވެ. އަވަސް ފިޔަވަޅުތަކެއް އެ ދިމާލަށް އަޅަމުންދިޔަ އަރްޒަން ސިހުނީ, ގަސްތަކުގެ ތެރެއިން ނުކުތް ޒީޝާން ފެނިފައެވެ. ޒީޝާންގެ މޫނުމަތީގައިވި ކުލަވަރުތައް މާނަ ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
ޒީޝާންގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް ރާކިން އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަމައެއާއެ ކު ދެމީހުންގެ މޫނުމަތީގެ ކުލަވަރުތައް ވެސް މެއެވެ. އެ ހިތް އާދަޔާ ޚިލާފަށް ތެޅިލިއެވެ. ގޮތް ނޭނގޭ އިޙްސާސްއެކެވެ. ފާލިހްއާ އެއް ހަމައެއްގައި ހުރެ ހިނގަމުން އައި، އާރާގެ ލޮލުގައި ޒީޝާން އަޅައިގަތުމާއެކު، އޭނަ ދުވެލާފައި ކަހަލަ ގޮތަކަށް ޒީޝާން ކައިރިއަށް ދިޔައެވެ. ޒީޝާންގެ މޫނުމަތި މިލާފައިވާތަން ފެނި އާރާއަށް ސުވާލުކޮށްލެވެން އުޅުނެވެ. އެކަމަކު ވަށައިގެން ތިބި މީހުންނަށް ބަލައިލާފައި، އާރާ ތުންފަތުގައި ދަތް އަޅައިލިއެވެ.
ޒީޝާންގެ މޫނުމަތިން ފެންނަނީ ހިންހަމަ ނުޖެހުމެވެ. ޒޭބާ ދިޔައީ އަނެއްކާ ޒީޝާންއާ މައްސަލައެއް ޖެހިގެން ހެއްޔެވެ؟ ފާލިހް ކަންތައް ވީ ގޮތް ކިޔައިދިނުމުން، ހަތަރު މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ރާކިންގެ ނަޒަރު އެންމެ ހިނދުކޮޅަކުން ވެސް ޒީޝާންއާ ދުރަށް ނުދާތީ އަރްޒަންއަށް އުނދަގޫވިއެވެ. އޭނާއަށް އިތުރު ކަމެއް ވެސް ފާހަގަވިއެވެ. ޒީޝާން ރާކިންއާ ހަތަރުކަޅި ހަމަ ނުކުރާކަމެވެ. ރާކިންއާ ހަތަރު ކަޅި ހަމަވާ ފަހަރަކު ވެސް، އެ ނަޒަރު އަވަސް އަވަހަށް އެހެން ދިމާލަކަށް އަނބުރައިލަން އުޅޭލެއް އަވަސްކަމެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދުނު ނަމަވެސް، އެންމެ ސުވާލެއް ވެސް ކޮންލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންނޫނަސް ޒީޝާންއަކީ އޭނާއަށް ކާކުހެއްޔެވެ؟. އެހާވަރަށް އެ އަންހެން ކުއްޖާ އާ މެދު ވިސްނެނީ ކީއްވެ ހެއްޔެވެ؟. އެ ހިތުން ޒީޝާންއަށް ޚާއްސަ މަޤާމެއް ދެވިފައިވާހެން ހީވަނީ ކީއްވެހެއްޔެވެ؟ ރާކިންއާ ޒީޝާންއާ ދެމެދު ހިނގީ ކޮން ކަމެއްހެއްޔެވެ؟. އެ ޚިޔާލުން އެކަނި ވެސް އޭނާގެ ހިއްސުތަކުގައި ނުތަނަވަސްކަން އުތުރި އަރަން ފެށިއެވެ. ނުބައި ޚިޔާލުތައް މީހާގެ ސިކުނޑިއަށް ވެރިވެ، ނާރުތަކަށް ވާންވާން ފެށިއެވެ. ވިސްނުން ދަނީ ގެންދަން ބޭނުންވާ މިސްރާބަކަށްނޫނެވެ. އެކަމުގެ ސަބަބުން އެތަކެއް އުނދަގުލެއް އޭނާއަށް ވަމުންދިޔައެވެ. ގޮށް މުށްކަވާލެވުނު އަތް ޖީބަށް ޖަހައިލަމުން ދުރަށް ނަޒަރު ހުއްޓައިލުމަށްފަހު، އެ ޚިޔާލުތަކާ ދުރުވާން، އަރްޒަން މަސައްކަތް ކުރިއެވެ.
