އަރްޒަންގެ ފިޔަވަޅުތައް ހުއްޓުނުކަން އެނގި, ޒޭބާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އައިސްފައި ހުރި ރުޅި ކޮންމެވެސް އެއްގޮތަކުން ބޭރުކުރަން އޭނާ ހުރީ ބޭނުންވެފައެވެ. އަރްޒަން މިއަދު ވެސް ޒީޝާންއަށް ބަލަން ހުރި ގޮތް އޭނާއަށް ފާހަގަ ކުރެވުނެވެ. ރާކިން އާއި ދިމާލަށް ބަލައިލާ ގޮތް ވެސް މެއެވެ. "
" "ދެމީހުން މާ ފޮޅުވީއިރު ހީވަނީ އެހެން ކަމެއްހެން ވިއްޔަ...ރާކިން ވެސް ހުންނަނީ އެ ޒީޝާންއާ ހެދި މޮޔަވެފަ..." ޒޭބާ އޭނާގެ އަޑު ބާރުކޮށްލި އެވެ.
ހިފައްޓާފައިވާ ފޮށީގެ އަތްގަނޑަށް ބާރުކޮށްލި އަރްޒަން ކުރިއަށް ފިޔަވަޅު އަޅަން މަސައްކަތް ކުރިއެވެ. އެކަން ކުރަން އޭނާއަށް ނުހަނު އުނދަގޫވިއެވެ. ނަފުސަށް ވެރިވި ނުތަނަވަސްކަން މުޅި މީހާގެ ހަށިގަނޑު ހިޞާރުކުރަން ނެގީ މަދު ސިކުންތުކޮޅެކެވެ.
ލޯ މަރައިލުމަށްފަހު، އަރްޒަން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ޒީޝާން އެހެން މީހަކަށް ލިބިދާނެ ފަދަ އިޙްސާސްއާއެކު, އަރްޒަންގެ މެއަށް ކޮންމެވެސް ވަރެއްގެ ބަރުކަމެއް އިޙްސާސްކުރެވުނެވެ. އަމިއްލަ މީހާގެ ޖަޒުބާތުތައް ދެނެގަންނަން އަރްޒަން ނުކުޅެދުނު އިރު އޭނާގެ ހިތް އެކަމަށް އެދި އާދޭސް ކުރަނީއެވެ. ވިސްނައިދޭން މަސައްކަތް ކުރަނީއެވެ.
ހިތުގެ ޖަޒުބާތުތަކަށް ފިލަން މިއަދު މަސައްކަތް ކުރި އަރްޒަންއަށް، މިއަދު އެކަން ކުރާކަށް ފަސޭހައެއް ނުވިއެވެ. އެތެރެއަށް ވަނުމަށްފަހު ، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ޑިސްޕެޗް އޮފިސަރ އަތުން ގަނޑުތައް ނަގައިގެން ލަސްނުކޮށް އޭނަ ހިނގައިގަތީ ބްރީފިން ރޫމާ ދިމާލަށެވެ.
އެތެރެއަށް ވަނުމަށްފަހު , ގޮނޑީގައި އިށީނދެލާ އޭނާ ނިތް ކުރީގައި ދެ އިނގިލި ކުރިން ފިރުމައިލިއެވެ. ފުންނޭވާއެއް ލިޔެވެ.
ޖަޒުބާތުތައް އަމިއްލަ މީހާގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު މިއަދު އޭނާއަށް، އެކަން ކުރާކަށް ފަސޭހައެއް ނުވެ އެވެ. ހިތް ވިސްނައިދެމުން ދިޔަ ގޮތަށް ތަބާވާން ސިކުނޑި ހުރީ ތައްޔާރަށެވެ.
ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ޒީޝާންއާ، މެދުގައި އެހެން ތަފާތު އިޙްސާސްއެއް، އުފެދިއްޖެކަމުގައި އަރްޒަންއަށް ޤަބޫލުކުރެވުނެވެ. ހަމައެއާއެކު އެ އިޙްސާސްތަކަށް ފިލަން މަސައްކަތްކުރުމަކީ، އަބަދާ އަބަދު ކުރެވޭނޭ ކަމެއް ނޫންކަން ވެސް އޭނާއަށް ފަހުމްވެގެން ދިޔައެވެ. ޤަބޫލުކުރަން ބޭނުން ނޫނަސް، އޭނާގެ ހިތުގައި ޒީޝާންއާ މެދު އިޙްސާސްތަކެއް އެބަ ވެއެވެ. އެހެން ކުދިންނަށް ވުރެ، އޭނާއަށް ޒީޝާން ޚާއްސައެވެ. ވަރަށް ޚާއްސަ އެވެ. އެހެން ކުދިންނާ މެދު ނުދެކޭ ނަޒަރިއްޔާތަކުން އޭނާއަށް ޒީޝާންއަށް ބެލެއެވެ.
ހިތުގެ ލަގަން އޭނާގެ އަތުން ގެއްލެނީ ހެއްޔެވެ؟ އަރްޒަންގެ ހިތުގައި އެތަކެއް ސުވާލެއް އަދިވެސް ވެއެވެ. އޭނާއަށް ޒީޝާން ނޫން މީހަކު ނުފެނުނީ ހެއްޔެވެ؟ ޒީޝާންއާ އޭނާ ފަދަ ނިކަމެއްޗަކާ އެކަށީގެންވާނެހެއްޔެވެ؟ ވިސްނުމާ ޚިޔާލާ އެކިފަހަރު ދަނީ އެކި މިސްރާބަށެވެ. އެކަމާ ވެސް އަރްޒަން ހައިރާންވެއެވެ.
އެކަމަކު މިއަދު އޭނާއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އޭނާގެ ހިތުގައި ޒީޝާން އަށްޓަކައި އިޙްސާސްތަކެއް ވާކަމެވެ. މީގެ ކުރިން އޭނާ ހީކުރީ އޭނާއަށް ބަތޫލް ނޫން އެހެން ކުއްޖަކާ ގަޔާ ނުވެވޭނޭ ކަމުގައެވެ. އެކަމަކު މިއަދު އެކަން ވެސް ބަދަލު ވެއްޖެ އެވެ. އޭނާ އެކަމާ މިއަދު ވާންވީ އުފާހެއްޔެވެ؟ ނޫނީ ދެރަހެއްޔެވެ؟ ދެވަނަ ފަހަރު އަނެއްކާ އެ ހިތަށް އަނިޔާ ލިބިދާނެހެއްޔެވެ؟ ތަފާތު ގޮތްގޮތަށް އަރްޒަން ވިސްނިއެވެ. "
"ހޭ..." ސިހުން ގެނުވީ އޭނާގެ ލޯމަތީގައި މީހަކު އަތް ހޫރާލުމާއި އެކުގައެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު، އަރްޒަން ކަރުކެހިލިއެވެ.
ކައިރީގައި ހުރީ ރިމާޒްއެވެ. ރިމާޒްއަކީ ވެސް ސީނިއާ ފަސްޓް އޮފިސާއެކެވެ. އެ ދެމެދުގައި ވެސް ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއެވެ.
""ހާދަ ފުން ޚިޔާލަކަށް ގެއްލިފަ؟ ދެފަހަރަކު ގޮވައިލުމުން ވެސް އަޑެއް ނީވުނު ވިއްޔަ!" ރިމާޒް ގޮނޑީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އަރްޒަން ހަމައެކަނި ހިނިތުންވެލީއެވެ. އެއަށް މާ ބޮޑު ޖަވާބެއް ދޭ ޚިޔާލެއް އޭނާ ނުކުރެއެވެ.
ރިމާޒްއާ ދެމީހުން ވާހަކަދައްކަން ފެށިތަނާ އިތުރު ކްރޫ ކުދިންތައް އައިސް ވަނެވެ. އޭގެތެރޭގައި ޒީޝާންވެސް ހިމެނެއެވެ. ބްރީފިން ދެމުން ދިޔައިރު ވެސް އަރްޒަންއަށް ފޯކަސް ނުކުރެވި ހުއްޓައިލަން ޖެހުނީ އޭނާ ފެންނަ ހިސާބުގައި ޒޭބާ އަދި ޒީޝާން ވެސް އިނުމުންނެވެ. އަދިވެސް ސިކުނޑީގައި ގުގުމަނީ ޒޭބާގެ ބަސްތަކެވެ.
