އިތުރަށް އެތަނުގައި މަޑުކުރުމުގެ ޚިޔާލު ދޫކޮށްލާފައި ޖައުފަރު ހިނގައިގަތީ ގޭން ބޭރަށެވެ.

ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުޖައްސާލާފައި އައިސް ޖައުފަރު ކޮތަޅެއް ނެގިއެވެ. މޭޒުމަތީގައި ކޮތަޅު ބާއްވާފައި، ކުރެވުނު ކަންތަބާ ބޮޑާވެ ހުރެ އެ ފޮށީގެ އެތެރެ އަދިވެސް އެއްފަހަރު ހުޅުވައިލާ ބަލައިލި ޖައުފަރަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ފޮށި އެ އޮތްގޮތަށް ބާއްވާފައި ފޯނުން ވާހަކަދައްކަމުން ދުރަށްޖެހިލިއެވެ. ގުޅީ ކަމާލެވެ.

"އާނ... އަހަންނަށް ޔަޤީން މިހާރު އެ ދެމީހުން ވަރިވެއްޖެކަން. އަހަރެންގެ ވާހަކަ ޤަބޫލުނުކުރެވެންޏާ ކަލޭ އަމިއްލައަށް ޔަޤީންކުރޭ!. އެއަށްފަހު، އަހަރެންނަށް ފައިސާ ދިނުމުގެ ކަންތައް ހަމަޖައްސާ، މި ހަދާ އެތިފަހަރުން އަހަންނަށް ޔަޤީން އޭނާގެ ފުރާނަވެސް ދާނެކަން. މީ ވަރުގަދަ އެތިފަހަރެއް. " ޖައުފަރުގެ މޫނުމަތިން، ބޮޑާކަމާ ކިބުރުވެރިކަން ނޫން އެއްޗެއް ނުފެނެއެވެ.

އެހެން ޖައުފަރު ހުރިއިރު، އޭނާއަށް ނޭނގުނުކަމަކީ އެ ފޮށިތެރޭގައި އޮތް ގަނޑުކޮޅު، ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު އެ ފޮށި ތެރެއިން ބޭރަށް ދިޔަކަމެވެ. ފޯނު ބާއްވަމުން އެނބުރިލި ޖައުފަރު އަވަސް އަވަހަށް އެ ފޮށި ލައްޕައިލާ އެ ކޮތަޅަކަށް ލިޔެވެ.

ދޮރުން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު، ޖައުފަރު ބޭރަށް ނުކުމެލިއެވެ. ބާރަޖަހާ ބޮޑުވެފައި ހުރުމުގެ ސަބަބުން މަގުމަތިން ދުއްވާއެއްޗެއް ފެންނަނީވެސް ހާލަކުން ފަހަރަކުއެވެ. އޭނާ އަތުގައި އޮތް ކޮތަޅަށް ބަލައިލިއެވެ. އެއަށްފަހު، އޭނާ މިސްރާބުޖެހީ އާސަހަރާއާ ދިމާލަށެވެ. އާދައިގެ ވަރެއްގައި ފިޔަވަޅުތައް ބަހައްޓައިގެން ޖައުފަރު ހިނގަމުން ދިޔައިރު، އޭނާގެ ފަހަތުން މީހަކު އަންނަ ކަހަލަ އިޙްސާސްއެއް ޖައުފަރަށް ކުރެވުނެވެ. ފަހަތަށް ބަލައިލުމުގެ މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އިރު އިރުކޮޅުން އޭނާގެ ގައިގައި ވައިރޯޅިއެއް ބީހިލައެވެ. އެއީ އާދައިގެ ވައިރޯޅިއެއް ނޫންކަން އެނގުނުނަމަވެސް، އެކަމަކާ އެއްވެސް ވަރަކަށް ޖައުފަރު ހާސްވެ ޖެހިލުމެއްނުވެއެވެ. އޭނާއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނޭކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން ކަންނޭނގެއެވެ.

