ފިރާޤުގެ މޫނުމަތީގައި އެއްވެސް ޖެހިލުންވުމެއް ނުވެއެވެ. ވަކިހިސާބަކުން ފިޔަވަޅުތައް މަޑުޖައްސައިލާ ފިރާޤު އޭނާގެ ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހުއްޓައިލިއެވެ.

އޭނާ އެ ގެއަށް ވަރަށް ފުންނަޒަރަކުން ބަލައިލިއެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެނިގެންދިޔައީ ވީރާނާ ވަމުންދާ ފަދައަސަރުތަކެކެވެ. ފެންނަނީ ފަޅުކަމެވެ. ނާމާންކަމާއި ބިރުވެރިކަމެވެ. ތިރިތިރި ކޮށް ރާނާފައި ހުރި، ވަށާފާރުގައިވެސް ހުރީ ފެހި ޖަހާފައެވެ. ގޯތި ތެރޭގައި ވެސް ވަނީ ހުއިގަސްތައް ފަޅާ ބިންގަނޑު ނުފެންނަ ވަރަށް ބޯވެފައެވެ. ފުރާޅުގައިވެސް ވަނީ ދަބަރުޖަހާފައެވެ. މީހުން ނޫޅި ގިނަ ދުވަސްވުމުގެ ސަބަބުން ގެ ހުރީ ބާވެ ބޮލަށް ވެއްޓެން ކައިރިވެފައެވެ. އެކި ދިމަދިމާލުގައި ރެނދު އަޅާފައެވެ. ތަނުގައި ހުރި ފަނޑު އަލިކަމާއެކުވެސް ފިރާޤަށް އެގެއަށް އައިސްފައިހުރި ބަދަލު ފާހަގަކުރެވުނެވެ. އެ ގެއާ ޖެހިގެން ދެފަރާތުފައި ދެންވެސް ހުރީ ފަޅުގެއެވެ. ބަލާބެލުމަށް ހީވަނީ އެ ހިސާބުގަނޑުގައި މީހުން އުޅެނީ ފުދޭވަރަކަށް މަދު ގެއެއްގައި ހެންނެވެ. މަގަކަށް ވުރެ ބޮޑަށް އެގެ ހުރީ ގޯޅިގަނޑެއް ތެރޭގައެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

އަމިއްލަ ގެ އެ ޙާލަތުގައި ހުރިތަން ފެނުމުން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ގޭގައި އެއްވެސް ދިރުމެއް ނެތެވެ. އަމިއްލަ ފަސްގަނޑުގައި ފައިޖެހުމުން ކުރެވުނު އިޙްސާސްތަކަށް ވުރެ ދެގުނަ ބާރުގަދަ އިޙްސާސްއެއް އޭނާގެ ހިތުގައި އުތުރި އަރަން ފެށިއެވެ. މާޒީގެ ހަނދާންތައް ކުރިލާ ހެދެން ފެށުނީ ދެނެވެ. ހުރިފިޔަވަޅުމަތިން ގުޑައިލަން ނޭނގިފައި ފިރާޤު ހުއްޓާ އޭނާގެ ސިކުނޑިއަށް މާޒީގެ ހަނދާންތައް ވެރިވާން ފެށިއެވެ.

*****

އިވުނު ޚަބަރެއްގެ ސަބަބުން، ޖުމައިލާގެ ދަރިފުޅު އޭނާގެ އަންހެނުން ކައިރީގައި ބަހައްޓާފައި ފިރާޤާ ޖުމައިލާއާ ދެމީހުން އެގެއިން ނުކުތްއިރު ދެމީހުންގެ މޫނުމަތީގައި ވެސް ވަނީ ހާސްކަމެވެ. އޭނާ އިރުއިރުކޮޅަކާ ޖުމައިލާއަށް ބަލައިލައެވެ. ޖުމައިލާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޮލުގައި ކަރުނައިގެ އަސަރުވެސް ހުއްޓެވެ. އިރުއިރުކޮޅަކާ ނޭފަތް ދަމައިލައެވެ. ކަރުނަތައް ހުއްޓުވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ.