ދެފަހަރަކު މަޑުކޮށްލަން ވެސްޖެހުނެވެ. އަރްޒަންއަށް އައިސްގެން އުޅޭ ބަދަލު ޒޭބާއަށް އެނގޭފަދައެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ މާނަ ފުން ހިނިތުންވުމެކެވެ. ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. އޭނާ ބޭނުންވީ އަރްޒަން ރާކިންއާ ދުރުކުރުވާށެވެ. އެކަން ކުރެވެން އޮތް އެންމެ ފަސޭހަ މަގަކީ އަރްޒަންކަން އޭނާއަށް ވިސްނުނީއެވެ. އެއްމިޔަކަށް ހީލަމުން އޭނާ އަރްޒަންއަށް ބަލައިލިއެވެ. އިތުރަށް އޭނާގެ ކުޅިގަނޑުގެ މިސްރާބު ގެންދަން ޖެހޭނީ ކޮން ދިމާލަކަށްކަން އޭނާއަށް އެނގިއްޖެއެވެ. ރާކިން ވާން ޖެހޭނީ އޭނާގެ މީހަކަށެވެ.
ބްރީފިންއަށްފަހު, ޔަމާނީ އާއި ޒޭބާގެ އިތުރުން ނަޝްވާ ނުކުތެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ރިމާޒް ވެސް މެއެވެ. ތެދުވަން އުޅުނު ވަގުތު ފައި ގޮނޑީގައި އަޅައިގަނެފައި ޒީޝާންއަށް އިރުކޮޅަކު ހުރެވުނެވެ.
އަރްޒަންއަށް ބަލައިލުމަށްފަހު, ތުންފަތުގައި، ދަތް އަޅައިލި ޒީޝާން އޭނާގެ ނަޒަރު ވަރަސް އަވަސް އަވަހަށް ތިރިކޮށްލިއެވެ.
މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ގޮސް ނުކުމެލުމަށްފަހު, ޒީޝާން ފުންނޭވާއެއް ދޫކޮށްލި އެވެ. ވަކި ހިސާބަކަށް ގޮސްފައި ކޮންމެވެސް އެއްޗެއް މަދުހެން ހީވެ ޒީޝާން އަށް ނިތުގައި ޖަހައިލެވު ނެވެ.
ފޯނު އެތެރޭގައި ބޭއްވިފައިި ވީކަން ހަނދާންވެ އޭނާއަށް އެ ދިމާލަށް ފިޔަވަޅު އަޅައިލެވުނެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ޒީޝާންގެ ނިތްކުރި ގޮސް ޖެހުނީ އަރްޒަންގެ ދަތް ދޮޅީގައެވެ.
ވީތަދުން ދެމީހުންނަށް ވެސް 'އައްދޯތްޔޭ' ބުނެވުނެވެ. އަރްޒަންގެ ދެލޮލަށް ބަލައިލި، ޒީޝާންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނާ މަޑުމަޑުން މާފަށް އެދިފައި ގޮސް, މޭޒުމަތީގައި އޮތް ފޯނު ނަގައިގެން ދާން ހިނގައިގަތެވެ.
އަރްޒަން ކައިރިއަށް ހުއްޓިފައި އަނެއްކާ ވެސް މާފަށް އެދެމުން ޒީޝާން އޭނާގެ އަޅި ދެލޮލުން އަރްޒަންއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު, އޭނާ ނުކުންނަން ހިނގައިގަތެވެ. ހަތަރު ކަޅި ބައްދަލުވީ، އެންމެ ދެތިން، ސިކުންތަށް ނަމަވެސް އަރްޒަންއަށް އާދަޔާ ޚިލާފް ގޮތްކަކެއް ވިއެވެ. ވެރިވި ނުތަނަވަސްކަމާއެކު މިފަހަރު އަރްޒަންއަށް ، ކެތްކުރަން އުނދަގޫވިއެވެ.
ޒީޝާންއަށް ދޮރުގެ ތަޅުގައި ހިފާލެވުނީ ކިރިޔާއެވެ. ޖެހި ލުއްކާއެކު އަރްޒަން ޒީޝާން ގެނެސް ފާރުގައި ތަތްކޮށްލައިފިއެވެ. ޒީޝާންގެ ދެފަރާތުން ފާރުގައި އޭނާގެ ދެއަތް ވިއްދައިލަމުން އޭނާއާއި ފާރާ ދެމެދު ޒީޝާން ހައްޔަރުކޮށްލިއެވެ.