ސަހަރާތެރެއަށް ވަނުމަށްފަހު، އޭނާ އާދައިގެ މަތިން ދެކޮޅު ހޯދާ ބަލައިލިއެވެ. މީހަކު ފެންނަން ހުރިތޯއެވެ. ސަހަރާތެރެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފް މަޑުމައިތިރިކަމެކެވެ. ނަމާންކަމެވެ. ހަނދުވަރުގެ އަލި ކޮންމެވެސް ވަރަކަށް ވެރިވެފައި ވީނަމަވެސް ވަށައިގެންވަނީ ބުނެދޭން ނޭނގޭ ފަދަ އަޖައިބު ކުރުވަނިވި މަޑުމައިތިރިކަމެކެވެ.

ޖައުފަރު ގޮސް އިށީނީ މީގެ ކުރިންވެސް އޭނާ އިށީން މަހާނަ ކައިރީގައެވެ. ކޮތަޅުގައި އޮތް ފޮށި ނަގާ އޭނާ އެ މަހާނަ ކައިރީގައި ވަޅުގަނޑެއް ކޮނެލިއެވެ. އޭގެ އެތެރެ ހުޅުވާލާފައި އޭނާ އެތެރޭގައި އޮތް އެއްޗެއް ބަލައިލިއެވެ. ހީވަނީ އަދިވެސް އެއްފަހަރު ޔަޤީންކޮށްލަނީ ހެންނެވެ. އަނދިރިކަމުގެ ތެރެއިން އޭގެ ތެރޭގައި އޮތް ބުދު ވަކިކުރަން އެނގެއެވެ. އެ ލައްޕައިލުމަށްފަހު، ޖައުފަރު، ވަށައިގެން ބަލައިލިއެވެ. ތުން ތަޅުވަމުން އެ ފޮށި އެ ވަޅުގަނޑަށް ތިރިކުރަން އުޅުނު ވަގުތު އޭނާގެ ބުރަކަށީގައި ވަރަށް ބާރަށް މީހަކު ޖެހި އިޙްސާސްއެއް ޖައުފަރަށް ކުރެވުނެވެ. އިތުރު ހަރަކާތެއްނުކުރެވި އުޅެނިކޮށް، އޭނާ އަނގަވަތަށް ވާގޮތަށް ވެއްޓުނެވެ. މޫނުގައިވެސް ކޮންމެވެސް ވަރަކަށް ވެލި ހޭކުނެވެ.

އަވަސްއަވަހަށް ތެދުވެ ،އޭނާ ފަހަތް ބަލައިލިއެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ. ހަމަ އެ ހިނދެވެ. އޭނާގެ ވަށައިގެން އާދަޔާ ޚިލާފަށް ބޯ ދުންތަކެއް މުޅި އެ ސަރަހައްދަށް ވެރިވާން ފެށިއެވެ. އަތުގައި އޮތް ސަންދޯކަށް ބާރުކުރަމުން ޖައުފަރު އޭނާގެ ތުންތެޅުވުން އަވަސްކޮށްލިއެވެ. އިސާހިތަކު އެ ދުންތައް ހިނދެމުން ހިނދެމުން ގޮސް ހިނދިއްޖެއެވެ.

ފުންނޭވާއެއް ދޫކޮށްލި ޖައުފަރު، އަނެއްކާވެސް އިށީނދެ އެ ފޮށި ވަޅުލޭވޭތޯ އުޅުނެވެ. ކުއްލިއަކަށް ޖެހިލި ވައިރޯޅިން އޭނާއަށް އަނެއްކާވެސް މަޑުޖެހިލެވުނެވެ. އެއީ ހޫނު ވައިރޯޅިއެކެވެ. އަވަސް އަރުވާލާފައި އޭނާ އެ ފޮށި އެތަނުގައި ވަޅުލުމަށްފަހު، ނުކުންނަން ހިނގައިގަތެވެ.