ޒޭބާ ދިޔުމުން އެންމެންވެސް ނިންމީ ދެން އެމީހުން ތިބޭ ހޮޓެލަށް ގޮސްލުމަށެވެ. އެންމެން ނިންމީ ޒޭބާ ދާނީ އެމީހުން ތިބޭ ހޮޓެލަށްކަމެވެ. އިތުރު ތަނަކަށް ނުދާނޭ ކަމަށެވެ. ޒޭބާގެ ސަބަބުން މަޖާ ކުރުމުގެ ރޫޙް އެކީ ގެއްލިއްޖެއެވެ. އެންމެންގެ މެދުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ.
**
ހޮޓެލަށް ގޮސް ވަތް ޒޭބާގެ ކޯތާފަތް މަތިން އޭރުވެސް ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ފައިބައެވެ. ލަސްނުކޮށް އޭނާ ދިޔައީ ކޮޓަރިއަށެވެ. އަތް ދަބަސް އެނދުމައްޗަށް ހޫރައިލުމާއެކު ޑްރެސިންޓޭބަލް ކައިރިއަށް ޒޭބާ ޖެހިލިއެވެ. އެއަށްފަހު، އޭނާ އަމިއްލަ ސޫރައަށް ބަލައިލިއެވެ.
ކަންފަތުގައި ގުގުމަން ފެށީ ރާކިންގެ ބަސްތަކެވެ. އައި ރުޅީގައި އެތަނުގައި ހުރި ސެންޓު ފުޅިވެސް ޖެހި ޖެހީނުން ވައްޓައިލައިފިއެވެ. ބިއްލޫރި ފުޅިއެއްކަމުން މުޅިތަނަށް ފުޅި ތޮށިތައް ބުރައިގެން ދިޔައެވެ.
އެކަމަށް ސަމާލުކަން ނުދީ ޒޭބާ ގޮސް ވެއްޓިގަތީ އެނދުމައްޗަށެވެ. ބާލީހަކުން މޫނު ފޮރުވައިލުމާއެކު, އޭނާގެ ގިސްލުމުގެ އަޑުން އިސާހިތަކު، ކޮޓަރިތެރެ ފަޅުފިލައިފިއެވެ.
ހޮޓެލަށް އައިސް ވަދެފައި ނެގިމަޑުވެފައި ހުރި ޒީޝާންއާ އާރާ ވާހަކަ ދެއްކިއެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ. ޒީޝާން ބުނީ ކަމެއް ނުވާ ކަމުގައެވެ.
ނަސީބަކުން ޒޭބާ ކޮޓަރީގައި އުޅެއެވެ. މަޝްވަރާކޮށްލުމަށްފަހު، އެންމެން ނިންމީ މިރޭ ވިޔަފާރިކޮށްލަން ދާށެވެ.
އެހާވަރުން ވިޔަފާރިކޮށްލަން ދާން ރާވާފައި ޒީޝާން އެންމެ ފަހުވަގުތު ދެކޮޅު ހެދުމުން އެކަމާ ވެސް އާރާ ޝަކުވާކުރިއެވެ. އެންމެ ފަހުން އާރާގެ ޝަކުވާ ތަކަށް ބީރުކަންފަތެއް ދޭން ނުކެރި، ޒީޝާން އެއްބަސްވިއެވެ. ވިޔަފާރި ކޮށްލަން ދިޔައީ އާރާއާއި ޒީޝާންއާއި ފާލިހްއެވެ.
ގެއަށް އައީ ފުދޭވަރަކަށް ދަންވެފައި ހުއްޓައެވެ. އައިސް ކޮންމެ މީހަކުވެސް އުޅުނީ މާދަމާ ފުރަން ވާއިރަށް ފޮއްޓަށް އެއްޗިސް އަޅާ ތައްޔާރުވުމުގައެވެ.