ޒީޝާންގެ ނޭވާ އިންތިހާ ބާރުވިއެވެ. އަތްފައިން ހިސާބަކަށް ވާގި ދޫވި އެވެ. ލާލައި ހުރި ނޭވާ އަރުތެރޭގައި ތާށިވިފަދައެވެ. ނިކަން އަވަސް އަވަހަށް ޒީޝާން އިސްޖަހައިލިއެވެ.
އެ މަންޒަރު ބަލަން ހުރި އަރްޒަންއަށް ހީވީ އިތުރު ބޮލު ރިހުމެއް ލިބުނީ ހެންނެވެ. ޒީޝާން އެ ގޮތަށް އޭނާގެ އިޙްސާސްތަކާ ކުޅޭތީ އޭނާ ހައިރާންވިއެވެ. އެ ހިތް އޭނާގެ ބާރުގެ ދަށުން ދޫވެ މިނިވަން ވާން ފުރުސަތު ދޭން ހިތަށް އެރިނަމަވެސް، އޭނަގެ ހިތަށް ކުރިން ލިބުނު ފަދަ ވޭނެއް ލިބިދާނެތީ ޖެހިލުންވަނީއެވެ. މީގެ ކުރިންވެސް އޭނާގެ ހިތް ވަނީ އެހެން މީހަކު އެއްވެސް ރަހުމެއް ނެތް ގޮތުގައި ފުނޑުފުނޑު ކޮށްލާފައެވެ. އެއީ ޙަޔާތުގައި ލޯބިވީ ހަމައެކަނި އަންހެން ކުއްޖާއެވެ.
ކަނާއަތުން ފާރުގައި ޖެހުމާއެކު ޒީޝާން ދިޔައީ ސިހިގެންނެވެ. ނުރައްކާތެރި ގޮތަކަށް ޒީޝާންއަށް އަށް ބަލައިލުމަށްފަހު, އަރްޒަންއަށް ވާހަކަ ދެކެވުނެވެ.
"ވައި އާރ ޔޫ ޑުއިން ދިސް؟" އަރްޒަން އަޑަށް ބާރުލާފައި ބުނި ޖުމްލައިގެ މާނަ ނޭނގުނު ޒީޝާންއަށް އަރްޒަން އަށް ބަލައިލެވުނެވެ. އެ މޫނުމަތީގައި ވަނީ ސިހިފައި، ހުރި ކަމުގެ އަސަރުތަކެވެ. ދެލޯ ވަނީ ބޮޑުވެފައެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު، ޒީޝާންއަށް ހިންދިރުވައި ލެވުނީ ވެސް އުނދަގުލުންނެވެ.
އެ މަންޒަރު ބަލަން ހުރި އަރްޒަން ދޫކޮށްލީ ފުން ނޭވާއެކެވެ. ކުރެވުނު ކަންތައް ރޭކާލީ މީހަކު ފަދައިން އަވަސްއަވަހަށް ޒީޝާންއާ ދުރަށް ޖެހިލިއެވެ. އަރްޒަން އަށް ބަލައިލާފައި ބިރެއް ފެނުނު ފަދަ ގޮތަކަށް ޒީޝާންއަށް އަވަސްއަވަހަށް އެތަނުން ނުކުންނަން ހިނގައިގަނެވުނެވެ. ވީ ގޮތް ނޭނގި އޭނާ ހުރީ ކަންބޮޑުވެފައެވެ. އޭނާއަށް ކަމެއް ގޯސްކޮށް ކުރެވުނީ ހެއްޔެވެ؟ އެކަމާ ހެދި އަރްޒަން ހިންހަމަ ނުޖެހުނީ ހެއްޔެވެ؟ ކިތަންމެވަރަކަށް ވިސްނިޔަސް އަރްޒަން އެ ގޮތަށް ކަންތައްކުރަން ޖެހުނު ސަބަބެއް އެއްގޮތަކަށް ވެސް، ޒީޝާންއަކަށް ވިސްނައި ނުގަނެވުނެވެ.
