އޭނާގެ އެއްފަރާތުގައި ހުރި ދެބައި އުމުރުގެ މީހަކު އޭނާ ކައިރީގައި ހުރި މީހާ ކައިރީގައި ބުނެލިއެވެ. އެއަޑު އަރްޒަންއަށް ރީތިކޮށް އަޑު އިވުނު ނަމަވެސް އޭނާ ހުރީ އިސްއުފުލައިލާ ބަލައިލަން ވެސް ނުކެރިފައެވެ.

މީހުންގެ ފަރާތުން އޭނާއަށް އިވެމުން ދިޔައީ މުޅީންވެސް މަލާމާތުގެ ބަސްތަކެވެ. ފުރައްސާރައިގެ ބަސްތަކެވެ. ހިތަށް އަސަރުކުރިނަމަވެސް, އެއިން އެއްވެސް ބަހަކަށް ރައްދު ދޭކަށް އަރްޒަންއަކަށް ނުކެރެއެވެ.

 

އަރްޒަންއާ ތަންކޮޅެއް ދުރުގައި ހުރި ރާކިންގެ ކަންފަތުގައި ވެސް އެ އަޑު ޖެހުނެވެ. ދިމާވި ހާދިސާގެ ސަބަބުން އޭނާ ދެރަވި ނަމަވެސް, އެކަމުގެ ސަބަބުން އަރްޒަންގެ މުޅި 'ކެރިއަރ' އަށް އަންނާނެ ލޮޅުމެއްގެ ސަބަބުން ރާކިންގެ ހިތުގައި ހިސާބަކަށް އުފާވެރިކަމުގެ ރާގެއް ކުޅެވުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. ކޮންމެވެސް ގޮތަކުން އަރްޒަންގެ އަގު ކުންފުނީގެ އިސްވެރިންގެ ކުރިމަތީގައި ވެއްޓުމެވެ. އަރްޒަންއަށް ވުރެ ބޮޑަށް އެމީހުންގެ ލޮލުގައި އޭނާ އަޅައިގަތުމެވެ. އެ ދިމާވި ކަމަކުން އެމީހުން އަރްޒަން ވަޒީފާއިން ކަނޑައިނުލައި ފިއްޔާވެސް ރަނގަޅެވެ. އުންމީދު ކުރެވެނީ އަބަދުވެސް އަރްޒަންއަށް އެންމެ ގޯސްކޮށް ކަންތައް ވުމަށެވެ. މީހުންގެ ކުރިމަތީގައި އިސްއުފުލާލަން ނުކެރި ހުރި އަރްޒަން ފެނި, އޭނާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.

"ކޮބާ ހީވެއްޖެ ކަމެއްހެން. އެންމެން މީނަވަރު މީހެއް ނެތިގެން މީނަ ފަހަތުން ދުވުނީ. މިހާރު ވެފައި އޮތްގޮތް ބަލާބަލަ. މި ލިބުނު ފުރުސަތުގެ ބޭނުންހިފައިގެން އަހަރެން މަސައްކަތްކުރާނީ ހަރުފަތުގެ އެންމެ އުހަށް އަރަން. މިވަގުތަކީ އެކަމަށް އެންމެ އެކަށޭނެ ވަގުތު. ނަފްސާނީ ގޮތުން ވެސް, ޖިސްމާނީ ގޮތުން ވެސް އަރްޒަން ހުންނާނީ އެހާ ވީކް ވެފަ. އަހަރެންގެ ލަނޑުދަނޑިތައް ހާސިލްކުރަން އޮތް އެންމެ ރަނގަޅު ވަގުތަކީ ވެސް މީ. މިހާރު އޭނާ ހުންނާނީ މީހަކާ ދިމާލަށް އެއްޗެއް ބުނެވޭވަރަށް ވުރެ ބަލިކަށިވެފަ!" ރާކިން އެކި ގޮތްގޮތަށް ވިސްނިއެވެ. އަރްޒަންއަށް ދެރައެއް ދެވެން އޮތް ކޮންމެ ގޮތަކަށް އޭނާ ދެރަދޭން ބޭނުންވިއެވެ.

