"ޔަޤީން...ޒޭންއަށް ނޭނގޭ އެތައް ބައިވަރު އެއްޗެހި އަހަންނަށް އެނގޭ... ލޯތްބާ ބެހޭ ގޮތުންވެސް... " ޒީޝާން ބުނެލިއެވެ. އަރްޒަން ގެ ލުއި ހުނުމުގެ އަޑު ގުގުމައިލުމާއެކު ޒީޝާންވެސް ހީގަތެވެ. އޭނާ އަރްޒަންއާ ގާތަށް ޖެހިލާ އަރްޒަންގެ ފަހަތުން އަރްޒަންގެ ގައިގައި ބައްދައިލިއެވެ.

ޒީޝާން އެ ބުނި އެއްޗެއް ފަހުމްވޭތޯ އަރްޒަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. އެންމެ ފަހުން އޭނާއާ ކައިރިވަމުން ދިޔަ ޒީޝާންގެ އަމަލުތަކުގައި އޭނާއަށް ވެސް ބައިވެރިވެވެން ފެށުނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަރްޒަންއާ ޒީޝާންގެ ގުޅުން ވެސް ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުން ބަދަހިވަމުން ދިޔައެވެ.

ގޭގެ ބެލްއަޅައިލި އަޑަށް އަރްޒަން ސޯފާއިން ތެދުވަން އުޅުނެވެ.

"ލެޓް މީ ގޯ..." ޒީޝާން ބުނެލިއެވެ. އެއަށްފަހު ސޯފާއިން ތެދުވެގެން ގޮސް އޭނާ ދޮރު ހުޅުވައިލީ ނުރުހުންވެފައި ހުރެއެވެ. ދޮރު މަތީގައި ހުރީ އަރްޒަންގެ އެންމެ ގާތް އެކުވެރިޔާ އަޔާންއެވެ.

"ހޭ ޒީ. ކިހިނެއްތަ؟" އަޔާން ޒީޝާންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. ރައްދުގައި ޒީޝާން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިނަމަވެސް އޭނާ ހުރީ އަޔާން އައުމުން ހިންހަމަ ނުޖެހިފައެވެ. އަރްޒަންއާއެކު އޭނާ ވަގުތު ހޭދަ ކުރާ ގަޑީގައި އިތުރު މީހަކު އައުމަކީ އޭނާ މާ ހިންހަމަޖެހޭކަމެއް ނޫނެވެ. މާ ބޮޑު އެއްޗެއް ނުބުނެ ޒީޝާން ގޮސް އަރްޒަންއާ ދާދި ގާތުގައި އިށީނދެލިއެވެ. އަޔާންވެސް އައިސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލިއެވެ.

"ޒީ... އެއްޗެއް ތައްޔާރުކޮށްލަންވީނު. ވަރަށް ދުވަސްކޮށްލާފަ އޭ އަޔާން އެއައީ... ނޫނީ އޯޑަރު ކޮށްގެންތަ އެއްޗެއް ގެންނާނީ؟" އަރްޒަން އަހައިލިއެވެ.

"ކޮފީއެއް..." އަޔާން ޒީޝާންއަށް ބަލައިލިއެވެ. ޒީޝާން އެއްޗެއް ނުބުނެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އަޔާންއަށް ޒީޝާންގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރާއި އޭނާގެ ތަބީއަތަށް އައިއްފައިވާ ބަދަލު ފާހަގަކުރެވުނެވެ. އޭނާ އަރްޒަންއަށް ބަލައިލިއިރު އަރްޒަން ހިނިތުންވެލައިގެން އިންތަން ފެނި ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކިހިނެއްވީ؟" އަރްޒަން އަހައިލިއެވެ.

"މާބޮޑުކަމެއް ނުވޭ... ބައިދަވޭ ޒޭން. ޒީ އަސްލުވެސް ވަރަށް ބަދަލުވެއްޖެ. ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައިލަން އަހަންނަށް ފެނޭ... އެކަމަކު އެހާ ބޮޑު ބަދަލެއް އަންނަން ވީ ކީއްވެ؟" އަޔާންއަށް ބުނެވުނެވެ. ކުރީ ޖުމްލަ އަރްޒަންއާ ވާހަކަ ދައްކާ ބުނެލި ނަމަވެސް ފަހު ޖުމްލަ ބުނެލިއިރު އޭނާ އެ ޖުމްލަ ބޮޑަށް ނިސްބަތްކުރީ އަމިއްލަ ނަފުސަށެވެ. އަރްޒަން އެއްޗެއް ނުބުނުމުން އޭނާ ކިހިނެއްވީހޭ އަހައިލިއެވެ.