***
އެނދުގައި އޮށޯވެލައިގެން އޮތް ރައުދާގެ ބަނޑުގައި ދިލަތަދެއް ހުއްޓެވެ. އެހާ ބައިވަރު ހޮޑުވެސް ލެވިއްޖެއެވެ. އަޔާންގެ މަންމަގެ އެހީތެރިކަން ނުލިބޭ ނަމަ، އޭނާ އުޅޭނެ ގޮތެއް ވެސް ނޭނގެއެވެ. އެހެން އޮއްވާ އަޔާން ގުޅީ ވައިބަރ އިންނެވެ.
"ކިހިނެއް ރައު؟" އަޔާން ސުވާލުކޮށްލިއެވެ.
"ރަނގަޅު..." އަޔާން ވާހަކަ ދައްކަން ފެށިނަމަވެސް އެ ވަގުތު ރައުދާ, އަޔާން ގާތު އޭނާ ވަރުބަލި ކަމަށާއި، އަރާމުކޮށްލަނީ ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.
ފޯނު ބޭއްވުމަށްފަހު, މަޑުމަޑުން ރައުދާ ތެދުވެ އެނދުގައި އިށީނެވެ. ދެ ވިސްނުމެއްގައި އިނދެފައި އޭނާ ފާހާނާ އާ ދިމާލަށް ހިނގައިގަތީ މޭނުބައި ކުރަން ފެށުމުންނެވެ. އައިސް އަނެއްކާވެސް އެނދުގައި އޭނާ އޮށޯވެލިއެވެ.
ފޫހިވާތީ ވާހަކަ ފޮތެއް ނަގައިގެން ކިޔަން ފެށި ނަމަވެސް އެއަށް ސަމާލުކަންދެވޭ ގޮތެއް ރައުދާއަކަށް ނުވިއެވެ. އަޔާން އާ ދެމީހުންގެ ދެމެދަށް ބުނެދޭން ނޭނގޭ ދުރުކަމެއް އައިސްގެން އުޅޭހެން އޭނާއަށް އަމިއްލައަށް އިޙްސާސްވަނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަމިއްލަ ނަފުސަށް ވެސް ހުންނަނީ ހިސާބެއްގެ ފޫހިކަމެއް ވެރިވެފައެވެ.
***
އަރްޒަންމެން ރާއްޖެއަށް ފުރީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އާދައިގެ މަތިން ޒޭބާ ކޮކްޕިޓްތެރެއަށް ކޮފީ ހިފައިގެން ހިނގައިގަތީ އެ ފުރުސަތު ޒީޝާންއަށް ނުދޭން ވެގެންނެވެ.
ކޮކްޕިޓުން އެތެރެއަށް ވަދެ ވަދެ ހުއްޓާ ބޯޓް ކުޑަކޮށް ޓާރބިއުލެންޓް ވުމާއެކު، އަތް އަރި އަޅައިލާ އޭނާގެ ޔުނީފޯމަށް ކޮފީތަށި ބަންޑުން ވާގޮތްވިއެވެ. ކުޑަ ހަޅޭކެއްގެ އަޑު ބޭރުވީ ކޮފީ ހޫނުކަމުން އޭނާއަށް ހިސާބެއްގެ ދިލަތަދެއް އިޙްސާސްވީތީއެވެ.
އެވަގުތު އެތަނުގައި ޒީޝާންއަށް ހުރެވުނު ކަމީވެސް ނަސީބެކެވެ. އޭނާ ޒޭބާ ކައިރިއަށް ޖެހިލާ ޒޭބާ އަތުން އެ އެއްޗެހި ނެގިއެވެ. އެއަށްފަހު އޭނާ އެތެރެއަށް ވަނެވެ.
ޒީޝާންއަށް ބަލައިލުމަށްފަހު، މޫނު ހަދާލާފައި ޒޭބާ ހިނގައިގަތީ ގެލީއަށެވެ. އޭރުވެސް އަތުގައި ދިލަކަން ހުއްޓެވެ.