އަރްޒަން އިސްޖަހާލައިގެން ހުއްޓާ ސިހުނީ, އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސައިލުމާ އެކުގައެވެ. އޭނާ މަޑުމަޑުން އިސްއުފުލައިލައި އެމީހަކާ ދިމާލަށް ބަލައިލިއެވެ. އޭނާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ބަތޫލް ފެނި, އޭނާއަށް ބަތޫލްގެ އަތް ފޮޅުވައިލެވުނެވެ. މިވަގުތު އަމްދުން ބަތޫލް ފެނި އޭނާގެ މޫޑު އެކީ ޚަރާބުވިއެވެ. އޭނާ ހުރީ އެފަދަ މީހަކާ ކުރިމަތިލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

"ޒޭން... އަހަންނަށް އެނގޭ ޒޭން ވަރަށް ދެރަވާނެކަން. އެކަމަކު.." އަތުގެ ފަސް އިނގިލި ދައްކައިލާ ބަތޫލްގެ ވާހަކަ އަރްޒަން ހުއްޓުވިއެވެ. އޭނާ ދުރަށް ޖެހިލުމާއެކު ބަތޫލް އަރްޒަންއާ ކައިރިވެލިއެވެ.

އެ މަންޒަރު ތަންކޮޅެއް ދުރުގައި ހުރި ޒީޝާންގެ ލޮލުގައި އަޅައިގަތެވެ. އަތް މުށްކަވައިލުމާއެކު, އޭނާ އަރްޒަންމެންނާ ދިމާލަށް ހަލުވި ފިޔަވަޅުތަކުގައި ހިނގައިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާ ހިފީ ބަތޫލްގެ ހެދުމުގެ ގިރުވާނުގައެވެ. ހިފި ހިފީނުން ބަތޫލް އަރްޒަންއާ ދުރަށް ހޫރާލައިފިއެވެ. ހައި ހީލްއަކަށް އަރައިގެން ހުރި ބަތޫލްގޮސް ނުވެއްޓުނީ ކިރިއާއެވެ. އޭނާ ރުޅިވެރިކަމާއެކު ޒީޝާންއަށް ލޯ އަޅައިލިއެވެ.

"ޔޫ...." އަނގައިން ހުތުރު އެއްޗެއް ބުނެލުމާއެކު ބަތޫލް އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ.

"އަރްޒަން އަކީ މަގޭ މީހެއް... ދުރުގަ ހުރޭ!!" އިންޒާރުގެ ބެލުމަކުން ބަތޫލްއަށް ބަލައިލުމަށްފަހު, ޒީޝާން ބުނެލިއެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ރުޅިއައިސްގެން މީހާ ތުރުތުރު އަޅައެވެ.

"އިޓްސް އޯކޭ ލަވް!" އަރްޒަން ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. ކުއްލިއަކަށް ޒީޝާންއަށް އައި ބަދަލު މާނަކުރަން އަރްޒަން ނުކުޅެދުނެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އެމީހަކު ލޯބިވާ މީހަކާ އެހެންމީހަކާ ގާތް ވާން އެދޭނީ ކިހިނަކުންހެއްޔެވެ؟ ކުޑަކޮށް ހައިރާންވި ނަމަވެސް އަރްޒަންގެ ހިތުގައި ކުޑަ އުފާވެރިކަމެއް ވެސް ދުވެލިއެވެ. ކޮންމެ ގޮތަކަށް ކަންތައްވެގެން ދިޔަކަމުގައި ވީނަމަވެސް ޒީޝާން އޭނާ އާއެކު ހުރިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނީތީއެވެ. އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރުވެސް މެއެވެ. ހަމައެއާއެކު ޒީޝާންގެއެ އަމަލުން ޒީޝާން ހަމަ ހަޤީގަތުގައި ވެސް އޭނާދެކެ ލޯބިވާކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. އަނގަޔަށް ފޫހިވައްތަރެއް ޖައްސައިލުމަށްފަހު, ބަތޫލް އަނެއްކާވެސް ޒީޝާންއާ ކުރިމަތިލި އެވެ.