"އަހަރެން އޭރުވެސް ބުނީމެއްނު... " ޖުމައިލާ ހިތްވަރުކޮށްފައި ވާހަކަ ދެއްކިނަމަވެސް، އޭނާއަށް އަނެއްކާވެސް ރޮވުނީއެވެ.

"ޖުމައިލާ... ހާސްނުވޭ!...ކަންބޮޑުނުވޭ! ހިތްވަރުކުރޭ. އިންޝާ ﷲ ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އަހަރެމެން ހުރިހާކަމެއްގައި ވަކީލުކުރަން ޖެހޭ ފަރާތަކީ މާތް ﷲ. އެކަލާނގެ އިރާދަފުޅުން ހުރިހާކަމެއްވެސް ރަނގަޅުވާނެ." ފިރާޤު ބުނެލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އެ ދެމީހުންގެ މިސްރާބުވެސް ހުރީ ރަށުގެ އެއްފަރާތުގައި އޮންނަ ރަށުގެ ޖަންގައްޔާ ދިމާލަށެވެ. އެހިސާބާ ގާތްވަމުންދިޔަ ވަރަކަށް މަގުމަތިން ފެންނަމުން ދިޔަ މީހުން ވެސް ގިނަވަމުން ދިޔައެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ. އުޑުމަތި ފަވާލާފައިވަނީ ރަތާ އޮރެންޖް ކުލައިގެ ވިލާތަކުންނެވެ. ޤުދުރަތުގެ ފިހި އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ބަލައިބެލުމަށް ކިތަންމެ ރީތި، ހިތްގައިމު މަންޒަރެއް ނަމަވެސް، މީހުންގެ މޫނުތަކުން ފެންނަނީ މާޔޫސްކަމެވެ. ގްރޫޕް ގްރޫޕަށް އެއްވެ ތިބެ، އެމީހުން އެންމެންވެސް، ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. މޫނުތަކުގައި ވަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

އެ ގަސްތައް ބޯ ޖަންގަލި ތެރެއަށް ވަދެގެން ދިޔައިރު، އެތަނުގައިވެސް މީހުން ފުދޭވަރަކަށް ގިނައެވެ. ތަން ވަށާލާފައިވާ މީހުންތައް ދުރުކޮށްލަމުން ފިރާޤާ، ޖުމައިލާ އާ ދެމީހުން އެތަނަށް ވަދެވޭތޯ މަސައްކަތް ކުރިއެވެ. އުނގަދުލުން އެންމެން ފޭކުރަމުން ދެމީހުން އެތެރެއަށް ވަދެލިއެވެ. އެ ދެމީހުންނަށް ފެނުނީ ހުދު ފޮތިގަނޑެކެވެ. އެ ފޮތިގަނޑުގެ ދަށުން އިންސާނެެއްގެ އަތް ނުކުމެފައިވާއިރު އޭގައިވެސް ހުސް ލެއެވެ. އެތަން ފެނި ޖުމައިލާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެއީ ކާކުގެ ހަށިގަނޑެއްކަން އޭނާއަށް އެނގެއެވެ. އެއީ ނައުފަލްގެ ހަށިގަނޑެވެ.

"އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ މީހަކަށް އެމަންޒަރު ފެނި ފަޮތިގަނޑުން އެ އަތްތިލަ ނިވާކޮށްލިއެވެ.