*****
ބޯޓުން ފައިބައިގެން އެންމެން އެއާރޕޯޓުން ނުކުންނަން ދިޔައީ އެކުއެކީގައެވެ. ފާލިހް ފިޔަވައެވެ. އިރު އިރުކޮޅުން ރާކިންގެ ނަޒަރު ޒީޝާންއަށް ހުއްޓެއެވެ. ހަމަ އެގޮތަށް އަރްޒަންގެ ނަޒަރު އެ ދެމީހުންނަށް ދަތުރު ކުރެއެވެ. ޒޭބާގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ރާކިންވެސް އަރްޒަންއަށް ބަލައިލަނީ ނުރުހިފައެވެ. ޒީޝާން އޭނާއަށް ޖަވާބެއް ނުދީ އެ ގޮތަށް ދިޔުމުން އަދިވެސް ހިތުން އެކަން ނުފިލައެވެ. އަރްޒަންދެކެ ރުޅި އާދެވެނީ އެ ސަބަބަކީ އަރްޒަންކަން އޭނާއަށް ޔަޤީން ކުރެވޭތީއެވެ. އެ ރުޅިގަނޑުގެ ސަބަބުން ކޮކްޕިޓް ތެރޭގައި ވެސް ދެމީހުން ކަމަކާ އަރާރުންވިއެވެ.
ޒީޝާން ބޭނުން ވެފައިހުރީ ވީހާ ވެސް އަވަހަކަށް ރާކިންގެ ކުރިމަތިން ދުރަށް ދާށެވެ. ރާކިން އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެހެން ބުނުމުން، ޒީޝާންއަށް ރާކިން ފެންނަ ހިސާބުގައި ހުންނަން އުނދަގޫވަނީއެވެ.
ގެއަށް ގޮސް ފެންވަރާ ހަދާލައިގެން ޒީޝާން ޖައްސައިލީ އެނދުގައެވެ. އަރާމުކޮށްލާށެވެ. ރާކިންގެ ޖުމްލަތައް އަދިވެސް އޭނާގެ ސިކުނޑީގައި ގުގުމަނީއެވެ. އޭނާ އެ އެއަށް ދެކޮޅު ހަދަން ބޭނުންވިއެވެ. ހިތުގައި ވަނީ އަރްޒަންގެ ނަމެވެ. އެހިތުން ރާކިންއަށް ޖާގަ ދޭނީ ކިހިނަކުންހެއްޔެވެ؟
*****
އައި ގޮތަށް ވެފައި ހުރި ވަރުބައްޔާއެކު ނިދި އާރާއަށް ހޭލެވުނީ ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށެވެ. ފޯނު ނަގާ ކަންފަތުގައި ޖަހަމުން އާރާ ތެދުވެ އިށީނެވެ. ރަފްހާން އެދުނީ އާރާ އާ ބައްދަލުކުރުމަށެވެ. އާރާ ވެސް ދެކޮޅެއް ނުހަދައެވެ. އޭނާ ވެސް ބޭނުންވެފައި ހުރީ އެ ފަދަ ފުރުސަތަކަކަށް ކަންނޭނގެއެވެ. އާރާ އާއެކޭ ބުނެ ފޯނު ބޭއްވިއެވެ. ރަފްހާންއާ ބައްދަލުކޮށްފައި، އެ ގުޅުން ކުރިއަށް ގެންދަން ބޭނުންނުވާކަން ހާމަކުރުމަށް އާރާ ހުރީ ބޭނުންވެފައެވެ. ރަފްހާން ދެކެ ކިތަންމެ ލޯބި ވިޔަސް އެފަދަ އަނިޔާވެރި މީހަކާ އެކީ ދިރިއުޅުމުގެ ބާކީ ބައި ހޭދަކުރަން އޭނާގެ ޒަމީރު ތަން ނުދެނީއެވެ. ޒީޝާންގެ ވާހަކަތަކުގައި ވި މާނަ އޭނާއަށް ދޭހަ ވެއްޖެއެވެ. ބައެއްފަހަރު ދިރިއުޅުމުގައި ތިމާ އެމީހެއްގެ ދެކެ ކިތަންމެ ލޯބި ވިޔަސް އަމިއްލަ ނަފުސަށް ޓަކާ ޤުރުބާން ވާންޖެހޭ ފަހަރުވެސް އާދެއެވެ. މިއީވެސް އެފަދަކަމެއް ކަންނޭނގެއެވެ. ތިމާ އެމީހެއް ދެކެ ކިތަންމެ ލޯބިވިޔަސް، އެކަން ނުދަންނަނަމަ އެމީހަކާ އެކީ އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާގެ އިޙްސާސްތަކަށް ޤަދަރު ނުކުރާނަމަ އެ މީހަކާ އެކީގައި ލޯބީގެ ގަނޑުވަރެއް ބިނާ ކުރިޔަސް، ދާދި އަވަހަށް އެބިނާ ފުނޑުފުނޑު ވެދާނެއެވެ.