ނުކުމެފައި ވެސް އެ ހުރި ފިޔަވަޅުމަތީގައި އެތައް އިރަކު ވިސްނަން ޒީޝާންއަށް ހުރެވުނެވެ.
ބޯޓަށް އަރާ ގެލީއަށް ވަނުމަށްފަހު, ވެސް ޒީޝާންއަށް ހުރެވުނީ ވިސްނުމަކަށް ގެއްލިފައެވެ. ޔަމާނީ އައިސް ސުވާލުކުރުމުން ވެސް އޭނާއަށް އެއްޗެއް ނުބުނެވި އިރުކޮޅަކު ހުރެވުނެވެ.
ކެބިން ސާވިސްމީހާ އާ ގަނޑު ހަވާލުކުރުމުގެ ކުރިން ޗެކް ކުރަން ޖެހޭ ކަންތައްތައް ޗެކް ކުރަން އަވަސްވަގަތް ނަމަވެސް ޒީޝާންގެ ސިކުނޑިވަނީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ޒޭބާ ކެބިންތެރެ ޗެކް ކުރުމަށްފަހު އައެވެ. ޔަމާނީ ގާތު ކެބިންތެރެ ސާފުކަމަށް ބުނެލުމަށްފަހު, ޒީޝާންއަށް ބަލައިލުމަށްފަހު، އޭނާ ދެ ބުމަ އަރުވައިލި އެވެ. އެ ނަޒަރު މާނަ ކުރަން ނޭނގުނު ޒީޝާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
ޒޭބާ ދިޔުމުން ގެލީގައި ޔަމާނީއާއި ޒީޝާންއާއި އެކަނިވިއެވެ. ބަތްޕޮޅި ނަގާ ޓިޝޫ އެ އަށް އަޅަމުން ޒީޝާން ޔަމާނީ އަތަށް އޭނާގެ އަތުގައި އޮތް ގަނޑު ދިނެވެ. ޔަމާނީ އެއަށް ނަޒަރު ހުއްޓައިލިއެވެ. އޭނާ ދިޔުމުން ޒީޝާންއަށް އަމިއްލަ ނަފުސާ ވާހަކަ ދެކެވުނެވެ.
"އޯ މައި ގޯޑް! މީ ކިހިނެއްވެގެން އުޅޭބައެއް؟ އަރްޒަން ވެސް ކިހިނެއްތަ އެ އުޅުނީ؟ އަނެއްކޮޅުން އެ ޒޭބާ ގަނޑު. ބޮޑު މޮޔައެއް" އަމިއްލަ ހިތާ ދެއްކި ވާހަކަ ދުލުން ބޭރުވިކަން ރޭކާލި ޒީޝާންގެ ލޮލުގައި ޒޭބާ އަޅައިގަތީ ފަހަތަށް އެނބުރިލި ވަގުތެވެ.
އެ އަޑު ޒޭބާއަށް ނީވޭކަން ޔަޤީން ވުމުން ޒީޝާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒޭބާއާ އެކީ ދަތުރު ކުރާ ހިތް ނުވިޔަސް، ވަޒީފާގެ ގޮތުން މިއީވެސް އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތެކެވެ.
އަރްޒަންއާއެކު އަނެއްކާވެސް ދަތުރެއްކޮށްލެވޭތީ ހިތުގައި ހިންހަމަ ޖެހުން ވިނަމަވެސް އަދިވެސް މީގެ ކުޑަ އިރުކޮޅެއްގެ ހާދިސާ އޭނާ ހަނދާނެއް ނުނެތެއެވެ. އެ ހަނދާން ވުމުން އެކަނިވެސް ގައިން ހީބިހި ނަގައެވެ.
*****
ޖިނާންއާއި އާރާއާއި އެއްކޮށް ސްޓޭންޑްބައި ޑިއުޓީ ޖެހުނީ ރޭގަނޑެ ވެ. އާރާ ގޮސް ޑޮމެސްޓިކް ޓާމިނަލްގައި ހުންނަ އެމީހުންގެ އޮފީހަށް ވަތްއިރު އެތެރޭގައި ޖިނާން މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ އަތުގައި ކޮފީޖޯޑެއް ހުއްޓެވެ. އެއްފަރާތުގައި ހުރި ވަށް މޭޒުދޮށުގައި ޖައްސައިލުމާއެކު އޭނާ އާރާއަށް ބަލައިލިއެވެ.