"ޖުމައިލާ ހިތްވަރުކުރޭ!" ފިރާޤު ޖުމައިލާއަށް ބަލައިލިއެވެ. ރަށު އޮފީހުންވަނީ އެ ތަނަށް މީހުންނަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. ކަތީބު ވެސް އެތަނުގައި ހުންނެވިއެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެފަދަ ރަޙުމްކުޑަގޮތަކަށް އެފަދަ ކަމެއް ކުރަން ކެރޭނީވެސް ކާކަށް ހެއްޔެވެ؟ އެކި މީހުން ދިޔައީ އެމީހަކަށް ފެންނަ ގޮތަށް ވާހަކަ ދައްކަމުންނެވެ. ހަޤީގަތް އެނގެނީ ހަމައެކަނި ފިރާޤަށާއި ޖުމައިލާ އަށެވެ.

ނޭފަތް އެތެރެއަށް ދަމައިލަމުން، ޖުމައިލާ އޭނާގެ ކަރުނަތައް ފުހެލިއެވެ. އެއަށްފަހު އޭނާ އެނބުރިލިއެވެ. އެތަނުގައި ހުންނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ނައުފަލްގެ މޫނު ބަލައިލަން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތު އޭނާއަށް ނުލިބޭނެކަން އެނގެއެވެ. އިތުރަށް ރޮވިދާނެތީ އޭނާ އެތަނުން ނުކުންނަން ފަސްދީ ހިނގައިގަތެވެ. އެވަގުތު ފިރާޤަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

*****

ފުންނޭވާއެއް ދޫކޮށްލަމުން ފިރާޤު ބޮލުގައި އަތް ޖައްސައިލިއެވެ. އެ ހަނދާންތަކުން އަނެއްކާވެސް އޭނާއަށް ނޭނގޭ އުނދަގުލެއް އިޙްސާސްވެއްޖެއެވެ. ބޮލުގައި ވެސް މަޑު ރިހުމެއް އުފެދުނުހެން ހީވިއެވެ. ފިރާޤު އެތައް އިރަކު އެގެއަށް ބަލަން ހުއްޓެވެ. އެ މާޒީގެ ކުރިމައްޗަށް ދެވެން އުޅޭ ކަމުގެ އިޙްސާސްއާއެކު އޭނާ ވަނީ ނުތަނަވަސްވެފައެވެ. އަރްޒަންއަށް ހަޤީގަތް އެނގޭ ދުވަހު، އެ ފަކީރުގެ ހިތަށް ކުރާނީ ކޮންފަދަ އަސަރެއްހެއްޔެވެ؟ ހިތުގައި އަޅާނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ އައްޑޫގެ ފަސްގަނޑާ އަރްޒަންއާ ގުޅުން އޮތްމިންވަރު އެ ކުއްޖާއަކަށް އަދިވެސް ނޭނގޭނެއެވެ. ދިމާވަމުންދާ ކަންތަކުގެ ހަޤީޤީ ސަބަބެއް ވެސްމެއެވެ. އަރްޒަންގެ ކުށަކީ ކޮބައިހެއްޔެވެ؟ މި އަނިޔާވެރިކަމާއި، ކުރިމަތިލާން އެ ފަކީރަށް ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ އެތަކެއް ތަފާތު ސުވާލުތަކުން ފިރާޤުގެ ހިތް ބަނދެވި ހައްޔަރުވަމުން ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ސުވާލަކަށްދޭނޭ ޖަވާބެއް އޭނާގެ އަތުގައި ނެތެވެ.

***

ކަމާލާއި ރައުދާއާ ދެމެދު ހިނގި ޒުވާބެއް ހޫނުވެ ކަމާލު ރައުދާގެ، ގަޔަށް އަތް އިސްކުރުންވެގެން ދިޔައީ އެ ހުރިހާ ދުވަހެއްގެ ރުޅިގަނޑު ކަމާލާ ދިމާލަށް ނެރެން ރައުދާއަށް ލިބުނު ފުރުސަތަކަށެވެ. ކަމާލު އައިސް ސުރެ އެދެމީހުން ހަމަޖެހިލައިގެން މިއަދު ވާހަކަ އެއް ނުދައްކައެވެ.