އެ ދިޔަދިޔުމުގައި އިރުއިރުކޮޅުން މީހަކު ޖައުފަރުގެ ކޮނޑުގައި ހިފައްޓާލާ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވެއެވެ. އެކަމަށް ސަމާލުކަން ނުދީ ޖައުފަރު ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ސަހަރާއިން ނުކުމެ، އޭނާ މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ. އޭނާގެ ބުރަކަށިން އޭރު އާދަޔާ ޚިލާފަށް ދިލަ ނަގަމުން ދިޔައެވެ. އެ ހިސާބަކީ އޭނާގެ ބުރަކަށީގައި އެމީހަކު އަތްލި ހިސާބެވެ. ނޫނީ ޖެހި ހިސާބެވެ. ދިލަނަގާވަނުން ޖައުފަރަށް ކެތްކުރަން ވެސް އުނދަގޫވިއެވެ. ޓީޝާޓް މަތިން އޭނާ އެތަނުގައި އަތް ޖައްސާލެވޭތޯ އުޅުނެވެ. އަތްލުމުން ވަކިން ބޮޑަށް އޭނާއަށް އެ ދިލަ އިތުރު ވާހެންވެސް ހީވިއެވެ. ހަމަޖެހެން މަސައްކަތްކުރަމުން، އޭނާ ގެއާ ދިމާލަށް ދާން މިސްރާބުޖެހިއެވެ.

*****

"އަޔާން! އަދި ކައިވެނި ރުޖޫޢަވެސް ކުރެވޭނެ، އަހަންނަށް ފެނޭ އަދި ތިކަމާ ވިސްނައިލަން..." އަރްޒަން އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަޔާން އާ ދިމާލުގައި ކޮފީ ތައްޓެއް ބަހައްޓަމުން އަރްޒަން އެއަށް އިޝާރާތް ކޮށްލިއެވެ. އޭނާ އިށީނީ އަޔާންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައެވެ.

"އަހަރެން ދެން ބޭނުމެއްނޫން އޭނާއާ އެކު އުޅޭކަށް، އިނދެ ހުރެގެން ރައުދާ އަހަންނަށް ޗީޓް ކުރީ... އެއީ މާފުދެވޭނެ ކުށެއް ނޫން. އަހަރެމެން ދެމީހުން ދެމެދު މައްސަލަޖެހުމުން އޭގެ މާނައެއް ނޫންދޯ އެހެން މީހަކާ ގުޅުމެއް ބާއްވާށޭ!" އަޔާންގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަމެއް ހުރިނަމަވެސް، އޭނާގެ އަޑުގައިވި ހިތާމަވެރި އަސަރު ސިއްރެއް ނުކުރެވުނެވެ. ނިތުގައި އަތްޖައްސައިލަމުން އަޔާން، ފުން ނޭވާއެއް ދޫކޮށްލިއެވެ. މަންމަމަންގެ ސުވާލުތަކާ އޭނާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ކޮފީތަށިން ކޯވާރެއް ދަމައިލި އަޔާން، އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ދޭން މަސައްކަތް ކުރިއެވެ.

"ތި ދެމެދަށް ތިހާ ބޮޑު ދުރުކަމެއް އަންނަން މެދުވެރިވި ސަބަބެއް އެއްވެސް ވަރަކަށް ހޯދާލުމެއްވެސް ނެތި ވަރިކޮށްލުމަކީ ހައްލެއްކަމަކަށް އަހަރެންނަކަށް ނުފެނޭ!" އަރްޒަން އަނެއްކާވެސް އަޔާންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަޔާން ހަމަ އެކަނި ދެފަރާތަށް ބޯ ހޫރާލީއެވެ. އިތުރަށް އެ ގުޅުން ކުރިއަށް ގެންދިޔުމުގެ ޚިޔާލު އަޔާންގެ ނެތްކަން އަރްޒަންއަށް ޔަޤީންވި ހިސާބަކީ އެއީއެވެ.