އާރާ އައިސް އިށީނީ ސޯފާގައެވެ. އޭރު ވެސް އާރާގެ ނަޒަރު ހުރީ ފޯނައް ހުއްޓިފައެވެ. އާރާ ވާހަކަ ދައްކަމުން ދިޔައީ ރަފްހާންއާއެވެ. އޭނާގެ ޑިއުޓީ ޖިނާން އާއެކު އޮތުމުން މައްސަލަޖެއްސީއެވެ.
އެހެންފަހަރު ފަހަރު އޮޅުން ފިލުވައިދޭން އުޅޭ އާރާ މިއަދު އެފަދަ އެއްވެސް ކަމެއް ނުކުރެއެވެ. އޭނާ ހުރީ ހިސާބަކަށް ހަމަޖެހިފައެވެ. ރަފްހާންއާ ދުރުވުމަކީ އޭނާއަށް އެންމެ ފައިދާ އޮތް ގޮތްކަމުގައި އޭނާއަށް އަމިއްލައަށް ވެސް ގަބޫލުކުރެވިއްޖެއެވެ.
ފޯނު ސައިލެންޓަށް ލަމުން ސޯފާމަތީގައި ބާއްވާފައި އާރާ ދިޔައީ ކޮފީ މެޝިނު ކައިރިއަށެވެ. ކޮފީއެއް ހަދާލައިގެން އައިސް އަނެއްކާވެސް ސޯފާގައި އިށީނދެލި އެވެ. އެހެންޏާ ނުލިބޭ ހިންހަމަޖެހުމެއް އޭނާގެ ނަފުސުގައިވެއެވެ. ހީވަނީ ބޮޑު ލުޔެއް ސިކުނޑިއަށް ލިބިފައިވާ ހެންނެވެ.
އާރާ ޖިނާންއަށް ބަލައިލާފައި ހިނިތުންވެލުމާއެކު، ޖިނާންއަށްވެސް ހިނިތުންވެވުނެވެ.
އާރާގެ ހިނިތުންވުމުން އެކަނިވެސް, އޭނާގެ ހިތުގެ ތެޅުން ބާރުކޮށްލައިފިއެވެ. އެ ހިތުގެ ތެރޭގައި އެ ޖަހާ ވިންދުގެ އަޑު އާރާ އަށް އިވޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ ހިތުގެ އިޙްސާސްތަކުގެ މަތީގައި އަތް އަޅައިގެން ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އާރާއާއި އާރާގެ ލޯބިވެރިޔާ އާ ދެމެދު ކަންތައްތައް ކިހިނެއްހެއްޔެވެ؟ އެހިތަށް އަރާ ފައިބަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އާރާގެ ފުށުން ހޯދާނެ ގޮތެއް ޖިނާންއަކަށް ނޭނގުނެވެ.
*****
އަޔާންގެ އޮފް ދުވަސްކަމަށްވާތީ އޭނާ ގިނަވަގުތު ، ހޭދަކުރީ ގޭގައެވެ. އެ ދުވަހު ހަތަރު ދަމު ކަހަލަ ގޮތަކަށް ރައުދާ އުޅުނީ ބަނޑަށް ފާޑެއްގެ ދިލަ ތަދެއް އަރާވަރުންނެވެ. ގިނަ ވަގުތު އޮވެވެނީ އޮށޯވެއެވެ. ބޮލުގައި ރިއްސާކަމަށް ބުނުމުން އަޔާން މަސާޖު ކޮށްލަދޭން އުޅުނެވެ. އެކަމަކު ރައުދާ އެކަމާ ދެކޮޅު ހެދިއެވެ. އަޔާން ހިންހަމަ ނުޖެހޭ ގޮތްވިއެވެ.
"ރައުއަށް ކަމަކު ނުދޭ މިހާރު އަހަރެން އިނގިލި ކުރި ޖައްސައިލާކަށްވެސް" އެންމެ ފަހުން އަޔާންއަށް ބުނެވުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ގޮސް އަޔާންއަށް އިށީނދެވުނީ ސޯފާގައެވެ.
(ނުނިމޭ)