"ޒީޝާން ކިތަންމެ ވަރެއްވިޔަސް އަރްޒަން އަކީ އަހަރެން އެއްލައިލީމަ ކަލެއަށް ލިބުނު މީހެއް. އަހާބަލަ އޭނަ ކައިރީ އަދިވެސް އަހަރެން މަތިން ހަނދާންނުވޭތޯ؟ އޭނަ އަހަރެން މަތިން ހަނދާން ނެތޭނެ އެއްގޮތެއް ވެސް ނޯންނާނެ. އަހަރެން ނުލިބިގެން ކަރުނަ އަޅާ ރުއި މީހެއްގެ ވާހަކައޭ ތި ދައްކަނީ. ކަލެއަށް ވެސް އަރްޒަން ލިބުނީ އަހަރެން ބޭނުންނުވެގެން އެއްލައިލީމަ. އަހަންނަށް އޭނަ ބާވީމަ... " ބަތޫލް ޒީޝާންއާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ ބުނެލިއެވެ. އެއަށްފަހު އެ ދެމީހުން ފަސްދީ އޭނާ ހިނގައިގަތީ އެތަނުގައި މަންޒަރުތައް ކަވަރުކުރަން އުޅުނު ނިއުސްޓީމާ ދިމާލަށެވެ.

"ހައު ޑެއަރ ޝީ؟" ޒީޝާންއަށް ބުނެވުނެވެ. އޭރު އޭނާގެ ހިތުގައި ބަތޫލްއާ މެދު ރުޅިވެރިކަން އަދި ނަފްރަތު ދިޔައީ އުތުރިއަރަމުންނެވެ.

"އިޓްސް އޯކޭ ޒީ... އަޅައިނުލާ..." އަރްޒަން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ.

"ތޭންކްސް!" އޭނާ ލުރި ހިނިތުންވުމެއް ހަދިޔާކޮށްލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކުރަން އޭނާ ނުކުޅެދުނެވެ.

"ސްމައިލް!" ޒީޝާން ބުނެލިއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ އަރްޒަން އެ ނުތަނަވަސްކަމުން ދުރުކޮށްދޭށެވެ.

"ހައު ކޭން އައި؟" މާޔޫސްވެފައިހުރެ އަރްޒަން ބުނެލިއެވެ.

"ހުރިހާކަމެއް ވެސް ވާނީ ރަނގަޅަށް. ދެން އެހާބޮޑަށް ހާސްނުވޭ!. އަހަރެން ހުއްޓާ ޒޭންއަށް އެއްވެސްކަމެއް ނުވާނެ. އަހަރެން އަބަދުވެސް ޒޭން އާ އެކުވާނަން. ކޮންމެ ހިތާމައަކައި އުފަލެއްގައިވެސް ބައިވެރި ވާނަން!. " ޒީޝާން ބުނެލިއެވެ. ޒީޝާންގެ އަޑުގައިވި, އޯގާތެރިކަމާއި ހަމްދަރުދީގެ އަސަރުން އަރްޒަންއަށް ކުޑަނަމަވެސް, ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާނީ ކޮންފަދަ ކަންތައްގަނޑެއްކަން ނޭނގި ނުތަނަވަސްވާގޮތްވިއެވެ. ޙަޔާތަށް ވަރުގަދަ ލޮޅުމެއް އަންނާނެކަން އޭނާއަށް ޔަޤީނެވެ.