"ދެން ޔާންއަށް އެނގޭނީ ހަދާނެ ގޮތެއް، އެކަމަކު އަހަރެން މި ބުނާހާވެސް އެއްޗަކީ ފަހުން ހިތާމަކޮށް، ރިގްރެޓް ކުރަންޖެހޭ ފަދަ ޑެޒިޝަނެއް ނުނަގައްޗޭ... އަޔާން ބޭނުން ކޮންމެހިނދެއްގައި އަހަރެން ހުންނާނަން އަޔާން އާ އެކީ." އަރްޒަން އަޔާންއަށް ބަލައިލަމުން ބޯ ޖަހާލާ ޔަޤީންކަން ދިނެވެ. އެކުވެރިޔާގެ ބަސްތަކުން އަޔާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އޭނާ އެކުވެރިޔާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"މީރު..." ކޮފީތަށި ދައްކައިލަމުން އަޔާން ބުނެލިއެވެ.

އަރްޒަންމެން ގޭގައި އެތައް އިރަކު ވާހަކައިގައި އިނުމަށްފަހު، އަޔާންއަށް ގެއަށް ދެވުނުއިރު ވަރަށް ދަންވެއްޖެއެވެ. އޭނާ ހީކުރީ ރައުދާ އޮންނާނީ ނިދާފައި ކަމަށެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަތްއިރު ރައުދާ އުޅެނީ އެއްޗެހިތައް ފޮއްޓަށް އަޅާށެވެ. އެވަގުތު ރައުދާ އާ ވާހަކަ ދައްކަން ބޭނުން ވިޔަސް، އަޔާންއަށް އެއްވެސް އެއްޗެއް ބުނެވޭގޮތެއް ނުވެއެވެ. އޭނާގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ. މަޖުބޫރީގެ ވާފަށަކުން މީހާގެ މުޅި ނަފުސު ގައިދުކޮށްލާފައި ވާފަދައެވެ. އަޔާން ގޮސް އިށީނީ ސޯފާގައެވެ. އޭނާއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.

"މި ދަންވަރު ނުދިޔަޔަސް ރައުދާއަށް މާދަމާ ވެސް ތި ދާން ބޭނުންވާ ތަނަކަށް ދެވިދާނެ." އަޔާންއަށް އެންމެ ފަހުން ބުނެވުނެވެ. އެ ދަންވަރު އަންހެން ކުއްޖަކު އެކަނި މަގުމައްޗަށް ދޫކޮށްލަން އޭނާގެ ހިތެއް ނޭދުނެވެ.

"މިހާރު މީ އަޔާންގެ އަންބެއް ނޫން..." ރައުދާގެ އަޑުގައި އޭރުވެސް ރުންކުރު ގޮތެއްވިއެވެ. އެހެންނަމަވެސް އެ އަޑު ކޮންމެވެސް ވަރަކަށް މަޑެވެ. ހީވަނީ ޚުދު ރައުދާ ވެސް މާޔޫސްވެފައި ހުރި ހެންނެވެ.

ފޮއްޓަށް އެއްޗެހިތައް އަޅައިގެން ރައުދާ ކޮޓަރިން ނުކުންނަންވެގެން ހިނގައިގަތް ވަގުތު އަޔާން ސޯފާއިން ތެދުވެގެން ގޮސް ރައުދާގެ ކުރިމައްޗަށް ހުއްޓި ވާހަކަދެއްކިއެވެ.

"މާދަމާ ނުކުމެގެން ދޭ! އެހެންނޫނަސް މަންމަމެން އަހަންނާ ސުވާލުކޮށްފިއްޔާ އަހަރެން ދޭނީ ކޮން ޖަވާބެއް؟" އަޔާންއަށް ބުނެވުނެވެ.

