"ޖައުފަރަކީ އަހަންނަށް ވެސް ސިހުރު ހެދި މީހާ.... އެއީ.. އެއީ އަރްޒަންގެ ބައްޕަތަ؟" ނަދީމާއަށް ވެސް ލިބުނު ސިހުމުގައި ބުނެވުނެވެ.
އަރްޒަންއަށް ލިބުނީ ޝޮކެކެވެ. އޭނާއަށް ބަލައިލެވުނީ ފިރާޤާ ދިމާލަށެވެ. އަރްޒަންގެ މޫނުމަތީގައިވި ހިތްދަތި އަސަރުތައް ފިރާޤަށް ފަހުމްވިއެވެ. ފުންނޭވާއެއް ދޫކޮށްލި އަރްޒަން, އޭނާގެ އެތެރެހަށީގައި އުފެދިގެންއުޅޭ ތޫފާން މައިތިރިކުރެވޭތޯ މަސައްކަތްކުރި ނަމަވެސް، ލިބިފައިވި ނުތަނަވަސްކަމަށް އެއްވެސް ލުޔެއް ނުލިބުނެވެ. އޭނާގެ މެއަށް ބާރުވެ، ފިތޭފަދަ އިޙްސާސްއެއް ކުރެވުނެވެ. އޭނާއަކީ ހަމަ އެހާ ނުބައި މީހެއްގެ ދަރިއެއް ހެއްޔެވެ؟ އާއެކެވެ!. އޭނާގެ ބައްޕަ ވަނީ ހީކުރިވަރަށް ވުރެގިނަ މީހުންގެ ދިރިއުޅުމާ ކުޅިފައެވެ. އެތައް ބައެއްގެ ދިރިއުޅުމުގައި ހުޅު ޖަހާފައެވެ. އަރްޒަންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނާއަށް އިސްޖަހައިލެވުނެވެ. އިތުރު އެއްވެސް މީހަކާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާގެ ބައްޕައަކީ ކާކުކަމާއި އެ ހަޤީޤަތް އޭނާއަށް ނޭނގުނުނަމަ ކޮންފަދަ ހެއްޔެވެ؟ އަރްޒަންގެ މޫނުމަތީގައިވި ކުލަވަރުތަކުން، އުމަރަށް ބަލައިލެވުނީ ނަދީމާއަށެވެ. ހިނގާދިޔަ ހާދިސާގައި އަރްޒަންގެ ކުށެއް ނެތޭ ނަދީމާގެ ހިތް ބުނެލީ އެވަގުތެވެ. ކުރިކަމެއް ކުރީ ޖައުފަރެވެ. އެއީ އަރްޒަންގެ ކުށެއް ނޫނެވެ.
އަރްޒަން އޭރުވެސް އިނީ އިސްޖަހައިލި ގޮތަށެވެ. ދައްކަން ބޭނުންވާ ގިނަ ވާހަކަތަކެއް ހުރި ނަމަވެސް، އޭނާގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ. ދުނިޔޭގެ ކުރިމަތީގައި އިސްޖަހައިލުމަށް އޭނާގެ ބައްޕަ އޭނާއަށް މަޖުބޫރުކޮށްފިއެވެ. އަރްޒަންގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. ލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވިއެވެ. އަތް މުށްކަވައިލަމުން، އޭނާ އެ އިޙްސާސްތައް ހިންދައިލަން މަސައްކަތް ކުރިއެވެ.
"ރާކިންގެ ބައްޕާ... އަޅުގަނޑަށް މާފުކުރޭ... އަޅުގަނޑާ ހެދި..." ހިމޭންކަމުގައި އެތައްއިރެއް ފާއިތުވީ ފަހުން، އަރްޒަންއަށް ބުނެވުނެވެ. އުމަރަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދިވެސް އެ ހަޤީގަތް ގަބޫލުކުރަން އޭނާއަށް އުނދަގޫވަނީއެވެ. އެކަމަކު ފިރާޤު ދައްކާ ވާހަކަ އޭނާއަށް ޤަބޫލުކުރަން މަޖުބޫރެވެ. ފިރާޤަކީ ދޮގު ހަދާ މީހެއް ނޫނެވެ. ޚުދު އޭނާގެ ލޮލުގެ ކުރިމަތީގައިވެސް އެ ފަދަ ހާދިސާއެއް މީގެ ކުރިން ހިނގިއެވެ. ރާކިންގެ އުމުރުން އެންމެ އަށްމަހުގައި ލޯބިވާ އަނބިމީހާއަށް ސިހުރު ޖެހި އެމީހުން އުފުލި ތަކުލީފާ ވޭން ވަކި ކުޑައެއްނޫނެވެ.