"ޔާން. އަހަރެން ޒީއާ އެ ވާހަކަ ދެއްކީމޭ... އެކަމަކު ޒީ އެއްބަހެއް ނުވި . ޒީ ހީކުރަނީ އަހަރެން އޭނަ މޮޔަކަށް ހަދަނީކަމަށް. އަހަރެން ހިތަށް މިއަރަނީ ދުވަސްކޮޅަކުން ޒީވެސް ހަމައަކަށް އެޅިދާނޭ. މި ދުވަސްކޮޅު މާ ސްޓްރެސް ބޮޑުވީމަވެސް އެހެން ވެދާނެޔޭ. އެއްފަހަރާ ކިތައް ހާދިސާތަ މި ދިމާވީ. ބޯޓު ވެއްޓުމާ، ޒީގެ މައިންބަފައިން ދުނިޔެ ދޫކުރުމާ، އަނެއްކޮޅުން އަނެއްކާ އިއްޔެ އެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި، ކުންފުނީގެ ފަރާތުން އަހަރެމެން ދެމީހުން ވަޒީފާއިން ވަކިކުރަން ޖެހިދާނެކަމަށް އިންޒާރުވެސް ދީފި. ވަޓް ޝުޑް ވީ ޑޫ؟... އަހަންނަށް އެނގޭ ޒީ ހުންނަނީ ހުރިހާ ހިތާމައެއް ފޮރުވައިލައިގެންކަން. އަޑި އަޑިން ޒީ ވެސް ބާރަށް ރޯނެ. އެއާރލައިންގައި މަސައްކަތް ކުރުމަކީ ޚުދު ޒީގެ ވެސް ހާދަ ބޮޑު ޑްރީމެކޭ." އަރްޒަން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ބައިދަވޭ އަހަންނަށް އެނގިއްޖެ ޒޭންގެ ނަންބަރު ލީކުކޮށްލީ ކާކުކަން..." އަޔާން ކުއްލިއަކަށް ބުނެލިއެވެ.

"ސީރިއަސްލީ؟ ކާކު؟" އަރްޒަން އަހައިލިއެވެ.

"ރާކިން. އައި ކާންޓް ބިލީވް ހީ އިސް ޓޭކިން އެޑްވާންޓޭޖް އޮފް ދި ސިޗުއޭޝަން..." އަޔާންއަށް ބުނެވުނެވެ.

"ޔާންއަށް ކިހިނެއް އެނގުނީ؟ ޔަޤީންތަ؟" އަރްޒަން އިނީ ޤަބޫލުކުރަން އުނދަގޫވެފައެވެ. އޭނާއަށް ޖެއްސުމަށް ރާކިން ހަމަ އެހާ ދަށު ދަރަޖައަށް ވެއްޓިގަނެފާނެހެއްޔެވެ؟

"ރާއްޖޭގައި މަޝްހޫރު ޕޭޖެއް ހިންގާ މީހެއްގެ ފަރާތުން. އަހަންނަށް ހަމަ ޔަޤީން!" އަޔާން ބުނެލިއެވެ.

ޒީޝާން ކޮޓަރިން ނުކުތުމުން އަރްޒަންއާ އަޔާންއާ ދެމީހުން ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ދެން އެދެމީހުން ފެށީ ކޮންމެވެސް އެހެން ވާހަކައެކެވެ. ޒީޝާން ކޮފީ ހަދައިގެން ގެނެސް ދެމީހުންނަށް ދެ ކޮފީ ޖޯޑު ދިނެވެ. އެއަށްފަހު އޭނާ އިށީނީ އަރްޒަންއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. ކުރިމަތީގައި އަޔާން އިނެއްކަމަކު އެކަމުން ޒީޝާންއަށް އުނދަގޫ ވީހެނެއް ހިޔެއްނުވެއެވެ. އަރްޒަން ކޮފީ ޖޯޑު ތުމުގައި ޖެހުމަށްފަހު، އެތިފޮދެއް ބޮއިލާފައި ބެހެއްޓުމުން އެ ތަށި ނަގާ ޒީޝާން ވެސް ކޮފީ ބޮއިލިއެވެ. އެއަށްފަހު އޭނާ އަރްޒަންގެ ތުންފަތުގައި އަތް ޖައްސައިލިއެވެ.