ތެދުވެ ރީތިވެގެން އޭނާ ރަފްހާންއަށް ގުޅައިލިއެވެ. ރަފްހާން އެދުނީ އޭނާ އާއެކު ހުޅުމާލެއަށް ދިޔުމަށެވެ. ދެކޮޅު ހަދަން އުޅެފައި ވެސް އާރާ އެއްބަސް ވިއެވެ.
އޭނާ ރީތިވެގެން ރަފްހާންއަށް ގުޅައިލިއެވެ. ރަފްހާން އަންނަން އުޅުމުން އެ ބުނާ ތަނަކަށް ކާރުގައި ދާނެކަމަށް ބުނެ އާރާ ފޯނު ބޭއްވިއެވެ. އެއަށްފަހު, އޭނާ ޒީޝާންއަށް ގުޅައިލިއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އެކަމަށް ޒީޝާން އާރާއަށް ހިތްވަރު ދިނެވެ.
ރަފްހާން އާއެކު ފުރަތަމަ އާރާ ދިޔައީ ރެންޓޯރެންޓަކަށެވެ. ކެއުމުގެ ވަގުތުގައި ވެސް އާރާގެ މަޑުމައިތިރިކަން ފާހަގަކުރެވި ރަފްހާން ދެފަހަރަކު ސުވާލުވެސް ކުރިއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު އާރާ ވާހަކަ އޮޅުވައިލަނީއެވެ.
ކައިގެން ދެމީހުން ދިޔައީ އެމީހުން ކުރިންވެސް ދިޔަ ދިމާ ބީޗަށެވެ. ރަފްހާންއަށް ފޯނެއް އައުމުން އޭނާ ފޯނުގައި ހުރެގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ފުންނޭވާއެއް ދޫކޮށްލި އާރާ އޭނާއަށް ކުރެވެން އުޅޭ ކަންތަކާ މެދު ފުންކޮށް ވިސްނައިލިއެވެ. އަމިއްލަ ހިތަށް ވިސްނައިދިނެވެ. ބައެއް ފަހަރު ތިމާ ބޭނުންނޫން ގޮތަށް ވެސް ހަޔާތުގައި ކަންތައް ނިންމަން ޖެހެއެވެ. ރަފްހާން ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ. އާރާގެ ހިތުގެ ތެޅުންވަނީ އިންތިހާ ބާރުވެފައެވެ. ކުރެވެން އުޅޭ ކަންތަކާ މެދު އޭނާގެ އެއްވެސް ޔަޤީންކަމެއް ނެތް ފަދައެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތިކިތައް އާރާ ފުހެލިއެވެ.
ރަފްހާން އެނބުރިފައި އާރާ ގާތު ބުނީ، އޭނާއާއެކު އޭނާގެ އެކުވެރިއެއްގެ ގެއަށް ވަދެލަން ޖެހޭ ކަމުގައެވެ. އާރާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފައި އޮތްކަމަށް ބުނުމުން އެގެއަށް ގޮސް އަންނަ މަގުމަތީގައި ދައްކާނީ ކަމުގައި ރަފްހާން ބުނެލިއެވެ. ރަފްހާންގެ އެދުމަށް ދެކޮޅު ހަދަން އާރާ ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. މިހާ ހިސާބަށް އައިސް މީހާ އެކީ ބަލިކަށިވެއްޖެއެވެ. ރަފްހާންގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރިކަމުގެ ކުލަވަރެވެ. އެކަމުން އަނެއްކާވެސް އޭނާގެ ސިކުނޑިއަށް ހައިޖާނުގަނޑެއް ވެރިވެއްޖެއެވެ. އެންމެ ފަހުން އާރާ ރަފްހާންއާއެކު އެ ގެއަށް ދާން ނައްޓައިލީ އެ އިޙްސާސްތައް ބަނޑން ކޮށްލާނެހާ ހިތްވަރު ނެތީތީއެވެ. އޭނާގެ ހިތް ދެ ފަހަރު ދެ ގޮތަށް ވާހަކަ ދައްކާތީ އޭނާ ހައިރާންވެއެވެ.