"މީ އަޔާން އަމިއްލައަށް ލިބިގެންކަމެއްނު. ލެޓް މީ ގޯ!" އަޔާން ރައުދާގެ އަތުގައި ހިފެއްޓުމުން އެ އަތް ފޮޅުވާލުމަށްފަހު، ރައުދާ ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނާ ދޮރު ހުޅުވާލާފައި ކޮޓަރިން ނުކުތެވެ.

އިތުރު ހަރަކާތެއް ކޮށްލަން ނޭނގިފައި، އަޔާން އެތައް އިރަކު ހުއްޓެވެ. އެހެން ހުރުމަށްފަހު، އެންމެ ފަހުން އޭނާ އައިސް އިށީނީ އެނދުގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ވަށައިގެން އެ ކޮޓަރިތެރެއަށް ބަލައިލިއެވެ.

ރައުދާއާ އޭނާގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ފުނިޖެހެން ފެށުމުން އިސާހިތަކު އަނެއްކާވެސް އޭނާގެ ލޯ ފެންކަޅިވިއެވެ. އެނދުގައި އޮށޯވެލާ ސީލިންގަށް ނަޒަރު ހުއްޓައިލި އަޔާން އޭނާގެ ކަރުނަތައް ފުހެލިއެވެ. ލޯ މަރައިލި ނަމަވެސް އެސްފިޔަތަކާ ޖަދަލުކުރުމަށްފަހު، ތާޒާ ކަރުނަތައް އޭނާގެ ލޮލުގެ ހިމަކޮޅުން ފައިބަން ފެށިއެވެ.

*****

ގެއަށް ވަތް ޖައުފަރު، މޭޒު ކައިރިއަށް ޖެހިލިއެވެ. އެތަނުގައިވި ފަނޑު އަލިކަމުގެ ތެރެއިންވެސް، އެއްފަރާތުގައި އޮތް ގަނޑުކޮޅު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ގަނޑުކޮޅު ފެނި އޭނާއަށް ވިސްނައިލެވުނެވެ. އެއީ މިރޭ އޭނާލިޔުނު ގަނޑުކޮޅުކަމާއެކު އޭނާއަށް ޝައްކުވިއެވެ. މަޑުމަޑުން ޖައުފަރު، އެ ނަގާ ބަލައިލިއެވެ. ލިޔެފައި ހުރި އެއްޗިއްސަށް ބަލައިލުމާއެކު، އޭގައި ނުބައިކޮށް ލިޔެވިފައިވާތަން އޭނާއަށް ފެނުނެވެ. ވަގުތުން މީހާގެ ނަފުސަށް ހަރުކަށިކަން ވެރިވެ މީހާ ދާހިއްލާލައިފިއެވެ. އެއީ ހަމަގައިމު ވެސް އޭނާ އެ ފޮށީ ތެރެއަށް ލީ ގަނޑުކޮޅެކެވެ. އެ ގަނޑުކޮޅު އެތަނަށް އައީ ކިހިނެއްހެއްޔެވެ؟ ހިސާބެއްގެ ހައިރާންކަމެއް ޖައުފަރަށް ލިބުނެވެ. ވީ ގޮތް ހަނދާންވީ ދެނެވެ. އޭނާ އެ ފޮށި މަތި ނެގި ވަގުތު ގަނޑުކޮޅު ކޮންމެވެސް ގޮތަކުން ވެއްޓުނީއެވެ. ޖައުފަރަށް ލިބުނު އެންމެ ބޮޑު ނުތަނަވަސްކަމަކީ، އޭގައި ނުބައިކޮށް އޭނާއަށް ލިޔެވިފައިވުމެވެ. އަނެއްކޮޅުން އޭނާ އެ ފޮށި ވަޅުލީ ވެސް އެ ގަނޑުކޮޅު ނުލައެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި ޖައުފަރަށް ހުރެވުނެވެ. އޭނާއަށް ކަންތައް ކުރެވުނީ މުޅިން ގޯހުން ގޯހަށެވެ. އެކަމުގެ ބަދަލު އޭނާ ދައްކަން ޖެހޭނީ ކޮން ގޮތަކުންކަމެއް ނޭނގެއެވެ. ހިނދުކޮޅަކަށް މީހާގެ ގައިން ހީބިހި ނަގާ އަތަށް ހިސާބެއްގެ ތުރުތުރު އެޅުމެއްވެސް ވެރިވިއެވެ.