"ޒީ..." އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ކުޑަކޮށް ލޯ އަޅައިލަމުން އަޔާން އިންކަމަށް ބުނެ އިޝާރާތް ކޮށްލި އެވެ.

އަޔާން އިނީ ތުމުގައި ކޮފީ ތަށި ޖަހަން ނެގިގޮތަށް ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައެވެ. އޭނާއަށް ބެލެނީ އަރްޒަންއާ ދިމާލަށެވެ. ދެން ޒީޝާންއާ ދިމާލަށެވެ. އެންމެ ފަހުން ކަރު ކެހިލަމުން އަަޔާން ކެއްސައިލިއެވެ. ޒީޝާން ދެ ބުމަ ގޮށް ޖަހައިލަމުން އަޔާންއަށް ބަލައިލިއެވެ.

"ޒީ..." އަރްޒަން ތަންކޮޅެއް ބާރަށް ބުނެލިއެވެ. ޒީޝާން އަޔާންއަށް ބަލައިލުމަށްފަހު ސޯފާއިން ތެދުވެގެން ގޮސް ދޮރު ޖެހިއެވެ.

"މޭން... ކިހިނެއްތަ ޒީއަށް ވެފައި އެހުރީ؟" އަޔާންއަށް ސުވާލުކޮށްލެވުނީ ވެސް ކޮޓަރީގެ ދޮރަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އޭނާ އިނީ ހަމަ ހަޤީގަތުގައިވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އަހަންނަކަށް ވެސް ނޭނގެ." އަރްޒަންއަށް ބުނެވުނެވެ.

"އެއީ މީގެ ކުރިން ދުވަހަކުވެސް ޒީ އުޅުނު ގޮތެއް ނޫން." އަޔާންއަށް އަނެއްކާވެސް ބުނެވުނެވެ.

"ދީބަލަ ރިމޯޓު..." އަރްޒަން ބުނެލިއެވެ. އަޔާން އޭނާގެ އެއްފަރާތުގައި އިން ރިމޯޓް ނަގާ އަރްޒަންއަތަށް ރިމޯޓް ދިއްކޮށްލިއެވެ. ޓީވީ ހުޅުވައިލިއިރު ކުއްލި ޚަބަރެއް ގެނެސްދެމުން ދިޔައީތީ އަރްޒަން ޓީވީގެ އަޑު ބާރުކޮށްލިއެވެ. ޚަބަރުގައި ކިޔަމުން ދިޔައީ ހެންވޭރު ގެއަކުން މިއަދު މަރުވެފައިވާ މީހަކު ފެނިފައިވާ ކަމުގައެވެ. އެއީ ހަތާވީސް އަހަރުގެ ޒުވާނެއްކަމަށާއި ނަމަކީ ވިއާމް ކަމުގައި ކިޔަމުން ދިޔައެވެ.

ހަށިގަނޑު ފެނުނީ އޭނާ އެކަނި ދިރިއުޅޭ އެޕާރޓްމެންގައި މަރުވެފައި އޮއްވާ ކަމަށާއި ހީވާ ހީވުމަށް ވިއާމް ފެނިފައިވަނީ މަރާލާފައިވާތާ އެތައް ގަޑިއިރެއް ފަހުންކަމަށެވެ. ވިއާމްއަކީ ވެއްޓުނު ބޯޓުން ދަތުރު ކުރި މީހެއް ކަމަށާއި އޭނާގެ އަނބިމީހާއާއި ދެ އަހަރުގެ ދަރިފުޅު ވަނީ އެ ހާދިސާގައި ނިޔާވެފައި ކަމުގައި ވެސް ޚަބަރުގައި ކިޔެވެ. އިތުރު ތަފްސީލް ލިބުނުހާ އަވަހަކަށް ގެނެސްދޭނެކަމުގައި ވެސް ބުންޏެވެ.