"އެއީ އަރްޒަންގެ ކުށެއް ނޫންކަން މިއަދު އެނގިއްޖެ... އެކަމަކު އެ ޖިންނި ރާކިން މަރައިލުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބަކީ ކޮބައިތަ؟" އުމަރަށް ބަލައިލެވުނީ ފިރާޤަށެވެ. ފިރާޤު އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލުމަށް ފަހު، އެ ވާހަކަ ކިޔައިދޭން ފެށިއެވެ.
"އެ ޖިންނި ރާކިން މަރައިލީ ރާކިން އަރްޒަންއަށް ގެއްލުން ދޭން އުޅުމުން ކަމަށް ބުނީ... އަރްޒަން..." ފިރާޤު އެހެން ބުނެލުމަށްފަހު އަރްޒަންއަށް ބަލައިލިއެވެ. ފިރާޤު އެ ދުނީ އެ ހާދިސާ ހިނގާދިޔަގޮތް އަރްޒަން އޭނާއަށް ކިޔައިދިން ގޮތަށް އުމަރަށް ވެސް ކިޔައިދިނުމަށެވެ.
"އަދިވެސް އެއްފަހަރު މާފަށް އެދެން... " އަރްޒަން އެ ހާދިސާ ކިޔައިދިނެވެ. އަރްޒަންގެ މޫނުމަތީގައިވީ ކުލަވަރުތަކުން އެ ހަދަނީ ތެދުކަން އުމަރަށް ޔަޤީންވިއެވެ.
"އަހަރެންވެސް ރާކިންގެ ބަދަލުގަ... ރާކިންގެ ބަދަލުގައި މާފަށް އެދެން..." އުމަރު ބުނެލިއެވެ.
"ހުރިހާކަމެއްވެސްވީ ހަމަ އަޅުގަނޑާ ހެދި... މާފުކުރޭ... އަޅުގަނޑުގެ ހިތުގައި ރާކިން އާމެދު އެއްވެސް ހިތްބުރަކަމެއް ނެތް. އެއީ މާޒީ... މާޒީއަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން... އެކަމަކު އެ މާޒީން ލިބުނު ފިލާވަޅުތަކުގައި އަލީގައި މުސްތަޤްބަލް އުޖާލާ ކުރެވިދާނެ..." އަރްޒަންގެ އަޑުގައިވަނީ ނުފިލާ ރިހުމެކެވެ.
"އެއީ އަރްޒަންގެ މައްސަލައެއް ނޫނެއްނު. އެ ހުރިހާކަމެއް ކުރީ ޖައުފަރު، އަހަންނަށް ވެސް މާފުކުރޭ އަރްޒަންއަށް ޝައްކު ކުރެވުނީމަ... އެކަމަކު އަދި އެބައޮތް ސުވާލެއް... އެ ބަތޫލްއާ ރާކިން އާ ދެމީހުން އެއްބައިވެގެން އެކަންތައް ކުރިއްޔާ ބަތޫލް ކޯމާއަށް ދިޔަ ސަބަބުގެ ފަހަތުގައި ވެސް ޖިންނީގެ އަތެއް ވެދާނެތަ؟ ސިހުރުވެރިންގެ ވިހަ ގަދަ ވަކިތަކުގެ ތެރޭގައި ހައްޔަރުވެ، މިދުނިޔެއާ އަލްވަދާއު ކިޔަނީ ކިތައް ފުރާނަކަން ވެސް ނޭނގޭ..."
"އާނ... ވެދާނެ! އެކަމަކު ސީދާ ކަންހިނގިގޮތް އެނގޭނީ ބަތޫލް ހޭ އެރީމަ... " ފިރާޤު ބުނެލިއެވެ. އޭނާ ބަތޫލް ކުރިން ހޭ އެރި ފަހަރު އަޔާން ބަތޫލް ކައިރިއަށް ދިޔަ ވާހަކަ ވެސް ކިޔައިދިނެވެ.