އޭނާ ރައްކާތެރިކަން ކަށަވަރުކޮށްގެން ހުރިނަމަވެސް، ސަހަރާތެރެއިން ދިމާވި ހާދިސާ ހިތަށް އެރުމާއެކު ބިރުވެރިކަން މީހާގެ ނަފުސު ހިޞާރުކުރަން ފެށިއެވެ. އޭނާއަށް ކުރިން ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ؟ އެ ގޮތަށް ކަންތައް ދިމާވުމުން ގޯހެއް އުޅޭކަމަށް ފަހުމް ނުވީ ކީއްވެހެއްޔެވެ؟ ހަނދާނަށް މީގެ އެތަކެއް އަހަރެއް ކުރީގެ ހާދިސާއެއް އަންނަން ފެށިއެވެ. ހީވަނީ އެ މަންޒަރުތައް ލޮލުގެ ކުރިމަތީގައި އެއްވެސް ހުރަހެއް ނެތި ނިއުޅެން ފެށިހެންނެވެ. ކޮޅަށް ހުންނަން ދަތިވެ މޭޒުގެ އެހީ ހޯދައިލެވުނެވެ.

ނިތްކުރިމަތީގައި ހުރި ދާތިކިތައް ފުހެލަމުން ޖައުފަރު ގެއިން ބޭރަށް ދާން މިސްރާބުޖެހިއެވެ. އޭނާ ބޭނުންވަނީ މިހާރުން މިހާރަށް ވެސް ސަހަރާއަށް ގޮސް ޔަޤީން ކުރާށެވެ. އެ ފޮށި ހުޅުވާ ބަލާށެވެ. ނެތްނަމަ އަލުން އެކަންތައް ކުރާށެވެ. މިގޮތަށް މިކަންތައް ދިމާވުމުން އެކަމުގެ ސަބަބުން އޭނާ ކުރިމަތިލާން ޖެހޭނީ ކޮންފަދަ ނުރައްކާތެރި ކަމަކާ ކަމެއްވެސް ނޭނގެއެވެ. ސަހަރާތެރެއިން އެ ދިމާވި ހާދިސާއަކީ ނުރައްކަލުގެ ސިގްނަލެކެވެ. އެއީ އިންޒާރެކެވެ. އެކަމާ ޖައުފަރު ޖެހިލުންވިއެވެ.

ގެއިން ބޭރަށް ނުކުންނަންވެގެން ޖައުފަރަށް އެޅުނީ ދެ ފިޔަވަޅެވެ. އޭނާގެ ފައިން ވާގި ދޫވެ ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭގޮތެއް ނުވިއެވެ. ހަމައެއާއެކު އޭނާގެ ބުރަކަށިން ނަގައިގެން ދިލައަށް ޖައުފަރަށް ކެތްކުރަން އުނދަގޫވެ ހުރިތަނަށް ގުދުވެވުނެވެ.

"އައްދޯތް!!" ލިބިގެން ދިޔަ ވޭނަށް ކެތްނުކުރެވި، ޖައުފަރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ އުނދަގުލުން ކޮންމެވެސް އެއްޗެއް ކިޔަން މަސައްކަތް ކުރިއެވެ. އެކަމަކު ނަގާ ދިލައިންނާ، ވާ ތަދުން އޭނާއަށް އެކަންކުރަން އުނދަގޫވިއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު، ޖައުފަރު ތެދުވިއެވެ. އެއަށްފަހު އޭނާ ހިނގައިގަތީ އޭނާ މަސައްކަތްކުރާ ކޮޓަރިގަނޑާ ދިމާލަށެވެ.