އަޔާން ވެސް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.

"ޔެސް... އައި ޖަސްޓް ހާޑް ދި ނިއުސް" އަންވަރު ގުޅުމާއެކު އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ފޯނު ބޭއްވިއެވެ.

"ޔާން. ވަޓްސް ހެޕެނިންގް. ކިހިނެއް މި ވަނީ؟ ވިއާމް ބޯޓުން ދަތުރު ކުރިއޭ އެފަހަރު. އޭގެން އޭނާގެ އަނބިމީހާއާ ދަރިފުޅާ މަރުވީ. އެހެންވެއްޖެއްޔާ ވިއާމް އާ ކޮން ދުޝްމަންކަމެއް މީހެއްގެ އޮންނަންވާނީ؟" އަރްޒަން އަަހައިލެވުނީ ސީދާ އަޔާންގެ މޫނަށް ބަލައިލަމުންނެވެ.

"ޒޭން. އައި އެމް އިން ޝޮކް. އެ ހާދިސާއަށްފަހު ހާދަ ކަންތައް ގަނޑެކޭ މި ހިނގަނީ. އަހަންނަށްވެސް ނޭނގެ ބުނާނެ އެއްވެސް އެއްޗެއް." އަޔާންއަށް ވެސް ފުންނޭވާއެއް ދޫކޮށްލުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. ޚުދު އޭނާގެ ސިކުނޑިވެސް ވަނީ ސުމަކަށް ގޮސްފައެވެ. ފާޑަކަށް މެއަށް ވެސް އުނދަގޫވާން ފެށިއެވެ.

އެ ހާދިސާއެއީ ނުހިނގާ ކަމަކަށް ނުހިނގޭނެ. އަހަންނަކަށް ޔަޤީނެއްނޫން މިހާރު އަހަރެމެންގެ ފުރާނައަށް ވެސް ދަހިވެތިވެގެން ބަޔަކު ނޫޅޭކަމުގައެއް. " އަޔާން ބުނެލިއެވެ.

"އެ ހާދިސާއަށް ފަހު ޒީއާ ޒީގެ މައިންބަފައިންނާ ޚުދު އަހަންނަށްވެސް އިންޒާރުތައް ލިބުނު. އެކަމަކު އެ ވިއާމްއާ ކޮން ގުޅުމެއް ބާއޭ އޮތީ؟ނޫނީ ވިއާމް މަރައިލުމަކީ ހަމަ އިއްތިފާގެއްތަ؟" އަރްޒަން އަށް އަހައިލެވުނެވެ.

"ދެން އޮތީ ފުލުހުން އިތުރު ތަފްސީލް ދެންދެން މަޑުކުރުން." އަޔާން ބުނެލުމާއެކު އަރްޒަން ބޯ ޖަހައިލިއެވެ.

ވިއާމްވެސް މަރާލާފައިވަނީ ހަމަ އިލްހާމްއާ ހިންދުއެކޭ އެއްގޮތަކަށް ކަމުގައި ޖެހިގެން އައި ދުވަހު އަރްޒަންއަށް ޚަބަރު ލިބުނެވެ. ކަރުގައި ހިފާފައި ހުރި ކަމުގެ ނިޝާންތައް ވެސް ހުރިކަމުގައްޔާއި ޒަޚަމްތައްވެސް ހަށިގަނޑަށް ލިބިފައިވާކަމުގައެވެ. އޭގެ އިތުރުން އިތުރު ޝޮކެއްވެސް އޭނާއަށް ލިބުނެވެ.

ފޯނު ނަގާ އެންމެ ފުރަތަމަ ވެސް އަރްޒަން ގުޅައިލީ އަޔާންއަށެވެ. މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ދެވަނަ ރިންގާއެކު އަޔާން ފޯނު ނަގައިފިއެވެ.

"އޭތް ޔާން. ވިއާމްކަމަށްވަނީ އެ ވީޑިއޯ ވައިރަލް ކޮށްލީ. " އަރްޒަން ބުނެލުމާއެކު އަޔާންއަށް ވެސް ކީކޭ ހޭ އަހައިލެވުނީ ހައިރާންކަމާއެކުގައެވެ.