ރައުދާވެސް އެތަނުގައި ހުއްޓެވެ. އޭނާގެ ކައިރީގައި ކަމާލުވެސް ހުއްޓެވެ. އަޔާން ސަލާމަތްވިކަން ކަމާލަށް އެނގުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މާޔޫސްވިނަމަވެސް އަޔާންގެ ޙާލު ދެރަކަން އެނގުމުން އޭނާގެ ހިތުގައި އުންމީދުގެ ވޮށެއް ދިއްލުނެވެ. އެޙާލުގައި އޮވެ އަޔާން ދުނިޔެ ދޫކުރޭތޯ އޭނާއަށް ބަދު ދުޢާ ކުރެވުނެވެ. އެއީ ކިހާ ގޯސްކަމެއްކަން އެނގުނުނަމަވެސް މެއެވެ. ރައުދާ އޭނާއަށް ލިބުނެއްކަމަކު އަދިވެސް އަޔާން އަށްޓަކައި ރައުދާގެ ހިތުގައި އިޙްސާސްތަކެއް ވާކަމީ އޭނާ އެކަމާ ނުތަނަވަސްވާ ކަމެކެވެ. އަދިވެސް ރައުދާ އަޔާން ކައިރިއަށް ގޮސްނާކެމުގެ ރަތް ސިގްނަލަކަށް އެ އިޙްސާސް އެކަނިވެސް ފުދެއެވެ.

އަޔާންގެ މަންމަމެންނަށް ރައުދާ ކަމާލާ އެކީ ފެނުނުނަމަވެސް، އެމީހުން އަޅައެއް ނުލައެވެ. ރައުދާ އެހާ އަވަހަށް ކަމާލުފަދަ މީހަކާ ގުޅުމުން އެ ގުޅުން ހަލާކުވީ ރައުދާގެ ސަބަބުންކަމަށް އެމީހުންނަށްވެސް ގަބޫލުކުރެވުނީއެވެ.

"އަހަރެން އެބަ އަންނަން..." ކެތްނުކުރެވި ރައުދާއަށް ބުނެވުނެވެ. އަޔާންއަށް އޮތް ޙާލަތުގެ ސަބަބުން ނުކެރި ހުރެފައި ވެސް ހިތްވަރުގެ ބަހެއްބުނެލަން ދާން ރައުދާ ބޭނުންވިއެވެ. އޭނާ ގޮސް ހުއްޓިފައި މަންމާއޭ ކިޔާފައި ގޮވައިލުމާއެކު، އަޔާންގެ މަންމަ ބަލައިލީ ނުރުހުންވެފައެވެ.

"މިއަދު ކީކުރަން ތިއައީ؟ އަހަރެމެންގެ ދަރިފުޅަށް ހެޔޮ އެދޭ މީހެއްނޫން ރައުދާ ތީ... އަހަރެން ބޭނުމެއް ނޫން މީގެ ފަހުން ރައުދާއާ ވާހަކަ ދައްކާކަން. ކުޑަމިނުން ރައުދާގެ މޫނު ބަލައިލާކަށް ވެސް ބޭނުމެއް ނޫން. މިއަދު އަހަރެމެންގެ ދަރިފުޅު އެ ޙާލުގައި އޮތުމުން އެންމެ ހިތްހަމަޖެހުން ލިބޭނީ ރައުދާއަށް" ރައުދާގެ މޫނުމައްޗަށް ވަރުގަދަ ހަމަލާއެއް އެއްލައިލުމަށްފަހު، އަޔާންގެ މައިންބަފައިން ހިނގައިގަތުމާއެކު، ރައުދާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ކަމާލަށެވެ. ވަގުތުން ދެލޯ ފެންކަޅިވެ ދެ ކޯތާފަތްމައްޗަށް ކަރުނަތައް ރޮނގުދެމިގެން ތިރިއަށް ދާން ފަށައިފިއެވެ. އެހާ ހެޔޮ މަންމައަކާއި ބައްޕައެއް އޭނާއާށް ލިބިދާނެހެއްޔެވެ؟.

ރުޅިވެރިކަން އުތުރި އަރަމުން ދިޔަ ނަމަވެސް ކަމާލު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުމުގައި ކާމިޔާބު ހޯދިއެވެ. ހިތުގެ އެދުން ޙާސިލްކުރެވޭނީ ކެތްތެރިވެގެންނެވެ.