*****

ޖެހިގެން އައި ދުވަހުގެ އިރުއޮއްސެމުން ދިޔަ ވަގުތެވެ. އިރުގެ ރަންދޯދިން އުދަރެސްޖަރީކޮށްލާފައި ވާއިރު ހިތްގައިމެވެ. މަގުމަތީގައި މީހުން އެހާ ގިނައެވެ. ވަކިން ޚާއްސަކޮށް ހުޅުމާލެ ހައިވާއާ ބްރިޖްމަތީގައެވެ. އެއާޕޯޓް ކައިރީގައިވެސް މީހުން އެހާ ގިނައެވެ.

ބްރީފިންއަށްފަހު، ފްލައިޓަށް ދިޔަދިޔުމުގައި ވެސް ޒޭބާ ހުރީ އަރްޒަންއާ ޒީޝާންގެ ހަރަކާތްތަކަށް ފާރަވެރިވެއެވެ. ރާކިންގެ ހިތުގައި ފެވިފައިވާ ޒީޝާންގެ ނަން ފަނޑުކޮށްލެވޭނީ ރާކިންއަށް ވަރަށް ރަނގަޅަށް އެ ދެމެދުގައި އޮތް ގުޅުން އަންގަދީގެންނެވެ.

ފްލައިޓަށް އެރުމަށްފަހު، ކެބިންތެރެ ޗެކްކުރަން އަވަސްވެގަތް ޒީޝާންއަށް ބަލައިލާފައި އަރްޒަންވެސް ޕްރީ ފްލައިޓް ޕްރިޕަރޭޝަންސްއަށް އަވަސްވަގެތެވެ. އޭނާ ބޯޓުގެ އެކްސްޓާނަލް ޗެކްސްތައް ނިންމާލުމަށްފަހު، އެތެރެއަށް ވަތް ވަގުތު ދޮރު ކައިރީގައި ހުރި ޒީޝާންއަށް ބަލައިލާ ހިނިތުންވެލިއެވެ. ޒީޝާން ކައިރިއަށް ޖެހިލާ ވަށްކަޅިން ފަރާތް ފަރާތަށް ބަލައިލި އަރްޒަން، ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.

"ޒޭން. މީހަކަށް ފެނިދާނެޔޭ..." ޒީޝާން އަރްޒަންގެ އަތުތެރޭން އޭނާގެ މިނިވަންކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. ޒީޝާންގެ ކަންފަތް ދޮށަށް ގުދުވެ އަރްޒަން ބުނެލި ޖުމްލައިން ޒީޝާންގެ މޫނުމަތި ލަދުން ރަތްވިއެވެ. އޭނާ އަވަސްއަވަހަށް އަރްޒަންގެ އަތުތެރެއިން އެ އަތް މިނިވަންކުރިއެވެ. އެއަށްފަހު ދުރަށް ހިނގައިގަތެވެ. އޭރު ވެސް އެތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.

ދުރުގައި ނުވާކަމަށް ހެދިގެން ހުރި ޒޭބާ، އޭނާގެ ފޯނުގައި އެ މަންޒަރު ރައްކާކުރިއެވެ. އެއަށްފަހު އެއްމިޔަކަށް ހީލިއެވެ. އޭނާ ހުރީ ރާކިން ހާސިލްކުރަން ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

*****

އެރޭ ސްޓޭންޑްބައި ޑިއުޓީ އާރާއަށް ޖެހުނީ ޖިނާންއާ އެކުގައެވެ. އެއާޕޯޓަށް ވަތްއިރު ޖިނާން މޭޒުދޮށުގައި ކޮފީ ޖޯޑެއް ހިފައްޓާލައިގެން އިންއިރު، ޖިނާންގެ ނަޒަރު ހުރީ އެ ކޮފީތައްޓަށް ހުއްޓިފައެވެ. އާރާ އެތެރެއަށް ވަތްކަން ވެސް ޖިނާންއަށް ރޭކާނުލިއެވެ. އެކަމުން އާރާއަށް ހައިރާންކަމެއް ލިބުނެވެ.