"އަހަންނަކަށް ނޭނގޭ ކަލެއަކީ ތިހާ ނުލަފާ މީހެއްކަމެއް، ކަލޭ އަކީ ދަހިވެތި ބޮޑާ ކިބުރުވެރި މީހެއް. ބޭނުންވާ ކަންތައް ހާސިލްކުރަން ކޮންމެ ފަދަ ދަށު ދަރަޖައަކަށް ވެއްޓެން ފަސްނުޖެހޭނެކަން އަހަންނަށް އެނގިއްޖެ!... އަހަންނަށް ހަޤީގަތް އެނގުނު ކަމީވެސް ކޮން ފަދަ ބޮޑު ނަސީބެއް، ތިހެން މީހުންގެ ދިރިއުޅުން ހަލާކުކޮށްލައިގެން ކަލެއަށް ލިބެނީ ކޮން ހިންހަމަޖެހުމެއްތަ؟ އެއީ އަމިއްލަ މީހާ ކިހާ ފާފަވެރިވާނޭ އަމަލެއްކަން ކަލެއަށް ނޭނގެނީތަ؟"

"ރައުދާ ކީކޭ ތިކިޔަނީ؟" ރައުދާގެ މޫނުމަތިން ފެނުނު އަސަރުތަކުން ކަމާލަށް އެއްޗެއް ފަހުމްވިއެވެ. ރައުދާއަށް ކޮންމެވެސް ވަރެއްގެ ހަޤީގަތެއް އެނގެނީކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ. އޭނާ ހާސްވީ އެހެންވެއެވެ. ކަމާލުގެ އަޑު މަޑުވިއެވެ. އެކަމުން ރައުދާއަށް ލިބުނީ ހިތްވަރެކެވެ.

"އަދި އަތްއިސްކޮށްފިއެއްނު."

"ރައުދާ... އަހަރެން..." ކަމާލުގެ ވާހަކަ ހުއްޓުވީ ރައުދާއެވެ.

"ހަމަ މިހާރު އަހަރެން ވަރިކުރޭ! ވަރިނުކޮށްފިއްޔާ ކޯޓަށް ގޮސްގެންވެސް އަހަރެން ވަރިވާނަން. އެންމެންގެ ތެރޭގައި ބޭޒާރުވާން ބޭނުންނޫނިއްޔާ ހަމަ މިހާރު އަހަރެން ވަރިކުރޭ!" ރައުދާ ހަޅޭއްލަވައިގަތެވެ.

"ރައުދާ ކީކޭ ތިކިޔަނީ؟ އަހަރެން ކީއްކުރީތަ؟ މީހަކު ކީކޭ ކީތަ؟ އަހަރެމެން ދެމީހުން ދޭތެރެ ޖައްސަން، މީހަކު އަދި ދައްކާލާ ވާހާކައެއް ޤަބޫލުކުރާކަށް ނުވާނެ!" ކަމާލު ރައުދާއާ ގާތަށް ޖެހިލިއެވެ. އޭނާ ރައުދާގެ އަތުގައި ހިފައްޓަން މަސައްކަތް ކުރިއެވެ.

"ޚަބަރުދާރު! އަހަރެންގެ ގައިގައި ކަލޭގެ ތި މުޑުދާރު ދެ އަތުން އަތް ލައިގެން ނުވާނެ!" ރައުދާ އެ އަތް ދުރައްލާ ފަހަތަށް ފިޔަވަޅު އަޅައިލިއެވެ.

"ކިހިނެއްވީ ރައުދާ؟ އަހަރެންނަށް ޖެހުނީމަތަ؟ ވަރަށް ތަދުވިތަ؟ އަހަންނަށް މާފުކުރޭ؟" ކަމާލު ބުނެލިއެވެ.