އިލްހާމްއާއި ހިންދުއާ ދެމީހުން އައިސް އަރްޒަން ކައިރީގައި ހުރި ޒީޝާން ކައިރީގައި މަޑުކޮށްލިއެވެ.

"ދަރިފުޅާ... މަންމަމެން ގޮސްލީއޭ. ދަރިފުޅު އަދި މަޑުކޮށްލަނީތަ؟ ނޫނީ އަރްޒަންއާ ދެކުދިންތަ ދާނީ؟" ހިންދު ސުވާލުކޮށްލިއެވެ. އިލްހާމް ވެސް އެދެމީހުންނަށް އަވަސް ނަޒަރެއް ދިނެވެ.

"މަންމާ ޒޭންއަށް މިހާރު އަޅުގަނޑުގެ ސަޕޯޓް އެންމެ ބޭނުންވާނީ!" ހިންދުއަށް ބަލައިލުމަށްފަހު، ޒީޝާން އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ. ހިންދު އާ އިލްހާމްއާ ދެމީހުން ދިޔުމާއެކު ޒީޝާން އަރްޒަންއާ އިތުރަށް ގާތްވެލިއެވެ.

"އަހަރެން އަބަދުވެސް ހުންނާނީ ޒޭން ގާތުގަ. ދުވަހަކުވެސް ދުރަކަށް ނުދާނަން!" ޒީޝާން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ.

ވަށައިގެންވީ މީހުންނަށް ބަލައިލަމުން އަރްޒަން ހިނިތުންވެލާ ޒީޝާންގެ އަތް އޭނާގެ އަތާ ވަކިކޮށްލީ މީހުން ބަލާކަމަށް ބުނެފައެވެ.

"ތީ ހަމައެކަނި އަހަރެންގެ ޙައްގެކޭ... އެމީހުންނަށްވެސް އެކަން އެނގެންޖެހޭނެ. ޚާއްސަކޮށް އެހެރަ ބަތޫލްއަށް. ހުވާ ވަރަށް ފޫހިވޭ" ޒީޝާން އަނގަޔަށް ފޫހި ވައްތަރެއް ޖައްސައިލިއެވެ.

ތަންކޮޅެއް ދުރުގައި ހުރި އަންވަރު ވެސް އައިސް އަރްޒަންގެ ކޮނޑުގައި ޖަހާލާފައި ހިތްވަރުގެ ދެތިން ބަހެއް ބުނެލިއެވެ. އެ މަންޒަރު ފިރާޤުގެ ލޮލުގައިއަޅައިގަތުމާއެކު އޭނާ ފިޔަވަޅުތައް އެ ދިމާލަށް އަޅައިލިއެވެ.

"އެބަ އަންނަން އިނގޭ!" ތަންކޮޅެއް ދުރުގައި ހުރި އެކުވެރިއަކު ހަނާ އަޅައިލުމާއެކު، ޒީޝާން އަރްޒަންއާ އަންވަރަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި އެޔަނާ ދުރަށް ހިނގައިގަތެވެ.

ފިރާޤު އައިސް އަރްޒަން ކައިރީގައި މަޑުކޮށްލުމަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު އަރްޒަންއަށް ބަލައިލިއެވެ. ފުރާ ފުރިހަމަ ވެފައިވާ ހަށިގަނޑެކެވެ. ފުރިހަމަ ޒުވާނެކެވެ. މޫނުމަތި މިލާފައިވިޔަސް ޝަޚްސިއްޔަތު އެހާ ވަރުގަދައެވެ. ކުރެވުނު އިޙްސާސްއެއްގެ ސަބަބުން ކަޅި ޖަހައިނުލާ އަރްޒަންއަށް ބަލަން ފިރާޤަށް ހުރެވުނެވެ.

"މީ އަހަރެންގެ ބައްޕަ ފިރާޤު!" އަންވަރު ފިރާޤު ތަޢާރަފްކޮށްދިނެވެ. ފިރާޤު ސަލާމަށް އަތް ދިއްކޮށްލުމާއެކު އަރްޒަން ސަލާމްކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓް 0