އެއް ދުވަސް ފަސް
*****
އަޔާން ކޮޓަރިއަށް ވަތްއިރު ރައުދާއަށް އޮތީ ނިދިފައެވެ. ރައުދާގެ ގައިގައި އަޅާފައިވާ ރަޖާގަނޑު ރަނގަޅު ކޮށްލަ ދިނުމަށްފަހު، އޭނާ ދެ ވިސްނުމެއްގައި ހުރެފައި ރައުދާގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ. އެއަށްފަހު ގޮސް ފާހާނާއަށް ވަނެވެ.
ފެންވަރާލައިގެން ނުކުމެ ސޯޓުލަމުން އައިސް އޭނާ ރައުދާގެ އެއްފަރާތުގައި އޮށޯވެލިއެވެ.
ރައުދާ ފުރޮޅިލުމަށްފަހު، އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ދެލޯ ހުޅުވައިލިއެވެ. އަޔާން އެހާ ގާތުގައި އޮތުމުން އޭނާއަށް އުނދަގޫވިއެވެ.
އަޔާން ނިދިކަން ޔަޤީންވުމުން ރައުދާ އެނދުން ތެދުވި އެވެ. ގޮސް އިށީނީ ސޯފާގައެވެ. ކުޝަން ބޯ ދަށައް ލައްވައިލާ އޭނާ ދެލޯ މަރައިލިއެވެ. އިސާހިތަކު ނިދިއްޖެއެވެ.
ފަތިސްނަމާދަށް ދާން ތެދުވި އަޔާންއަށް އެނދުގައި ރައުދާ ނެތްކަން ޔަޤީން ކުރެވި ލައިޓްތައް ދިއްލައި ލިއެވެ. ސޯފާގައި ނިދާފައި އޮތް ރައުދާއަށް ބަލައިލުމަށްފަހު، އެ ދިމާލަށް މިސްރާބުޖެހިއެވެ.
"ރައު...ރައު" ދެފަހަރަޖު ގޮވާލުމުން
ރައުދާ ހޭލައިފިއެވެ. "ކީއްވެ ސޯފާގައި ތިއޮތީ؟" އަޔާން ރައުދާއަށް ބަލައިލަމުން އޭނާގެ ބުމަ އުފުލައިލިއެވެ. އާފުރިލަމުން މޯޅިއަކަށް ދެމިލިއެވެ.
އަޔާންގެ އެ ސުވާލަށް ދޭނެ ޖަވާބެއް ރައުދާއަކަށް ނޭނގުނެވެ. އޭނާ މޫނުމައްޗަށް ހަމަޖެހުމުގެ ކުލަވަރުތައް ގެންނަން މަސައްކަތް ކުރިއެވެ. އިރުކޮޅަކު ރައުދާ ކައިރީގައި މަޑުކޮށްލައިގެން އިނުމަށްފަހު އަޔާން ވަނީ ފާހާނާއަށެވެ.
*****
އެއާރޕޯޓަށް ވަދެގެންގޮސް އޮފީސް ހުންނަ ގޯޅިގަނޑަށް ވަތް އިރު ޒޭބާ އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ހުރީ ފޯނެއްގައެވެ.
"އޭނައަށް މާރީތި ދެލޮލަށް ލިބިގެނެއްނު ރާކިންވެސް އޭނާގެ ފަހަތުން އުޅެނީ..." އަރްޒަން ޒޭބާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި ކުރިއަށް ހިނގައިގަތް ވަގުތު, ޒޭބާގެ އަޑު އިވި އޭނާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ. (ނުނިމޭ)