"ކަލޭ ކުރި ކުށަކީ މާފު ކުރެވޭ ވަރު ކުށެއްތަ؟ ކަލޭ އަހަންނާ އަޔާންއަށް ސިހުރު ހެދީމަ ވެސް އަހަރެންވީ ކަލެއަށް މާފުދޭންތަ ؟ އަހަރެމެންގެ އުފާވެރި ދިރިއުޅުމުގައި ހުޅުޖެހި މީހަކީ ކަލެއަށް ވާއިރު އަދިވެސް އަހަރެން ވީ ކަލެއަށް މާފުދޭންތަ؟ ކަލެއަށް އެނގޭތަ ސިހުރަކީ ކޮންފަދަ ނުބައި ފާފައެއްކަން." ރައުދާ އަނެއްކާވެސް ބާރަށް ބުނެލިއެވެ.

"ކާކު ދައްކައިގެން އުޅޭ ވާހަކައެއް ތީ؟ ހުސް ދޮގު..." ކަމާލު ބުނެލިއެވެ. ރައުދާ ސިހުރޭ ބުނުމުން އޭނާއަށް ސިހުންވެސް ލިބުނެވެ. ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. އެ އަޑުގައި ހުރި ޖެހިލުންވުމާއި އަޑަށް އައި ބަދަލު ރަނގަޅަށް ރައުދާ ދެނަހުއްޓެވެ.

"އަދިވެސް ދޮގު، ބޭޒާރުވީމަ ވެސް ތިހަދަނީ ހުސް ދޮގު! އަހަރެެންގެ ކުރިމަތީގައި ކަލޭގެ އަގު ވެއްޓިއްޖެ! ބިންމަތީގައި މި އޮތް ފައިފުއްސައްވުރެވެސް ދަށު ދަރަޖައަށް، އެނގިއްޖެތަ؟ ރީތި ގޮތުގައި ކަލޭ އަހަރެން ވަރިކުރާނީތަ؟ ނޫނީ އަހަރެން ކޯޓަށް ގޮސްގެން މި މައްސަލަ ނިންމާނީތަ؟" ރައުދާ ބުނެލިއެވެ. ކަމާލަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރައުދާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ.

"އަހަރެން ބޭނުމެއް ނޫން މިގޭގައި ކަލެއާ އެއް ފުރާޅެއްގެ ދަށުގައި އެންމެ ހިނދުކޮޅަކަށް ވެސް ހުންނާކަށް. އަހަރެން މިދަނީ ދާން" ރައުދާ ގެއިން ނުކުންނަން ހިނގައިގަތެވެ.

"ރައުދާ... ކާކު ދެއްކި ވާހަކައެއް ހޭ އެއީ؟ އަހަރެން ކީއްކުރަން ރައުދާއަށް ސިހުރު ހަދަންވީ؟ އަހަރެން ލޯބިވާ މީހަކަށް ގެއްލުމެއް ދޭން އެފަދަ ކަމެއް އަހަރެން..." ފަހަތުން ގޮސް ރައުދާގެ އަތުގައި ހިފެއްޓި ކަމާލުގެ ވާހަކަތަކަށް ހުއްޓުމެއް އައީ ކަމާލު އާ ދިމާލަށް އެބުރިލުމަށްފަހު، ރައުދާ ، އޭނާގެ އަތުގެ ހޫނު ހަމަލާއެއް ކަމާލަށް އަމާޒު ކޮށްލުމާއެކުގައެވެ.

" އަދިވެސް ދޮގު، އަދިވެސް ދޮގު، ހަމަ މިހާރު އަހަރެންގެ އަތުން ދޫކޮށްލާ!" ރައުދާ އޭނާގެ އަތް ފޮޅުވައިލުމުން ކަމާލު ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އޭނާ ރައުދާ ހުއްޓުވަން ބޭނުންވިޔަސް އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލައިގެން ހުރީއެވެ. ރައުދާ ނުކުމެގެން ދިޔަ ތަން ބަލަން ހުރުމަށްފަހު، ކަމާލަށް ޖަހައިލެވުނީ ފާރުގައެވެ. ޖެހިލެއް ބާރުކަމުން އަތަށް ތަދުވި ނަމަވެސް، އޭނާ އަކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. އިތުރު ކަމެއް ކުރެވޭނީ ވެސް ޖައުފަރު ދުނިޔޭގައި ހުރިނަމަ އެއް ނޫން ހެއްޔެވެ؟ ރައުދާއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާ ސިހުރު ހެދިކަން އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ. ޖައުފަރާ ބައްދަލުކުރަން ދިޔަ އެކުވެރިޔާ ފިޔަވައެވެ. އޭނާއާ ރައުދާ އަކާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ވީއިރު ރައުދާއަށް އެކަންތައް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