"ވަރަށް ދެރަވެއްޖެ! ރާކިން... ރާކިން އަކީ އަޅުގަނޑާ އެންމެ ކައިރިން ވާދަ ކުރާ ކުއްޖާކަމަށް ވިޔަސް ރާކިންއަށް ގެއްލުން ދޭނެ ފަދަ ކަމެއް އަޅުގަނޑެއް ނުކުރަން ދުވަހަކުވެސް... " އަރްޒަންއަށް ބުނެވުނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރާކިންއަށް ވީ ގޮތުން އަރްޒަން ވަނީ އިންތިހާ ދެރަވެފައެވެ. އަމިއްލަ ނަފްސުކުށްވެރި ކުރެވެނީ ބޭ އިޚްތިޔާރުގައެވެ.
މާފުކުރުމަކީ ރީތި އާދައެކެވެ. ހިތުގައި ނަފްރަތާ ރުޅިވެރިކަން ފޮރުވައިގެން ލިބޭނެ ފައިދާއެއް މޮޅެއް ނެތެވެ. އެއީ އެމީހެއްގެ ހަލާކެވެ. އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމަށްފަހު އަރްޒަންމެން އެގެއިން ނުކުތީ އިރުކޮަޅަކު ވާހަކަ ދައްކައިލަން ތިބެފައެވެ.
އަރްޒަން ގޮސް ގެއަށް ވަތް އިރު ޒީޝާން އިނީ ސިޓިންރޫމުގައެވެ. ދޮރުފޮތިތައް ކަހާލާފައިހުރުމުން ބިއްލޫރު ދޮރުތަކުން ބޭރު ރީތިކޮށް ފެނެއެވެ. އަރްޒަންއައިސް ޒީޝާންގެ ގާތު އިށީނުމަށްފަހު ޒީޝާންގެ އުނަގަނޑުގައި ހިފާ އޭނާގެ ކައިރިއަށް ދަމައިލިއެވެ.
"ކިހިނެއްވީ؟ ރާކިން މަންމަމެން ޤަބޫލުކުރިތަ؟" ޒީޝާންއަށް އަހައިލެވުނެވެ. އޭނާ ކުޑަ ވަގުތުކޮޅަކަށް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އަރްޒަން އޭނާޣެ ބައްޕަ ރާކިން މަންމައަށް ސިހުރު ހެދިކަމާއި ރާކިންގެ މަންމަ ނިއުމާއަށް ވެސް ފަރުވާކުރީ ފިރާޤު ކަމުގައި ބުނެލިއެވެ.
"ކޮންފަދަ އިއްތިފާޤެއް..."
"ކޯންޗެއްތަ މާ ވަރަކަށް ތިބަލަނީ... ދައްކަބަލަ!" އަރްޒަން ޒީޝާންގެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ.
"މީ ކާކު ލާފަ އޮތް ޕޯސްޓެއް... އަހަރެން އައްޑޫއަށް ދިޔަ ފްލައިޓްއަށް ކަމެއް ދިމާވެގެން އެހެންމީހަކު ލޭންޑްކުރިކަމަށް މީގެ ކުރިންވެސް ޕޯސްޓެއް އޮތް. އޭރަކު އަހަރެންގެ ނަމެއް ނެތް. އެކަމަކު މިފަހަރު އަހަރެންގެ ނަމާ އެކީ..." އަރްޒަންއަށް ބުނެވުނެވެ.
"ކޮންމެ މީހަކު ވައިރަލްކޮށްލި ނަމަވެސް އެންމެންނަށް ވެސް އެނގެންޖެހޭ ކަމެއް މީ. އެންމެން ބޯޓު ވެއްޓުނު ހާދިސާގައި ޒޭންއަށް ބްލޭމް ކުރަނީ... އެކަމަކު މިހާރު އެނގޭނެ ދޯ ޒޭން އެފަދަކަމެއް ގަސްތުގަ ނުކުރާނެކަން... ބައިދަވޭ ރީހާންގެ ޚަބަރެއް ނުވޭތަ؟"
ވާހަކައިގެ ވަކި ހިސާބަކުން ޒީޝާން ކުއްލިއަކަށް އަހައިލިއެވެ.