ޖިނާންގެ މޫނުމަތިން މާޔޫސްކަން އޭނާއަށް އެ ފެނުނީ އަލަށެވެ. ދެތިން ހަތަރު ފަހަރު އާރާ ޖިނާންއަށް ގޮވައި ލިނަމަވެސް ޖިނާން އަޅައެއް ނުލިއެވެ. ހީވާ ގޮތުން ޖިނާން އިނީ ވަރަށް ފުން ވިސްނުމަކަށް ގެއްލިފައެވެ. އެންމެ ފަހުން އާރާ ގޮސް ޖިނާންގެ މޫނުމަތީގައި އަތް ހޫރާލިއެވެ.

"ސާބަސް. ކޮން ވިސްނުމަކަށް ގެއްލިފަ؟" އާރާ ހީލަމުން އަހައިލިއެވެ. ރައްދުގައި ޖިނާންވެސް ހިނިތުންވެލިއެވެ. އާރާ މޭޒު ދޮށުގައި އިށީންނަމުން ޖިނާންގެ މޫނަށް ވަރަށް ފުންނަޒަރަކުން ބަލައިލިއެވެ.

"ޖިނާ ކިހިނެއްވީ؟" އާރާ އަހައިލިއެވެ.

"ނުވޭ ކަމެއް..." ޖިނާން ބެލީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.

"ކޮންމެވެސް ކަމެއްވެއްޖެ! އެހެންނޫނީ ޖިނާ ތިހެންނެއް ނީންނާނެ" އާރާ ޔަޤީންކަމާއެކު ބުނެލިއެވެ.

"ނުވެޔޭ ކަމެއް..." ޖިނާން ހިނިތުންވެލި ނަމަވެސް ޖިނާންއަށް ކޮންމެވެސް ކަމެއްވެއްޖެކަމުގައި އާރާ ޔަޤީންކުރިއެވެ.

"އަހަރެންގެ އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި އަހަންނަށް އެންމެ ބޮޑަށް ސްޕޯޓް ދިން އެކަކު ޖިނާ ތީ. ޖިނާ އަހަންނާ ހިއްސާކުރީމަ އަހަންނަށްވެސް ޖިނާންއަށް އެހީތެރިކަމެއް ދެވިދާނެއެއްނު!"

"ހަމަ ބުނަންވީ؟" ޖިނާން އާރާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"އައި އެމް އިން ލަވް ވިތް ސަމްވަން" ޖިނާން ސީރިއަސްވިއެވެ.

"އަސްލު... ތިވަރު ކަމަކާތަ؟ ދެން ހިތްވަރުކޮށްފަ އެ މަންޖެ ކައިރީގައި ބުނެބަލަ!"

"އަހަންނަކަށް ހިޔެއްނުވޭ އެކަމަކު އެ ކުއްޖާ އަހަންނާ ގަޔާވާހެނެއް." ޖިނާން އަނެއްކާވެސް ކޮފީތަށިން ކޯވަރެއް ބޮއިލިއެވެ.

"އަޅެ އެއްފަހަރުވެސް ބުނެބަލަ. ކިހިނެއް އެނގެނީ؟ ކުރިމަތިލީމަ ދޯ ވާނީ..."

"ހަމަ ބުނަންވީ؟" ޖިނާން އެއްބުމަ އަރުވައިލި އެވެ.

"އާނއެކޭ. ބުނާށޭ!" އާރާ ހީގަތެވެ.

"އާރާ... އައި ލައިކް ޔޫ"

(ނުނިމޭ)

ކޮމެންޓް 0