*****

ރައުދާ މަގުމައްޗަށް ނުކުމެ ފުން ނޭވާއެއްލިޔެވެ. ގެއިން ނުކުމެގެން އެއޮށް ދަންވަރު އޭނާ ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ އަޅައިލާނެ އާއިލާގެ މީހަކުވެސް ނެތެވެ. އެންމެ ފަހުން އޭނާ ފޯނު ހުޅުވާލާފައި ގުޅީ އާރާއަށެވެ. އެއީ އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތް ނަންބަރެވެ. ސިހުރަށް ފަރުވާ ހޯދިހޯދުމުގެ ތެރެއިން އޭނާއަށް ވަނީ އާރާއާ ވެސް ފުދޭވަރަކަށް ގުުޅުން ބަދަހިކުރެވިފައެވެ.

"އާރޫ..." މާޔޫސްކަން އެކުލެވޭ އަޑަކުން ރައުދާ ގޮވައިލިއެވެ.

"ރައު، ހާދަ ލަހުން ތި ގުޅައިލީ..." އާރާގެ އަޑުގައި ވަނީ ނިދި މޯޅިކަމެވެ.

"އާރޫ... އަހަރެން..."

"ކިހިނެއްވީ ރައު؟" ރައުދާ ވާހަކަ ދައްކަން ފަސްޖެހޭހެން ހީވެ އާރާ ތެދުވެ، އެނދުގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ ސަމާލުވެލިއެވެ. ރައުދާ އެ ގުޅީ ބޮޑުކަމަކު ޖެހިގެން ހެން އޭނާއަށް ހީވަނީއެވެ.

"ރައު.... ކިހިނެއްވީ ހާދަ ހާސްވެފަ؟" އާރާއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ ނިދިވެސް ފިލައިފިއެވެ.

"ރައު ޓެލްމީ... ކިހިނެއްވީ؟ " ރައުދާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އަނެއްކާވެސް އާރާ ސުވާލުކޮށްލިއެވެ. އާރާ ވާހަަކަ ދައްކަމުންދިޔަ އަޑަށް ޒީޝާންއަށް ވެސް ހޭލެވުނެވެ. އޭނާ އާރާ ގާތު ވެގެން އުޅޭ ގޮތަކާ ބެހޭގޮތުން ސުވާލުކޮށްލި އެވެ.

ރައުދާ ބުނީ އޭނާ ގެއިން ނުކުތީ ކަމުގައެވެ. ދާނެ ތަނެއް ނެތުމުން ގުޅައިލީ ކަމުގައެވެ.

"ކީކޭ؟ ކިހިނެއްވީ؟" އާރާއަށް ހާސްކަމާއެކު އަހައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ޒީޝާންގެ މޫނަށެވެ.

"ވެއަރ އާރ ޔޫ؟" އާރާ ސުވާލުކޮށްލިއެވެ. ރައުދާ އޭނާ ހުރި ހިސާބު ބުނެލަދިނެވެ.

"އަހަރެން ގޮސްދާނަން... ހުޅުމާލޭ ކިހާ ހިސާބަކަށް ދާންވީ؟" ރައުދާ އަހައިލިއެވެ.

ޒީޝާންމެން ގެއަށް އައިސް ރައުދާ ފުރަތަމަ ވެސް އިށީނދެލީ ސޯފާގައެވެ.