"އާނއެކޭ. ވިއާމްއޯ އެ ވީޑިއޯ ވައިރަލްކޮށްލީ، އޯމައިގޯޑް ވަޓްސް ހެޕެނިންގް؟" އަރްޒަންއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

*****

ރާކިން ފްލައިޓް ބްރީފިން ނިންމައިލުމަށްފަހު ނުކުތްއިރު އަންވަރާއި އިރުޝާމްގެ އިތުރުން އެހެން ސީނިއާ ޕައިލެޓުންވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

" ރާކިން!. ވަރަށް އުފާވޭ ރާކިން މަސައްކަތަށް ފަރުވާބަހައްޓާތީ. މިހާރު އިހުނަށްވުރެ ރަނގަޅުކަމަށް އަހަންނަށް ފާހަގަވޭ. ނޫންތަ؟" އިރުޝާމް ގެ ގާޓުގައި ހުރި ސީނިއާ ޕައިލެޓެއްކަމަށްވާ ފުއާދު ބުނެލިއެވެ.

"އާނ.ކޮންމެވެސް އަރްޒަން ހެދި ކަހަލަ އެއްޗެއް ނަހަދާތި!" އިތުރު މީހަކު ބުނެލިއެވެ. ލިބުނު ކޮމެންޓްތަކާއެކު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ބޮޑާ ކަމާއެކު އޮފީހުން ނުކުންނަށް ރާކިން ހިނގައިގަތެވެ. ފަހަތުގައި ހުރި ޒޭބާގެ ތުންފަތްމައްޗަށް ވެސް ވެރިވެފައިވަނީ ފުޅާ ހިނިތުންވުމެކެވެ.

"ފައިނަލީ. އެހެންމީހުން އަހަރެން ބަލައިގަންނަން ފަށައިފި." ރާކިން އޭނާގެ އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ. އަރްޒަންގެ މި ވެއްޓުމަކީ އޭނާ ކުރިއަރައިދާން އެންމެ ރަނގަޅު ފުރުސަތުކަމުގައި މި ފަހަރުވެސް ރާކިން އޭނާގެ ނަފްސަށް ވިސްނައި ދިނެވެ.

ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް ކޮންމެ ފަދަ ދަށުދަރަޖައަކަށް ވެއްޓިގެންވެސް އެކަން އެގޮތަށް ކުރަން ރާކިން ބޭނުންވިއެވެ. މީހުންގެ ފަރާތުން ލިބެމުން ދިޔަ ބަސްތަކުގެ ސަބަބުން އޭނާގެ ހިތުގައި އެފަދަ އެދުންތައް ގަދަވަމުން ދިޔައެވެ.

ފޯނަށް އައި މެސެޖާއެކު ރާކިންއަށް ފޯނަށް ނަޒަރު ހިންގައިލެވުނެވެ. އޮފީސްހުންނަ ގޯޅިގަނޑަށް ނުކުމެފައި އޭނާ އެމެސެޖް ކިޔައިލަން މެސެންޖާ ހުޅުވައިލިއެވެ.

ރައްޓެއްސަކު ފޮނުވާފައިވާ ލިންކަށް ވަދެލީ އެ ލިންކް ވަރަށް އަވަހަށް ބަލައިލުމަށް އެދިފައި އޮތީތީއާ ވެސް އެކުގައެވެ.

"އޯ މައި ގޯޑް... ވިއާމް އަކީ އެ ވޯޑިއޯ ލީކް ކޮށްލި ކުއްޖާ!" ރާކިންއަށް ބުނެވުނެވެ. ހިތަށް ވެރިވި ޚިޔާލަކުން އޭނާ އެއްމިޔަކަށް ހީލިއެވެ. ލޮގްއައުޓް ވުމަށްފަހު، އާ އައިޑީއަކުން ފޭސްބުމަށް ވަދެލާފައި ރާކިން އެ ޕޯސްޓަށް ކޮމެންޓެއް ކޮށްލާ މީހުން ޓެގްކޮށްލިއެވެ.

"ކެޕްޓަން ވީ އާރ ގެޓިން ލޭޓް!" ފަސްޓް އޮފިސާއަކަށް ހުރި އަންހެން ކުއްޖާ ބުނެލި އެވެ.

"އޯ ރައިޓް. އައި ޝުޑުންޓް ބީ" ރާކިން އެހެން ބުނެލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލަމުން ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓް 0