"ރީހާން ބުނީ މައްސަލަ ނިންމަން އުނދަގޫވާނެޔޭ... އިއްޔެ މެސެޖްކުރި. އެކަމަކުވެސް އޭނަ އެބަ ބަލަމޯ ހުރިހާކަމެއް ވެސް ދާ ގޮތް... ޖިންނިކަމެއް ވީމަ ދޯ..." އަރްޒަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
"ޑޯންޓް ވޮރީ ޒޭން... ހުރިހާކަމެއް ވެސް އިންޝާ ﷲ ރަނގަޅުވާނެ... " ޒީޝާން އަރްޒަންއަށް ހިތްވަރު ދިނެވެ. އޭނާ އަރްޒަންގެ އިސްތަށިގަނޑާ ކުޅެލިއެވެ. އަރްޒަން ޒީޝާން އިތުރަށް އޭނާއާ ގާތަށް ދަމައިލަމުން ޒީޝާންއާ ލާނެއް ސަމާސާކޮށްލިއެވެ. ހީނުކުރާގޮތަކަށް އަރްޒަންގެ ފަރާތުން އެފަދަ ހަދިޔާއެއް ލިބުމުން ޒީޝާންއަށް ސިހުން ލިބުނު ނަމަވެސް އޭނާވެސް އަރްޒަންއާ އެއްބައިވެލިއެވެ. ދެމަފިރިން އެކުގައި އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެއީ ހުރިހާކަމެއް ހަމައަކަށް އެޅުމަށްފަހު އެ ދެމީހުން އެހާ ގާތްވީ ފުރަތަމަ ފަހަރެވެ.
ތިން މަސް ފަސް
**************
"އަނބި ޤަބޫލުކޮށްފިން..." އަޔާންގެ އަޑާއެކު ރައުދާގެ މޫނު ލަދުން ރަތްވިއެވެ. އެމީހުން ތިބީ ފެމިލީ ކޯޓުގައެވެ. އެއްފަރާތުގައި ޤާޒީ އިންއިރު ހެކިންނަށް ތިބީ ޖިނާންއާއި އަރްޒަންއެވެ. އަޔާންގެ މަންމަ ނިއުމާއާއި ނިހާދާ ދެމީހުން އެތަނުގައި ތިއްބެވެ.
އަޔާން އެމީހުންނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އެ ދެމީހުންވެސް ވަނީ ހިތުން ރުހުމުން އެ ގުޅުމާ ޤަބޫލުވެފައެވެ. ވެދިޔަ ކަންކަމުގައި ރައުދާ ކުށްވެރިކުރެވެން ނެތްކަން އެ ދެމީހުންވެސް ޤަބޫލުކުރިއެވެ. އަޔާން ރައުދާއަށް ބަަލައިލިއެވެ. ރައުދާގެ މޫނުމައްޗަށް އަރާފައިވާ ލަދުވެތިކަމުގެ އަސަރުތަކުގެ ސަބަބުން ބޭއިޚްތިޔާރުގައި އަޔާންއަށްވެސް ހިނިތުންވެވުނެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރައުދާ ގެނެސް އޭނާގެ އަތު ތެރޭގައި ހައްޔަރުކޮށްލާށެވެ. ދުރުގައި ވަރަށް ކެތްކުރެވިއްޖެއެވެ. ރައުދާއަށްޓަކައި އަދިވެސް ފުން ލޯބި އަޔާންގެ ހިތުގައި ވެއެވެ. އެއްވެސް ފަނޑުވުމެއް ނެތް ގޮތުގައެވެ.
ކައިވެނިކޮށް ނިމިގެން އެންމެން އެކުއެކީ ކޯޓުން ބޭރަށް ނުކުތްއިރު ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.
"ކޮންގްރެޓްސް ޔާން..." އަރްޒަން އަޔާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
ފަހަރަކު މީހަކު މަރުޙަބާ ކިޔެވެ. އުފާވެރި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދުނެވެ. ކުއްލިއަކަށް އަޔާންއަށް އޭނާގެ ފޯނު ރިންގް ވުމާއެކު ބަލައިލެވުނެވެ. އެކުވެރިއަކަށް ވާތީ އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ބުނެލި އެއްޗަކުން އޭނާއަށް ބަލައިލެވުނީ އަރްޒަންއާ ދިމާލަށެވެ.
(ނުނިމޭ)