"ކިހިނެއްވީ؟" ޒީޝާންއަށް ވެސް ހާސްކަމާއެކު، ސުވާލުކޮށްލެވުނެވެ.

"އަހަރެން ގެއިން ނުކުތީ... " ރައުދާ ބުނެލިއެވެ. އޭނާ އިނީ ހަޤީގަތުގައިވެސް ވަރުބަލިވެފައެވެ.

"ލެޓް ހާ ރެސްޓް!" އާރާ މަޑުމަޑުން ބުނެލިއެވެ. ޒީޝާން ބޯޖަހައިލިއެވެ.

"ޓޭކް ސަމް ރެސްޓް، ރައު! ދެން މާދަމާ ވާހަކަ ދައްކާނީ ދޯ!" ޒީޝާން ބުނެލިއެވެ. ޒީޝާންގެ ވާހަކައަށް ބޯޖަހައިލަމުން ރައުދާ ފުން ނޭވާއެއްލިޔެވެ.

*****

ޖެހިގެން އައި ދުވަހު ފަތިސްނަމާދަށް އަރްޒަންމެން އެންމެން ދިޔައީ ފިރާޤާ އެކުގައެވެ. އަރްޒަންއާ އަޔާންއާ، ޖިނާންއާ ތިން މީހުން މިސްކިތުން ފޭބިއިރު ވެސް ފިރާޤު ޤުރުއާން ކިޔަވައިލަން މަޑުކޮށްލައިގެން އިނެވެ. އިރުފާން ވެސް މަޑުކުރީ މިސްކިތުގައެވެ. ތިން އެކުވެރިން ގެއާ ދިމާލަށް ހިނގައިގަތެވެ. އަނބުރައިލެވުނީ މިސްކިތަށް އައި، މަގުން ނޫންކަމެއް އެކަކަށްވެސް ނޭނގުނެވެ. ހުރިގޮތަށް ހިނގަމުން ގޮސް އެޅުނު ގޯޅިއާއެކު، އަރްޒަންއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭނާގެ ކަނާއަތްފަރާތަށް ވާގޮތަށް ހުރި ފަޅުގެއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ބާރުބޮޑުވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ބޮލުގައި އަތް އަޅައިލުމާއެކު އަރްޒަންއަށް އަނެއްކާވެސް އެގެއަށް ބަލައިލެވުނެވެ.

"ޒޭން އާރ ޔޫ އޯކޭ؟" އަޔާންއަށް އަރްޒަންގެ ކޮނޑުގައި ޖަހައިލަމުން އަހައިލެވުނެވެ.

"އައި އެމް ފައިން. ދިސް ޝާޕް ޕެއިން..."އަރްޒަންއަށް ބުނެވުނެވެ.

"ކިހިނެއްވީ ކުއްލިއަކަށް އަނެއްކާ... "

"އިޓް ފީލްސް ފެމިލިއަރ..."

"ވަޓް؟" ޖިނާން އަހައިލިއެވެ.

"ނަތިންގް. އެ ގެ ހީވަނީ... ނޭނގެ..." ބުނެދޭކަށް އަރްޒަންއަކަށް ނޭނގުނެވެ. އޭނާ އަޔާންމެންނާ އެކީ ހިނގައިގަންނަމުން ވެސް އެނބުރިލާ އެ ގެއަށް ބަލައިލިއެވެ. އޭރު އަރްޒަން އަށް ނޭނގުނުކަމަކީ އެއީ ފިރާޤުވެސް ރޭގައި އައިސް މަޑުކޮށްލި ހިސާބުކަމެވެ. ފިރާޤުގެ ނަޒަރުވެސް ހުއްޓުނުގެ ކަމެވެ. އެއީ ފިރާޤުގެ ގެ ކަމެވެ.

(ނުނިމޭ)

ކޮމެންޓް 0